بســم اللّـه الرّحمـن الرّحيــم


اللّـه سبحـانـه وتعـالى ގެ ޙަޟްރަތަށް ޙަމްދާއި ޝުކުރު ދަންނަވަން. އެކަލާނގެ ފޮނުއްވި މާތް ނަބިއްޔާ مُحَمَّـد صـلّى الله علـيـه وسـلّم އަށް ޞަލަވާތާއި ސަލާމް ލެއްވުން އެދި ދުޢާ ދަންނަވަން.

ދަރުމަވަންތަ ސްކޫލްގެ ޕްރިންސިޕަލް އަލްފާޟިލް ޢަބްދުﷲ ދީދީ، ސްކޫލްގެ ހީވާގި ހިންގުންތެރިން، ޕީ.ޓީ.އޭ.ގެ ހިންގާ ކޮމިޓީގެ މެންބަރުން، ހީވާގި މުދައްރިސުން، ލޮބުވެތި ދަރިވަރުންނާއި ބެލެނިވެރިން. އަދި މި ޖަލްސާއަށް ވަޑައިގެން ތިއްބެވި އެންމެހާ ޢިއްޒަތްތެރިން.

السّــلام عليــكم ورحـمــة اللّـه وبـركاتـه،

އާދެ! މިރޭ ދަރުމަވަންތަ ސްކޫލްގެ 2008 ވަނަ އަހަރުގެ އިނާމު ދިނުމުގެ ޖަލްސާގައި ބައިވެރިވުމުގެ އުފާ އަޅުގަނޑަށް ލިބުނުކަން އެއީ، އަޅުގަނޑަށް ލިބުނު ވަރަށްބޮޑު ޝަރަފެއް. އެ ޝަރަފް އަޅުގަނޑަށް ދެއްވި ކަމަށްޓަކައި މި ސްކޫލްގެ ޕްރިންސިޕަލަށާއި، ވެރިންނަށާއި، ޕީ.ޓީ.އޭ އަށާއި، ސްކޫލްގެ އިދާރާއަށް ވަރަށް އިޚްލާޞްތެރިކަމާއެކު ޝުކުރު ދަންނަވަން. އާދެ! ސްކޫލެއްގެ އިނާމު ދިނުމުގެ ޖަލްސާއެއްގައި ބައިވެރިވުމަކީ، އަޅުގަނޑަށް ލިބޭ ވަރަށްބޮޑު އުފަލެއް.

މިރޭ އިނާމު ގެންދިޔަ ހުރިހާ ދަރިވަރުންނަށް ވަރަށް އިޚްލާޞްތެރިކަމާއެކު ތަހުނިޔާ އަދާކުރުން. ޝައްކެއްނެތް. ތިޔަ ކުދިން ތިޔަ ހޯދި ކާމިޔާބީއަކީ، ތިޔަކުދިންގެ ތަޢްލީމީ ޙަޔާތުގައި ހޯދި ވަރަށްވެސް އުފާވެރި ކާމިޔާބީއެއް. ތިޔަ ހުރިހާ ކުދިންނަށް މިރޭ އަޅުގަނޑު ވަރަށް ހޫނު މަރްޙަބާއެއް ކިޔަން. އަދި މި މަރްޙަބާއާއި ތަހުނިޔާގައި، ތިޔަކުދިންގެ ލޮބުވެތި މައިންބަފައިންނާއި ބެލެނިވެރިން އަޅުގަނޑު ޝާމިލް ކުރަން. އަދި ތިޔަ ކާމިޔާބީ އެގޮތުގައި ދެމެހެއްޓުމަށް އަޅުގަނޑު ހިތްވަރުދެން. ހަމައެއާއެކު، ތަޢްލީމީ ރޮނގުން މަތީ ވަނަތައް ޙާޞިލު ނުކުރެވުނު ކުދިންވެސް އާ ހިތްވަރަކާއި އާ ޢަޒުމަކާއެކު މަސައްކަތްކޮށް، ނަތީޖާ ރަނގަޅު ކުރުމަށް އެކުދިންނަށްވެސް އަޅުގަނޑު އިލްތިމާސް ކުރަން.

މިރޭގެ މިޖަލްސާގައި، ސްކޫލްގެ ޕްރިންސިޕަލް ޢަބްދުﷲދީދީ އިއްވެވި މިވޭތުވެދިޔަ އަހަރު މަދަރުސާ ހިނގާދިޔަ ގޮތުގެ އަހަރު ރިޕޯޓުން މަދަރުސާ ހޯދާފައިވާ ކާމިޔާބީތައް ވަރަށް ރަނގަޅަށް އަޅުގަނޑުމެންނަށް އެނގިގެން ހިނގައްޖެ. އަދި މިރޭ މިސްޓޭޖްމަތިން އަޅުގަނޑަށް މިކުދިންނާ ބައްދަލު ކުރުމުގެ ޝަރަފް ލިބިއްޖެ. ޘާނަވީ އިމްތިޙާނުން ގަދަ 10 ގައި ސްކޫލްގެ 33 ދަރިވަރަކު ހިމެނިފައިވާކަން އެއީ، މި ކާމިޔާބީތަކުގެ ތެރެއިންވެސް އަޅުގަނޑު ވަރަށް ޚާއްޞަ ގޮތެއްގައި ފާހަގަކުރާ ކާމިޔާބީއެއް. ސްކޫލް ހޯދާފައިމިވާ ކާމިޔާބީތަކުގެ ފަހަތުގައި ތިއްބެވީ މަދަރުސާގެ ހީވާގި ވެރިންނާއި މުދައްރިސުން. ރިޕޯޓުގައި ފާހަގަކުރައްވާފައިވާ ފަދައިން 2008 ވަނަ އަހަރު އެހާ ކާމިޔާބު އަހަރަކަށްވެގެން ދިއުމުގެ އެންމެބޮޑު ސިއްރަކީ، ސްކޫލްގެ މަޤްޞަދު ޙާޞިލު ކުރުމަށް އެންމެން ގުޅިގެން ކުރި ބުރަ މަސައްކަތް.

މިއަދު ރާއްޖޭގެ ތަޢްލީމީ ސިޔާސަތަށް މިވަނީ މުހިންމު ބަދަލުތަކެއް ގެނެވިފައި. މިދިޔަ އަހަރުގެ ނޮވެމްބަރު މަހުގެ 11 ވަނަ ދުވަހު ދިވެހިރާއްޖޭގެ ވެރިކަން ބަދަލުވެ، އާ ސަރުކާރު ވެރިކަމާ ޙަވާލުވުމާއެކު، ރާއްޖޭގެ އެކިކަންކަމަށް ބޮޑެތި އިޞްލާޙީ ބަދަލުތަކެއް ގެނައުމުގެ މަސައްކަތުގެ ތެރެއިން ތަޢްލީމީ ދާއިރާއަށްވެސް މުހިންމު ބަދަލުތަކެއް މިދަނީ އަންނަމުން. މި ސަރުކާރުގެ ތަޢްލީމީ ސިޔާސަތު ބައްޓަން ކުރެވިފައިވަނީ، ޒަމާނީ ތަޢްލީމު ދިނުމުގައި ދުނިޔޭގައި ތަރައްޤީވަމުން އަންނަ ޤައުމުތައް ދަތުރުކުރަމުންދާ މިޞްރާބަށް.

ކުދިންގެ ތަޢްލީމީ ފެންވަރު ރަނގަޅު ކުރުމަކީ، ސަރުކާރުން މިއަދު ވަރަށްބޮޑު އިސްކަމެއްދޭ އެއްކަންތައް. ސަރުކާރުން މަސައްކަތް ކުރަމުން މިދަނީ، ކުދިން ބައިވެރިވާ އިމްތިޙާނުތަކުން ހޯދާ ނަތީޖާތައް، އެއް އަހަރުން އަނެއް އަހަރަށް ރަނގަޅު ކުރުމަށް. ކޮންމެ ދަރިވަރަކީވެސް އެކުއްޖެއްގެ ޢާއިލާއަށާއި، މުޅި މުޖްތަމަޢަށް އިޚްލާޞްތެރި ޚިދްމަތްތަކެއްކޮށް، މުޖްތަމަޢުގެ އިޙްތިރާމާއި ލޯބި ލިބިފައިވާ ރަނގަޅު އަޚްލާޤެއްގެ ވެރި ކުއްޖަކަށް ހެދުމަށް. އެކަމަށްޓަކައި އަޅަންޖެހޭ ފިޔަވަޅުތައް ސަރުކާރުން މިގެންދަނީ އަޅަމުން. އޭގެތެރޭގައި، މަދަރުސާތަކުގައި އެއްދަންފަޅިއަށް ކިޔަވައިދޭން ފެށުން އެއީ، މިގޮތުން އެޅޭ އެންމެ މުހިންމު އެއް ފިޔަވަޅު. ހަމައެއާއެކު، ކިޔަވައިދޭ ޓީޗަރުންގެ ފެންވަރު މަތިކޮށް، އަދި ރަނގަޅު ފެންވަރުގެ ޓީޗަރުން ހޯދުމަކީވެސް ސަރުކާރުން ވަރަށްބޮޑު އިސްކަމެއްދޭ ކަމެއް. ސަރުކާރުން އަޅަމުން މިގެންދާ ފިޔަވަޅުތަކުގެ ސަބަބުން، މާތްﷲގެ ވާގިފުޅާއި އެކަލާނގެ މަދަދާއެކު ރާއްޖޭގެ ތަޢްލީމީ ނިޒާމަށް ހެޔޮ ބަދަލުތަކެއް އަންނަމުންދާނެ ކަމަށް އަޅުގަނޑު ޔަޤީން ކުރަން.

މިފުރްޞަތުގައި، މިރޮނގުން މިނިސްޓަރ އޮފް އެޑިޔުކޭޝަން ޑޮކްޓަރ މުޞްޠަފާ ލުޠުފީއާއި އެމަނިކުފާނުގެ ޓީމު ކެނޑިނޭޅި ކުރައްވަމުން ގެންދަވާ މަސައްކަތްޕުޅުތައް އަޅުގަނޑު ފާހަގަކޮށް، އެބޭފުޅުންނަށް ވަރަށް އިޚްލާޞްތެރިކަމާއެކު ޝުކުރު ދަންނަވަން. އަދި ސަރުކާރުން ކުރަމުން މިގެންދާ މަސައްކަތްތަކުގައި، ސްކޫލްތަކުގެ ޕްރިންސިޕަލުންނާއި ހިންގުންތެރިންގެ ފުރިހަމަ އެހީތެރިކަމާއި އެއްބާރުލުން ދެއްވުމަށް އަޅުގަނޑު ގޮވާލަން.

މިރޭ އަޅުގަނޑުގެ ވާހަކަ ނިންމާލުމުގެ ކުރިން، ބެލެނިވެރިންނާއި ދަރިވަރުން މުޚާޠަބުކޮށްވެސް އެއްޗެއް ދަންނަވާލަން ބޭނުން.

ތިޔަކުދިންނަށް މިއަދު ލިބިފައިވާ ފުރްޞަތުގެ ބޭނުން ރަނގަޅަށް ހިފައި، ކޮންމެ ކުއްޖަކީވެސް މުޖްތަމަޢު ގަބޫލުކުރާ، މުޖްތަމަޢުގެ އިޙްތިރާމް ލިބިގެންވާ އަދި މުޖްތަމަޢަށް ފައިދާހުރި މަސައްކަތްތަކެއް ކުރާ ކުއްޖަކަށްވުމުގެ ޢަޒުމް ކަނޑައެޅުމަށް އަޅުގަނޑު ހުރިހާ ދަރިވަރުންނަށް ގޮވާލަން. އަދި މަތީ ތަޢްލީމު ޙާޞިލު ކުރުމުގެ ފުރްޞަތު ނުލިބުނަސް، ކޮންމެވެސް އެއް ރޮނގަކުން ކުރިއަށް ދިއުމަށް ޢަޒުމް ކަނޑައަޅައި، އެކުއްޖަކު އެ ޚިޔާލުކުރާ ރޮނގަކުން މުޖްތަމަޢަށް ފައިދާހުރި ޚިދްމަތްތަކެއް ކޮށްދޭ ކުއްޖަކު ކަމުގައިވުމަށް އަޅުގަނޑު އިލްތިމާސް ކުރަން.

އަޅުގަނޑު އ.ދ.ގެ ވަޒީފާގައި ވަރަށްގިނަ ޤައުމުތަކުގައި މަސައްކަތް ކުރި ކުރުމުގައި ސްކޫލްތަކަށް ގޮސް ކިޔަވާ ކުދިންނާ ބައްދަލުކޮށް ހެދިން. ވަރަށްގިނަ ސްކޫލްތަކުގެ ކުދިން އަޅުގަނޑު ކައިރީ އަހާ ސުވާލެއް. އ.ދ.ގައި މަސައްކަތް ކުރުމަށް ދަސްކުރަންޖެހެނީ ކޮން މާއްދާއެއްތޯ؟ އަޅުގަނޑު އަބަދުވެސް އެކުދިންނަށް ދޭ ނަސޭހަތަކީ ކޮންމެ މާއްދާއެއް ކިޔެވިނަމަވެސް އެމާއްދާއަކުން އެންމެ ރަނގަޅު ކުއްޖަކަށްވާށޭ. ކޮންމެ ކުއްޖަކީވެސް އެކުއްޖަކު ކިޔަވާހިތްވާ ރޮނގަކުން އެންމެ މޮޅު ކުއްޖަކަށްވާށޭ. ހަމައެއާއެކު، ކޮންމެ ކުއްޖަކީވެސް އަޚްލާޤީ ގޮތުން ރިވެތި ނަމޫނާއެއް ދައްކާ ކުއްޖަކަށްވާށޭ.

ބެލެނިވެރިންނާ މުޚާޠަބުކޮށް އަޅުގަނޑު ދަންނަވާލަން ބޭނުންވަނީ، ކުދިން ތަރުބިއްޔަތު ކުރެއްވުމުގައި، ތިޔަބޭފުޅުންގެ ދައުރު ހަނދުމަފުޅު ނައްތާނުލައްވާށޭ. މިއަދު އަޅުގަނޑުމެންނަށް ކުރިމަތިވެފައިވާ އެންމެބޮޑު އެއް މައްސަލައަކީ، މަސްތުވާތަކެތީގެ މައްސަލަ. މިކަމުން އަޅުގަނޑުމެންގެ ދަރިން ސަލާމަތް ކުރުމުގައި، މައިންބަފައިން އަދާކުރައްވަންޖެހޭ ދައުރު ވަރަށްބޮޑު. އެކުދިން ބޮޑެތިވަމުން އަންނައިރު، އެކުދިންގެ ކަންތައްތައް ވީހާވެސް ގާތުން ބައްލަވައި، އެކުދިންނާ އަޅާލައްވައި، ވެދެއްވެން އޮތް އެހީތެރިކަމެއް ވެދެއްވުމަކީ، ވަރަށް މުހިންމު ކަމެއް. މައިންބަފައިން ނުވަތަ ބެލެނިވެރިން ދަރިންނާ އަޅާނުލައްވާނަމަ، އެކުދިން މަގުން ކައްސާލައިގެން ދިއުމަކީ، ވަރަށް ގާތުގައި އޮންނާނެ ކަމެއް. އެހެންވީމާ، އިސްލާމްދީނުގެ މަތިވެރި ގިއުގަނޑުގެ ތެރޭގައި، އެކުދިން ބޮޑެތި ކުރައްވައި، އެކުދިންގެ ސަބަބުން ތިޔަބޭފުޅުންގެ ޢާއިލާތަކަށާއި އަޅުގަނޑުމެންގެ މުޖްތަމަޢަށް ފައިދާތަކެއް ޙާޞިލު ކުރެވޭނެ ގޮތަކަށް އެކުދިންގެ ކަންތައްތައް ބަލަހައްޓަވަމުން ގެންދެވުމަކީ، މިރޭ އަޅުގަނޑު ކުރާ ވަރަށް ޚާއްޞަ އިލްތިމާސެއް. ހަމައެއާއެކު، ކުދިންނަށް މަސްއޫލިއްޔަތު ހަވާލުކުރައްވައި އެމަސްއޫލިއްޔަތު ފުރިހަމަ ކުރުމަށް އެހީވެވަޑައިގަތުން. ސްކޫލްތައް ހިންގަވާ ފަރާތްތަކަށާއި ޓީޗަރުންނަށްވެސް އަޅުގަނޑު ދަންނަވަން އޮތީ ތިޔަބޭފުޅުންނާ އަޅުގަނޑުމެން މިޙަވާލުކުރަނީ މިޤައުމުގެ އެންމެބޮޑު އަމާނާތޭ. އެންމެބޮޑު ރައުސްމާލޭ. މި އަމާނާތް، ރައްކަތެރިކަމާއެކު ބަލަހައްޓަވައި ދެއްވައި މިރައުސްމާލުގެ އަގު އުފުއްލަވައި ދެއްވާށޭ.

އަޅުގަނޑުގެ ވާހަކަ ނިންމާލުމުގެ ކުރިން، މި ސްޓޭޖުން މިރޭ އިނާމު ޙާޞިލު ކުރި ހުރިހާ ކުދިންނަށާއި، އެކުދިންގެ މައިންބަފައިންނަށާއި ބެލެނިވެރިންނަށް އަދިވެސް އެއްފަހަރު ވަރަށް އިޚްލާޞްތެރިކަމާއެކު ޝުކުރު ދަންނަވަން. އަޅުގަނޑު އެދެނީ، ދަރުމަވަންތަ ސްކޫލަށް މިއަދަށްވުރެ ފެހި މާދަމައެއް.

والســّلام عليــكم ورحمة للّـه
______________________