بســم اللّـه الرّحمـن الرّحيــم

السّـلام عليـكم

މިއަދަކީ 19 ނޮވެމްބަރ 2010 ވީ ހުކުރު ދުވަސް. މިއަދު އަޅުގަނޑު ތިޔަބޭފުޅުންނާ ބައްދަލުވާއިރު، އަޅުގަނޑު މިހުރީ ސްރީލަންކާގެ ކޮޅުނބުގައި، މިދަތުރަކީ، އެނގިވަޑައިގަންނަވާނެ، ސްރީލަންކާގެ ރައީސް ކަމަށް މަހިންދަ ރާޖަޕަކްސަ އިންތިޚާބުވުމާ ގުޅިގެން، އެބޭފުޅާ ރަސްމީކޮށް، ރައީސްކަމުގެ ހުވާކުރުމާ ގުޅޭގޮތުން އޮތް ރަސްމީ ޖަލްސާ، ބައްދަލުވުން. އަޅުގަނޑުމެން ދިވެހި ސަރުކާރާއި އަދި ސްރީލަންކާގެ ރައްޔިތުންނާއި، އަޅުގަނޑުމެން ރާއްޖޭގެ ރައްޔިތުންނާ މިއޮންނަ ބޮޑު ގުޅުމާއި، އެކުވެރިވެފައިވާ މިންވަރާއި އަދި މީގެއިތުރުން، ވިޔަފާރީގެ އެކިއެކި މުޢާމަލާތްތައް ކުރެވޭ ދަރަޖައާ، މިއެންމެހާ ކަންކަމަށް ބަލައި، އަޅުގަނޑުމެންގެ ދެޤައުމަކީ އެއްވެސް ހާލެއްގައި ވަކިވެވޭނޭ ދެޤައުމެއް ނޫން. މިދަތުރުގައި، އިތުރަށް އަޅުގަނޑު ވިޔަފާރީގެ ގުޅުން، ސްރީލަންކާ ސަރުކާރާ އެކުގައި ބަދަހިކުރުމަށް މަސައްކަތް ކުރާނަން. މީގެތެރޭގައި، ޚާއްޞަކޮށް، ފައިސާގެ މުޢާމަލާތް ހިންގުމާ ގުޅޭގޮތުން އެއްބަސްވުމެއްވުން ހިމެނޭ.

އެނގިވަޑައިގަންނަވާނެ، މިއަދަކީ ކުޑަކުދިންނަށް ކުރެވޭ ހުރިހާ ބާވަތެއްގެ އަނިޔާ ހުއްޓުވުމަށް މުޅި ދުނިޔޭގައި މަސައްކަތްކުރާ ދުވަސް. އަދި މާދަމައަކީ ބައިނަލްއަޤްވާމީ ކުޑަކުދިންގެ ދުވަސް. ރާއްޖޭގައިވެސް ކުޑަކުދިންނަށް ކުރެވޭ އެކިބާވަތުގެ އަނިޔާއާއި، ކުޑަކުދިންނާމެދު އިހުމާލުވުމުގެ މައްސަލަތައްދަނީ އިތުރުވަމުން. މިއަދާއި މާދަމައަކީ، ކުޑަކުދިންނަށް ކުރެވޭ ހުރިހާ ބާވަތެއްގެ އަނިޔާއަކާއި، އެކުދިންގެ ޙައްޤުތަކާމެދުވެވޭ އެކިބާވަތުގެ އިހުމާލާމެދު އިތުރަށް ހޭލުންތެރިވެ، މިފަދަ ކަންކަން ހުއްޓުވުމަށް އިތުރަށް މަސައްކަތް ކުރުމަށް ޢަޒުމް ކަނޑައަޅާންވީ ދެދުވަސް. މުޅި އިންސާނިއްޔަތު އާރާސްތުވެދާ ޙަޤީޤީ ސިއްރަކީ، ކުޑަކުއްޖާ ބޮޑުވެ، ފުރިހަމަ މީހަކަށްވުން. ދެދުނިޔޭގެ ބާއްޖަވެރި ކަމަށާއި، ހެވާއި ލާބައަށް އެދޭ އެއްވެސް ދިވެއްސަކު، އެކުދިންނަށް އިހުމާލުވެ، އެއްވެސް ބާވަތެއްގެ އަނިޔާއެއް ކުރުމަކީ، ވަރަށް ހިތާމަހުރި ކަމެއް. ކުޑަކުދިންނާމެދު ވެވޭ ކޮންމެ އިހުމާލަކީ އަނިޔާއެއްކަން އަޅުގަނޑުމެން ހަނދާން ކުރަންޖެހޭނެ.

އަޅުގަނޑު މިއަދު ފާހަގަކޮށްލަން ބޭނުން، ވަރަށްދިގު ޗުއްޓީއަކަށްފަހު، އަންނަ އާދީއްތަ ދުވަހު ސަރުކާރު އޮފީސްތައް ހުޅުވޭނެ. އަޅުގަނޑު އުންމީދު ކުރަން، ހުރިހާ ބޭފުޅުންވެސް، މިޗުއްޓީގެ ބޭނުން އެންމެ ފުރިހަމަގޮތުގައި ހިއްޕަވައި، ޢާއިލާއާއި އެކުވެރިންނާއެކު އަގުހުރި ވަގުތުކޮޅެއް ހޭދަކުރެއްވުނު ކަމަށް. އަދި ހުރިހާ ބޭފުޅުންވެސް އުފާވެރިކަމާއެކު، ބަންދުގެ ދުވަސްތަކާއި، ބޮޑުޢީދުގެ ދުވަސްތައް ހޭދަކުރި ކަމަށް.

އެނގިވަޑައިގަންނަވާނެ، މިމަހުގެ 10 ވަނަ ދުވަހު މަދްރަސާތަކުގެ ޗުއްޓީ މިވަނީ ފެށިފައި. އަޅުގަނޑަށް ފެންނަ ފެނުމުގައި، މިއީ ދަރިވަރުންނަށްވެސް އަދި މައިންބަފައިންނަށްވެސް، އެހެންވީމާ، މުޅި މި ރާއްޖެއަށްވެސް ވަރަށް މުހިންމު ދުވަސްވަރެއް. ކިޔަވާ ކުދިންނަށް މިރާއްޖެ ދަސްކުރުމަށް އަދި އެމީހުންގެ ޙަޔާތް އިތުރަށް ދެނެގަތުމަށް، އެމީހުންގެ ދިރިއުޅުން އިތުރަށް ހޯދުމަށް ދުނިޔޭގައިވާ ކަންކަން، ރާއްޖޭގައިވާ ކަންކަން، ޤުދްރަތީ އެކިއެކި ރޭވުން، މިހެންގޮސް މިބާވަތުގެ އެތައް ކަމެއްގެ ތެރެއަށް ކުދިންނަށް ދިޔުމަށް ފުރްޞަތު ހުޅުވިގެންދާނެ ދުވަސްވަރެއް. އަޅުގަނޑު ވަރަށް ބޮޑަށް އުންމީދު ކުރާނަން، މި ޗުއްޓީގައި ވީހާވެސް ބޮޑަކަށް، ހުރިހާ ކުދީންވެސް އެހެން ރަށަކަށް، ރާއްޖޭގެ އެހެން ރަށަކަށް ދަތުރުކުރެވޭނޭ ފުރްޞަތު ހޯދުމަށް. މިހާރު ވަރަށް ހެޔޮ އަގުގައި، ކަނޑުމަގުން ދަތުރުކުރެވޭނެ. އަދި އިރުވައި މޫސުމް އައިމާ ކަނޑު ގަދައެއްވެސް ނުވާނެ. ކޮންމެ ކުއްޖަކަށްވެސް، ތަންކޮޅެއް ބޮޑު މީހަކާ އެކުގައި، ރާއްޖޭގެ އެކި ތަންތަނަށް ދަތުރުކޮށް، ރާއްޖޭގެ ރަށްރަށް ބަލައިލުމުގެ ފުރްޞަތު، މިވަގުތު ހުރިހާ ކުދިންނަށްވެސް އޮންނާނެ. އަޅުގަނޑު އުންމީދު ކުރަން، ވީހާވެސް ގިނަ ކުދިންނެއް މިފުރްޞަތުގެ ބޭނުންކުރާނެ ކަމަށް.

އަޅުގަނޑު މިއަދު ނިންމާލުމުގެ ކުރިން، ދަންނަވާލަން އޮތް ނުކުތާއަކީ، މިފެށޭ ހަފްތާގެ ތެރޭގައި، ދައުލަތުގެ ބަޖެޓް ރައްޔިތުންގެ މަޖިލީހަށް ހުށަހެޅޭނެ. މިފަހަރުގެ މިބަޖެޓަކީ، އަޅުގަނޑު ދަންނަވާފައިވާނެ، އެހެން އަހަރުތަކާ ޚިލާފަށް ވަރަށް ތަފާތު ބަޖެޓެކޭ. އެއީ ޕްރޮގްރާމް ބަޖެޓެކޭ. މިބަޖެޓް ހިންގުމުގައި ރާއްޖޭގެ ހުރިހާ ކަންކޮޅުތަކެއްގައި، ހުރިހާ ރަށެއްގައިވެސް، އަތޮޅެއްގައިވެސް، އޮފީހެއްގައިވެސް، މަދްރަސާއެއްގައިވެސް، ހެލްތް ސެންޓަރެއްގައިވެސް އަދި ސަރުކާރުގެ ހުރިހާ ވުޒާރާއެއްގައިމެ ވަރަށްގިނަ މަސައްކަތް، ތަފާތު އެކިއެކި ގޮތްގޮތަށް ހިންގާންޖެހޭނެ. އަދި މިފަހަރުގެ ބަޖެޓްގައި ފާހަގަވާނެ އެއްކަމަކީ، މީގެކުރީގައި ރާއްޖޭގެ ވަކިވަކި ރަށްރަށަށް ބަޖެޓް ކުރެވިފައިވާ ޢަދަދުތަކަށްވުރެ، މާބޮޑު ޢަދަދެއް މިފަހަރުގެ ބަޖެޓްގައި ހިމެނޭނެ. ރާއްޖޭގެ ރަށްތަކުގައި، ސީދާ ތަންފީޒު ކުރަންޖެހޭ ޕްރޮގްރާމްތައް ތަންފީޒު ކުރުމާ ގުޅޭގޮތުން ރަށްރަށަށް ކަނޑައެޅިފައިވާ ބަޖެޓް، މީގެކުރީގެ އަހަރުތަކާ އަޅާބަލާއިރު، ވަރަށްބޮޑުތަނުން ބޮޑުވާނެ. އެކަން ސަރުކާރުން މިކުރަނީ، މިނިސްޓްރީތަކުން ހިންގާ މަސައްކަތް، މިހާރަށްވުރެ ކުޑަވާނެ ކަމަށް ދެކި، އަދި ޚާއްޞަކޮށް، އަތޮޅު ކައުންސިލްތަކާއި، ރަށު ކައުންސިލްތައް ހިންގާން ފެށުމުން، ރަށު ކައުންސިލްތަކުގައި ޒިންމާދާރުކަމާ އެކުގައި ހިންގާންޖެހޭ މަސައްކަތްތަކެއް ހުންނާނެ ކަމަށް، ހުންނަންޖެހޭނެ ކަމަށް ސަރުކާރަށް ފެނޭ. އެހެންވީމާ، ކައުންސިލްތަކުގެ ޕްރޮގްރާމްތައް، ހިންގާންވީ ޕްރޮގްރާމްތައް ބަޖެޓާ އެކުގައި ކަނޑައެޅިގެންދާނެ.

މިބަޖެޓްގައި ހަމައެކަނި ފާހަގަވެގެންދާނީ، ޢުމްރާނީ ތަރައްޤީގެ ކެޕިޓަލް ޚަރަދުގެ މަސައްކަތްތަކެއް ނޫން. ފެނާއި، ނަރުދަމައާއި، ބަނދަރާއި، ތޮށްޓާއި އަދި ކޯޒްވޭއާއި، ކަރަންޓާއި، ޢިމާރާތްތަކާއި، ހޮސްޕިޓަލާއި، މަދްރަސާތަކާއި، ވަށާފާރާ، މިހެންގޮސް މިބާވަތުގެ ކިތަންމެކިތަންމެ ޢިމާރާތް ކުރުމުގެ މަޝްރޫޢުތަކެއް ބަޖެޓްގައި ހިމެނިފައިވާނެ. އެހެން ނަމަވެސް، އެހެން އަހަރުތަކާ ތަފާތަށް، މިބަޖެޓްގައި ވަރަށް މުހިންމު އަހަންމިއްޔަތުކަމެއް އިތުރަށްދީފައިވާ ކަންތައްތަކެއްވާނެ. އޭގެތެރެއިން އަޅުގަނޑު ފާހަގަކުރާ އެންމެ މުހިންމު އެއްކަމަކީ، ވިޔަފާރި ތަރައްޤީ ކުރުމަށް ސަރުކާރުން ލުއި ލޯނު ދިނުމަށްޓަކައި ބަޖެޓް ފަހިކޮށްދޭ މިންވަރު. ކުދި އަދި މެދުފަންތީގެ ވިޔަފާރިއަށް ލުއިލޯނުގެ ގޮތުގައި ސަރުކާރުން ލޯނު ގަރަންޓީ ކޮށްދިނުމުގެ ޕްރޮގްރާމެއް، މިއަހަރުގެ ބަޖެޓްގެ ދަށުން ހިންގޭނެ. އަދި އެ ޕްރޮގްރާމްގެ ދަށުން ރާއްޖޭގެ ވަކިވަކި ރަށްރަށުގައި ހިންގާ ވަކިބާވަތްތަކުގެ ވަކިވަކި ޚާއްޞަ މަސައްކަތްތަކަށް ލޯނުގެ މަގުފަހިވެގެންދާނެ. އޭގެތެރޭގައި، ދަނޑުވެރިކަމުގެ މަސައްކަތަށް، މަސްވެރިކަމުގެ މަސައްކަތަށް އަދި އެހެންވެސް ބާވަތުގެ ތަކެތި އުފެއްދުމުގެ މަސައްކަތްތަކަށް ލުއި ލޯނުގެ މަގު ހުޅުވި، ފަހިވެގެންދާނެ.

މިބަޖެޓްގައި އަނެއް ކަމެއް ގޮތުގައި އަޅުގަނޑަށް ފާހަގަވާ މުހިންމު ކަމަކީ، ވަޒީފާގެ ފުރްޞަތުތައް، ބަޖެޓް މެދުވެރިކޮށް އިތުރުކުރުން. ސަރުކާރުގެ ވަޒީފާގެ ފުރްޞަތު އިތުރުކުރަނީކީއެއް ނޫން. އަމިއްލަ ވިޔަފާރި ތަރައްޤީކޮށް، އެ ވިޔަފާރީގެ ތެރެއިން ވަޒީފާގެ ފުރްޞަތުތައް އިތުރުވާނެ. އެނގިވަޑައިގަންނަވާނެ، މިސާލަކަށް، ދަތުރުފަތުރު ކުރުމުގެ ނިޒާމް. އެނިޒާމުގެ ތެރެއިން 300 ވަޒީފާ މިހާރުވަނީ އުފެދިފައި. އެއީ، ސަރުކާރުގެ ޕަބްލިކް ޕްރައިވެޓް ޕާޓްނަރޝިޕް، ނުވަތަ ސަރުކާރާއި އަމިއްލަ ފަރާތްތަކާ ޙިއްޞާވެގެން ހިންގާ ޕްރޮގްރާމެއްގެ ދަށުން ކުރިއަށް ގެންދާ މަޝްރޫޢެއް. އެފަދަ މަޝްރޫޢުތައް ހިންގައިގެން، ވަޒީފާގެ ފުރްޞަތުތައް އިތުރުކުރެވޭނެކަމީ، މިހާރު އަޅުގަނޑުމެންނަށް ޝައްކެއްހިނގާ ކަމެއްނޫން. އެހެންވީމާ، މިފަހަރުގެ ބަޖެޓްގައި ފަހިކޮށްދޭނެ، ސީދާ ވަޒީފާގެ ފުރްޞަތު އިތުރުކުރުމަށް. ސަރުކާރުން މިހާރު މިގެންދަނީ، މީހުން ވަޒީފާއަށް ކޮންމެ މަހަކުމެ ނުކުންނަ ޢަދަދާއި، އަދި ކޮންމެ މަހަކުވެސް ވަޒީފާ ގެއްލޭ ޢަދަދު ނުވަތަ އިތުރު ވަޒީފާ އުފެދޭ ޢަދަދާއި، ވަޒީފާ ނެތޭ ޢަދަދުގެ މިންގަނޑެއް ޝާއިޢު ކުރުމުގެ މަސައްކަތް ހިންގަމުން. ހިއުމަން ރިސޯސް މިނިސްޓްރީން އޭގެ ދަފްތަރެއް މިހާރު ގެންދަނީ އެކުލަވައިލަމުން.

މި ބަޖެޓްގައި ތަޢްލީމް، ވަށާޖެހޭ ތަޢްލީމެއް ދިނުމަށް ވަރަށްބޮޑު ހޭދައެއް ސަރުކާރުން ކުރާނެ. އަދި ހަމައެހެންމެ، އިޖްތިމާޢީ ރައްކާތެރިކަން ރާއްޖޭގެ ރައްޔިތުންނަށް ފޯރުކޮށްދިނުމަށްޓަކައިވެސް ވަރަށްބޮޑު ހޭދައެއް މިބަޖެޓުން ކުރާނެ. ރާއްޖޭގެ އެހެން އިންފްރާސްޓްރަކްޗަރ ތަރައްޤީ ކުރުމުގެ ގޮތުން ޚާއްޞަ ގޮތެއްގައި، ހުޅުލޭ އެއަރޕޯޓަށް މިހާރުން މިހާރަށް ކޮންމެހެން ބޭނުންވާ އިންވެސްޓްމަންޓްތައް ގެނައުމުގެ ގޮތުން، އެ އެއަރޕޯޓް މިހާރު އެވަނީ ބަޔަކާއެކު އެގްރީމަންޓް ކުރެވި، މެނޭޖްމަންޓާއި އަދި އެއަރޕޯޓް ތަރައްޤީ ކުރުމުގެ މަސައްކަތް، އެބަޔާ ޙަވާލުކުރެވިފައި. މިހާރު އެ ކުންފުނީގެ ފަރާތުން، ޖީ.އެމް.އާރު. ކުންފުނީގެ ފަރާތުން މިއަންނަނީ، އެއަރޕޯޓް ހިންގުމުގެ މަސައްކަތާ ޙަވާލުވުމަށް. ސަރުކާރުން އެކުންފުންޏާއެކު ކުރެވިފައިވާ، ވެވިފައިވާ އެއްބަސްވުމުގެ ދަށުން މައިގަނޑު ތަރައްޤީގެ މަޝްރޫޢުތައް އެކީއެކައްޗަކަށް ނިންމަން ކަނޑައެޅިފައިވާ ތާރީޚަކީ، 2013 ވަނަ އަހަރު. މިހާރުން މިހާރަށް ކުރަންހުރި ކަންތައްތައްވެސްވަނީ ފާހަގަކުރެވިފައި. ސަރުކާރު ދެކެނީ، ކޮންމެ މަހަކުވެސް އެއަރޕޯޓަށް އިތުރު ކުރިއެރުމެއް ލިބިގެންދާތަން ވަރަށް ސާފުކޮށް ފެނިގެންދާނެ. އިރާދަކުރެއްވިއްޔާ، މި އާ އެގްރީމަންޓާ އެކީގައި، އަޅުގަނޑުމެންނަށް އެއަރޕޯޓް ތަރައްޤީ ކުރުމުގެ މަސައްކަތް މިއޮތީ ކާމިޔާބު ކުރެވިފައި. އެކަމުގެ އެންމެހާ ކަންކަން ސަރުކާރަށް މިވަނީ ހަމަޖެއްސިފައި. އަޅުގަނޑަށް ފެންނަ ފެނުމުގައި، އެއީ މިސަރުކާރަށް ލިބުނު އަދި މިރާއްޖެއަށް ލިބުނު ވަރަށްބޮޑު ކާމިޔާބެއް. ރާއްޖޭގެ އިޤްތިޞާދަށް އަދި ރާއްޖޭގެ އިޖްތިމާޢީ ތަރައްޤީއަށް ކޮންމެހެން ބޭނުންވާ އެންމެ މުހިންމު އެއްތަނަކީ، ބައިނަލްއަޤްވާމީ ވައިގެ ބަނދަރު. އެ ބަނދަރަށް ބޭނުންވާ އިންވެސްޓްމަންޓް ނުލިބި، އެތައް އެތައް ޒަމާނެއް ލަސްވަމުން ލަސްވަމުންދާކަމުން، ދުވަހުން ދުވަހަށް އެއަރޕޯޓްގެ ހާލު ދިޔައީ ބޮޑުވަމުން. ސަރުކާރަށް މިހާރުން މިހާރަށް އެއަރޕޯޓަށް ބޭނުންވާ ހުރިހާ އިންވެސްޓްމަންޓް، ލޯނުގެ ގޮތުގައި ނަގަން ދަތިވާނެ. ދުނިޔޭގެ އެހެން ތަންތަނުގައިވެސް، މިބާވަތުގެ ބޮޑެތި އިންވެސްޓްމަންޓް ހިންގާ އުޞޫލުން، ޕަބްލިކް ޕްރައިވެޓް ޕާޓްނަރޝިޕްގެ އުޞޫލުން، ސަރުކާރުން މިވަނީ އެއަރޕޯޓް ހިންގުމުގެ އެންމެހާ ކަންކަން ނިންމައި، ކަނޑައަޅައި، އެކަމުގެ ޢަމަލީ މަސައްކަތްތައް ފަށާފައި.

އަޅުގަނޑު ހަމަ ދަންނަވާލަން ބޭނުން، މިފަހަރުގެ ބަޖެޓްގައި ޞިއްޙަތަށްދޭ އަހަންމިއްޔަތާއި އަދި ރާއްޖޭގެ ރައްޔިތުންނަށް ފުރިހަމަ ޞިއްޙީ ޚިދްމަތެއް ދިނުމަށްޓަކައި ކުރާ ހޭދަ ބޮޑުވާނެ. ޚާއްޞަ ގޮތެއްގައި، މިމަސައްކަތް ހިންގުމަށް ސަރުކާރުން ރާވާފައި މިވަނީ، ހެލްތް ކޯޕަރޭޝަންތައް މެދުވެރިކޮށް. ހެލްތް ކޯޕަރޭޝަންތަކުގެ ބަޖެޓް، ކުރީގައި ވަކިން ހެލްތް މިނިސްޓްރީގެ ބަޖެޓްގެ ގޮތުގައި ފެންނާން އޮތް މިންވަރަށްވުރެ ވަރަށްބޮޑުތަނުން ތަފާތުވެ ބޮޑުވާނެ. އަދި އެ ކޯޕަރޭޝަންތަކަށް ފައިސާ ހޯދެންހުރި އޮތް ހަމައެކަނި ދިމާލަކީ ދައުލަތުގެ ބަޖެޓެއް ނޫން. އެހެން އެހެން ގޮތްގޮތުންވެސް އެ ކޯޕަރޭޝަންތަކަށް ފައިސާ ހޯދޭނެ. އަދި އެހެންވީމާ، އިތުރު އިންވެސްޓްމަންޓްތައް ކުރިއަށް ގެންދާށާއި، ޚިދްމަތްތައް ރަނގަޅު ކުރަން އެ ކޯޕަރޭޝަންތަކަށް ފަސޭހަވެގެންދާނެ.

އަޅުގަނޑުގެ ދުޢާއަކީ، މިއަދަށްވުރެ އަދި މާ ފާގަތި މާދަމައެއް އަޅުގަނޑުމެންނަށް ލިބުން. އަޅުގަނޑުގެ ދުޢާއަކީ، އަޅުގަނޑުމެންނަށް ދެދުނިޔޭގެ ބާއްޖަވެރިކަން ލިބުން.

والحمد للّـه. والسّـلام عليـكم
______________________