بســم اللّـه الرّحمـن الرّحيــم

މިނިސްޓަރ އޮފް އިސްލަމިކް އެފެއާޒް ޑޮކްޓަރ ޢަބްދުލްމަޖީދު ޢަބްދުލްބާރީ، މިނިސްޓަރ އޮފް ސްޓޭޓް ފޮރ އިސްލަމިކް އެފެއާޒް އައްޝައިޚް މުޙަންމަދު ޝަހީމް ޢަލީ ސަޢީދު، ކީރިތި ޤުރްއާނާބެހޭ މަރްކަޒުގެ އިސްވެރިން. މިނިސްޓްރީ އޮފް އިސްލަމިކް އެފެއާޒްގެ އިސްވެރިން. ޤުރްއާން މުބާރާތުގެ އެކި ޢުމުރުފުރާތަކުގައި ބައިވެރިވި ހުރިހާ ކުދިންނާއި، އަމިއްލަ ގޮތުން މިމުބާރާތުގައި ބައިވެރިވި ފަރާތްތައް. އަދި މިޖަލްސާއަށް ޙާޒިރުވެވަޑައިގެން ތިއްބެވި ސްކޫލްތަކުގެ ވެރިންނާއި އެންމެހާ ބޭފުޅުން.

السّـلام عليـكم

މިރޭގެ މިއުފާވެރި ޖަލްސާގައި، އަޅުގަނޑުގެ އެންމެ މުހިންމު ވާޖިބަކީ، ކީރިތި ޤުރްއާން ކިޔެވުމުގެ 24 ވަނަ ޤައުމީ މުބާރާތުގެ އެކި ޢުމުރުތަކުން ވަނަތައް ޙާޞިލުކުރި ހުރިހާ ކުދިންނަށާއި، އަދި އެކިވަނަތައް ހޯދި ސްކޫލްތަކަށާއި، ޤުރްއާން ކްލާސްތަކަށްވެސް ވަރަށް އިޚްލާޞްތެރިކަމާއެކު ތަހުނިޔާ އަދާކުރުން.

މިމުބާރާތުގައި ކުދިން ބައިވެރި ކުރެއްވި ސްކޫލް މަދަރުސާތަކަށާއި، ޤުރްއާން ކްލާސްތަކަށްވެސް އަޅުގަނޑުގެ ހިތުގެ އިޚްލާޞްތެރިކަމާއެކު ޝުކުރު ދަންނަވަން.

މިރޭގެ މިޖަލްސާއަކީ އަޅުގަނޑަށް އަދި އިތުރު އެހެން އުފަލެއްވެސް ލިބުނު ޖަލްސާއެއް. އެއީ، ޤުރްއާން ހިތުދަސްކުރި ޢުމުރުން 10 އަހަރުގެ ކުޑަ ކުއްޖަކަށް އިނާމު ދިނުމުގެ އުފާ. އަލްޙާފިޡާ އީނާސް ފުރްސާނަށް އަޅުގަނޑު ވަރަށް އިޚްލާޞްތެރިކަމާއެކު ތަހުނިޔާ ކިޔަން. އަދި އޭނާގެ ލޮބުވެތި މައިންބަފައިންނަށްވެސް އަޅުގަނޑު ތަހުނިޔާ އަރިސް ކުރަން.

އަޅުގަނޑަށް މަޢްލޫމާތު ލިބިފައިވާ ގޮތުގައި، މިފަހަރުގެ މިމުބާރާތުގައި ބައިވެރިވުމުގެ ފުރްޞަތު، އަތޮޅުތަކުގެ ދަރިވަރުންނަށް ކުރިއަށްވުރެ ބޮޑަށްވަނީ ތަނަވަސްކޮށްދެއްވާފައި. މިއީ، އަޅުގަނޑު ވަރަށް އުފަލާއެކު ފާހަގަކުރާ ކަމެއް. އެއީ، ރާއްޖޭގެ އާބާދީގެ ގިނަބަޔަކު ދިރިއުޅެމުންދަނީ އަތޮޅުތަކުގައި ކަމަށްވުމާއެކު، އަތޮޅުތަކުގެ ދަރިވަރުންނަށް މިފުރްޞަތު، ކުރިއަށްވުރެ ބޮޑަށް ހުޅުއްވަވާލެއްވިކަން އެއީ، އަޅުގަނޑު ދެކޭގޮތުގައި މިމުބާރާތަށްވެސް ލިބުނު ވަރަށް ރަނގަޅު ކުރިއެރުމެއް. ހަމައެއާއެކު، އެހެން އަހަރުތަކާ ޚިލާފަށް މިމުބާރާތުގައި އަންހެން ބައިވެރިންނަށް ފުރްޞަތު ވަރަށް ބޮޑަށް ތަނަވަސްވެގެން ގޮސްފައިވާކަންވެސް އަޅުގަނޑު އުފަލާއެކު ފާހަގަކުރަން. އަދި އަންހެން ބައިވެރިންނަށް ވަކިން ވާދަކޮށް، ވަނަ ހޯދުމުގެ ފުރްޞަތު ހުޅުއްވާލެއްވިކަން އެއީވެސް މުބާރާތަށް ލިބުނު ވަރަށްބޮޑު ފުރިހަމަކަމެއް.

މިފަދަ މުބާރާތެއް ހިންގުމަކީ، ޙަޤީޤަތުގައި ވަރަށްބުރަ މަސައްކަތެއް. މިމުބާރާތް ރާއްވަވައި، މިކަމާބެހޭ އިންތިޒާމުތައް ހަމަޖެއްސެވީ، ކީރިތި ޤުރްއާނާބެހޭ މަރްކަޒުން ކަމަށްވުމާއެކު، މިކަމުގެ އިންތިޒާމުތައް ގެންދެވިލެއް ފުރިހަމަކަމަށްޓަކައި، އެ މަރްކަޒުގެ ޑިރެކްޓަރ އައްޝައިޚު ޢަބްދުލްޢަޒީޒު ޙުސައިނަށާއި، އެ މަރްކަޒުގެ ވެރިންނަށާއި މުވައްޒަފުންނަށް އަޅުގަނޑު ވަރަށް އިޚްލާޞްތެރިކަމާއެކު ޝުކުރު ދަންނަވަން. ހަމައެއާއެކު، މިކަމުގައި މިނިސްޓްރީ އޮފް އިސްލަމިކް އެފެއާޒުން ވެދެއްވި އެހީތެރިކަމާއި އެއްބާރުލެއްވުމުގެ މަތިންވެސް އަޅުގަނޑު ހަނދާންކޮށް، މިނިސްޓަރ ޑޮކްޓަރ ޢަބްދުލްމަޖީދު ޢަބްދުލްބާރީއަށާއި، ސްޓޭޓް މިނިސްޓަރ ޝައިޚު މުޙަންމަދު ޝަހީމަށާއި، މިނިސްޓްރީގެ ހީވާގި ވެރިންނަށާއި މުވައްޒަފުންނަށްވެސް އަޅުގަނޑު ޝުކުރު ދަންނަވަން.

ކީރިތި ޤުރްއާން ކިޔެވުމުގެ ޤައުމީ މުބާރާތަކީ، ވަރަށް މަތިވެރި މަޤްޞަދެއްގައި ސަރުކާރުން ހިންގާ މުބާރާތެއް. ރާއްޖޭގައި ކީރިތި ޤުރްއާނަށްދެވޭ ޝައުޤުވެރިކަން އެއްދުވަހުން އަނެއް ދުވަހަށް އިތުރުކުރުމަކީ، މި ސަރުކާރުން ވަރަށްބޮޑު ސަމާލުކަމެއް ދެމުންގެންދާ ކަމެއް.

މިފުރްޞަތުގައި ރާއްޖޭގެ މަދަރުސާތަކުންނާއި، ޤުރްއާން ކްލާސްތަކުންނާއި، އަމިއްލަ ޖަމާޢަތްތަކުންނާއި، ބެލެނިވެރިންނާއި ކިޔަވާ ކުދިން ކީރިތި ޤުރްއާނަށް ދެއްވަމުން ތިޔަގެންދަވާ އަހަންމިއްޔަތުގެ މަތިން އަޅުގަނޑު ހަނދާންކޮށް އަދި އެބޭފުޅުން އެކުރައްވަމުން ގެންދަވާ މަސައްކަތްޕުޅުތަކުގެ އަގު އަޅުގަނޑު ވަޒަން ކުރަން. ތިޔަބޭފުޅުން ތިޔަކުރައްވަމުން ގެންދަވާ މަސައްކަތުގައި، ވެދެވެން އޮތް ހުރިހާ އެއްބާރުލުމެއް މި ސަރުކާރުންވެދޭނެ ވާހަކަ އުފަލާއެކު ދަންނަވަން.

ކީރިތި ޤުރްއާނަކީ، އިލާހީ ޤާނޫނު. އަޅުގަނޑުމެންގެ އެންމެ މަތިވެރި ދުސްތޫރު. އެހެންކަމުން، ޤުރްއާނަށް އަޅުގަނޑުމެން ދޭންޖެހޭ އަހަންމިއްޔަތު ވަރަށްބޮޑުވެފައި ވަރަށް މަތިވެރި. ކީރިތި ޤުރްއާން ތަޖުވީދަށް ކިޔެވުމާއި، ކީރިތި ޤުރްއާން ހިތުދަސްކުރުމާއި، ކީރިތި ޤުރްއާނުގެ މާނަ ދަސްކުރުމަކީ، ކޮންމެ މުސްލިމެއްގެ ވާޖިބެއް. ރާއްޖޭގެ ސްކޫލްތަކުގައި މިކަމަށް ޚާއްޞަ އަހަންމިއްޔަތެއް ދިނުމަކީ މުހިންމު ކަމެއް ކަމަށް އަޅުގަނޑު ދެކެން. އެގޮތުން، ސްކޫލްތަކުގައި ވަކި މާއްދާއެއްގެ ގޮތުގައި ޤުރްއާން ކިޔަވައިދޭން މިހާރުވަނީ ފެށިފައި. ނަމަވެސް، މިކަމުގައި ދިމާވެފައިވާ އެންމެބޮޑު އެއްމައްސަލައަކީ، މުދައްރިސުން ލިބުމުގެ ދަތިކަން. ރާއްޖޭގެ ވަރަށްގިނަ ރަށްރަށުގައި ޤުރްއާން ކިޔަވައިދޭނެ ޓީޗަރުން މިހާރުވެސް ނެތްކަން ހިތާމައާއެކީ ފާހަގަކުރަން. މިއަދުގެ ސަރުކާރުން މިކަމަށް ވަރަށްބޮޑު ސަމާލުކަމެއްދީގެން ޤުރްއާން މުދައްރިސުން އުފެއްދުމަށް ޚާއްޞަ މަސައްކަތްތަކެއް ދަނީ ކުރެވެމުން. އަދި މިއަހަރު 60 ޓީޗަރުން ތަމްރީނުކޮށް ނެރޭނެކަން އުފަލާއެކު ފާހަގަކުރަން.

މިފުރްޞަތުގައި، މިރޭގެ މުނާސަބަތާއެކު، މިނިސްޓްރީ އޮފް އިސްލަމިކް އެފެއާޒަށް އަޅުގަނޑު ޚާއްޞަ އިލްތިމާސެއް ދަންނަވަން. އެއީ، ކީރިތި ޤުރްއާނުގެ ދިވެހި ތަރުޖަމާ ފުރިހަމަ ޗާޕަކުން ޗާޕް ކުރައްވައިގެން ނެރުއްވައި ދެއްވުން.

އަޅުގަނޑުގެ ވާހަކަ ނިންމާލާނީ، ރާއްޖޭގެ ކަންކޮޅުތަކުގައި ކީރިތި ޤުރްއާން ކިޔަވައިދިނުމަށާއި، ރީތިކޮށް ޤުރްއާން ކިޔަވާ ކުދިން އުފެއްދެވުމަށް ސަރުކާރުގެ ކަމާބެހޭ ދާއިރާތަކުން މިކުރައްވާ މަސައްކަތުގައި މާތްﷲ ބަރަކާތް ލެއްވުން އެދި ދުޢާ ކުރަމުން. އަދި ކީރިތި ޤުރްއާނަށް ލޯބިކުރުމުގައި އެކަލާނގެ މަދަދާއި ތައުފީޤު އަޅުގަނޑުމެންނަށް މިންވަރު ކުރެއްވުން އެދި ދުޢާ ކުރަމުން.

والســّلام عليــكم ورحـمــة اللّـه