بســم اللّـه الرّحمـن الرّحيــم

السّـلام عليـكم

މިއަދަކީ 10 ޑިސެމްބަރ 2010 ވީ ހުކުރު ދުވަސް. އެނގިވަޑައިގަންނަވާނެ ރޭގައިވަނީ ސްޕްރީމް ކޯޓުން ވަޒީރުންގެ ރުހުމާގުޅޭގޮތުން، ސްޕްރީމް ކޯޓަށް އެކަން ފެނިވަޑައިގަންނަވާ ގޮތް، އެބޭފުޅުންގެ ޙުކުމް އިއްވާފައި. އަޅުގަނޑު މިއަދު ދަންނަވާލަން ބޭނުން ވާހަކައަކީ، އަޅުގަނޑުމެން ރައްޔިތުންނަށް ވަޢުދުތަކެއްވެފައިވާނެ. އަދި އަޅުގަނޑުމެންނަކީ، މި ސަރުކާރުގެ އެންމެ ބޭފުޅުންނަކީ، މިދިޔަ ދިގު 30 އަހަރުވެސް އަދި ޚާއްޞަކޮށް މިދިޔަ 10 އަހަރު މި ރާއްޖޭގައި ޤާނޫނީ ދައުލަތެއް ޤާއިމުކުރުމަށް އެދި އަޑުހަރުކޮށް ވާހަކަދައްކައި، އެ މައުޟޫޢު ރާއްޖޭގެ ރައްޔިތުންގެ ކުރިމައްޗަށް ހުށަހެޅި މީހުން.

ވަޒީރުންގެ ގޮތުގައި އަޅުގަނޑު ރުހޭ، އަދި އަޅުގަނޑު އެބޭފުޅުންނާއެކު މަސައްކަތްކުރާން ބޭނުންވާ އަދި އަޅުގަނޑުގެ ނަޒަރުގައި އެކަން ކުރުމަށް އެންމެ ޤާބިލު ބޭފުޅުންނަށް ރުހުން ނުލިބުމުގެ ސަބަބުން، އެބޭފުޅުންގެ ވަޒީރުކަމުން އެބޭފުޅުން ވަކިވެވަޑައިގަންނަވަން ޖެހިވަޑައިގަންނަވާކަމަށް ސްޕްރީމް ކޯޓުން ޙުކުމް އިއްވީމާ، އަޅުގަނޑުގެ މިއަދުގެ ވާޖިބަކީ، އެ ޙުކުމަށް ތަބަޢަވެ، އަޅުގަނޑުމެން ކުރިއަށްދިޔުން.

އަޅުގަނޑު މިއަދު މިކަމުގައި ހިތްހަމަޖެހުން ލިބޭ، އަދި އަޅުގަނޑުގެ ނަޒަރުގައި އަޅުގަނޑުމެންނަށް މިކަމުގައި ލިބޭ ކިތަންމެ ޢިބްރަތެއް އެބަވޭ. އަޅުގަނޑުމެންނަށް މިއަދާ ހަމައަށް އާދެވުނުއިރު ހަމަކަށަވަރުންވެސް މިވަނީ ވެރިކަމުގެ ފަރާތުން އެއްކިބާވެފައިވާ މުސްތަޤިއްލު ސްޕްރީމް ކޯޓެއް އުފެއްދިފައި. އެއީ، އަޅުގަނޑުމެންނަށް ލިބުނު ކާމިޔާބީއެއް. އެއީ، އަޅުގަނޑުމެންގެ މަސައްކަތުގެ ވަރަށްބޮޑު ޙިއްޞާއެއް. އަދި އަޅުގަނޑުމެން މިއަދު އެކަމާ އުފާވާންޖެހޭނޭ ކަމެއް. މިއަދަކީ، ބައިނަލްއަޤްވާމީ އިންސާނީ ޙައްޤުތަކުގެ ދުވަސް. މި ދުވަހުގައި އަޅުގަނޑުމެން މިކަމަށް އިޙްތިރާމްކޮށް، ކޯޓު އެ ދެއްކި މަގުން ހިނގުން އެއީ، އަޅުގަނޑުމެން ހުރިހާ ދިވެހި ރައްޔިތުންގެ ވާޖިބެއް.

އެނގިވަޑައިގަންނަވާނެ، އަޅުގަނޑު ތިޔަބޭފުޅުންނާ މިއަދު ބައްދަލުވާއިރު، 10 ޑިސެމްބަރަކީ އިރުވައިގެ ފުރަތަމަ ނަކަތް ފެށޭ ދުވަސް. މިދުވަސް ފެށޭއިރުގައި އަޅުގަނޑުމެން ފާހަގަކުރަން ރާއްޖޭގައި މިފަށަނީ ވަރަށް މުހިންމު ދެދުވަހެއް. އެއީ، މަސްވެރިންގެ ދުވަހާއި އަދި ހަމައެހެންމެ، ބައިނަލްއަޤްވާމީ އިންސާނީ ޙައްޤުތަކުގެ ދުވަސް.

މަސްވެރިންގެ ދުވަސް އަޅުގަނޑުމެން މިފަހަރު ފާހަގަކުރާއިރުގައި، ވަރަށް ރަނގަޅު ކާމިޔާބެއްވެސް އަޅުގަނޑުމެންނަށް ލިބިފައި އެބަވޭ. އެއީ، ޔޫރަޕް އިއްތިހާދުން މިހާރު މިވަނީ ރާއްޖޭގެ މަހުގެ ޑިއުޓީ، އެ އިއްތިހާދަށް އެތެރެކުރާ ރާއްޖޭގެ މަހުގެ ޑިއުޓީ، ކުރިއަށް މިއޮތް ތިން އަހަރުވެސް ކުޑަކޮށް ބާއްވާނެ ކަމަށް އަޅުގަނޑުމެންނަށް ޚަބަރު ކުރައްވާފައި. މިކަން އަޅުގަނޑުމެންނަށް މިގޮތަށް ވަކާލާތުކޮށް އަދި ޔޫރަޕްގެ އިއްތިހާދާ ވާހަކަ ދައްކަން ޖެހުނީ ރާއްޖެ އެންމެ ފަޤީރު ޤައުމުތަކުގެ ލިސްޓުން ނެއްޓި، ރާއްޖެއަކީ މެދު އާމްދަނީއެއްގެ ޤައުމަކަށް ބަދަލުވެގެންދާތީވެ، އެކަމާ ގުޅިގެން ރާއްޖެއަށް ހުރި ބައެއް ޢިނާޔަތްތައް، އެހެން ޤައުމުތަކުން ދީފައި ހުރި، އެ ޢިނާޔަތްތައްވެސް ބަދަލުވެގެންދޭ. އެހެންވީމާ، އެ ޢިނާޔަތްތައް ބަދަލުކުރުމުގައި އަދި ދުވަސްކޮޅެއް ދިނުމަށް ސަރުކާރުން އެދި ވާހަކަ ދެއްކުމުން، ޔޫރަޕްގެ އިއްތިހާދުން މިހާރުވަނީ އެކަމަށް އެއްބަސްވެފައި.

ރާއްޖޭގެ މަސްވެރިކަމަކީ ޒަމާނުއްސުރެ ފަށައިގެން ވަރަށް ބޮޑަށް ކަޅުބިލަމަހަށް ނުވަތަ ކަނޑުމަހަށް ބަރޯސާ ކުރެވިފައި އޮތް މަސްވެރިކަމެއް. އަޅުގަނޑު މިދަންނަވަނީ، ފަރުމަސް ލޮނުއަޅައިގެން ވަރަށް ކުރިއްސުރެ ފަށައިގެން ރާއްޖެއިން ވިޔަފާރީގެ ގޮތުގައި ބޭރުނުކުރާ ވާހަކައެއް ނޫން. އެހެން ނަމަވެސް، އެނގިވަޑައިގަންނަވާނެ މައިގަނޑު ގޮތެއްގައި އަޅުގަނޑުމެންގެ މަސްވެރިކަން ބިނާވެފައި މިއޮންނަނީ ކަނޑުމަހަށް.

ރާއްޖެއަށް މަސްބާނާ މިންވަރު، އަހަރުން އަހަރަށް ދަށްވަމުން އަންނަތާ މިހާރު ދުވަސްތަކެއްވެއްޖެ. މި ދަށްވަމުންދާ ދިޔުން ބަދަލުކުރުން އެއީ، އަޅުގަނޑުމެން ރާއްޖެއަށް ކުރެވޭން އޮތް ކަމެއްތޯ ނުވަތަ ނޫންތޯ މިއީ މިހާރު އަޅުގަނޑުމެން ސުވާލު އުފެދޭ ކަމެއް. ރާއްޖޭގައި ބާނާ މަސް މި މަދުވެގެން އަންނަ އައުމާ ގުޅިފައި ހުންނަ ކަމަށް މާހިރުން އަޅުގަނޑުމެންނަށް ލަފާދެނީ، އަޅުގަނޑުމެންނަށް މާހިރުން ޚަބަރުކުރަނީ އެއީ އިންޑިޔާ ކަނޑުގައިވެސް އަދި މުޅި ދުނިޔޭގައިވެސް ދާއަޅައިގެންނާއި އެހެން ގޮތްގޮތުން ކަނޑުމަސް، ބާނާ ހިފާ ޢަދަދު ގިނަކަމުން. ޚަބަރު ލިބިފައި މިއޮންނަނީ، އިންޑިޔާ ކަނޑުގެ ދެމެހެއްޓެނިވި ގޮތުގައި އަހަރެއްގެ މައްޗަށް ބޭނޭނެ މަހުގެ މުޅި ޖުމްލަ ޢަދަދަކީ، ހަތްލައްކައާއި އަށްލައްކަ ޓަނާ ދެމެދުގެ ޢަދަދެއް ކަމަށް. އޭގެތެރެއިން ރާއްޖެއިން ވަރަށް ރަނގަޅަށް މަސްބާނާ އަހަރެއްގައި އެއްލައްކަ ވިހިހާސް ޓަނު މަސް ބާނާފައި އެބަހުރި. އެހެން ނަމަވެސް، މިދިޔަ އަހަރު ނިމުނުއިރުގައިވެސް، އަޅުގަނޑުމެންނަށް ބޭނިފައި އޮތް މި މަސްކޮޅު ވަރަށްމަދު. އަދި މިއަހަރު ނިމޭއިރުގައި އަޅުގަނޑުމެންނަށް ހަތްދިހަހާސް، އަށްޑިހަހާސް ޓަނު މަސް ބޭނޭނެކަމާމެދު އަޅުގަނޑުމެންނަށް ޝައްކު އުފެދޭ.

މިކަންކަން މިހެން ހުރުމާއެކުގައި ރާއްޖޭގެ ދުރު މުސްތަޤްބަލަށް އަޅުގަނޑުމެން މިވަގުތު ވިސްނުމަކީ ވަރަށް މުހިންމު ކަމެއް. މި ވިސްނުމުގެ ތެރެއިން އަޅުގަނޑުމެންނަށް ގެނެވެންހުރި ބަދަލުތައް އަޅުގަނޑުމެން މަސްވެރިކަމުގެ ތެރެއަށް އެބަ ގެންނާންޖެހޭ. ސަރުކާރަށް ފެންނަ ފެނުމުގައި، މިހާރު ރާއްޖޭގެ ކަނޑުމަހުގެ ރޯދި ލިބިގަތުމުގެ އިތުރުން، ރާއްޖޭގައި ދެން ލިބެންހުރި އެހެންވެސް ކަނޑުގެ ރޯދިތައް ބޭނުންކުރުމަކީ ވަރަށް މުހިންމު ކަމެއް. ޚާއްޞަ ގޮތެއްގައި، ފަޅާއި، ފަރާއި، ވިލާ، މިތަންތަނުގައި އެހުރި ދިރުން، އެތަންތަނުގައި އެހުރި ޤުދްރަތީ މުއްސަނދިކަން އަޅުގަނޑުމެންނަށް ބޭނުންކުރެވި، އެ މުއްސަނދިކަމުގެ ނަފާ، އަޅުގަނޑުމެން ރާއްޖޭގެ ރައްޔިތުންނަށް ހޯދުމަކީ، އަޅުގަނޑަށް ފެންނަ ފެނުމުގައި މިވަގުތު ސަރުކާރުން ކުރާންޖެހޭ ވަރަށް މުހިންމު ކަމެއް.

މިގޮތުން، ރާއްޖޭގައި މިދިޔަ އަހަރުގެ ތެރޭގައި، ވަރަށްގިނަ މިދެންނެވި ފަޅުގެ މުއްސަނދިކަން ނުވަތަ ފަރުގެ މުއްސަނދިކަން ބޭނުންކޮށްގެން އަޅުގަނޑުމެންނަށް އެއިން ފައިދާއެއް ހޯދޭނެ ބާވަތުގެ ބައެއް ޕްރޮޖެކްޓްތައް ވަނީ ފެށިފައި. އެގޮތުން، ސަރުކާރުން މިދެކެނީ ހުއިފިލަނޑާ ރާއްޖެއިން ބޭރުކުރާ ޢަދަދު، 2011 ވަނަ އަހަރުގެ ތެރޭގައި، 2009 ވަނަ އަހަރަށްވުރެވެސް އަދި 2010 ވަނަ އަހަރަށްވުރެވެސް ތިންގުނަ، ހަތަރުގުނަ އިތުރުވެގެންދާނެ ކަމަށް. 2008 ވަނަ އަހަރު، މި ސަރުކާރުގެ ވަރަށްކުރީކޮޅުގައި، ސަރުކާރުންވަނީ މިދެންނެވި ކަނޑުމަހުގެ ދަތިކަން އިޙްސާސް ކުރެވެމުން އަންނާތީވެ، އަލަށް މިހުޅުވާލެވޭ ހުއިފިލަނޑާ، މިބާވަތުގެ އެކިއެކި ކަނޑުގެ މުއްސަނދިކަން ލިބިގަތުމުގެ ޕްރޮގްރާމްތައް ފެށިފައި. 2008 ވަނަ އަހަރު ރާއްޖޭގެ ބައެއް ހިސާބުތަކުގައި، ހުއިފިލަނޑާގެ ފަނި އާލާކުރެވިފައިވޭ. އަދި އެ ފަނި ރާއްޖޭގެ ބައެއް ފަޅުފަޅާއި، ކުޅިކުޅީގައި މިހާރު ބޮޑެތިވެ، ހުއިފިލަނޑާއަށްވެފައި އެބަހުރި. އަޅުގަނޑު ދާދި އިހަކަށްދުވަހަކު މާޅެންދުއަށް ދިޔައިރު، މާޅެންދޫ ކުޅީގައި ވަރަށްގިނަ ޢަދަދަކަށް ހުއިފިލަނޑާ މިހާރު ލިބެން އެބަހުރި. އަޅުގަނޑުމެން މިދެކެނީ، މިހުރިހާ ހުއިފިލަނޑާއެއް، 2011 ވަނަ އަހަރުގެ ތެރޭގައި އަޅުގަނޑުމެންނަށް އިރާދަކުރައްވައިގެން އެކްސްޕޯޓް ކުރެވޭނެ ކަމަށް. އެކްސްޕޯޓް ކުރެވި، އޭގެ ފައިސާވެސް ރާއްޖެއަށް ވަންނާނެ ކަމަށް. އަޅުގަނޑުމެންނޭ އަޅުގަނޑު މިދަންނަވަނީ، ސަރުކާރުން މިމަސައްކަތްތަކެއް ސީދާ ގޮތުގައި ނުހިންގަން. އެނގިވަޑައިގަންނަވާނެ، އަޅުގަނޑުމެންގެ ސަރުކާރެއް ނުދެކޭ، ސަރުކާރު ވިޔަފާރިކުރުން އެއީ ބުއްދިވެރި ކަމެއްގެ ގޮތުގައެއް. އެހެންވީމާ، ސަރުކާރުން އަބަދުވެސް މަސައްކަތް ކުރަމުން މިގެންދަނީ، އަމިއްލަ ފަރާތްތަކަށް، މިފަދަ ވިޔަފާރިތައް، މިފަދަ އުފެއްދުންތަކުގެ ތެރެއަށް ވަދެވި، އެ އުފެއްދުންތަކުން ލިބެން ހުންނާނެ ނަފާ، ލިބެން ހުންނާނެ ފައިދާ، އެ އަމިއްލަ ފަރާތްތަކަށް ލިބުނީމާ، އޭގެ ހެޔޮ އަސަރު، އޭގެ ހެޔޮ ބަދަލު، މުޅި ރާއްޖޭގެ ހުރިހާ ރައްޔިތުންނަށްވެސް ފޯރައިގެންދޭ.

2011 ވަނަ އަހަރުގެ ތެރޭގައި، އެކުއަރކަލްޗަރގެ ނުވަތަ މެރިކަލްޗަރގެ އެކިއެކި ޕްރޮޖެކްޓްތަކަށް ސަރުކާރުންވީ މިންވަރަކުން އެހީތެރިކަންދޭނެ. އަދި މިހާރު ސަރުކާރުން މިވަނީ ރާއްޖޭގެ ރަށްރަށް، ގޮޔަށް ނުވަތަ ވަރުވާއަށް ހަމަ އެ ލިޔުއްވާފައި ހުންނަ އުޞޫލުން ރާއްޖޭގެ ފަޅުފަޅާއި ފަރުފަރުވެސް ގޮޔަށް، ވަރުވާއަށް ލިޔުއްވޭނެ އުޞޫލެއް ޤާއިމްކޮށް، އެ އުޞޫލުގެ ދަށުން ފަޅާއި ފަރުވެސް، ރާއްޖޭގެ އެކިއެކި ވިޔަފާރީގެ ބޭނުންތަކަށް އަދި ޙިމާޔަތް ކުރުމުގެ ބޭނުންތަކަށާއި އަދި ބެލެހެއްޓުމުގެ ބޭނުންތަކަށް އެކިއެކި ފަރާތްތަކާ ޙަވާލުކުރުން.

އަޅުގަނޑު ދެކެނީ އަޅުގަނޑުމެންނަށް މިމަގުގައި ހިފެހެއްޓިއްޖެނަމަ، އަދި މިމަގުގައި އަޅުގަނޑުމެން ކުރިއަށް ދިޔައީމާ، އަޅުގަނޑުމެންގެ ރާއްޖެއަށް ކަނޑުމަސްވެރިކަން ދަށްވެގެން މިލިބޭ ގެއްލުން އިސާހިތަކު ފޫބައްދަން ފެށިދާނެއޭ. އަޅުގަނޑު އަންދާޒާ ކުރަން، 2012 ވަނަ އަހަރު މަސްވެރިކަން ދަށްވެގެން ލިބޭ ގެއްލުން އިރާދަކުރެއްވިއްޔާ، އެކްއަރކަލްޗަރއިން ނުވަތަ މެރިކަލްޗަރއިން ފޫބެދިގެންދާނޭ.

ޑިސެމްބަރ 10 ވަނަ ދުވަހަކީ މަސްވެރިންގެ ދުވަހުގެ އިތުރުން، ބައިނަލްއަޤްވާމީ އިންސާނީ ޙައްޤުތަކުގެ ދުވަސް. އެނގިވަޑައިގަންނަވާނެ، ކޮންމެ އިންސާނަކީވެސް އަޅުގަނޑުމެންގެ މާތްވެގެންވާ އިސްލާމްދީނާއި އަދި އިންސާނީ ތަޖްރިބާގައި އަޅުގަނޑުމެން ހޭދަކޮށްފައިމިވާ ހުރިހާ ދުވަހެއް ދައްކައިދީފައިވާ ޙަޤީޤަތްތަކަށް ބަލާއިރުގައި، އިންސާނާއަކީ އެންމެ ޙުރްމަތްތެރިކަން، އެންމެބޮޑު ޤަދަރާއި އެންމެބޮޑު ޢިއްޒަތް ލިބިގެންވާ މީހާ. ލިބިގެންވާ ދިރޭ ފުރާނަ. އިންސާނާގެ ދިރުމަށް ނުވަތަ އިންސާނާއަށް އެއްވެސް ބާވަތެއްގެ ނުޙައްޤު އަނިޔާއެއް ލިބުމަކީ މިހާރު އަޅުގަނޑުމެންގެ ރާއްޖޭގެ ޤާނޫނުވެސް އަދި ރާއްޖޭގެ ރޫޙުވެސް އަދި މުޅި ދުނިޔެވެސް ކުޑަކޮށްވެސް ޤަބޫލުކުރާނެ ކަމެއް ނޫން. އަދި އަޅުގަނޑުމެން އެކަން ބަލަހައްޓައިގެން ތިބޭނެ ކަމެއްވެސް ނޫން. ބޮޑެތި އަނިޔާތައް ރާއްޖޭގެ އެތައް ރައްޔިތުންނަކަށް މިވޭތުވެދިޔަ ތަނުގައި މިވަނީ ލިބިފައި. ރާއްޖޭގެ ޖަލުތަކުގައި މީހުން މަރުވި ޢަދަދު މަދެއް ނޫން. ރާއްޖޭގެ ޖަލުތަކުގައި ރާއްޖޭގެ ރައްޔިތުންނަށް އަނިޔާ ލިބުނު އަދަދުވެސް މަދެއް ނޫން.

އަޅުގަނޑު މިހެން ދަންނަވާއިރުގައި، މާދަމާވެސް ގާމާދޫގައި ހުރި ޖަލުގައި ނުވަތަ އެހެންވެސް ތަނެއްގައި ހުރި ޖަލުގައި، އެތަނުގައި ފޯރިއަށް ހުރި މީހަކު ޤަޢިދީއެއްގެ ގަޔަށް ބޮލަށް ނާރާނެ ކަމަކަށް އަޅުގަނޑު ދަންނަވަނީކީއެއް ނޫން. އެހެން ނަމަވެސް، އަޅުގަނޑު ޔަޤީންކޮށް އަރުވަން ބޭނުން، ސަރުކާރުން އެދިގެން، ބުނެގެން، އުޞޫލެއްގެ ދަށުން، ސަރުކާރުގެ ސިޔާސަތެއްގެ ދަށުން އެއްވެސް މީހެއްގެ ޙައްޤަކަށް އިރާދަކުރެއްވިއްޔާ މި ސަރުކާރު އަރައެއްނުގަންނާނެ. އަޅުގަނޑުމެން ސަރުކާރު ހިންގުމާ ޙަވާލުވެ މިތިބީ، އެނގިވަޑައިގަންނަވާނެ، ވަރަށްފުޅާ ގޮތެއްގައި، ވަރަށް ފާޅުކަންބޮޑު ގޮތެއްގައި އިންސާނީ ޙައްޤުތައް ރާއްޖޭގައި ގެއްލިފައިވާ މިންވަރު ދައްކައިދެމުން. ފާހަގަކޮށްދެމުން. އެކަމުގައި އަޑު އުފުލަމުން އަޅުގަނޑުމެން އުފެއްދި ސިޔާސީ ޙަރަކާތެއްގެ ތެރެއިން. މިއަދު އަޅުގަނޑުމެންނަށް ސަރުކާރު ހިންގުމާ ޙަވާލުވެތިބެވޭއިރު، އަޅުގަނޑުމެން އަބަދުވެސް ދެކެންޖެހޭނެ، އިއްޔެގައި އަޅުގަނޑުމެން ދެއްކި ވާހަކައާއި، އިއްޔެގައި އަޅުގަނޑުމެން ކުރި އުންމީދު، މިއަދު އެއީ ޙަޤީޤަތަކަށް ހެދުން އެއީ އަޅުގަނޑުމެންނަށް މިއަދު ލިބިފައި އޮތް ފުރްޞަތެއްކަން. ރާއްޖޭގެ ހުރިހާ ރައްޔިތުންނަށްވެސް ފުރިހަމަ ޔަޤީންކަން އޮންނާންޖެހޭނެ، އަދި އަޅުގަނޑު ދައުލަތުގެ އެންމެމަތީ ވެރިޔެއްގެ ގޮތުގައި ހުރިހާ ހިނދަކު، ރާއްޖޭގެ ރައްޔިތަކަށް ނުޙައްޤު މިދެންނެވި ބާވަތުގެ ބޮޑެތި ޖިސްމާނީ އަނިޔާ، އުޞޫލެއްގެ ގޮތުން ނުލިބޭނެ ކަމުގެ ޔަޤީންކަން އަޅުގަނޑު އަރުވަން.

އަޅުގަނޑުގެ ދުޢާއަކީ، އަޅުގަނޑުމެންނަށް މިއަދަށްވުރެ އަދި މާ ފާގަތި މާދަމައެއް ލިބުން. އަޅުގަނޑުގެ ދުޢާއަކީ، އަޅުގަނޑުމެންނަށް ދެދުނިޔޭގެ ބާއްޖަވެރިކަން ލިބުން.

والحمد للّـه. والسّـلام عليـكم

______________________