بســم اللّـه الرّحمـن الرّحيــم

السّـلام عليـكم

މިއަދަކީ 3 ޑިސެމްބަރ 2010 ވީ ހުކުރު ދުވަސް. އަޅުގަނޑު މިއަދު ތިޔަބޭފުޅުންނާ ބައްދަލުވާއިރު، އަޅުގަނޑު މިހުރީ ވިލާތުގައި. އަޅުގަނޑު މިހުރީ އޮކްސްފޯޑްގައި. އަޅުގަނޑު މިތަނަށް މިއައީ އެނގިވަޑައިގަންނަވާނެ، މިތަނުގައި މި ހުންނަ މަތީ ތަޢްލީމީ މަރުކަޒް، ޔުނިވަރސިޓީގައި، ކޮންމެ އަހަރަކުވެސް މި މޫސުމުގައި، މި ދުވަސްވަރުގައި ދުނިޔޭގެ އެކިއެކި ކަންކޮޅުތަކުން އެކިއެކި ތަޖުރިބާތައް ލިބިފައިވާ ބޭފުޅުން ވަޑައިގެން ތަފާތު މައުޟޫޢުތަކަށް ބަޙުޘްކޮށް މަޝްވަރާކޮށް ވާހަކަދެއްކުމަކީ، މިޔުނިވަރސިޓީގެ އާދައެއް. އެނގިވަޑައިގަންނަވާނެ، އަޒްހަރު ޔުނިވަރސިޓީގެ ފަހުން މުޅި ދުނިޔޭގައި އެންމެ ދުވަސްވީ އެއް ޔުނިވަރސިޓީއަކީ އޮކްސްފޯޑް ޔުނިވަރސިޓީ. މިތަނުގައި އަޅުގަނޑު ޚާއްޞަ ގޮތެއްގައި ވާހަކަ ދެއްކީ، މޫސުމަށް އަންނަ ބަދަލާ ގުޅިގެން ޖަޒީރާ ޤައުމުތަކަށް ދިމާވާ މައްސަލަތަކާއި އަދި މި މައްސަލަތަކަށް ޙައްލެއް ހޯދުމަށްޓަކައި ދުނިޔޭގައި ތަނަވަސް ޤައުމުތައް ޢަމަލު ކުރަންވީ ގޮތްތަކާއި، އަދި ތަނަވަސް ނޫންނަމަވެސް ތަރައްޤީވަމުން އަންނަ ބޮޑެތި ޤައުމުތައް ޢަމަލު ކުރަންވީ ގޮތްތަކާ ގުޅޭގޮތުން އަޅުގަނޑުމެން ދެކޭ ނުކުތާތައް އަޅުގަނޑު މިތަނުގައި ފާހަގަކުރީ.

އަޅުގަނޑުމެން މިގޮތަށް ފާހަގަކުރާ ނުކުތާތަކުގެ ސަބަބުން ނުވަތަ އަޅުގަނޑުމެން އަލިއަޅުވާލާ މައުޟޫޢުތަކުގެ ސަބަބުން އަޅުގަނޑު ދެކެނީ، ރާއްޖެއަށާއި އަދި ރާއްޖެފަދަ ހާލުގައިމިވާ އެހެން ޤައުމުތަކަށް ކިތަންމެ ފައިދާއެއް ވަމުންދެއޭ. އެނގިވަޑައިގަންނަވާނެ، ދާދިފަހުން ވަރލްޑް ބޭންކުންވަނީ ރާއްޖެއަށް އަނެއްކާވެސް އިތުރު ތިރީސް މިލިއަން ޑޮލަރު ދީފައި. އޭގެ ކުރީގައި މިއަހަރުގެ ތެރޭގައި ހަމަ ޔޫރަޕިއަން ޔޫނިއަނުންވެސްވަނީ ދިހަ މިލިއަން ޑޮލަރުގެ އެހީއެއް އަޅުގަނޑުމެންނަށް ދީފައި. އަޅުގަނޑުމެން މިއެހީތައް ބޭނުން ކުރަމުން ގެންދާންވީ، ރާއްޖޭގެ ހަކަތައިގެ ކަންކަން ދެމެހެއްޓެނިވި ގޮތެއްގައި ކުރިއަށް ގެންދެވޭނެ އިންތިޒާމުތަކެއް ރޭވުމަށް. އަޅުގަނޑުމެންނަށް ލިބޭ ހުރިހާ އެހީއެއްވެސް، އަޅުގަނޑުމެންނަށް ލިބޭ ހުރިހާ މަދަދެއްވެސް، އަޅުގަނޑުމެން ބޭނުން ކުރުން އެންމެ އައުލާކަން ބޮޑުވާނީ ހަމަ ސީދާ އަޅުގަނޑުމެންގެ ރައްޔިތުންނަށް އޭގެ ފައިދާވާ އުޞޫލަކުން، އޭގެ ފައިދާވާ ގޮތަކުން.

އަޅުގަނޑު އޮކްސްފޯޑްގައި މިހޭދަކުރާ ދުވަސްކޮޅު އަދި އިތުރު އެހެން ކަމެއް އަޅުގަނޑުމެން އެބަ ހިމަނާލަން. އޭގެ ތެރޭގައި، ޚާއްޞަ ގޮތެއްގައި ޒަމާނުއްސުރެ ފަށައިގެން މިދިޔަ ދައުރުގައިވެސް، ރައީސުލްޖުމްހޫރިއްޔާގެ ސްކޮލަރޝިޕްގެ ގޮތުގައި ކޮންމެ އަހަރަކު މިއަންނަނީ ސްކޮލަރޝިޕް ދެމުން. އަޅުގަނޑު މި ޔުނިވަރސިޓީގެ ބޭފުޅުންނާ ވާހަކަދައްކައި، ކޮންމެ އަހަރަކުވެސް މީގެފަހުން ރައީސުލްޖުމްހޫރިއްޔާގެ ސްކޮލަރޝިޕަކީ، އޮކްސްފަރޑް ޔުނިވަރސިޓީއަށް ދެވޭ ސްކޮލަރޝިޕްއެއްގެ ގޮތުގައި ހަމަޖެހިގެން އިރާދަކުރެއްވިއްޔާދާނެ. އަދި ހަމައެއާއެކީގައި އެ ސްކޮލަރޝިޕަށް ވަކި ކުއްޖަކު ކަނޑައެޅުމުގައި، ހޮވުމުގައި، ކަންތައްތައް ގެންދާނީ ހަމަ ސީދާ މި ޔުނިވަރސިޓީގެ ފަރާތުން. އެހެންވީމާ، އަޅުގަނޑު ދެކެނީ އޭގެތެރޭގައި އިންސާފަށްވެސް އަދި އޭގެތެރޭގައި ސީދާ އެންމެ ޙައްޤު ކުއްޖާއަށް މި ސްކޮލަރޝިޕް ފޯރުކޮށްދިނުމަށް މަގުފަހިވެގެންދާނެ ކަމަށް.

ހަމަ މީގެ އިތުރުން، އަޅުގަނޑުމެން މިރަށުގައި ހޭދަކުރާ މިދުވަސްކޮޅު ރާއްޖެއަށް އެކި ބާވަތްބާވަތުގެ އިންވެސްޓްމަންޓްތައް ފަހިކުރުމަށްޓަކައި ތަފާތު އެކިއެކި ބޭބޭފުޅުންނާއި، ކުންފުނިތަކާއި، ފަރާތްތަކާ މަޝްވަރާތައް ކުރެވޭނެ. އަދި މިތަނުގެ ސަރުކާރުގެ އިސްވެރިންނާ އަޅުގަނޑުމެންނާ ބައްދަލުވާނެ. އަޅުގަނޑު، އެބައްދަލުވުންތަކުގައިވެސް ދިވެހިރާއްޖޭގެ ކަންކަމާއި ދިވެހިރާއްޖޭގެ ތަރައްޤީއަށް އެޅިފައިވާ ހުރަސްތަކާއި އަދި ދިވެހިރާއްޖެ ތަރައްޤީ ކުރުމަށް ދެން އިތުރަށް ބޭނުންވާ ކަންކަމާ ގުޅޭގޮތުން އަޅުގަނޑު މަޝްވަރާކޮށް ހަދާނަން. އަޅުގަނޑު އަބަދުވެސް ދަންނަވާލަން ބޭނުންވާ ވާހަކައަކީ،

އަޅުގަނޑުމެންގެ އަމާޒު މީޒާންވެފައި ހުންނަންޖެހޭނީ ތަރއްޤީއަށޭ. އަޅުގަނޑުމެންނަށް މިއަދު މިލިބޭ އެއްޗަކަށްވުރެ ރަނގަޅު އެއްޗެއް މާދަމާ ލިބޭނެގޮތެއް އަޅުގަނޑުމެން އަބަދުވެސް ވިސްނާންޖެހޭނެއޭ. އަޅުގަނޑުމެންގެ އެންމެބޮޑު މަޤްޞަދަކަށް ވާންޖެހޭނީ، އަޅުގަނޑުމެން ކޮންމެ މީހަކީ، ތިމަންނާގެ އަމިއްލަ ދެފައި މައްޗަށް ތެދުވެ، ތިމަންނާގެ ހަލާލު މަސައްކަތުން ތިމަންނާއާއި ތިމަންނާގެ އަނބިދަރީން ބަލަހައްޓާ އުޅޭ މީހެއްގެ ގޮތުގައި ތިމަންނާ ވުމޭ. އެއްވެސް މީހަކީ، ދައުލަތަށް، ސަރުކާރަށް ނުވަތަ އެހެންވެސް ކޮންމެވެސް ފަރާތަކަށް ބަރޯސާ ކޮށްގެން ނޫން ގޮތަކަށް ތިމަންނާގެ ޙަޔާތް ރޭވެން ނެތް މީހަކަށް ވަނީވިއްޔާ އެއީ، އަޅުގަނޑަށް ފެންނަ ފެނުމުގައި އިންސާނީ އުނިކަމެއް. އެކަމުން އަޅުގަނޑުމެން ދިވެހިން ސަލާމަތްވުމަކީ އަދި ސަލާމަތްވެވޭނޭ އިންތިޒާމުތަކެއް ރޭވުމަކީ އަޅުގަނޑުގެ ވަރަށްބޮޑު އަމާޒެއް.

މިދިޔަ އަހަރު އެނގިވަޑައިގަންނަވާނެ އަޅުގަނޑުމެން ވަރަށްބޮޑަށް މަސައްކަތް ކުރަމުން ގެންދިޔައީ ސަރުކާރު ކުޑަކުރުމަށް. ސަރުކާރުގެ ޚަރަދުތައް އަޅުގަނޑުމެންނަށް ލިބޭ އާމްދަނީގެ ތެރޭގައި ހިފެހެއްޓުމަށް. މިކަން މިހެން ނުވެދާ ސަބަބެއް ކަމުގައި އަޅުގަނޑުމެންނަށް އޭރުގައިވެސް އަދި މިހާރުވެސް ފެންނަނީ ސަރުކާރުގެ މުވައްޒަފުންގެ ޢަދަދު ބޮޑުކަމަށް. އެހެންނަމަވެސް، އަޅުގަނޑެއް މިއަހަރު ސަރުކާރު މުވައްޒަފުން މަދުކުރާ ވާހަކައެއް ނުދައްކާނަން. އަޅުގަނޑު މިއަހަރު އަމާޒު ކުރަން ބޭނުމީ، މަސައްކަތް ކުރަން ބޭނުމީ، ވަޒީފާ އިތުރު ކުރަން މަސައްކަތް ކުރުމަށް. އަމިއްލަ، ޕްރައިވެޓް ސެކްޓަރގެ ވަޒީފާތައް އިތުރުކުރުމަށް މަގުފަހިވާ ގޮތަށް މިފަހަރުގެ ބަޖެޓުގައި ޖާގަލިބިފައި އޮންނާނެ. އަމިއްލަ ފަރާތްތަކަށް ލޯނު ފަހިވާ ގޮތްތައް. އެހެންވީމާ، އެ ލޯނުތައް މެދުވެރި ކޮށްގެން އިންޑަސްޓްރީގެ އެކިއެކި ޞިނާޢަތްތައް ކުރިއަރުވައި އަޅުގަނޑުމެންގެ ޢާންމު މީހުންނަށް ވަޒީފާގެ ފުރުސަތުތައް ހޯދައިދިނުމަކީ، މިފަހަރު ރައްޔިތުންގެ މަޖިލީހަށް ސަރުކާރުން ހުށަހަޅާ ބަޖެޓުގެ އެންމެބޮޑު އަމާޒު. އަޅުގަނޑުމެންގެ ސީދާ އަމާޒަކީ، ކުރިއަށް މިއޮތް 2011ވަނަ އަހަރުގެ ތެރޭގައި މަދުވެގެން އަދި އިތުރު ރަނގަޅު ހަރުދަނާ ވިހިހާސް ވަޒީފާ އުފެއްދުން.

އަޅުގަނޑުގެ ދުޢާއަކީ، އަޅުގަނޑުމެންނަށް މިއަދަށްވުރެ އަދި މާ ފާގަތި މާދަމައެއް ލިބުން. އަޅުގަނޑުގެ ދުޢާއަކީ، އަޅުގަނޑުމެންނަށް ދެދުނިޔޭގެ ބާއްޖަވެރިކަން ލިބުން.

والحمد للّـه. والسّـلام عليـكم

______________________