بســم اللّـه الرّحمـن الرّحيــم

السّـلام عليـكم

މިއަދަކީ 9 އޭޕްރިލް 2010ވީ ހުކުރު ދުވަސް. ރާއްޖޭގެ ޒުވާނުންނަށް ވަޒީފާގެ ފުރުޞަތުތައް ހޯދައިދީ، ޒުވާނުން އާމްދަނީ ހޯދުމަށް އަމިއްލައަށް އެކިއެކި މަސައްކަތްތައް ދަސްކޮށް، ޒުވާނުންނަށް އެކި ރޮނގުތަކުގައި ކުރިއަށްދެވޭނެ ގޮތެއް ހެދުމަކީ، މި ސަރުކާރުގެ ވަރަށް ބޮޑު އަމާޒެއް. މިހާރު ހިނގަމުންމިދާ ޔޫތު ޗެލެންޖަކީވެސް ޒުވާނުންނަށް ހުޅުވިފައިވާ ވަރަށްބޮޑު ފުރްޞަތެއް.

ޒުވާނުންގެ ވާހަކަ އަޅުގަނޑު މިހެން ދައްކާއިރު، މަތީ ތަޢްލީމު ޙާޞިލުކުރާ ޒުވާނުންނާއި މީހުންގެ ޢަދަދު ނިސްބަތުން އިތުރުކުރުމުގެ މުހިންމުކަމާ ބެހޭގޮތުންވެސް އަޅުގަނޑު މިއަދު އެއްޗެއް ދަންނަވާލަން ބޭނުން. ރާއްޖޭގައި މަތީ ތަޢްލީމު ޙާޞިލު ކުރަމުންދާ މީހުންގެ ޢަދަދު އިތުރުކުރުމަކީ ޤައުމުގެ ތަރައްޤީއަށް ވަރަށް މުހިންމު ބޭނުންތެރި ކަމެއް.

ތަރައްޤީވެފައިވާ ޤައުމުތަކުގައި، އެޤައުމުތަކުގެ ރައްޔިތުން މަތީ ތަޢްލީމުގައި ބައިވެރިވާ މިންވަރު މަތި. އަދި ހުރިހާ ޤައުމެއްގައިހެން ޓަރޝަރީ ތަޢްލީމުގައި ބައިވެރިވާ މީހުންގެ ޢަދަދު ދަނީ މަތިވަމުން. ޓަރޝަރީ ފެންވަރުގައި ތަޢްލީމު ޙާޞިލުކުރާ މީހުންގެ ނިސްބަތް ބަލަނީ ގްރޮސް އެންރޯލްމަންޓް ރޭޝިއޯ (GER) އިން. ވާހަކައަކީ ޖުމްލަކޮށް، މަތީ ތަޢްލީމުގައި ބައިވެރިވާ މީހުންގެ ނިސްބަތުން، މި ރޭޝިއޯއަށް ނުވަތަ ނިސްބަތަކީ ޢާންމުކޮށް މަތީ ތަޢްލީމު ހޯދާ ޢުމުރުފުރައިގެ އާބާދީގެ ނިސްބަތުން ޓަރޝަރީ ފެންވަރުގެ ތަޢްލީމު ޙާޞިލު ކުރަމުންދާ އާބާދީގެ ނިސްބަތް.

މަތީ ތަޢްލީމު ޙާޞިލުކުރާ މިންވަރު އެންމެ ބޮޑަށް ގުޅެނީ މަތީ ސާނަވީ ނިންމާ ނިސްބަތާ. ހުޅަނގުގެ ޤައުމުތަކުގައި، މި ނިސްބަތް މިހާރު އުޅެނީ %98 ގައި. އެފްރިކާގެ އެވްރެޖަކީ %25. ރާއްޖޭގެ ނިސްބަތް މިއަށްވުރެވެސް ދަށް. އެހެން އެވަނީ އޯލެވެލްގެ ނަތީޖާ ދަށްކަމުން، ގިނަ ދަރިވަރުންނަށް މަތީ ސާނަވީއަށް ފުރްޞަތު ނެތީމަ. އެހެންކަމުން، ރާއްޖޭގެ ގްރޮސް އެންރޯލްމަންޓް ރޭޝިއޯ މަތިކުރުމަށްޓަކައި، އެންމެ ފުރަތަމަ މަސައްކަތްތައް އަމާޒުކުރަންވީ ސްކޫލް ސިސްޓަމަށް. އަދި އޭ.ލެވެލްގައި ބައިވެރިވާ ކުދިންގެ ޢަދަދު އިތުރުކުރުމަށް.

ރާއްޖޭގައި ކިޔަވާ ކޮންމެ 4 ކުދިންގެ ތެރެއިން 3 ކުދިން ހަދަނީ ކޮމާސް. ނަތީޖާއަކީ ވަރަށްގިނަ ވަޒީފާތަކަށާއި މަތީ ތަޢްލީމަށް އޮންނަ ފުރްޞަތުން މިކުދިން މަޙްރޫމްވުން. މަސައްކަތްތެރި ކަމަށް އެކުދިން ބީރައްޓެހިވުން.

އެހެންވީމާ، ކުރިއަށް އޮތް 5 އަހަރު ދުވަހުގެ ތެރޭގައި، ރާއްޖޭގެ ގްރޮސް އެންރޯލްމަންޓް ރޭޝިއޯ، 40 އިންސައްތައަށް ޖެއްސުމަށްޓަކައި ޚާއްޞަ ފިޔަވަޅުތަކެއް އެބަ އަޅަންޖެހޭ. ދުނިޔޭގެ އައު އިޤްތިޞާދުގައި ކާމިޔާބު ހޯދުމަށްޓަކައި، ތަރައްޤީވަމުން އަންނަ ޤައުމުތައް %40 އާއި %50 އާ ދެމެދުގެ ގްރޮސް އެންރޯލްމަންޓް ރޭޝިއޯއެއް ހޯދުމަށް އެއީ މަސައްކަތް ކުރަންޖެހޭނެ ކަމެއް ކަމަށް ބައިނަލްއަޤްވާމީ އެތައް އެތައް ޖަމާޢަތަކުން ޖަމްޢިއްޔާއަކުން ދަނީ ފާހަގަކުރަމުން.

އެހެންކަމުން، މިކަމާ ގުޅިގެން ސަރުކާރުން އަޅަން ޤަޞްދުކުރާ ބައެއް ފިޔަވަޅުތައް އެބަހުރި. އޭގެތެރޭގައި، އެއްކަމަކީ ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ބިލް، ރައްޔިތުންގެ މަޖިލީހުގެ ތަޅުމަށް އަވަހަށް ގެނެސް، އެބިލް އަވަހަށް ނިންމުން. އަޅުގަނޑަށް މަޢްލޫމާތު ލިބިފައިވާ ގޮތުގައި، އެ ބިލް މިހާރު މިވަނީ ކޮމިޓީގައި. އެކޮމިޓީގެ މަސައްކަތް މިހާރު މިވަނީ ނިމުމަކާ ގާތްވެފައި. އެހެންވީމާ، އަޅުގަނޑު މި އުންމީދު ކުރަނީ، އަޅުގަނޑު މިދެކެނީ، ދާދި އަވަހަށް އެބިލް މަޖިލީހުގެ ތަޅުމަށް އަތުވެދާނެ ކަމަށް. ހަމައެއާއެކު، ސަރުކާރު ހިންގުމަށް ބޭނުންވާ އަނެއް މަސައްކަތަކީ، މަތީ ތަޢްލީމަށްޓަކައި ހިންގަން ބޭނުންވާ އަނެއް މަސައްކަތަކީ، ސަރުކާރުގެ ތެރޭގައި ހުރި މަސައްކަތްތަކުގެ ތެރެއިން ދިރާސާ ކުރުމާ ގުޅުންހުރި މަސައްކަތްތައް ބަލައި، އެމަސައްކަތްތައް ސަރުކާރުން ވަކިކޮށް، ޔުނިވަރސިޓީއާ އެމަސައްކަތް ޙަވާލުކުރުން. މިގޮތަށް ހަމަޖެއްސުމުން ލިބޭނެ މައިގަނޑު ފައިދާތަކުގެ ތެރޭގައި، އަޅުގަނޑަށް ފާހަގަވާ އެއްކަމަކީ ފަންނީ މާހިރުންނަށް ދަރިވަރުވުމުގެ ފުރްޞަތު ޔުނިވަރސިޓީ ކުދިންނަށް ލިބުން. ހަމައެހެންމެ، ދަރިވަރުން މެދުވެރިކޮށް ބައެއް ދިރާސާތައް ކުރުމުގެ ފުރްޞަތު ފަންނީ އެދުރުންނަށް ލިބުން. އަދި ހަމައެއާއެކު ވަސީލަތްތައް ޙިއްޞާ ކުރުމާއި، އަދި އެފިޝަންސީވެސް މަތިކުރެވޭނެ.

ދުނިޔޭގެ ކުރިއަރާފައިވާ ޤައުމުތަކުގައި ރައްޔިތުންގެ އާބާދީން ޑޮކްޓަރުންގެ ނިސްބަތަކީ، ކޮންމެ 1000 މީހަކަށް ޑޮކްޓަރެއް ހުރުން. އެހެންވީމާ، ރާއްޖެއަށް 340 ޑޮކްޓަރުން ބޭނުންވޭ. ޞިއްޙީ ޚިދްމަތް ރަނގަޅަށް ދިނުމަށްޓަކައި ރާއްޖޭގައި މެޑިސިން ކިޔަވައިދޭން ފެށުމަކީ ވަރަށް މުހިންމު ކަމެއް. ރާއްޖޭގެ އާބާދީ އިތުރުވަމުންދާއިރު، ރާއްޖޭގައި މެޑިސިން ކިޔަވައިދޭން މިހާރު ނުފަށައިފިނަމަ، ޞިއްޙީ ޚިދްމަތް ފުޅާކުރުމަށް އަދި ރަނގަޅު ކުރުމަށް މުސްތަޤްބަލުގައި ގޮންޖެހުންތަކެއް ކުރިމަތިވާނެ.

ހަމައެއާއެކު، ރާއްޖޭގައި ކިޔަވައިދޭ ކޯސްތަކުގައި، ކޮންމެހެން ރާއްޖެއިން ބޭރުން ހޯދަންޖެހޭ ތަމްރީނު ހޯދުމަށް ލޯނު ދޫކުރުންވެސް އެއީ ސަރުކާރުގެ އަމާޒެއް. މިގޮތުން، ނަރުސްކަމާއި އެހެނިހެން ޞިއްޙަތާބެހޭ ބައެއް ތަމްރީނުތަކާއި، ރާއްޖެއިން ބޭރުން ހޯދަންޖެހޭ ކުރު މުއްދަތުގެ ތަމްރީނު ހޯދުމަށް 50 ކުދިންނަށް މިއަހަރު ލޯނު ދޫކުރާ ގޮތަށްވަނީ ހަމަޖެހިފައި. މި ލޯން ލިބޭނީ ހަމައެކަނި ފެކަލްޓީ އޮފް ހެލްތް ސައެންސަސްގެ ދަރިވަރުންނަށް.

އާ ދާއިރާތަކުން ޑިގްރީއަށް ކިޔަވައިދޭން ފެށުމަކީވެސް މި ފިޔަވަޅުތަކުގެ ތެރޭގައި ހިމެނޭ ކަމެއް. މިގޮތުން، އާކިޓެކްޗަރ ދާއިރާއިން ޑިގްރީ ކޯހެއް ޖޫން މަހު ފަށާ ގޮތަށް ހަމަޖެހިފައިވޭ. އަދި ކޮންޓިޓީ ސާރވޭއިންގ އާއި ޓައުން ޕްލޭނިންގގެ ރޮނގުން ކޯސްތައް އެކުލަވާލުމުގެ މަސައްކަތްވެސް މިހާރު ކުރަމުން އެބަގެންދާ ކަމަށް ހަޔަރ އެޑިޔުކޭޝަން ކޮލެޖްގެ ބޭފުޅުން އަޅުގަނޑަށް މަޢްލޫމާތު ދެއްވާ. ބޭނުމަކީ މާލެއަށްވުރެ ރަނގަޅަށް ޕްރޮވިންސްތަކުގެ ޢުމްރާނީ ތަރައްޤީ ގެންދިއުމާއި، އެކަމަށް ބޭނުންވާ ހުނަރުވެރިން އުފެއްދުން.

ހަމައެއާއެކު، ޤާނޫނީ ދާއިރާ ހަރުދަނާ ކުރުމަކީވެސް މުހިންމު ކަމެއް. މިދާއިރާ ހަރުދަނާ ކުރުމަށްޓަކައި، ދާދިފަހުން އަޅުގަނޑު ޖަރުމަނަށް ކުރި ދަތުރުގައި، މިމަޝްވަރާތައް ޖަރުމަން ސަރުކާރާއެކު ހިންގިން. ޖަރުމަން ސަރުކާރުން ދެއްވާ އެހީގެ ދަށުން މަޝްރޫޢެއް އެކުލަވާލައި، އަންނަ އަންގާރަ ދުވަހު ކަމާބެހޭ ފަރާތްތަކަށް ހުށަހެޅުމަށް މިހާރުވަނީ ހަމަޖެހިފައި. މިމަޝްރޫޢުގެ ތެރޭގައި، މިހާރު ހިނގަމުންދާ ކޯސް މުރާޖަޢާ ކުރުމާއި، އަދި ޤާނޫނީ ދާއިރާއިން މާސްޓަރޒް ކޯހެއް އެކުލަވައިލުމާއި، ކިޔަވައިދިނުމުގެ ދާއިރާގައި ބޭނުންކުރާ ވަސީލަތްތައް ބޭނުންކުރުމުގެ ތަމްރީނު ހޯދުމާއި، އެކެޑަމިކް މުވައްޒަފުން ބަދަލުކުރުމާއި، އެމުވައްޒަފުން ތާޒާ ކުރުމުގެ ކުރު މުއްދަތުގެ ކޯސް ހިންގުމާއި، އަދި ލައިބްރަރީ ތަރައްޤީ ކުރުމާއި، ޝަރީޢަތްކުރާ ނަމޫނާ ޖަގަހައެއް ހެދުން ހިމެނޭ.

އަޅުގަނޑު މިއަދު މިދެންނެވި ހުރިހާ ވާހަކައެއްވެސް ވަރަށް ބޮޑަށް ގުޅިފައި ހުރީ ރާއްޖޭގެ މަތީ ތަޢްލީމުދޭ މުއައްސަސާއާ. މިވަގުތު އެ މުއައްސަސާގެ ވެރިންގެ ގޮތުގައި ތިއްބެވި ބޭފުޅުންނަކީ ވަރަށް ޤާބިލު ބޭފުޅުންކޮޅެއް. އަޅުގަނޑު އެބޭފުޅުންނާ ބައްދަލުވެ ވާހަކަ ދައްކައި ހަދަން. އެބޭފުޅުންނާ މަޝްވަރާކޮށް ހަދަން. އަދި ޚާއްޞަކޮށް، ކޮލެޖުގެ ރެކްޓަރ ޑޮކްޓަރ ޙަސަން ޙަމީދާއި، އަދި ކޮލެޖްގެ ވައިސް ރެކްޓަރ ޙުސައިން ޙަލީމާ، މިދެބޭފުޅުންނާ އަޅުގަނޑު މިދިޔަ ހަފްތާގެ ތެރޭގައި ދެތިންފަހަރަކު ބައްދަލުކޮށް މަޝްވަރާކޮށް ހެދިން. އަޅުގަނޑަށް މަޢްލޫމާތު ލިބިފައިވާ ގޮތުގައި، އަދި އަޅުގަނޑަށް މިހާތަނަށް ފެނިފައިވާ ގޮތުގައި، ކޮލެޖުގެ ރެކްޓަރުންނާއި އަދި ކޮލެޖުގެ ޑީނުންނާއި، އަދި ފެކަލްޓީތައް ހިންގުމާ ޙަވާލުވެ ތިއްބެވި ބޭފުޅުންގެ ޤާބިލުކަން ވަރަށްފުޅާ. ވަރަށްބޮޑު. އެބޭފުޅުންނާ އެކުގައި އަޅުގަނޑުމެން މިއެދޭ ލަނޑުދަނޑިތައް ޙާޞިލުވާނެކަމާމެދު އަޅުގަނޑު ޝައްކެއްނުކުރަން.

އަޅުގަނޑުގެ އުންމީދަކީ މިއަދަށްވުރެ ފާގަތި މާދަމައެއް އަޅުގަނޑުމެންނަށް ލިބުން. އަޅުގަނޑުގެ ދުޢާއަކީ އަޅުގަނޑުމެންނަށް ދެދުނިޔޭގެ ބާއްޖަވެރިކަން ލިބުން.

والحمد للّـه. والسّـلام عليـكم

______________________