28 ޑިސެމްބަރ 2010ވީ އަންގާރަ ދުވަހު އޮތް ރައްޔިތުންގެ މަޖިލީހުގެ 2010 ވަނަ އަހަރުގެ 3 ވަނަ ދައުރުގެ 29 ވަނަ ޖަލްސާއިން ފާސްކުރައްވައި ތަޞްދީޤު ކުރެއްވުމަށް ފޮނުއްވާފައިވާ ރައްޔިތުންގެ މަޖިލީހުގެ އިމްތިޔާޒުގެ ބިލް، މެންބަރުން އަލުން ވިސްނާވަޑައިގެން، އިޞްލާޙު ކުރެއްވުމަށް ރައްޔިތުންގެ މަޖިލީހަށް ރައީސުލްޖުމްހޫރިއްޔާ މިއަދު ފޮނުއްވައިފިއެވެ.

 
ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނަށް އިމްތިޔާޒާއި ސަލާމަތްތެރިކަން ލިބިވަޑައިގެން އޮތުމަކީ، ނުހަނު ބޭނުންތެރި ކަންކަން ކަމުގައި ރައީސުލްޖުމްހޫރިއްޔާ ދެކެވަޑައިގަންނަވައެވެ. މި ރާއްޖޭގެ ރައްޔިތުންގެ މަޖިލީހުގެ 77 އަހަރުވީ ދިގު ތާރީޚުގައި، އެ މަޖިލީހުގެ ޢިއްޒަތްތެރި މެންބަރުކަން ކުރައްވަމުން ގެންދެވި އަދި މެންބަރުކަމުން ދުރުވެވަޑައިގަންނަވާ ބައެއް ބޭފުޅުންނާމެދު އެކިފަހަރުތަކުގައި ވަރަށް ނޭދެވޭ ސިޔާސީ، ޝަރުޢީ އަދި އެހެނިހެން އެކިބާވަތުގެ ދަތިތަކާއި ހުރަސްތަކާ ކުރިމަތިލައްވަން ޖެހިވަޑައިގެންފައި އެބަހުރިކަން ރައީސުލްޖުމްހޫރިއްޔާ ފާހަގަކުރައްވައެވެ. ރައްޔިތުންގެ މަޖިލީހުގެ މެންބަރުކަން ކުރައްވާފައިވާ ޢިއްޒަތްތެރިންގެ ތެރެއިން ފަހުގެ ތާރީޚުގައި މިބާވަތުގެ ކަންކަން ތަޙައްމަލް ކުރައްވަން ޖެހިވަޑައިގެންފައިވާ ބޭފުޅުންގެ ގޮތުގައި އޭރު މާލެ ތަމްސީލު ކުރެއްވި މިހާރުގެ ނައިބު ރައީސް ޑޮކްޓަރ މުޙަންމަދު ވަޙީދު ޙަސަން މަނިކާއި، ގދ.އަތޮޅުން ހުންނެވި މިހާރުގެ ހިއުމަން ރައިޓްސް އެމްބެސެޑަރ މުޙަންމަދު ލަޠީފާއި، ޏ. އަތޮޅުން ހުންނެވި މުޙަންމަދު އިބްރާހީމްދީދީ އާއި، ދ. އަތޮޅުން ހުންނެވި މީދޫ ޢަބްދުލްޢަޒީޒު އަދި ރައްޔިތުންގެ ޚާއްޞަ މަޖިލީހުގެ ރައީސްކަން ކުރައްވާފައިވާ އަރިއަތޮޅު ދެކުނުބުރި ތަމްސީލު ކުރެއްވި ޤާސިމް އިބްރާހީމް ހިމެނިވަޑައިގަންނަވާކަން ރައީސުލްޖުމްހޫރިއްޔާ ފާހަގަކުރައްވައެވެ.
 
މިބޭބޭފުޅުންނަށް އެކިގޮތަށް މެދުވެރިވެވަޑައިގެން މައްސަލަތައް އެއީ އެބޭފުޅުން އެކިބާވަތުގެ އަނިޔާވެރިކަމާ ކުރިމަތިލައްވަން ޖެހިވަޑައިގެން، ބައެއްފަހަރު އެބޭފުޅުންގެ މުޅި ޙަޔާތްޕުޅު ބަރުބާދުވެ، ވޭނާއި ހިތާމަވެރިކަން ތަޙައްމަލް ކުރައްވަން ޖެހިވަޑައިގެން ކަންކަން ކަމުގައި ފާހަގަކުރެއްވޭތީ، އެކަންކަން އެއީ ރައްޔިތުންގެ މަޖިލިހުގެ މެންބަރުންނަށް އިމްތިޔާޒާއި ސަލާމަތްތެރިކަން، ޤާނޫނެއްގައި ބަޔާންވެފައި އޮތުމާމެދު ނުހަނު ބޮޑު އަހަންމިއްޔަތުކަމެއް ދެއްވަން ޖެހިވަޑައިގަންނަވާ ކަންކަން ކަމުގައި ރައީސުލްޖުމްހޫރިއްޔާ ދެކެވަޑައިގަންނަވައެވެ.
 

28 ޑިސެމްބަރ 2010ވީ އަންގާރަ ދުވަހު އޮތް ރައްޔިތުންގެ މަޖިލީހުގެ 2010 ވަނަ އަހަރުގެ 3 ވަނަ ދައުރުގެ 29 ވަނަ ޖަލްސާއިން ފާސްކުރައްވައި ތަޞްދީޤު ކުރެއްވުމަށް ފޮނުއްވާފައިވާ ރައްޔިތުންގެ މަޖިލީހުގެ އިމްތިޔާޒުގެ ބިލްގައި، އެކިފަރާތްތަކުގެ ވަޒީފާތައް ނުޙައްޤު ގޮތުގައި ގެއްލިގެން ހިނގައިދާނެ ޙާލަތްތައް ހުރުމާއި، ޖިނާއީ ޢަދުލުގެ ނިޒާމު ހިންގެވުމުގައި ޤާނޫނީ ހުރަސްތައް މެދުވެރިވާފަދަ ކަންކަން ހުރުމާއި،  ޚިޔާލުފާޅުކުރުމުގެ މިނިވަންކަމުގެ ޙައްޤު ހަނިވެދާފަދަ ކަންކަން ހުރުމާއި، އަދި މީގެއިތުރުން ދިވެހި ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީއާއި އަދި ބައެއް ޤާނޫނުތަކާ ފުށުއަރާ މާއްދާތަކެއް ބިލްގައި ހުރިކަމަށް ރައީސުލްޖުމްހޫރިއްޔާ ފާހަގަކުރައްވައެވެ. ރައްޔިތުންގެ މަޖިލީހުގެ އިމްތިޔާޒުގެ ބިލް އަލުން ވިސްނެވުމަށް އެމަޖިލީހަށް ރައީސުލްޖުމްހޫރިއްޔާ އަނބުރާ ފޮނުއްވާފައިވަނީ، ރައްޔިތުންގެ އަސާސީ ޙައްޤުތަކަށް ހުރަސްއެޅޭ އަދި ސިޔާސީ އެތައް ކަމަކަށް ބުރޫއަރާ ބައެއް މާއްދާ ހިމެނިފައިވާކަން ފާހަގަކުރެއްވޭތީވެ އެކަންކަން އިޞްލާޙްކޮށްދެއްވައި، ވީހާވެސް އަވަހަކަށް، މަޖިލިސް މެންބަރުންގެ އިމްތިޔާޒާއި ގުޅޭ އެންމެހާ އަސްލުތައް ސަލާމަތް ކުރެއްވޭނެ ގޮތްތައް ހޯއްދެވުމަށެވެ.