بســم اللّـه الرّحمـن الرّحيــم

السّـلام عليـكم

މިއަދަކީ 21 މެއި 2010ވީ ހުކުރު ދުވަސް. އަޅުގަނޑު ތިޔަބޭފުޅުންނާ ބައްދަލުވާއިރުގައި މިއަދު މިހުރީ، މެލޭޝިޔާގެ ވެރިރަށް ކުއާލަލަމްޕޫރުގައި. މެލޭޝިޔާއަށް އަޅުގަނޑު މިއައީ، މެލޭޝިޔާގެ ސަރުކާރުން އަޅުގަނޑަށް ދިން ދަޢުވަތެއް ގަބޫލުކޮށް، މިރަށުގައި ބޭއްވެމުންދާ އިސްލާމީ ޤައުމުތަކުގެ ވިޔަފާރިއާގުޅޭ ބައްދަލުވުމެއްގައި ބައިވެރިވުމަށް. މި ބައްދަލުވުމުގެ ތެރޭގައި، އިސްލާމީ ޤައުމުތަކުގެ ވަރަށްގިނަ އެންމެމަތީ ވެރިންނާ އަޅުގަނޑާ ބައްދަލުވި. އަދި ރާއްޖޭގައި ކަންކަން ކުރިއަށްދާގޮތާއި، ރާއްޖޭގެ އިޤްތިޞާދަށް ދިމާވެފައިހުރި މައްސަލަތަކާއި، އެކަންކަމުން އަޅުގަނޑުމެން އަރައިގަތުމަށްޓަކައި، ހުރިހާ ޤައުމެއްގެ އެހީތެރިކަން ހޯދުމަށް، ލިބުމަށް އަޅުގަނޑަށް ވެވެންހުރި މިންވަރަކުން އެބޭފުޅުންނާ ވާހަކަދައްކާ ހެދީމު. އަދި އަޅުގަނޑަށް ނަތީޖާވެސް ފެނުނީ ވަރަށް އުޖާލާކޮށް. އިރާދަކުރެއްވިއްޔާ އަޅުގަނޑުމެންގެ ދަތިތަކުން އަޅުގަނޑުމެން ސަލާމަތްވުމަށް، އިސްލާމީ ޤައުމުތަކުގެ ވެރިންނަށް ވެދެވެންހުރި އެހީތެރިކަމެއް އެބޭފުޅުން ވެދެއްވާނެ.

އަޅުގަނޑު މިދަތުރުގައި ކުރިއްސުރެ ފަށައިގެން އަޅުގަނޑުމެން މިއަންނަނީ، މެލޭޝިޔާގެ ވަރަށްބޮޑު ކުންފުންޏެއް، ސައިމް ޑާބީ، އެ ކުންފުންޏާ ވާހަކަ ދައްކަމުން. ރާއްޖޭގައި ގެދޮރު އެޅުމުގެ މަޝްރޫޢުގައި އެ ކުންފުނި ބައިވެރި ކުރުމަށްޓަކައި. މިފަހަރުވެސް އަޅުގަނޑަށް އެ ކުންފުނީގެ ވެރިޔާއާ އެވާހަކަ ދެކެވުނު. ދެކެވުމުން އަޅުގަނޑުމެންނަށް ފެނުނީ، އެބޭފުޅުން އެކަމަށް ވަރަށްބޮޑު ޝައުޤުވެރިކަމެއް އެބަހުރިކަމަށް. އެހެންވީމާ، އިރާދަކުރެއްވިއްޔާ މެލޭޝިޔާ މީހުންގެ ކުންފުނީގެ ގެދޮރު އެޅުމުގެ މަޝްރޫޢުވެސް ލަސްތަކެއްނުވެ، ރާއްޖޭގައި ހިނގައިގަންނާނެ. އެނގިވަޑައިގަންނަވާނެ، މިހާރު ތައިލެންޑުގެ ކުންފުނީގެ މަޝްރޫޢު މިހާރު އެވަނީ ހިނގަން ފަށާފައި. ދާދިއަވަހަށް އިރާދަކުރެއްވިއްޔާ މެލޭޝިޔާގެ މަޝްރޫޢުވެސް ހިނގައިގަންނާނެ.

އަޅުގަނޑު މިއަދު ދެވަނައަށް ފާހަގަކޮށްލަން ބޭނުންވަނީ، ދަރިވަރުން ވަރަށް ބޮޑަށް އިމްތިހާނުތަކަށް ހޭލައި އަދި އިމްތިހާނުތަކަށް އަމާޒުކޮށްގެން މަސައްކަތްކުރުމަކީ މުހިންމުކަމެއް. ހަމައެހެންމެ، ދަރިވަރުންނާ ހަމަ އެއްހަމައެއްގައި މައިންބަފައިންވެސް އެކަމަށް ޝައުޤުވެރިކަން ބަހައްޓައި، އިމްތިޙާނުތަކަށް ވަގުތު ދެއްވައި، ދަރިންނާ އެކީގައި ފިލާވަޅުތައް ބަލައިލެވި، މިދެންނެވި ގޮތްގޮތަށް ކަންކަން ކުރެވިއްޖެނަމަ، އަޅުގަނޑަށް ހަމަގައިމުވެސް އަބަދުވެސް ފެނިފައި ހުންނަނީ، ދަރިފުޅަށް ލިބޭ ނަތީޖާ ރަނގަޅުކަމަށް. އަޅުގަނޑަށް ދެންނެވޭނީ، އަޅުގަނޑުގެ ދަރިފުޅާ އަޅުގަނޑާ އަޅުގަނޑުގެ ދެކުދިންނާ އެކުގައި އަޅުގަނޑު ކުރާ މަސައްކަތުގެ ވާހަކަ. އަޅުގަނޑަކަށް މާގިނަ ވަގުތެއް އެކުދިންނާ އެއްކަކު ނުދެވޭ. އެހެންނަމަވެސް، ދެވޭ ކުޑަ ވަގުތުކޮޅުގައި އަޅުގަނޑު ބަލަން އަބަދުވެސް މަދަރުސާ ފޮތްތަކާ އަދި ދެވޭ ފިލާވަޅުތައް ހުރީ ކިހިނެއްތޯ. އަޅުގަނޑު އެދޭނަން، އަޅުގަނޑު ދެކޭނަން، ހުރިހާ މައިންބަފައިންވެސް މިހަފްތާގެ ތެރޭގައި ތަންކޮޅެއް ޚާއްޞަ އަހްމިއްޔަތުކަމެއް ދަރިވަރުންގެ ފޮތްތަކަށް ދެއްވާނެކަމަށް.

ދިވެހި ރައްޔިތުންގެ ދީނީ އެއްބައިވަންތަކަން ޙިމާޔަތްކުރުމުގެ ގަވާއިދު ގެޒެޓު ނުކުރެވިދާތީވެ އެކަމާ ކަންބޮޑުވުންތަކެއް މިދިޔަ ހަފްތާތަކުގެ ތެރޭގައި ހިނގައިދިޔަކަން އަޅުގަނޑަށްވެސް ފާހަގަވެފައިއޮތް. އެކަން ފާހަގަނުކުރެވިވަނީ އެކަމާ ގުޅޭގޮތުން، އެ ގަވާއިދާ ގުޅޭގޮތުން ވަޒީރުންގެ މަޖިލީހުގައި މަޝްވަރާ ކުރުމަށް، ބައެއް ވަޒީރުންވެސް އެދިވަޑައިގެންފައިވާތީވެ. މިދިޔަ އަންގާރަ ދުވަހު އޮތް ވަޒީރުންގެ މަޖިލީހުގައި މިދެންނެވި ގަވާއިދާ ގުޅޭގޮތުން ވަނީ މަޝްވަރާތައް ކުރެވިފައި. އެ މަޝްވަރާތަކަށްފަހު މިހާރު ނިންމިފައިވާގޮތަކީ، ބަންޑާރަ ނައިބާއި، އަދި އިސްލާމިކް އެފެއާޒްގެ މިނިސްޓަރާ ދެބޭފުޅުން، މިހާރު އެކުލަވާލެވިފައިއޮތް ގަވާއިދަށް ބައެއް ކުދިކުދި އިޞްލާޙު ގެނެސް، ދާދިއަވަހަށް އެ ގަވާއިދު ގެޒެޓްކުރުން. އެހެންވީމާ، އިރާދަކުރެއްވިއްޔާ އެ ގަވާއިދު ގެޒެޓުވެގެންދާނެ.

ކުރިއަށް މިއޮތް ސާކް ސަމިޓް ބޭއްވުމަށް މިއަންނަ އަހަރު ހަމަޖެހިފައިއޮތީ ދިވެހިރާއްޖޭގައި. ސަރުކާރުން މި ގަސްތުކުރަނީ، އެ ސަމިޓް، ދެކުނު ޕްރޮވިންސްގައި ބޭއްވުމަށް. ސަމިޓުގެ އެއްބައި ފުވައްމުލަކުގައި، އަނެއްބައި އައްޑުއަތޮޅުގައި. އެގޮތަށް އެކަން ކުރުމަށް ވަރަށްގިނަ ތައްޔާރީތަކެއް ވާންއެބަޖެހޭ. އެ ތައްޔާރީތައް ވުމަށްޓަކައި، ސަރުކާރުން މިހާރު މިދަނީ އެކަމަށް ވަކި ޚާއްޞަ ޓީމެއް އެކުލަވާލައި، އެ ޓީމުގެ ބެލުމުގެ ދަށުން އެކަން ކުރިއަށް ގެންދާގޮތަށް ހަމަޖައްސަމުން. އަޅުގަނޑު ވަރަށްބޮޑަށް އެދޭނަން، ހަމައެކަނި ދެކުނު ޕްރޮވިންސްގެ ރައްޔިތުންނެއް ނޫން، މުޅިރާއްޖޭގެ ހުރިހާ ރައްޔިތުންވެސް، ދެކުނު ޕްރޮވިންސްގައި މި ސަމިޓް ބޭއްވުމަށް ވެދެވެންއޮތް އެންމެހާ އެހީތެރިކަމެއް ވެދެއްވައި، އަދި އެކަމުގައި ބައިވެރިވެވެންއޮތް އެންމެ ފުޅާމިނެއްގައި ބައިވެރިވެދެއްވުމަށް. އަޅުގަނޑަށް ޔަގީން، އަޅުގަނޑުމެންނަށް ކާމިޔާބު ސަމިޓެއް ދެކުނުގައި ބޭއްވޭނެކަން. ދެކުނުގައި އެ ސަމިޓް ބޭއްވުނީމާ، އެއީ ސާކުގެ ސަމިޓެއް، ސަދަން ހެމިސްފިއަރގައި، އެއީ އީކުއޭޓަރުން ދެކުނުގައި ބޭއްވޭ ފުރަތަމަ ފަހަރު. ރާއްޖޭގައި ނޫނިއްޔަކާއެއް ސަދަން ހެމިސްފިއަރގައެއް ސާކް ސަމިޓެއް ނުބޭއްވޭނެ. އެހެންވީމާ އަޅުގަނޑުމެންނަށް ލިބޭ ވަރަށްބޮޑު ފަޚުރަކަށްވާނެ، ދެކުނުގައި މި ސަމިޓް ބޭއްވޭގޮތްވުން. އަޅުގަނޑު އުންމީދުކުރާނަން، މިކަމުގައި ރާއްޖޭގެ ހުރިހާ ރައްޔިތުންގެވެސް އެއްބާރުލުން އަޅުގަނޑުމެންނަށް ސަރުކާރަށާއި އަދި މުޅި ޤައުމަށް ލިބިދޭނެކަމަށް.

އަޅުގަނޑުގެ ދުޢާއަކީ، މިއަދަށްވުރެ އަދި މާ ފާގަތި މާދަމައެއް އަޅުގަނޑުމެނަށް ލިބުން. އަޅުގަނޑުގެ ދުޢާއަކީ، އަޅުގަނޑުމެންނަށް ދެދުނިޔޭގެ ބާއްޖަވެރިކަން ލިބުން.

والحمد للّـه. والسّـلام عليـكم


______________________