بســم اللّـه الرّحمـن الرّحيــم

السّـلام عليـكم

މިއަދަކީ 11 ޖޫން 2010 ވީ ހުކުރު ދުވަސް. މިއަދު އަޅުގަނޑުގެ އެންމެ ފުރަތަމަ ވާޖިބަކީ، އިއްޔެއާ އަޅުގަނޑުމެންނާ ވަކިވެވަޑައިގެންނެވި އަލްއުސްތާޛު ނ.ތ. ޙަސަންދީދީގެ ޢާއިލާއަށް ވަރަށް އިޚްލާޞްތެރިކަމާއެކު ތަޢުޒިޔާ ދެންނެވުން. ޙަސަންދީދީއަކީ ދިވެހި ސަރުކާރަށާއި ރައްޔިތުންނަށް ވަރަށް އިޚްލާޞްތެރި ޚިދްމަތްތަކެއް ކޮށްދެއްވާފައިވާ ބޭފުޅެއް. ނ.ތ. ޙަސަންދީދީއަކީ ރާއްޖޭގައި ދޮށީ ޢުމުރުގެ ބޭފުޅުންގެ ތެރެއިން ވަރަށްގިނަ ސިޔާސީ ތަޖްރިބާތަކެއް ލިބިވަޑައިގެންފައިވާ ބޭފުޅެއް. ނޫމަރާ ގަނޑުވަރު ތުއްތު މަނިއްޕުޅުގެ ދަރިކޮޅުން ޙަސަންދީދީ ވަޑައިގެންނެވީ. ރާއްޖޭގެ ޝާހީ ޢާއިލާއެއްގެ ބޭފުޅެއް. އެހެން ނަމަވެސް، ހަމަ މިޔާއެކީގައި އަޅުގަނޑަށް ހަމަކަށަވަރުންވެސް ޙަސަންދީދީއާ ގުޅޭގޮތުން އެންމެ ފާޅުކަންބޮޑު ގޮތެއްގައި ފާހަގަވާ އެއްކަމަކީ، އެބޭފުޅާއަކީ އެބޭފުޅާގެ އަމިއްލަ އެދުންތައް ވަރަށްމަދު ބޭފުޅެއް. އެބޭފުޅާ އެކަންޏެއް ނޫން. އެބޭފުޅާގެ ޢާއިލާގެ އަދި ބޭފުޅުންގެވެސް ހަމަ ވަރަށް ބޮޑުކޮށް ހުންނަ ސިފައެއް. އެބޭފުޅުންނަށް ބޭނުންވެވަޑައިގަންނަވާ ވަކިކަމެއް ނޯންނާނެ. އެހެން ނަމަވެސް، އެބޭފުޅުންނަކީ އެބޭފުޅުންނަށްވީ މިންވަރަކުން ރާއްޖޭގެ ތަރައްޤީއާއި ކުރިއެރުމުގެ ކަންކަމުގައި އަބަދުވެސް ބައިވެރިވެވަޑައިގަންނަވަން ތައްޔާރަށް ތިއްބަވާ ބޭފުޅުން.

ޙަސަންދީދީއަކީ އެނގިވަޑައިގަންނަވާނެ، ރާއްޖޭގެ ރައްޔިތުންގެ މަޖިލީހުގެ ޙަޔާތުގައިވެސް އަދި ވެރިކަން ހިންގުމުގެ ޙަޔާތުގައިވެސް ވަރަށް ބޮޑަށް ބައިވެރިވެވަޑައިގެންފައިވާ ބޭފުޅެއް. ޤަދަރުވެރިކަމާއި ޢިއްޒަތާއެކު މި ދުނިޔެ ދޫކޮށް ވަޑައިގެންނެވި ބޭފުޅެއް. އަޅުގަނޑުގެ ދުޢާއަކީ، ޙަސަންދީދީއަށް ބާއްޖަވެރިކަން ދެއްވުން. އަޅުގަނޑުމެން އުންމީދު ކުރާނީ ޙަސަންދީދީފަދަ އެތައް އެތައް ބޭފުޅުންނެއް މި ރާއްޖެ އަދިވެސް ދެކެމުންދާނެ ކަމަށް.

އަޅުގަނޑު މިއަދު ފާހަގަކޮށްލަން ބޭނުންވާ ދެވަނަ ނުކުތާއަކީ، ރައްޔިތުންގެ މަޖިލީހުގެ މެންބަރުންކޮޅެއް އެޑިޔުކޭޝަން މިނިސްޓަރާ ގުޅޭގޮތުން ކަންބޮޑުވެވަޑައިގެން، އެބޭފުޅުން އެމިނިސްޓަރުގެ މައްޗަށް އިތުބާރު ނެތް ކަމަށް ވޯޓެއް ނެގުމަށް މަސައްކަތް ކުރައްވަމުން ގެންދަވާ ގެންދެވުމާ ގުޅޭގޮތުން އަޅުގަނޑު ފާހަގަކޮށްލަން ބޭނުންވާ ބައެއް ކަންކަން. ޑޮކްޓަރ މުޞްޠަފާ ލުޠުފީއަކީ އަޅުގަނޑަށް ފެންނަ ފެނުމުގައި، މިހާރު ރާއްޖޭގައި މަސައްކަތް ކުރައްވަމުން ގެންދަވާ ވަޒީރު ބޭފުޅުންގެ ތެރެއިން އެންމެ ފުރިހަމައަށް ވަޒީރުކަން ކުރައްވަމުން ގެންދަވާ އެއްބޭފުޅެއް. އެޑިޔުކޭޝަން މިނިސްޓްރީގެ މަސައްކަތްތަކާއި އަދި އެމިނިސްޓްރީން ކުރައްވަމުން ގެންދަވާ، ދެއްވަމުން ގެންދަވާ ޚިދްމަތްތައް ރައްޔިތުން ފާހަގަކުރޭ. މާލޭގެ މަދަރުސާތަކަށް އައިސްފައިވާ ބަދަލުވެސް ރައްޔިތުން ބަލައިގަނޭ. ރާއްޖޭގެ އެކިއެކި ކަންކޮޅުތަކުގެ މަދަރުސާތަކަށް އައިސްފައިވާ ބަދަލުވެސް ރައްޔިތުން ބަލައިގަނޭ. އަޅުގަނޑު ކުޑަކޮށްވެސް ނުދެކޭނަން، ޑޮކްޓަރ މުޞްޠަފާ ލުޠުފީއަކީ އަޅުގަނޑުމެންގެ މާތްވެގެންވާ އިސްލާމްދީނާއި ދިވެހިބަހަށް ކުޑަކޮށްވެސް އުނިކަމެއް އައުމަށް އެދިވަޑައިގަންނަވާނެ ބޭފުޅެއް ކަމަކަށް. އަދި އެފަދަ އުނިކަމެއް އަންނާނެ ގޮތަކަށް އެބޭފުޅާގެ ވިސްނުންފުޅުވެސް އަދި މަސައްކަތްޕުޅުވެސް ބަހައްޓަވާނެ ބޭފުޅެއް ކަމަކަށް އަޅުގަނޑު ކުޑަކޮށްވެސް ނުދެކެން.

އަޅުގަނޑުގެ ނަޒަރުގައި ރައްޔިތުންގެ މަޖިލީހުގެ ބައެއް ބޭފުޅުން، ބައެއް މެންބަރުން މި މަގަށް މަސައްކަތް ކުރައްވާކަމީ ހިތާމަހުރި ކަމެއް. އަޅުގަނޑު ހަމަ މިދަނޑިވަޅުގައި އުފަލާއެކު ފާހަގަކޮށްލަން ބޭނުން، ދިވެހި ރައްޔިތުންގެ ޕާޓީ، ޑީ.އާރު.ޕީ އިން މިކަމުގައި ބައިވެރިވެވަޑައިނުގަންނަވާކަން. އަދި އެބޭފުޅުން މިކަމުގައި ޑޮކްޓަރ ލުޠުފީގެ މައްޗަށް އިތުބާރު ނެތް ކަމަށް ވޯޓެއް ނެގުމަށް ދިޔުމަށް އެބޭފުޅުންގެ ސީދާ ޙިއްޞާ އެކަމުގައި ނުވާކަން. އަޅުގަނޑުގެ އުންމީދަކީ އަދި އަޅުގަނޑު އެދޭނީވެސް ޑީ.އާރު.ޕީ އާއި ސަރުކާރާ ވާހަކަ ދެކެވޭނެ. އަދި ދައްކައިގެން ސަރުކާރަށްވެސް، ޑީ.އާރު.ޕީ އަށްވެސް ދެފަރާތް އެއްބަސްވާ މަގަކަށް ކަންކަން ކުރަމުން ގެންދެވޭނެ.

މި މައްސަލަ ނުކުތީ ދިވެހިބަހާއި އިސްލާމްދީން އެއީ 11، 12 ގައި ކިޔެވުން މަޖުބޫރު ކުރަންވީ މާއްދާއެއްތޯ ނުވަތަ ނޫންތޯ، އެ ސުވާލުގެ ތެރޭގައި. އެ ސުވާލުގެ ޖަވާބު ދެވިފައި އެވަނީ އަޅުގަނޑަށް އެނގިފައި އޮތް ގޮތުގައި، ވަރަށްގިނަ ޢިލްމީ ދިރާސާއަށްފަހު. ދިވެހި ބަސް ޙިމާޔަތް ކުރުމަށް ދިވެހިރާއްޖޭގެ އެންމެމަތީ ތަޢްލީމުގައި މަޖުބޫރީ ގޮތަކަށް އެބަސް ކިޔަވައިދިނުން އެއީ ދަރިވަރުންނަށް ބޭނުންތެރި ކަމެއްތޯ، އަދި ދިވެހިބަހަށް ކުރިއެރުމަށް ވަކި އިތުރު ބާރެއް ލިބިގެންދާ ކަމެއްތޯ ނުވަތަ ނޫންތޯ. މި ސުވާލުތަކަކީ ސިޔާސީ ނަޒަރަކުން ބެލުމަށްވުރެ އަޅުގަނޑަށް ފެންނަ ގޮތުގައި އެކަމާބެހޭ މާހިރުންގެ ދިރާސާތަކުން ފެންނަ އެއްޗެއްގެ މައްޗަށް ބުރަވެ، އަޅުގަނޑުމެން އެގޮތަކަށް ޢަމަލު ކުރަމުން ގެންދިޔައީމާ ރަނގަޅުވާނެ.

ދިވެހިރާއްޖެއަކުން ދިވެހިބަހެއް ފޮހެވިއެއް ނުދާނެ. ދިވެހިން އަބަދުވެސް ވާހަކަ ދައްކަމުން ގެންދާނީ ދިވެހިބަހުން. މިރާއްޖޭގައި ދިވެހިން ތިބިހާ ދުވަހަކު މިރާއްޖޭގައި ދިވެހިބަސް އޮންނާނެ. މި ދިވެހިބަސް ދިވެހިން ބޭނުން ކުރަމުން ގެންދާނީ، މިއަދު މިބޭނުންކުރާ ގޮތަށްތޯ ނުވަތަ ނޫންތޯ، އެ ސުވާލުގެ ޖަވާބުގައި އަޅުގަނޑުމެން ވިސްނާލަން މިޖެހެނީ ދިވެހިބަސް މިއަދު ބޭނުންކުރަމުން މިގެންދަނީ މިސާލަކަށް މީގެ 50 އަހަރު ކުރީގައިވެސް ބޭނުންކުރި ގޮތަށްތޯ ނުވަތަ ނޫންތޯ. އަދި މީގެ 100 އަހަރު ކުރީގައި ބޭނުންކުރި ގޮތަށްތޯ. މީގެ 500 އަހަރު ކުރީގައި ބޭނުންކުރި ގޮތަށްތޯ ނުވަތަ ނޫންތޯ. ޖަވާބު ވަރަށް ސާދާ. ބަހަކީ ދިރޭ އެއްޗެއް. ބަދަލުވަމުން އަންނަ އެއްޗެއް. އެއިރެއްގައި ދިވެހިބަސް ބޭނުންކުރަމުން ގެންދާނީ، އެއިރެއްގެ އެބަސް ބޭނުންކުރާ ބަޔަކަށް އެބަސް ބޭނުންކުރަން ފަސޭހަ ގޮތަކަށް. އަދި އެބަޔަކަށް އެބަސް ބޭނުންކުރުމާ ގުޅޭގޮތުން މަޢްލޫމާތު ލިބި އޮޅުންފިލާފައި ހުރި މިންވަރެއްގެ މައްޗަށްވެސް ބިނާވެގެން. ދިވެހިބަހުގެ ޢާންމު ގަވާއިދުތައް ދެނެގަތުމަށް ގްރޭޑް 10ގެ ފެންވަރަކީ ހަމަ ވަރަށް ޞައްޙަ ފެންވަރެއް. ދިވެހިބަސް އެކަންޏެއް ނޫން، އެހެން އެއްވެސް ބަހެއްގެ ޢާންމު ގަވާއިދު ދެނެގަތުމަކަށް.

އަޅުގަނޑު މިދަންނަވާ ވާހަކައަކީ، މިސާލަކަށް، ޤައުމިއްޔަތު ހިފެހެއްޓިފައި ހުރި ޤައުމެއް އިނގިރޭސިވިލާތަކީ. ބަސް ޙިމާޔަތް ކުރެވިފައިވި ޤައުމެއް އިނގިރޭސިވިލާތަކީ. އެހެން ނަމަވެސް، އެ ވިލާތުގައިވެސް އެމީހުންގެ ބަސް، 11، 12 ގައި ކިޔެވުން މަޖުބޫރެއް ނޫން. 10 އަކާ ހަމައަށް ދަރިވަރު އަންނަންދެން އެބަހުގެ ޢާންމު ހަމަތަކާއި ގަވާއިދުތަކާއި އުޞޫލުތައް ދެނެގަތުމަކީ މުހިންމު ކަމެއް. 10 ނިމުނީމާ ދެން މިއޮންނަ ދެއަހަރަކީ، އަޅުގަނޑަށް އެނގިފައި އޮތް ގޮތުގައި، ވަރަށް ޚާއްޞަ ތަޢްލީމެއް ލިބިގަންނަ ދެއަހަރު. ސީދާ ޔުނިވަރސިޓީއަށް ދިޔުމަށްޓަކައި އެ ދަރިވަރެއްގެ މުޅި ޙަޔާތް އެމަގަށް ބިނާކުރުމަށްޓަކައި ވަކިން ޚާއްޞަވެގަންނަ މަޢްލޫމާތު އަދި ނުވަތަ ވަކި ޚާއްޞަވެގަންނަ މަޢުޟޫޢުގައި ދަރިވަރުން ޢިލްމު ލިބިގަންނަ ދެއަހަރު 11، 12 އަކީ. އެހެންވީމާ، އެދެއަހަރު ދަރިވަރުންނަށް މަޖުބޫރީ ގޮތަކަށް މި މާއްދާތައް ކިޔަވައިދިނުން އެއީ، ބޭނުންތެރި ކަމެއްތޯ ނުވަތަ ނޫންތޯ އެ ސުވާލުގެ ޖަވާބު ހޯދުމަށް ޑޮކްޓަރ ލުޠުފީ ހިންގަވަމުން ގެންދެވި މަޝްވަރާތަކެއްގެ ސަބަބުން އެބޭފުޅާގެ މައްޗަށް އިތުބާރު ނެތް ކަމަށް ދުށުމަކީ، އަޅުގަނޑުގެ ނަޒަރުގައި އިންޞާފުވެރި ގޮތެއް ނޫން. އަޅުގަނޑު އެއްވެސް އިރެއްގައި ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނާ ޖަދަލުކޮށް އިންކާރު ކުރާކަށް ނެތިން. އަދި އަޅުގަނޑު އަބަދުވެސް ދަންނަވަމުން މިއަންނަނީ، މަޖިލީހުގެ މެންބަރުން، އެބޭފުޅުން ވަކި ކަމަކަށް އެދިވަޑައިގެންފިނަމަ، އެކަމަކާ ގުޅިގެން ސަރުކާރުން ކޮށްދެވެން ހުރި އެންމެހާ ކަންކަން އަޅުގަނޑުމެން ކޮށްދޭނަމޭ. އަޅުގަނޑު އަބަދުވެސް ދެކެން، ދިވެހިރާއްޖޭގެ ތަރައްޤީގެ އެންމެބޮޑު އެއް އަސާސަކީ، އެންމެ މުހިންމު އެއް ވަސީލަތަކީ ރައްޔިތުންގެ މަޖިލީހޭ. އެމަޖިލީހުގައި ކަންކަމާ ގުޅޭގޮތުން މަޝްވަރާ ކުރެވޭ މިންވަރާއި، އެ މަޖިލީހުގައި ކަންކަމާ ގުޅޭގޮތުން ބަޙުޘް ކުރެވޭ ދަރަޖައާއި، އަދި އެ މަޖިލީހުގައި މަސައްކަތް ކުރެވޭ ހަލުވިކަމަކީ ދިވެހިރާއްޖޭގެ ތަރައްޤީއަށް އަބަދުވެސް އަސަރުކުރާނެ ކަމެއް.

މިހަފްތާގެ ތެރޭގައި، އާދީއްތަ ދުވަހު ޗުއްޓީއަށް ބަންދުވުމަށްފަހު މަދަރުސާ އަނެއްކާވެސް ފެށޭނެ. މަދަރުސާ ފެށޭއިރުގައި ބައެއް ދަރިވަރުންނަށް ލިބުނު ރިޕޯޓް ކާޑު އެއީ މައިންބަފައިން ހިތްހަމަޖެހޭ، އަދި ދަރިވަރުންވެސް ހިތްހަމަޖެހޭ ރިޕޯޓް ކާޑަކަށް ނުވެދާނެ. އަނެއްބައިފަހަރު ވަރަށް ހިތްހަމަޖެހޭ ރިޕޯޓް ކާޑަކަށްވެސް ވެދާނެ. އަދި ބައެއްފަހަރު އެއްކުއްޖަކަށްވުރެ ގިނަ ކުދިން މަދަރުސާއަށް ފޮނުވާ މައިންބަފައިންނަށް، އެއް ކުއްޖެއްގެ ރިޕޯޓް ވަރަށް ރަނގަޅުވެފައި، އަނެއް ކުއްޖެއްގެ ރިޕޯޓް ތަންކޮޅެއް ދަށްކޮށްވެސް ހުރެދާނެ. އެހެންވީމާ، ދެކުދިންނާ ގުޅޭގޮތުން ކަންތައް ކުރާނެގޮތާއި، އަދި މޮޅު ކުއްޖާއަށްވެސް، ދެރަ ކުއްޖާއާ ގުޅޭގޮތުންވެސް ކަންތައް ކުރާނެގޮތާ ގުޅޭގޮތުން ފުންކޮށް މައިންބަފައިން ވިސްނަންޖެހޭނެ. ދެރަކުދިންނަށް އެހީތެރިވެދިނުމަކީ މުހިންމު ކަމެއް. އަދި ކޮންމެ މަޔަކަށްވެސް، ބަފަޔަކަށްވެސް ދަރިފުޅަށް އެހީތެރިވެދެވޭނެ. މާބޮޑު ތަޢްލީމެއް ބޭނުމެއްނުވޭ މިކަމަކަށް. ކައިރީގައި ބައިންދައިގެން ފިލާވަޅު ކިޔާތޯ ބެލުމަށް، ފިލާވަޅު ހަދާތޯ ދެނެގަތުމަށް އިތުރު ޢިލްމުތަކެއް މައިންބަފައިންނަކަށް ކޮންމެހެން ބޭނުމެއްނުވޭ. އަޅުގަނޑަށް މިކަން ޔަޤީން. ކޮންމެ މަޔަކަށްވެސް، ކޮންމެ ބަފަޔަކަށްވެސް އެބަޔެއްގެ ދަރިން ތަރުބިއްޔަތު ކުރަން އަދި މޮޅު ކުދިންނަށް ހެދުމަށް އެހީތެރިވެދެވޭނެ. އަދި ހަމަ މި ޓަރމް ފެށޭއިރު އަޅުގަނޑު ހުރިހާ ޓީޗަރުންނަށާއި، ޕްރިންސިޕަލުންނާއި، ހެޑްމާސްޓަރުންނާއި، މަދަރުސާތަކުގައި މަސައްކަތް ކުރައްވާ ހުރިހާ ބޭފުޅުންނަށް މަރްޙަބާ ދަންނަވަން ބޭނުން. އެބޭފުޅުން އެކުރައްވާ މަސައްކަތުގެ ނަތީޖާ އަޅުގަނޑުމެންނަށް ފެނޭ. ރާއްޖޭގެ ތަޢްލީމީ ޙާލަތު އަންނަނީ ރަނގަޅުވަމުން. މަދަރުސާތަކުގެ އިތުރު އިތުރު ޙަރަކާތްތަކާއި، ކިޔެވުމުގެ ކަންކަން މިހާރު ކުރިއަށްވުރެ ރަނގަޅު ކަމަށް އަޅުގަނޑަށް އިޙްސާސް ކުރެވޭ.

އަދި ހަމަ އަޅުގަނޑު ދަންނަވާލަން ބޭނުން. މިއަހަރު ފެށިގެން އައިއިރުގައި، ސަރުކާރުން ޕަބްލިކް ޕްރައިވެޓް ޕާޓްނަރޝިޕެއްގެ ގޮތުގައި ޣިޔާޘުއްދީން ސްކޫލް ހަމަޖެއްސުމަށް މަސައްކަތް ކުރަމުން ދިޔައިރުގައި، ވަރަށްގިނަ ބޭފުޅުން އެކަމާ ހިތްހަމަނުޖެހިގެން ޝަކުވާކޮށް އަދި މުޒާހަރާކޮށްވެސް ހެދި. އެހެން ނަމަވެސް، މިއަދު އެކަން ހިނގަމުންދާއިރުގައި، އަޅުގަނޑުމެންނަށް މިފެންނަނީ ވަރަށް އެހެން މަންޒަރެއް. ގިނަ ޓީޗަރުންނާއި ގިނަ މައިންބަފައިން އެ ދަރިވަރުންގެ މަސައްކަތްތަކާއި އަދި އެ ސްކޫލްގެ ކަންކަމާ ގުޅޭގޮތުން ހިތްހަމަޖެހުން ލިބޭކަން.

އަޅުގަނޑު މިދެކެނީ، ވިލާ ކޮލެޖުން ހިންގުމަށް ތައްޔާރުވަމުން އަންނަ ކުރީގެ ސީ.އެޗް.އެސް.ސީ އެނެކްސް، އެ މަދަރުސާވެސް ދާދި އަވަހަށް ހުޅުވި، ފުރިހަމައަށް އެ މަދަރުސާގެ ޚިދްމަތްވެސް ލިބޭނެ ކަމަށް. އަޅުގަނޑަށް މަޢްލޫމާތު ލިބިފައި އޮތް ގޮތުގައި އެ މަދަރުސާ ހުޅުވުން ހަފްތާއެއްހާ ދުވަހަށް ލަސްވެލާނެ. އެހެން ނަމަވެސް، އަޅުގަނޑަށް ޔަޤީން، އެބޭފުޅުން އެ ގެއްލުނު ހަފްތާ ފަހުން އަލުން އަނބުރާ ހޯއްދަވާނެ. ދަރިވަރުންނަށް އެ ހަފްތާ ހޯއްދަވައިދެއްވާނެ. އެހެންވީމާ، އަޅުގަނޑުމެންނަށް މިގެންދެވޭ ތަޢްލީމީ ސިޔާސަތު ގޯސް ކަމަކަށް އަޅުގަނޑަކަށް ނުފެނޭ. އެއްދަންފަޅިއަށް ހެދުމުގެ މަސައްކަތް ވަރަށް ބާރަށް ކުރިއަށް އެބަ ގެންދެވޭ. މިހާރުވެސް ކިތަންމެ މަދަރުސާއެއްގައި ކްލާސްރޫމް އިތުރުކުރުމުގެ މަސައްކަތްދަނީ ކުރިއަށް. އަދި ޓީޗަރުން ތާޒާ ކުރުމާއި، އެމީހުންގެ ފެންވަރު ރަނގަޅު ކުރުމާއި، މަދަރުސާތައް ހިންގާނެ ހުނަރު ލިބިގަތުމާއި ހޯދައިދިނުމާއި އަދި ދަރިވަރުންނަށް ކުޅިވަރުގެ ކަންކަން ފަހިކޮށްދިނުމާއި، އިތުރު ޙަރަކާތްތަކުގެ ކަންކަން ފަހިކޮށްދިނުމާއި، މިއެންމެހާ ކަންކަން މިދަނީ ރޭވި ހިނގަމުން. އަދި އެކަންކަން ހިނގަމުންދަނީ ހަމަގައިމުވެސް އަޅުގަނޑު ހިތްހަމަޖެހޭ މިންވަރާއި ދަރަޖައަށް.

މިރޭ ވާރލްޑްކަޕްގެ ފުރަތަމަ މެޗް ފެށޭނެ. ބައްދަލުމިކުރަނީ ސައުތު އެފްރިކާއާއި މެކްސިކޯ. ވާރލްޑް ކަޕަކީ ފުޓްބޯޅައިގެ ހުނަރު، އޭގެ އެންމެ ފުރިހަމަގޮތުގައި އަޅުގަނޑުމެންނަށް ފެންނަ މުބާރާތެއް އެކަންޏެއް ނޫން. ފުޓްބޯޅަ ވާރލްޑްކަޕަކީ ދުނިޔޭގެ ހުރިހާ ޤައުމެއްގެ ޝައުޤުވެރިކަންވެސް، ނަޒަރިއްޔާތުވެސް އެ މައްޗަށް ހުއްޓޭ މުބާރާތެއް. އަޅުގަނޑުމެންގެ ރާއްޖޭގައިވެސް އެކަންދާނީ އެގޮތަށް. އަދި އޭގެ ފޯރިވެސް އެހާމެ ގަދަވެގެންދާނެ. އަޅުގަނޑުމެންނަށް އަޅުގަނޑުމެން ތާއީދުކުރާ ޓީމުތައް ކާމިޔާބު ކުރެވޭނެ ކަމަށް އުންމީދު ކުރާނެ. އަދި އެޓީމުތައް މޮޅުވާނެ ކަމަށްވެސް އަޅުގަނޑުމެންނަށް ދެކެވޭނެ. އަޅުގަނޑު ދެކޭނީ، އަޅުގަނޑު އުންމީދު ކުރާނީ، މި މުބާރާތުން އަޅުގަނޑުމެންގެ ކުޅުންތެރިންނަށް އިތުރު ހުނަރު ހޯދޭނެ ކަމަށް، ދަސްވާނެ ކަމަށް. އަދި އަޅުގަނޑުމެންގެ އެކިއެކި މަސައްކަތްތަކުގައި އުޅުއްވާ ބޭފުޅުންނަށް ޓީމް ވާރކްގެ މަސައްކަތް މުހިންމުކަންވެސް މިމުބާރާތުން ފެނިގެންދާނެ. އަދި އަޅުގަނޑުމެންގެ ފަނޑިޔާރުންނަށާއި، އަޅުގަނޑުމެންގެ އެކިއެކި ކަންކަމުގައި އިންޞާފު ޤާއިމު ކުރައްވަން ތިއްބެވި ބޭފުޅުންނަށް ރެފްރީގެ ނިޔާ އިއްވަމުން ގެންދާ ގޮތްވެސް އަޅުގަނޑުމެންނަށް ފެނިގެންދާނެ. ހަމައެޔާއެކީގައި، ޑިޕްލޮމެޓިކް ދާއިރާގައި ޙަރަކާތްތެރިވާ ބޭފުޅުންނަށްވެސް އެއްޤައުމާއި އަނެއް ޤައުމު މުޢާމަލާތް ކުރަމުން އަންނަތަން ފެނިގެންދާނެ. ފުޓްބޯޅަ ދަނޑުގައި އެ ހިންގާ ޙަރަކާތަކީ ދެޤައުމުގެ ދެމެދުގައި ހިންގޭ ވަރަށްބޮޑު، ވަރަށްވާން އަދި ވަރަށް ވާދަވެރި މުޢާމަލާތެއް. އެހެންވީމާ، އަޅުގަނޑު މިދެކެނީ، މިހުރިހާ ކަމެއް އެއްވެގެން އަޅުގަނޑުމެންނަށް ހަމައެކަނި މުނިފޫހިފިލުވުމާއި އުފާވެރިކަމެއް ނޫނޭ ވާރލްޑްކަޕުން ލިބޭނީ. ކިތަންމެ ފިލާވަޅަކާއި ތަޖްރިބާއެއްވެސް އަޅުގަނޑުމެންނަށް ލިބިގެންދާނޭ. އަޅުގަނޑު ދަންނަވާނީ ހަމަ އިރާދަކުރެއްވިއްޔާ އެންމެމޮޅު ޓީމު ކާމިޔާބުކުރާނޭ.

އަޅުގަނޑު ހަމަ ނިންމާލަމުންވެސް ދަންނަވާނީ މަޖިލީހުގެ މެންބަރުންގެ ކިބައިން، އަޅުގަނޑުމެން އެންމެންނަށް ޤައުމުގެ ތަރައްޤީގެ މަސައްކަތްތަކުގައި އެކުގައި މަސައްކަތް ކުރެވިއްޖެނަމަ، ދިވެހިރާއްޖެއަށް އާދަޔާ ޚިލާފު ބަދަލު ގެނެވިދާނޭ. ނުހަނު ގިނަގުނަ ބޮޑެތި ތަރައްޤީ ޙާޞިލު ކުރެވިދާނޭ. އަޅުގަނޑުމެން އެއްބަޔަކާއި އަނެއްބަޔަކާ ޙަސަދަވެރިވެ، އަބަދުމެ އަޅުގަނޑުމެންގެ މަސައްކަތަކީ ދެރައެއް ދިނުން، ގެއްލުމެއް ދިނުން، ހުރަހެއް އެޅުން، ހުއްޓުވާލުން، މިބާވަތުގެ ވިސްނުމުގައި ތިބެ ހިންގާ މަސައްކަތެއް ކަމަށްވަނީވިއްޔާ، އަޅުގަނޑުމެންނަށް ކުރިއެރޭ މިންވަރު ދަތިވާނެ، މަދުވާނެ. ދެވޭނެ ކުރިއަށް. އެހެން ނަމަވެސް ދެވޭނީ ލަހުން.

މިދިޔަ އަހަރާއި މިއަހަރުގެ ތެރޭގައި، ޚާއްޞަކޮށް މިދިޔަ އަހަރުގެ ތެރޭގައި ސަރުކާރުން ހިންގާން އުޅުނު ވަރަށްގިނަ މަޝްރޫޢުތައް އޮތީ ބާރަށް ހިނގައިނުގަނެފައި. އެހެން ނަމަވެސް، މިހާރު ޚާއްޞަކޮށް މިދިޔަ މަސްދުވަހުގެ ތެރޭގައި އަޅުގަނޑުމެންނަށް ފެންނަމުން މިދަނީ ވަރަށް ގިނަގުނަ މަޝްރޫޢުތައް ވަރަށް ބާރަށް ހިނގަމުންދާތަން. އަޅުގަނޑު ދެކޭނީ ތަޢްލީމީ ޙާލަތު ރަނގަޅުވަމުންމިދާ ދިޔުމަކީވެސް މިދެންނެވި މަގަށް އަޅުގަނޑުމެންނަށް މަސައްކަތް ކުރެވެން ފެށުމުން ފެންނަ ނަތީޖާއެކޭ.

އަޅުގަނޑުގެ އުންމީދަކީ، އަޅުގަނޑުގެ ދުޢާއަކީ، އަޅުގަނޑުމެންނަށް އަދި މިއަދަށްވުރެ މާ ފާގަތި މާދަމައެއް ލިބުން. އަޅުގަނޑުގެ ދުޢާއަކީ، އަޅުގަނޑުމެންނަށް ދެދުނިޔޭގެ ބާއްޖަވެރިކަން ލިބުން.

والحمد للّـه. والسّـلام عليـكم

______________________