بســم اللّـه الرّحمـن الرّحيــم

السّـلام عليـكم

މިއަދަކީ 14 މެއި 2010ވީ ހުކުރު ދުވަސް. އެނގިވަޑައިގަންނަވާނެ، ކަރަންޓު ބިލް ބޮޑުވުމާ ގުޅިގެން ވަރަށްގިނަ ރައްޔިތުންނަށް މިކަމުގެ ދަތިތަކެއް އެބަފޯރާ. އެ ދަތިތައް ރައްޔިތުންނަށް ޙައްލުކުރުމުގައި ސަރުކާރަށް ވެދެވެންއޮތް އެހީތެރިކަމެއް ވުމަށްޓަކައި ސަރުކާރުން މިގެންދަނީ މަސައްކަތްތަކެއް ކުރަމުން. މިދެންނެވި އެހީތެރިކަން ފޯރުކޮށްދޭ ސަރުކާރުގެ އިދާރާއަކީ، އެންސްޕާ ނުވަތަ ނޭޝަނަލް ޕްރޮޓެކްޝަން އޭޖެންސީ. އެ އިދާރާއިން، ބިލް ދެއްކުމުގައި ދަތިވާ ފަރާތްތަކަށް ސަބްސިޑީގެ ގޮތުގައި އެހީތެރިވުމަށް މިއޮތީ ކަނޑައެޅިފައި. އަދި އެކަމަށް ބޭނުންވާ ފައިސާވެސްވާނީ ބަޖެޓު ކުރެވިފައި. މި މަސައްކަތް އަޅުގަނޑުމެން އެދޭގޮތަށް ފުރިހަމައަށް ހަމަޖެހިގެން އަދިވެސް މިއޮތީ ނުގޮސް. އެނގިވަޑައިގަންނަވާނެ، މީގެކުރީގެ ދުވަހެއްގައިވެސް އަޅުގަނޑުވާނީ މިވާހަކަ ހަމަ މި ޕްރޮގްރާމުގައި ދައްކާފައި. އަޅުގަނޑު އަނެއްކާވެސް ސަރުކާރުން އެބަ ބަލަން މިހާރު މިހުރި ކަންތައްތަކުގެ މައްޗަށް އަރައި، އަދި ރައްޔިތުންނަށް މީގެން އެހާބޮޑު ތަކްލީފެއް އުފުލަން ނުޖެހޭނެގޮތަކަށް މި ކަރަންޓުގެ ބިލުގެ ކަންތައް ހަމަޖެހިގެން ދިޔުން. މީގެތެރޭގައި އަޅުގަނޑު ހަމަ ފާހަގަކުރަން ޚާއްޞަކޮށް، މިދެންނެވި ސަބްސިޑީ ދިނުން ހަމަޖެހިފައި އޮތީކީއެއް ހަމައެކަނި މާލެއަކަށެއް ނޫން. ރާއްޖޭގެ ހުރިހާ ރަށަކަށްވެސް. އެހެންވީމާ، ކަރަންޓު ބިލް ބޮޑުވާ ވަގުތު އެ ސަބްސިޑީގެ ކަންތައް ހަމަޖެހިފައި އޮތުމަކީ، އަޅުގަނޑު ދެކެން މުހިންމު ކަމެއްކަމަށް. އެކަމަށްޓަކައި އަޅުގަނޑު އިއްޔެގައި ވާނީ ޓާސްކްފޯސްއެއް އެކުލަވާލާފައި. އެ ޓާސްކްފޯސްގެ ދަށުން މިހާރު މިކަންތައް މިދަނީ ބަލަމުން. އިރާދަކުރެއްވިއްޔާ އަޅުގަނޑުމެން ރައްޔިތުންނަށް އެހާބޮޑު ދައްޗެއް މިކަމުގައި ކުރިމަތި ނުވާކަހަލަ ގޮތަކަށް ކަންކަން ހަމަޖެހިގެންދާނެ.

ހަމައެއާއެކުގައި ގަބޫލުކުރައްވަންޖެހޭނެ، ސަރުކާރުގެ އަމާޒަކީ، ސަރުކާރު ހިއްސާވާ ހުރިހާ ކުންފުންޏެއްވެސް، ކޮންމެ ކުންފުންޏަކީވެސް އޭގެޒާތުގައި އަމިއްލައަށް އެ ކުންފުންޏެއް ހިންގޭ ކުންފުންޏަކަށް އެބަވާންޖެހޭ. އެހެންވީމާ، ސަރުކާރުގެ ސިޔާސަތާ އެއްގޮތަށް އެ ކުންފުނިތަކަށް އެ ލިބޭއެއްޗަކުން ފޫބެއްދޭނެ ގޮތަކަށް ހުންނަ އަގުތަކެއްގެ މައްޗަށް ބިނާކޮށް ކުންފުނިތައް މަސައްކަތް ކުރަމުން އެ ގެންދަނީ. މީގެކުރީގައި ސަރުކާރުން ގެންދިޔައީ ސީދާ ކުންފުނިތަކަށް އެހީތެރިވެދެމުން. އެހެންވީމާ، ކުންފުނިތަކެއް އެއްގޮތަކަށްވެސް ޒިންމާދާރު ކުންފުނިތަކަކަށްވެ، ހަރުދަނާ ކުންފުނިތަކަކަށެއް ނުވޭ. އަޅުގަނޑުމެން މިބަދަލުކުރީ، އެހީވާއިރުގައި އެހީވާނީ ސީދާ ރައްޔިތު މީހާއަށޭ، ކުންފުންޏަކަށް ނޫނޭ. އެހެންވީމާ، އަޅުގަނޑުމެންނަށް ދިމާވެގެން އުޅޭ ދައްޗަކީ، އެހީވާންވީ ކާކަށްތޯ މި ބޮޑަށް ސާފުނުވުން. އެހެންވީމާ، މި ސާފުކުރުމުގެ މަސައްކަތް ކުރިއަށްގެންދާތާ އަޅުގަނޑަށްވެސް އެނގޭ ވަރަށް ގިނަދުވަސް ވެއްޖެކަން. އެހެންނަމަވެސް އިރާދަކުރެއްވިއްޔާ، ކުރިއަށް މިއޮތް ހަފްތާތަކުގެ ތެރޭގައި މިކަން މުޅިން ޙައްލުވެގެންދާނެ.

ހަމައެއާއެކީގައި އަޅުގަނޑު ފާހަގަކޮށްލަން ބޭނުން، އަޅުގަނޑުމެން މިހާރު މިދަނީ އެނގިވަޑައިގަންނަވާނެ އެކަނިވެރި މައިންނަށާއި އަދި ޔަތީމުކުދިންނަށް ދެވޭ އެހީ ފޯރުކޮށްދެމުން. އެވެސް ސަރުކާރުގެ މެނިފެސްޓޯ ސިޔާސަތުގެ ތެރޭގައި ހިމެނޭ ސިޔާސަތެއް. އެހެންވީމާ، އިރާދަކުރެއްވިއްޔާ ކުރިއަށްއޮތް ތަނުގައި، ޔަތީމު ކުދިން ބަލަހައްޓާ ފަރާތްތަކަށާއި އަދި ޔަތީމު ކުދިންނަށާއި އަދި އެކަނިވެރި މައިންނަށް މިހާރަށްވުރެ ތަންކޮޅެއް ތަނަވަސް ގޮތެއް ފަހިވެގެންދާނެ. އަޅުގަނޑު އުންމީދުކުރަނީ، އެ ފައިސާވެސް އެފަދަ ޙައްޤުވާ ފަރާތްތަކަށް އަވަހަށް ފަސޭހައިން ބެހިގެން ދާނެކަމަށް.

އަޅުގަނޑު ފާހަގަކޮށްލަން ބޭނުން އިތުރު ނުކުތާއެއް. އެއީ، ގުއަންޓަނާމޯބޭއިން ނުވަތަ އެތަނުގައިހުރި ޖަލުން ގުއަންޓަނާމޯގައި ހުރި ޖަލުން ދެ އިސްލާމަކު ރާއްޖެ ގެންނަ ޚަބަރަށް ނުވަތަ ރާއްޖެ ގެނައުމަށް މަޝްވަރާ ކުރެވެމުންދާ ޚަބަރާ ގުޅިގެން ބައެއް ފަރާތްތަކުން އަޅުގަނޑުގެ ނަޒަރުގައި ބައެއް ގޮތްގޮތަށް، އަދި މާއެދެވޭ ނޫން ގޮތްގޮތަށް އެ ނުކުތާ ފާހަގަކުރަމުން އެބަގެންދޭ. މިކަމަކީ ވަރަށް ޞަރީޙަ، ވަރަށް ސާދާ ކަމެއް. އެއްވެސް ހާލެއްގައި ސަރުކާރުން ސިއްރިޔާތުގައި ކުރާ ކަމެއްނޫން. އެނގިވަޑައިގަންނަވާނެ އަޅުގަނޑު މިދިޔަ އަހަރުގެ އިންސާނީ ޙައްޤުތަކާ ގުޅޭ ދުވަހު ހއ.މާރަންދޫގައި ފުރަތަމަ މިވާހަކަ ދެއްކީމު. އަދި އެއަށްފަހު އަޅުގަނޑު ހަނދާންވަނީ ވިދިގެންއައި ރޭޑިއޯ ޕްރޮގްރާމުގައިވެސް އަޅުގަނޑު މިކަމަށް އިޝާރާތްކޮށް އަޅުގަނޑު ވާހަކަ ދެއްކިން. އަޅުގަނޑުމެން މިކަން ކުރުމަށް މިބުނީ ހެޔޮ ނިޔަތުގައި. އަޅުގަނޑުމެންނަށް ވަރަށް ސާފު، ގުއަންޓަނާމޯބޭގައި ހައްޔަރުވެފައިތިބި ހުރިހާ އިސްލާމުންނަކީ ޓެރަރިސްޓުންނެއް ނޫން. އެނގިވަޑައިގަންނަވާނެ، ރާއްޖޭގެ ރައްޔިތެއްވެސް ގުއަންޓަނާމޯބޭގައި ހައްޔަރުވެފައިހުރި. އޭނާ މިހާރުވަނީ ސަރުކާރުން މަސައްކަތް ކޮށްގެން ރާއްޖެ ގެނެވިފައި. އަދި އޭނާއަކީ ޓެރަރިސްޓެއްގެ ގޮތުގައި އަޅުގަނޑުމެންނެއް ނުދެކެން. އަދި ރާއްޖެއަކުން އޭނާގެ މައްޗަށް އެފަދަ ދަޢުވާއެއްވެސް އުފުލާފައެއް ނެތް. އަދި ފުލުސްއޮފީހުން ބެލި ބެލުމުގައި، އޭނާއަކީ ޓެރަރިސްޓެއް ކަމަކަށްވެސް ފާހަގަކުރެވިފައެއް ނެތް. ހަމަ އަޅުގަނޑުމެން ދެން އެހީތެރިވެދެވޭތޯ މިބަލަނީ، އަދި އިތުރު ދެމީހަކަށް. އެ ދެމީހުން ރާއްޖެ އައުމަކުންނެއް އަޅުގަނޑު ނުދަންނަވާނަން، ދިވެހިރާއްޖޭގެ އެއްވެސް ކަމަކަށް އެއްވެސް ބަދަލެއް، އެއްވެސް އުނިކަމެއް އައިސްގެނެއް ނުދާނެ. އެއާ ޚިލާފަށް ރާއްޖެއަށް ލިބޭނީ ރަނގަޅު. ލިބޭނީ ރީތި ނަން. ލިބޭނީ ޤަދަރާއި ޢިއްޒަތް. އަޅުގަނޑުމެންނަކީ އެހެން މީހުންގެ އުނދަގޫ ކަންކަމުގައި އަޅުގަނޑުމެންނަށް ވީމިންވަރަކުން އަޅާލާ ބައެއްގެ ގޮތުގައި އަޅުގަނޑުމެންނަށް ފާހަގަވެވޭނެ. ޚާއްޞަ ގޮތެއްގައި ޖަލެއްގައި ނުޙައްޤުން ހައްޔަރުވެތިބި ބަޔަކު، ޚާއްޞަކޮށް އިސްލާމް ބަޔަކު އެމީހުންނަށް ލުއިގޮތެއް ހޯދައިދިނުމުގައި ދިވެހިރާއްޖެއިން އެހީތެރިވެވެން އޮއްވާ، އަޅުގަނޑުމެން އެކަން ނުކޮށް ދޫކޮށްލުމަކީ އަޅުގަނޑުގެ ނަޒަރުގައި، އަޅުގަނޑުމެންގެ ޤާނޫނުއަސާސީއަކާވެސް އަދި މާތްވެގެންވާ އިސްލާމްދީނަކާވެސް، އަދި ދިވެހިވަންތަކަމާވެސް އެއްގޮތަކަށްވެސް އެއްގޮތްކަމެއް ނޫން. އަޅުގަނޑުމެން ވީމިންވަރަކުން ހުރިހާ އެންމެންނަށް އެހީތެރިވެދޭންޖެހޭނެ.

މިއަދުވެސް ރާއްޖޭގައި އެއްލައްކަ ފަންސާސްހާހަށްވުރެ ގިނަ ބޭރު ރައްޔިތުން ދިރިއުޅެމުން އެބަދޭ. އަދި އެމީހުންގެ މަސައްކަތާއި އެމީހުންގެ ކަންކަން އަޅުގަނޑުމެންނަށް އޭގެން ފައިދާތައް ލިބެމުންދަނީ. އަދި ދެމީހުން އިތުރަށް އައިސްގެން ރާއްޖެއަށް ލިބޭނެ ގެއްލުމެއް ހަމަ އެއްގޮތަކަށްވެސް ނެތް. އަދި ސަރުކާރުން މިކަން ކުރާއިރުގައި، ރާއްޖޭގެ އެއްވެސް ޤާނޫނަކާ ޚިލާފަކަށް މިކަމެއް ނުކުރާނަން. އަޅުގަނޑުމެން މިކަން ކުރަމުންގެންދާނީ ހުރިހާ ޤާނޫނުތަކަކާ އެއްގޮތްވާ ގޮތުގެމަތިން.

ވަރަށް އިޚްލާޞްތެރިކަމާއެކުގައި އަޅުގަނޑު ޑީ.އާރު.ޕީ.ގެ ބޭފުޅުންގެ ކިބައިން އެދެން، މިއީ އަޅުގަނޑަށް ފެންނަ ފެނުމުގައި ސިޔާސީ ވާދަވެރިކަމުގެ ތެރެއަށް ވެއްޓޭބާވަތުގެ ކަމެއްނޫނޭ. ސިޔާސަތެއްގެ ސަބަބުން ރައްޔިތުންނަށް އޭގެން ގެއްލުމެއްވެ ނުވަތަ ނުރަނގަޅު އަސަރެއް ކުރުވާނެފަދަ ކަމެއްގެ ގޮތުގައެއް ފާހަގައެއްނުވެއޭ. އަޅުގަނޑު ވަރަށްބޮޑަށް އެދެމޭ، މިކަމުގައި އެބޭފުޅުންގެ ޝަކުވާއެއް އޮތްނަމަ، ސަރުކާރަށް އެ ޝަކުވާއެއް ހުށަހަޅައިދެއްވުމަށް. އަދި އެކަމުގައި އަޅުގަނޑުމެންނަށް ބެލެންހުރި މިންވަރަކަށް ބަލައި، އަދި މިކަމުގައި ޑީ.އާރު.ޕީ ބޭފުޅުން ސާފުކުރަން ބޭނުންވާ ކަންކަންވެސް އަޅުގަނޑުމެން ސާފުކޮށްދޭނަން. އަޅުގަނޑު އެހެންނަމަވެސް ހަމަ ޝުކުރު ދަންނަވަން، ޑީ.އާރު.ޕީ.ގެ ޒަޢީމަށްވެސް އަދި ނައިބު ޒަޢީމަށްވެސް. އަޅުގަނޑުގެ ނަޒަރުގައި ހަމަ ސަރުކާރަކުން ކަންކަން ކުރަމުން ގެންދާއިރުގައި ވާދަވެރި ސިޔާސީ ޕާޓީއެއްގެ އެއް މަސްއޫލިއްޔަތު އެއީ، ސަރުކާރު ޖަވާބުދާރީ ކުރުވުން. އަދި ކަންކަން ސަރުކާރުން ހިންގަމުންދާގޮތް އަބަދުވެސް ބަލައި، ފާހަގަކުރަމުން ގެންދިޔުން. އެހެންވީމާ، އެ ނަޒަރުން އަޅުގަނޑު ދެކޭއިރުގައި، ޑީ.އާރު.ޕީ. ހަމަ ހިންގަވަން ރަނގަޅު މަސައްކަތެއް. އެހެންނަމަވެސް، އަޅުގަނޑު މީގައި ދަންނަވަންއޮތް ވާހަކައަކީ، މި މަސައްކަތުގައި އަޅުގަނޑުމެން ޑީ.އާރު.ޕީ. އަކާ ވާދަކުރާކަށެއް ނެތީމޭ. އަޅުގަނޑު ބޭނުންވަނީ، އެ ޕާޓީއާވެސް އަޅުގަނޑުމެންނާ މަޝްވަރާ ކުރެވިގެން އަޅުގަނޑުމެންނަށް މިކަން ރިވެތިގޮތުގައި ރީތިގޮތުގައި ކުރިއަށް ގެންގޮސް ނިންމާލެވޭނެ މަގެއް ހޯދުން. އެހެންވީމާ، އިރާދަކުރެއްވިއްޔާ އަޅުގަނޑަށް ޔަގީން، އަޅުގަނޑަށް މި ފުރުސަތު ޑީ.އާރު.ޕީ.ގެ ފަރާތުން އަރުވާނެކަން. އަޅުގަނޑު ރޭޑިއޯގެ ޒަރީޢާއިން މިވާހަކަ ދެއްކުމުގެ އިތުރުން، އަދި ޑީ.އާރު.ޕީ.ގެ ބޭފުޅުންނަކާއެއް، ރައީސަކާވެސް، ޒަޢީމަކާވެސް، އަދި ނައިބު ޒަޢީމަކާވެސް މި މައުޟޫޢަކު ވާހަކައެއް ނުދައްކަން. އެހެންވީމާ، އެބޭފުޅުން މިކަމުގައި އަޅުގަނޑުމެންނާއެކުގައި އިޖާބަދެއްވައި، އެކުގައި ކުރިއަށް ގެންދަވާނެކަމާ ގުޅޭގޮތުން އަޅުގަނޑެއް ޙަޤީޤަތުގައި އެހާބޮޑަކަށް ޝައްކެއް ނުކުރަން.

އަޅުގަނޑު މިއަދު ހަމަ އިތުރަށް އެންމެބޭފުޅުންނަށް ދަންނަވާލަން ބޭނުން ނުކުތާއެއް އެބައޮތް. އެއީ، މިހާރު ރައީސް އޮފީހުގެ ވެބްސައިޓްގައިވާނެ، އައިލްސް ޕްރޮގްރާމް ކިޔާ ޕްރޮގްރާމެއް. މިދެންނެވި ޕްރޮގްރާމުން ސާފުވާނެ، ރާއްޖޭގައި މިހާރު ހިނގަމުންދާ ހުރިހާ މަޝްރޫޢެއްގެ މަޢުލޫމާތު. ފަޅެއް ކޮނުނަސް، ބަނދަރެއް ހެދިޔަސް، މަދަރުސާއެއް ހެދިޔަސް، ހޮސްޕިޓަލެއް އެޅިޔަސް، މިހެންގޮސް މިބާވަތުގެ ޢުމްރާނީ ކަންތައްތަކުގެ އިތުރުން، ހަމަ ހުނަރު އިތުރުކުރުމަށް، ފެންވަރު ރަނގަޅުކުރުމަށް ގެންގުޅެވޭ ހުރިހާ ޕްރޮގްރާމަކާ އަދި ހުރިހާ ޕްރޮޖެކްޓަކާ ގުޅޭ އެންމެހާ މަޢުލޫމާތު، މިދެންނެވި ޕްރޮގްރާމުގެ ތެރޭގައި ހިމެނިފައިވާނެ. ބައެއް ބޭފުޅުން ވަރަށްގިނައިން އަޅުގަނޑު ގާތުން ސާފުކުރަން ބޭނުންވާ ވާހަކައެއް، ކޮންދުވަހަކުތޯ މިވެނި އެވެނިކަމެއް ވާނީ. އެހެންވީމާ، އަޅުގަނޑުމެން އެވެނި މިވެނި ކަންތައްތައްވާ ހުރިހާ ގޮތާ، އެކަންކަމާ ގުޅޭ އެންމެހާ މަޢުލޫމާތު، މިދެންނެވި ވެބްސައިޓްގައި ހުންނާނެ. ކޮންމެ ރަށެއްގެ ހުރިހާ ކަމެއްވެސް އޭގެން ފެންނަން އޮންނާނެ. އެހެންވީމާ، އަޅުގަނޑު ވަރަށްބޮޑަށް އުންމީދުކުރަން، ހުރިހާ ބޭފުޅުންވެސް، ޚާއްޞަކޮށް ނޫސްވެރިންވެސް، އަދި އާންމުކޮށް މަޢުލޫމާތު ބޭނުންވެލައްވާ ހުރިހާ ބޭފުޅުންވެސް މިދެންނެވި ވެބްސައިޓް ބައްލަވާލެއްވުން. އެ ވެބްސައިޓަކީ، http://isles.egov.mv އެ ނަން ޖެއްސެވީމާ އެ ވެބްސައިޓަށް ދެވޭނެ. ދެވުނީމާ އެ ވެބްސައިޓްގެ ތެރެއިން ކޮންމެ ރަށަކާ، އަދި ކޮންމެ ކަމަކާ ގުޅޭގޮތުންވެސް މިވަގުތަށް ކަން ގޮސްފައިއޮތް ހިސާބުގެ ޞައްޙަ ސާފު މަޢުލޫމާތު ފެންނާނެ.

އަޅުގަނޑު މިއަދު އެ ޕްރޮގްރާމް ބަލައިލިއިރު، އާންމުގޮތެއްގައި އެ ޕްރޮގްރާމް ބަލަމުން އެބައާދޭ، ދުވާލެއްގެ މައްޗަށް ދުއިސައްތަ ފަންސާހެއްހާ މީހުން. އަޅުގަނޑުމެންނަށް މިސާލަކަށް މިވަގުތު އެބަހިންގޭ، ގާތްގަނޑަކަށް ތިރީސް އެތައް ރަށެއްގެ ބަނދަރާއި، ތިރީސް އެތައް ރަށެއްގެ ނަރުދަމާގެ މަސައްކަތާ އަދި ހަމަ އަޅުގަނޑުމެން ހިންގާ ގެދޮރު އެޅުމުގެ ޕްރޮގްރާމުގެ މަސައްކަތްތައްވެސް. އެހެންވީމާ، މިހުރިހާ މަސައްކަތެއްވެސް ގޮސްފައިވާ ހިސާބު ސީދާ ބައްލަވާލެއްވުމަށްޓަކައި އަޅުގަނޑު މިއެދެނީ، އެ ޕްރޮގްރާމަށް ޒިޔާރަތްކޮށްލެއްވުމަށް.

ނިންމާލުމުގެ ކުރީގައި އަޅުގަނޑު ފާހަގަކުރަން ބޭނުން، މިއަންނަ ހަފްތާގެ ތެރޭގައި ވަރަށްބޮޑު މަޝްރޫޢެއް ފެށިގެންދާނެ. އެއީ ރާއްޖޭގައި ބިމަށް ދަތިވެފައިވާ، ޖާގަ ނެތިފައިވާ، އެއީ އަޅުގަނޑުމެންގެ ގެދޮރު، ބޯހިޔާވަހިކަމުގެ ޕްރޮގްރާމުގެ ތެރެއިން ހިންގާ މަޝްރޫޢެއް. ބިން ދަތި ރަށްތަކުގެ ތެރެއިން ހިންނަވަރާއި، ތުޅާދުއާއި، ވެލިދުއާއި ދިއްދޫގެ ބިން ހިއްކުމުގެ ޢަމަލީ މަސައްކަތް މި ހޮނިހިރު ދުވަހު ފަށައިގަނެވޭނެކަމަށް. ފުރަތަމަ މަސައްކަތް ހިނގަން އަޅުގަނޑަށް އެނގިފައިއޮތްގޮތުގައި އޮތީ، ތުޅާދޫގައި. އެހެންނަމަވެސް، މި މަސައްކަތަކީ، މަސައްކަތް ފެށުނީމާ ވަރަށް ބާރަށް ހިނގައިގެންދާނެ މަސައްކަތެއް. އަޅުގަނޑުމެން މި މަސައްކަތް ފެށުމަށް ވަރަށް ގިނަދުވަސް ނަގައިފި. އަދި ވަރަށްގިނަ ފާޑުވެސް އެކަމަށް ރައްދުވެއްޖެ. ދެން އެހެންނަމަވެސް އަޅުގަނޑު ހަމަ ދެކިހުރީ، ކަމެއް ފަށަން އަޅުގަނޑުމެން ޖެހޭނީ، އެކަމާގުޅޭ ހުރިހާ ކަމެއް ހޯދާ ބަލާފައޭ. ފަށާފާ ލަސްތަކެއްނުވެ ނިންމާލެވިއްޖިއްޔާމު، މިސާލަކަށް މި ހަތަރު ރަށުގެ ޖުމްލަ ހިއްކުމުގެ އަދަދު އެބައަރާ އިނގޭތޯ، ހުޅުމާލެއާ ދާދިގާތްކުރާ އަދަދަކަށް. އެހެންނަމަވެސް މި ހަތަރު ރަށް އަޅުގަނޑުމެން ހިއްކައި ނިންމަން މި ގަސްތުކުރަނީ އެއްމަސްދުވަހުގެ ތެރޭގައި. ގިނަވެގެން ދެމަސް ދުވަހުގެ ތެރޭގައި. އެހެންވީމާ އެކަމަށްދިޔަ ވަގުތު، މިހޭދަވެގެން މިދިޔައީ މިކަމަށް ތައްޔާރުވުމުގައި ހުރިހާ ފީޒިބިލިޓީއެއް ހެދުމުގައި، ހުރިހާ ޕްލޭނެއް ކުރުމުގައި. ޕްލޭންކުރުމުގައި ގިނަދުވަސްކުރީމާ، މަސައްކަތް ކުރާއިރުގައި ހިނގާ ޚަރަދު ކުޑަވޭ. މަސައްކަތް ހުއްޓިފައި އޮންނާކަށް ނުޖެހޭ. އަދި އެ މަސައްކަތްތައް ރަނގަޅަށް ރޭވިގެންދާއިރުގައި ބާރަށް ކުރެވުނީމާ، މުޅި ޖުމްލަކޮށް އޭގެން ލިބޭ ފައިދާ އެންމެންނަށްވެސް މާބޮޑުވެގެންދޭ. އަޅުގަނޑު މިދެކެނީ، އަޅުގަނޑު ވަރަށް ދެކޭހިތްވާ މަންޒަރެއް. އަދި އަޅުގަނޑު ވަރަށް އުފަލާއެކީގައި ދަންނަވާ ވާހަކައެއް، ހިންނަވަރާއި، ތުޅާދުއާއި ވެލިދުއާއި ދިއްދޫ ހިއްކާ ވާހަކަ.

އަޅުގަނޑުގެ ދުޢާއަކީ، އަޅުގަނޑުމެންނަށް މިއަދަށްވުރެ އަދި މާ ފާގަތި މާދަމައެއް ލިބުން. އަޅުގަނޑުގެ ދުޢާއަކީ، އަޅުގަނޑުމެންނަށް ދެދުނިޔޭގެ ބާއްޖަވެރިކަން ލިބުން.

والحمد للّـه. والسّـلام عليـكم

______________________