މާލެއަތޮޅު ދިއްފުށީ ބަނދަރު ހެނދުމުގެ މަސައްކަތް، ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު މިއަދު ފަށްޓަވައިދެއްވައިފިއެވެ. ރައީސުލްޖުމްހޫރިއްޔާ މި މަސައްކަތް ފަށްޓަވައިދެއްވީ، މާލެއަތޮޅުގެ ބައެއް ރަށްރަށަށް އެމަނިކުފާނު މިއަދު ހެނދުނު ފެށްޓެވި ދަތުރުފުޅުގައި ދިއްފުށްޓަށް ކުރެއްވި ޒިޔާރަތުގައެވެ.

 
ދިއްފުށީ ބަނދަރު ހެދުމުގެ މަސައްކަތް އިފްތިތާޙް ކޮށްދެއްވުމަށްފަހު، އެ ރަށު ރައްޔިތުންނާ މުޚާޠަބު ކުރައްވައި ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި، ސަރުކާރުގެ ބޭނުންފުޅަކީ ހަމައެކަނި ބަނދަރެއް ހެދުމެއް ނޫން ކަމަށް ވިދާޅުވިއެވެ. ސަރުކާރުގެ އަމާޒަކީ، ތަރައްޤީގެ ނާރެސްތަކެއް އުފެއްދުން ކަމުގައި ވިދާޅުވަމުން، ސަރުކާރުން ދިއްފުށީގައި ބަނދަރު ހައްދަވަނީ، ދިއްފުށްޓަކީ ތަރައްޤީއަށް ފަހިވާ އަދި މާލެއަތޮޅުގެ އެހެން ރަށްރަށާ ގުޅިފައި އޮންނަ ރަށަކަށް އެރަށް ހެއްދެވުމުގެ ބޭނުންފުޅުގައިކަން ރައީސުލްޖުމްހޫރިއްޔާ ފާހަގަކުރެއްވިއެވެ.       މި ކަންކަމަށް ފަހިކޮށްދޭ އަދި ދިއްފުށްޓާ އެހެން ރަށްރަށް ގުޅުވައިދޭ ނާރެހަކީ ބަނދަރު ކަމަށާއި، ބަނދަރު އަޅަނީ ތަރައްޤީކޮށް ބަނދަރަށް ބޭނުންވާ ހުރިހާ ބޭނުންތައް ދެނެގަނެ، އެ ހުރިހާ ބޭނުންތަކެއް ބަނދަރު ބޭނުންކޮށް ފުއްދުމަށްޓަކައި ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.         މި ބަނދަރާއެކުގައި، ދިއްފުށީގައި ފެރީޓަރމިނަލެއްވެސް މި އަހަރު ތެރޭގައި އެޅޭނެކަން އެމަނިކުފާނު ހާމަކުރެއްވިއެވެ.
 
ސަރުކާރުގެ ވަޢުދުތައް ފުއްދެމުން ގެންދެވޭތީއާއެކު، ދިއްފުށްޓަށް ލިބެމުންދާ ކުރިއެރުމަށް ރައީސުލްޖުމްހޫރިއްޔާ ބައްލަވާލައްވަމުން، ބޭސް ސިޓީއަށް ސަލާން ޖެހުން ނައްތާލުމުގެ ވަޢުދުގެ ދަށުން، ދިއްފުށީގެ 146 މީހަކަށް، ކޮންމެ މީހަކަށް މަދަނައިގެ ތެރެއިން އަހަރަކު އެއް ލައްކަ ރުފިޔާގެ ބޭސްފަރުވާ ކުރެވޭނެ އިންތިޒާމް ހަމަޖެހިފައިވާ ކަމަށް ވިދާޅުވިއެވެ. އަދި ޢުމުރުން 65 އަހަރުން މަތީގެ ކޮންމެ ރައްޔިތަކަށް ސަރުކާރުން ދެއްވާ ޕެންޝަން އެ ރަށުގެ 46 މީހަކަށް ލިބެމުންދާ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.
 
ދަތުރުފަތުރުގެ ނިޒާމަކުން ރާއްޖޭގެ ރަށްރަށް ގުޅާ ލެއްވުމުގެ ވަޢުދުގެ ތެރެއިން، ދިއްފުށި ހިމެނޭ މެދު ދެކުނު ޕްރޮވިންސްގައި، ދަތުރުފަތުރުގެ ޚިދުމަތް ޤާއިމް ކުރެވުނު ފަހުން ދިއްފުށިން 1588 މީހުން ދަތުރަށް އަރައި، އަދި 1701 ފަހަރު ދިއްފުށްޓަށް ދަތުރު ނިންމާފައިވާކަންވެސް ރައީސުލްޖުމްހޫރިއްޔާ ފާހަގަކުރެއްވިއެވެ.
 

ރައީސުލްޖުމްހޫރިއްޔާ މިއަދު މި ފަށްޓަވައިދެއްވި ދިއްފުށީ ބަނދަރު ހެއްދެވުމުގެ މަޝްރޫޢުގެ ދަށުން، 21 މިލިއަން ރުފިޔާ ޚަރަދު ކުރައްވައިގެން، ދިއްފުށީ ބަނދަރުގެ ބޭރުގައި ބޮޑު ހިލަޖަހައި، އެތެރޭގައި ރިވެޓްމަންޓް އަޅައި، ފުރިހަމަ ބަނދަރެއް ހެދިގެންދާނެއެވެ. އަދި އަމާޒު ކުރައްވާފައިވަނީ، މި އަހަރުގެ ތެރޭގައި މި ބަނދަރުގެ މަސައްކަތް މުޅިން ނިންމުމަށެވެ.