بســم اللّـه الرّحمـن الرّحيــم

السّـلام عليـكم

މިއަދަކީ ސެޕްޓެމްބަރ މަހުގެ 17 ވީ ހުކުރު ދުވަސް. އިއްޔެ އަޅުގަނޑު ވާނީ ދައުލަތަށް ގިނަދުވަހު ޚިދްމަތް ކުރެއްވި ޢިއްޒަތްތެރިންގެ ގޮތުގައި ރާއްޖޭގެ އަމިއްލަ ދާއިރާގައި ސަރުކާރާ ދުރުން ވަރަށްގިނަ ދުވަހު މަސައްކަތް ކުރައްވައި، ވަރަށް ގިނަގުނަ ޚިދްމަތްތަކެއް ކޮށްދެއްވާފައިވާ ދެބޭފުޅަކަށް ޢިއްޒަތްތެރި ކަމުގެ ޝަރަފް އަދި މަގާމު އަރުވާފައި. އަޅުގަނޑު މިވާހަކަ މިއަދު މިހެން މިފާހަގަކޮށްލަނީ، އަޅުގަނޑަށް ފެންނަ ފެނުމުގައި، މީގެކުރީގައި ދައުލަތަށް ޚިދްމަތް ކުރުމަކީ ހަމައެކަނި ސަރުކާރަށް ޚިދްމަތް ކުރުން ކަމަށް ވަރަށްގިނަ ފަހަރަށް ދެކެވިފައި އޮންނަ ދެކުން، ޙަޤީޤަތުގައި އަޅުގަނޑުމެން ތަންފީޒު ކުރަމުން މިއަންނަ އާ ޤާނޫނުއަސާސީގެ ރޫޙާއި، އެޤާނޫނުއަސާސީގެ ބައްޓަމާއި ސިފައަށް ބަލާއިރުގައި، ދައުލަތަކީ ކޮބައިކަމާއި، ދައުލަތުގެ ތެރޭގައި ހިމަނަންޖެހެނީ ކޮންކޮން ފަރާތްތަކެއްކަމާއި، މިކަންކަން ވަރަށް ސާފުވެގެންދޭ. އެހެންވީމާ، އަމިއްލަ ފަރާތްތަކުގެ މަސައްކަތުގެ އަގު ވަޒަން ކުރުމަކީ، އަޅުގަނޑުގެ ނަޒަރުގައި ސަރުކާރުގެ ވާޖިބެއް. އަޅުގަނޑަށް ޙަވާލުވެފައި އޮތް ޤާނޫނީ މަސްއޫލިއްޔަތެއް. އެ ޝަރަފް އަޅުގަނޑުމެންނަށް މިފަހަރު ސަރުކާރުން އެރުވުމުގެ ފުރްޞަތު މިލިބުނީ، ވަރަށްވެސް ގިނަދުވަހު، ވަރަށްވެސް ބޮޑެތި، ވަރަށްވެސް މުހިންމު މަސައްކަތްތަކެއް ކުރައްވާފައި ތިއްބެވި ދެބޭފުޅަކަށް. އެއީ، ކޮލިގޭ މުޙަންމަދު ޢުމަރު މަނިކަށާއި، ޗަމްޕާ ޙުސައިން ޢަފީފަށް. އެނގިވަޑައިގަންނަވާނެ، އެދެބޭފުޅުންނަކީވެސް ޓްރިނިޓީ ކޮލެޖްގެ ޒުވާނުންގެ ގޮތުގައި ޒުވާން ދައުރު ހޭދަކުރެއްވި ދެބޭފުޅުން. ދެބޭފުޅުންނަކީވެސް ހަމަ ރާއްޖޭގެ ކްރިކެޓް ދަނޑުގައިވެސް އަޅުގަނޑުމެންނަށް ފެނިފައި، ޙުސައިން ޢަފީފަކީ ވަރަށް ވަރަށް ވިދަވިދާ ހުއްޓާވެސް އަޅުގަނޑުމެންނަށް ފެނިފައިވާ ބޭފުޅެއް. އެބޭފުޅުންގެ މިދެންނެވި ބާވަތުގެ ކަންކަމަށްވުރެން އެބޭފުޅުން އަދި އަރާ ތިއްބެވީ، އެބޭފުޅުންގެ ދުރު ވިސްނެވުމާ އެކީގައި ހިންގަވަމުން ގެންދެވި މަސައްކަތްތަކަށް. ރާއްޖެއަށް މިއައި ބަދަލު، ރާއްޖޭގެ އިޤްތިޞާދަށް މިއައި ބަދަލު ޙަޤީޤަތުގައި އައިސްފައިމިވާ އެންމެބޮޑު އެއްސަބަބަކީ، ޓުއަރިޒަމް ރާއްޖެއަށް ތަޢާރުފުވެގެންދިޔަކަން. ރާއްޖޭގައި ޓުއަރިޒަމްގެ މަސައްކަތް ކުރިއެރުވުމުގައި ކިތަންމެ ބައެއްގެ އެހީތެރިކަން އެބައޮތް. އެކަމުގައި ޝައްކެއްވެސް ނެތް. އެއްވެސް ހާލެއްގައި އެބާވަތުގެ ވާހަކައެއް ދަންނަވަނީކީއެއްވެސް ނޫން. އެހެން ނަމަވެސް، މީގައި އަޅުގަނޑު ދަންނަވަން ބޭނުންވާ ވާހަކައަކީ، އެއީ ޕްރައިވެޓް އިންޑަސްޓްރީ ނުވަތަ ޕަބްލިކް ޕްރައިވެޓް ޕާޓްނަރޝިޕޭ ކިޔޭ އުޞޫލުން ވަރަށް ބޮޑަށް ހިނގީމައޭ ޓުއަރިޒަމް ކުރިއަރައިގެންދިޔައީ. އަޅުގަނޑު މިދެންނެވި ބޭފުޅުންގެ ޚިދްމަތްތަކަކީ، ހުރިހާ ބޭފުޅުންވެސް ގަބޫލު ކުރައްވާނެ، އަޅުގަނޑުމެންނަށް ޤައުމަށާއި، ސަރުކާރަށާއި، ދައުލަތަށް ކިތަންމެ ޒަމާނެއް ވަންދެން ލިބިފައިވާ ޚިދްމަތެއް. އެހެންވީމާ، ސަރުކާރުގެ ފަރާތުން އަޅުގަނޑު އެދެބޭފުޅުންނަށް ޝުކުރު ދަންނަވަން.

މީގެ ދެތިން ހަފްތާއެއް ކުރީގައި އަޅުގަނޑު ދެންނެވިން، ކުރިއަށް މިއޮތް ތަނުގައި ވަރަށްގިނަ މަސައްކަތްތައް ފެށޭގޮތަށޭ އަޅުގަނޑުމެންނަށް މިހާރު މިތިބެވެނީ. މިދިޔަ ހަފްތާގައި އަޅުގަނޑުމެންނަށް ވަނީ ގުޅީފަޅުގެ މަޝްރޫޢު އެއީ ވަރަށްބޮޑު މަޝްރޫޢެއް، އެމަޝްރޫޢު ފެށިފައި. ގުޅީފަޅު މިހާރު އެދަނީ ހިއްކަމުން. އިރާދަކުރެއްވިއްޔާ، ހިއްކާ ނިމުނީމާ، އެތަނުގެ އެމްބޭންކްމަންޓާއި ނުވަތަ ރިވެޓްމަންޓާއި، އެއްގަމު ތޮށްޓާއި، ބޭރު ތޮށްޓާ، މިތޮށިތައްލެވި އަދި އެތަނުގެ މަގުތައް ހެދި، އަދި އެތަނުގެ ގުދަންތައް އެޅި އަދި އެތަނުގައި ފެނާއި ނަރުދަމައާއި ކަރަންޓްގެ ޚިދްމަތްދެވި، ގަސް އިންދި، ފުރިހަމަ ރަށަކަށް ވެގެންދާނެ ކަމަށް އަޅުގަނޑުމެން މިދެކެނީ، އަހަރެއްހާ ދުވަހުގެ ތެރޭގައި، އެމަސައްކަތްކޮށް ނިމޭނެ ކަމަށް. އެބޭފުޅުންގެ ކޮންޓްރެކްޓް، އެބޭފުޅުންނާ އެކީގައި ކުރެވިފައި އެވަނީ މިދެންނެވި އުޞޫލުން. ދެން ހަމަ އެޔާއެކީގައި އަޅުގަނޑުމެންނަށް އެރަށުގައި ގުޅީފަޅުގައި ހިންގަންހުރި މަސައްކަތްތަކުގެ ތެރޭގައި، ނުވަތަ ދޭ ޚިދްމަތްތަކުގެ ތެރޭގައި، މާލޭގެ އެކިއެކި މައްސަލަތައް ޙައްލުކުރުން އެއީ، އެރަށުގެ ބޭނުން އެންމެ ބޮޑަށް ކުރަން ބޭނުންވާ އެއްބޭނުން. އޭގެތެރޭގައި، މާލޭ ރައްޔިތުންނަށް، މާލޭގައި ދިރިއުޅޭ މީހުންނަށް ބޯހިޔާވަހިކަން ފޯރުކޮށްދިނުމަކީ ސަރުކާރުގެ ވަރަށްބޮޑު އަމާޒެއް. އަޅުގަނޑުމެންނަށް ގުޅީފަޅު މެދުވެރިކޮށް، މަދުވެގެން ދެހާސް ހައުސިންގ ޔުނިޓް އެތަނުގައި ޢިމާރާތް ކުރެވި ދޫކުރެވޭނެ. އަދި އެނގިވަޑައިގަންނަވާނެ، މިހާރު ޗައިނާ ސަރުކާރާ އެކުގައި ސޮއިކުރެވިފައިވާ ކޮންޓްރެކްޓްގެ ދަށުން ހުޅުމާލޭގައި އެއްހާސް ފްލެޓްގެ މަސައްކަތް، އަޅުގަނޑުމެން މިދެކެނީ ނޮވެމްބަރުހާ ތަނުގައި ޢަމަލީ ގޮތުގައި ފެށިގެންދާނެ ކަމަށް. އެހެންވީމާ، މިއަންނަ އަހަރު އިރާދަކުރެއްވިއްޔާ، އަޅުގަނޑުމެން ސަރުކާރު ވަޢުދުވަމުން މިއައި ބޯހިޔާވަހިކަމުގެ ވަޢުދު ނުވަތަ އެމަސައްކަތް އަޅުގަނޑުމެން ކުރާ ކުރުން، އެމަސައްކަތުގެ އެންމެހާ ކަންކަން، އަޅުގަނޑުމެން މިއަންނަ އަހަރު މެދެއްހާ ތަނުގައި ނުވަތަ ނިމޭ ތަނުގައި ބަލައިލާއިރުގައި، އަޅުގަނޑުމެންނަށް ވިސްނައިލެވޭނެ، ކިހާ ގެއެއްތޯ މިހާރު އެޅިފައި އޭރު ހުންނާނީ. އަދި ކިހާ ގެއެއްތޯ އެޅުމުގެ މަސައްކަތުގައި މިވަނީ. އަދި ކިހާ ގެއެއްތޯ އަޅަން މިވަނީ. އަޅުގަނޑު މި އުންމީދު ކުރަނީ، އަޅުގަނޑުމެންނަށް މިއަންނަ އަހަރު ނިމޭއިރުގައި، ދެތިންހާހެއްހާ ގެ އެޅިފައި ހުންނާނެ ކަމަށް.

ގުޅީފަޅުގެ އިތުރުން، އަޅުގަނޑަށް މަޢްލޫމާތު ލިބިފައިވާ ގޮތުގައި، ހޯރަފުށްޓާއި، އިހަވަންދުއާއި އަދި މަތިވެރީގެ ބަނދަރު، މިއަންނަ ހަފްތާގެ ތެރޭގައި ކޮންޓްރެކްޓަރުންނާ ޙަވާލުކޮށް ސޮއިކޮށް ނިމޭނެ. މި ތިން ބަނދަރުގެ ބީލަމުގެ މަސައްކަތް، ތަންކޮޅެއް ދިގުލައި ހިނގައްޖެ. ސަބަބުތަކެއް ނެތިއެއް ނޫން. އެހެން ނަމަވެސް، އިރާދަކުރައްވައިގެން އަޅުގަނޑުމެންނަށް މިހާރު މިވަނީ މިމަސައްކަތްތައް ނިމި، ޢަމަލީ މަސައްކަތް ދާދި އަވަހަށް މިދެންނެވި ތިން ރަށުގައި ފެށޭގޮތަށް ހުރިހާ ކަމެއް ހަމަޖެހިފައި.

މިދިޔަ ހަފްތާގެ ތެރޭގައާއި އަދި ކުރިއަށް މިއޮތް ހަފްތާގައި މުޅި ސަރުކާރުހެން ހިންގަމުން ގެންދާ ވަރަށް މުހިންމު މަސައްކަތެއް އެބައޮތް. އެއީ ބަޖެޓަށް ތައްޔާރުވުން. 2006 ވަނަ އަހަރުއްސުރެން ފެށިގެން ސަރުކާރުން މަސައްކަތް ކުރަމުން އައިސްފައި މިވަނީ، ޕްރޮގްރާމް ބަޖެޓަކަށް ބަޖެޓް ބަދަލުކުރުން. އެކަމަށްޓަކައި 2006 ވަނަ އަހަރުވެސް، 2007 ވަނަ އަހަރުވެސް ވަރަށް ބޮޑަށް ފިނޭންސް މިނިސްޓްރީއިން މަސައްކަތް ކުރެއްވި، އެކަން އެގޮތަށް ހިންގޭތޯ. އެހެން ނަމަވެސް، އަޅުގަނޑުމެންނަށް ހުށަހެޅިފައި އޮތީކީއެއް ޕްރޮގްރާމް ބަޖެޓެއް ނޫން. އަދި 2007 ވަނަ އަހަރުވެސް، 2008 ވަނަ އަހަރުވެސް، 2009 ވަނަ އަހަރުވެސް، 2010 ވަނަ އަހަރުވެސް ހުށަހެޅުނީކީއެއް ޕްރޮގްރާމް ބަޖެޓެއް ނޫން. ސަރުކާރުން މިހާރު މިދެކެނީ، 2011 ވަނަ އަހަރަށް ލަފާކުރާ ބަޖެޓްގެ ގޮތުގައި މަޖިލީހަށް ސަރުކާރުން ހުށަހަޅާނީ ޕްރޮގްރާމް ބަޖެޓެކޭ. ޕްރޮގްރާމް ބަޖެޓެކޭ މިދަންނަވާ ވާހަކައަކީ އަޅުގަނޑަށް މަޢްލޫމާތު ލިބިފައި އޮތް ގޮތުގައި، ބަޖެޓް ހަދާ ހެދުމަކީ، މީގެ ކުރީގައި ސަރުކާރުގައި މިވެފައި މިއޮންނަނީ އެއީ ބަޖެޓް ސެކްޝަނުން ކުރާ ކަމެއްގެ ގޮތުގައި. މައިގަނޑު ގޮތެއްގައި އެކަން ކުރަމުން އައި ގޮތަކީވެސް ކުރީ އަހަރުގެ ބަޖެޓް، އެކްސެލް ޝީޓްގައި މިހަދާފައި އޮންނާނީ، ކުޑަތަންކޮޅެއް އިތުރުކޮށްލާފައި އަނެއްކާވެސް ހަމަ އެކުލަވައިލީމާ އެއީ އަހަރުގެ ބަޖެޓްގެ ގޮތުގައި ބެލެވިގެން، ނިމިގެން ދަނީ. އޭގެ ބަދަލުގައި މިއަހަރު ސަރުކާރުން މިބުނަނީ، ސަރުކާރުގެ ތަރައްޤީގެ މަޝްރޫޢު، ސްޓްރެޓީޖިކް އެކްޝަން ޕްލޭން، 2009 ވަނަ އަހަރު ވަނީ ނިންމިފައި. އެހެންވީމާ، މިހާރު ސަރުކާރުން މިބޭނުންވަނީ އެ ޕްލޭނަށް ބަޖެޓެއް ހެދުމަށް. އެހެންވީމާ، މިގޮތަށް ބަޖެޓް ހަދާއިރުގައި، ހުރިހާ ވުޒާރާއަކުންވެސް، ހުރިހާ އޮފީހަކުންވެސް، ހުރިހާ މުއައްސަސާއަކުންވެސް ބަޖެޓް އަންދާޒާއެއްގެ ގޮތުގައި ނިންމަވަންވީ ކަމަކީ، ރުފިޔާގެ ޢަދަދެއް ނޫން ބޭނުންވެލައްވާ. އެހެން ނަމަވެސް، މިއަންނަ އަހަރު ކުރުމަށް ކަނޑައަޅާފައިވާ މަސައްކަތް. ކޮންކޮން މަސައްކަތެއްތޯ އެކިއެކި ވުޒާރާއިން މިއަންނަ އަހަރު ކުރުމަށް ނިންމާފައިވަނީ. އަދި އޭގެކުރިއަށް އަޅުގަނޑުމެން ޖެހެނީ. އެމަސައްކަތްތައް ކުރުމުގެ ކުރީގައި އަދި އެމަސައްކަތްތައް ކަނޑައެޅުމުގެ ކުރީގައި ފުރަތަމަ މި ކަނޑައަޅާން މިޖެހެނީ، ކޮބައިތޯއޭ ވަކި ވުޒާރާއެއްގެ ނުވަތަ ވަކި އޮފީހެއްގެ މައިގަނޑު އަމާޒަކީ، މަޤްޞަދަކީ. 2011 ވަނަ އަހަރު އަޅުގަނޑުމެން ޙާޞިލް ކުރާން މިއުޅެނީ ކޮންކަމެއްތޯއޭ. އެ ލަނޑުދަނޑި ނުވަތަ އެ މަޤްޞަދު، އެ އަމާޒު ފާހަގަކޮށްފައި ދެން އޮފީސްތަކުން ކުރައްވާން މިޖެހިލައްވާ ކަމަކީ އެކަން ކުރުމަށްޓަކައި ހިންގަންޖެހެނީ ކޮންކޮން މަސައްކަތެއްތޯ ކަނޑައެޅުން. ދެން އެއަށްފަހު، ބަލަން މިޖެހެނީ އެފަދަ މަސައްކަތެއް ކުރުމަށް ތަކެއްޗާއި، ޚިދްމަތާއި، މީހުންނާ މިހެންގޮސް މިބާވަތުގެ ކަންކަމުން ކިހާ ޚަރަދެއް ހިނގާނެތޯ. އެއަށް އަޅުގަނޑުމެން މިބަލަނީ ބަޖެޓް ކަމަށް. އެހެން ނަމަވެސް، މުހިންމީ ޕްރޮގްރާމްތައް. މުހިންމީ ސަރުކާރުން މިއަންނަ އަހަރު ހިންގަން ނިންމާ ޕްރޮގްރާމްތަކަކީ ކޮބައިތޯ ދެނެގަތުން. އެޕްރޮގްރާމްތައް މި ޙަރަކާތްތައް، މަސައްކަތްތައް އަޅުގަނޑުމެން އަގުކުރަނީ. އެ އަގު އެއީ އަންދާޒާ ލަފާގެ ގޮތުގައި ސަރުކާރުން މަޖިލީހަށް ހުށަހަޅަނީ. ހަމައެހެންމެ، އާމްދަނީވެސް މިއަންނަ އަހަރު ވަރަށްބޮޑުތަނުން ބަދަލުވެގެންދާނެ. އަޅުގަނޑުމެންނަށް ފުރަތަމަފަހަރަށް ގުޑްސް އެންޑް ސަރވިސަސް ޓެކްސެއް ނެގި، ޢާންމު ޓެކްސޭޝަންގެ އުޞޫލަށް އާމްދަނީ ލިބެން ފަށާނެ. އަދި އަޅުގަނޑު މި އުންމީދު ކުރަނީ، މިއަހަރުގެ ތެރޭގައި އަދިވެސް އަޅުގަނޑުމެންނަށް ވިޔަފާރީގެ ފައިދާއިން ނަގާ ޓެކްސްގެ ބިލް މަޖިލީހުން ނިންމައިގެން ގެނެވޭނެ ކަމަށް. އެހެންވީމާ، މިއަހަރު ބަޖެޓް ހުށަހަޅާއިރު، ބަޖެޓަކީ ވަރަށް ތަފާތު ބަޖެޓެއް. މުޅިން އެހެން ބައްޓަމެއްގައި އޮތް ބަޖެޓެއް.

އަޅުގަނޑު މިއަދު އިތުރަށް ދަންނަވާލަން އޮތީ ލާމަރްކަޒީ އުޞޫލުން އިދާރީ ދާއިރާތައް ކަނޑައަޅައި، އަދި ކައުންސިލްތައް އިންތިޚާބު ކުރުމުގެ ޤާނޫނުވެސް މިވަނީ ނިމިފައި. އަދި އިރާދަކުރެއްވިއްޔާ، ރަށްތައް ކަނޑައެޅުމުގެ މަސައްކަތްވެސް ސަރުކާރުން ވާދަވެރި ޑީ.އާރު.ޕީ އާ އެއްބަސްވެފައިވާ ގޮތަށް ކޮށް، އެ އެއްބަސްވެފައިވާ ގަޑިތަކަށް ނިންމާނެ. މިހާރު އެއްބަސްވެފައި މިވަނީ 17 ސެޕްޓެމްބަރާއި 9 އޮކްޓޯބަރާ ދެމެދު ރަށްތައް ކަނޑައެޅުމުގެ މަސައްކަތް ނިންމުން. އެގޮތުން ރަށްތައް ކަނޑައެޅުމަށްޓަކައި ބައެއް ރަށްރަށުގައި އެއީ ދެރަށެއް، އެއީ އެއް އިދާރީ އޮފީހެއް ނުވަތަ އިދާރީގޮތުން ލާމަރްކަޒީ އުޞޫލުން ހިންގުމަށްޓަކައި އިދާރީގޮތުން ދެކޭއިރު އެއީ އެއްރަށެއްގެ ގޮތުގައި ދެކެވޭ، ދެރަށެއް އެއީ އެއްރަށެއްގެ ގޮތުގައި ދެކުމަށްޓަކައި ދެރަށުގައިމެ އެބަ ފެންނަ، ނުފެންނަ ވޯޓެއް ނަގާންޖެހޭ. އަދި ދެރަށުންވެސް އެކަމަށް އަޣްލަބިއްޔަތެއް ލިބުނީމާ ނޫނީ އެކަމައިގެން ކުރިއަށްދާކަށް ސަރުކާރަކުންވެސް ނޭދޭ. ޚާއްޞަ ގޮތެއްގައި، ވާދަވެރި ޑީ.އާރު.ޕީ އާ ކުރެވިފައިވާ މަޝްވަރާތަކުގައި އެއްބަސްވެވިފައިވަނީ މިފަދައިން. އެހެންވީމާ، ސަރުކާރުން ޢަމަލު ކުރަމުން ގެންދާނީ އެގޮތަށް. ހަމައެހެންމެ، 31 ޑިސެމްބަރުގެ ކުރީގައި އިންތިޚާބު ބޭއްވުމަށްވެސް ވަނީ ވާދަވެރި ޑީ.އާރު.ޕީ.އާ އެކުގައި ސަރުކާރުން އެއްބަސްވެފައި. އެހެންވީމާ، އިރާދަކުރެއްވިއްޔާ، 9 އޮކްޓޯބަރުގައި ރަށްތައް ކަނޑައެޅުމުގެ މަސައްކަތް ސަރުކާރުން ނިންމާނެ. އެރަށްތައް ކަނޑައަޅައި އިޢްލާނު ކުރާނެ. އިންތިޚާބުގެ ނަތީޖާ ހަމަ ލިބުމާ އެކީގައި، އެއީ ފެންނަ ނުފެންނަ ވޯޓު ނަގައި ނިމޭނެ. އެހެންވީމާ، ހަމަ ވިދިގެން އަންނަ ދުވަހު ސަރުކާރުން އެކަން ކުރާނެ.

ލާމަރްކަޒީ އުޞޫލުން ރާއްޖޭގެ އިދާރީ ދާއިރާތައް ހިންގުމާއި، އަދި ކައުންސިލްތަކުގެ އިންތިޚާބު ބޭއްވުމާ، އެކަމާ ގުޅޭގޮތުން އަޅުގަނޑު ދަންނަވަން އޮތް ވާހަކައަކީ މިއީ ވަރަށް މުހިންމު ކަމެކޭ. ވަރަށް ބޭނުންތެރި ކަމެކޭ. ތަރައްޤީއަށް މަގުފަހިވާނެ ކަމެކޭ. މިކަމުގައި އަޅުގަނޑުމެން އެންމެންނަށްވެސް ވީމިންވަރަކުން މަސައްކަތް ކުރުން ލާޒިމޭ. ހަމައެއާއެކީގައި އަޅުގަނޑު ސަރުކާރުގެ ބައެއް ބޭފުޅުންނަށް ދަންނަވާލަން އޮތް ވާހަކައެއް އެބައޮތް. ޚާއްޞަކޮށް، ކައުންސިލަރުންގެ ގޮތުގައި އަޅުގަނޑު ޢައްޔަންކޮށްފައިވާ، ޤާނޫނުއަސާސީގެ 115 ވަނަ މާއްދާއިން ޢައްޔަންކޮށްފައިވާ ހުރިހާ ބޭފުޅުން، މިއިންތިޚާބަށްފަހު އަދި އިންތިޚާބަށް އަޅުގަނޑުމެންދާއިރުގައިވެސް އެއްވެސް ރަށެއްގައި ޢައްޔަން ކޮށްފައި ހުންނަ ކައުންސިލަރެއް ނުހުންނާނެ. ހުރިހާ ކައުންސިލަރުންވެސް ތިއްބަވާނީ އިންތިޚާބުވެގެން. އޭގެތެރޭގައި، އަތޮޅު ކައުންސިލަރުންވެސް. އަދި ޕްރޮވިންސް އޮފީހުގައި ތިއްބެވި ބޭފުޅުންވެސް. އެކައުންސިލަރެއްގެ ގޮތުގައި ތިއްބެވި ބޭފުޅެއް ވެއްޖިއްޔާ، އެބޭފުޅުން ޖެހޭނީ އިންތިޚާބުވާން. ސިޔާސީ މަގާމުގެ ގޮތުގައި ޕްރޮވިންސް އޮފީހެއްގައި ތިއްބަވާނީ ސްޓޭޓް މިނިސްޓަރުންނާއި، އެމިނިސްޓަރުންގެ ނައިބުން. އެހެން ހުރިހާ އަތޮޅުތަކުގައި ތިއްބަވާ ބޭފުޅުންނަކީ އެއީ އިންތިޚާބުވެފައި ތިއްބަވާ ބޭފުޅުންނަށް ހެދުމަށް ސަރުކާރުން މިއެދެނީ. އެހެންވީމާ، އަޅުގަނޑު އެންމެ ބޭފުޅުންނަށް، ކައުންސިލަރ ކަމުގައި ތިއްބެވި ހުރިހާ ބޭފުޅުންނަށްވެސް އަދި ކައުންސިލަރ ކަމަށް އިންތިޚާބުވުމަށް ތައްޔާރުވަމުން އަންނަ ހުރިހާ ބޭފުޅުންނަށްވެސް އަޅުގަނޑު މި ނުކުތާ ފާހަގަކޮށްދޭން ބޭނުން. އިންތިޚާބަށްފަހު، ޤާނޫނުއަސާސީގެ 115 ވަނަ މާއްދާއިން ޢައްޔަން ކުރެވޭ ކައުންސިލަރުން ނުތިއްބަވާނެ.

އަޅުގަނޑު ނިންމާލުމުގެ ކުރިން ދަންނަވަން ބޭނުން، ހަމަ މި މަޥްޟޫޢުގައި، މިއިންތިޚާބަށް ވީހާވެސް ތަޢްލީމީ އަދި ޚާއްޞަކޮށް، ސަރުކާރު ހިންގުމުގެ ތަޖްރިބާ ލިބި ތިއްބެވި ބޭފުޅުން ބައިވެރިވުމަކީ ވަރަށް މުހިންމު ކަމެކޭ. މުޅި ރާއްޖެ ބަދަލުވާން މިދަނީ. އެބަދަލުގައި އަޅުގަނޑުމެންނަށް ޢަމަލީގޮތުން ބައިވެރިވުމުގެ ފުރްޞަތު، މަގު ފަހިވެފައި އޮތްއިރު، އަޅުގަނޑަށް ފެންނަ ފެނުމުގައި ބައިވެރިނުވެ ތިބޭނީ ހަމަ ޙަޤީޤަތުގައިވެސް އަޅުގަނޑުމެންނަށް މިދުނިޔޭގެ މިލިބޭ ހުރިހާ ފުރްޞަތުތައް ސާފު ގޮތުގައި މިނަން ނޭނގޭތީ. އަޅުގަނޑަށް ޔަޤީން، ކަމަށް އެކަށީގެންވާ ބޭފުޅުން، މިކަމުގައި ވާދަކުރައްވާނެ. އިންތިޚާބުގައި ބައިވެރިވެވަޑައިގަންނަވާނެ. އަޅުގަނޑަށް ޔަޤީން، އަޅުގަނޑުމެންނަށް ވާދަވެރި، ޞުލްޙަވެރި، ކާމިޔާބު އިންތިޚާބެއް ހިންގޭނެ.

އަޅުގަނޑުގެ އުންމީދަކީ، މިއަދަށްވުރެ އަދި މާ ފާގަތި މާދަމައެއް އަޅުގަނޑުމެންނަށް ލިބުން. އަޅުގަނޑުގެ ދުޢާއަކީ، އަޅުގަނޑުމެންނަށް ދެދުނިޔޭގެ ބާއްޖަވެރިކަން ލިބުން.

والحمد للّـه. والسّـلام عليـكم

______________________