بســم اللّـه الرّحمـن الرّحيــم

السّـلام عليـكم

މިއަދަކީ 28 މެއި 2010ވީ ހުކުރު ދުވަސް. ރާއްޖޭގެ ވަރަށްގިނަ ބައިބޯ ރަށްރަށާއި އަދި މާލޭގައި ޚާއްޞަކޮށް ރައްޔިތުންނަށް ދިމާވެފައިވާ އެންމެބޮޑު އެއްދައްޗަކީ، ބޯހިޔާވަހިކަމުގެ ދަތި، ގެދޮރުގެ ދަތިކަން ކަން އެއީ، އަޅުގަނޑުމެންނަށް ޒަމާނުއްސުރެ ފަށައިގެން ދުވަސްތަކެއްވަންދެން މިހާރު ފާހަގަވަމުން އަންނަ ކަމެއް. ސަރުކާރު އިންތިޚާބަށް ދިޔައިރު، އަބަދުވެސް އަޅުގަނޑުމެން ބުނަމުން ގެންދިޔައިމު، އަޅުގަނޑުމެން ފާހަގަކުރަމުން ގެންދިޔައިމު، އަތްފޯރާފަށުގައި ގިނަބަޔަކަށް ބޯހިޔާވަހިކަން ހޯދައިދިނުމަކީ، މި ސަރުކާރުގެ އަމާޒެކޭ. އެކަން ޙަޤީޤަތަކަށް ހެދުމަށްޓަކައި ސަރުކާރުގެ ފަރާތުން ހައުސިންގ ޕްރޮގްރާމް އެކުލަވާލެވުނީ. އެ ޕްރޮގްރާމް ބާރަށް ހިންގުމަށް ކިތަންމެ ދަތިތަކެއް މިއަދާ ހަމައަށް އައިއިރު މިވަނީ ދިމާވެފައި. ޚާއްޞަގޮތެއްގައި ވިޔަފާރީގެ އުސޫލުން ރާއްޖޭގެ ވަރަށްގިނަ ރަށްރަށުގައި މިކަހަލަ މަސައްކަތެއް ހިންގުމަށް ގިނަ ވިޔަފާރި ފަރާތްތަކުން ޖެހިލުންވާކަން. އަދި އެ އުސޫލުން ގިނަ ބައިވަރު ރަށްރަށުގައި މަސައްކަތް ހިންގުމަށް ކުންފުނިތައް ކުރިމަތިނުލާކަން. އެހެންނަމަވެސް، މާލޭގައި މި މަސައްކަތަށް ކުރިމަތިލާނެ ފަރާތްތައް ސަރުކާރުން އިޢުލާނު ކުރުމުން އިޢުލާނުތަކާ، ހުޅުވާލެވުނު ބިޑްތަކަށް އިޖާބަދީ މާލޭގައާއި ހުޅުމާލޭގައި މި މަސައްކަތް ކުރާނެ ފަރާތްތައްވަނީ ހޯދިފައި. އެގޮތުން އެނގިވަޑައިގަންނަވާނެ، ތައިލެންޑުގެ ކުންފުންޏަކާ އަދި އިންޑިއާގެ ކުންފުންޏަކާ އަދި ޗައިނާގެ ކުންފުންޏަކުން މާލެއާއި ހުޅުމާލޭގައި ފްލެޓު އެޅުމުގެ މަސައްކަތް ކުރުމަށް މިހާރު ސަރުކާރާއެކީގައި އެއްބަސްވެ، ވަނީ ސޮއިކުރެވިފައި. ބައެއް ކުންފުނިތަކުން އެކަމުގެ ޢަމަލީ މަސައްކަތް މިހާރުވަނީ ފަށާފައި.

މި މަޝްރޫޢުތަކުގެ ތެރޭގައި، މާލޭގައި ހާހެއްހާ ގެއަށްވުރެ ގިނަ ގެ އިމާރާތްކުރުން އެބައޮތް. އެކަމާ ގުޅިގެން ބައެއް ފަރާތްތަކުން އަޅުގަނޑަށްވެސް އަޑުއިވޭގޮތުގައި ކޮށްފާނޭ ސުވާލަކީ، މާލޭގައި ގެދޮރު އިމާރާތްކުރުން ގިނަކުރުމުން، އަނެއްކާވެސް ހައްތަހާ މާލެއަށް ތޮއްޖެހޭގޮތް ނުވަތަ މާލެއަށް މީހުން ގިނަވާގޮތްވުން އެއީ ގާތްކަމަކަށް ވެދާނެއޭ. މާލޭގައި ވަރަށްގިނަ އާއިލާތަކެއް އެބައުޅޭ. އަޅުގަނޑުމެން އިންތިޚާބަށް ދިޔައިރު، ޚާއްޞަގޮތެއްގައި އަޅުގަނޑު ފާހަގަކުރިން، ބޮއެކަނބުލޮގެ ގެ. އޭނަގެ އާއިލާގެ ވާހަކަ. ޙާޖީ ޢިމާދުއްދީން ރަދުން ބޮއިކަނބުލޮއަށް މާލެއިން ދިރިއުޅޭނެ ގޯއްޗެއް ދިނުމަށްފަހު، ބަންޑާރައިން، ދައުލަތުން، ސަރުކާރުން އެ އާއިލާއަށް މިއަދާހަމައަށް، ބޯހިޔާވަހިކަމާ ގުޅޭގޮތުން ހަމަ އެއްކަމެއްވެސް ކޮށްދެވިފައެއް ނެތް. މިހާރު ޙާޖީ ޢިމާދުއްދީން އެ ދިން ގެ، ބޮއިކަނބުލޮގެ ވާރުތަވެރިންނަށް ބަހައިފިނަމަ، އެއިން ކުއްޖަކަށް ސަތޭކަ އަކަފޫޓުވެސް ހަމަނުވާނެ. އެހެންވީމާ، އެކުދިންނަށް ބަހައިގެން އެގޭގައި އުޅެވޭކަށް މިވަގުތަކު ނޯންނާނެ. އެގެ އެކަންޏެއް ނޫން. މާލޭގެ ވަރަށްގިނަ ގޭގޭގެ ކަންތައްހުރީ މިދެންނެވި ޙާލަތުގައި. ވަރަށް ބޮޑު ދަތީގައި. އެހެންވީމާ، މާލޭގައި ދިރިއުޅޭ މާލޭ ރައްޔިތުންގެ ތެރެއިން މާލޭގެ ބިންކޮޅެއް އޮތް ރައްޔިތުންގެ ތެރެއިން އެ ބިންކޮޅަކީ ދިރިއުޅުމަށް އެކަށީގެންވާ މިނަށްވުރެ މާކުޑަ ބިންކޮޅަކަށްވެފައިހުރި މީސްމީހުންނަށް ގޮތެއް ހޯދައިދޭން އެބަޖެހޭ. އެއީ މާލެއަށް، މާލެއިން ބޭރުން މީހުން އިތުރުކުރުމަށް އެޅޭ ފިޔަވަޅެއް ނޫން. އެހެންނަމަވެސް، މާލޭގައި ދިރިއުޅެމުންއައި، މާލޭގައި ބިންކޮޅެއް އޮންނަ ކިތަންމެ ބަޔަކަށް ގޮތެއް ހޯދައިދިނުން.

އިރާދަކުރެއްވިއްޔާ އަޅުގަނޑު ނުދަންނަވަން ޖުމްލަ ޙައްލެއް މި މަޝްރޫޢުތަކުގެ ތެރެއިން ނުކުންނާނެއެކޭ. އެހެންނަމަވެސް އަޅުގަނޑުމެންނަށް ހަމަ ފެންނަނީ ބޮޑު މަންޒަރަށް. އަޅުގަނޑަށް ފެންނަނީ، ކުރިއަށްމިއޮތް ތިންހަތަރު އަހަރު ދުވަހެއްގެ ތެރޭގައި، މުޅިރާއްޖޭގެ ބޯހިޔާވަހިކަމުގެ ކަންތައް ވަކިގޮތަކަށް ހަމަޖެހިގެން ދިޔައިމާ، މާލޭގެ ދަތިވެސް އެތައްތަނަކުން ފިލައިގެންދާނެއޭ.

އަތޮޅުތަކުގައި، ޕްރޮވިންސްތަކުގައި ބޯހިޔާވަހިކަމުގެ މަޝްރޫޢު ކުރިއަށް ގެންދިޔުމަށް ސަރުކާރުން މިހާރު ކަނޑައަޅާފައިވާ ރަށްތަކުގެ ތެރެއިން ފުރަތަމައިނުން މަސައްކަތް ފަށާނެ ރަށްތަކެއް މިވަނީ ނިމިފައި. އަދި އެ ރަށްރަށުގައި ފްލެޓް، ގެ، ހައުސިންގ ޔުނިޓް އިމާރާތް ކުރުމަށްޓަކައި އެ މަސައްކަތް ހިންގާނެ، ކޮންސްޓްރަކްޝަން ހިންގާނެ ފަރާތްތަކެއް ހޯދުމަށް، ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަނުން ކުރިއަށް މިއޮތް ހަފްތާގެ ތެރޭގައި އިޢުލާނު ކުރާނެކަމަށް، އަޅުގަނޑަށް ވަނީ އެނގިފައި. އަޅުގަނޑަށް އެނގިފައި އޮތްގޮތުގައި، މިހާރު އެރަށްތަކުގެ ގޮތުގައި ކަނޑައެޅިފައިވަނީ ކުޅުދުއްފުށްޓާއި، ނައިފަރާއި، މަނަދުއާއި، ގދ.ތިނަދުއާއި، ކޮލަމާފުށި އަދި އައްޑުއަތޮޅު ފޭދޫ. މީގެތެރެއިން މަނަދޫގައި ގެތައް އެޅުމުގެ އެއްބޭނުމަކީ، ވަކި އިތުރު ޚާއްޞަ ޕްރޮގްރާމެއް ހިންގުން. އެއީ، މީހުންގެ ރުހުމާއެކީގައި މީހުން އެދިގެން އެއްފަސްވުމަށްޓަކައި މަނަދުއަށް ބަދަލުވުމަށް މަނަދޫ ކައިރީ އެހެން ރަށްރަށު ރައްޔިތުން އެދޭނަމަ، އެ ފުރުސަތު އެ ރައްޔިތުންނަށް ފަހިކޮށްދިނުމަށްޓަކައި ހިންގާ ޕްރޮގްރާމެއް. ދެން ކުޅުދުއްފުށްޓާއި، ނައިފަރާއި، ތިނަދުއާއި، ކޮލަމާފުށްޓާއި ފޭދުއަކީ ބިމުގެ ދަތިކަން ބޮޑުވެ، އާބާދީ ބޮޑުވެ، އިންތިހާއަށް ދިރިއުޅުން އުނދަގޫވެފައިވާ ރަށްރަށް.

ދިރިއުޅުން ދަތިވެފައިވާ ތަންތަނުގެ ތެރެއިން ބިން ކުޑަވުމުގެ ސަބަބުން، ދިރިއުޅުމަށް އެތައްއެތައް އުނދަގޫތަކެއް ކުރިމަތިވެފައިވާތީވެ، ސަރުކާރުން އެބަހިންގާ، ބިން ބޮޑުކުރުމުގެ މަޝްރޫޢެއް، ބައެއް ރަށްރަށުގައި. އެއީ، ދިއްދޫގެ މަސައްކަތް ވަނީ ފެށިފައި. ތުޅާދޫގެ މަސައްކަތް ވަނީ ފެށިފައި. ވެލިދުއާއި ހިންނަވަރު ފަށާގޮތަށް ނިމިފައިވާއިރުގައި، ހަމައެހެން މަޝްރޫޢެއްގެ ތެރެއިން ތިމަރަފުށީގެ ބިން ބޮޑުކުރުމާއި، އަދި ތިމަރަފުށީގެ އެއަރޕޯޓުގެ މަސައްކަތް ކުރިއަށް ގެންދިޔުމަށް ސަރުކާރުން މިދަނީ ވަރަށްބޮޑަށް މަސައްކަތް ކުރަމުން. ފޯއްމުލަކުގެ އެއަރޕޯޓުގެ މަސައްކަތްވެސް އިރާދަކުރެއްވިއްޔާ މިހާރު މިދަނީ ކުރިޔަށް. ހަމައެއާއެކީގައި ގއ.އަތޮޅުގައި އެޅުމަށް ބިނާކުރުމަށް ކަނޑައެޅިފައިވާ އެއަރޕޯޓުގެ ކަންތަކާ ގުޅޭގޮތުން އެ ސަރަޙައްދުގެ ރައްޔިތުންނާ ސަރުކާރުން އިރާދަކުރެއްވިއްޔާ ކުރިއަށްއޮތް ހަފްތާގެ ތެރޭގައި ވާހަކަދައްކަން ފަށާނަން. ޚާއްޞަގޮތެއްގައި އެ އެއަރޕޯޓް އޮންނާނެ ތަނަކާ ގުޅޭގޮތުން އެ ރަށްރަށުގެ ރައްޔިތުންނާ މަޝްވަރާކުރަން ބޭނުންވާތީ.

ސަރުކާރުގެ މަޝްރޫޢުތައް ނުވަތަ ބޯހިޔާވަހިކަމާއި އަދި ބިން ބޮޑުކުރުމާ ގުޅޭގޮތުން ހިންގޭ މަޝްރޫޢުތައް، އިރާދަކުރެއްވިއްޔާ ހަމަ ރަނގަޅަށް ހިނގަމުން އެބަދޭ. ސަރުކާރުން އިތުރަށް ވާނެ، އިންޑިއާގެ ޓާޓާ ކުންފުންޏާއެކީގައި ގެދޮރު އެޅުމުގެ މަޝްރޫޢެއްގައި ސޮއިކޮށްފައި. އެހެންނަމަވެސް، އެ މަޝްރޫޢަށް ޢަމަލީސިފަ ނުގެނެސް މިހާރު މިވަނީ، އެ މަޝްރޫޢުގެ ދަށުން ނަގަންޖެހޭ ލޯނުގެ އިންޓަރެސްޓް ބޮޑުވީމާ، އެއީ ސަރުކާރަށް ފެންނަ ފެނުމުގައި، ޚާއްޞަކޮށް ޓްރެޜަރީއަށް، ފިނޭންސަށް ފެންނަ ފެނުމުގައި ރަނގަޅު ވިޔަފާރިއަކަށް، ރަނގަޅު އުސޫލަކަށް ނުވާނެތީވެ، އެ ލޯނުގެ އިންޓަރެސްޓް ކުޑަކުރުމަށް ކުރެވެންހުރި އިތުރު މަސައްކަތްތައް ކުރުން. މިނިސްޓްރީ އޮފް ފިނޭންސުންނާއި އަދި މިނިސްޓްރީ އޮފް ފޮރިން އެފެއާޒުން ގެންދަވަނީ، މިދެންނެވި ލޯނުގެ އިންޓަރެސްޓް ކުޑަކުރުމުގެ މަސައްކަތްތައް ހިންގަމުން. އެ ލޯނު ނެގުމަށް މަޝްވަރާ ކުރެވިފައިވަނީ އިންޑިއާއިން. އެހެންވީމާ އިންޑިއާގައި ހުންނަ ދިވެހިރާއްޖޭގެ ހައިކޮމިޝަނާއި އަދި ފޮރިން އެފެއާޒާއި އަދި ފިނޭންސް ގުޅިގެން މަސައްކަތް ކުރިއަށް އެބަގެންދެވޭ.

ސަރުކާރުން ބޭނުންވާ ބާރުމިނުގައި މަސައްކަތްތައް ކުރިއަށްދާކަމަށް އަޅުގަނޑަށް ފެނޭ. އެހެންނަމަވެސް އެ ބާރުމިނަކީ ރައްޔިތުންގެ ކެތްތެރިކަން ކޮޅުންލާހިސާބުގައި ވާމިނެއްކަންވެސް އަޅުގަނޑަށް ފާހަގަކުރެވޭ. އެހެންނަމަވެސް ކަންތައްތައް ކުރަމުންގެންދާއިރު، ސަރުކާރުން ކަންކަން ކުރަމުން ގެންދަންޖެހޭނީ، ޙިކްމަތްތެރިކަމާއި ވިސްނުންތެރިކަމާއި އަދި ކެތްތެރިކަމާއެކު. އަޅުގަނޑު ހަމަ ޔަގީންކަމާއެކީގައި އަދިވެސް ދަންނަވާނަން. އިރާދަކުރެއްވިއްޔާ، އަޅުގަނޑުމެން މިއެދޭ ތަރައްޤީ، އަޅުގަނޑުމެން މިއެދޭ، އަޅުގަނޑުމެން މި ސިފަކުރާ އަނެއް ދިވެހިރާއްޖެ، ދިވެހި ރައްޔިތުންނަށް ދާދިއަވަހަށް ސީދާ ސިފަވަމުންދާނެ. މަންޒަރުވަމުންދާނެ.

އަޅުގަނޑު މިއަދު ހަމަ އިތުރަށް ދަންނަވާލަން ބޭނުން ވަރަށް މުހިންމު ވާހަކައެއް އެބައޮތް. ޤައުމެއް ތަރައްޤީވެ ދިޔުމަށްޓަކައި އަޅުގަނޑުމެން އަބަދުވެސް ފާހަގަކުރަން ވަކި ޚާއްޞަ ކަންތައްތަކެއް ވަކި އިރެއްގައި ވަކި ގޮތަކަށް ހަމަޖެހިފައި ހުންނަންޖެހޭނެއޭ. އެހެން ހުންނަންޖެހޭ ކަންތައްތަކުގެ ތެރޭގައި އިތުބާރު ކުރެވޭ ފަނޑިޔާރުގެއަކީ ދިވެހި ރައްޔިތުންނާ ދައުލަތަށް ޤާނޫނުއަސާސީ ލިބިދޭ ޙައްޤެއް. ރައްޔިތުންގެ އިތުބާރު، ޢަދުލްއިންޞާފު ފަނޑިޔާރުންނަށް ހޯދުމަށް، އަދި ޤައުމުގެ ހަމަޖެހުމާއި އަމާންކަމަށް މި ދަނޑިވަޅު އެންމެ މުހިއްމު އެއްކަމަކީ، ފަނޑިޔާރުންނީ އިތުބާރުކުރެވޭ، ތެދުވެރި، ޤާބިލު ބައެއްކަން ރައްޔިތުންނަށް ކަށަވަރު ކޮށްދިނުން. އަޅުގަނޑުމެންގެ ޤާނޫނުއަސާސީގެ 285 ވަނަ މާއްދާގައި ވަރަށް ޞަރީޙަ ޢިބާރާތުން އެބަ ބަޔާންކުރޭ، މި ޤާނޫނުއަސާސީއަށް ޢަމަލުކުރަން ފަށާއިރު ތިބި ފަނޑިޔާރުންގެ ކިބައިގައި ޤާނޫނުއަސާސީގެ 149 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ޝަރުޠުތައް ފުރިހަމަވާކަން ނުވަތަ ނޫންކަން ޖުޑީޝަލް ސަރވިސް ކޮމިޝަނުން މި ޤާނޫނުއަސާސީއަށް ޢަމަލުކުރަން ފަށާތާ ގިނަވެގެން ދެ އަހަރު ދުވަހުގެ ތެރޭގައި ކަނޑައަޅަންވާނެއޭ. މިދެންނެވި ދެއަހަރު ހަމަވާ ދުވަހަކީ 7 އޯގަސްޓް 2010.

ފަނޑިޔާރުންގައި ހުންނަން ޤާނޫނުއަސާސީގެ 149 ވަނަ މާއްދާ ލާޒިމްކުރާ ޝަރުޠުތަކުގެ ގޮތުގައި އެމާއްދާ ބަޔާންކޮށްފައިވަނީ، ފަނޑިޔާރުކަމުގެ މަގާމަށް ބޭނުންވާ ފެންވަރަށް ތަޢުލީމާއި ތަޖުރިބާ ލިބިފައިވުމާއެކު، ފަނޑިޔާރެއްގެ ވާޖިބާއި މަސްއޫލިއްޔަތު އުފުލޭފަދަ ޤާބިލް މީހަކަށްވުން، އަދި، އަޚްލާޤު ރަނގަޅު މީހަކަށްވުން. އަޅުގަނޑު ދެންމެ މި ދެންނެވި 149 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ޝަރުޠުތައް، އެއީ ތަޢްލީމާއި ތަޖުރިބާ ލިބިފައިވުމާއި އަދި އަޚްލާޤު ރަނގަޅު މީހެއް ކަމަށްވުން. އެ ޝަރުޠުތައް ފުރިހަމަވާކަން ނުވަތަ ނޫންކަން މި ކަނޑައަޅަން މިޖެހެނީ ޖުޑީޝަލް ސަރިވިސް ކޮމިޝަނުން. އެކަން އެ ކޮމިޝަނުން ކުރާންޖެހެނީ 7 އޯގަސްޓް 2010 ވަނަ ދުވަހުގެ ކުރީގައި.

މި މެއިމަހު ޖުޑީޝަލް ސަރވިސް ކޮމިޝަނުން މި ދެންނެވި މަސައްކަތް ކޮށް ނިންމެވިއިރު، އެބޭފުޅުން، ޖުޑީޝަލް ސަރވިސް ކޮމިޝަނުން ނިންމެވީ ޤާނޫނުއަސާސީގެ 149 ގައި ބަޔާންކޮށްފައިވާ ޝަރުޠުތައް ބަލާނެ މިންގަނޑު. އެކަމުގައި ވިދާޅުވަނީ ތަޢްލީމީ ފެންވަރުކަމަށް ބަލާނެ މިންގަނޑުގެ ގޮތުގައި އެބޭފުޅުން ވިދާޅުވަނީ، ޝަރުޢީ ނުވަތަ ޤާނޫނުގެ ރޮނގުން ތަޢުލީމް ހާސިލުކޮށްފައިވާކަމުގެ ސެޓްފިކެޓެއް އޮތުން. އެ ސެޓްފިކެޓަކީ މޯލްޑިވްސް އެކްރެޑިޓޭޝަން ބޯޑުން އެކްރެޑިޓް ކޮށްފައިވާ ސެޓްފިކެޓަކަށް ނުވިނަމަވެސް، އެ ސެޓިފިކެޓަކީ ދިވެހި ސަރުކާރު ގަބޫލުކުރާ ސެޓްފިކެޓް ލެވެލް 3 ފެންވަރުގެ ނުވަތަ އެއަށްވުރެ މަތީ ތަޢުލީމު ކަމުގައިވުން. ދަންނަވާ ވާހަކައަކީ ގްރޭޑް 7 ގެ ފެންވަރު ހުރުމޭ. ދިވެހިރާއްޖޭގެ ފަނޑިޔާރެއްގެ ކިބައިގައި ތަޢްލީމީ ފެންވަރުކަމަށް ޖުޑީޝަލް ސަރވިސް ކޮމިޝަނުން ވިދާޅުވަނީ، މި ހުންނާން މިޖެހެނީ ސެޓްފިކެޓް ލެވެލް 3 ގެ ފެންވަރު ކަމަށް. އެ ފެންވަރަކީ ދަންނަވަންތޯ ގްރޭޑް 7 ގެ ފެންވަރު. އަދި ހަމަ ޖުޑީޝަލް ސަރވިސް ކޮމިޝަނުން ވިދާޅުވަނީ، ސެޓްފިކެޓަކީ ސީދާ ޤާނޫނު ނުވަތަ ޝަރީޢާގެ ސެޓްފިކެޓަކަށް ނުވާނަމަ، ހާސިލުކޮށްފައިވާ ތަޢުލީމުގެ ތެރޭގައި ޝަރީޢާ ނުވަތަ ޤާނޫނުގެ ތަޢުލީމު ހިމެނިފައިވުމާއި، އެ ތަޢުލީމަކީ ދިވެހި ސަރުކާރު ގަބޫލުކުރާ ސެޓިފިކެޓް ލެވެލް 3ގެ ފެންވަރުގެ އެއަށްވުރެ މަތީ ތަޢުލީމެއް ކަމުގައިވުން.

ތަޖުރިބާ ލިބިފައިވާކަމަށް ބަލާ މިންގަނޑުގެ ގޮތުގައި މިދެކެނީ، މިހާރު ފަނޑިޔާރުން ވަޒީފާގައި ތިއްބެވި ތިއްބެވުން އެއީ، ތަޖުރިބާގެ މިންވަރުކަމަށް ބެލުން. އަޚްލާޤު ރަނގަޅުކަމަށް ބަލާނެ މިންގަނޑުގެ ގޮތުގައި ޖުޑީޝަލް ސަރވިސް ކޮމިޝަނުން ނިންމަނީ، ޖިނާއީ ކުށްތަކުގެ ތެރެއިން ކޮމިޝަނުން ނިންމާފައިވާ 29 ޖިނާއީ ކުށުގެ ތެރެއިން ކުށެއް ޝަރީޢަތަށް ސާބިތުވެފައިވާނަމަ، އަޚްލާޤުގެ ބައިން ޝަރުޠު ފުރިހަމަނުވާކަމަށް.

ޖުޑީޝަލް ސަރވިސް ކޮމިޝަނާ ހަވާލުކޮށްފައިވާ މަސްއޫލިއްޔަތުގެ މަޤްޞަދަކީ، ދިވެހިރާއްޖޭގައި ޢަދުލުއިންޞާފު ޤާއިމުކުރުމުގެ ބާރުތައް ލިބިގެންވާ ކޯޓުތަކަކީ، ދިވެހި ޤައުމާއި ރައްޔިތުންނަށް އަދުލުވެރި، ޤާބިލު ފަނޑިޔާރުންގެ މައްޗަށް އެކުލެވޭ ކޯޓުތަކެއްކަން ކަށަވަރުކޮށްދިނުންކަމަށް އަޅުގަނޑަށް ގަބޫލުކުރެވޭ. ނަމަވެސް، ޖުޑީޝަލް ސަރވިސް ކޮމިޝަނުން ނިންމެވި ނިންމެވުމަކީ މި މަޤްޞަދު ޙާޞިލުކުރުމަށް ދަތިވުމުގެ އިތުރުން، ކަންބޮޑުވާންޖެހޭ ކަންކަން ހުރި ނިންމުމެއްކަމަށް އަޅުގަނޑަށް ފާހަގަކުރެވޭ.

ކޯޓުތަކަށް ހުށަހެޅޭ މައްސަލަތައް ދުވަހުން ދުވަހަށް އިތުރުވެ، ދުސްތޫރީ، ޖިނާއީ އަދި މަދަނީ ބޮޑެތި މައްސަލަތައް ހުށަހެޅެމުންދާ މިދަނޑިވަޅުގައި، ކޯޓުތަކުގެ ފަނޑިޔާރުންނަކީ އެކަށީގެންވާ ތަޢުލީމު ލިބިފައިވާ ފަރާތްތަކަކަށްވުމީ، އެ ދާއިރާ ހަރުދަނާކުރުމަށް އަޅަންޖެހޭ މުހިންމު ފިޔަވަޅެއްކަމަށްވާއިރު، ޤާނޫނުއަސާސީގެ 149 ވަނަ މާއްދާގައި ބުނާ، ފަނޑިޔާރުކަމުގެ މަގާމަށް ބޭނުންވާ ފެންވަރަށް ތަޢުލީމާއި ތަޖުރިބާލިބިފައިވާކަމަށް ބެލުމުގައި ޖުޑީޝަލް ސަރވިސް ކޮމިޝަނުން ކަނޑައަޅާފައިވާ މިންގަނޑު ކަމަށްވާ، ތަޢުލީމީގޮތުން ސެޓްފިކެޓް ލެވެލް 3 ގެ ފެންވަރު ނުވަތަ ގްރޭޑް 7 ގެ ފެންވަރުގެ ތަޢުލީމެއް ޙާޞިލުކޮށްފައިވުމާއި، މިހާރު ފަނޑިޔާރުން ވަޒީފާގައި ތިއްބެވި ތިއްބެވުން އެއީ، ތަޖުރިބާގެ މިންވަރުކަމަށް ބެލުމަކީ، މިހާރުގެ މުޖުތަމަޢާއި، ޤާނޫނީ ނިޒާމު ތަރައްޤީވެފައިވާ މިންވަރަށް ބަލާއިރު އެކަށީގެންވާ މިންގަނޑެއްކަމަށް އަޅުގަނޑަކަށް ނުފެނޭ.

ޤާނޫނުއަސާސީގެ 149 ވަނަ މާއްދާގައި ފަނޑިޔާރެއްގެ ކިބައިގައި ހުންނަންޖެހޭކަމަށް ބަޔާންކޮށްފައިވާ ޝަރުޠުތަކުގެ ތެރޭގައި އަޚްލާޤު ރަނގަޅުވުން ހިމެނޭއިރު، ޖުޑީޝަލް ސަރވިސް ކޮމިޝަނުން ނިންމާފައިވަނީ، އެ ކޮމިޝަނުން ކަނޑައަޅާފައިވާ 29 ޖިނާއީ ކުށުގެ ތެރެއިން ކުށެއް ޝަރީޢަތަށް ސާބިތުވެފައިނުވާނަމަ އަޚުލާޤުގެ ބައިން ޝަރުޠު ފުރިހަމަވާކަމަށް ކަނޑައެޅުމަށް. ނަމަވެސް، މިނިވަން ޑިމޮކްރެޓިކް މުޖުތަމަޢެއްގައި އަޚުލާޤީ މިންގަނޑު މިނުމުގައާއި ޝަރީޢަތަށް ކުށް ސާބިތުކުރުމުގައި ގެންގުޅޭ މިންގަނޑަކީ ތަފާތު ދެ މިންގަނޑަކަށްވާއިރު، ކުށެއް ކުރިކަން ޝަރީޢަތަށް ސާބިތުވެފައިވާ މީހަކު ކަމުގައި ނުވުން މިއީ، އަޚުލާޤު ރަނގަޅުވުމުގެ ޝަރުޠުފުރިހަމަވީކަމަށް ބެލުން އެއީ، އެންމެ އެދެވިގެންވާގޮތްކަމަށް އަޅުގަނޑަކަށް ނުފެނޭ.

ޤާނޫނުއަސާސީގެ 149 ވަނަ މާއްދާގެ (ހ) އާއި (ށ) އަށް ރިޢާޔަތްކުރާއިރުވެސް، މިދެ މަފްހޫމް ތަފާތުކޮށްފައިވާކަން ފާހަގަވޭ. ފަނޑިޔާރުންގެ އަޚްލާޤީ މިންގަނޑު ކަނޑައެޅުމުގައި ޖުޑީޝަލް ސަރވިސް ކޮމިޝަނުގެ ނިންމުމުގެ ސަބަބުން، ދިވެހިރާއްޖޭގައި ޢަދުލުއިންޞާފު ޤާއިމުކުރުމުގެ މަސްއޫލިއްޔަތާ ޙަވާލުވެފައިވާ ފަނޑިޔާރުންގެ ތެރޭގައި، މި ޤާނޫނުއަސާސީއަށް ޢަމަލުކުރަން ފެށުމުގެ ކުރިން އޭރުގައި އޮތް ދުސްތޫރީ ނިޒާމާއި ވެރިކަމުގެ ނިޒާމުގެ ތެރޭގައި ކަންކަން ބެލުމަށް ހަމަޖެހިފައިހުރި އިދާރާތަކުން ފިޔަވަޅުއަޅާފައިވާ ފަނޑިޔާރުންނާއި، ޝަރީޢަތަށް މައްސަލަ ހުށަހެޅިފައިވާ ފަނޑިޔާރުންނާއި، ކުށުގެ ތުހުމަތު ކުރެވިފައިވާ ފަނޑިޔާރުން މިހާރުވެސް ފަނޑިޔާރުކަން ކުރަމުންދާކަމަށް ރެކޯޑުތަކުން ދައްކާކަމީ ކަންބޮޑުވާންޖެހޭ ކަމެއް. އެހެނީ، ފަނޑިޔާރުންނަކީ ރައްޔިތުންގެ މައްޗަށް ނިޔާކަނޑައަޅާ ބަޔަކަށްވީހިނދު، އެ ރައްޔިތުންނަށްވުރެ ރިވެތި އަޚްލާޤާއި މަތިވެރި ސުލޫކީ މިންގަނޑެއް ފަނޑިޔާރުން ހިފަހައްޓަންޖެހޭނެކަމަށް މުޖުތަމަޢު ޤަބޫލުކުރޭ.

ފަނޑިޔާރުންނަކީ މުޖުތަމަޢުގެ ތެރޭގައި ޤަދަރު އުފުލިގެންވާ ހައިބަތު ބޮޑު މަގާމެއްގައި ތިބޭ ބަޔަކަށްވީހިނދު، ފަނޑިޔާރުކަމުގައި ތިބޭ މީހުންގެ ތަޢުލީމާއި ތަޖުރިބާ ބެލުމަށް ކަނޑައަޅާ މިންގަނޑާއި އަޚުލާޤީ މިންގަނޑަކީ ޢަދުލުއިންޞާފު ޤާއިމުކުރުމުގެ ބާރާމެދު ރައްޔިތުންގެ ތެރޭގައި އިތުބާރު ޤާއިމުކުރެވިފައިވާފަދަ، ޤާބިލު، ޢަދުލުވެރި، އިންޞާފުވެރި ކޯޓުތަކެއް ދިވެހިރާއްޖޭގައި ހިންގުމަށް މަގުފަހިވާ، އަދި ކޯޓުތަކުގެ ހައިބަތާއި ޤަދަރު ޙިމާޔަތްކުރެވޭފަދަ މިންގަނޑަކަށްވުމަކީ ކޮންމެހެން ބޭނުންކަމެއް ކަމަށް ފެންނާތީ، އަޅުގަނޑު މިދެންނެވި ކަންކަމަށް ރިޢާޔަތްކޮށް، ޤާނޫނުއަސާސީގެ 149 ވަނަ މާއްދާގައިވާ ގޮތުގެ މަތީން ފަނޑިޔާރުންގެ ޝަރުޠު ފުރިހަމަވާކަން ނުވަތަ ނޫންކަން ބެލުމަށް ޖުޑީޝަލް ސަރވިސް ކޮމިޝަނުން 11 މެއި 2010 ވަނަ ދުވަހު ކަނޑައަޅާފައިވާ މިންގަނޑުތަކާމެދު އަލުން ވިސްނާވަޑައިގެން، އެ މިންގަނޑުތައް އިޞްލާޙުކޮށްދެއްވުމަށް އަޅުގަނޑު ވަރަށްބޮޑަށް އެދޭ ވާހަކަ ޖުޑީޝަލް ސަރވިސް ކޮމިޝަންގައި މިހާރުވާނީ ސިޓީއަކުން ދަންނަވާފައި.

އަޅުގަނޑަށް އެނގޭ، ރޭޑިއޯ އެޑްރެހުގައި މިދިޔަ ހަފްތާގައި ހިނގައިދިޔަ ބައެއް ސިޔާސީ ކަންކަމާ ގުޅޭގޮތުން ރައްޔިތުން ކޮންމެވެސް މަޢުލޫމާތެއް، ނުވަތަ ކޮންމެވެސް މިންވަރަކަށް އަޅުގަނޑު އެކަންކަމާ ގުޅޭގޮތުން ދެކޭގޮތް އެނގެން ބޭނުންވާނެކަން. ޚާއްޞަގޮތެއްގައި ޤައުމީ އިއްތިހާދު ޕާޓީއާއި އެމް.ޑީ.ޕީ.އާ ދެމެދު ވެވިފައިވާ އެގްރީމަންޓް ބާޠިލުކުރުމަށް، އުވާލުމަށް އެމް.ޑީ.ޕީ.ގެ ޤައުމީ މަޖިލީހުން ކަނޑައެޅުމާ ގުޅިގެން، ދެން ސަރުކާރުން ނުވަތަ އަޅުގަނޑު ކަންތައްކުރާނެ ގޮތަކާ ގުޅޭގޮތުން ރައްޔިތުންނަށް ކޮންމެވެސްކަހަލަ ޚިޔާލެއް ނުވަތަ މަޢުލޫމާތެއް ލިބުމަކީ އަޅުގަނޑުގެ ނަޒަރުގައި ބޭނުންތެރި ކަމެއް.

އަޅުގަނޑު ދަންނަވަން އޮތް ވާހަކައަކީ، އަޅުގަނޑު ނައިބު ރައީސާއެކު މަސައްކަތްކުރަމުން އަންނަނީ ވަރަށް ހިތްހަމަޖެހިގެން. އަޅުގަނޑު ނައިބު ރައީސް ކިބައިން އެދޭ ކަންކަން، ނައިބު ރައީސް ވަރަށް ފުރިހަމައަށް ކޮށްދެއްވައޭ. އަދި ނައިބު ރައީސް، މި ދަނޑިވަޅުގައި ދިވެހި ސަރުކާރުގެ ކަންކަމުގެ ތެރޭގައި ހެޔޮލަފާ ދެއްވުމަށް ހުންނަވާކަމީ، އަޅުގަނޑަށް އިތުބާރާއެކުގައި ސަރުކާރު ހިންގަމުން ގެންދެވޭކަމުގެ އެއްސަބަބެއް. ވީމާ، އަޅުގަނޑުމެން ކަމަކާ ނުރުހުންވާ ކޮންމެފަހަރަކު، އެކަމެއް ގެންގޮސް އޭގައިއޮތް އެންމެ ފަލަމިނަށް ނިންމުމަކީ، އަޅުގަނޑުގެ ނަޒަރުގައި ބުއްދިވެރި ކަމެއްނޫން. އަޅުގަނޑު މަސައްކަތް ކުރަމުން ގެންދަނީ، އަދި ކުރިއަށްއޮތްތަނުގައިވެސް ގެންދާނީ، ވިސްނުންތެރިކަމާއި، ޙިކްމަތްތެރިކަމާއި، ކެތްތެރިކަމާއެކީގައި.

ގުއަންޓަނާމޯބޭ ޖަލުގައި ހައްޔަރުކުރެވިފައިތިބި ކުށެއްނެތް ބައެއް އިސްލާމުން، މުސްލިމުންގެ ތެރެއިން ދެމީހަކު ރާއްޖެ ގެނައުމާ ގުޅޭގޮތުން ރައްޔިތުންގެ މަޖިލީހުގެ ޤައުމީ ސަލާމަތާބެހޭ ކޮމިޓީ ކަންބޮޑުވެ، އެބޭފުޅުން އެބައްލަވަން ބޭނުންވެލައްވާ ކަންކަން، އެބޭފުޅުންނަށް ބެއްލެވޭނޭ މަގު، އިރާދަކުރެއްވިއްޔާ ސަރުކާރުން ވީއެންމެ ފުރިހަމައަކަށް ފަހިކޮށްދޭނަން. ސަރުކާރުން މިކަން ކުރަމުން މިގެންދަނީ، އެއްވެސް ހާލެއްގައި ކަމެއް ފޮރުވުމަކަށެއް ނޫން. އަދި ފޮރުވިފައިވާ އެހެން އެޖެންޑާއެއް ހިންގުމަކަށްވެސް ނޫން.

މިވަގުތު މިކަން ކުރުމަކީ، ދިވެހިރާއްޖޭގެ ޚާރިޖީ ސިޔާސަތަށްވެސް، ރާއްޖޭގެ ހައިބަތަށްވެސް، އަދި އެހެން ހާލުގައި ޖެހިފައިތިބި މީހުނާ ގުޅޭގޮތުން ދިވެހިން ދެކޭގޮތް ރަމްޒުކޮށްދޭ ކަމެއްގެ ގޮތުގައިވެސް އަޅުގަނޑަށް ފެންނާތީ. ދައުލަތަށް، ސަރުކާރަށް އިތުރު ޚަރަދެއް މިކަމުގައި އުފުލަން ނުޖެހޭނެކަމުގެ ޔަގީންކަން އޮތީތީ. އަދި ޤައުމީ ސަލާމަތަށް މިކަމުގެ ސަބަބުން އެއްވެސް ނުރައްކަލެއް ނާންނާނެކަމުގެ ފުރިހަމަ ޔަގީންކަންވެސް އަޅުގަނޑަށް އޮތީމާ.

ވާދަވެރި ސިޔާސީ ފަރާތްތަކުން އޮޅުންފިލުވަން ބޭނުންވެލައްވާ މަޢުލޫމާތު، އަޅުގަނޑަށް، ސަރުކާރަށް ވީމިންވަރަކުން އިރާދަކުރެއްވިއްޔާ ސަރުކާރުން އޮޅުންފިލުވައިދޭނަން. އަޅުގަނޑު އެބޭފުޅުންނާއެކުގައި، ރާއްޖޭގެ ތަރައްޤީގެ ކަންކަމުގައި މަސައްކަތްކުރަން ހުރިކަމުގެ ފުރިހަމަ ޔަގީންކަން އަޅުގަނޑު އެބޭފުޅުންނަށް އަރުވަން.

އަޅުގަނޑުގެ ދުޢާއަކީ، މިއަދަށްވުރެ އަދި މާ ފާގަތި މާދަމައެއް ލިބުން. އަޅުގަނޑުގެ ދުޢާއަކީ، އަޅުގަނޑުމެންނަށް ދެދުނިޔޭގެ ބާއްޖަވެރިކަން ލިބުން.

والحمد للّـه. والسّـلام عليـكم

______________________