بســم اللّـه الرّحمـن الرّحيــم

السّـلام عليـكم

ސަރުކާރުގެ އެކިއެކި އޮފީސްތަކުގެ ކޮމިއުނިކޭޝަން އޮފިސަރުންނަށް ޓްރޭނިންގ ދެއްވުމުގެ ގޮތުން ތިޔަބޭފުޅުން މިތަނަށް ވަޑައިގެން، މި ކޯހުގައި ބައިވެރިވެވަޑައިގެންނެވީތީ، ހުރިހާ ބޭފުޅުންނަށްވެސް މަރްޙަބާ ދަންނަވަން. ދެން އަޅުގަނޑަށް ޚަބަރު ލިބިފައި އޮތް ގޮތުން މިއީ ވަރަށް ކުރުކުރު ކޯހެއް. ފަސް ދުވަހު ދުވާލަކު ތިންގަޑިއިރު. ދެން ކޮމިއުނިކޭޝަން ފަންކްޝަނަކީ އެއީ، ކޮންމެ އޮފީހެއްގައިވެސް އެއީ ސަރުކާރުގެ އޮފީހެއް ކަމުގައިވީ ނަމަވެސް، ޕްރައިވެޓް ސެކްޓަރ އޮފީހެއް ކަމުގައިވީނަމަވެސް، ވަރަށް މުހިންމު ފަންކްޝަނެއް. އެއީ، އަޅުގަނޑުމެން ކުރާ ކަންތައްތައް އެހެން މީހުންނަށް ފުރިހަމައަށް އެނގުމަކީ އެއީ މުހިންމު ކަމެއް. އަދި އަޅުގަނޑުމެންދޭ ޚިދްމަތެއްގެ ސާފު މަޢްލޫމާތު މީހުންނަށް ލިބުން. ނޫނީ ވިއްކަން އުޅޭ އެއްޗެއްގެ ސާފު މަޢްލޫމާތު ލިބުން އެއީ، ކޮންމެހެންވެސް މުހިންމު ކަމެއް. އޭރުން އަޅުގަނޑުމެންގެ މަސައްކަތް ފުރިހަމަ ކުރެވޭނީ. އަޅުގަނޑުމެން ކޮންމެ އޮފީހަކީ، އަދި ކޮންމެ މީހަކީވެސް މިއީ ޢާންމުކޮށް ރައްޔިތުންނާ ގުޅިގެން މަސައްކަތް ކުރަންޖެހޭ އޮފީހެއް އަދި ބައެއް. އެހެންވީމާ، އޮފީހުންދޭ ޚިދްމަތްތައް އެއީ ރައްޔިތުންނަށް ފައިދާހުރި، ރައްޔިތުން އެދޭ ކަންތައްތަކަށްވާން އެބަޖެހޭ. އަޅުގަނޑުމެންގެ މެންޑޭޓަކީ އެއީ. އަޅުގަނޑުމެން ސަރުކާރު ހިންގަނީ އެ ސަބަބަށްޓަކައި. ރައްޔިތުންނަށް ޚިދްމަތްދޭން. އެހެންވީމާ، އަޅުގަނޑުމެންދޭ ޚިދްމަތަކީ، އަޅުގަނޑުމެން ކުރާ މަސައްކަތަކީ އެއީ ރައްޔިތުންނަށް ފައިދާހުރި ރައްޔިތުންނަށް ރައްޔިތުން ބޭނުންވާ އެއްޗަކަށްވާންޖެހޭ. އަދި އެކަން އަޅުގަނޑުމެން ރާވާ ހިންގާ ގޮތާއި، އެކަމުން ރައްޔިތުންނަށް ލިބޭނެ ކަމަށް އަޅުގަނޑުމެން ދެކޭ ފައިދާއާއި، މި އެއްޗެހި ވަރަށް ތަފްޞީލުކޮށް އެބަ އޮޅުންފިލުވައިދޭންޖެހޭ.

ކޮމިއުނިކޭޓް ކުރުމަކީ، އެއީ ވަރަށް ޢަމަލީ ސިފައެއްގައި އިސްނަންގަވައިގެން ކުރައްވަންޖެހޭ ކަމެއް. ކަމެއް ޖެހުނީމާ، އެކަމަކާ ބެހޭގޮތުން އެއްޗެއް ބުނުމަށްވުރެ ބޮޑަށް، އެ ރޭވޭ ކަންކަން، އިސްނަގައިގެން، އެ އަންގަންޖެހޭ ފަރާތްތަކަށް އޮޅުންފިލުވައިދިނުން އެއީ އަޅުގަނޑު ދެކޭގޮތުގައި ކޮމިއުނިކޭޝަންގެ އެންމެ މުހިންމު ކަމަކީ. ކޮންމެ އޮފީހެއްގައިވެސް އަޅުގަނޑުމެން ރާވައިގެން ހިންގާ ކަންތައްތަކަކީ، އެއީ ރައްޔިތުންނަށް ފައިދާހުރި ކަންތަކަކަށް އަޅުގަނޑުމެން އުންމީދުކޮށްގެން މިއުޅެނީ. އަޅުގަނޑުމެން އެގޮތަށް މަސައްކަތް ކުރަމުން މިގެންދަނީ. އެހެންވީމާ، އެކަންކަން އަޅުގަނޑުމެން މި ރާވާގޮތް ކުރިއްސުރެ ވިސްނައިގެން އެއީ، ޕްރޮގްރާމް ހިންގުމުގެ ބައެއް ކަމުގައި ބައްލަވައިގެން، ރާވާ ޕްރޮގްރާމް ރައްޔިތުންނަށް އަންގައިދިނުމަކީ، އެއީ ހަމަ މި ޕްރޮގްރާމްގެ ބައެއް ކަމުގައި ބައްލަވައިގެން، އެ ކޮމިއުނިކޭޝަން ޕްލޭނެއް ކޮންމެ މިނިސްޓްރީއެއްގައިވެސް، ކޮންމެ އޮފީހެއްގައިވެސް އޮތުމަކީ މުހިންމު ކަމެއް.

ޕްރޮގްރާމްގެ ބައެއްގެ ގޮތުގައި، އެ ޕްރޮގްރާމް ޕްރޮމޯޓް ކުރުމަށްޓަކައި ކޮމިއުނިކޭޝަން އޮފިސަރުންގެ ރޯލަކީ ވަރަށް މުހިންމު ރޯލެއް. މިހާތަނަށް އަޅުގަނޑު މަސައްކަތްކުރި ތަންތާނގައި އަޅުގަނޑުމެން އެގޮތަށް ކޮމިއުނިކޭޝަން އޮފިސަރުންނާ ދޭތެރޭގައި ދެކެމުން އަންނަނީ. އެއީ ޕްރޮގްރާމް ކުރިއެރުވުމަށްޓަކައި ހިންގަންޖެހޭ މަޢްލޫމާތު ދިނުމުގެ މަސައްކަތެއްގެ ގޮތުގައި.

އެގޮތުން، މިސާލަކަށް ދަންނަވަނީނަމަ، ނަންގަވާ އެޑިޔުކޭޝަން މިނިސްޓްރީ. އެޑިޔުކޭޝަން މިނިސްޓްރީން މިހާރު ހިންގަވަމުން ގެންދަވާ ވަރަށް މުހިންމު ޕްރޮގްރާމެއް، ވަށާޖެހޭ ތަޢްލީމު ދެއްވުން. އެހެން ބުނުމުން އެއިން ދޭހަވަނީ ކޯއްޗެއްކަމާއި، އެ ހިންގަން މިޖެހެނީ ކޮން ސަބަބަކަށްޓަކައި ކަމާއި، އެއިން އަޅުގަނޑުމެން ޙާޞިލު ކުރަން ގަސްދުކުރަނީ ކޮން މަޤްޞަދެއްކަމާއި، މިކަންކަން އެބަޖެހޭ ބެލެނިވެރިންނަށާއި، ކިޔަވާ ކުދިންނަށްވެސް، ޓީޗަރުންނަށާއި އަދި ސްކޫލްތައް ހިންގާ ފަރާތްތަކަށާއި އަދި ޢާންމުކޮށް ރައްޔިތުންނަށް ވަރަށް ސާފުކޮށް އެނގެން. އެ އޮޅުންފިލުވައިދީގެން އެ ޕްރޮގްރާމް އަޅުގަނޑުމެންނަށް ހިންގޭނީ. ހަމައެކަނި މިނިސްޓްރީ އޮފް އެޑިޔުކޭޝަންގައި ތިއްބަވާ ބޭފުޅުންނަށް އެއީ ކޯއްޗެއްކަން އެނގިވަޑައިގަންނަވައިގެންނެއް އަދި އެ ޕްރޮގްރާމެއް ކާމިޔާބެއް ނުކުރެވޭނެ. ހަމަ އެގޮތްވާނީ ހަމަ އެހެން ޕްރޮގްރާމްތަކަށްވެސް. އެހެން އޮފީސްތަކުން ހިންގާ ކަންކަމުގައިވެސް.

އަޅުގަނޑު ދެކޭގޮތުގައި އިންފޮމޭޝަން އޮފިސަރުންނާއި ކޮމިއުނިކޭޝަން އޮފިސަރުންނާ ދެމެދު ވަރަށްބޮޑު ތަފާތު އޮވޭ. މިދެންނެވި ގޮތަށް، ކޮމިއުނިކޭޝަން އޮފިސަރުންނަކީ އެއީ ޕްރޮގްރާމްތައް ރަނގަޅަށް ރާވައި ހިންގުމުގައި، ޕްރޮގްރާމްތައް ޕްރޮމޯޓްކޮށް، އެކަންކަން މީހުންނަށް އޮޅުންފިލުވައިދީ، އެކަން ކާމިޔާބު ކުރުމަށްޓަކައި ރާވަންޖެހޭ ރޭވުންތައް ރާވައިގެން، ރައްޔިތުންނާ ގުޅިގެން މަޢްލޫމާތުދޭ ބައެއް. އިންފޮމޭޝަން އޮފިސަރަކީ އެއީ އެތަނުން ހިނގާ ކަންތައްތައް ރައްޔިތުންނަށް އޮޅުންފިލުވަން ބޭނުންވާ ހިނދެއްގައި، އެމީހުންނަށް އެކަން އޮޅުންފިލުވައިދޭން ތިބޭ ބައެއް.

ދެން މި ދެ ފަންކްޝަނުންވެސް މި ދެއްވާ މަޢްލޫމާތަކީ، އެއީ ޙަޤީޤަތުގެ މައްޗަށް ބިނާވެގެން ދެވޭ މަޢްލޫމާތަކަށްވާންޖެހޭނެ. އަދި އެ މަޢްލޫމާތަކީ އެއީ އޮފީހުގެ ވެރިންނާ މަޝްވަރާ ކުރެވިގެން، އޮފީހުގެ އިސްކޮށް ތިބި މީހުންނާ މަޝްވަރާ ކުރެވިގެން، އެއް ވިސްނުމެއްގައި ދެވޭ މަޢްލޫމާތުތަކަށްވުމަކީ މުހިންމު ކަމެއް. އެހެން ނޫނިއްޔާ، ތިޔަބޭފުޅުން ތައްޔާރު ކުރައްވާފައި ނެރުއްވާ ނޫސްބަޔާނެއް މިސާލަކަށް. އެ ނޫސް ބަޔާނެއްގައި އެ އޮންނަ އެއްޗަކީ، އޮފީހުގައި އިސްކޮށް ތިއްބަވާ ބޭފުޅުންގެ ޚިޔާލުފުޅާ ތަފާތު އެއްޗަކަށްވެގެން ކަމަކުނުދާނެ. އެހެންވީމާ، ފުރަތަމަ ކުރައްވަންޖެހޭ ކަމަކީ، އޮފީހުގެ ތެރޭގައި އެއްބަސްވުމަކަށް ވަޑައިގަތުން. ކޮބައިތޯ، ކޮންކަހަލަ މެސެޖްތަކެއްތޯ ދެއްވަން ބޭނުންފުޅުވަނީ. ކޮންކަމަކާ ބެހޭގޮތުންތޯ ކޮމިއުނިކޭޓް ކުރަން ޖެހިފައި މިއޮތީ. ކޮން ކަންކަމަކާ ބެހިގެން ކޮމިއުނިކޭޓް ކުރެވިގެންތޯ އޮފީހުގެ މަސައްކަތް ކާމިޔާބު ކުރެވޭނީ. އޮފީހުން ރާއްވަވާފައި ހުރި ކަންތައްތައް ރައްޔިތުންނަށް ރަނގަޅަށް އޮޅުންފިލުވައިދީގެން، އޮފީސް އެއީ، ރަނގަޅަށް މަސައްކަތް ކުރާ އޮފީހެއް ކަމުގައި، އޮފީހަކީ އެއީ ރައްޔިތުން ބޭނުންވާ ކަންތައް ކުރާ ތަނެއްގެ ގޮތުގައި އަޅުގަނޑުމެންނަށް ދެއްކޭނީ.

އެހެންވީމާ، މިދެންނެވި ބައެއް ނުކުތާތަކަށް ވިސްނާވަޑައިގެން، ކޮމިއުނިކޭޝަން އޮފިސަރުންގެ ރޯލު މިހާރަށްވުރެ ވަރުގަދަ ކުރައްވައި، ކޮމިއުނިކޭޝަން އޮފިސަރުން ކުރައްވާ މަސައްކަތަކީ އެއީ ސަރުކާރު ވަރުގަދަ ކުރުމަށްޓަކައި، ސަރުކާރުގެ އޮފީސްތައް ވަރުގަދަކޮށް މަސައްކަތް ކުރުމަށްޓަކައި ލެވޭ ބާރަކަށްވާންޖެހޭ ކަމަށް އަޅުގަނޑަށް ވިސްނެނީ.

ދެން އަޅުގަނޑު އަބަދުވެސް ދެކޭގޮތުގައި، ކޮމިއުނިކޭޝަންގެ މަސައްކަތަކީ ވަރަށް ކްރިއޭޓިވް، އުފެއްދުންތެރި މަސައްކަތެއް. އެހެންކަމުން، އެއީ ހަމައެކަނި ނޫސްބަޔާނެއް ނެރުމެއް ނޫން. އޭގެ ބަދަލުގައި މިސާލަކަށް ދަންނަވަނީނަމަ، އޮފީހުން ކުރާ މަސައްކަތް ވީޑިއޯގެ ޒަރީޢާއިން ނޫނީ ޓީ.ވީ.ގެ ޕްރޮގްރާމްތަކުގެ ތެރެއިން ނޫނީ ރައްޔިތުން އޭގައި ބައިވެރިކުރުވައިގެން، ރައްޔިތުންނާއެކީ އެކިއެކި ބައްދަލުވުންތައް ބާއްވައިގެން، ނޫނީ ކުޑަކުދިންނާބެހޭ ބައެއް ޙަރަކާތްތައް ރާވައިގެން، ކުޑަކުދިންގެ ހަވީރު ކަހަލަ ކަންކަން ރާއްވަވައިގެން، މިބާވަތުގެ ކިތަންމެ ތަފާތު ގޮތްގޮތަކަށް ކޮމިއުނިކޭޝަންގެ މަސައްކަތް ކުރެއްވިދާނެ.

އެހެންވީމާ، އަޅުގަނޑު ދެކޭގޮތުގައި ކޮމިއުނިކޭޝަން އޮފިސަރުންނަކީ އެއްގޮތަކުން ބަލާއިރު ވަރަށް ނަޞީބުގަދަ ބައެއް. އެބޭފުޅުންނަކީ އެއީ، މިދެންނެވި ގޮތަށް އުފެއްދުންތެރި މަސައްކަތުގެ ތެރޭގައި އުޅުއްވަން ޖެހިވަޑައިގަންނަވާ ބައެއް. އެގޮތަށް އެކަން ދެކިވަޑައިގަންނަވާ ކަމަށްވާނަމަ. އެހެންވީމާ، ތިއިން ކޮންމެ ބޭފުޅަކީވެސް މިދެންނެވި ކަހަލަ އުފެއްދުންތެރި މަސައްކަތެއް ކުރައްވާ އަމިއްލަ ޚިޔާލާއި ވިސްނުންތެރިކަމާ މަސައްކަތުގެ ތެރެއަށް ގެންނަވައިގެން، ވީހާވެސް ކްރިއޭޓިވްކޮށް، އުފެއްދުންތެރިކޮށް މަސައްކަތް ކުރައްވާ ބަޔަކަށްވުން އަޅުގަނޑުމެން ބޭނުންވަނީ. އޭރުން އިރާދަކުރެއްވިއްޔާ، ތިޔަބޭފުޅުންގެ މަސައްކަތުން އަމިއްލައަށް ލިބިވަޑައިގަންނަވާ ހިތްޕުޅުހަމަޖެހުންވެސް އިތުރުވެގެންގޮސް ކުރައްވާ މަސައްކަތަކީ އެއީ ކުރާހިތްވާ، އެކަމުން ފޯރިއައިސް، އެކަމުގައި މަސައްކަތަށާއި އަދި އަމިއްލަ ޕްރޮފެޝަންގައި ކުރިއަށް ދިއުމުގައި އިތުރު ބާރަކަށް ވެގެންދާނެ ކަމަށް އަޅުގަނޑަށް ވިސްނެނީ.

އަޅުގަނޑު ތިޔަބޭފުޅުންނާ މާގިނަ ވާހަކަ ދައްކާކަށް ނޫން އަޅުގަނޑު އައީކީ. އެހެންނަމަވެސް، ދެން އަޅުގަނޑު ކުރިން އުޅުނު ވަޒީފާގެ ގޮތުން ވަރަށް ބޮޑަށް އިންފޮމޭޝަން އޮފިސަރުންނާ އެކީގައި މަސައްކަތް ކުރަން ޖެހިފައި ހުރުމާ އެކީގައި، ދެން ހިތަށް އައި ބައެއް ވާހަކަ އަޅުގަނޑު ދަންނަވާލީ. އެހެންވީމާ، ދެން ތިޔަބޭފުޅުންގެ ސުވާލެއް އޮތިއްޔާ އަޅުގަނޑު ސުވާލަކަށް ނިސްބަތްވާ ގޮތުން އެއްޗެއް ދެންނެވިއްޔާކަންނޭނގެ ބޮޑަށް ރަނގަޅުވާނީ.