بســم اللّـه الرّحمـن الرّحيــم

السّـلام عليـكم

މިއަދަކީ 18 ޖޫން 2010ވީ ހުކުރު ދުވަސް. މިއަދު އަޅުގަނޑު ފުރަތަމަ ދަންނަވާލަން ބޭނުންވަނީ، ދިވެހިރާއްޖޭގެ މާލީ އަދި އިޤްތިޞާދީ ހިންގުމާ ގުޅޭގޮތުން އައި.އެމް.އެފް.އިން ނެރެފައިވާ ޕަބްލިކް ފައިނޭންޝަލް މެނޭޖްމަންޓް ރިޕޯޓްގައިވާ ހުށަހެޅުންތައް. މިދެންނެވި ރިޕޯޓަކީ 2005 ވަނަ އަހަރާއި 2008 ވަނަ އަހަރާ ދެމެދުގައި ބަޖެޓާއި އަދި އިޤްތިޞާދީ އަދި މާލީ ކަންކަން ހިނގާފައިވާ ގޮތުގެ މައްޗަށް ބިނާކޮށް، އައި.އެމް.އެފް. އިން އެކުލަވައިލާފައިވާ ރިޕޯޓެއް. އެ ރިޕޯޓުގައިވާ ހުށަހެޅުންތައް، އެ ރިޕޯޓުގައި ފާހަގަކޮށްފައިވާ މައްސަލަތައް އިޞްލާޙު ކުރުމަށާއި، އެ ރިޕޯޓުގައި ރަނގަޅު ކުރުމަށް ހުށަހަޅާފައިވާ ކަންކަން ކުރާން ފެށުމުން، އެ ރިޕޯޓުގައިވާ އެންމެހާ ކަންކަން ސަރުކާރުން ތަންފީޒު ކުރަމުން ގެންދިޔުމުގެ ރަނގަޅު ނަތީޖާ މިހާރު އަޅުގަނޑުމެންނަށް ކޮންމެވެސް މިންވަރަށް ފެންނަމުން އެބަދޭ.

މި ދެންނެވި ރިޕޯޓަކީ، 2008ގެ ނޮވެމްބަރ މަހުގެ 11 ވަނަ ދުވަހު އައު ސަރުކާރު ހިންގުމާ ހަވާލުވިއިރު، އޭގެ ކުރީ ތިން އަހަރުގައި، އިޤްތިޞާދީ އަދި މާލީ ހިންގުން ހުރިގޮތް ވަރަށް ސާފުކޮށް ބަޔާންކޮށްދޭ ރިޕޯޓެއް.

މި ދެންނެވި ރިޕޯޓުގައި ފާހަގަކުރެވޭ މައިގަނޑު މައްސަލަތަކުގެ ތެރޭގައި، ބަޖެޓްގެ އަންދާޒާ ކުރެވޭ ޢަދަދުތަކާއި، އަޞްލުގައި ދައުލަތަށް ލިބޭ އާމްދަނީގެ ތަފާތު ވަރަށްބޮޑުކަމަށް ފާހަގަވޭ. އެއީ 2005 ވަނަ އަހަރާއި 2008 ވަނަ އަހަރާ ދެމެދުގެ ތިން އަހަރުގެ ބަޖެޓް މުޠާލިޢާ ކުރުމުންވެސް މިކަން ވަރަށް ބޮޑަށް ފާހަގަވެގެންދާ ކަމަށް އެ ރިޕޯޓް އެބަ ފާހަގަކުރޭ. އަދި ހަމައެހެންމެ، ކުރމަތިވެދާނެ ގެއްލުންތަކަކާމެދު ހަރުދަނާ ސިޔާސަތެއް ނެތި ޚަރަދުތައް ކުރަމުން ގޮސްފައިވާ ކަމަށްވެސް އެރިޕޯޓްގައި ފާހަގަކުރޭ. ނެރެވިދާނެ ނަތީޖާތަކާމެދު ރޭވުންތެރިކަމެއް ނެތުމުން، ސަރުކާރުގެ ސިޔާސަތުތަކާއި ބަޖެޓާ ގުޅުންކުޑަކަމާއި، ބައެއް ކަންތައްތަކުގައި އަދި ކުއްލި ނިންމުންތަކަށް ޚަރަދުކުރާތީ، އެޚަރަދުތައް ކުރުމުގައި ރޭވުމެއް ނެތްކަން އަދި ބޭރުގެ ފަރާތްތަކުން ޕްރޮޖެކްޓްތަކަށް އެކި އެހީ ކަނޑައަޅާފައިވާ ނަމަވެސް، އޭގެތެރޭ ޔަޤީންކަން ނުހޯދާ ހުރި ޢަދަދުތައް ބަޖެޓްގައި ހިމެނުން އެއީ، މިދެންނެވި ރިޕޯޓްގައި ފާހަގަކޮށްފައިވާ މައިގަނޑު ބައެއް ކަންކަން.

މީގެއިތުރުން، ފާއިތުވި އަހަރުތަކުގެ ތެރޭގައި ފުޅާވަމުން އަދި އިތުރުވަމުންދިޔަ މާލީ ގެއްލުންތަކުގެ ސަބަބުން ޢާންމު ދަރަނި ވަނީ ތިންގުނައަށް އިތުރުވެފައި. ފާއިތުވި އަހަރުތަކުގެ ތެރޭގައި ނަގަމުން ގެންދިޔަ ލޯންތަކުގެ ސަބަބުން ޢާންމު ދަރަނި 2008 ވަނަ އަހަރާ ހަމައަށް ޤައުމީ އުފެއްދުންތެރިކަމުގެ މިންގަނޑު ނުވަތަ ޖީ.ޑީ.ޕީ.ގެ %54 އަށް ވަނީ އިތުރުވެފައި. މިޢަދަދު 2004 ވަނަ އަހަރާ ހަމައަށް ހުރީ ޖީ.ޑީ.ޕީ.ގެ %43 ގައިކަންވެސް އަޅުގަނޑު ފާހަގަކޮށްލަން ބޭނުން.

އައި.އެމް.އެފް.ގެ ޕަބްލިކް ފައިނޭންޝަލް މެނޭޖްމަންޓް ރިޕޯޓްގެ ސަބަބުން ކޮންމެ ދާއިރާއެއްގެ ޙާލަތު މިހާރު އެނގެން އޮތުން އެއީ، ދެން މިފަދަ ރިޕޯޓެއް އެކުލަވައިލާއިރު އަޅާކިޔާނެ ފެންވަރުތަކެއް ހުރެގެން އެކަން ކުރިއަށް ގެންދެވޭނޭ ވަސީލަތަކަށްވާނެ.

ދައުލަތުގެ މާލީ ހިންގުމުގައި ރަނގަޅު ކުރަންޖެހޭ، ނިސްބަތުން ގިނަ ކަންތައްތަކެއް އެބަހުރިކަން މިރިޕޯޓްގައި ފާހަގަކޮށްފައި އެބަހުރި. އެކަންކަން މިހާރުވަނީ ސަރުކާރުން ތަންފީޒު ކުރަން ފަށާފައި. އެގޮތުން ފާހަގަކުރެވޭ މައިގަނޑު ކަންކަމުގެ ތެރޭ، ޕަބްލިކް އެކައުންޓް ސިސްޓަމް ތަޢާރުފު ކުރުމުން، ކޮންމެ އަހަރަކު އޮޑިޓް ކުރެވިފައިވާ މާލީ ބަޔާން ތައްޔާރު ކުރެވޭނެކަމާއި، އަދި ސަރުކާރުން ޤައުމީ ތަރައްޤީގެ އޮނިގަނޑު ނުވަތަ މެނިފެސްޓޯގެ ޢަމަލީ މަޝްރޫޢުތައް ހިމެނޭ ލިޔުން، އެއީ "ސްޓްރެޓީޖިކް އެކްޝަން ޕްލޭން" ނެރެފައިވާތީއާއި، އެ އޮނިގަނޑުގައި ހިމެނޭ ސިޔާސަތުތަކުގެ އަގުމަގު، ބަޖެޓް ތައްޔާރު ކުރުމުގައި އިތުރު ހަރުދަނާ ކަމެއް އައިސްފައިވާކަން އަދި އޮޑިޓަރ ޖެނެރަލްގެ ދައުރު ބޮޑުވުމުން، މުސްތަޤިއްލު އިދާރާތަކުން ސަރުކާރުގެ މާލިއްޔަތު ރަނގަޅަށް ބެލެން ފަށާފައިވުމުން، އަދި ހަމައެއާއެކީގައި ރައްޔިތުންގެ މަޖިލީހުގެ ފަރާތުންވެސް އެކަންކަމާމެދު ބެއްލެވުންތައް ކުރިއަށްދާކަން އަދި އޮޑިޓް ކުރެވިފައިވާ މާލީ ބަޔާންފަދަ އިތުރު މަޢްލޫމާތު، އެމަޖިލީހަށްވެސް ޙިއްޞާ ކުރެވޭނެކަމާއި، ސަރުކާރުން އެކިފަރާތަށް އަދާކުރަންޖެހޭ ފައިސާ، ފިނޭންސް މިނިސްޓްރީގައި މަރްކަޒު ކުރެއްވުމުން، ޚަރަދުތައް ވަރަށްބޮޑުތަން ކޮންޓްރޯލް ކުރެވެމުންދާ ކަމަށްވެސް މިރިޕޯޓްގައި ފާހަގަކުރެވިފައި އެބަވޭ.

މިރިޕޯޓްގައި އެ ފާހަގަކުރެވުނު ކަންކަން ސަރުކާރުން ހިންގާން ފެށީ 2009 ވަނަ އަހަރުގެ ފުރަތަމަކޮޅު. އެކަންކަން ސަރުކާރުން ހިންގާން ފެށުމާއެކުގައި، ސަރުކާރަށް ވަރަށް ސާފުކޮށް އެނގުނު، އައި.އެމް.އެފް.ގެ ޕްރޮގްރާމެއްގައި ބައިވެރިވެއްޖެނަމަ، ދެން މިކަންކަން ހިނގަމުންދާއިރުގައި، ސަރުކާރަށް އެކަމުން ލިބޭނެ ފައިދާއާއި، މާލިއްޔަތަށާއި، އިޤްތިޞާދަށް ހުރި މަންފާތަކާއި، އިތުރުކަން ފާހަގަވި. އެހެންވީމާ، ސަރުކާރުން މިހާރު އައި.އެމް.އެފް.އާއެކު ހިންގާ ޕްރޮގްރާމްތައް މިދަނީ ކުރިއަށް. އެ ޕްރޮގްރާމްތައް ވަޒަން ކުރުން އެއީ، އައި.އެމް.އެފް.އިން ކުރަމުން އަންނަ ކަމެއް. އަބަދުވެސް ކުރާ ކަމެއް. އެންމެފަހުން އައި.އެމް.އެފް.އިން ދިވެހިރާއްޖެއާއެކު ހިންގާ ޕްރޮގްރާމް ވަޒަން ކުރުމަށްފަހު، މި ޖޫންމަހު އެ ފަރާތުންވަނީ، އައި.އެމް.އެފް.އިންވަނީ އެހެން ރިޕޯޓެއް ނެރުއްވާފައި. މިދެންނެވި ރިޕޯޓްގެ އުފާވެރި ޚަބަރު އެބަހުރި. މިދެންނެވި ފަހުގެ ރިޕޯޓްގައި ހާމަކޮށްފައިވާ ގޮތުގައި، ސަރުކާރުގެ އިޤްތިޞާދީ ސިޔާސަތުގެ ސަބަބުން ދައުލަތުގެ މާލިއްޔަތު މިހާރު ވަނީ އެތައް ގޮތަކުން ރަނގަޅުވާން ފަށާފައި. އަޅުގަނޑު މީގައި ފާހަގަކުރަން، ރަނގަޅުވާން ފަށާފައޭ. މިއީކީ އެއްވެސް ޙާލެއްގައި އަޅުގަނޑުމެން ނުބަލައި ކަންކަން ކުރަންވީ ވަގުތެއް ނޫން. އަދި އަޅުގަނޑުމެން މި ހިންގަމުންމިދާ ޕްރޮގްރާމާ ގުޅޭގޮތުން ކުޑަކޮށްވެސް ފަރުވާކުޑަވާންވީ ވަގުތެއްވެސް ނޫން.

މި ދެންނެވި އައި.އެމް.އެފް.ގެ ފަހުގެ ރިޕޯޓްގައިވާ ގޮތުން ސަރުކާރުން މިހާތަނަށް އަޅާފައިވާ ފިޔަވަޅުތަކުގެ ސަބަބުން މިދިޔަ އަހަރު ރާއްޖެއަށް ކުރިމަތިވި ޑޮލަރުގެ ދަތިކަމަށްވެސް މިހާރު މިވަނީ ފަސޭހަ ކަމެއް ލިބިފައި. އަދި ހަމަ އެރިޕޯޓްގައި އެބަވޭ، ވަރަށް ބޮޑެތި މާލީ ދަތިތަކެއް ޙައްލު ކުރުމަށް ސަރުކާރުގެ ދާއިރާތަކުންވަނީ ވަރަށް ރަނގަޅު ފިޔަވަޅުތަކެއް އަޅާފައި ކަމަށް. މީގެ އިތުރުންވެސް، ޚަރަދު ކުޑަކުރުމުގެ ގޮތުން ސަރުކާރުންވަނީ ވަރަށް ބޮޑެތި، އަދި އުނދަގޫ ފިޔަވަޅުތަކެއް އަޅާފައި ކަމުގައި ރިޕޯޓްގައި ފާހަގަކޮށްފައިވޭ. އޭގެތެރޭގައި، ސަރުކާރު މުވައްޒަފުންގެ މުސާރަ ކުޑަކުރުމާއި، ސްޓެލްކޯއަށް ސަރުކާރުން މީގެ ކުރިން ދެމުންދިޔަ ސަބްސިޑީ ހުއްޓާލައި، އެ ކުންފުންޏަށް ސަބްސިޑީ ދިނުމުގެ ބަދަލުގައި، ފޯރުންތެރިކަން ކުޑަ ރައްޔިތުންނަށް، ސީދާ އެހީދޭގޮތަށް ހަމަޖެއްސުން އެއީ، ރާއްޖޭގެ މާލީ ތިލަފަތް ހަމަހަމަކުރުމަށް އެޅުނު ރަނގަޅު ފިޔަވަޅުތަކެއް ކަމުގައި އެ ރިޕޯޓްގައި އައި.އެމް.އެފް.ގެ ބޭފުޅުން ފާހަގަކުރައްވާފައިވޭ.
އެއާޕޯޓުން ނަގާ ޓެކްސް އިތުރުކުރުމަށް ސަރުކާރުން ނިންމެވި ނިންމެވުމަށާއި، ފަތުރުވެރިކަމުގެ ދާއިރާގައި މުދަލާއި ޚިދްމަތްތަކުން ޓެކްސް ނެގުމާބެހޭ ބިލެއް ސަރުކާރުން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާކަމީވެސް އައި.އެމް.އެފް.އިން ސަރުކާރަށް ތަޢުރީފް ކުރައްވާފައިވާ ކަންކަމުގައި ހިމެނޭ ކަމެއް.

އަޅުގަނޑު ތިޔަބޭފުޅުންގެ ސަމާލުކަމަށް ގެންނަން ބޭނުމީ، ސަރުކާރުން އަޅުއްވަމުން ގެންދަވާ ޚަރަދު ކުޑަކުރުމުގެ ފިޔަވަޅުތައް އަދިވެސް ކުރިއަށް ގެންދިޔުމަށް އައި.އެމް.އެފް.އިން އިލްތިމާސްކޮށްފައި އެބަވޭ. އަދި ހަމަ އައި.އެމް.އެފް.އާއެކު ސަރުކާރުން ހިންގަމުން މިގެންދާ ޕްރޮގްރާމްގައި، އެކަންކަން ކުރާންހުރި ގޮތަށް ސީދާ ބަރާބަރަށް ގެންދެވޭކަމުން އަޅުގަނޑުމެންނަށް މިއަދު މިފެންނަ އިޤްތިޞާދު ރަނގަޅުވަމުންދާ ކަމުގެ ކުލަވަރު ފެންނަމުން މިއަންނަނީ. އަދި އެ ޕްރޮގްރާމްގައިވާ ކަންކަން އެގޮތަށް ނުކޮށްފިނަމަ، މާލީ ބޮޑެތި ދަތިތަކާ ކުރިމަތިވެދާނެ ކަމުގެ އިންޒާރުވެސް އައި.އެމް.އެފް.އިން އެބައޮތް، އެރިޕޯޓްގައި ދީފައި.

ސަރުކާރުން އަބަދުވެސް ކުރަމުން ގެންދާނީ، ރާއްޖޭގެ ރައްޔިތުންގެ ޢާންމު ޙާލަތު ރަނގަޅު ކުރުމަށް އަމާޒުކޮށްގެން ކުރަމުން ގެންދާ މަސައްކަތްތަކެއް. ސަރުކާރަށް ފެންނަ ފެނުމުގައި، އިޤްތިޞާދު ހަރުދަނާވީމާ، ދެން އެކަމާ ގުޅިގެން ރައްޔިތުންގެ އާމްދަނީ، ރައްޔިތުންނަށް ލިބޭ މިންވަރު ރަނގަޅުވެގެންދާނެ. ފައިސާގެ އަގު ހިފެހެއްޓުން މުހިންމު، ތަކެއްޗާއި ޚިދްމަތުގެ އަގު ދަށްކުރުމަށްޓަކައި. ސަރުކާރުގެ މައިގަނޑު ފަސް ވަޢުދެއް، އަމާޒެއްވާއިރުގައި، މިހާތަނަށް ސަރުކާރަށް މި ފަސް ވަޢުދުގެ ތެރެއިން ގިނަ ވަޢުދުގެ ވަރަށް ގިނަގުނަ ބައިތަކެއް މިވަނީ ފުރިހަމަކުރެވިފައި. ދަތުރުފަތުރުގެ ނިޒާމު ކޮންމެވެސް މިންވަރަކަށް މިވަނީ ފެށިފައި. ބޭސް ސިޓީއަށް ސަލާންޖެހުން ނައްތާލުމަށް ސަރުކާރުން ހިންގާ މަޝްރޫޢު (މަދަނަ)އިގެ ނަތީޖާ ފެންނަމުން މިދަނީ ހަމަ ވަރަށް ރަނގަޅަށް. ޑްރަގްގެ ވަބާއިން ރާއްޖޭގެ ޒުވާނުން ސަލާމަތް ކުރުމަށް ހިންގޭ މަސައްކަތްތައް މުޅިން ކާމިޔާބު ނުވިކަމުގައިވިޔަސްވެސް، އޭގައިވެސް ކޮންމެވެސްވަރެއްގެ ކާމިޔާބެއްގެ ކުލަ ޖެހެމުން އަންނަތަން އަޅުގަނޑުމެންނަށް އެބަ ފެނޭ. ހަމައެހެންމެ، ބޯހިޔާވަހިކަމުގެ ޕްރޮގްރާމް، ބައެއް ރަށްރަށުގައި މިހާރު ފްލެޓް އެޅުމުގެ މަސައްކަތް އެ ފެށެނީ. އަދި ހުޅުމާލޭގައިވެސް އަދި މާލޭގައިވެސް.

ޚިދްމަތާއި ތަކެތީގެ އަގު އަތްފޯރާފަށަށް ގެނައުމަކީ ސަރުކާރުގެ އަމާޒެއް. އެކަން ކުރުމަށްޓަކައި މުޅި އިޤްތިޞާދު އެބަ ހަރުދަނާ ކުރަންޖެހޭ. އިޤްތިޞާދު ހަރުދަނާ ކުރުމަށް ސަރުކާރުންވަނީ ވަކި ޚާއްޞަ ޕްރޮގްރާމެއް އެކުލަވައިލާފައި. އެ ޕްރޮގްރާމް ސަރުކާރުން ހިންގަމުން މިގެންދަނީ އައި.އެމް.އެފް.އާއި، ވާރލްޑް ބޭންކާއި، އިސްލާމިކް ޑިވެލޮޕްމަންޓް ބޭންކާ އަދި އެނޫންވެސް ބައިނަލްއަޤްވާމީ މާލީ އިދާރާތަކާ ގުޅިގެން، މަޝްވަރާ ހޯދަމުން. އަދި ހަމަ ބަޙުޘްމެ ހިންގަމުން. އަޅުގަނޑުމެންނަށް ވަރަށްބޮޑު އިތުބާރެއް އެބައޮތް، ރާއްޖޭގެ އިޤްތިޞާދު މިހުރީ ރަނގަޅު ފާލުގައި ކަމަށް. އިރާދަކުރެއްވިއްޔާ، އަޅުގަނޑުމެންނަށް މާދަން ފެންނާނީ މިއަދަށްވުރެ އަދި މާ އުޖާލާކޮށް.

އަޅުގަނޑުގެ ދުޢާއަކީ، އަޅުގަނޑުމެންނަށް ދެދުނިޔޭގެ ބާއްޖަވެރިކަން ލިބުން.

والحمد للّـه. والسّـلام عليـكم