بســم اللّـه الرّحمـن الرّحيــم

السّـلام عليـكم

މިއަދަކީ 1 އޮކްޓޯބަރ 2010 ވީ ހުކުރު ދުވަސް. މާދަމާ، އެނގިވަޑައިގަންނަވާނެ، ސަރުކާރުން ފާހަގަކުރަމުން ގެންދިޔަ ޓޫރިޒަމް ދުވަހާ ގުޅޭ ހަފްތާ ނިމުމަކަށް އަންނާނެ. ޓޫރިޒަމްގެ ހަފްތާ މިއަހަރު ފާހަގަކުރަމުންދާއިރުގައި، އަޅުގަނޑު މިއަދު އެ ޞިނާޢަތާ ގުޅޭގޮތުން ފާހަގަކޮށްލަން ހުރި ބައެއް ނުކުތާ ފާހަގަކޮށްލުމަށް މިފުރްޞަތުގެ ބޭނުން ހިފާނަން.

އެނގިވަޑައިގަންނަވާނެ، އެ ޞިނާޢަތަކީ ރާއްޖޭގެ އެންމެގިނަ ރައްޔިތުންނަށް ވަޒީފާގެ ފުރްޞަތު ފޯރުކޮށްދޭ ޞިނާޢަތް. ޓުއަރިޒަމްގެ ދާއިރާގައި މަސައްކަތް ކުރަން އުޅޭ ދިވެހިންގެ ޢަދަދު ވަރަށްވެސް ގިނަ. ހަމައެކަނި ރިޒޯޓްތަކުގައި މަސައްކަތްކުރާ މީހުންނެއް ނޫން. އޭގެއިތުރުން، އެ އިންޑަސްޓްރީއާއި، އެ ޞިނާޢަތާ ގުޅިފައި ހުރި އެހެން ކިތަންމެ ތަނެއްގައި މަސައްކަތްކުރާ މީހުންނަކީވެސް ހަމަ ޙަޤީޤަތުގައި ޓުއަރިޒަމްގެ ފައިދާއިން އާމްދަނީ ލިބޭ މީހުން. އެހެންވީމާ، ރާއްޖޭގެ އާމްދަނީ ލިބޭ އެކިއެކި މަގުތަކަށް ނަޒަރު ހިންގާލައިފިނަމަ، އަޅުގަނޑުމެންނަށް މިފާހަގަމިވަނީ، ރާއްޖެއަށް ވަންނަ އާމްދަނީއެއްގެ ހަތްދިހަ ޕަސެންޓަށްވުރެ ގިނައިން، ބޮޑުބައެއް ޙިއްޞާކުރަނީ ޓުއަރިޒަމުންނޭ. އެހެންވީމާ، މި އިންޑަސްޓްރީއަށް ވެދާނެގޮތަކާއި، އެ އިންޑަސްޓްރީގެ ކަންކަމާ ގުޅޭގޮތުން އަޅުގަނޑުމެން އެންމެންވެސް ޚާއްޞަ ސަމާލުކަމެއްދޭންޖެހޭނެ.

ޓުއަރިޒަމް އިންޑަސްޓްރީގެ ތެރޭގައި، އަޅުގަނޑުމެންނަށް މިފަހަކުން ފާހަގަވި ބައެއް ނުކުތާ އެބަހުރި. ބައެއް ކަންކަން އެބަހުރި. އޭގެތެރޭގައި، އެނގިވަޑައިގަންނަވާނެ، އެ އިންޑަސްޓްރީގައި މަސައްކަތްކުރާ މުވައްޒަފުންނާއި އަދި އެތަނުގެ މެނޭޖްމަންޓްތަކާ ދެމެދު ދިމާވާ މައްސަލަތައް. އެމައްސަލަތަކުގެ އަޞްލަކީ ކޮބައިތޯ ދެނެގަނެ، އެމައްސަލަތަކަށް ޞުލްޙަވެރި ގޮތުގައި ޙައްލު ހޯދުމަކީ ކޮންމެހެން ބޭނުންތެރި ކަމެއް. އަޅުގަނޑު މީގައި ދަންނަވާލަން ބޭނުން، މީގައި ދެފަރާތުގެ ޒިންމާ ވަރަށްބޮޑު. އެއީ މަސައްކަތްކުރާ ފަރާތްތަކާއި އަދި ވަޒީފާދޭ ފަރާތާ، މިދެފަރާތުގެ ޒިންމާވެސް މިކަމުގައި ހެޔޮ ޙައްލެއް، ހެޔޮ މަގެއް ހޯދުމަށްޓަކައި ކުރަންހުރި މަސައްކަތުގައި އަދާކުރަންޖެހޭ ދައުރު ވަރަށްބޮޑޭ. މުވައްޒަފުންގެ ކަންކަން އެކަށީގެންވާ ރަނގަޅު މިނެއްގައި ހުރުން މުހިންމު. ހަމައެހެންމެ، މެނޭޖްމަންޓް ހިންގާން ބޭނުންވާ ޚާއްޞަ މެނޭޖްމަންޓް އުޞޫލުތަކާއި، އަދި މެނޭޖްމަންޓްގެ ގޮތްތަކާ ހިންގެންޖެހޭނެ. މިޞިނާޢަތަކީ ބޭރުގެ ކިތަންމެ ކިތަންމެ އެހެން ޞިނާޢަތްތަކާއި، އެހެން ވިޔަފާރިތަކަކާ ގުޅިފައި އޮންނަ ވިޔަފާރިއެއް.

އެހެންވީމާ، އަޅުގަނޑު މިދެކެނީ، އަޅުގަނޑުމެންނަށް މިކަންތައް ރަނގަޅު މަގަކަށް ގެންދިޔުމަށްޓަކައި ބޭނުންވާ ގަވާއިދުތަކާއި ޤާނޫނުތައް ހަމަ މިހާރުން މިހާރަށް އެބަ ބޭނުންވެއޭ. ހަޅުތާލު ކުރުމަކީ ކޮބައިކަން ސާފުކޮށް އަޅުގަނޑުމެން ކަނޑައަޅަން އެބަޖެހޭ. ހަޅުތާލު ކުރުމަކީ ޤާނޫނުއަސާސީގައި ބަޔާންކުރާ ގޮތުގައި [މަސައްކަތް ހުއްޓާލައި ހަޅުތާލު ކުރުން.] މިގޮތަށް މިބަޔާން މިކުރަނީ. އެހެންވީމާ، މަސައްކަތް ހުއްޓާލުންކަން ހަމަ ޔަޤީން ކަށަވަރު. އަދި ހަމައެހެންމެ، ގާނޫނުއަސާސީގައި މުދަލުގެ ޙައްޤު، މުދަލުގެ ވެރިފަރާތަށް ޙިމާޔަތްކޮށްދިނުމަކީވެސް އަސާސީ ޙައްޤެއް. އެހެންވީމާ، ވަކިމީހެއްގެ މުދަލުގައި ދެން އެހެން މީހެއްގެ ޙައްޤުތައް ޙިމާޔަތްވުމަށް ކަންކަން ހިންގަންވީ ގޮތަކީ ކޮބައިތޯ، މިއީ އަޅުގަނޑުމެން މިއަދު ވަރަށް ސާފުކޮށް މިންގަނޑުތަކެއް ކަނޑައަޅާ ބަޔާންކުރަންވީ ކަމެއް. ހަޅުތާލު ކުރެވޭނީ ކޮންކޮން ތަންތާކުތޯ؟ ނުވަތަ މުޒާހަރާ ކުރެވޭނީ ކޮންކޮން ތަންތާކުތޯ؟ ކޮންކޮން ގޮތަކަށްތޯ؟ ހަޅުތާލު ކުރުމުގެ ކުރީގައި ހަމަކަށަވަރުންވެސް ނިންމަންޖެހޭ އިތުރު ކަންތައްތަކެއް ހުންނާނެ. އޭގެތެރޭގައި، ހުރިހާ މުވައްޒަފުންގެ މެދުގައި ޚިޔާލު ހޯދުމުގެ ވޯޓް ނެގުމާއި، އަދި ފުރިހަމަ ރަނގަޅު ވަޒީފާ އަދާކުރާ މީހުންގެ ޖަމާޢަތްތައް، ޔޫނިއަންތައް، އޭގެ ގޮތުގައި، އޭގެ ގަވާއިދުތަކާ އެކުގައި ހިންގޭނެ ގޮތެއް އަޅުގަނޑުމެން ހޯދަންޖެހޭނެ. ރަނގަޅު ލޭބަރ ނުވަތަ ވަޒީފާގެ ގަވާއިދުތަކަކާއި، ހަރުދަނާ އުޞޫލުތަކެއް އޮތުމަކީ އަޅުގަނޑުމެންނަށް ފެންނަ ފެނުމުގައި އަދި އިންސާނީ ތަޖްރިބާ ދައްކާފައި އޮތް ގޮތުގައި، ޤައުމެއް ތަރައްޤީވެ ދިޔުމަށް ކޮންމެހެން ބޭނުންތެރި ކަމެއް. ޓުއަރިޒަމް އިންޑަސްޓްރީ ސަލާމަތް ކުރަންވެސް، ހިފެހެއްޓުމަށްވެސް، އަޅުގަނޑުމެން މި ހަމަތައް އެބަ ސާފުކޮށް އަޅާންޖެހޭ. ކޮބައިތޯ ހަޅުތާލު ކުރެވޭނެ ނުވަތަ މުޒާހަރާ ކުރެވޭނެ ތަންތަނަކީ، ވަގުތު ވަގުތަކީ، ޙާލަތްތަކަކީ، ގޮތްތަކަކީ.

މިކަންކަން ކަނޑައެޅުމަށްޓަކައި ޤާނޫނެއް މިހާރުވަނީ އަމިއްލަ މެންބަރަކު ހުށަހަޅާފައި. ސަރުކާރަށް އެޤާނޫނު ލިބެންދެންވެސް، މިހާރުން މިހާރަށް ޢަމަލު ކުރެވޭނެ ގޮތްތަކެއް އެބަ ހޯދަންޖެހޭ. އެހެންވީމާ، ސަރުކާރުން މިހާރު މިދަނީ ޓުއަރިޒަމް އިންޑަސްޓްރީއާއި އަދި އެއިންޑަސްޓްރީގައި މަސައްކަތްކުރާ ފަރާތްތަކާ އެކުގައި މަޝްވަރާ ކުރަމުން. ގަވާއިދުތަކެއް އެކުލަވައިލުމަށް ތައްޔާރުވަމުން.

އަޅުގަނޑު ހުރިހާ ބޭފުޅުންނަށްވެސް ޔަޤީންކޮށް އަރުވަން ބޭނުންވަނީ، އަޅުގަނޑުމެންނަށް އެބަ އިނގެއޭ، އެބަ ފެނެޔޭ ދުނިޔޭގައި އެހެން ޤައުމުތަކުގައިވެސް އަދި ޚާއްޞަކޮށް، ދިވެހިރާއްޖެ މި ބަދަލުވަމުންދާ ބަދަލުތައް ތަޖްރިބާކޮށްފައިވާ އެހެން ޤައުމުތަކުގައި މިބާވަތުގެ ކަންކަމުގައި ޢަމަލުކޮށްފައި ހުރި ގޮތާއި އަދި ނަތީޖާ ނެރުވާފައި ހުރި ގޮތްތައް އަޅުގަނޑުމެންނަށް އެއޮތީ ސާފުކޮށް އެނގެން. އެހެންވީމާ، އެއިން ފިލާވަޅު ލިބިގެން އަޅުގަނޑުމެންނަށް އަޅުގަނޑުމެން މިއެދޭ އޮމާން ބަދަލު އަޅުގަނޑުމެންނަށް ގެނެވޭނެ. އަޅުގަނޑަށް އެކަމުގެ ޔަޤީންކަން ވަރަށްވެސް ބޮޑު. އަޅުގަނޑު ޓޫރިޒަމް އިންޑަސްޓްރީގެ މަސައްކަތްކުރާ ފަރާތްތަކުންނާއި ވަޒީފާ އަދާކުރާ ފަރާތްތަކާއި އަދި ވަޒީފާދޭ ފަރާތްތަކާ، ހުރިހާ ބޭފުޅުންނަށް ދަންނަވަން ބޭނުންވަނީ އަޅުގަނޑުމެންނަށް ދިމާނުވާ ބައެއް ބާވަތުގެ ކަންކަން މިހާރު އެބަ ދިމާވެއޭ، މީގެކުރީގައި ދިމާވެފައިނުވާ. އެކަންކަމާ ގުޅޭގޮތުން އަޅުގަނޑުމެން ޢަމަލުކުރާ ގޮތްތަކުގެ ސަބަބުން، އަޅުގަނޑުމެންގެ މުސްތަޤްބަލް އަޅުގަނޑުމެންނަށް ގެއްލިދާފަދަ ޙާލަތެއް މެދުވެރިވެގެން ނުވާނޭ. ވީމާ، އަޅުގަނޑުމެން ބަލައިގެން، މިކަމާ ޢަމަލުކުރަން ޖެހޭނޭ. އަޅުގަނޑު ޔަޤީން ކުރަނީ މިދެންނެވި މަގަށް މި އިންޑަސްޓްރީގެ ބޭފުޅުން ޢަމަލު ކުރައްވާނެ ކަމަށް.

ހަމަ މާދަމާ އަޅުގަނޑު އެބަ އިންޑިޔާއަށް ފުރަން. އަޅުގަނޑު އިންޑިޔާއަށް މިދަނީ ކޮމަންވެލްތް ގޭމްސް ހުޅުވުމުގެ ރަސްމިއްޔާތަށް ލިބިފައިވާ ދަޢުވަތަކަށް. އަޅުގަނޑަށް ފެންނަ ފެނުމުގައި މިހާތަނަށް ބޭއްވިފައިވާ އެންމެ ރަނގަޅު އެއް ކޮމަންވެލްތް ގޭމްސްއެއް ފެނިގެންދާނީ ދިއްލީއިން. ކޮމަންވެލްތް ގޭމްސްގައި ބައިވެރިވާ ފަރާތްތަކުގެ އެކޮމަޑޭޝަނާއި، ހުރުމާއި، ދަތުރާ، އަދި އެހެންވެސް ކަންކަން އަޅުގަނޑަށް ފެންނަ ގޮތުގައި ދިއްލީގައި އިންތިޒާމު ކުރެވިފައި އޮންނާނީ ހަމަ ވަރަށްވެސް ރަނގަޅަށް. އަޅުގަނޑަށްވެސް އެނގޭ، އަޅުގަނޑު މިހެން ދަންނަވާއިރުގައި، އެހެން ގޮތްގޮތަށް ތިޔަބޭފުޅުން އަޑުއައްސަވާފައި އޮވެދާނެ. އެހެން ނަމަވެސް، އަޅުގަނޑަށް ފެންނަ ގޮތުގައި އެދުވަސް ޖެހުނީމާ، ދެން ތިޔަބޭފުޅުން ޚަބަރު އަޑުއައްސަވާއިރު މިވާހަކަތައް ތަފާތުވާނެ. ހަމަގައިމުވެސް އަޅުގަނޑު މިދަނީ، އަޅުގަނޑުމެން ރާއްޖޭގެވެސް ވަރަށް ވަރުގަދަ ޓީމެއް ބައިވެރިވޭ. އަދި ކޮމަންވެލްތްގެ މިބާވަތުގެ ޙަރަކާތެއް، ޚާއްޞަކޮށް ދިއްލީގައި ބާއްވާއިރުގައި، މިދިވެހިރާއްޖެ މިވަގުތު ބައިވެރިވުމަކީ މުހިންމު ކަމެއް ކަމަށް ދިއްލީއިންވެސް އަދި ކޮމަންވެލްތުންވެސް ދެކިވަޑައިގަންނަވާތީވެ، އަޅުގަނޑު ވަގުތު ހޯދައިގެން މިކަމުގައި ބައިވެރިވުމަށް މިދަނީ. އަޅުގަނޑު މާގިނަ ދުވަހެއް ނުވާނެ.

އަޅުގަނޑުގެ ދުޢާއަކީ އަޅުގަނޑުމެންނަށް މިއަދަށްވުރެ އަދި މާ ފާގަތި މާދަމައެއް ލިބުން. އަޅުގަނޑުގެ ދުޢާއަކީ، އަޅުގަނޑުމެންނަށް ދެދުނިޔޭގެ ބާއްޖަވެރިކަން ލިބުން.

والحمد للّـه. والسّـلام عليـكم