بســم اللّـه الرّحمـن الرّحيــم

السّـلام عليـكم

މިއަދަކީ 5 ނޮވެމްބަރ 2010 ވީ ހުކުރު ދުވަސް. އަޅުގަނޑު މިއަދު ތިޔަބޭފުޅުންނާ ރޭޑިޔޯގެ ޒަރީޢާއިން ޙަޤީޤަތުގައި ދައްކާން ބޭނުންވަނީ އެންމެ މަޥްޟޫޢަކާ ގުޅޭގޮތުން. އެހެންޏާވިއްޔާ އަޅުގަނޑު ބައެއްފަހަރަށް ދެތިން މަޥްޟޫޢެއް މިވަގުތުކޮޅުގެ ތެރޭގައި ބޭނުންކުރަން. އެހެންނަމަވެސް، މިއަދު އަޅުގަނޑު ބޭނުންވަނީ ވަޒީރުންގެ މަޖިލީހުގެ މެންބަރުންނަށް ރުހުން ދިނުމާ ގުޅޭގޮތުން ނުކުމެފައިވާ ބަޙުޘްތަކާ ގުޅޭގޮތުން ސަރުކާރު ދެކޭގޮތް. އެނގިވަޑައިގަންނަވާނެ، ރޭގައިވަނީ ރައީސް އޮފީހުން ބަޔާނެއް ނެރެފައި މިކަމާ ގުޅޭގޮތުން. އެހެންވީމާ، އެކަމުގެ ބައެއް ތަފްޞީލަށް އަޅުގަނޑު ބަލައިލާނަން.

އަޅުގަނޑުމެންނަށް އަބަދުވެސް އެނގޭ، ދިވެހިރާއްޖޭގެ ޤާނޫނުއަސާސީގައި ވަރަށް ސާފުކޮށް ޢިބާރާތްކޮށްފައި އޮތީ، ބަޔާންކޮށްފައި އޮތީ، ވަޒީރަކު ވަޒީރު ކަމުގައި ހުރުމުގައި ލާޒިމުކުރާ ކަންކަމަކީ، ކޮންމެހެން ރައްޔިތުންގެ މަޖިލީހުގެ ރުހުން، އެ ވަޒީރު ބޭފުޅަކަށް އޮތުން ނޫންކަން. އަޅުގަނޑުމެންނަށް މިކަމާ ޝައްކު އުފެދި އަދި ޚިޔާލު ތަފާތުވާން ފެށުމާ އެކުގައިވެސްމެ، އެނގިވަޑައިގަންނަވާނެ، ދާދިފަހުން ދައުލަތުގެ ބަންޑާރަ ނައިބު، ސުޕްރީމް ކޯޓަށް ހުށަހެޅުއްވި މައްސަލައާ ގުޅިގެން ދައުލަތަށްވެސް އަދި އެންމެހާ ފަރާތްތަކަށްވެސް މިވަނީ ވަޒީރުންގެ ރުހުމާ ގުޅޭގޮތުން ވަރަށް ސާފުކޮށް އަޅުގަނޑުމެންނަށް އޮޅުންފިލާފައި. އެބައެނގޭ، ރުހުން ނެތުން އެއީ ވަޒީރުކަން ގެއްލޭ ސަބަބެއް ނޫންކަން. ފަނޑިޔާރުގެއިން ފާހަގަކުރައްވާފައި މިއޮންނަނީ، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 129 ވަނަ މާއްދާގެ ދަށުން ރައީސުލްޖުމްހޫރިއްޔާ ޢައްޔަންކޮށް، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 131 ވަނަ މާއްދާގައިވާ ގޮތުގެ މަތިން، ހުވާކޮށް ވަޒީރުންގެ މަޖިލީހަށް އިސްކުރެވޭ ވަޒީރުން، އެމަޖިލީހުން ވަކިކުރެވޭނެ އަދި ވަކިވާނެ ގޮތްތައް ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގައި ބަޔާންކޮށްފައިވެއޭ. ވަޒީރުންގެ މަޖިލީހަށް އިސްކުރެވޭ ވަޒީރުންނަށް ރުހުން ދިނުމަށް ރައްޔިތުންގެ މަޖިލީހުން ޢަމަލުކުރާނެގޮތް ގަވާއިދެއްގައި ހިމެނުމަކީ، ރައްޔިތުންގެ މަޖިލީހަށް ލިބިފައިވާ ބާރެއްކަމާއި، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީއާ ޚިލާފުވުމުގެ ސަބަބުން، ތަންފީޒު ނުކުރެވޭނޭ ކަމަށް ގަވާއިދެއްގައި ހިމަނައިގެން ނުކުންނަ ނަތީޖާގެ ޒިންމާ އުފުލަންޖެހޭނެ ފަރާތަކީ، ހަމައެކަނި ރައްޔިތުންގެ މަޖިލިސްކަމަށޭ.

އެނގިވަޑައިގަންނަވާނެ، މި ބަސްތަކުންނާއި މި ޙުކުމުން ވަރަށް ސާފުކޮށް އަޅުގަނޑުމެންނަށް މި އޮޅުންފިލާ ވާހަކައަކީ، ވަޒީރަކު ވަޒީރު ކަމުން ވަކިކުރުމުގައި ޢަމަލުކުރެވޭ ގޮތްތަކެއް ޤާނޫނުއަސާސީގައި ލިޔެވިފައި އެބަހުއްޓޭ. އެއީ، ވަޒީރެއްގެ މައްޗަށް އިތުބާރު ނެތްކަމަށް ނެގުން ނުވަތަ ވަޒީރަކު އިސްތިޢުފާ ދެއްވުން ނުވަތަ ރައީސުލްޖުމްހޫރިއްޔާ، އެ ވަޒީރަކު މަގާމުން ވަކިކުރުމޭ. ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ ރުހުން، ވަޒީރު ބޭފުޅެއްގެ މައްޗަށް ލިބިވަޑައިނުގެންނެވުމުގެ ސަބަބުން، އެ ވަޒީރު ބޭފުޅަކު ވަޒީރުކަމުން ވަކިވެއެއްނުދާނެ. އެހެންވީމާ، މިކަންކަން މިހެން ހުރުމާ އެކީގައި، ސަރުކާރުން މިއަދު މިނިންމަނީ އަދި އަޅުގަނޑު ވަޒީރު ބޭފުޅުންނާވެސް މަޝްވަރާކޮށްފިން އަދި އަޅުގަނޑު މިއެދެނީ، އެމް.ޑީ.ޕީ.ގެ ޕާލަމެންޓްރީ ގްރޫޕްގައިވެސް ރައްޔިތުންގެ މަޖިލީހުން ރުހުން ދިނުމާ ގުޅޭގޮތުން ދައްކާ ވާހަކަތައް، އުޞޫލެއްގެ ގޮތުން އެއީ މުހިންމު ވާހަކަތަކެއް، އެއީ ގަނޑުކޮށް ރުހުން ދިނުން އެއީ އުޞޫލެއްގެ ގޮތުން އެކަން އޮންނަންޖެހޭގޮތް. އެހެން ނަމަވެސް، އަޅުގަނޑު މިދަންނަވާ ވާހަކައަކީ، އެ ވާހަކަތަކުގެ ސަބަބުން، އަޞްލަށް ކުރާނެ އަސަރެއްނެތޭ. ރުހުން ދިނަސް، ނުދިނަސް އަޞްލަށް ކުރާނެ އެއްވެސް އަސަރެއްނެތޭ. އެހެންވީމާ، އަޞްލަށް އަސަރެއް ނުކުރާއިރުގައި، އޭގެ ގޮތުގައި އެހާބޮޑަށް ހިފަހައްޓައިގެން ތިބުމަކީ ބުއްދިވެރިކަމެއް ނޫނޭ. އަޅުގަނޑަށް ޔަޤީން، އަޅުގަނޑުމެންގެ ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ، އެމް.ޑީ.ޕީ.ގެ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރުންނާއި އަދި އެގްރޫޕްގެ އެންމެހާ ބޭފުޅުންނަށް އަޅުގަނޑު މިދައްކާ ވާހަކަ ސާފުކޮށް އެނގިވަޑައިގަންނަވާނެ.

އަޅުގަނޑު މިދަންނަވާ ވާހަކައަކީ، އުޞޫލެއްގެ ގޮތުން ރުހުން ދިނުމުގައި ޢަމަލުކުރަންޖެހޭނެ ގޮތަކީ، ގަނޑުކޮށް ވޯޓުނެގުން ކަމަށް އަޅުގަނޑުވެސް ހިތުގެ އަޑިން ގަބޫލުކުރަމޭ. އެހެން ނަމަވެސް، އެފަދަ ވޯޓެއް ނެގުމަށް އަޅުގަނޑުމެންނަށް ފުރްޞަތު ނުލިބި މުޅި ދިވެހިރާއްޖޭގެ ރައްޔިތުންގެ މަޖިލިސް، އެކަމުގެ ތެރޭގައި ހުއްޓިފައި އޮތުން އެއީ އަޅުގަނޑަށް ފެންނަ ފެނުމުގައި، މި ޤައުމަށް ފައިދާހުރި ކަމެއް ނޫން. އަދި އެހެން ބަޔަކު އެކަން އެގޮތަށް ކުރާން އުޅުނު ކަމުގައިވިޔަސްވެސް. އެހެންވީމާ، އަޅުގަނޑުމެން މިއެދެނީ، ތިކަން ދޫކޮށްލައްވާށޭ. އަޞްލަކަށް ބަދަލެއް ނާދެއޭ، ރުހުން ދިނުމުގައި ކޮންމެގޮތަކަށް މަޖިލީހުން ޢަމަލުކުރިޔަސްވެސް. އެހެންވީމާ، އެމް.ޑީ.ޕީ.ގެ ރައްޔިތުންގެ މަޖިލީހުގެ ބޭފުޅުންނަށް ޤާނޫނާއި ގަވާއިދާ ޚިލާފަށް ޢަމަލު ކުރައްވަން ޖެހިވަޑައިގަންނަވާ ކަމަށް ފެނިވަޑައިގަންނަވަންޏާ، އެހިނދުކޮޅެއްގައި އެދަނޑިވަޅެއްގައި ވޯޓުގައި ބައިވެރިވެވަޑައިނުގަންނަވާ، މަޑުމަޑުން ހިމޭނުން މަޖިލިސް ގޭގައި ތިބުމަކީ ހަމަ ވަރަށް ރަނގަޅު ކަމެއް.

އަޅުގަނޑުގެ އުންމީދަކީ، އަޅުގަނޑު މިއެދެނީ، އަޅުގަނޑުމެންނަށް މިރުހުމުގެ ކަންތަކުން މިހާރު އިރާދަކުރެއްވިއްޔާ މި ސަލާމަތްވެވުނީއޭ. އެ ސަލާމަތްވެވުނު ގޮތަކީ، ސަރުކާރުން ހަމަ އެކީއެކައްޗަކަށް މުޅި މައްސަލަ އެކީގައި ދޫކޮށްލީއޭ. އެއީ، ސަރުކާރަށް ވަރަށް ބޮޑަށް ސާފު، ވަރަށް ބޮޑަށް ޔަޤީން، ފަނޑިޔާރުގޭގެ ޙުކުމާއި، ޤާނޫނުއަސާސީގައި ލިޔެފައި އޮތް ބަސްތަކާއި އަދި އަޅުގަނޑަށް ބަންޑާރަނައިބު ދެއްވާފައިވާ ލަފަޔާ. މިއެންމެހާ ކަންކަން އެއްކޮށްލީމާ، އަޅުގަނޑަށް އެނގޭ އެއްޗަކީ، މި ރުހުމަކީ، އޭގައި އެ ރުހުން ލިބުނަސް ނުލިބުނަސް އަޞްލެއްވާ އެއްޗެއް ނޫނޭ. ދެން ބައެއް ވަޒީރު ބޭފުޅުން ތިއްބަވައިދާނެ، ރައްޔިތުންގެ މަޖިލީހުގެ އެންމެހާ ބޭފުޅުންގެ ރުހުންނެތި. ދެން އަޅުގަނޑަށް ފެންނަ ފެނުމުގައި، އަޅުގަނޑުމެން ވަރަށްގިނަ މީހުން އެބައުޅޭ، އެކިއެކި ބޭފުޅުންގެއާއި އެކިއެކި ފަރާތްތަކުގެ ރުހުން އަޅުގަނޑުމެންނަށް ނުލިބި. ދެން ދެރަ، އެހެން ނަމަވެސް، ހުރިހާ ބޭފުޅުންގެ ރުހުން އަޅުގަނޑަށްވެސް އޮވެއްޖިއްޔާ، އެއީ އުފާވެރި ކަމެއް. ދެން އެހެން ނަމަވެސް، ދުނިޔެ މިހިނގަނީކީއެއް ހުރިހާ އެންމެންގެ ރުހުން އަޅުގަނޑުމެންނަށް ލިބިގެންނެއް ނޫން. އަޅުގަނޑުމެންނަށް ހެޔޮއެދޭ އަދި އަޅުގަނޑުމެން ލޯބިވާ ފަރާތްތަކުގެ ރުހުމަކީ، އަޅުގަނޑުމެން ކޮންމެހެންވެސް ބޭނުން އެއްޗެއް. އެ ރުހުން ހޯދުމަށް އަޅުގަނޑުމެންވެސް އެދެން. އަދި އެ ރުހުން ލިބުމަށްވެސް އަޅުގަނޑުމެން އެދެން. ދެން އެހެން ނަމަވެސް، ޤާނޫނުގައި ނެތް ކަމެއް ފުރިހަމަނުވެގެން، އޭގެ ސަބަބުން ޤާނޫނީ ދައުލަތް ހުއްޓިފައި އޮތުން އެއީ އަޅުގަނޑަށް ފެންނަ ފެނުމުގައި ރަނގަޅު ގޮތެއް ނޫން.

އަޅުގަނޑުގެ ދުޢާއަކީ، އަޅުގަނޑުމެންނަށް މިއަދަށްވުރެ އަދި މާ ފާގަތި މާދަމައެއް ލިބުން. އަޅުގަނޑުގެ ދުޢާއަކީ، އަޅުގަނޑުމެންނަށް ދެދުނިޔޭގެ ބާއްޖަވެރިކަން ލިބުން.

والحمد للّـه. والسّـلام عليـكم
______________________