بســم اللّـه الرّحمـن الرّحيــم

السّـلام عليـكم

މިއަދަކީ 23 ޖުލައި 2010ވީ ހުކުރު ދުވަސް. އަޅުގަނޑުމެންގެ ކުރިމަތީގައި ދާދި ގާތުގައި މިވަނީ ހަމަ މިޖުލައިމަހުގެ 26 ވަނަ ދުވަސް، މި ރާއްޖޭގެ މިނިވަންދުވަސް. އެއީ ރާއްޖޭގެ 45 ވަނަ މިނިވަންދުވަސް. ޙަޤީޤަތުގައި އެދުވަހާ ގުޅޭގޮތުން އަޅުގަނޑު މިއަދު ގިނަ ވާހަކަތަކެއް ދައްކައިފިނަމަ، އެދުވަހުގެ ކުރި މެރޭނެކަން އަޅުގަނޑަށް ޔަޤީން. އެހެން ނަމަވެސް، މިހަފްތާގެ ރޭޑިޔޯގެ ބައްދަލުވުމުގައި، ކުރިއަށް މިއޮންނަ ހަފްތާގައި އަޅުގަނޑުމެންނާ ދިމާވާ ކަންކަމާ ގުޅޭގޮތުން އަޅުގަނޑަށް ފެންނަ އެއްޗެއް، ރައްޔިތުންނާ އެކުގައި ޙިއްޞާ ކުރަމުން އެބަގެންދަން. ރާއްޖޭގެ މިނިވަންކަމާއި، އެ މިނިވަންކަން އަޅުގަނޑުމެންނަށް ލިބުނުގޮތާއި އަދި އެ މިނިވަންކަމަކީ ކޮބައިކަމާއި، މިނިވަންކަން ރައްކާތެރިކުރުމާއި، މިކަންކަމާ ގުޅޭގޮތުން މުޅި މި ހަފްތާގައިވެސް އަޅުގަނޑުމެން ޚިޔާލުކޮށް، ފިކުރު ހިންގާ ހެދުމަކީ އަޅުގަނޑުގެ ނަޒަރުގައި ބޭނުންތެރި ކަމެއް.

ޢާންމު ގޮތެއްގައި މިނިވަންކަމާ ގުޅޭގޮތުން އަޅުގަނޑުމެން މިދެކެނީ، އެއީ ޤައުމީ މިނިވަންކަން ކަމަށް. ޤައުމީ މިނިވަންކަމަކީ އިސްތިޢުމާރީ ބާރުން ނުވަތަ އެހެން ބައެއްގެ ބާރުން، އެހެން ބައެއްގެ ނުފޫޒުން، އެހެން ބައެއްގެ ވެރިކަމުގެ ތެރޭގައި ނެތި އަމިއްލަ ވެރިކަމެއް ހިންގާ އަމިއްލަ ޤައުމަކަށްވުން. އެ ޤައުމެއްގެ ރައްޔިތުންގެ ފަރާތުން ނިންމާ ނިންމުންތަކެއް އެއީ އެޤައުމާ ގުޅޭ އެންމެފަހު ނިންމުންތަކަށްވާ އުޞޫލުން ކަންކަން ހިނގަމުންދިޔުން. ރާއްޖެއަށް އިނގިރޭސިންގެ ޙިމާޔަތުގެ ދަށުން ވީއްލުނީ މީގެ 45 އަހަރު ކުރީގައި، 1965 ގައި. ރާއްޖެ ޙިމާޔަތުގެ ދަށަށް ދިޔައީ 1887 ގައި. ރާއްޖެއަކީ އެއްވެސްއިރެއްގައި އިނގިރޭސިންގެ އިސްތިޢުމާރީ ބާރުގައި، ކޮލޮނީއެއްގެ ގޮތުގައި އިނގިރޭސިން ދެކެމުން އައި ތަނެއް ނޫން. އިނގިރޭސިންގެ ޙިމާޔަތުގެ ދަށުގައި އޮތް ތަނެއްގެ ގޮތުގައި އިނގިރޭސިން ދެކެމުން އައި ތަނެއް. އޭގެކުރީގައި ހަމަކަށަވަރުންވެސް ކަނޑައެޅިގެން ދިވެހި ވެރިކަން ފަނޑުވެފައި، ފުނޑުވެފައި އެބަވޭ. ޚާއްޞަކޮށް، މުލީގޭ ދޮން ޙަސަން މަނިކުފާނު، ދޮންބަންޑާރައިން ރާއްޖެ މިނިވަންކުރި ކުރުން އަދި އޭގެކުރީގައި އުތީމު މުޙަންމަދު ބޮޑުތަކުރުފާނު ރާއްޖެ މިނިވަންކުރި ކުރުން. މި ދެޙާދިޘާއަކީ ހަމަގައިމުވެސް ރާއްޖޭގެ މިނިވަންކަން މުޅިން ގެއްލިފައި ވަނިކޮށް އަލުން އަނބުރާ ދިވެހިންގެ އަތްމައްޗަށް ރާއްޖޭގެ މިނިވަންކަން އެނބުރުނު ދެ ޙާދިޘާ.

އިނގިރޭސިންގެ އިސްތިޢުމާރީ ބާރުގައި ނުވަތަ އިނގިރޭސިންގެ ޙިމާޔަތުގެ ދަށުގައި ވަނިކޮށް ރާއްޖެ އަލުން އަނބުރާ ދިވެހިންގެ ސީދާ މިނިވަންކަމަށް ބަދަލުވީ އިބްރާހީމް ނާޞިރުގެ ބޮޑުވަޒީރު ކަމުގައި. އެމަސައްކަތް ވެދިޔަގޮތާއި، އެކަންކަމާ ގުޅޭ ވަރަށް ގިނަގުނަ ޙަޤީޤަތްތައް މިހާރު އަޅުގަނޑުމެންނަށް މިއަންނަނީ ފެންނަމުން. މިނިވަންކަމަށްޓަކައި އަދި ޙިމާޔަތުގެ އެގްރީމަންޓް ނިއުޅުވި، ނިގުޅުވި އަމިއްލަވުމަށް އިބްރާހީމް ނާޞިރު ކުރެއްވި މަސައްކަތްޕުޅުތަކާއި އަދި އިބްރާހީމް ނާޞިރާ އެކުގައި އޭރުގައި ދައުލަތުގެ އިސްކޮށް ތިއްބެވި ބޭފުޅުން ކުރެއްވި މަސައްކަތްޕުޅުތައް އަޅުގަނޑުމެންނަށް މިއަދާ ހަމައަށްވެސް ފެންނާން އެބަހުރި. ފޮޓޯގެ ޒަރީޢާއިންވެސް، ލިޔުންތަކުގެ ތެރެއިންވެސް. އަޅުގަނޑުމެން މިއަދު އެބޭފުޅުންނަށް ޝުކުރުވެރިވާންޖެހޭނެ. އެބޭފުޅުން އެދުވަހު ކުރައްވާފައި އެވަނީ ވަރަށްބޮޑު ޤައުމީ ޚިދްމަތެއް.

އަޅުގަނޑުމެންގެ ޖުލައި 26 އާ، މިނިވަންދުވަހާ އަޅުގަނޑުމެން ކުރިމަތިލާއިރުގައި، މިއީ އަޅުގަނޑުމެންނަށް ވަރަށް އުފާވެރި މިނިވަންދުވަހެއްގެ ގޮތުގައި އަޅުގަނޑަށް އެބަ ފާހަގަވޭ. އަޅުގަނޑު އުފާވާ ކިތަންމެ ސަބަބެއް އެބަހުރި. ޚާއްޞަ ގޮތެއްގައި މި ސަރުކާރު ހިންގާން މަސައްކަތް ކުރަމުން އަންނަ ކިތަންމެ މަޝްރޫޢެއްގެ ޢަމަލީ މަސައްކަތް، އިރާދަކުރެއްވިއްޔާ މި ޖުލައި 26 ވަނަ ދުވަހު ފެށޭކަން. އޭގެތެރޭގައި، ސަރުކާރުން ފޯރުކޮށްދޭން ވަޢުދުވެފައިވާ ބޯހިޔާވަހިކަމުގެ މަޝްރޫޢުގެ ޢަމަލީ މަސައްކަތްތައް، މާލެ ފިޔަވައި އެހެން ރަށްރަށުގައި ފަށައިގަނެވޭނެ، ޖުލައި 26 ދުވަހު. އެދުވަހު ތިނަދޫގަޔާއި ކޮލަމާފުށީގައި މިމަސައްކަތް ފެށޭނެ. އަދި އެއަށްފަހު ދާދި އަވަހަށް އެމަސައްކަތް ކުޅުދުއްފުށީގަޔާއި، މަނަދޫގަޔާއި، ނައިފަރުގަޔާއި އަދި އައްޑުއަތޮޅު ފޭދޫގައިވެސް ހަމަ ފެށިގެންދާނެ. އަދި އޭގެއިތުރުން ރާއްޖޭގެ އެހެން ކިތަންމެ ރަށެއްގައިވެސް މި ބޯހިޔާވަހިކަމުގެ މަޝްރޫޢު ކުރިއަށްދާނެ. އަޅުގަނޑުމެންނަށް މި މަޝްރޫޢުގެ ސީދާ ޢަމަލީ މަސައްކަތް، މާލެ ފިޔަވައި އެހެން ރަށްރަށުގައި ފެށޭކަމީ، އަޅުގަނޑުމެން އުފާވާ ކަމެއް. އެއީ އަބަދުވެސް އަޅުގަނޑުމެންނަށް އެނގިފައި އޮންނަނީ، ޔަޤީންވެފައި އޮންނަނީ މާލެއާއި ހުޅުމާލެއާއި ވިލިނގިލީގައި ވިޔަފާރީގެ އުޞޫލުން ބޯހިޔާވަހިކަން ފޯރުކޮށްދޭނޭ އަމިއްލަ ފަރާތްތައް ލިބޭނެކަން. އެހެން ނަމަވެސް، މާލެއިން ބޭރުގައި އެކަން ކުރުމަށް ދަތިވާނެ ކަމަށް. ރަށްރަށުގައި މިކަން ކުރެވޭކަމީ، އަޅުގަނޑުމެންނަށް ލިބޭ ވަރަށްބޮޑު އުފަލެއް.

ޖުލައި 26 ވަނަ ދުވަހު އަޅުގަނޑުމެންގެ ސަރުކާރުގެ މަގު ހެދުމުގެ ޕްރޮގްރާމްވެސް އިރާދަކުރެއްވިއްޔާ ފަށައިގަނެވޭނެ. އެއީ މިވަގުތު އެންމެ ފުރަތަމަ މިފެށެނީ، ކުޅުދުއްފުށީގައި ހަދަން ފެށޭ މަގު. އަދި ހަމަ ދާދި އަވަހަށް ތިނަދޫގަޔާއި ހިތަދޫގައި، އަދި އައްޑުއަތޮޅުގެ އެހެން ރަށްރަށުގަޔާއި ފުވައްމުލަކުގައި އަދި ލ. އަތޮޅު ގަމުގައިވެސް މަގު ހެދުމުގެ މަސައްކަތް ކުރިއަށްދާނެ. ޢަމަލީގޮތުން ޖުލައި 26 ވަނަ ދުވަހު މިފަށަނީ ކުޅުދުއްފުށީގައި. ދާދި އަވަހަށް އިރާދަކުރެއްވިއްޔާ އެހެން ރަށްރަށަށްވެސް މިމަސައްކަތް ތަޢާރުފުވެގެން ކުރިއަށް ގެންދެވޭނެ.

ޖުލައި 26 ވަނަ ދުވަހު ކިތަންމެ ބަނދަރެއްގެ ޢަމަލީ މަސައްކަތް ފެށޭނެ. އަދި ހަމަ އެދުވަހު މާލޭގައި ކިތަންމެ ކިތަންމެ ޢިމާރާތެއް ހުޅުވުމުގެ ރަސްމިއްޔާތު ބޭއްވޭނެ. ޚާއްޞަ ގޮތެއްގައި، ދާރުލްއާޘާރު، މިޔުޒިއަމް، ވެލާނާގެ، ޑިފެންސް މިނިސްޓްރީގެ ބިލްޑިންގ އަދި ފުލުހުންގެ ބިލްޑިންގ. މާލޭގައި މިހުޅުވޭ މަސައްކަތްތަކަކީ މި ސަރުކާރު ހިންގުމާ ޙަވާލުވިއިރުގައި ދާދި ކުޑަކުޑަކޮށް ފެށިފައި ހުރި ކަންކަން. އަޅުގަނޑުމެންނަށް މަސައްކަތް ކޮށްގެން މިތަންތަން ނިންމާލެވޭކަމީ، އަޅުގަނޑުމެން އުފާވާ ކަމެއް. އަދި އެމަސައްކަތް ފެށި ކަމަށްޓަކައި ކުރީ ސަރުކާރަށްވެސް އަޅުގަނޑުމެން ޝުކުރުވެރިވާންޖެހޭ ކަންކަން. އެހެން ނަމަވެސް، އަޅުގަނޑު މިހެން ދަންނަވާއިރުގައި، މީގެތެރޭގައި ވެލާނާގެ ޢިމާރާތް އެއީ ވަރަށްގިނަ ބައެއްގެ ޚިޔާލު ތަފާތުވެފައިވާ ޢިމާރާތެއް. ފުރަތަމައަށް އެބިމަކީ ސީދާ މާލޭގެ އެންމެ ޤަދީމީ އެއް ޢާއިލާ، ވެލާނާގޭ ޢާއިލާ. ސީދާ ޤަދީމީ އަމިއްލަ ބިން. އެބިން އެބޭފުޅުންގެ އަތުން ވީއްލި، ސަރުކާރަށް ބަދަލުވެ، އެތަނުގައި ސަރުކާރުގެ އެހާބޮޑު ޢިމާރާތެއް އަޅައި، އެޢިމާރާތް ހުޅުވޭކަމީ، އަޅުގަނޑަށް ޔަޤީން، ބައެއް ބޭފުޅުންގެ ނަޒަރުގައި އަދި އެންމެ ފުރިހަމަ ޢަދާލާތަށް ނުވެދާނެ. އެ ޢިމާރާތުން ސަރުކާރަށް ކުރެވޭނެ ބޭނުމާ ގުޅޭގޮތަކުންނެއް އެއްވެސް ބޭފުޅަކު ޚިޔާލު ތަފާތެއްނުވޭ. އަދި ކުރެވޭނެ ބޭނުން ވަރަށް ގިނަވެސްވާނެ. ވަރަށް މުހިންމުވެސްވާނެ. އެހެން ނަމަވެސް، ބިން އެއީ ތިމާގެ އަމިއްލަ މިލްކު. ތިމަންނާއަކީ ދިވެއްސެކޭ މިބުނާ ބަހުގެ ހަމަގައިމުވެސް އެއްމާނައަކީ ތިމަންނާގެ ދެފައި ހަރުކުރާނެ ބިމެއް މިރާއްޖޭގައިވާވުން. ބިމަށް، ގޯތިގެދޮރަށް ޙުރްމަތްތެރިކޮށްހިތުން، އަޅުގަނޑުގެ ނަޒަރުގައި އެއީ ސާދާ ގޮތުގައި މުޖްތަމަޢެއް ހިންގުމަށް ވަރަށް ބޭނުންތެރި އެއްކަންތައް.

އެހެން ނަމަވެސް، އަޅުގަނޑުމެންނަށް ދެން މާލޭގައި ހިންގޭ ކަންތައްތަކާ ގުޅޭގޮތުން ހަމަހުރީ ޚިޔާލު ތަފާތުވުމެއްނެތި ހަމައެކަނި އުފާވެރިކަން ހުރި ކަންކަން. ދާރުލްއާޘާރު ހުޅުވާން އަޅުގަނޑުމެންނަށް ފުރްޞަތު ލިބޭ އެބަ. އަދި ފުލުހުންނާއި ސިފައިންނަށް ރަނގަޅު ދެޢިމާރާތް ހެދޭކަން. އަދި މިކަންކަމުގެ އިތުރުން، ސަރުކާރުގެ އުންމީދެއް އެއީ، ބައެއް ރަށްރަށުގަޔާއި އަދި މާލޭގައިވެސް ފުޓްބޯޅަ އަދި ޓެނިސް އަދި ވޮލީ ކުޅެވޭނެ ތަންތަނާއި، ސާމާނާއި ކްލަބް އުފެއްދުން. ޒުވާނުންނަށް ކުޅިވަރުގެ ގިނަގުނަ ފުރްޞަތުތައް އަދި ބޮޑަށް ހުޅުވާލުން. ހަމައެހެންމެ، މި ޖުލައި 26 ވަނަ ދުވަހު ސަރުކާރުން އިރާދަކުރެއްވިއްޔާ ހުޅުވާނެ ވަރަށްގިނަ ޢަދަދެއްގެ ރާޒުވާ ކްލަބްތަކެއް. އެއީ ރާޒުވާ ގޮނޑިއާއި ކުޅިބަޔާ އެކުގައި ކްލަބެއް އުފައްދައި، އަދި ކުޅިބަޔާއި ގޮނޑި އިރާދަކުރެއްވިއްޔާ ސަރުކާރުންދޭނެ. ސަރުކާރަށް މިހާރު މިވަނީ ވަރަށްގިނަ ޢަދަދެއްގެ މިބާވަތުގެ ކުޅިވަރު ސާމާނު ހޯދިފައި. އެއީ އިންޑިޔާ ސަރުކާރުން ސަރުކާރަށް ލިބިފައިވާ އެހީއެއް. އެކަންތައް ހިންގުމުގައި މިހާރު މިނިސްޓްރީ އޮފް ހިއުމަން ރިސޯސަސް، ޔޫތު އެންޑް ސްޕޯޓްސް ވަރަށް ބާރަށް ކުރިއަށް އެބަދޭ.

އަޅުގަނޑުމެންނަށް މިލިބޭ ކުރިއެރުންތަކަކީ، އަޅުގަނޑުމެންނަށް މިލިބޭ ކާމިޔާބުތަކަކީ ވަރަށް ގިނަގުނަ މަސައްކަތް ކޮށްގެން ލިބޭ ކާމިޔާބުތަކެއް. އަދި އެއީ އެންމެ ފުރިހަމަ ކާމިޔާބު ކަމަށް އެއްވެސް ހާލެއްގައި އަޅުގަނޑުމެން ދެކޭ ކަންކަމެއްވެސް ނޫން. އަޅުގަނޑުމެންގެ ނަޒަރުގައި ކިތަންމެ ކަމެއް އަދި މާރަނގަޅަށް އަޅުގަނޑުމެންނަށް ކުރެވޭނެ. މިރާއްޖެއަށް އިރާދަކުރެއްވިއްޔާ ކާމިޔާބު ލިބޭނެ. އަޅުގަނޑުމެންނަށް ކުރިއެރުން ހޯދޭނެ.

އަޅުގަނޑުގެ ދުޢާއަކީ އަޅުގަނޑުމެންނަށް މިއަދަށްވުރެ އަދި މާ ފާގަތި މާދަމައެއް ލިބުން. އަޅުގަނޑުގެ ދުޢާއަކީ އަޅުގަނޑުމެންނަށް ދެދުނިޔޭގެ ބާއްޖަވެރިކަން ލިބުން.

والحمد للّـه. والسّـلام عليـكم

______________________