بســم اللّـه الرّحمـن الرّحيــم

السّـلام عليـكم


މިއަދަކީ 13 އޯގަސްޓް 2010ވީ ހުކުރު ދުވަސް. ބަރަކާތްތެރި ރަމަޟާން މަހުން 3 ވަނަ ދުވަސް. އަޅުގަނޑުގެ ފުރަތަމަ ވާޖިބަކީ، ރޯދަމަހުގެ ތަހުނިޔާއާއި ހެޔޮއެދުންތައް ރާއްޖޭގެ ރައްޔިތުންނަށް ފޮނުވުން. ރޯދަމަހަކީ، އަޅުގަނޑުމެންގެ މެދުގައި އޮންނަންޖެހޭ އެއްބަނޑުއެއްބަފާކަމާއި، އެއްބައިވަންތަކަމުގެ ގުޅުން އިތުރަށް ބަދަހިކުރުމުގެ މަހެއް. ހަމައެޔާއެކު، އަޅުގަނޑުމެންގެ ތެރޭގައި އުފެދިފައިވާ ބައިބައިވުންތަކާއި ދެބަސްވުންތައް އެއްކިބާކޮށް، އެންމެހާ ފަރުދުންނާއި، މުޅި ޤައުމުގެ ލާބައަށް މަސައްކަތް ކުރުމަކީވެސް ވަރަށް މުހިންމު ކަމެއް.

އެނގިވަޑައިގަންނަވާނެ، މިދިޔަ ހަފްތާގެ ތެރޭގައި، އަޅުގަނޑުމެންނަށްވަނީ ވަރަށް ބޮޑެތި ސިޔާސީ އަދި އިޖްތިމާޢީ ކާމިޔާބުތަކެއް ހޯދިފައި. ރާއްޖޭގައި މީގެ ދެއަހަރު ކުރިން ޢަމަލު ކުރާން ފެށުނު ޤާނޫނުއަސާސީއަށް މިހާރު މިވަނީ ދާއިމީ ފުރިހަމަ ސިފަ ގެނެވިފައި. އެ ޤާނޫނުއަސާސީގެ އިންތިޤާލީ މަރްޙަލާ ނިމި، ސީދާ އެ އަސާސްގެ މައްޗަށް ބިނާކޮށްގެން ދައުލަތް ހިންގާން ފެށިފައި. އެންމެފަހުން އަޅުގަނޑުމެންނަށް އެ ޤާނޫނުއަސާސީއާ އެއްގޮތްވާ ގޮތުގެ މަތިން މިއެކުލަވައިލެވުނީ ދިވެހިރާއްޖޭގެ ޝަރީޢަތް ހިންގުމުގެ ބާރު.

އެނގިވަޑައިގަންނަވާނެ، މި ޤާނޫނުއަސާސީއާ އެއްގޮތަށް 2008 ވަނަ އަހަރު ވަނީ ގިނަ ޕާޓީ އެކުލެވޭ ރިޔާސީ އިންތިޚާބެއް ބޭއްވި، ވެރިކަން ހިންގާނެ ފަރާތެއް ހޯދިފައި. ސަރުކާރު، މިހާރުގެ ސަރުކާރު އެކުލަވައިލެވިފައި. އޭގެފަހުން، 2009 ވަނަ އަހަރުވަނީ ޤާނޫނުހަދާ މަޖިލިސް، މި ޤާނޫނުއަސާސީއާ އެއްގޮތަށް އެކުލަވައިލެވިފައި. އެންމެފަހުން މިއެކުލަވައިލެވުނީ ޝަރީޢަތް ކުރުމުގެ ބާރު. ދިވެހި ދައުލަތުގެ 3 ވަނަ ބާރު.

އަޅުގަނޑުމެންނަށް މިކަން މިގޮތަށް ޚާއްޞަކޮށް، ސުޕްރީމް ކޯޓް އެކުލަވައިލުމުގައި، މި ނަތީޖާ މި ނެރެވުނު އެންމެބޮޑު އެއްސަބަބަކީ، ވާދަވެރި ޑީ.އާރު.ޕީ، ސަރުކާރާއެކީގައި ވަރަށް ގިނަގުނަ މަސައްކަތްތަކެއް، ވަރަށް އިޚްލާޞްތެރިކަމާއެކީގައި ކުރެއްވީތީ. މިކަމަށްޓަކައި އަޅުގަނޑު ޑީ.އާރު.ޕީ.ގެ ލީޑަރ އަޙްމަދު ތަސްމީން ޢަލީއަށާއި، އެ ޕާޓީގެ ޕާލަމެންޓްރީ ގްރޫޕްގެ މެންބަރުންނަށާއި، އަދި މުޅި ޖުމްލަކޮށް، އެ ޕާޓީގެ ހުރިހާ ބޭފުޅުންނަށް ޝުކުރު ދަންނަވަން. އަދި ހަމައެޔާއެކީގައި، ޑީ.އާރު.ޕީ.އާއެކު ވަރަށްބޮޑުތަނުން ދޫދީ، ވަރަށްގިނަ ގޮތްގޮތަށް ބަދަލުވެ، ވަރަށްބުރަ މަސައްކަތްތަކެއް ކޮށްދެއްވި އެމް.ޑީ.ޕީ.ގެ ޕާލަމެންޓްރީ ލީޑަރ މޫސާ މަނިކާއި، ޕާލަމެންޓްރީ ގްރޫޕްގެ އެންމެހާ ބޭފުޅުން ކޮށްދެއްވި ވަރަށް ގިނަގުނަ ބުރަ މަސައްކަތަށް އަޅުގަނޑު ފަށްފަށުން ނިހާޔަތަށް ޝުކުރު ދަންނަވަން. އެމް.ޑީ.ޕީ.ގެ ޢާންމު މެންބަރުން، އެ ޕާޓީގެ ލީޑަރޝިޕް ނުވަތަ އެޕާޓީގެ މެންބަރުންނަށް، މިގޮތަށް މަސައްކަތް ކުރުމަށް ދެއްވި ހިތްވަރާއި، ދިން ދޫ އެއީ، އަޅުގަނޑުގެ ނަޒަރުގައި މިއަދު އަޅުގަނޑުމެންނަށް ކާމިޔާބުވުމުގައި ވަރަށްބޮޑު ރޯލެއް، ވަރަށްބޮޑު ދައުރެއް ކުޅުނު ކަމެއް.

އަޅުގަނޑުމެންނަށް މިއަދު ހޯދުނު ކާމިޔާބުގެ އަގު މުހިންމުކަން ޙަޤީޤަތުގައި މިއަދު އަޅުގަނޑުމެންނަށް ވަޒަން ކުރަން ދަތިވާނެ. ކަމެއް ހިނގަމުންދާއިރުގައި، އެ ހިނގި ކަމެއް އެއީ، އަޅުގަނޑުމެންނަށް ކިހާ މުހިންމު ކަމެއްތޯ ދެނެމިގަނެވެނީ، އެކަން ހިނގާނިމި، އޭގެ މާފަހުން އެކަމާ ގުޅޭގޮތުން ވިސްނުނީމާ. އަޅުގަނޑަށް ފެންނަ ފެނުމުގައި، ރާއްޖޭގައި ޢަދުލު އިންޞާފު ފުރިހަމަ ގޮތުގައި ޤާއިމް ކުރުމަށް ކުރެވެންހުރި ހުރިހާ މަސައްކަތެއް ކުރުމަކީ، އަޅުގަނޑުމެން އެންމެންގެ ވާޖިބެއް. ޤައުމެއް ތަރައްޤީއެއް ނުވާނެ، ޤައުމެއްގައެއް ހަމަޖެހުމެއް ނޯންނާނެ، ޢަދުލު އިންޞާފު އެތަނުގައި ނެތްއިރެއްގައި. އިންޞާފު ޤާއިމު ކުރުމަށްޓަކައި އެކުލަވައިލަންޖެހޭ ޝަރީޢަތުގެ ނިޒާމްތަކާއި، އެހެނިހެން އިދާރީ މަސައްކަތްތައް، އިދާރީ އޮނިގަނޑުތައް، އިދާރީ ކަންކަން، އޭގެ ފުރިހަމަ ގޮތުގައި އެކުލަވައިލެވެންޖެހޭނެ. ޝަރީޢަތުގެ އެކިއެކި ހަމަތައް، ޖިނާއީ އިޖްރާތުގެ އުޞޫލުތައް އަދި އެނޫންވެސް އިންޞާފް ޤާއިމު ކުރުމަށް ޖުޑީޝަލް އެޑްމިނިސްޓްރޭޝަނަށް ބޭނުންވާ ހުރިހާ ކަމެއްވެސް، އޭގެ ގޮތުގައި ހަމަޖެހިގެން ނޫނީ އަޅުގަނޑުމެން މިއެދޭ، އަޅުގަނޑުމެން މި އުންމީދުކުރާ އިންޞާފްވެރި ޝަރީޢަތް، އޭގެ ގޮތުގައި ތަންފީޒުކުރާން ދަތިވާނެ.

އަޅުގަނޑު މިހާރު ދެކެނީ، އަޅުގަނޑު ޔަޤީން ކުރަނީ މިހާރުގެ ސުޕްރީމް ކޯޓަށް މިދެންނެވި އެންމެހާ މަސައްކަތް ހިންގޭނެ ކަމަށް. އެކަން ކުރުމުގެ ޤާބިލްކަން އެކޯޓުގައިވާ ކަމަށް. ސުޕްރީމް ކޯޓަށް އައި ބަދަލާއެކު، ޖުޑީޝަލް ސަރވިސް ކޮމިޝަނަށްވެސް ބަދަލު އަންނާނެ. އެހެންވީމާ، އަޅުގަނޑު މި އުންމީދު ކުރަނީ، އެކޮމިޝަންގެ މަސައްކަތްވެސް ކުރިއަށްވުރެ ކިތަންމެ ތަނަކުން ހަރުދަނާވެ، އެކޮމިޝަނުން ބަލަހައްޓަންޖެހޭ ކަންކަން އެކޮމިޝަނުން ބަލަހައްޓައި، ރާއްޖޭގެ ޝަރްޢީ ކަންކަން ރަނގަޅުވެގެންދާނެ ކަމަށް.

އަޅުގަނޑު ހަމަ މިއަދު މީގެއިތުރުން ދަންނަވާލަން ބޭނުން، އަޅުގަނޑުމެންގެ ވަރަށް ގާތް އެކުވެރި ރަޙްމަތްތެރި އަވަށްޓެރި ޤައުމެއް، ޕާކިސްތާން. ޕާކިސްތާނުގައި ފެންބޮޑުވެ، ވަރަށްގިނަ ރައްޔިތުންނަށް މިވަނީ ވަރަށްދެރަ ހާލު ޖެހިފައި. ބައެއް ރިޕޯޓްތައް ބުނާގޮތުގައި، 30 މިލިއަން މީހުންނަށްވުރެ ގިނަ މީހުންނަށް، ޕާކިސްތާނުގެ މޫސުމް ގޯސްވެ، ފެންބޮޑުވެ ދިޔުމުން އެބަ އަސަރުކުރޭ. ޚާއްޞަކޮށް ރޯދަމަހު އަޅުގަނޑުމެންގެ އަޚުންނާއި އަދި އަޅުގަނޑުމެންގެ އަވަށްޓެރިންނާ ގުޅޭގޮތުން އަޅުގަނޑުމެންނަށް ވެވެންއޮތް އެހީތެރިކަމެއްވުމަކީ، އަޅުގަނޑުމެންނަށް ދެވެންއޮތް އެއްޗެއް ހާލުގައި ޖެހިފައި ތިބި ބަޔަކަށް ދިނުމަކީ، އަޅުގަނޑަށް ފެންނަ ފެނުމުގައި އަޅުގަނޑުމެން ކޮންމެހެންވެސް ކުރާންޖެހޭނެ ކަމެއް. ޢަދާލަތު ޕާޓީންވަނީ ޕާކިސްތާނަށް އެހީވުމަށްޓަކައި އެކައުންޓެއް ހުޅުވާފައި. އަޅުގަނޑު މިދެކެނީ، އެހެން ފަރާތްތަކުންވެސް މިމަސައްކަތް ކުރިއަށް ގެންގޮސް، އަޅުގަނޑުމެންނަށްވީ އެހީތެރިކަމެއް ޕާކިސްތާން ރައްޔިތުންނަށް ފޯރުކޮށްދޭނެ ކަމަށް.

ރޯދަމަހުގެ ދުވަސްތަކާއި ރޭތައް އަޅުގަނޑުމެން މިހާރު މިދަނީ ހޭދަކުރަމުން. އޭގައި އަޅުކަން ކުރުމާއި އަދި ހަމަ ޒަމާނުއްސުރެ ފަށައިގެން ރޯދަމަހުގެ އުފާވެރިކަންވެސް އެހާމެ ބޮޑަށް މިއޮތީ އެކުލެވިފައި. އަޅުގަނޑުގެ އުންމީދަކީ، މި މައްސަރު ނިމޭއިރު އަޅުގަނޑުމެން ރޯދަމަހަށް ފެށިއިރުގައި ތިބި މީހުންގެ ގޮތުގައި ނޫން އެހެން ގޮތަކަށް ބަދަލުވެ، އަދި މާ ހެޔޮ ލަފާ ރަނގަޅު ދިރިއުޅުމަކަށް އެނބުރުމަށް މަޤްޞަދު ކަނޑައަޅައި، އެމަގަށް އަޅުގަނޑުމެންނަށް ދެވޭނެ ކަމަށް އަޅުގަނޑުމެން އުންމީދު ކުރާނެ ކަމަށް. އަޅުގަނޑުމެން މަސައްކަތް ކުރާނެ ކަމަށް.

އަޅުގަނޑުގެ ދުޢާއަކީ، އަޅުގަނޑުމެންނަށް މިއަށްވުރެ އަދި މާފާގަތި މާދަމައެއް ލިބުން. އަޅުގަނޑުގެ ދުޢާއަކީ، އަޅުގަނޑުމެންނަށް ދެދުނިޔޭގެ ބާއްޖަވެރިކަން ލިބުން.

والحمد للّـه. والسّـلام عليـكم

______________________