بســم اللّـه الرّحمـن الرّحيــم

السّـلام عليـكم

މިއަދަކީ ބަރަކާތްތެރި ފިޠުރުޢީދު ދުވަސް. އާދެ! ސެޕްޓެމްބަރ މަހުގެ 10 ވީ ހުކުރު ދުވަސް. އަޅުގަނޑުގެ ފުރަތަމަ ވާޖިބަކީ، ދިވެހިރާއްޖޭގެ އެންމެހާ ލޮބުވެތި ރައްޔިތުންނަށް މިޢީދުގެ އިޚްލާޞްތެރި ތަހުނިޔާ ދަންނަވައި، ހެޔޮއެދުންތައް ފޮނުވުން. ރާއްޖެއިން ބޭރުގައި ދިރިއުޅުއްވަމުން ގެންދަވާ ޢާއިލާތަކާއި އަދި ރާއްޖެއިން ބޭރުގައި ތަޢްލީމު ޙާޞިލު ކުރަމުންދާ ދިވެހި ކުދިންވެސް މިތަހުނިޔާގައި އަޅުގަނޑު ހިމަނަން.

މިއަހަރުގެ ފިޠުރުޢީދު ދުވަސް، ހުކުރު ދުވަހަކާ ދިމާވިކަން އެއީ، ޢީދުގެ އުފާތައް އެތައް ގުނައަކަށް އިތުރުވެގެންދާ ކަމެއް. ޢީދާ ގުޅިގެން މުޅިރާއްޖޭގައި ވަރަށްގިނަ ޙަރަކާތްތައް ހިންގުމަށްވަނީ ހަމަޖެހިފައި. މާލޭގައިވެސް ތަފާތު ކުޅިވަރުތައް ހިނގަމުންދާނެ. އަޅުގަނޑު އުންމީދު ކުރަނީ، ވަރަށް އޮމާންކަމާއެކު މިހުރިހާ ކުޅިވަރުތަކެއްވެސް އަޅުގަނޑުމެން އެންމެ ހިތްހަމަޖެހޭ ގޮތަށް ނިމިގެންދާނެ ކަމަށް.

ޢީދު ދުވަހަކީ އެކިކަހަލަ ދެރަ އަދި ނިކަމެތި ގޮތްތައް މެދުވެރިވެފައިވާ އަޅުގަނޑުމެންގެ އަޚުންނަށާއި އުޚުތުންނަށް ދީލަތިކަމާއެކު އެހީތެރިވުމުގެ ދުވަހެއް. މިފުރްޞަތުގައި، ޕާކިސްތާނުގައި ހާލުގައި ޖެހިފައިވާ މީހުންގެ މަތިން އަޅުގަނޑުމެން ހަނދާން ކުރަންޖެހޭނެ. ވަރަށްގިނަ ފަރާތްތަކަކުން މިހާރުވެސް ފައިސާގެ އެހީ ދެއްވަމުން އެބަ ގެންދަވާ. އަދި މިއަދު މީގެ ބައިގަޑިއިރުފަހުން ރާއްޖޭގެ ހުރިހާ ބްރޯޑްކާސްޓަރުންނާއި، މަދަނީ ޖަމްޢިއްޔާތަކާއި، ކުޅިވަރު ކުޅޭ ފަރާތްތަކާއި، މިޔުޒިކީ ފަންނާނުންނާއި، ފިލްމީ ތަރިން އަދި ކޭޓަރިން އިންޑަސްޓްރީއިން އިސްނަގައިގެން 24 ގަޑިއިރުގެ ޓެލެތޯން ޝޯއެއް އެބަ ފަށާ. [ހެލްޕް ޕާކިސްތާން]ގެ ނަމުގައި މިފަށާ ޙަރަކާތަކީ، ޕާކިސްތާނުގައި ހާލުގައި ޖެހިފައިވާ ރައްޔިތުންނަށް ފައިސާ ހޯދުމަށް ހިންގޭ ޚާއްޞަ ޙަރަކާތެއް. މިކަމުގެ އެންމެހާ ބައިވެރިންނަށް އަޅުގަނޑު ތަހުނިޔާ ދަންނަވަން.

މި ނިމިދިޔަ ހަފްތާގައި ހިންގުނު ވަރަށް މުހިންމު އެއްމަސައްކަތަކީ، ވާދަވެރި ޑީ.އާރު.ޕީއާއި ސަރުކާރާ ދެމެދު މަޝްވަރާތައް ކުރުން. ލާމަރްކަޒީ އުޞޫލުން ރާއްޖޭގައި އިދާރީ ދާއިރާތައް ހިންގުމުގެ ކަންކަން ފަހިކުރުމަށް ބާއްވާ އިންތިޚާބު ބޭއްވުމުގެ ކުރީގައި، ރާއްޖޭގައި މީހުން ދިރިއުޅޭ ރަށްރަށް ކަނޑައެޅުމަށްޓަކައި ސަރުކާރާއި ވާދަވެރި ފަރާތްތަކާއެކުގައި މަޝްވަރާ ކުރުމުގެ މަސައްކަތް ހިނގަމުން މިދަނީ. އަޅުގަނޑަށް ފެންނަނީ، އަޅުގަނޑަށް އެނގެނީ މިމަޝްވަރާތައް ދަނީ ވަރަށް އޮމާންކަމާއެކުގައި، ވަރަށްވެސް ގުޅުން ބޮޑު މާޙައުލެއްގައިކަމަށް. ވާދަވެރި ޕާޓީތަކުގެ މެދުގައި ދެބަސްވުން ހުންނާނެ. އެހެންނަމަވެސް، ޤައުމީ ކަންކަމުގައި އަޅުގަނޑުމެންނަށް އެކައްޗެއް ބުނެ، އެއްބަސްވެވި ކުރިއަށް ދެވޭނެ މަގު ފެންނަކަމީ، އަޅުގަނޑަށް ފެންނަ ފެނުމުގައި އަޅުގަނޑުމެންގެ ޑިމޮކްރަސީ ހަރުދަނާވާ ކަމުގެ ވަރަށް ސާފު ސާދާ ހެތްކެއް. އަޅުގަނޑު މިކަމުގައި ޑީ.އާރު.ޕީ.ގެ ޒަޢީމު އަޙްމަދު ތަސްމީން ޢަލީއަށާއި، އަދި އެޕާޓީގެ ޕާލިމެންޓްރީ ގްރޫޕްގެ އެންމެ މެންބަރުންނަށާއި، މުޅި އެޕާޓީގެ އެންމެހާ މެންބަރުންނަށް ތަހުނިޔާއާއި ޝުކުރު ދަންނަވަން. އަދި ހަމައެހެންމެ، އެމް.ޑީ.ޕީ.ގެ ޗެއަރޕަރސަން މާރިޔާ އަޙްމަދުދީދީ އާއި، އެމް.ޑީ.ޕީ.ގެ ޕާލިމެންޓްރީ ގްރޫޕްގެ އެންމެ ބޭފުޅުންނާއި، އަދި އެމް.ޑީ.ޕީ.ގެ އެންމެހާ މެންބަރުންނަށްވެސް، މިމަސައްކަތްތައް މިހެން ގެންދިއުމުގައި، ދެފަރާތުންމެ ކެތްތެރިކަމާއެކީގައި، ރިވެތި ގޮތުގައި މަސައްކަތް ކުރަމުންދާކަމީ އަޅުގަނޑު ޝުކުރު ދަންނަވަން ބޭނުންވާ ކަމެއް.

މި ފެށޭ ހަފްތާއަކީ ރާއްޖޭގެ ތާރީޚްގައި މުހިންމު ހަފްތާއެއް ކަމުގައިވާނެ. ކުރިއަށް އޮތް ހަފްތާ ތެރޭގައި، އާދެ، މި ސެޕްޓެމްބަރުމަހު 13 ވަނަ ދުވަހު، ރާއްޖެއިން އ.ދ.ގެ މައިގަނޑު ގުނަންތަކުގެ ތެރެއިން އެއް ގުނަން ކަމުގައިވާ އ.ދ.ގެ ހިއުމަން ރައިޓްސް ކައުންސިލުން ރާއްޖެއަށް ލިބިފައިވާ ގޮނޑިއާ ރާއްޖެ ޙަވާލުވާނެ. އެމަޖިލީހުގެ މެންބަރެއްގެ ހައިސިއްޔަތުން ރަސްމީގޮތުން މަސައްކަތް ފަށާނެ.

އެނގިވަޑައިގަންނަވާނެ ފަދައިން، މެއިމަހު ދިވެހިރާއްޖެވަނީ އ.ދ.ގެ އިންސާނީ ޙައްޤުތަކާބެހޭ މަޖިލީހަށް އިންތިޚާބުވެފައި. މި މަޖިލީހަށް ޤައުމުތައް ހޮވުމަށް ބޭއްވުނު އިންތިޚާބުގައި، އެ އިންތިޚާބުގައި ބައިވެރިވި ޤައުމުތަކުގެ ތެރެއިން އެންމެގިނަ ވޯޓު ލިބިފައިވަނީ ރާއްޖެއަށް. މިއީ ހިއުމަން ރައިޓްސް ކައުންސިލް އިންތިޚާބުގެ ތާރީޚުގައިވެސް ޤައުމަކަށް އެންމެ ގިނަ ވޯޓު ލިބުނު ފަހަރު. އ.ދ.ގެ އިންސާނީ ޙައްޤުތަކާބެހޭ މަޖިލީހުގެ މެންބަރެއްގެ ގޮތުން، ރާއްޖެވެގެންދާނީ، ދުނިޔޭގައި އިންސާނީ ޙައްޤުތައް ރައްކާތެރިކޮށް ކުރިއެރުވުމުގެ ޒިންމާ ހަވާލުވެފައިވާ ޤައުމުތަކުގެ ތެރެއިން ޤައުމަކަށް.

މި ކައުންސިލްގެ މެންބަރުކަން ރާއްޖެއިން ބޭނުންކުރާނީ، ދިވެހިންނަށް މިހާރު ލިބިފައިމިވާ އިންސާނީ ޙައްޤުތައް މުޅި ދުނިޔޭގެ ހުރިހާ ރައްޔިތުންނަށް، ދުނިޔޭގެ ކޮންމެ ޤައުމެއްގައި އުޅޭ ބައެއް ކަމުގައިވިޔަސް، ހޯދާ ދިނުމަށް މަސައްކަތް ކުރުމަށް. މި ޙައްޤުތަކަކީ ދާދި ފަހަކާ ޖެހެންދެން ރާއްޖޭގެ ރައްޔިތުންގެ ކިބައިން ނިގުޅިފައިވާ ޙައްޤުތަކެއް. މިމަޖިލީހުގެ މެންބަރުކަން ރާއްޖެއިން ބޭނުންކުރާނީ، ރާއްޖޭގައި ޑިމޮކްރަސީ ހަރުދަނާކޮށް، ރާއްޖޭގެ ރައްޔިތުންގެ އިންސާނީ ޙައްޤުތައް ރައްކާތެރިކޮށް ކުރިއެރުވުމަށް. ރައްޔިތުންނަށް އެކަމުގެ ފުރިހަމަ ފައިދާ ހޯދައިދިނުމަށް. އަޅުގަނޑުގެ އުންމީދަކީ، އިންސާނީ ޙައްޤުތަކާބެހޭ މަޖިލީހުގެ މެންބަރެއްގެ ގޮތުން ރާއްޖެއިން ކުރާ މަސައްކަތާމެދު ރާއްޖޭގެ ހުރިހާ ރައްޔިތުންވެސް އިތުރު ޝައުޤުވެރިކަމާއެކު ބަލައި، މިކަމުގައި ބައިވެރިވުން.

އަޅުގަނޑުގެ ދުޢާއަކީ، އަޅުގަނޑުމެންނަށް މިއަދަށްވުރެ އަދި މާ ފާގަތި މާދަމައެއް ލިބުން. އަޅުގަނޑުގެ ދުޢާއަކީ، އަޅުގަނޑުމެންނަށް ދެދުނިޔޭގެ ބާއްޖަވެރިކަން ލިބުން.

والحمد للّـه. والسّـلام عليـكم

______________________