بســم اللّـه الرّحمـن الرّحيــم

السّـلام عليـكم

މިއަދަކީ 30 ޖުލައި 2010ވީ ހުކުރު ދުވަސް. އަޅުގަނޑު މިއަދު ތިޔަބޭފުޅުންނާ ރޭޑިޔޯގެ ޒަރީޢާއިން ބައްދަލުވާއިރުގައި އަޅުގަނޑު މިހުރީ ތިލަދުންމަތީގައި. އަޅުގަނޑު މިހުރީ ކުޅުދުއްފުށީގައި. އަޅުގަނޑު މީގެ ދެހަފްތާއެއް ކުރީގައި ދަންނަވާފައިވާނެ، ކުރިއަށް މިއޮތް ދުވަސްތަކުގެ ތެރޭގައި، އަޅުގަނޑުމެންނަށް މިއޮތީ ތަރައްޤީގެ ވަރަށްގިނަ މަޝްރޫޢުތައް ފެށޭގޮތަށް ކަންކަން ރޭވިފައޭ. އިންތިޒާމް ކުރެވިފައޭ. އަޅުގަނޑުމެން ސަރުކާރު ހިންގުމާ ޙަވާލުވީއްސުރެ ވަރަށް ގިނަގުނަ މަސައްކަތްތަކެއް ކުރަމުން މިއައީ، ރާއްޖެއިން މިހާރުން މިހާރަށް ބޭނުންވާ ޢުމްރާނީ ބައެއް މަސައްކަތްތައް އަވަހަށް ފެށޭނެގޮތަކީ ކޮބައިތޯ ބަލައި ހޯދަމުން. އަޅުގަނޑުމެންނަށް ފެނުނީ ހަމައެކަނި ސަރުކާރުގެ ބަޖެޓުގެ ތެރެއިން މިކަންކަން ހިނގާންވެއްޖެނަމަ، އެއީ ވަރަށްދިގު މުއްދަތެއްގެ ތެރޭގައި ނޫނިއްޔާ ސަރުކާރަށް ރައްޔިތުންނަށް މިކަންކަން ފުރިހަމަގޮތުގައި ފޯރުކޮށްދެވެން ނޯންނާނެ ކަމަށް. އެހެންވީމާ، އަޅުގަނޑުމެން ވިސްނާން ފެށީ، ދުނިޔޭގެ އެހެން ޤައުމުތަކުގައިވެސް މިބާވަތުގެ ކަންކަންކުރާ އުޞޫލުން، ޕަބްލިކް ޕްރައިވެޓް ޕާޓްނަރޝިޕް ނުވަތަ ސަރުކާރާއި ޢާންމު ވިޔަފާރިއާ ގުޅިގެން ތަރައްޤީގެ މަޝްރޫޢުތައް ހިންގޭނޭ އުޞޫލުތަކެއް ހޯދުމަށް.

މިއުޞޫލުން ވަރަށްގިނަ މަސައްކަތް މިހާރު މިއޮތީ ހިންގަން ފެށިފައި. އޭގެތެރޭގައި، ޚާއްޞަކޮށް، ރާއްޖޭގެ ވަރަށްގިނަ ރަށްރަށުގެ ފެނާއި، ނަރުދަމައާއި އަދި މަގުތައް ހެދުމާއި، ކަރަންޓްގެ ނިޒާމާ، މިކަންކަން ސީދާގޮތުގައި ފެށޭނެ މަގު ސަރުކާރަށް މިހާރު މިވަނީ ފަހިވެފައި. އެނގިވަޑައިގަންނަވާނެ، ދާދި މިދާކަށްދުވަހު މިވަނީ ހުވަދުއަތޮޅު ހުރިހާ ރަށެއްގެ ފެނާއި ނަރުދަމާގެ މަޝްރޫޢު، އެމެރިކާ ކުންފުންޏަކާ އެކީގައި އެއަތޮޅަށް އުފެއްދިފައިވާ ޔުޓިލިޓީ ކުންފުނި މެދުވެރިވެގެން ކުރެވޭގޮތްވެފައި. އައްޑުއަތޮޅާއި ފުވައްމުލަކަށްވެސް މިވަނީ ހަމަ ބައިވޯޓާރ ކުންފުނި، އެއީ އިނގިރޭސި ކުންފުންޏަކާއި، އެ ޕްރޮވިންސްގެ ޔުޓިލިޓީ ކުންފުންޏާ އެކުގައި އެމަސައްކަތް ހިންގޭގޮތްވެފައި. އަދި އޭގެއިތުރުން، ސަރުކާރުން ޓެންޑަރގެ އުޞޫލުން، ޓެންޑަރ ކޮށްގެން، އެއީ ކޮންޓްރެކްޓަރ ފައިނޭންސްގެ އުޞޫލުން ޓެންޑަރ ކޮށްގެން މަސައްކަތް ހިންގުމަށް އިޢްލާނު ކޮށްފައިވާ 30 އެތައް ރަށެއް އެބަވޭ. މިރަށްތަކުގެ ޓެންޑަރ ހުޅުވުން އޯގަސްޓް މަހުގެ ތެރޭގައި ހިނގާނެ. އަދި ހަމަ އޭގެއިތުރުން، އުތުރުގެ ރަށްރަށުގައި ފެނާއި ނަރުދަމާއާއި ކަރަންޓްގެ ޚިދްމަތް ދިނުމަށްޓަކައި އެ މަސައްކަތްތައް ކުރުމަށް އެޕްރޮވިންސްތަކުގެ ޔުޓިލިޓީ ކުންފުނިތަކުން ދަނީ އެހެން ބޭރުގެ ކުންފުނިތަކާއެކީގައި އެގްރީމަންޓްތައްވަމުން. އަދި މަސައްކަތްތައް މިއަންނަނީ ފެށެމުން. އަޅުގަނޑު ދެކޭގޮތުގައި، އަޅުގަނޑުމެންނަށް މި މަސައްކަތްތައް ބާރު ސްޕީޑްގައި ހިންގެން އެބައޮތް. އަދި މިރާއްޖެއަށް، މިރާއްޖޭގެ ރައްޔިތުންނަށް މިފައިދާތަކާއި ފަސޭހަތައް، މިޚިދްމަތްތައް ފޯރުކޮށްދިނުމަކީ މިއަދުގެ ސަރުކާރަށް ކޮށްދެވެން އޮތް ކަމެއް.

އަޅުގަނޑުމެން މަސައްކަތް ކުރަމުން މިއަންނަނީ ތަރައްޤީގެ މަޝްރޫޢުތައް ބާރަށް ހިންގުމަށް. ގެދޮރު ޢިމާރާތް ކުރުމުގެ ކަންތައް ފަހިކަމާއެކީގައި ގެންދެވޭނޭ އުޞޫލުތައް ހޯދަމުން. އަދި މަގުތައް ހެދޭނޭ ގޮތްތަކާއި، މުނިފޫހިފިލުވުމާއި، ކުޅިވަރުގެ ޙަރަކާތްތައް ހިންގޭނެ ގޮތްތަކާއި، މިހާރަށްވުރެ ރަނގަޅަށް އަޅުގަނޑުމެންގެ ދަރީންނަށް ތަޢްލީމު ދެވޭނެގޮތް ހޯދުމާއި، އަދި ހަމައެހެންމެ ރަނގަޅު ޞިއްޙަތެއް ފޯރުކޮށްދިނުމާއި އަދި އާމްދަނީ މަދު ނިކަމެތިންނަށް އަޅާލެވޭނެ ގޮތްތައް ސަރުކާރުން މިހާރު މިއޮތީ އިންތިޒާމް ކޮށްފައި. އަޅުގަނޑުމެންނަށް އޮތީ މިމަސައްކަތްތައް ބާރަށް ހިންގޭނެ ގޮތްވެފައި. އަޅުގަނޑު މިދެކެނީ، މި ލިބުނު ފުރްޞަތުގައި، އަޅުގަނޑުމެން ދިވެހިންނަށް ހިންދަމާލެވުމުގެ ޖާގަ އެބައޮތް ކަމަށް. އަޅުގަނޑުމެން ފަށައިގެން ދަތުރުފަތުރު ކުރުމުގެ ނިޒާމުގެ ކަންތައްވެސް ވަރަށްގިނަ ޕްރޮވިންސްތަކުގައި މިހާރު މިދަނީ ހަމަ ރަނގަޅަށް ހިނގަމުން. އެކަންކަން ދެންދާނީ ތަރައްޤީވަމުން. އަޅުގަނޑުމެންގެ އަމާޒަކަށްވޭ ކާބޯތަކެތި ރާއްޖޭގައި ގިނައިން ހެއްދުން. އަދި މަސްވެރިކަމުން އަދި އެހެން ނޫނަސް ކަނޑުގެ ރޯދިން ރަނގަޅު ނަފާއެއް ހޯދުން. އަދި ޓުއަރިޒަމުންވެސް އިތުރަށް ތަރައްޤީކޮށްގެން، ޚާއްޞަކޮށް، އެއަރޕޯޓް ކުރިއަރުވައިގެން ޓުއަރިޒަމްގެ ފައިދާވެސް މިހާރަށްވުރެ އިތުރުކުރުމަށް ސަރުކާރުން މިދަނީ މަސައްކަތް ކުރަމުން. އަދި މިކަންކަމުގެ ނަތީޖާ މިހާރު މިދަނީ ފެންނަމުން. އިޤްތިޞާދު ކުރިއަށް އަރަމުންދާ މިންވަރު މިއޮތީ ވަރަށް ބޮޑަށް ހަލުވިވެފައި. ޓުއަރިސްޓުން ރާއްޖެއަށް އަންނަ މިންވަރު މިދަނީ އިރާދަކުރައްވައިގެން އިތުރުވަމުން. އަޅުގަނޑުމެންގެ އުންމީދުތައް މިދަނީ ޙަޤީޤަތަކަށްވަމުން. އަޅުގަނޑަށް ޔަޤީން، އަޅުގަނޑުމެންނަށް މިކަން ކުރިއަށް ގެންދެވޭނެ. އަޅުގަނޑުމެން މިދެކޭ މަންޒަރު، އަޅުގަނޑުމެން މިދެކޭ އަނެއް ދިވެހިރާއްޖެ، އަޅުގަނޑުމެންނަށް ހޯދޭނެ.

އެނގިވަޑައިގަންނަވާނެ، މިދިޔަ ދެތިން ހަފްތާއެއްގެ ތެރޭގައި، އަޅުގަނޑުމެންގެ ރާއްޖޭގެ ސިޔާސީ މަސްރަޙް ވަރަށް ބޮޑަށް ކިލަނބުވެގެންދިޔަ. އެދިޔަ ދިޔުމުގެ ތެރޭގައި، އަދި ޙައްލެއް ހޯދުމަށް ހުރިހާ ފަރާތަކުންވެސް މަސައްކަތް ކުރާން ފެށުމާ ގުޅިގެން، އަޅުގަނޑަށް މިހާރު ފެންނަނީ ވަރަށް އުޖާލާ މަންޒަރެއް. އަޅުގަނޑު މި އުންމީދު ކުރަނީ، ޑީ.އާރު.ޕީ އާއި އެމް.ޑީ.ޕީ، މިދެޕާޓީގެ މަޝްވަރާތަކުން އަޅުގަނޑުމެންނަށް ރަނގަޅު ނަތީޖާ ފެންނާނެ ކަމަށް. އަޅުގަނޑު މިހުރީ ތައްޔާރަށް ކަމަށް އަޅުގަނޑު ތަކުރާރުކޮށް ބުނަމުން މިއަންނަނީ، އިތުރު އިންތިޚާބެއް ބާއްވައިގެންވެސް ރާއްޖޭގެ ރައްޔިތުން ސީދާ އެދޭގޮތަށް އަޅުގަނޑުމެން ކަންތައްތައް ހިންގުމަށްޓަކައި އަޅުގަނޑު މިހުރީ ކުރާން އޮތް ކަމެއް ކުރުމަށް ތައްޔާރަށް ކަމަށް. އަޅުގަނޑު މިދަންނަވާ ވާހަކައަކީ، ރިޔާސީ އިންތިޚާބަކަށް ދިޔުމަށްވެސް، އެއީ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބަކަށްފަހުގައި، އަޅުގަނޑު މިހުރީ ވަރަށް ބޮޑަށް ތައްޔާރަށޭ. އެމަސައްކަތް އަޅުގަނޑުމެން ކުރާން ވެއްޖެނަމަ، މިމަސައްކަތް ކުރުމުގައި އަޅުގަނޑަށް ޔަޤީން، ރާއްޖޭގެ ވަރަށްގިނަ ރައްޔިތުން އަޅުގަނޑުމެންނާއި ސަރުކާރާ އެކުގައި ތިބޭނެ. އަޅުގަނޑުމެން ސަރުކާރު ހިންގަމުން މިގެންދަނީ ހަމަ އަޅުގަނޑު އަބަދުވެސް ދަންނަވާ ފަދައިން އެންމެ ބޭނުމަކަށް. އަޅުގަނޑުމެންގެ އަމާޒަކީ މައިގަނޑު ގޮތެއްގައި ދެކަމެއް. އެއްކަމަކީ ރާއްޖޭގައި ޑިމޮކްރަސީގެ ނިޒާމެއް އަށަގެންނެވުން. ރާއްޖޭގެ ރައްޔިތުންނަށް މިނިވަންކަމާއެކީގައި ބިރުގަތުމެއްނެތި އަދި އަރާމުކަމާއެކީގައި އުޅެވޭނޭ ގޮތެއް ހޯދޭތޯ މަސައްކަތް ކުރުން. ހަމައެއާއެކު، ރާއްޖޭގެ އިޤްތިޞާދީ ތަރައްޤީ، ރާއްޖޭގެ ސީދާ މުއްސަނދިކަން ދިވެހި ރައްޔިތުންނަށް ފޯރުކޮށްދިނުމަށް އަމާޒު ކޮށްގެން ކުރާ މަސައްކަތްތައް ކުރިއަށް ގެންދިޔުން.

އަޅުގަނޑުގެ ދުޢާއަކީ އަޅުގަނޑުމެންނަށް މިއަދަށްވުރެ އަދި މާފާގަތި މާދަމައެއް ލިބުން. އަޅުގަނޑުގެ ދުޢާއަކީ އަޅުގަނޑުމެންނަށް ދެދުނިޔޭގެ ބާއްޖަވެރިކަން ލިބުން.

والحمد للّـه. والسّـلام عليـكم