بســماللّـهالرّحمـنالرّحيــم

 
السّـلام عليـكم 
 
މިއަދަކީ، 21 ޖެނުއަރީ 2011 ވީ ހުކުރު ދުވަސް. ކައުންސިލް އިންތިޚާބަށް މިހާރު މިއޮތީ ދެހަފްތާ. ސިޔާސީ ޕާޓީތަކުންނާއި އަމިއްލަ ގޮތުން ވާދަކުރައްވާ ކެންޑިޑޭޓުން ވަރަށް ފޯރިއާއެކު މި އިންތިޚާބަށް ކެމްޕެއިން ކުރައްވަމުން އެބަގެންދަވާ.
 
ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ޤާނޫނު، މިމަހުގެ 17 ވަނަ ދުވަހު އަޅުގަނޑުވާނީ ތަޞްދީޤުކޮށްފައި. އެ ޤާނޫނަކީ ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީއެއް އުފައްދައި، އެ ޔުނިވަރސިޓީގެ މަޤްޞަދާއި، މަސްއޫލިއްޔަތުތަކާއި ބާރުތައް އެކަށައަޅައި، އެކަންކަމާގުޅޭ އުޞޫލުތައް ބަޔާންކުރާ ޤާނޫނު. މި ޤާނޫނުގައިވާ ގޮތުން، މިޤާނޫނަށް ޢަމަލުކުރަން ފަށާ ދުވަހުން ފެށިގެން ގިނަވެގެން 30 ދުވަހުގެ ތެރޭގައި، އެޔުނިވަރސިޓީ ޤާއިމްކުރަންޖެހޭ. އެކަމާގުޅޭ މަސައްކަތްތައް ސަރުކާރުން މިގެންދަނީ ކުރަމުން. ޔުނިވަރސިޓީގެ ޗާންސެލަރގެ މަގާމަކީ، ރައީސުލްޖުމްހޫރިއްޔާ ހަމަޖައްސާ މަގާމެއް. އެމަގާމަށް ހަމަޖައްސާ ބޭފުޅަކާ ދޭތެރޭގައި، އަޅުގަނޑު މިގެންދަނީ ވިސްނަމުން. އިރާދަކުރެއްވިއްޔާ، ވަރަށް އަވަހަށް އެ ޔުނިވަރސިޓީ ސަރުކާރުން އުފައްދާނެ.
 
އަންނަ އަންގާރަ ދުވަހަކީ، މި ޖަނަވަރީ މަހުގެ 25 ވަނަ ދުވަހަކީ، މިޤައުމުގެވެސް އަދި ސަރުކާރުގެވެސް ތާރީޚުގައި ވަރަށް ޚާއްޞަ ގޮތެއްގައި ފާހަގަކުރެވިގެންދާނޭ ދުވަހެއް. އާދެ! އެއީ, މާލެ ފިޔަވައި، ރާއްޖޭގައި މީހުން ދިރިއުޅޭ ރަށެއްގައި ފުރަތަމަފަހަރަށް ކެބިނެޓް ބޭއްވޭ ދުވަސް. ސަރުކާރުން ނިންމާފައިވަނީ، އަންނަ އަންގާރަ ދުވަހު ބޭއްވޭ ކެބިނެޓް، އާދެ! ވަޒީރުންގެ މަޖިލިސްގެ ޖަލްސާ، ތިލަދުންމަތީ ކުޅުދުއްފުށީގައި ބޭއްވުމަށް. އެކަމާބެހޭ ތައްޔާރީތައް މިހާރުދަނީ ހިނގަމުން. އެދުވަހުގެ ޖަލްސާގައި، މައިގަނޑު ގޮތެއްގައި މަޝްވަރާ ކުރެވޭނީ، މަތި އުތުރު ޕްރޮވިންސްގައި ހިންގުމަށް ސަރުކާރުން ރާވާފައިވާ މަޝްރޫޢުތަކާ ބެހޭގޮތުން.
 
އަޅުގަނޑު އަބަދުވެސް ދަންނަވާ ފަދައިން، ރާއްޖޭގެ ރަށްތައް ލާމަރުކަޒީ އުސޫލުން ހިންގުމަކީ، އަޅުގަނޑުމެން ވެރިކަމާ ހަވާލުވުމުގެ ކުރިއްސުރެވެސް ދައްކަމުން ގެންދިޔަ ވާހަކައެއް. އެކަމުގެ ލާބައާއި މަންފާގެ ވާހަކަތައް އަޅުގަނޑުމެން މިގެންދަނީ މެދުނުކެނޑި ރައްޔިތުންނާ ޙިއްޞާ ކުރަމުން. އިރާދަކުރެއްވިއްޔާ އަޅުގަނޑުމެންގެ މި މަސައްކަތުގައި މަތިވެރި މާތް ކާމިޔާބީއާއި ބަރަކާތް ލައްވާނެ.
  
އަޅުގަނޑުގެ ދުޢާއަކީ، އަޅުގަނޑުމެންނަށް މިއަދަށްވުރެ އަދި މާ ފާގަތި މާދަމައެއް ލިބުން. އަޅުގަނޑުގެ ދުޢާއަކީ، އަޅުގަނޑުމެންނަށް ދެދުނިޔޭގެ ބާއްޖަވެރިކަން ލިބުން.
 
والحمدللّـه. والسّـلامعليـكم.
 
                       ______________________