بســماللّـهالرّحمـنالرّحيــم

 
السّـلام عليـكم 
 
މިއަދަކީ 14 ޖަނަވަރީ 2011 ވީ ހުކުރު ދުވަސް. މިދުވަސްވަރު އަޅުގަނޑުމެންގެތެރޭ އެންމެ ޖޯޝާއި ފޯރިއާ އެކީގައި، ޚާއްޞަކޮށް ސިޔާސީ ފަރާތްތަކުގެ މެދުގައި ހިނގާ އެއްމަސައްކަތަކީ، ކުރިއަށް މިއޮތް ލޯކަލް އިންތިޚާބު ނުވަތަ ރަށު ކައުންސިލް އިންތިޚާބުތައް، އަތޮޅު ކައުންސިލް އިންތިޚާބުތަކުގެ އިންތިޚާބަށް ވާދަކުރާ ފަރާތްތަކުން ކުރަމުން ގެންދާ ކެމްޕެއިންގެ ކަންތައް. އަޅުގަނޑުމެނަށް ވާދަވެރިކަމާ އެކީގައި، ޞުލްޙަވެރިކަމާ އެކީގައި އަދި ޚާއްޞަކޮށް، ކެމްޕެއިންތައް ކުރެވެމުން ގެންދެވޭކަމީ، އަޅުގަނޑު ދެކޭގޮތުގައި އަޅުގަނޑުމެން ރާއްޖޭގެ ޑިމޮކްރަސީ ތަޞައްރުފް ފުދިގެން އަންނަ މިންވަރު ދައްކުވައިދޭ ވަރަށް ރަނގަޅު މިންގަނޑެއް. އަޅުގަނޑު މިކެމްޕެއިންގައި އެބަ އެކިއެކި ބޭބޭފުޅުންނާ ބައްދަލުކޮށް އަދި އަޅުގަނޑުވެސް ނިސްބަތްވާ ޕާޓީގެ މަސައްކަތުގައިވެސް އަޅުގަނޑު އެބައުޅެން. އެކަންވެސް އަޅުގަނޑުމެން ކުރަމުން ގެންދަންޖެހޭނީ، ޑިމޮކްރަސީއެއްގައި އެކަންކުރާ އުޞޫލުން. މިސާލަކަށް، ހަމަ އެހެންވެސް ރަށްރަށުގައި، އެއިރެއްގައި ސަރުކާރު ހިންގާ ޕާޓީއެއްގެ ރައީސް ނުވަތަ ބޮޑުވަޒީރު ކެމްޕެއިންތަކުގައި ބައިވެރިވާ މިންވަރަށް. އަދި ބައިވެރިވާ އުޞޫލުން އަޅުގަނޑުމެންވެސް އެކަން ކުރަމުން ގެންދާނެ. އެއީ މިހާރުގެ ސިޔާސީ ޙަޤީޤަތް. އެއީ މި ރާއްޖޭގެ ޤާނޫނުއަސާސީގެ ރޫޙު. ދެން އަޅުގަނޑުމެން އެކަން ހިންގަންވީ ގޮތް އަދި މުޅިން ސާފުނުވާ ބޭފުޅުން ނެތް ކަމަށް އަޅުގަނޑު ދަންނަވަނީކީއެއް ނޫން. އަދި ކުރަމުން މިއަންނަ ކަމަކީ ކޮބައިކަންވެސް ސާފުނުވާ ބޭފުޅުން ނެތްކަމަށް ދަންނަވަނީކީ ނޫން. އެހެން ނަމަވެސް، ޖުމްލަ ގޮތެއްގައި އަޅުގަނޑުމެން އެންމެނަށްވެސް އެބަ އެނގޭ، ނުކުރާންވީ ކޮންކަމެއްކަން. ނުކުރާންވީ ކަމަކީ ދައުލަތުގެ އާރާއި ބާރު ބޭނުންކޮށްގެން، އެއްވެސް ކެންޑިޑޭޓެއްގެ އިންތިޚާބީ ޙައްޤަކަށް އުނިކަމެއް އަންނަފަދަ އެއްވެސް ކަމެއް އެއްވެސް ބޭފުޅަކު ކޮށްގެން ނުވާނެ. ދައުލަތުގެ އެއްވެސް ބޭފުޅެއްވެސް. އަދި އަމިއްލަ ފަރާތެއްގެ ފަރާތުންވެސް، ވަކި ފަރުދެއްގެ ފަރާތުންވެސް މިދެންނެވި ބާވަތުގެ އެއްވެސް ކަމެއް ހިނގައިގެން ނުވާނެ.
 
ޑިމޮކްރަސީއަކަށް ހިނގާ ވެރިކަމެއްގައި އަދި ޑިމޮކްރަސީއަކަށް ހިނގާ މުޖްތަމަޢެއްގައި، ތަރައްޤީއަށް ބެލިކަމުގައި ވިޔަސްވެސް އަދި އެހެން ކޮންމެ ކަމަކަށް ބެލި ކަމުގައިވިޔަސްވެސް، އެންމެ ފުރަތަމަ އަސާސަކީ އިންތިޚާބު. އެ އިންތިޚާބު ބިނާވެފައި އޮންނަނީ، ކެންޑިޑޭޓުންގެ އިންތިޚާބީ ޙައްޤުގެ މައްޗަށް. އެ އިންތިޚާބީ ޙައްޤަށް ބަދަލު ނާންނަހާ ހިނދަކު، އެއިންތިޚާބަކާ ގުޅޭ އެއްވެސް ކަމަކަށް ބަދަލު އަންނާނޭ އެއްވެސް ސަބަބެއް ޤައުމުތަކުގައި ފެނިފައެއް ނެތް. އަޅުގަނޑު ދެކޭގޮތުގައި، މި ރާއްޖޭގައިވެސް އިރާދަކުރެއްވިއްޔާ، އެކަން ހިނގަމުންދާނީ ހަމަ އެފަދައިން. އަޅުގަނޑަށް މިއަދު މިފެންނަނީ ވަރަށް އުފާވެރި މަންޒަރެއް. އަޅުގަނޑުމެނަށް މިފެންނަނީ، އަޅުގަނޑުމެންގެ ރާއްޖޭގައި މީގެ ހަތަރު، ފަސް އަހަރު ކުރީގައިވެސް ހަމަ އަޅުގަނޑުމެނަށް އެއްގޮތަކަށްވެސް ތަޞައްވުރު ނުކުރެވޭ، މަންޒަރު ނުކުރެވޭ، ސިފަ ނުކުރެވުނު ކިތަންމެ ކަމެއް މިއަދު އަޅުގަނޑުމެން މިއަންނަނީ ޙަޤީޤަތުގެ ގޮތުގައި ދެކެމުން.
 
އަޅުގަނޑުގެ ހަނދާނަށް ހަމަ ކިތަންމެފަހަރަކު އާދޭ، މީގެ ހަތަރު، ފަސް އަހަރު ކުރީގައި، އަޅުގަނޑުގެ އެންމެ ގާތް ރަޙްމަތްތެރިންވެސް އަދި ތިމާގެ މީހުންވެސް އަޅުގަނޑުމެން އޭރުގައި ކުރަމުން ގެންދިޔަ މަސައްކަތްތަކާ ގުޅޭގޮތުން ވިދާޅުވަމުން ނުވަތަ ދެކެވަޑައިގަންނަވަމުން ގެންދެވި ގޮތް. އެއީ ކާމިޔާބެއް ލިބޭނެ ކަމެއް ނޫން ކަމަށް ވަރަށްގިނަ ބަޔަކު އޭރުއްސުރެ ފަށައިގެން އައީ ދެކެމުން. އަދި ބައެއް ބޭފުޅުންނަށް އޭރުގައި ފެނިވަޑައިގެންފައި އޮތް ގޮތުގައި، ކާމިޔާބުވީ ނަމަވެސް، އެއީ އެއްގޮތަކަށްވެސް އަޅުގަނޑުމެން ކުރާ ބާވަތުގެ ކަމެއް ނޫން. ވާދަވެރި ސިޔާސީ ނިޒާމަކީ ވަރަށް ޤައުމު ހަލާކު ކުރުވާ ކަމެއްގެ ގޮތުގައި، ވަރަށްގިނަ ބޭފުޅުން ގެންދެވީ ސިފަ ކުރައްވަމުން. ފުރަތަމަފަހަރަށް ރައްޔިތުންގެ މަޖިލީހަށް، ސިޔާސީ ޕާޓީ އުފެއްދުމަށް އެދި އޭރުގައި، އޭރު އަޅުގަނޑު މާލޭ މެންބަރެއްގެ ގޮތުގައި ތަމްސީލު ކުރަމުން ގެންދިޔައީ. މަޖިލީހަށް ހުށަހެޅި ހުށަހެޅުމަކާ ގުޅޭގޮތުން މެންބަރުންގެ އިޙްސާސްތައް އަޅުގަނޑުމެންނަށް އެދުވަހުވެސް އަޑުއިވިގެންދިޔަ. ހަމަ ގިނަ ބޭފުޅުން، އަދި އޭގެތެރެއިން ގިނަ ބޭފުޅުންނަކީ މިހާރު ސިޔާސީ ޕާޓީތަކުގައި ވަރަށް އިސް ސަފުގައި މަސައްކަތް ކުރައްވަމުން ގެންދަވާ ބޭފުޅުން. އެހެން ނަމަވެސް، އެދުވަހު އެބޭފުޅުން ދެކެވަޑައިގަތީ، ރާއްޖޭގައި ގިނަ ޕާޓީ އެކުލެވޭ ސިޔާސީ ނިޒާމެއް އުފެއްދުމަކީ ގޯސް ކަމެއްގެ ގޮތުގައި. އަޅުގަނޑުމެނަށް އޭރުވެސް، އެދުވަހުވެސް އެނގޭ، ތަރައްޤީއަށް އޮތް ހަމައެކަނި މަގަކީ ޑިމޮކްރަސީކަން. ދެފުށް ފެނުންކަން، ނާޖާއިޒު ފައިދާއިން އެއްކިބާވުންކަން، ކޮރަޕްޝަނުން ސަލާމަތްވުންކަން. އަދި އިންސާނީ ޙައްޤުތަކަށް ޙުރްމަތްތެރިކޮށްހިތުންކަން.
 
ޑިމޮކްރަސީއާއި އަދި ހަމަ އެހެންމެ، ތަރައްޤީއަށްޓަކައި ކޮންމެހެން ބޭނުންވާ ކަންތައްތަކަކީ، އެއްވެ އުޅުމުގެ މިނިވަންކަމާއި، ޚިޔާލުފާޅުކުރުމުގެ މިނިވަންކަމާއި، އަދި ޞުލްޙަވެރި ސިޔާސީ ޙަރަކާތް ހިންގުމުގެ ފުރްޞަތު. މިކަންކަން އަޅުގަނޑުމެންނަށް ފަހިވެގެންދިޔައީމާ ނޫނިއްޔާ، އަޅުގަނޑުމެން މިއެދޭ ތަރައްޤީ އަޅުގަނޑުމެނަކަށެއް ނުލިބޭނެ.
 
މި ސަރުކާރުގެ ވަޢުދުތަކާ ގުޅޭގޮތުން ވަރަށްގިނަ ބޭފުޅުން އެބަ އެއްޗެތި ވިދާޅުވާ އަޑު އަޅުގަނޑަށްވެސް އެބައިވޭ. އަޅުގަނޑު ބަލާ ބެލުމުގައި، މިސާލަކަށް، މި ސަރުކާރުންވީ އެއް ވަޢުދަކީ، ރާއްޖޭގެ ރައްޔިތުންނަށް އިޖްތިމާޢީ ރައްކާތެރިކަން، މި ސަރުކާރުން ފޯރުކޮށްދޭނަމޭ. އެކަން އަޅުގަނޑުމެން ކުރަމުން ގެންދާ މިންވަރާއި ދަރަޖަ، އަޅުގަނޑަށް ޔަޤީން، ރާއްޖޭގެ ރައްޔިތުންނަށް ސާފުވެފައިވާނެކަން. ޢުމުރުން ދުވަސްވީ މީހުންނަށްދެވޭ ޕެންޝަނާއި، އެކަނިވެރި މައިންނާއި، އަދި ޔަތީމު ކުދިންނާއި، ޚާއްޞަ އެހީއަށް ބޭނުންވާ ފަރާތްތަކަށް ދެވޭ ޢިނާޔަތްތަކާއި، މަދަނައިގެ ވިއުގައިގެ ތެރެއިން ބޭސްފަރުވާއަށް ކޮށްދެވޭ ޚިދްމަތްތަކާއި، އިލެކްޓްރިސިޓީ ސަބްސިޑީގައި ދެވޭ މިންވަރާއި، އަދި މިނޫންވެސް އެހެން އެހީތަކާއެކު އިރާދަކުރެއްވިއްޔާ، އަޅުގަނޑުމެނަށް މިހާރު މިވަނީ ސޯޝަލް ޕްރޮޓެކްޝަން ނުވަތަ އިޖްތިމާޢީ ރައްކާތެރިކަމުގެ ވިއުގައެއް ޤާއިމް ކުރެވިފައި.     2008 ވަނަ އަހަރު އަޅުގަނޑުމެން ބެލިއިރުގައި، ރާއްޖޭގެ އާބާދީގެ ތިންބައިކުޅަ އެއްބައި ރައްޔިތުންނަކީ ފަޤީރުން. އެމީހުންނަކީ އެމީހުންނަށް ރެޔަކާ ދުވާލަކަށް ބޮލަކަށް ދިހަ ބާރަ ރުފިޔާވެސް ނުޖެހޭ މީހުން. އ.ދ.ގެ ބަހުންނަމަ، ހައިހޫނުކަމުގެ ރޮނގުން ތިރީގައި ތިބި މީހުން. އަޅުގަނޑުމެނަށް ސާފުވީ އެއް ޙަޤީޤަތަކީ، މި ރާއްޖެ ތަރައްޤީ ކުރާން އަޅުގަނޑުމެން އެދެނީނަމަ، ރާއްޖޭގެ އާބާދީގެ ތިންބައިކުޅަ އެއްބައި، ހައިހޫނުކަމުގައި ތިބެ ނުވަތަ ނިކަމެތި ކަމުގައި ތިބެ، އެއީ އަޅުގަނޑުމެނަށް ކުރެވޭނެ ކަމެއް ނޫނޭ. އެހެންވީމާ، އެންމެ ފުރަތަމަ މަސައްކަތަކަށްވާން މިޖެހެނީ، މި ރާއްޖޭގެ ވީހާވެސް ގިނަ ބަޔަކަށް އިޖްތިމާޢީ ރައްކާތެރިކަން ފޯރުކޮށްދިނުމޭ.
 
ރާއްޖޭގެ އިޖްތިމާޢީ ރައްކާތެރިކަމުގެ ތެރޭގައި، މިހާރު ހިމެނިފައި ހުރި ކަންކަމުގެ އިތުރުން، ހިމަނާންވީ ކަންތައްތައްވެސް ނެތީކީ ނޫން. އަދި މިހާރު ހިމެނިފައި ހުރި ކަންކަން ފުޅާކޮށް، މިހާރަށްވުރެ ގިނަ ފަރާތްތަކަށް އޭގެ ޚިދްމަތްތައް ފޯރުކޮށްދީ، އެހީތެރިކަންދީ، ރައްދުކޮށްދީ ހެދުމަކީ، މި ސަރުކާރުގެ އަމާޒެއް. އަޅުގަނޑު ދަންނަވާނީ، ސަތޭކައަކުން ގުނަނީނަމަ، އަޅުގަނޑުމެންގެ އިޖްތިމާޢީ ރައްކާތެރިކަމުގެ ޕްރޮގްރާމަށް ރަނގަޅު 70 ޕަސެންޓް މިހާރު ލިބިފައިވާނެ ކަމަށް. ރާއްޖޭގެ ގިނަ ރައްޔިތުން މިކަމަށް ހެކިވާނެ. އަދި އެ ރައްޔިތުންނަށް ވަރަށް ބޮޑަށް ސާފުވެފައިވާނެ، މި ސަރުކާރުން އޯގާތެރި ސަރުކާރެއް، އޯގާތެރި ވެރިކަމެއް، ހެޔޮވެރިކަމެއް ހިންގުމަށްޓަކައި މިކުރަމުން މިއަންނަ މަސައްކަތް.
 
އަޅުގަނޑުމެންގެ ވަޢުދެއް އެއީ، ރާއްޖޭގެ ރަށްތައް ދަތުރުފަތުރުގެ ނިޒާމަކުން ގުޅާލުން. އެކަމާ ގުޅިގެން އަޅުގަނޑުމެން ފާހަގަކޮށްފައިވާނީ، ދިގު މުއްދަތުގެ ތެރޭގައި، އެނިޒާމު ޤާއިމްކުރާނެ ކަމަށް. އެހެން ނަމަވެސް، ފުރަތަމަ ދެއަހަރުގެ ތެރޭގައި އަސާސީ ޚިދްމަތް، އަޅުގަނޑުމެން ޤާއިމްކޮށްދޭނެ ކަމަށް. މިއަދު އަޅުގަނޑު ބަލާއިރުގައި، އެ ނިޒާމް، މާލެ ފިޔަވައި އެހެން ތަންތަނުގައި، އެއީ މާލެއާއި ހުޅުމާލެއަށް ކުރާ ދަތުރުނުލައި، މާލެއާއި ވިލިނގިއްޔަށް ކުރާ ދަތުރު ނުލައި، ތިންލައްކަ ފަސްދޮޅަސްހާސް ހަސަތޭކަ އަށްޑިހަ އަށް ދަތުރުވެރިން، މިނިޒާމް ބޭނުންކޮށްފައި އޮތްކަމީ، އަޅުގަނޑުމެނަށް ހިތްވަރު ލިބޭ ކަމެއް. މި ސަރުކާރަށް ހިތްހަމަޖެހުން ލިބޭ ކަމެއް. އަޅުގަނޑަށް ނިހާޔަތަށް އުފާވެރިކަން ލިބޭ ކަމެއް. އަޅުގަނޑުމެންގެ އަމާޒަކަށްވީ ރާއްޖޭގެ ރަށްތައް ދަތުރުފަތުރު ކުރުމުގެ ނިޒާމަކުން ގުޅާލުން. އަޅުގަނޑުމެން އިރާދަކުރެއްވިއްޔާ، ކުރަމުން މިގެންދަނީ އެމަސައްކަތް. އަދި މިޚިދްމަތުގެ ފައިދާއާއި މަންފާ، ރާއްޖޭގެ ރައްޔިތުންނަށް ލިބޭ މިންވަރާއި އަދި އެރައްޔިތުން އެޚިދްމަތް ބޭނުންކުރަމުން އަންނަ މިންވަރުވެސް އަޅުގަނޑުމެންނަށް ސާފުވެގެންދޭ.
 
ރަށްރަށުގެ މެދުގައި ޤާއިމްކުރެވޭ ފެރީ ނިޒާމްގެ އިތުރުން އަދި ރާއްޖެ ފެރީއެއް ޤާއިމް ކުރެވޭނެ. އެއީ މުޅި ރާއްޖޭގެ ހުރިހާ ރަށެއް އެކުގައި ގުޅާލެވޭ ނިޒާމެއް. އެއީ 7 ޕްރޮވިންސް ގުޅާލެވޭ ނިޒާމް. އަދި އޭގެއިތުރުން، ސައުތު އޭޝިޔާ ފެރީއެއްގެ މަޝްރޫޢާ ގުޅޭގޮތުން ސަރުކާރުން ދަނީ ސާކްގެ މެދުގައި ވާހަކަ ދެކެވެމުން. ސަރުކާރުން މި އުންމީދު ކުރަނީ، މިފަހަރުގެ ސާކް ސަމިޓް އައްޑުއަތޮޅުގައި ބޭއްވޭއިރުގައި، މިދެންނެވި ސައުތު އޭޝިޔާ ފެރީގެ ނިޒާމްވެސް، އެއީ ސާކްގެ ރައްޔިތުންގެ މެދުގައި، ޤައުމުތަކުގެ މެދުގައި އެއްބަސްވެވިގެން، މި ސާކްގެ ރައްޔިތުންނަށް ދެވޭ ޚިދްމަތަކަށްވެގެންދާނެ ކަމަށް. ދަތުރުފަތުރުގެ މުހިންމުކަން އަބަދުވެސް މި ސަރުކާރަށް ވަޒަންކުރެވޭ. އަދި އެހެންވީމާ، އެ ޞިނާޢަތް ކުރިއެރުވުމަކީ، އަޅުގަނޑުމެންގެ ތެރޭގައި ކޮންމެހެން ކުރާންޖެހޭނެ ކަމެއް. އަޅުގަނޑުމެންގެ ތަރައްޤީއަށްޓަކައި، އަޅުގަނޑުމެންގެ ޢާންމު ޙާލަތު ރަނގަޅު ކުރުމަށްޓަކައި، އަޅުގަނޑުމެންނަށް މިއަދު ލިބޭ އެއްޗަކަށްވުރެ ގިނަ އެއްޗެއް، މާދަމާ އަޅުގަނޑުމެން ހޯދުމަށްޓަކައި ކުރަންޖެހޭ ކަމެއް ދަތުރުފަތުރުގެ ނިޒާމް ކަށަވަރު ކުރުމަކީ. އެ ނިޒާމް ހަރުދަނާ ކުރުމަކީ.
 
އަޅުގަނޑަށް ޔަޤީން، އަޅުގަނޑުމެނަށް މިދެވެނީ، ރަނގަޅު މިޞްރާބަށް ކަމަށް. އަދި އަޅުގަނޑުމެން ހިތްހަމަޖެހެނީ، މި ސަރުކާރުން މިސާލަކަށް، ދަތުރުފަތުރާ ގުޅޭގޮތުން ވަޢުދުވެފައި އޮތް މިންވަރަށްވުރެ މާ ރަނގަޅު ސްޕީޑްގައި، މާ އަވަހަށް، މާ ބާރަށް، މާ ފުރިހަމަކޮށް އަޅުގަނޑުމެނަށް އެކަން ތަންފީޛު ކުރެވެމުން އެބަދޭ. އެހެންވީމާ، އަޅުގަނޑު މިދެކެނީ އިރާދަކުރެއްވިއްޔާ، ކުރިއަށް މިއޮތް ދެތިން އަހަރެއްގެ ތެރޭގައި، އެ ނިޒާމް އެކީއެކައްޗަކަށް ފުރިހަމަވެ، އަޅުގަނޑުމެންގެ ރާއްޖެއަކީ ލާމެހި ގުޅިފައިވާ ރާއްޖެއަކަށް ވެގެންދާނެ ކަމަށް.
 
މިސަރުކާރުގެ ވަޢުދެއް އެއީ، ބާރުގަދަ މަސްތުވާތަކެއްޗަށް ޒުވާނުން ހިފާފައިވާ ދެވި، އެއިން ޒުވާނުން ސަލާމަތްކޮށް، އަދި ރާއްޖެއަށް މަސްތުވާތަކެތި ވަންނަ ދޮރުތައް ބަންދުކުރުން. މީގައިވެސް އަޅުގަނޑު ހިސާބުތައް ދިނުމުގެ މާބޮޑު މާނައެއް ނެތް. އަޅުގަނޑަށް ޔަޤީން، މާލޭ ރައްޔިތުންނަށްވެސް އަދި އެހެން ރަށްރަށުގެ ރައްޔިތުންނަށްވެސް މީގެކުރީގައި މަގުތައް މަތީގައި ލައްވެފައި، ބިއްޖެހިފައި ތިބި ކުދިންތައް މިހާރު، ވާނުވާގޮތް ނޭނގި ތިބި ކުދިންނަށް މިހާރު އަޅުގަނޑުމެންނަށް މިދަނީ ފަރުވާދެވެމުން. އަޅުގަނޑުމެންނަށް މިދަނީ އެކުދިންނާ ވާހަކަ ދެކެވެމުން. އަޅުގަނޑުމެންނަށް އިރާދަކުރެއްވިއްޔާ، މިދެވެނީ އެކުދިން، އެ ދެވިން ސަލާމަތްވުމަށް ކުރަންޖެހޭނެ މައިގަނޑު މަސައްކަތްތައް ކުރަމުން. ރީހެބިލިޓޭޝަން ސެންޓަރުތަކެއް، އިރާދަކުރެއްވިއްޔާ މިއަހަރުވެސް އިތުރު 3 ސެންޓަރ ޤާއިމްކުރެވޭނެ. އަދި ހަމައެހެންމެ، ރާއްޖެއަށް މަސްތުވާތަކެތި ވަންނަ ޢަދަދު، ބޯޑަރ ކޮންޓްރޯލުންނާއި، ފުލުހުންގެ ހީވާގި މަސައްކަތުން މިދަނީ ދުވަހެއް ދުވަހަކަށް މާބޮޑަށް ކުރިއަށްވުރެ ރަނގަޅު ކުރެވެމުން. އަޅުގަނޑުމެން ދެކޭނީ، އަޅުގަނޑު ޔަޤީން ކުރާނީ، އިރާދަކުރެއްވިއްޔާ، ކުރިއަށް އޮތް ތަނުގައި، މަސްތުވާތަކެއްޗާ ގުޅޭގޮތުން ސަރުކާރުގެ ސިޔާސަތު އަދިވެސް ބޮޑަށް ހަރުދަނާކޮށް، މިހާރު ކުރަމުންގެންދާ މަސައްކަތްތައްވެސް އެތައް ގުނައަކުން ހަލުވިކޮށް، ބާރުކޮށް، އަޅުގަނޑުމެންގެ އަމާޒު އިރާދަކުރެއްވިއްޔާ ރަނގަޅަށް އަޅުގަނޑުމެނަށް ހިފޭނެ ކަމަށް.
 
ސަރުކާރުގެ ބޭނުމަކީ، ރައްޔިތުންނަށް ހެޔޮގޮތް ހޯދައިދިނުން. އަޅުގަނޑުމެން މިމަސައްކަތް ކުރަނީ، އެމަގަށްޓަކައި. އިރާދަކުރެއްވިއްޔާ، މި ސަރުކާރުގެ ދައުރުގެ ތެރޭގައި، މިސަރުކާރު ރައްޔިތުންނަށް ވެފައިވާ ވަޢުދުތައް، މާރަނގަޅަށް، މާފުރިހަމައަށް އަޅުގަނޑުމެން ކޮށް ނިންމާނަން.
 
އަޅުގަނޑުގެ ދުޢާއަކީ، އަޅުގަނޑުމެންނަށް މިއަދަށްވުރެ އަދި މާ ފާގަތި މާދަމައެއް ލިބުން. އަޅުގަނޑުގެ ދުޢާއަކީ، އަޅުގަނޑުމެންނަށް ދެދުނިޔޭގެ ބާއްޖަވެރިކަން ލިބުން.
 
والحمد للّـه.والسّـلام عليـكم
 

                       ______________________