بســماللّـهالرّحمـنالرّحيــم

 
السّـلام عليـكم 
 
މިއަދަކީ 7 ޖަނަވަރީ 2011 ވީ ހުކުރު ދުވަސް. އަންނަ އާދީއްތަ ދުވަހަކީ، މިމަހުގެ 9 ވަނަ ދުވަހަކީ، ދިރާސީ އާ އަހަރު ފެށޭނެ ދުވަސް. ހުރިހާ ދަރިވަރުންމެ، އަނެއްކާވެސް ހިތްވަރާއެކު، މުޅިން އާ އަހަރަކާ ކުރިމަތިލުމަށް މަދަރުސާއަށްދާ ދުވަސް. އަޅުގަނޑަށް ޔަޤީން، ހުރިހާ ކުދިންގެވެސް މިހާރު ފޮތް ފަންސުރާއި، އަދި އެހެންވެސް ސްކޫލަށް ބޭނުންވާ ތަކެތި ހޯދުމުގެ ކަންތަކުގައި މައިންބަފައިން އަވަދިނެތި އުޅޭނެ. އަދި ހަމައެއާއެކީގައި، ސަރުކާރުންވެސް ސްކޫލްތައް ހުޅުވުމަށް ތައްޔާރީތައްވަމުން ވަރަށް ބާރަށް މިވަގުތު ގެންދާނެ. އަޅުގަނޑު މި ރާއްޖޭގެ ޕްރޮވިންސްތަކުގެ އެކިއެކި ރަށްރަށަށް މިކުރާ ދަތުރުގައި، މަދަރުސާތަކަށް އެބަ ވަދެ، އެތަންތަނުގައި މިހާރު ކަންތައްތައް ރޭވިފައި ހުރި މިންވަރާއި، ކަންކަން ހުރިގޮތް ބަލަމުން އަޅުގަނޑަށްވެސް އެބަ ގެންދެވޭ. އެހެންވީމާ، އެވާހަކަތައް، އަޅުގަނޑާ ދިމާވާ ކަންތައްތަކުގެ ވާހަކަތައް މިނިސްޓަރ އޮފް އެޑިޔުކޭޝަނަށްވެސް އަޅުގަނޑު ދަންނަވަމުން މިގެންދަނީ. އަޅުގަނޑަށް ފެންނަ ފެނުމުގައި، ހަމަ ވަރަށްގިނަ ސްކޫލްތަކެއްގެ ކަންތައްތައް ހުރީ ވަރަށް ރަނގަޅަށް ރޭވިފައި، އިންތިޒާމްވެފައި. އެހެން ނަމަވެސް، އަލަށް ފަށާ، އާ އަހަރު ފަށާއިރުގައި، ބައެއް ބާވަތުގެ ދަތިތައް ހަމަކަށަވަރުންވެސް ކުރިމަތިނުވެއެއް ނުދާނެ. އަޅުގަނޑުގެ އުންމީދަކީ، މި އާ އަހަރު ހުރިހާ ދަރިވަރުންވެސް، އަދި ހުރިހާ މައިންބަފައިން ދަރިވަރުންނަށް އެހީތެރިވެދީގެން، ދަރިވަރުންނަށް މިދިޔަ އަހަރު ހޯދުނު ނަތީޖާއަށްވުރެ އަދި ވަކިން ރަނގަޅު ނަތީޖާއެއް މިއަހަރު ލިބުން.
 
މިދިޔަ ހަފްތާގެ ތެރޭގައި، އަޅުގަނޑު ދެކުނުގެ އަތޮޅުތަކަށް ދަތުރެއް ކުރިން. އެއީ ޚާއްޞަ ގޮތެއްގައި، އައްޑުއަތޮޅު ސާކް ސަމިޓަށް ތައްޔާރުވުމުގެ ގޮތުން، އައްޑޫގައި ހިނގާ މަޝްރޫޢުތައް ބަލާލުމާއި، އަދި ހަމައެހެންމެ، ތިނަދޫގައި ޓެލެ މެޑިސިންގެ ޕްރޮގްރާމް ޤާއިމްވެގެން ދިޔުމާއެކު، އެ މަޝްރޫޢު ހިނގާގޮތް ބަލާލުމަށްވެސްމެ. އަދި ހަމަ މީގެއިތުރުން، ދެކުނުގެ ވަރަށްގިނަ ރަށްރަށަށް އަޅުގަނޑަށް މިދިޔަ ހަފްތާގައިވަނީ ދެވިފައި. ސާކް ސަމިޓުގެ ކަންކަން އިރާދަކުރެއްވިއްޔާ، އައްޑުއަތޮޅުގައި ވަރަށް ރަނގަޅު އިންތިޒާމެއްގެ ތެރެއިން ރޭވިގެން އެބައާދޭ. އަޅުގަނޑު މި އުންމީދު ކުރަނީ، އަހަރު ނިމޭއިރުގައި، އެ ސަމިޓަށް ބޭނުންވާ އެންމެހާ އަސާސީ ޚިދްމަތްތައް އެތަނުގައި،     އެ ޕްރޮވިންސްގައި ޤާއިމްވެގެންދާނެ ކަމަށް. އަޅުގަނޑު ފުވައްމުލަކަށް ކުރި ދަތުރުގައި، އެރަށުންވެސް ވަރަށް ބޮޑަށް ސާފުވެގެންދިޔައީ، އެރަށްވެސް ސާކް ސަމިޓަށްޓަކައި ތައްޔާރުވަމުން އަންނަ މިންވަރާއި އަދި ސަރުކާރުން އެ ސަމިޓަށްޓަކައި އެރަށުގައިވެސް ކުރާންހުރި ކަންތައްތައް ސާފުވެގެންދިޔަ. އަދި އެކަންތައްތައް ކުރެވޭނެ ގޮތްތަކާމެދު ސީދާ އެއަތޮޅުތަކުގެ ރައްޔިތުންނާ ބައްދަލުވެ އަޅުގަނޑަށް ވާހަކަ ދައްކައި ހެދުނު.
 
ޖަނަވަރީމަހުގައި ސަރުކާރު މުވައްޒަފުންގެ މުސާރަ، ކުރީހުރި މުސާރައަށް އަލުން އަނބުރާ އިޢާދަކުރެވޭކަމީ، ސަރުކާރަށް ލިބޭ ވަރަށްބޮޑު އުފަލެއް. އަޅުގަނޑުމެން އަބަދުވެސް ފާހަގަކުރަމުން މިދަނީ، ރާއްޖެ، އިޤްތިޞާދީ ވަރަށްބޮޑު ވަޅުގަނޑަކަށް ވެއްޓެމުންދިޔަ ދަނޑިވަޅެއްގައި، ސަރުކާރު މުވައްޒަފުން، އެބޭފުޅުންގެ މުސާރައިން ބައެއް އުނިކުރެއްވުމަށް އެއްބަސްވެލައްވައި، އެކަން ކޮށްދެއްވިކަމީ، އަޅުގަނޑުމެންގެ އިޤްތިޞާދު، ހަމަ މަގަށް ގެނައުމަށް މެދުވެރިވި އެންމެބޮޑު އެއްސަބަބޭ. އެސަބަބަށްޓަކައި އަޅުގަނޑުމެން އެންމެންވެސް އަބަދުވެސް ސިވިލް ސަރވަންޓުންނަށް ޝުކުރުވެރިވާނެ.
 
ދިވެހިރާއްޖެ އެންމެ ކުޑަކޮށް ތަރައްޤީވެފައިވާ ޤައުމުތަކުގެ ލިސްޓުން ނެއްޓި، މެދުފަންތީގެ އާމްދަނީ ލިބޭ ޤައުމަކަށް ބަދަލުވެގެންދިޔައީވެސް، މި ޖަނަވަރީ އެއްވަނަ ދުވަހުއްސުރެ ފެށިގެން. އެނގިވަޑައިގަންނަވާނެ، ރާއްޖޭގެ ބައެއް އަސާސީ ހިސާބުތަކަށް ބަލައި، އ.ދ. އިން ކަނޑައަޅާ ލިސްޓްތަކުގެ ތެރެއިން މިހާރު ދިވެހިރާއްޖެއަކީ ފަޤީރު ޤައުމުތަކުގެ ލިސްޓްގައި އޮތް ޤައުމެއް ނޫން. މެދު އާމްދަނީއެއްގެ ޤައުމެއްގެ ގޮތުގައި މިއޮތީ. އެއީ، ޢާންމު ދެހިސާބަކަށް ބަލާފައި ނުވަތަ މިންގަނޑަކަށް ބަލާފައި. އެކަން އެހެން އޮތް ކަމުގައިވިޔަސްވެސް، ރާއްޖޭގައި ތިބި ފަޤީރުންގެ ޢަދަދު ވަރަށްގިނަ. އ.ދ.ގެ ހިސާބުތައް ދައްކާ ގޮތުގައި، ރާއްޖޭގެ އާބާދީގެ އަދިވެސް ތިންބައިކުޅަ އެއްބައި މީހުންނަކީ، އެމީހުންނަށް ދުވާލެއްގެ މައްޗަށް ދިހަ ބާރަ ރުފިޔާވެސް ނުލިބޭ ނިކަމެތި ފަޤީރުން. އ.ދ. އެ ބުނާ ބަނޑުހައިހޫނުކަމުގެ ރޮނގުން ތިރީގައި ތިބި މީހުން.
 
ސަރުކާރުގެ އިޖްތިމާޢީ ރައްކާތެރި ކަމުގެ ޕްރޮގްރާމްގެ ތެރެއިން ސަރުކާރުން މިދަނީ މިދެންނެވި ރައްޔިތުންނަށް، މިދެންނެވި ނިކަމެތި ފަޤީރުންނަށް އެހީތެރިވެދެމުން. އެހެންވީމާ، މިހާރު 2008 ވަނަ އަހަރާ އަޅާބަލާއިރު، ރާއްޖޭގައި ފަޤީރުކަން ކިތަންމެ ތަނަކުން އިރާދަކުރެއްވިއްޔާ މިއޮތީ ކުޑަވެފައި. އެއީ، އަޅުގަނޑުމެންނަށް މެދު އާމްދަނީ ޤައުމެއްގެ ގޮތުގައިވުމަށް ލިބުނު ވަރަށްބޮޑު ހިތްވަރެއް. ސަރުކާރުން ދެކޭގޮތުގައި، އެފަދަ ޤައުމަކަށް ނުވަތަ އެފަދަ ލިސްޓެއްގައި އޮތުމަކީ، މިވަގުތަށް ދިވެހިރާއްޖެއަށް އެންމެ ރަނގަޅުގޮތް. ފަޤީރު ޤައުމެއްގެ ގޮތުގައި އޮވެ، އެހީ ހޯދަން އަޅުގަނޑުމެން މަސައްކަތް ކުރުމަށްވުރެ، އަޅުގަނޑުމެންނަށް ލިބޭ އެއްޗަކުން، އަޅުގަނޑުމެން އަމިއްލައަށް އަޅުގަނޑުމެންގެ ކަންތައްތައް ނިންމޭނޭ އުޞޫލަކަށް ނިންމޭނޭ މަގަކަށް ދިޔުމަކީ ސަރުކާރު އަބަދުވެސް ދެކޭގޮތް، ގަބޫލުކުރާ ފަލްސަފާ.
 
އަޅުގަނޑުގެ ދުޢާއަކީ، އަޅުގަނޑުމެންނަށް މިއަދަށްވުރެ އަދި މާ ފާގަތި މާދަމައެއް ލިބުން. އަޅުގަނޑުގެ ދުޢާއަކީ، އަޅުގަނޑުމެންނަށް ދެދުނިޔޭގެ ބާއްޖަވެރިކަން ލިބުން.
 
والحمد للّـه.والسّـلام عليـكم
______________________