بســم اللّـه الرّحمـن الرّحيــم

السّـلام عليـكم

މިއަދަކީ 17 ޑިސެމްބަރ 2010 ވީ ހުކުރު ދުވަސް. އެނގިވަޑައިގަންނަވާނެ، މާލިއްޔަތު ޤާނޫނުގެ ފުރަތަމަ އިޞްލާޙާ ގުޅޭގޮތުން ނިމި، މިހާރު މިދާ 2010 ވަނަ އަހަރު އަޅުގަނޑުމެން ގިނަ ފަރާތްތަކަކަށް މިވަނީ ނުހަނު ގިނަ ގޮތްގޮތަށް ވާހަކަ ދެކެވިފައި. ރާއްޖެ ތަރައްޤީގެ މަގުގައި ހިންގުމަށްޓަކައި ސަރުކާރުން އެކުލަވައިލާފައިވާ ޤައުމީ ތަރައްޤީގެ އޮނިގަނޑާ އެއްގޮތަށް ޢަމަލުކުރުން އެއީ ސަރުކާރުން ދެކޭގޮތުގައި ވަރަށް މުހިންމު ކަމެއް. ސަރުކާރުގެ މާލީ އަދި އިޤްތިޞާދީ ސިޔާސަތު ބިނާވެފައިވާނީ، މިދެންނެވި ޤައުމީ ތަރައްޤީގެ އޮނިގަނޑުގެ މައްޗަށް. މިއޮނިގަނޑުގެ ތެރެއިން މިދެންނެވި ސިޔާސަތުތައް ތަންފީޒު ކުރަމުން ސަރުކާރުން ގެންދާއިރުގައި، މަދަނައިގެ ވިއުގައިންނާއި އަދި އެހެންވެސް ދެވޭ ސަބްސިޑީގެ ތެރެއިން ސަރުކާރުން މިދަނީ ވަރަށްގިނަ ބަޔަކަށް އިޖްތިމާޢީ ރައްކާތެރިކަން ފޯރުކޮށްދެމުން.

ރާއްޖޭގެ ރައްޔިތުންގެ ތެރެއިން ވަރަށްގިނަ ބަޔަކީ ނިކަމެތި ފަޤީރުންގެ ގޮތުގައި އ.ދ. އިން ގުނަމުން އަންނަތާ ދުވަސްތަކެއްވެފައި ވަނިކޮށް، އެނގިވަޑައިގަންނަވާނެ، އަޅުގަނޑުމެން މި ސަރުކާރުގެ މެނިފެސްޓޯ އެކުލަވައިލެވުނީ. އޭރުގައި ދެކެވިފައި އޮތީ ރާއްޖޭގެ އާބާދީގެ ކޮންމެ ތިންމީހެއްގެ ތެރެއިން އެކަކީ ދުވާލެއްގެ މައްޗަށް އެއްޑޮލަރު ނުލިބޭ މީހެކޭ. އެހެން ގޮތަކުން ދަންނަވަނީނަމަ، ޕަވަރޓީ ލައިނުން ދަށުގައި ތިބި ބަޔެކޭ. އަޅުގަނޑުމެންގެ ސަރުކާރުގެ އެންމެބޮޑު އެއް އަމާޒަކަށްވީ، މިދެންނެވި ޕަވަރޓީ ލައިނުން ދަށުގައި ނުވަތަ ފަޤީރުންގެ ގޮތުގައި ތިބި ރާއްޖޭގެ ވަރަށްގިނަ ޢަދަދެއްގެ ރައްޔިތުން، އެއީ މަދުވެގެން އެއްލައްކަ ރައްޔިތުން، އެ ރައްޔިތުންނަށް އިޖްތިމާޢީ ރައްކާތެރިކަމެއް ހޯދައިދިނުން. އިޖްތިމާޢީ ރައްކާތެރިކަން ހޯދައިދިނުމަށްޓަކައި ސަރުކާރުން ހިންގާން ފެށީ މަދަނައިގެ ޚިދްމަތްވެސް. އަދި އެކަނިވެރި މައިންނަށްދެވޭ ޢިނާޔަތްވެސް. ޔަތީމު ކުދިންނަށްވެސް ދެވޭ ޢިނާޔަތްވެސް. ޢުމުރުން ދޮށީ މީހުންނަށް ދެވޭ ޕެންޝަންވެސް. އަދި އިލެކްޓްރިސިޓީ އާއި ފެނުގެ ސަބްސިޑީ އާއި އަދި އެނޫންވެސް އެހެން އެހެން ސަބްސިޑީތައް.

މި ސަރުކާރުން ހިންގާން ފެށި މިދެންނެވި އިޖްތިމާޢީ ރައްކާތެރިކަމުގެ ޕްރޮގްރާމާއި އަދި އޭގެއިތުރުން ވިޔަފާރީގެ އުޞޫލުން ހިންގޭންހުރި މަސައްކަތްތައް ފާހަގަކޮށް، އެމަސައްކަތްތައް ހަމަ ސީދާ ވިޔަފާރީގެ އުޞޫލުން ހިންގުމަށް ދޫކޮށްލުމުގެ ސިޔާސަތުގެ ސަބަބުން، ސަރުކާރުގެ ހިންގުމަށާއި އަދި ވިޔަފާރި ކުރިއަރާ މިންވަރަށާއި އަދި ރާއްޖޭގެ ތަރައްޤީއަށް ފަހިރޯޅި ލިބުނުކަން އަޅުގަނޑަށް ޔަޤީން، ވަރަށްގިނަ ބޭފުޅުންނަށް ސާފުވެގެންދިޔަ. އިޖްތިމާޢީ ރައްކާތެރިކަމާއި އަދި އިޤްތިޞާދީ ދުވެއްޔާއި، މިދެބައިންވެސް އަޅުގަނޑުމެންނަށް ކުރި ލިބޭން ފެށުމުން، އަޅުގަނޑު ދަންނަވާނީ، ބައެއް ސިޔާސީ ވާދަވެރިން، ބައެއް ފަރާތްތަކުން ދެކެވަޑައިގަތީ، އެއީ ރާއްޖެއަށާއި، ރައްޔިތުންނަށާއި ޤައުމަށް ލިބޭ ހެވެއް، ލާބައެއްގެ ގޮތުގައެއް ނޫން ބޮޑަށް. ބައެއް ބޭފުޅުން ބޮޑަށް ދެކެވަޑައިގަތީ، މިފަދަ ކާމިޔާބު ސިޔާސަތުތައް ހިނގާން ފަށައިފިނަމަ، ރައްޔިތުންގެ ރުހުމާއި، ރައްޔިތުންގެ އެދުމާއި، ރައްޔިތުންގެ ލޯބި ސަރުކާރުގެ މައްޗަށް ލިބެމުން އަންނަ މިންވަރު، ދުވަހެއް ދުވަހަކަށް ބޮޑުވެގެންދާނެ ކަމަށް.

މާލިއްޔަތު ޤާނޫނުގެ ފުރަތަމަ އިޞްލާޙު ވެގެންދިޔައީ، ސަރުކާރުގެ ސިޔާސަތުތައް ތަންފީޒު ކުރަމުން މި އައި މިންވަރާއި އަދި ހަލުވިކަމާއި އަދި ކާމިޔާބު ލިބެމުން އައި އައުމަށް ހުރަހެއް ގެނައުމުގެ ހަތިޔާރެއްގެ ގޮތުގައި. މާލިއްޔަތު ޤާނޫނަށް ހުށަހެޅުނު ފުރަތަމަ އިޞްލާޙުގެ ސަބަބުން ސަރުކާރުން ދެމުން ގެންދިޔަ ކިތަންމެ ކިތަންމެ ޚިދްމަތެއް ނުދެވޭގޮތްވެ އަދި ސަރުކާރުން ހިންގަމުން ގެންދިޔަ އެތައް ޕްރޮގްރާމެއް ނުހިންގޭގޮތް މެދުވެރިވީސް. އެންމެބޮޑު އެއް ސަބަބަކީ، ޤާނޫނު ބަޔާންކޮށްފައިވާ އަދި ޤާނޫނު ބުނާ، އިޝާރާތްކުރާ ކިތަންމެ ޤާނޫނެއް ނެތިސް، އެޤާނޫނަށް ޢަމަލުކުރުމަށް ފާސްވެފައި އަދި ނިމިފައިވާކަމުން. މާލިއްޔަތު ޤާނޫނު، ރައްޔިތުންގެ މަޖިލީހުން ފުރަތަމަ ފާސްކުރުމުންވެސް އަޅުގަނޑު އަދި އެއްފަހަރު އެ ބިލާ ގުޅޭގޮތުން ވިސްނާލުމަށް ރައްޔިތުންގެ މަޖިލީހަށް އެ ބިލް ފޮނުވިން. އެހެން ނަމަވެސް، މަޖިލީހުގެ ކޮމިޓީއަކަށްވެސް ނުގެންގޮސް، އަދި ސަރުކާރުން ހުށަހެޅި މައްސަލަތަކާއި ނުކުތާތަކުގެ މައްޗަށް އެއްގޮތަކަށްވެސް ރިޢާޔަތް ކުރުމެއްނެތި، އަނެއްކާވެސް ހަމަ ބިލް އޮތްގޮތަށް މަޖިލީހުގެ ބޮޑު އަޣްލަބިއްޔަތުން ބިލް ފާސްކުރެވުނު.

ދެވަނަފަހަރަށް ބިލް ފާސްވެގެން ތަޞްދީޤު ކުރަން ބިލް އަޅުގަނޑާ ޙަވާލުވިއިރު، ލިބުނުއިރު، އަޅުގަނޑުގެ ކުރިމަތީގައި އުފެދިފައި އޮތް ސުވާލަކީ، ރާއްޖޭގެ ރައްޔިތުންގެ އިޖްތިމާޢީ ރައްކާތެރި ކަމަށާއި އަދި ރާއްޖޭގެ ތަރައްޤީއަށް ހިންގަމުން އަންނަ އެތައް ޕްރޮގްރާމަކަށް ހުއްޓުން އަންނަ ކަމަށް އަޅުގަނޑުމެންނަށް ލަފާކުރެވޭ، ފެންނަ ކަމެއްގެ ތެރެއަށް ސަރުކާރު ގެންދިޔުމަކީ، ދައުލަތުގެ އެންމެމަތީ ވެރިޔެއްގެ ޙައިޘިއްޔަތުން އަޅުގަނޑުގެ އެހެން ޒިންމާތަކާ ކިހާވަރަކަށް ގުޅިފައި އޮތް ކަމެއްތޯ؟ މި ސުވާލާއި އަދި މިދެންނެވި ވިސްނުމުގެ ރޮނގަށް އަޅުގަނޑުމެންނަށް ބާރުއަޅައިދިނުމަށް ކިތަންމެ ޤާނޫނީ ލަފައެއް އަޅުގަނޑަށް ލިބޭ. އެހެންކަމުން، މާލިއްޔަތު ޤާނޫނުގެ އިޞްލާޙު ތަޞްދީޤުނުކޮށް، އަޅުގަނޑު މަޑުކުރަމުން ގެންދިޔައީ. އެހެން ނަމަވެސް، ސުޕްރީމް ކޯޓުން އެމައްސަލައާ ގުޅޭގޮތުން، ސުޕްރީމް ކޯޓުން ޙުކުމް އިއްވެވީކީއެއް މާލިއްޔަތު ޤާނޫނާ ގުޅޭގޮތަކުންނެއް ނޫން. އެންމެ ފުރަތަމަ ޙުކުމް، ސުޕްރީމް ކޯޓުން އިއްވެވީ، ޤާނޫނެއް ތަޞްދީޤުކުރުމާ ގުޅޭގޮތުން. ސުޕްރީމް ކޯޓުން ޤާނޫނެއް ތަޞްދީޤު ކުރުމާ ގުޅޭގޮތުން އެ ޙުކުމް އެގޮތަށް އިއްވެވީމާ، ދެން ސަރުކާރުން އަވަސްވެގަތީ، އެ އިއްވެވި ޙުކުމުގެ އަލީގައި ސަރުކާރަށް ޢަމަލު ކުރެވެން ހުރީ ކޮންކޮން މަގަކުންތޯ ދެނެގަތުމަށް. އެ ވިސްނުމުގައި ސަރުކާރު އަދި އަޅުގަނޑުވެސް ވަގުތު ހޭދަކުރަމުން ދިޔައިރު، އެނގިވަޑައިގަންނަވާނެ، އަޅުގަނޑު ނޫސްވެރިންނާވެސް ބައްދަލުކޮށް ދެންނެވިން، ދެތިން ގޮތެއް އެބައޮތޭ، މިކަމުގައި އަޅުގަނޑުމެންނަށް ޢަމަލު ކުރެވިދާނެ ކަމަށް ޤާނޫނީ ލަފާ ލިބޭ. އެހެން ނަމަވެސް، އަބަދުވެސް އަޅުގަނޑު ދެކިހުރީ، ޤާނޫނަށް ބޯލެނބުމަކީ، ޤާނޫނީ ދައުލަތެއް އުފެއްދުމަކީ އަޅުގަނޑުމެންގެ އެންމެ މުހިންމު އެއް ވާޖިބު. އަދި އަޅުގަނޑުމެން އެންމެ ބޮޑަށް މަސައްކަތް ކުރަމުން ގެންދާ އެއްކަންތައް. އެހެންވީމާ، ސުޕްރީމް ކޯޓުގެ އަމުރަށް ކިޔަމަންވުމަކީ، ތަބާވުމަކީ ކޮންމެހެން ބޭނުންތެރި ކަމެއް.

އަޅުގަނޑު މާލިއްޔަތު ޤާނޫނު ތަޞްދީޤުކުރީ. އެހެން ނަމަވެސް، ބަންޑާރަ ނައިބު މައްސަލަ ސުޕްރީމް ކޯޓަށް އަނެއްކާ ހުށަހެޅުއްވީ، އެ ޤާނޫނަށް އަޅުގަނޑުމެން ޢަމަލުކުރަން ފަށައިފިނަމަ، ހަމަ ދިމާވެދާނެ ދަތިތަކުގެ މައްސަލަ. އަދި ވާހަކަތައް، ނުކުތާތައް ފާހަގަކުރައްވާ. މިއަދު މިވަނީ ސުޕްރީމް ކޯޓުން، އަޅުގަނޑު އެންމެ ފުރަތަމައިނުންވެސް މިކަމުގައި ފާހަގަކުރި ކަންކަން ފާހަގަކުރައްވައި، ސުޕްރީމް ކޯޓުން ވަކިގޮތެއް ނިމެންދެން، މާލިއްޔަތު ޤާނޫނުގެ ފުރަތަމަ އިޞްލާޙަށް ޢަމަލުކުރުން މަޑުކުރެވޭގޮތަށް ޙުކުމް އިއްވަވައިދެއްވާފައި. އެހެންވީމާ، އަޅުގަނޑު މިއަދު މި ދެކެނީ، އަޅުގަނޑުމެން މީގެކުރީގައިވެސް ހަމަ އިޖްތިމާޢީ ރައްކާތެރިކަން ހިފެހެއްޓުމަށާއި އަދި ސަރުކާރުގެ އެންމެހާ ހިންގުމަށް ގެންގުޅުނު ސިޔާސަތުތައް ތަންފީޒު ކުރަމުން ގެންދިޔަ ޕްރޮގްރާމްތައް ހުއްޓުމެއްނެތި އިރާދަކުރެއްވިއްޔާ ކުރިއަށްދާނެ ކަމަށް. އަޅުގަނޑު މިދެކެނީ، އަޅުގަނޑުމެން މި އުންމީދުކުރާ ތަރައްޤީ އަޅުގަނޑުމެންނަށް ލިބޭނެ ކަމަށް.

އަޅުގަނޑުގެ ދުޢާއަކީ، އަޅުގަނޑުމެންނަށް މިއަދަށްވުރެ އަދި މާ ފާގަތި މާދަމައެއް ލިބުން. އަޅުގަނޑުގެ ދުޢާއަކީ، އަޅުގަނޑުމެންނަށް ދެދުނިޔޭގެ ބާއްޖަވެރިކަން ލިބުން.

والحمد للّـه. والسّـلام عليـكم