بســم اللّـه الرّحمـن الرّحيــم

السّـلام عليـكم

މިއަދަކީ 26 މާޗް 2010ވީ ހުކުރު ދުވަސް. މިދިޔަ ހަފްތާގެ ތެރޭގައި، ރައްޔިތުންގެ މަޖިލީހުގެ ގޭތެރޭގައި ހިނގާދިޔަ ބައެއް ކަންކަމަކީ އަޅުގަނޑަށް ޔަޤީން، އަޅުގަނޑުމެން ރާއްޖޭގެ އެންމެ ރައްޔިތުންނަށް ކަންބޮޑުވުން ލިބިގެންދާނެ ކަމެއް. ރައްޔިތުންގެ މަޖިލިސް ކުރާ ގޭތެރޭގައި އަޚްލާޤީ މިންގަނޑުތަކުން މުޅިން ނެއްޓި، އެއްމެންބަރަކު އަނެއް މެންބަރެއްގެ ގައިކޮޅަށް އަތްލައްވައި، އަދި ބައެއް ބާވަތުގެ، އެއްގޮތަކަށްވެސް ޢާންމު ތަންތަނުގައި އަދި އެހެން ނޫންވެސް ގޮތަކަށް ބުނާންނުވާ ބާވަތުގެ ވާހަކަތައް، ވިދާޅުވާން ނުޖެހޭނެ ބާވަތުގެ ވާހަކަތައް ވިދާޅުވަމުން ގެންދެވުމަކީ، އަޅުގަނޑަށް ފެންނަ ފެނުމުގައި، އެ މަޖިލިސް ގޭގެ މަސައްކަތަށް އަދި އެ މަޖިލިސް ގެ ރައްޔިތުންނަށް ފެންނަ ގޮތަށް ހުރަސްތަކެއް އެޅޭ ކަމެއް. އެހެންވީމާ، އަޅުގަނޑު ވަރަށް ބޮޑަށް އެދެން، މަޖިލިސް ގޭގައި ކިތަންމެ ބޮޑަށް ނުރުހުންވެގެންދިޔަސްވެސް އަދި ޚިޔާލު ތަފާތުވެގެންދިޔަ ކަމުގައިވިޔަސްވެސް، އެއް މެންބަރަކު އަނެއް މެންބަރެއްގެ ގައިކޮޅަށް އަތްނުލައި، އެ ގޭތެރޭގެ ކަންތައްތައް ހިންގަމުން ގެންދިޔުމަށް. އަދި ޚާއްޞަ ގޮތެއްގައި އަޅުގަނޑު މިކަމުގައި ފާހަގަކުރަން ބޭނުން، ރައްޔިތުންގެ މަޖިލީހުގައި މަސައްކަތް ކުރައްވާ އަންހެން ބޭފުޅުން ވަރަށްމަދު. އަޅުގަނޑަށް ޚަބަރު އެބަލިބޭ، މަޖިލިސް ކުރާ ހޯލްތެރެއިން ބޭރުގައި ބައެއްފަހަރު މެންބަރުން، އަންހެން ބޭފުޅުންނަށް ނިސްބަތްކޮށް، ވަރަށް ހުތުރު ބަހުން ވާހަކަ ދައްކަވާކަން. މިއީކީ އެއްވެސް ޙާލެއްގައި އަޅުގަނޑުމެންނަށް ވަރިހަމަކޮށްގެން ތިބެވޭނެ ކަމެއް ނޫން. އަންހެން ބޭފުޅުންނަށް މަސައްކަތް ކުރުމުގެ ރަނގަޅު މާޙައުލެއް އުފެދިފައި އޮތުމަކީ، ކޮންމެހެން ބޭނުންތެރި ކަމެއް. އެހެންވީމާ، އަޅުގަނޑު ވަރަށް ބޮޑަށް މަޖިލިސް މެންބަރުންގެ ކިބައިން އެދެން، މަޖިލީހުގައި މަސައްކަތް ކުރައްވާ ދެޕާޓީގެވެސް އަންހެން ބޭފުޅުންނާ މިހާރު އެ ބެހިވަޑައިގަންނަވާ ގޮތަށް ސައިކޮޓަރީގައި ނަމަވެސް، އަދި ކުޑަދަށުގައި ނަމަވެސް، އަދި އެހެން ތަނެއްގައި ނަމަވެސް، އެހެން ބެހިވަޑައިގަތުމަކީ އެއްގޮތަކަށްވެސް ސަރުކާރަށް ދޫކޮށްލައިގެން ތިބެވޭނެ ކަމެއް ނޫނޭ.

ހަމައެޔާއެކީގައި، އަޅުގަނޑު ދަންނަވާލަން ބޭނުން، މަޖިލީހުގައި ކަންކަން ޙައްލުވެގެން ނުދިޔައިމާ، ދެން އެކަންކަން އަދި މަޖިލީހުން ބޭރަށް މަގުމައްޗަށްވެސް ފުރޮޅިގެންއެބަދޭ. އަދި އެއަށްފަހު އެކަންކަމަށް ކިތަންމެ އެތައް ބާރަކާއި، ކިތަންމެ އެތައް ހަމަނުޖެހުމެއް މުޅި ރާއްޖޭގެ ކަންކޮޅުތަކުން ވަދެގެންދޭ. އެނގިވަޑައިގަންނަވާނެ، ޤާނޫނުއަސާސީ ބަޔާންކުރާ ގޮތުގައި، ރައީސުލްޖުމްހޫރިއްޔާއަކީ ދައުލަތުގެ އެންމެމަތީ ވެރިޔާ. ރައީސުލްޖުމްހޫރިއްޔާގެ ވާޖިބެއް އެއީ، މި ދައުލަތް ހެޔޮގޮތުގައި ރަނގަޅު ގޮތުގައި އަންނަން އޮތް ޖީލަށް ނުވަތަ ދެން އަންނާން އޮތް ސަރުކާރަކަށް ރައްދުކޮށްދިނުމަކީ. އެހެންވީމާ، އަޅުގަނޑު އެންމެ ބޭފުޅުންނަށް ޔަޤީންކޮށް އަރުވަން، މަޖިލީހުގެ ސަބަބުން ނުވަތަ މަޖިލީހުގައި ހިނގާ ދެބަސްވުމުގެ ސަބަބުން އަޅުގަނޑުމެންގެ ރާއްޖޭގެ ތަރައްޤީއަށްވެސް އަދި އަޅުގަނޑުމެން ދިރިއުޅެމުން މިއަންނަ އަމާންކަމަށްވެސް ހުރަހެއް އެޅިޔަނުދީ، ކަންކަން ކުރިއަށް ގެންދިއުމަށް ސަރުކާރަށް އެޅެންހުރި ހުރިހާ ބާރެއް އަޅާނެ ކަމަށް.

ހަމަ އިތުރަށް މިދިޔަ ހަފްތާގެ ތެރޭގައި ހިނގާދިޔަ ބައެއް ކަންތައްތަކުގައި އަޅުގަނޑަށް ޝަކުވާ ވަރަށް ބޮޑަށް ލިބުނު އެއްކަމަކީ، ބައެއް ބާވަތުގެ ތަޤްރީރުތަކުގައި، ޚާއްޞަކޮށް ދީނީ ތަޤްރީރުތައް ކަމަށް ވިދާޅުވެ، މިސާލަކަށް [ސުވަރުގެ] ބަޔާންކުރާއިރުގައި ނުވަތަ [ނަރަކަ] ސިފަކޮށްދޭއިރުގައި، އަންހެން ބޭފުޅުންނާ ގުޅޭގޮތުން އެ ދެކެވޭހާ ވާހަކަތައް އެއީ، އެބޭފުޅުން ހިތްހަމަޖެހޭ ކަމެއް ނޫނޭ. އަދި އެބޭފުޅުންގެ ޙައްޤުތަކަށްވެސް އަދި އެބޭފުޅުން ކަންކަމާ ދެކޭގޮތަށްވެސް ވަރަށްބޮޑު ނޭދެވޭ އަސަރުތަކެއް ފޯރާ ކަމެކޭ. އެބޭފުޅުން އެދެމުން އަންނަނީ، ވަރަށްގިނަ ޢަދަދެއްގެ ޒުވާން އަންހެން ބޭފުޅުން، އަދި ޒުވާން ފިރިހެން ބޭފުޅުންވެސް، ވަރަށްގިނަ ޢަދަދެއްގެ، އަޅުގަނޑުގެ ގާތުން އެދެމުން އަންނަނީ، އެބާވަތުގެ ކަންކަން ހިނގިޔަ ނުދިނުމަށް، ހިންގިޔަ ނުދިނުމަށް ސަރުކާރުން ކަނޑައެޅިގެން ހުރަސްއަޅައިދޭށޭ.

އަޅުގަނޑު ދަންނަވާ ވާހަކައަކީ، ޚިޔާލުފާޅުކުރުމުގެ މިނިވަންކަން ލިބިދީފައިވާއިރުގައި، އެއްބާވަތެއްގެ ޚިޔާލާތެއް އެއްބަޔަކު ފާހަގަކުރެއްވީމާ، އެކަމާ ނުރުހޭ ކަމަށްވަނީނަމަ، އަޅުގަނޑުގެ ނަޒަރުގައި، އަޅުގަނޑަށް ފެންނަ ފެނުމުގައި، އެންމެ ބުއްދިވެރި ގޮތަކަށްވާނީ، އެ އަނެއް ޚިޔާލާތަށްވެސް، ދެވަނަ ގޮތްވެސް ނުވަތަ އެހެން ވިސްނުމެއްވެސް އަނެއްކާ އަލުން އަނބުރާ އެހެން ބަޔަކު ހާމަކުރުމޭ. ރޭޑިޔޯއާއި ޓީ.ވީ އާއި މީޑިއާގެ ޒަރީޢާއިން ހުރިހާ ވާހަކައެއްވެސް، ރާއްޖޭގެ ހުރިހާ ގެއަކަށްވެސް، ހުރިހާ ރައްޔިތުންނަކަށްވެސް އިވެމުންދާނެ. އޭގެތެރެއިން ރައްޔިތުން ގަބޫލުކުރާ، ރައްޔިތުން ޚިޔާރުކުރަން ބޭނުން މަގަކަށް ރައްޔިތުން ދިރިއުޅެމުން މަސައްކަތް ކުރަމުން ގެންދާނީ. އެހެންވީމާ، އަޅުގަނޑު ވަރަށް ބޮޑަށް އެދެން، ހުރިހާ ބޭފުޅުންވެސް ޞުލްހަވެރިކަމާއި އަދި ބިރުދެއްކުމެއްނެތި އެއްވެސް ޙާލެއްގައި އަނިޔާގެ މަގަށް ނުވަތަ ހަމަނުޖެހުމުގެ މަގަށް ކަންތައް ގެންދާނެ ކަމުގެ ވާހަކަތަކާއި ނުވަތަ ޚިޔާލާތާނުލައި ސާފުކޮށް ޚިޔާލުފާޅުކުރަމުން އަދި އެބަޔަކު ދެކޭގޮތް ވަރަށް ޞަރީޙަކޮށް ބަޔާންކުރަމުން ގެންދާނެ ކަމަށް.

ކުރިއަށް މިފެށޭ ހަފްތާއަކީ، ސަރުކާރަށް ވަރަށް މުހިންމު ހަފްތާއެއް. މި ހަފްތާގައި، ދިވެހިރާއްޖެއަށް އެހީދިނުމަށް ޝައުޤުވެރިވާ ވަރަށްގިނަ ޤައުމުތަކުންނާއި، އަމިއްލަ ޖަމާޢަތްތަކުންނާއި، ބައިނަލްއަޤްވާމީ އެކިއެކި މުއައްސަސާތަކުން ރާއްޖޭގައި ބައްދަލުވުމެއް އެބަ ބާއްވާ. ޑޯނަރސް ކޮންފަރެންސެއް. މި ކޮންފަރެންސަށް ބޭރުގެ އެކިފަރާތްތަކުން 80 ތަފާތު އެކި ފަރާތަކުން ރާއްޖެއަށް އެބަ ޒިޔާރަތްކުރޭ. އަދި މިކަމުގައި އެބަ ބައިވެރިވޭ. އަޅުގަނޑުމެން އުންމީދު މިކުރަނީ، އަޅުގަނޑުމެން ވަރަށް ބޮޑަށް ޔަޤީން މިކުރަނީ، ސަރުކާރުން މީގައި މި އުންމީދުކުރާ މިންވަރަށް މި ކޮންފަރެންސަށްފަހު ސަރުކާރަށް ފައިސާ ހޯދޭނެ ކަމަށް. އެހެންވީމާ، އިރާދަކުރެއްވިއްޔާ އެއީ އަޅުގަނޑުމެންނަށް ލިބޭ ވަރަށްބޮޑު އުފަލެއް. އަޅުގަނޑުމެން މިވަގުތު ކުރާން ނިންމާފައިވާ ވަރަށްގިނަ ކަންކަން ކުރުމަށް މަގުފަހިވެގެން، ބާރުލިބިގެންދާނެ ކަމެއް.

މި ސަރުކާރުން އަޅުގަނޑުމެން ހިންގާ ބައެއް ކަންކަން ހިންގަނީ ވަރަށް ކުރިއްސުރެ ފަށައިގެންވެސް އަޅުގަނޑު ދައްކަމުން އައިން ވަކި ތަރުތީބަކުންނޭ. އެ ތަރުތީބުން ހިންގަމުންދާއިރުގައި ފުރަތަމަ، ބަޔަކާ އެކީގައި ވާހަކަތަކެއް ދެކެވި، އަދި ބީލަމުގެ އުޞޫލުތަކެއް ޤާއިމުކުރެވި، ކަންކަމަށް ޝައުޤުވެރިވާ ފަރާތްތައް ހޯދެވި، ފުރަތަމަ ސަރުކާރާ އެކީގައި މިވެވެނީ މެމޮރެންޑަމް އޮފް އަންޑަރސްޓޭންޑިންގއެއް ނުވަތަ އެމް.އޯ.ޔޫ.އެއްގެ އެއްބަސްވުމެއް. އެނގިވަޑައިގަންނަވާނެ، މިދިޔަ އަހަރު މިހާތަނަށް އަޅުގަނޑުމެންނަށް މިއަހަރާ އެކީގައި މި އާދެވުނުއިރު، ވަރަށްގިނަ ޢަދަދެއްގެ މެމޮރެންޑަމް އޮފް އަންޑަރސްޓޭންޑިންގތަކުގައި ސަރުކާރަށްވަނީ ސޮއިކުރެވިފައި. އިރާދަކުރެއްވިއްޔާ، ދެން ފެނިގެންދާނީ، އެ މެމޮރެންޑަމް އޮފް އަންޑަރސްޓޭންޑިންގތަކުގެ މުއްދަތު ހަމަވެ، އެ އަންޑަރސްޓޭންޑިންގތައް އެގްރީމަންޓްތަކަކަށް ބަދަލުވެގެންދާތަން. އެއަށްފަހު، ފެނިގެންދާނީ، އެ އެގްރީމެންޓްތަކާ އެއްގޮތަށް މަސައްކަތްތައް ފެށިގެންދާތަން. އެހެންވީމާ، އަޅުގަނޑަށް މިހާރު މިފެންނަނީ، ކުރިއަށް މިއޮތް ދެމަހެއްހާ ދުވަހުގެ ތެރޭގައި، ތިންމަހެއްހާ ދުވަހުގެ ތެރޭގައި، ވަރަށްގިނަ އެގްރީމެންޓްތައް އަޅުގަނޑުމެންނަށް ކުރެވޭނެ. އަދި މަސައްކަތްތައް ފެށިގެން އިރާދަކުރެއްވިއްޔާ ދާނެ.

އަޅުގަނޑު ރިޔާސީ ބަޔާން އިއްވިއިރުގައި އަޅުގަނޑު ފާހަގަކުރިން، ކުރިއަށް އޮތް ހަތަރު މަހެއްހާ ދުވަހުގެ ތެރޭގައި، އަޅުގަނޑުމެންނަށް މިއޮތީ ވަރަށްގިނަ ކަންކަން ކުރެވޭގޮތަށޭ. އަޅުގަނޑުމެން އެންމެން އެކީގައި އެކަން ކުރަން ނުކުމެއްޖެނަމަ، އަޅުގަނޑުމެންނަށް އަޅުގަނޑުމެންގެ ރާއްޖޭގެ އެކިއެކި ކަންކޮޅުތަކުގައި ނަރުދަމާވެސް، ފެންވެސް، ބަނދަރުވެސް، ހެލްތް ސެންޓަރުވެސް، ހޮސްޕިޓާވެސް، މަދަރުސާވެސް، މަގުތައްވެސް އަދި ވަޒީފާގެ ފުރްޞަތުތައްވެސް ފަހިވެގެންދާނެކަމީ އަޅުގަނޑު އެއްވެސް ޙާލެއްގައި ޝައްކުކުރާ ކަމެއް ނޫން. އެހެންކަމުން، އަޅުގަނޑު އަނެއްކާވެސް ހަމަ އެދެނީ، ރައްޔިތުންގެ މަޖިލީހުގެ ޢިއްޒަތްތެރި މެންބަރުންނަށް، އަޅުގަނޑު ގަބޫލުކުރަން، ތިޔަބޭފުޅުންގެ ޖޯޝް، ތިޔަބޭފުޅުންގެ ވާދަވެރިކަން ހުންނާނެ ކަމަށް. އަދި އެކަންކަން ތިޔަބޭފުޅުން ބާއްވަވަންޖެހޭނެ ކަމަށް. އެ ވާދަވެރިކަމުގެ ތެރޭގައިވެސް އަޅުގަނޑުމެންނަށް އެއްބަސްވެވޭ ކިތަންމެ ކަމެއް ހުރިއިރުގައި، އެކަންކަމުގައި އެއްބަސްވެގެން ކުރިއަށްދެވޭނެ މަގެއް ހޯދުމަކީ، އަޅުގަނޑުގެ ނަޒަރުގައި ވަރަށް މުހިންމު ކަމެއް.

އަޅުގަނޑުގެ ދުޢާއަކީ އަޅުގަނޑުމެންނަށް މިއަދަށްވުރެ އަދި މާ ބާއްޖަވެރި މާދަމައެއް ލިބުން. އަޅުގަނޑުގެ ދުޢާއަކީ، އަޅުގަނޑުގެ އުންމީދަކީ އަޅުގަނޑުމެންނަށް ދެދުނިޔޭގެ ބާއްޖަވެރިކަން ލިބުން.

والحمد للّـه. والسّـلام عليـكم

______________________