بســم اللّـه الرّحمـن الرّحيــم

السّـلام عليـكم

މިއަދަކީ 9 ޖުލައި 2010ވީ ހުކުރު ދުވަސް. ސްރީލަންކާގެ ރައީސް ރާއްޖެއަށް ކުރެއްވި ރަސްމީ އެއްދުވަހުގެ ދަތުރުފުޅަކަށްފަހު އިއްޔެ އެނބުރި ކޮޅުނބަށް ވަޑައިގެން. އަދި ރާއްޖޭގައި ހޭދަކުރެއްވި އެ އެއްދުވަހުގެ ތެރޭގައި، ސްރީލަންކާގެ ރައީސްވަނީ ރާއްޖޭގެ ވެރިކަމާގުޅޭ ވަރަށްގިނަ ފަރާތްތަކާއެކު މަޝްވަރާކޮށް ވާހަކަ ދައްކަވާފައި. އޭގެތެރޭގައި، ވާދަވެރި ސިޔާސީ ޕާޓީތަކުގެ ލީޑަރުންނާއި، ރައްޔިތުންގެ މަޖިލީހުގެ ރައީސާއި، އުއްތަމަފަނޑިޔާރާއި، ކުރީގެ ރައީސް އަލްއުސްތާޛު މައުމޫން ޢަބްދުލްޤައްޔޫމާއި، އެމް.ޑީ.ޕީ.ގެ އިސްވެރިންނާއި، އަދި މިނޫންވެސް ވިޔަފާރިވެރިންނާއި، މިފަދަ އެތައް ބަޔަކާ އެބޭފުޅާ ބައްދަލުކޮށް، މަޝްވަރާކޮށް ވާހަކަ ދެއްކެވި. އަދި އަޅުގަނޑާވެސް ވަރަށް ދިގުކޮށް، އެތައްފަހަރެއްގެ މަތިން ބައްދަލުވެ، އަޅުގަނޑުމެން ވާހަކަ ދައްކައި ހެދީމު.

ސްރީލަންކާގެ ރައީސާއެކު އަޅުގަނޑު ދެއްކި އެންމެ މުހިންމު އެއް ވާހަކައަކީ، މިވަގުތު ރާއްޖެއަށް ދިމާވެފައިވާ ސިޔާސީ މައްސަލަތައް ޙައްލު ކުރުމުގައި، ކަން ކުރިއަށް ގެންދާނެގޮތާ ގުޅޭގޮތުން އަޅުގަނޑުމެން މަޝްވަރާކޮށް ވާހަކަ ދައްކައި ހެދީމު. އަދި އެބޭފުޅާގެ މަޝްވަރާއާއި، އެބޭފުޅާގެ ލަފާގެ މަތިން މިހާރު އަޅުގަނޑު ވާނީ ބައެއް ކަންކަން ހިންގަން ފަށާފައި. އަދި ޚާއްޞަކޮށް، ސްރީލަންކާގެ ރައީސާއެކު ވާދަވެރި ސިޔާސީ ޕާޓީތަކާއި، އެމް.ޑީ.ޕީ.ގެ ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނާ ދެމެދު ބޭއްވުނު ބައްދަލުވުމުގައި، މަޖިލީހުގައި ކަންތައް ގެންދާނެގޮތާ ގުޅޭގޮތުން ޑީ.އާރު.ޕީ.ގެ ތިން މެންބަރުންނާއި އަދި އެމް.ޑީ.ޕީ.ގެ ތިން މެންބަރުން ހިމެނޭ ގޮތަށް ކޮމިޓީއެއް އެކުލަވައިލުމަށް ކޮންމެވެސްވަރަކަށް ދެފަރާތުން ވަނީ ވާހަކަ ދައްކަވައި އެއްބަސްވެފައި. އެހެންވީމާ، އަޅުގަނޑު މި އުންމީދު މިކުރަނީ މި ކޮމިޓީ ވީހާވެސް އަވަހަކަށް އެކުލަވައިލެވޭނެ ކަމަށް. އަދި އެފަދަ ކޮމިޓީއެއްގެ މަސައްކަތް ހަލުވިކަމާއެކު ބާރަށް ކުރިއަށް ގެންދެވޭނެ ކަމަށް.

އެނގިވަޑައިގަންނަވާނެ، މިދިޔަ ހަފްތާގެ ތެރޭގައި އަލުން ކުރީގެ ވަޒީރުންގެ މަޖިލިސް އަނބުރާ މަގާމަށް ގެނެވުނު. ދެން އެއަށްފަހު، މިއޮންނަނީ ރައްޔިތުންގެ މަޖިލީހުގެ ރުހުން ހޯދުމަށް، އެ މަޖިލީހަށް އެ ވަޒީރުންގެ މަޖިލީހުގެ ބޭފުޅުންގެ ނަންފުޅުތައް ފޮނުވުން. އިރާދަކުރެއްވިއްޔާ، މިއަންނަ ހަފްތާގެ ތެރޭގައި އަޅުގަނޑު އެކަން ކުރިއަށް ގެންދާނަން.

ދެން ދަންނަވާލަން އޮތީ، 21 ޖޫން 2010 ވި ހޯމަ ދުވަހު އޮތް 17 ވަނަ ރައްޔިތުންގެ މަޖިލީހުގެ ދެވަނަ ދައުރުގެ 7 ވަނަ ޖަލްސާއިން ފާސްކުރެވިފައިވާ އަދި ތަޞްދީޤު ކުރުމަށްޓަކައި އަޅުގަނޑަށް ފޮނުއްވި [ޤާނޫނު ނަންބަރު 2007/5 (ދިވެހި ސިވިލް ސަރވިސްގެ ޤާނޫނު) އަށް 2 ވަނަ އިޞްލާޙު ގެނައުމުގެ ބިލު] އަޅުގަނޑުވާނީ ތަޞްދީޤު ނުކޮށް ރައްޔިތުންގެ މަޖިލީހަށް އިއްޔެ އަނބުރާ ފޮނުވާފައި.

ރައްޔިތުންގެ މަޖިލީހުން ފާސްކުރައްވާ ބިލުތައް ތަޞްދީޤު ކުރުމަށްޓަކައި އަޅުގަނޑަށް ފޮނުއްވުމުން، އަޅުގަނޑު ބިލް ތަޞްދީޤު ކުރަމުން ގެންދަނީ، އެބިލް ތަޞްދީޤުކޮށް ޢަމަލުކުރާން ފެށުމުން ކުރިމަތިވެދާނެ ޤާނޫނީ، އިޖްތިމާޢީ އަދި އިޤްތިޞާދީ މައްސަލަތަކަށާއި، އެޤާނޫނު ތަންފީޒު ކުރުމުގައި ދިމާވެދާނެ ދަތިތަކަށް ރިޢާޔަތް ކުރުމަށްފަހުގައި.

މި ދެންނެވި ބިލަށް އެޓަރނީ ޖެނެރަލްގެ ފަރާތްޕުޅުންނާއި، އަދި އެހެނިހެންވެސް ކަމާގުޅޭ ފަރާތްތަކުން ލަފައެއް ދެއްވުމަށް އަޅުގަނޑު އެދުމުން، އެފަރާތްތަކުން ފާހަގަކޮށްފައިވަނީ އަދި އަޅުގަނޑުގެ ވިސްނުމުގައިވެސް މި ބިލްގައި ފާހަގަވާ ކަންތައްތަކުގެ ތެރޭގައި ހިމެނެނީ، ފުރަތަމައަށް ސިވިލް ސަރވިސްއަކީ ސަރުކާރުގެ ސިޔާސަތު ތަންފީޛު ކުރުމަށް އޮންނަ ޚިދުމަތްތަކަކަށްވެފައި، ދައުލަތުގެ އެންމެމަތީ ވެރިޔަކީ އަދި ސަރުކާރުގެ އެންމެމަތީ ވެރިޔަކީ ރައީސުލްޖުމްހޫރިއްޔާ ކަމަށްވާއިރު، އަދި ރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީ ތަޞައްވަރު ކޮށްފައިވަނީ ފުރިހަމަ ރިޔާސީ ނިޒާމަކަށް ދައުލަތް ހިންގުން ކަމަށްވާއިރު، މި ބިލުން ގެނެވޭ އިޞްލާޙުގެ ސަބަބުން ސަރުކާރުގެ ތަންފީޛީ ގުނަވަން ހިންގާނެ އެންމެ އިސްމީހުން ކަނޑައެޅުމުގައި ސަރުކާރުގެ އެންމެ އިސްވެރިޔާއަށް އޮންނަންވާނެ މިންވަރަށްވުރެ ދައުރު ހަނިވެގެންދާ ކަމަށް އެބަ ފާހަގަވޭ. އެހެންކަމުން، އެމައްސަލަތަކަށް ރިޢާޔަތްކޮށް، އެބިލަށް އިޞްލާޙެއް ގެނައުމަށް އަޅުގަނޑަށް ފެންނަ ކަމަށް އަޅުގަނޑު މަޖިލީހުގައި ވާނީ ދަންނަވާފައި.

ދައުލަތުގެ ވެރިޔާގެ ހައިސިއްޔަތުން ގިނަ ކަންތައްތަކެއް ރައީސުލްޖުމްހޫރިއްޔާގެ މަސްއޫލިއްޔަތުތަކުގެ ތެރޭގައި ޤާނޫނުއަސާސީގައި ހިމަނާފައިވާއިރު އަދި ޤާނޫނުއަސާސީގެ 7 ވަނަ ބާބުގައި ބަޔާންކޮށްފައިވާ މުއައްސަސާތަކުގެ ތެރެއިން ތަފާތު ގޮތަކަށް އެކުލަވައިލެވޭ ޖުޑީޝަލް ސަރވިސް ކޮމިޝަން ފިޔަވައި އެހެނިހެން ކޮމިޝަންތަކާއި މުސްތަޤިއްލު މަޤާމްތަކަށް މީހުން ހޮވައި، އެމީހުންގެ ނަންތައް ފާސްކުރުމަށް ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުމަކީ ރައީސުލްޖުމްހޫރިއްޔާ، ދައުލަތުގެ ވެރިޔާގެ ހައިސިއްޔަތުން ކުރުމަށް ކަނޑައަޅާފައިވާ ކަމެއް. ޤާނޫނުއަސާސީގެ ދެލިކޮޕީ އެކުލަވާލިއިރު، އެކަން ހިނގަމުންދިޔަ ދުވަސްވަރު، އެޖަލްސާތައް އަޑުއައްސަވަމުން ގެންދެވި ފަރާތްތަކަށާއި، އަދި އެހެން ނޫނަސްވެސް ރައްޔިތުންގެ ޚާއްޞަ މަޖިލީހުގެ ދިރާސާކޮށް ޑްރާފްޓްކުރާ ކޮމިޓީގެ ޔައުމިއްޔާތަކުން ވަރަށް ސާފުކޮށް އެނގެނީ، މުސްތަޤިއްލު މުއައްސަސާތަކާ ބެހޭގޮތުން ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފައިވާ ޤާނޫނުތަކުގައިވެސް އެކަން ކަށަވަރުވެފައިވާކަން. މިދެންނެވީ ޤާނޫނުއަސާސީގައި ބަޔާންކޮށްފައިވާ ޖުޑީޝަލް ސަރވިސް ކޮމިޝަން ފިޔަވައި އެހެނިހެން ކޮމިޝަންތަކާއި، މުސްތަޤިއްލު މަގާމުތަކަށް މީހުން ހޮވައި، އެމީހުންގެ ނަންތައް ފާސްކުރުމަށް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާނީ، ރައީސުލްޖުމްހޫރިއްޔާ ކަމަށް މިދެންނެވި ޔައުމިއްޔާތަކުންވެސް ވަރަށް ސާފުކޮށް ފާހަގަވެފައިވާކަން.

މިނިވަން މުއައްސަސާތަކަށް މީހުން ހޯދުމާއި، އެމީހުންގެ ކިބައިގައި އެކަމުގެ ލަޔާޤަތާއި ޤާބިލުކަން ހުރިތޯ ބެލުމަކީ، ދައުލަތުގެ ތަންފީޛީ ބާރުގެ ތެރެއިން ކުރަންޖެހޭ ކަމެއް. ރައްޔިތުންގެ މަޖިލީހުގެ ދައުރަކަށްވާންވާނީ ސަރުކާރުން އެކަން ކޮށްފައިވަނީ ރަނގަޅަށްތޯ ބަލައި، ފާރަވެރިވެ، މަޖިލީހަށް ސަރުކާރުން އެނަންތައް ހުށަހެޅުމުން، އެނަންތައް ފާސްކުރެއްވުން ނުވަތަ ނުކުރެއްވުން. ބާރުތައް ވަކިވެ ހިނގަމުންދާ ދުސްތޫރީ ނިޒާމުތަކުގައި ޢަމަލުކުރަނީވެސް މިދެންނެވި ގޮތަށް.

ޤާނޫނުއަސާސީގެ 180 ވަނަ މާއްދާގެ (ށ) ގައިވާ "ރައްޔިތުންގެ މަޖިލީހަށް ހުށަހެޅޭ ނަންތަކުގެ ތެރެއިން" އަޅުގަނޑުމެން މި ޢިބާރާތަށް ބަލައިލައިފިނަމަ، މި ޢިބާރާތުން ދޭހަވަނީ، އެ މާއްދާގައިވާ ގޮތުގެމަތީން ރައްޔިތުންގެ މަޖިލީހުން، ސިވިލް ސަރވިސް ކޮމިޝަނުގެ މެންބަރުން ކަމުގައި ފާސްކުރާނީ ދައުލަތުގެ ވެރިޔާ ހުށަހަޅާ ނަންތަކެއް ކަމާއި، މިދެންނެވި ޢިބާރާތުން ވަރަށް ސާފުކޮށް އެނގެނީ، ސިވިލް ސަރވިސް ކޮމިޝަނަށް މެންބަރުން ހޯދުމުގެ މަސައްކަތަކީ ރައްޔިތުންގެ މަޖިލީހުން ކުރާނޭ ކަމެއް ނޫންކަމާއި، ރައްޔިތުންގެ މަޖިލީހަށް ނަން ހުށަހަޅާނީ އެހެން ފަރާތަކުން ކަމަށާއި، އަދި އެގޮތުން ރައްޔިތުންގެ މަޖިލީހަށް ނަން ހުށަހެޅުމަކީ، ރައީސުލްޖުމްހޫރިއްޔާ ދައުލަތުގެ ވެރިޔާގެ ހައިސިއްޔަތުން ކުރާ ކަމެއްކަން ޤާނޫނުއަސާސީގެ އެހެނިހެން މާއްދާތަކުންނާއި އަދި ޢަމަލުކުރެވިފައިވާ އުސޫލުތަކުން އަޅުގަނޑުމެންނަށް ސާފުވޭ. އެހެންކަމުން، "ޤާނޫނު ނަންބަރު 2007/5 (ދިވެހި ސިވިލް ސަރވިސްގެ ޤާނޫނު) އަށް 2 ވަނަ އިޞްލާޙު ގެނައުމުގެ ބިލު" ގައި ސިވިލް ސަރވިސް ކޮމިޝަނަށް މެންބަރުން ހޮވުމުގައި ބަޔާންވެގެންވާ އުޞޫލަކީ ޤާނޫނުއަސާސީގެ 7 ވަނަ ބާބުގެ މަފްހޫމުތަކާއި އަދި ޚާއްޞަކޮށް ޤާނޫނުއަސާސީގެ 180 ވަނަ މާއްދާގެ (ށ) އާއި ތަޢާރުޟުވާ އުސޫލުތަކެއް ކަމަށް އަޅުގަނޑަށް ދަންނަވާންޖެހޭ.

ވީމާ، ދިވެހި ސިވިލް ސަރވިސްގެ ޤާނޫނަށް ދެވަނަ އިޞްލާޙު ގެނައުމުގެ ބިލުގެ 13ވަނަ މާއްދާއާއި 17ވަނަ މާއްދާއާމެދު ރައްޔިތުންގެ މަޖިލީހުން އަލުން ވިސްނާވަޑައިގަތުމަށްޓަކައި، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 91 ވަނަ މާއްދާގެ (ހ) ގައިވާ ގޮތުގެމަތީން، އެ ބިލް މަޖިލީހަށް އަޅުގަނޑުވާނީ އަނބުރާ ފޮނުވާފައި.

"ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ޙައްޤުތައް ރައްކާތެރިކުރުމާއި މާލީ އެހީތެރިކަން ފޯރުކޮށްދިނުމުގެ ބިލު" އިއްޔެ އަޅުގަނޑުވާނީ ތަޞްދީޤު ކޮށްފައި. މި ޤާނޫނަކީ، ޚާއްޞަ އެހީއަށް ބޭނުންވާ މީހުންނަށް ވަރަށް ގިނަ ޙައްޤުތަކެއް ރައްކާތެރިކޮށްދޭ ޤާނޫނެއް. އޭގެތެރޭގައި، ޚާއްޞަ އެހީއަށް ބޭނުންވާ މީހުންނަށް، އެމީހުންގެ ޤާނޫނީ ޙައިޘިއްޔަތު ފުރިހަމައަށް އަދާކުރުމުގައި ބޭނުންވެދާނެ އެހީތެރިކަން ލިބިދިނުމަށް މަގުފަހިކޮށްދެވޭ. މުދާ ހޯދުމާއި، މިލްކުކުރުމާއި، ވާރުތަކުރުމާއި، ދިނުމާއި، މުދަލުން މުޢާމަލާތު ކުރުމުގެ ޙައްޤު އެބޭފުޅުންނަށް ލިބިދެވޭ.

ޚާއްޞަ އެހީއަށް ބޭނުންވާ މީހުންގެ ތެރެއިން އެމީހުންގެ މުދަލުން ތަޞައްރަފް ކުރުމުގެ ޤާބިލްކަން ނެތް މީހެއްގެ މުދަލެއް ނުވަތަ އޭނާގެ ވާރުތައިން ލިބޭ މުދަލެއް ނުވަތަ ހަދިޔާގެ ގޮތުގައި ނުވަތަ ވަޤުފުގެ ގޮތުގައި ނުވަތަ އޭނާގެ މިލްކިއްޔާތުން، އިސްލާމީ ޝަރީޢަތާ އެއްގޮތްވާ ގޮތުގެމަތިން ޚަރަދު ކުރުމުގެ އިޚްތިޔާރު، ޝަރުޢީ ނިޒާމުގެ ތެރެއިން އޭނާގެ ޙަވާލުދާރީއަށް ލިބިދޭ. އަދި އޭނާގެ ޙަވާލުދާރު، އެ ބާރުގެ ބޭނުންކުރަންވާނީ ހަމައެކަނި އޭނާގެ ޙަވާލުގައި ހުރި އެ މުދަލުގެ ވެރިފަރާތުގެ ފައިދާއާއި ލާބައަށްޓަކައި ކަމަށާއި، މިނޫންގޮތަކަށް އެ ބާރުގެ ބޭނުންކުރުމަކީ މަނާކަމެއް ކަމުގައިވެސް މި ޤާނޫނުގައި ބަޔާންކޮށްފައިވޭ.

ޚާއްޞަ އެހީއަށް ބޭނުންވާ މީހުންނަށްވެސް ފުރިހަމަ މިނިވަންކަމާއެކު ދިރިއުޅުމާއި، ދިރިއުޅުމުގެ ހުރިހާ ދާއިރާއެއްގައި އެންމެ ފުރިހަމައަށް ބައިވެރިވުމުގެ ފުރުޞަތު ހޯދައިދީ، އެކަމަށް މަގުފަހިކޮށްދިނުމުގެ ގޮތުން، އިމާރާތް ކުރެވިފައިވާ މާޙައުލާއި ތަންތަނާއި، ދަތުރުފަތުރުގެ ވަސީލަތްތަކާއި، މަޢުލޫމާތާއި، ކުރެވޭ މުޢާމަލާތުތަކާއި، މިނޫންވެސް ޢާންމުންނަށް ހުޅުވާލެވިފައިވާ ނުވަތަ ޢާންމު ވަސީލަތްތަކާއި ޚިދުމަތްތައް، އެހެން މީހުންނެކޭވެސް އެއްފަދައިން، ހޯދައި ބޭނުންކުރުމުގެ ފުރުޞަތު، އެމީހުންނަށް ލިބިދޭންވާނެ ކަމަށް މި ޤާނޫނުގައި ބުނެފައިވޭ. މީގެތެރޭގައި މި ދަންނަވާ ކަންކަން ޚާއްޞަ ގޮތެއްގައި ހިމެނޭ. އެއީ، ޢާންމު އިމާރާތްތަކާއި، މަގުތަކާއި، ޕާކުފަދަ ތަންތަނާއި، ވިޔަފާރިކުރާ ސުޕަރމާރކެޓް ނުވަތަ ކޮމްޕްލެކްސް ފަދަ ތަންތަނާއި، ދަތުރުފަތުރުގެ ވަސީލަތްތަކާއި، ސްކޫލްތަކާއި، ޞިއްޙީ ޚިދުމަތް ފޯރުކޮށްދޭ ތަންތަނާއި، ވަޒީފާއަދާކުރާ ތަންތަން.

ޚާއްޞަ އެހީއަށް ބޭނުންވާ މީހުންނަށް، އެހެން މީހުންނެކޭ އެއްފަދައިން އެމީހަކު އިޚްތިޔާރުކުރާ ވަޒީފާއެއް އަދާކުރުމުގެ ނުވަތަ މަސައްކަތެއް ކުރުމުގެ، އަދި ވަޒީފާގެ މައިދާނުގައި ހަމަހަމަ ފުރުޞަތުތަކެއް ލިބިދިނުމުގެ ޙައްޤު ލިބިދޭންޖެހޭ. ހަމައެހެންމެ، ވަޒީފާއެއް ދިނުމުގައި، ނުވަތަ މަސައްކަތުގެ މާޙައުލުގައި، ޚާއްޞަ އެހީއަށް ބޭނުންވާ ޙާލަތެއް ހުންނަ މީހުންނާމެދު، އެމީހުންނަށް ކުރިމަތިވެފައިވާ ނުކުޅެދުންތެރިކަމުގެ ސަބަބުން އެއްވެސް ފަރާތަކުން އެމީހުންނާމެދު ތަފާތުކުރުންތަކެއް ގެންގުޅުމަކީ މަނާކަމެއް. އެއްވެސް ބާވަތެއްގެ ތަފާތުކުރުމެއް ނެތި، ތަޢުލީމީ ނިޒާމުގެ ތެރެއިން އުނގެނުމާއި ތަމްރީނު ލިބުމުގެ ފުރުޞަތު، ޚާއްޞަ އެހީއަށް ބޭނުންވާ މީސްމީހުންނަށްވެސް ހޯދައިދޭންޖެހޭ.

ޚާއްޞަ އެހީއަށް ބޭނުންވާ މީހުންނަށް އެމީހުންގެ ނުކުޅެދުންތެރިކަމުގެ ސަބަބުން، އެއްވެސް ތަފާތުކުރުމެއްނެތި ހަމަހަމަކަމާއެކު، ޞިއްޙީ ދާއިރާއިން ލިބެންހުރި އެންމެ ފުރިހަމަ ޚިދުމަތްތައް ލިބިގަތުމުގެ ޙައްޤު ލިބިގެންވޭ. ޚާއްޞަ އެހީއަށް ބޭނުންވާ މީހުންނަށް، ގޭތެރެއިންނާއި، ގެއިން ބޭރުން ލިބިދާނެ އަނިޔާވެރިކަމާއި، ލާއިންސާނީ ޢަމަލުތަކާއި، އިހާނެތި ގޯނާތަކުންނާއި، ފުރައްސާރަ ކުރުމުންނާއި، އެމީހުންގެ ނުކުޅެދުންތެރިކަމުގެ ސަބަބުން، އެމީހުންގެ ބޭނުން ނަހަމަގޮތުގައި ހިފުން ފަދަ އެންމެހާ ކަންކަމުން އެމީހުން ޙިމާޔަތްކުރަންޖެހޭނެ.

ސަރުކާރުން ނުވަތަ އަމިއްލަ ފަރާތްތަކުން ދަތުރުފަތުރުގެ ޚިދުމަތްދޭއިރު، އެ ޚިދުމަތްދޭ އުޅަނދަކުން ދަތުރުކުރާ ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ޚާއްޞަ ސަމާލުކަމާއި ރައްކާތެރިކަން ދޭންޖެހޭނެ. އަދި އެ އުޅަނދެއްގައި އެފަދަ މީހުންނަށް އެބައެއްގެ ނުކުޅެދުންތެރިކަމާ ގުޅޭގޮތުން ފަސޭހަތައް ޤާއިމްކުރުމަކީ، އެ ޚިދުމަތްދޭ ފަރާތުގެ ޒިންމާއެއް ކަމަށް މި ޤާނޫނުގައި ބަޔާންކޮށްފައިވާނެ. ކުލަބުތަކާއި، ޖަމްޢިއްޔާތަކާއި، ޖަމާޢަތްތަކުގައި ބައިވެރިވެ ޙަރަކާތްތެރިވުމުގެ ޙައްޤު، ޚާއްޞަ އެހީއަށް ބޭނުންވާ މީހުންނަށް، މިޤާނޫނުން ލިބިދޭނެ.

ވަކިން ޚާއްޞަ ގޮތެއްގައި އަޅުގަނޑު ފާހަގަކޮށްލަން، މި ޤާނޫނުގެ ދަށުން ޚާއްޞަ އެހީއަށް ބޭނުންވާ މީހުންނަކީ ކޮބައިތޯ ކަނޑައަޅައި، އެމީހުންގެ ދަފްތަރު ބަލަހައްޓަން ފެށުމާއެކު، އެ ދަފްތަރުގައި ހިމެނޭ ކޮންމެ މީހަކަށްވެސް، އެމީހަކު އެ ދަފްތަރުން އުނިކުރާ ދުވަހާ ހަމައަށް، ކޮންމެ މަހަކު މަދުވެގެން -/2,000 (ދެހާސް) ރުފިޔާގެ މާލީ ޢިނާޔަތެއް ސަރުކާރުން ދޭންޖެހޭ. ހަމައެއާއެކު، ނުކުޅެދުންތެރިކަން ހުންނަ މީހުން ކަނޑައަޅައި، އެމީހުންގެ ދަފްތަރު ބަލަހައްޓަން ފެށުމާއެކު، އެ ދަފްތަރުގައި ހިމެނޭ ކޮންމެ މީހަކުވެސް، އެމީހަކު އެ ދަފްތަރުން އުނިކުރާ ދުވަހާ ހަމައަށް، ސަރުކާރުގެ ޚަރަދުގައި ހެލްތް އިންޝުއަރެންސް ސްކީމެއްގައި ބައިވެރިކޮށްދޭންޖެހޭނެ.

ހަމައެހެންމެ، ނުކުޅެދުންތެރިކަން ހުންނަ މީހުން، އެމީހުން އަމިއްލައަށް އުޅުމަށް އެހީތެރިވުމުގެ ގޮތުން ބޭނުންކުރާ ތަފާތު އާލާތްތައް، ސަރުކާރުން ކަނޑައަޅާ އުޞޫލެއްގެ މަތިން ފުދުންތެރިކަން ނެތް މީހުންނަށް ހިލޭ ފޯރުކޮށްދޭންވާނެ ކަމަށްވެސް، މި ޤާނޫނުގައި ބަޔާންކޮށްފައިވާނެ. އަދި މި ޤާނޫނުގައި ބަޔާންކުރާ ޙައްޤުތައް ރައްކާތެރިކޮށްދީ ޙިމާޔަތްކޮށްދިނުމުގައި ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ތެރެއިންވެސް ނުކުޅެދުންތެރިކަން ހުންނަ ކުޑަކުދިންނަށާއި އަންހެނުންނަށް، އިތުރު ޚާއްޞަ ރައްކާތެރިކަމާއި ސަމާލުކަން ދެވޭނެ.

ނުކުޅެދުންތެރިކަން ހުންނަ ކުޑަކުދިންގެ ޢުމުރާއި، ވިސްނުމުގެ ޤާބިލްކަން ހުރި މިންވަރާ އެކަށީގެންވާ ގޮތަށް، އެކުދިންގެ ދިރިއުޅުމުގެ ކަންކަމާ ގުޅޭގޮތުން ޚިޔާލުފާޅުކުރުމުގެ މިނިވަންކަން، އެކުދިންނަށް ލިބިގެންވާ ކަމަށްވެސް ޤާނޫނުގައި ބުނެފައިވާނެ. އަދި ޚާއްޞަ އެހީއަށް ބޭނުންވާ ކުޑަކުދިންނާބެހޭ ކަންކަން ނިންމުމުގައި، އަބަދުވެސް ވިސްނަންވާނީ ހަމައެކަނި އެކުދިންގެ މަންފާއާއި ލާބައަށް ކަމަށާއި، މިނޫން ގޮތަކަށް ކަންކުރުމަކީ މަނާކަމެއް ކަމުގައިވެސް މިދެންނެވި ޤާނޫނުގައި ފާހަގަކޮށްފައިވާނެ.

އަޅުގަނޑަށް ފެންނަ ފެނުމުގައި މި ޤާނޫނަކީ ރާއްޖޭގައި މިފަހަކަށް އައިސް ފާސްކުރެވުނު މުހިންމު ބޭނުންތެރި ޤާނޫނުތަކުގެ ތެރެއިން ޤާނޫނެއް. މި ޤާނޫނުގައިވާ ގޮތުގެ މަތިން ނުކުޅެދުންތެރިކަން ނުވަތަ ޚާއްޞަ އެހީއަށް ބޭނުންވާ ފަރާތްތަކަށް -/2000 ރުފިޔާގެ މާލީ އެހީއެއް ދެވޭކަމީ، އަޅުގަނޑަށް ފެންނަ ފެނުމުގައި އެފަރާތްތަކަށް ހަމަ ބޭނުންތެރި އެހީތެރިކަމަކަށް ވެގެންދާނެ. އަދި އެއީ، ސަރުކާރަށާއި ދައުލަތަށް ލިބޭ ވަރަށްބޮޑު ހިތްހަމަޖެހުމަކަށްވެސް ވެގެންދާނެ.

އަޅުގަނޑުގެ ދުޢާއަކީ، އަޅުގަނޑުމެންނަށް މިއަދަށްވުރެ އަދި މާ ފާގަތި މާދަމައެއް މެދުވެރިވުން. އަޅުގަނޑުގެ ދުޢާއަކީ އަޅުގަނޑުމެންނަށް ދެދުނިޔޭގެ ބާއްޖަވެރިކަން ލިބުން.

والحمد للّـه. والسّـلام عليـكم

_____________________