بســم اللّـه الرّحمـن الرّحيــم

السّـلام عليـكم

މިއަދަކީ 23 އޭޕްރިލް 2010ވީ ހުކުރު ދުވަސް. އެނގިވަޑައިގަންނަވާނެ، މިއަދު އަޅުގަނޑު ތިޔަބޭފުޅުންނާ ބައްދަލުވާއިރު، އަޅުގަނޑު މިހުރީ ކޮރެޔާގައި. އެއީ، އ.ދ.ގެ ދަޢުވަތަކަށާއި، އަދި ކޮރެޔާގެ ރައީސްގެ ދަޢުވަތަކަށް އަޅުގަނޑު އައިސް މިހުރީ. އަޅުގަނޑަށް ވަނީ ކޮރެޔާ ސަރުކާރާ ބައްދަލުވުމުގެ ފުރްޞަތު މިދަތުރުގައި ލިބިފައި. އަދި ކޮރެޔާ ރައީސާ އެކުގައި، އެބޭފުޅުންނާ ގުޅިގެން ދިވެހިރާއްޖޭގެ އެކިއެކި ތަރައްޤީގެ މަޝްރޫޢުތަކުގައި އެހީތެރިވެދެވޭނެ ގޮތްތައް އަޅުގަނޑުމެން މަޝްވަރާ ކުރަމުން މިގެންދަނީ. އިރާދަކުރެއްވިއްޔާ، މީގެ ހެޔޮ ނަތީޖާ އަޅުގަނޑުމެންގެ ރާއްޖެއަށް ލިބިގެންދާނެ.

އަޅުގަނޑުމެން މިހާރު މިގެންދަނީ ސިފައިންގެ 118 ވަނަ އަހަރީ ދުވަހުގެ ރަސްމިއްޔާތުތައް ފާހަގަކުރަމުން. މިފަހަރު ސިފައިންގެ އަހަރީ ދުވަސް މި ފާހަގަ މިކުރެވެނީ، ވަރަށް ކުލަގަދަ ގޮތަކަށް. އަޅުގަނޑުމެންނަށް ސިފައިންގެ ފަރާތުން ދިވެހިރާއްޖޭގެ ޚާއްޞަކޮށް، ޑިމޮކްރަސީއަށް ލިބިދީފައިވާ އެހީތެރިކަން ހަނދާން ނައްތާލައިގެން ނުވާނެ. ރާއްޖޭގައި ވެރިކަމުގެ ނިޒާމު ބަދަލުވެގެންދިޔައިރުގައި، އެގޮތަށް އެކަން ހިނގުމުން، އެންމެ ފަހި ފުރްޞަތެއް ފަހިކޮށްދިން އެއްބަޔަކީ، އެއް މުއައްސަސާއަކީ އަޅުގަނޑުގެ ނަޒަރުގައި ރާއްޖޭގެ ސިފައިން. ސިފައިން އެކަން އެގޮތަށް ކޮށްދެއްވުމަށް އެބޭފުޅުންގެ، އެމުއައްސަސާގެ އެންމެ ބޭފުޅުންގެ ހިތުގެ އަޑިން ގަބޫލުވެ ތިބީތީވެ، އަޅުގަނޑުމެންނަށް މިކަން މިހާ ރީތިކޮށް، މިހާ ފަހިގޮތަކަށް ހިނގައި މި ކުރިއަށް މިގެންދެވުނީ. އެހެންވީމާ، މިފަހަރު އަޅުގަނޑު ސިފައިންގެ އަހަރީ ދުވަސް މި ފާހަގަކުރަނީ، މީގެ އެއްގޮތަކުން ދަންނަވަންޏާ، ހަދިޔާއެއްގެ ގޮތުގައި އަޅުގަނޑުމެންގެ ރާއްޖޭގެ ހުރިހާ ރައްޔިތުން ސިފައިންނަށް ޝުކުރު ދެންނެވުމުގެ ގޮތުން.

އަޅުގަނޑުމެންނަށް މިއަދު ކުރިމަތިވެފައިވާ ގިނަގުނަ ކަންތައްތަކުގެ ތެރޭގައި ހަމަގައިމުވެސް އެއްކަމެއް އެއީ، އަޅުގަނޑުމެންގެ ރާއްޖޭގެ ރަށްތައް ހިންގުމުގައި ގެންގުޅޭނީ ކޮން އުޞޫލެއްތޯ، އިދާރީ ދާއިރާތައް ގޮތުގައި، މި ލާމަރްކަޒީ އުޞޫލުން ހިންގަން ގެންގުޅޭނީ ކޮންގޮތެއްގައިތޯ ދެނެގަތުމަކީ، އަޅުގަނޑުމެންނަށް މިވަގުތު ވަރަށް މުހިންމު ކަމަށްވެފައި އޮތް ކަމެއް. އެނގިވަޑައިގަންނަވާނެ، ބޮޑު ދެ ސިޔާސީ ޕާޓީގެ ޚިޔާލު މިވަނީ މިކަމުގައި ވަރަށް ބޮޑަށް ތަފާތުވެފައި. އެމް.ޑީ.ޕީ އިން އެދެނީ، ރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރްކަޒީ އުޞޫލުން ހިންގާއިރުގައި، އެ އިދާރީ ދާއިރާތައް 7 ޕްރޮވިންސަކަށް ނުވަތަ 7 ސަރަޙައްދަކަށް ބަހާލައިގެން، އެ 7 ސަރަޙައްދުގައި މަރްކަޒު ކުރެވިގެން ހިންގާ ލާމަރްކަޒީ އުޞޫލެއްގައި ހިންގުން. ޑީ.އާރު.ޕީ އިން އެދެނީ ރާއްޖޭގެ 20 އަތޮޅު، އެއީ އަދި މާލެއާއެކު 21 އިދާރީ ދާއިރާ ވަކިވަކިން، އެއީ އިދާރީ ދާއިރާއެއް ގޮތުގައި މަރްކަޒުކޮށްގެން، އެކަން ކުރިއަށް ގެންދާ އުޞޫލަކުން އެކަން ކުރުމަށް.

ރައްޔިތުންގެ މަޖިލީހަށް އެމް.ޑީ.ޕީ.ގެ ފަރާތުން ސަރުކާރުން ހުށަހެޅި ބިލް، އެއޮތް ގޮތަށް މިހާރު ފެންނަން އޮންނާނެ. އަދި ހަމަ އެޔާއެކީގައި ކޮމިޓީއިން އެބިލް އިޞްލާޙުކޮށް، މިހާރު މަޖިލީހަށް ހުށަހަޅަން ތައްޔާރުކޮށްފައި އޮތްގޮތްވެސް ފެންނާނެ. ކޮމިޓީއިން ހުށަހަޅަން ތައްޔާރުވެފައި އެއޮތީ، އަޅުގަނޑަށް ފެންނަ ފެނުމުގައި، ޑީ.އާރު.ޕީ މިކަމުގައި އެދޭގޮތަށް ގެނެވިފައި ހުރި އިޞްލާޙު. އެ އިޞްލާޙުތައް ބައްލަވައިލެއްވީމާ، ވަރަށް ސާފުކޮށް އެނގިވަޑައިގަންނަވާނެ، އަޅުގަނޑަށް މިހާރު ލަފާ މިކުރެވެނީ، އިޞްލާޙުވެފައި އޮތް ބިލް، އެ އިޝާރާތް އެކުރަނީ، 20 ކުޑަ ސަރުކާރު ރާއްޖޭގައި ޤާއިމު ކުރުމަށް. އެ އަތޮޅުތަކަށްދޭ އިޚްތިޔާރާއި ބާރުތަކުގެ ތެރޭގައި، ވަރަށްބޮޑު ދަރަޖައަކަށް ލާމަރްކަޒުވެގެން އެބަދޭ.

އަޅުގަނޑު މީގައި ހަމަ ދަންނަވަން އޮތް ވާހަކައަކީ، މިއިން ކޮންމެ ގޮތަކަށް ރައްޔިތުންގެ މަޖިލީހުން ނިންމެވިނަމަވެސް، އެއީކީއެއް އަޅުގަނޑަށް އެކަމަކުން އުނދަގުލެއް އަޅުގަނޑަށް ނުވަތަ އެކަން ގަބޫލުކުރުމާއި ނުކުރުމުގައި އިންކާރު ކުރުމުގައި ހަރުކަށިވެގަންނާނެ އެއްވެސް ޙާލަތެއް ނޫނޭ. ރައްޔިތުންގެ މަޖިލީހުން ނިންމަވާ ގޮތަކަށް މިކަން ކުރުމަށް އަޅުގަނޑު މިހުރީ ވަރަށް ބޮޑަށް ތައްޔާރަށް. މަޖިލީހުގެ މެންބަރުން މިކަމަށް ވިސްނަވާފައި، މި ރާއްޖޭގެ ތަރައްޤީއަށް މިކަމުގައި ފަހިވާނެ ގޮތެއް ހޯއްދަވާފައި، އެގޮތަކަށް ކުރިއަށް ގެންދިޔައީމާ، އަޅުގަނޑުމެންނަށް އެކަން ރަނގަޅުވާނެ. އަޅުގަނޑުމެން އަދި ސަރުކާރުން މި 7 ސަރަޙައްދަކަށް ބަހާލައިގެން މަރްކަޒު ކުރުމުގެ ވިސްނުމެއް މިގެންގުޅެނީ، އިޤްތިޞާދީ ބޭނުމަކަށްޓަކައި. އޭގައި އެއްވެސް ސިޔާސީ ބޭނުމެއް ނެތް. އޭގައި އެއްވެސް ސިޔާސީ މަޤްޞަދެއް ނެތް. 20 އަތޮޅަށް ބަހާލައިގެން ގެންދިޔައީމާވެސް ހަމަ އޭގައި އޮންނާނެ، ހުރިހާ ސިޔާސީ ފުރްޞަތެއް އެއްވަރުވާނެ، 7 ސަރަޙައްދަކަށް ބެހިނަމަވެސް. އަދި އެހެން ގޮތަކަށް ބެހިނަމަވެސް. އެހެންވީމާ، އެއްވެސް ޙާލެއްގައި އަޅުގަނޑުގެ ނަޒަރުގައި، މިއީކީއެއް ސިޔާސީ ވާދަވެރިކަމެއް އޮތް ކަމެއް ނޫން. އަޅުގަނޑު މިކަން ކުރަމުން މިގެންދަނީ، ދިވެހިރާއްޖޭގެ ތަރައްޤީއަށް މަގުފަހިވާނެ ގޮތްތަކެއް ހޯދުމަށްޓަކައި. ސިޔާސީ މަޤްޞަދެއް މިއިން ހޯދުމަކަށެއް ނޫން.

އެހެންވީމާ، އަޅުގަނޑުގެ އުންމީދަކީ، އަޅުގަނޑުގެ ހުރިހާވެސް އެދުމަކީ މަޖިލީހުގެ މެންބަރުން މިކަމާ ވިސްނަވާފައި، ކުރިއަށް ގެންދަވާއިރުގައި، މިކަމުގައި ސިޔާސީ ވާދަވެރިކަން ނެރުއްވުމަށްވުރެ ބޮޑަށް ރާއްޖޭގެ ތަރައްޤީއަށް މަގުފަހިވާނެ ގޮތަކަށް ކަންކަން ކުރިއަށް ގެންދެވުން.

އަޅުގަނޑުގެ ދުޢާއަކީ، އަޅުގަނޑުމެންނަށް މިއަދަށްވުރެ އަދި މާ ފާގަތި މާދަމައެއް ލިބުން. އަޅުގަނޑުގެ ދުޢާއަކީ، އަޅުގަނޑުމެންނަށް ދެދުނިޔޭގެ ބާއްޖަވެރިކަން ލިބުން.

والحمد للّـه. والسّـلام عليـكم