بســم اللّـه الرّحمـن الرّحيــم

السّـلام عليـكم

މިއަދަކީ 24 ޑިސެމްބަރ 2010 ވީ ހުކުރު ދުވަސް. ދިވެހިރާއްޖެއަށް މިހާތަނަށް ކުރިމަތިވި އެންމެބޮޑު ޤުދްރަތީ ކާރިސާ ކުރިމަތިވީ، އެނގިވަޑައިގަންނަވާނެ، މީގެ ހައަހަރު ކުރިން ޑިސެމްބަރު މަހު ސައްބީސްވަނަ ދުވަހު. އެދުވަހު އެކިގޮތްގޮތަށް ހާލުގައި ޖެހުނު ފަރާތްތަކަށް އެހީތެރިކަން ފޯރުކޮށްދިނުމުގައި، ދިވެހިން ދައްކުވައިދިން އެއްބައިވަންތަކަން ފާހަގަކުރުމުގެ ގޮތުން، އެދުވަހަކީ ޤައުމީ އެއްބައިވަންތަކަމުގެ ދުވަހުގެ ގޮތުގައި މިދަނީ ފާހަގަކުރަމުން.

މިއަހަރުގެ ޤައުމީ އެއްބައިވަންތަކަމުގެ ދުވަސް ފާހަގަކުރުމުގެ ގޮތުން، ނެޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓް ސެންޓަރާއި، ޔޫ.އެން.ޑީ.ޕީ އާއި، ދިވެހި ރެޑްކްރެސެންޓް ގުޅިގެން ޚާއްޞަ ޕްރޮގްރާމްތަކެއް ހިންގެވުމަށް ވަނީ ނިންމާފައި. މި ޕްރޮގްރާމްތަކުގެ ތެރޭގައި ހިންގުމަށް ހަމަޖެހިފައިވާ އެންމެ މުހިންމު އެއް ޙަރަކާތަކީ، މިއަންނަ އާދީއްތަ ދުވަހު ހެނދުނު 9.20 ގައި "ޤައުމީ އެއްބައިވަންތަކަމުގެ ސުކޫތު"ގެ ނަމުގައި، ހަމަހިމޭންކަމުގެ އެއް މިނެޓުގެ ސުކޫތެއް ގެނައުން. މިސުކޫތުގައި ބައިވެރިވެވަޑައިގެންނެވުމަށް، އެބޭފުޅަކު ހުންނެވި ޢިމާރާތަކުން ބޭރަށް، މަގުމައްޗަށް 9.10 ގައި ނިކުމެވަޑައިގެންނެވުމަށްފަހު، 9.20 ގައި ސުކޫތުގައި ބައިވެރިވެވަޑައިގަންނަވާފައި، އެނބުރި އޮފީސްތަކަށް ނުވަތަ އުޅުއްވާ ޢިމާރާތަކަށް ވަޑައިގެންނެވުމަށް، ކަނޑައެޅިފައިވާ ރަސްމީ ވަގުތަކީ، ނުވަގަޑި ބައި ކަމުގައިވެސް މިވަނީ ހަމަޖެހިފައި.

ސުނާމީގައި ހާލުގައި ޖެހުނު ފަރާތްތަކަށް ދާއިމީ ބޯހިޔާވަހިކަން ފޯރުކޮށްދިނުމުގެ މަޝްރޫއުގެ ދަށުން އެޅުމަށް ހަމަޖެހިފައިވާ ގެތަކުގެ ތެރެއިން 50 ގެއެއްގެ މަސައްކަތް ފިޔަވައި، އެހެން ހުރިހާ ގެއެއް އެޅުމުގެ މަސައްކަތްވެސް ވަނީ ނިމުމުގެ އެކި މަރުޙަލާގައި. މިދެންނެވި 50 ގެއަށް ބޭނުންވާ ފައިސާވަނީ އަންނަ އަހަރުގެ ބަޖެޓުގައި ހިމެނިފައި.

ސަރުކާރުގެ އަމާޒަކީ، ރާއްޖޭގައި ހާލުގައިޖެހޭ އަދި ޖެހިފައިވާ ހުރިހާ ރައްޔިތުންނަށްވެސް ރަނގަޅު ގޮތްތައް ހޯދައިދެވޭތޯ މަސައްކަތް ކުރުން.

އަޅުގަނޑުގެ ދުޢާއަކީ، އަޅުގަނޑުމެންނަށް މިއަދަށްވުރެ އަދި މާ ފާގަތި މާދަމައެއް ލިބުން. އަޅުގަނޑުގެ ދުޢާއަކީ، އަޅުގަނޑުމެންނަށް ދެދުނިޔޭގެ ބާއްޖަވެރިކަން ލިބުން.

والحمد للّـه. والسّـلام عليـكم