بســم اللّـه الرّحمـن الرّحيــم

السّـلام عليـكم

މިއަދަކީ 19 މާޗް 2010ވީ ހުކުރު ދުވަސް. އިއްޔެއަކީ ދިވެހިރާއްޖެ އިސްލާމްވި ދުވަހުގެ ގޮތުގައި އަޅުގަނޑުމެން ފާހަގަކުރާ ދުވަސް. ރާއްޖެއަކީ ވަރަށްދިގު އިސްލާމީ ތާރީޚެއް އަދި ލިޔެފައި އޮތް ފެންނާން އޮތް ވަރަށްދިގު ތާރީޚެއް އޮތް ޤައުމެއްކަމުން، ރާއްޖެ އިސްލާމްވިގޮތާއި އަދި އެދުވަސްވަރާ ގުޅޭގޮތުން ތާރީޚީ ގޮތުންވެސް އަދި އެހެނިހެން ގޮތްގޮތުންވެސް ފެންނާންހުރި މަޢްލޫމާތު ވަރަށް ގިނަ.

ރާއްޖެ އިސްލާމްދީނަށް ބަދަލުވިކަމަށް ޙަސަން ތާޖުއްދީންގެ ތާރީޚުގައި ލިޔެވިފައި އޮންނަ ތާރީޚަކީ 1153 ވަނަ އަހަރު، މީލާދީގޮތުން އެއީ ހިޖުރައިން 548 ވަނަ އަހަރު. އަދި ރާއްޖެ އިސްލާމްދީނަށް ބަދަލުކުރުމުގައި، ޝަޚްޞެއްގެ ގޮތުގައި ފާހަގަކުރެވިފައިވާ ބޭފުޅަކީ، މެދުޒިޔާރަތުގައި އެބޭފުޅެއްގެ ޒިޔާރަތް އެރުވިފައިވާ ތަބްރޭޒީގެފާނު ކަމަށްވެސް އަޅުގަނޑުމެންނަށް މިހާތަނަށް އެނގިފައި ހުރި މަޢްލޫމާތުތައް އެބަ ފާހަގަކުރޭ.

އަދި ހަމައެޔާއެކީގައި އެބޭފުޅަކީ ކޮބައިކަމާ ގުޅޭގޮތުން ކިތަންމެ ބަޙުޘެއް، ތާރީޚީ ދިރާސާއެއް ހިނގާ. ތަބްރޭޒީގެފާނު އެއީ ތަބްރޭޒީން ވަޑައިގެންނެވި ބޭފުޅެއްތޯ ނުވަތަ ބަރުބަރީން ވަޑައިގެންނެވި ބޭފުޅެއްތޯ. އަދި އަޅުގަނޑު އެއް މަޒްމޫނެއްގައި ކޮލި ޙަސަން މަނިކު ލިޔުއްވާފައި އޮއްވައި ކިޔިން، އެއީ ބޭރުވެލާއިން ވަޑައިގެންނެވި ބޭފުޅެއް ކަމަށް. އަދި ހަމައެޔާއެކީގައި އަޅުގަނޑު އަޑުއަހާ އުޅެން، އައްޑުއަތޮޅު މީދޫން ވަޑައިގެންނެވި ބޭފުޅެއްގެ ގޮތުގައިވެސް.

ކޮންމެއަކަސް އަޅުގަނޑުމެންނަށް ލިބެންހުރި މަޢްލޫމާތުގެ އަލީގައި، ތާރީޚީ ދިރާސާއަކަށް މިކަމަށް ހިނގައްޖެނަމަ، ފެންނާން ހުރި އެހެން ހެކިތަކެއް، އެހެން މަންޒަރުތަކެއް އެބަހުރި. މީލާދީން 1153 ވަނަ އަހަރު ނުވަތަ މީލާދީން 12 ވަނަ ޤަރުނުގަޔާއި، 11 ވަނަ ޤަރުނުގެ ތެރޭގައި ދިވެހިރާއްޖޭގެ ކަންކަން ހިނގަމުން އައިގޮތް އަޅުގަނޑުމެން ބަލައިލާއިރުގައި، އަޅުގަނޑުމެންނަށް ފެންނާން އޮތީ ރާއްޖެއަކީ ވަރަށްގިނަ ޢަދަދެއްގެ ޢަރަބި ދަތުރުވެރިން މަޑުކުރާ ޤައުމެއްގެ ގޮތުގައި. މަޑުކުރާ ތަނެއްގެ ގޮތުގައި. އެމަޑުކުރި މަޑުކުރުމުގެ ތެރޭގައި، މަޑުމަޑުން މަޑުމަޑުން ދިވެހިންގެ ތެރެއަށް އިސްލާމީ އާދަތަކާއި، އިސްލާމްދީނުގެ އުޞޫލުތައް ތަޢާރުފްވެ، އެންމެފަހުން އައިސް ދިވެހިރާއްޖޭގެ ރަސްގެފާނު، އޭރު ހުންނެވި ރަސްގެފާނު، ކޮއިމަލާކަލޯ އިސްލާމްދީނަށް ރުޖޫޢަވި ދުވަހަކީ، 12 ރަބީޢުލްއާޚިރް 548 ހިޖްރައިން ކަމަށްވުމީ ހަމަ ވަރަށް އެކަށީގެންވާ ކަމެއް. ރާދަވަޅީގައިވެސް އަދި ލޯމާފާނުތަކުގައިވެސް އަދި ޙަސަން ތާޖުއްދީންގެ ތާރީޚުގައިވެސް އެކަން ހިނގާދިޔަގޮތް ތާރީޚެއް ސާފުކުރެވޭ ވަރަށް ބަޔާންކޮށްފައިވާތީވެ، އެއީ އެދުވަހަކީ ހަމަ 12 ރަބީޢުލްއާޚިރް ކަމަށްވުމީ އެކަށީގެންވާ ކަމެއް. އެކަން އެހެން ހިނގާދިޔައިރު، ދިވެހިރާއްޖޭގައި ކަންތައްތައް ހިނގަމުން އައި ގޮތާއި، އަދި އެކަމާ ގުޅޭ ކިތަންމެ ކަމެއްގެ ތެރެއަށް އަޅުގަނޑުމެން ދިޔައީމާ، އަޅުގަނޑުގެ ނަޒަރުގައި އަޅުގަނޑުމެންނަށް ފެންނަ މަންޒަރަކީ، ރާއްޖޭގައި އިސްލާމީ ޢިލްމާއި، އަދި އިސްލާމްދީނުގެ އުޞޫލުތައް ފެތުރެމުން އައީ މަޑުމަޑުން މަޑުމަޑުންކަން. ރާއްޖޭގައި އެކަން ހިނގަމުން އަންނަނީ، އަޅުގަނޑަށް ފެންނަ ފެނުމުގައި، މީލާދީން 9 ވަނަ ޤަރުނުއްސުރެ ފެށިގެން ރާއްޖެއަށް އިސްލާމްދީނުގެ އެކިއެކި މަޢްލޫމާތު، އެކިއެކި ޢިލްމު އައީ ލިބެމުން. މިހެން އައިސް، ދިވެހިންގެ ތެރޭގައި އިސްލާމްދީން ޤަބޫލުކުރެވުނީ. އަދި ދިވެހިރާއްޖޭގެ ރަސްގެފާނު އިސްލާމްދީނަށް ބަދަލުވީ 1153 ވަނަ އަހަރު. އެދުވަހުއްސުރެ ފެށިގެން މެދުނުކެނޑި ވަރަށްގިނަ ދުވަސްތަކެއް ވަންދެން ރާއްޖޭގެ އެކިއެކި ކަންކޮޅުތަކުގައި މިވަނީ އިސްލާމީ އުޞޫލުތައް ވަރަށް ރަނގަޅަށް އަށަގަނެފައި.

އަޅުގަނޑުމެން މިހާރު ރާއްޖެ އިސްލާމްވި ދުވަހުގެ ގޮތުގައި ފާހަގަކުރަމުން މިއަންނަނީ 2 ރަބީޢުލްއާޚިރް. ދެން މީގައި އަޅުގަނޑުމެން ދެނެގަންނާންވީ ނުކުތާއަކީ، އެދުވަސްވަރުގައި ދިވެހިރާއްޖެ އިސްލާމްދީނަށް ނުވަތަ ދިވެހިރާއްޖޭގެ ރަސްގެފާނު އިސްލާމްދީން ގަބޫލުކުރިކަން. ސީދާ އެދުވަހަކީ ކޮބައިކަމީ، އަދި އަޅުގަނޑުމެންނަށް އެއްބަސްވެވޭނެ ކަމަކަށް ނުވެދާނެ. އަދި ތާރީޚީ ދިރާސާތަކުންނާއި، އެ ބަޙުޘްގައި ބައިވެރިވެގެން އަޅުގަނޑުމެން ކުރިއަށްދާން ޖެހޭނެ. އަދި އެ ސާފު ދުވަހެއް އެނގޭތޯ އަޅުގަނޑުމެން މަސައްކަތްވެސް ކުރާން ޖެހޭނެ. އަޅުގަނޑުގެ ނަޒަރުގައި މީގައި މައިގަނޑު ނުކުތާއަކީ، 1153 ވަނަ އަހަރު ނުވަތަ 12 ވަނަ ޤަރުނުގެ ތެރޭގައި ދިވެހިރާއްޖޭގެ ރަސްގެފާނު އިސްލާމްދީން ގަބޫލުކޮށްފިކަން.

ރާއްޖެއަށް އިސްލާމްދީން ތަޢާރުފު ކުރުމުގައި އެންމެ އިސްކޮށް ތިބި ދަންނަ ބޭކަލުންނަކީ، ސޫފީ ދަންނަ ބޭކަލުންކަން އަޅުގަނޑުމެންނަށް ލިބެން ހުރި ތާރީޚީ ހެކީގައި ވަރަށް ސާފުކޮށް އެނގެން އެބައޮތް. ސޫފީ ދަންނަ ބޭކަލުން ރާއްޖެއަށް އިސްލާމްދީން ތަޢާރުފް ކުރެއްވީ، އެއްވެސް ހާލެއްގައި ކަނޑީގެ ބާރަކުންނެއް ނޫން. އެބޭފުޅުންގެ ޢިލްމާއި އަދި ބާރުގެ ބޭނުންކޮށްގެނެއްވެސް ނޫން. އަދި ބަޔަކު ކޮންމެހެން ބިރު ދައްކައިގެން ކަމަށް ފެންނާން ހުރި ތާރީޚުންވެސް އެނގެން އަޅުގަނޑުމެންނަކަށެއް ނެތް. އަޅުގަނޑުވެސް ގަބޫލުކުރަން، ބައެއް ލޯމާފާނުތަކުގައި، އޭރުގައި ހުރި ބުދުފައްޅިތައް ތަޅާލެވުނު ވާހަކައާއި، އަދި ހާމުދުރުންނަށް ހެދުނު ގޮތުގެ ވާހަކަތައް ލިޔެވިފައި އެބަހުރި. އެއީ ރަސްގެފާނު އިސްލާމްދީނަށް ބަދަލުވުމަށްފަހުގައި، ހިނގި ހަނގުރާމަތަކެއް. އެހެން ނަމަވެސް، ދިވެހިރާއްޖެއަށް އިސްލާމްދީން ތަޢާރުފުވަމުން އައީ، މަޑުމައިތިރިކަމާ އެކުގައިކަން އަޅުގަނޑުމެންނަށް ވަރަށް ޔަޤީން ކުރެވޭ. އެކަމުގެ އިސް ސަފުގައި ތިއްބެވީ ސޫފީ ދަންނަ ބޭކަލުން ކަމަށްވާތީވެ.

ރާއްޖޭގައި އާލާވަމުން އައީ އަދި ރާއްޖޭގައި އެކަށައެޅެމުން އައި އިސްލާމީ އުޞޫލުތައް އަޅުގަނޑުމެންނަށް ފޯރުކޮށްދީފައި މިވަނީ، މިދެންނެވި އިސްލާމީ މަޛްހަބުގެ ދަންނަ ބޭކަލުންގެ ފަރާތުން. ދަންނަ ބޭކަލުންގެ ކިބައިން. ރާއްޖެއަށް އިސްލާމްދީން ލިބިފައި މިވަނީ، އިސްލާމީ ޙަޔާތުގައިވެސް، އިސްލާމީ ތާރީޚުގައިވެސް ވަރަށް ކުރީކޮޅުކަމުން، އޭރު އިސްލާމްދީން އެންމެ ފުރިހަމައަށް، ދައުލަތެއްގެ ތެރޭގައި ބަޔާންކުރެވިފައި އޮތް ދައުލަތަކީ ދިވެހި ދައުލަތް، ދިވެހިރާއްޖެ. ދިވެހިރާއްޖޭގައި އިސްލާމްދީން ރައްކާތެރި ކުރެވިފައިވާ މިންވަރު، އެދުވަހުއްސުރެ ފެށިގެން މިއަދާ ހަމައަށްވެސް މިއޮތީ ވަރަށް ބޮޑަށް އަޅުގަނޑުމެންނަށް ހިފެހެއްޓިފައި. އަޅުގަނޑަށް ފެންނަ ފެނުމުގައި، ދުނިޔޭގެ އެހެން އިސްލާމީ ޤައުމުތަކުންވެސް ރާއްޖޭގެ މި ދިގު އިސްލާމީ ތާރީޚުގެ މައްޗަށް ދިރާސާކޮށް އަދި ރާއްޖެ މިކަން ކޮށްފައި މިވާގޮތް ދެނެގަތުމަކީ، އިސްލާމީ ޢިލްމަށް ބަލާއިރުވެސް އަދި އިސްލާމީ ތާރީޚުގެ ދިރާސާއަށް ބަލާއިރުވެސް ކޮންމެހެން ބޭނުންތެރި ކަމެއް.

އަޅުގަނޑުމެން އިސްލާމްދީނަށް ބަދަލުވުމާ ގުޅިގެން ދެކެވޭ ވާހަކަތަކުގެ ތެރޭގައި، ރަންނަމާރީގެ ވާހަކަ ވަރަށް ފުޅާކޮށް ދެކެވޭ. އަޅުގަނޑުމެންނަށް ފެންނާން އޮތް އަދި އެނގެން އޮތް ތާރީޚަށް ބަލާއިރު، ރާއްޖޭގައި އިސްލާމްދީނުގެ ކުރީގައި ހިންގާފައިވާ އަދި ދިވެހި ރައްޔިތުން، ދިވެހިންތައް ގަބޫލު ކުރަމުން އައީ، ރެޑިކް އުޞޫލުތަކުގެ ކޮންމެވެސް އެއްދީނެއް، އެއީ ބުޑިސްޓް ދީން ނުވަތަ ހިންދޫ ދީން. މި ދީންތައް 1153 ވަނަ އަހަރާ ހަމައަށް އައިއިރުގައި، އެމީހުންގެ އާދަކާދަތަކުގެ ތެރޭގައި، ޅަފަތުގައި އަންހެން ކުދިން ޤުރްބާން ކުރުން، މި އާދަ ނުވަތަ މި އުޞޫލު އޮތީ ވަރަށް ބޮޑަށް އަށަގެންފައި. ހަމައެއާއެކީގައި އަޅުގަނޑުމެންނަށް އެނގޭ، އިސްލާމްދީނަކީ ޅަފަތުގައި އަންހެން ކުދިން ޤުރްބާން ކުރުމާ، ވަރަށް ބޮޑަށް އިސްލާމްދީނުގެ އެންމެ ކުރީކޮޅުވެސް ވަރަށް ބޮޑަށް އެކަމާ އިންކާރު ކުރަމުން އަދި މިކަންތަކާ ނުރުހުން ފާޅުކުރަމުން އައި ދީނެއް، އައި އުޞޫލުތަކެއް. އެހެންވީމާ، ދިވެހިރާއްޖެއަށް އިސްލާމްދީން ގެނައުމުގައި މިދެންނެވި އުޞޫލު ނައްތާލުމަށް އެދީން ބާރުއެޅިކަން އެއީ، އަޅުގަނޑަށް ފެންނަ ފެނުމުގައި އެކަމުގައި ޙަޤީޤަތެއް ހިމެނޭ ވާހަކައެއް. ރަންނަމާރި އެރުން ނުވަތަ ޅަފަތުގެ އަންހެން ކުދިން ޤުރްބާން ކުރުން، މިވާހަކަތަކާއި އަދި ދެން ފެންނާން ހުރި ތާރީޚީ އެހެން ވާހަކަތަކާއެކުގައި އަޅުގަނޑުމެން ބެލީމާ، މިކަމުގެ މިދެންނެވި ބާވަތްތަކުގެ ޙަޤީޤަތްތަކެއް ހުރުމީ، އެކަށީގެންވާ ކަމެއް ކަމުގައި އަޅުގަނޑަށް ފެނޭ.

އަޅުގަނޑުމެން މިއަދު މީގައި ފާހަގަކުރަންވީ ނުކުތާއަކީ ރާއްޖެ އިސްލާމްދީނަށް ރުޖޫޢަވެ، މިހާ ދުވަހު ދިވެހިރާއްޖެ އިސްލާމީ ހިދާޔަތުގައި، އިސްލާމީ އުޞޫލުތަކުގައި އާދެވިފައިވީތީވެ، މިރާއްޖެ މިކަން މިގެންގުޅޭ ގޮތަށް އަދި ރާއްޖޭގައި އަޅުގަނޑުމެން ދީނަށް އުޅެމުން މިއަންނަ އުޞޫލުތަކަށް ބޮޑެތި ލޮޅުންތަކެއް އެރުވުމަކީ ޙަޤީޤަތުގައި އަޅުގަނޑަށް ފެންނަ ފެނުމުގައި އެހާ ފަސޭހައިން ކުރެވެން އޮތް ކަމެއްވެސް ނޫން. އެކި ޒަމާނުގައި، އެކިއިރުގައި، އެކިގޮތްގޮތަށް ދިވެހިންގެ ތެރެއިން ކިތަންމެ ބަޔަކު ދީނީ ކަންކަން މާނަކުރަމުން އައިސްފައި އެބަހުރި. ބައެއްފަހަރު ވަރަށް ހަރުކަށި އުޞޫލުތައް ގެނައުމަށް 1700 އިގެ އަހަރުތަކުގެ ތެރޭގައިވެސް އުޅެވިފައި އެބަހުރި. އެހެން ނަމަވެސް، އަޅުގަނޑުމެންނަށް ފެންނާން މިއޮތީ އަބަދުވެސް ދިވެހިން މެދުމިނަށް ހަމަހަމަކަމަށް ކަންކަން ގެނެސް، ޞުލްޙަވެރިކަމާއެކީގައި ކަންކަން ކުރިއަށް ގެންދާކަން. އަޅުގަނޑު ޔަޤީންކުރަނީ، ކުރިއަށް އޮތް ތަނުގައިވެސް ދިވެހިން މި އުޞޫލުގައި، މިހަމަތަކުގައި ޢަމަލު ކުރަމުން ގެންދާނެ ކަމަށް.

މިދިޔަ ހަފްތާގެ ތެރޭގައި އަޅުގަނޑުމެންނަށް ވަރަށް އަޑުއަހަން އުނދަގޫ ވާހަކަތަކެއް އަޑު އިވެމުންދިޔަ. އެއީ، އެކިއެކި ސަބަބުތަކާހުރެ އެކިއެކި ކަންކަމާ ރުޅިވެރިކަން ހާމަކުރުމަށް އަދި ނުރުހުން ހާމަކުރުމުގެ ގޮތުން ނޫސްވެރިންނާ އެކިއެކި ފަރާތްތަކުން ދިމާކުރާ ވާހަކަ، ޙަމަލާދޭ ވާހަކަ، މާރާމާރީ ހިންގާ ވާހަކަ. އަޅުގަނޑު ރާއްޖޭގެ ނޫސްވެރިންނަށާއި އަދި ރާއްޖޭގެ އެންމެހާ ރައްޔިތުންނަށް ޔަޤީންކޮށް އަރުވަން ބޭނުން، މި ސަރުކާރުން މިބާވަތުގެ ކަންކަން ނުބަލައި އަޅުގަނޑުމެން ނުތިބޭނެ. މިކަންކަން ހިނގަނީނަމަ، އެކަންކަން ހުއްޓުވުމަށް ސަރުކާރަށް އެޅެންހުރި ހުރިހާ ފިޔަވަޅެއް އަޅާނެކަމަށް.

އަޅުގަނޑުމެން މިވަގުތުގައި ހަނދާން ކުރަންޖެހޭނެ، ރާއްޖޭގެ ޢާންމު ޙާލަތު އަދި އިޖްތިމާޢީ ކަންކަން މިފައްތަރަށް، މާރާމާރީ މިދަރަޖައަށް ގިނަވެފައިމިވާ ފައްތަރަށް އަރާފައި މިވަނީ، އެއްދުވަހެއްގެ ދެދުވަހެއްގެ ކަންހިނގާދިޔަ ގޮތުގެ ސަބަބަކުންނެއް ނޫން. އެތައް ޒަމާނެއް ވަންދެން ރާއްޖޭގައި ކަންތައްތައް ބައެއްފަހަރަށް މިޞްރާބު ގެއްލޭ އުޞޫލަށް ހިނގާފައި ނެތް ކަމަކަށް އަޅުގަނޑުމެންނަށް ދެންނެވޭކަށެއް ނެތް. މިހެން މިދެންނެވި ފަދައިން، މިޞްރާބު ގެއްލި ގޮސްވާ ސަބަބުން އެކިއެކި ނޭދެވޭ ނަތީޖާ މިއަދު މިވަނީ އަޅުގަނޑުމެންނާ ކުރިމަތިލާން ޖެހިފައި. އަޅުގަނޑުމެން މިޙާލަތުން އެބަ އެއްކިބާވާންޖެހޭ. އަދި އަޅުގަނޑުމެންނަށް މިޙާލަތުން އެބަ އަރައިގަނެވެންޖެހޭ. މިކަމުގައި އަޅުގަނޑު ދަންނަވާނީ، ސަރުކާރަށް އެކަނި މަސައްކަތް ކޮށްގެން، އެކަމުގައި އަޅުގަނޑުމެންނަށް ލިބޭނޭ ފުރިހަމަ ކާމިޔާބު ނުހޯދޭނެ ކަމަށް. އަޅުގަނޑުމެންނަށް މިކަމުގައި ކަމާގުޅޭ ހުރިހާ ފަރާތްތައްއެކުގައި މަސައްކަތް ކުރެވިއްޖެނަމަ، ރާއްޖޭގެ ޚިޔާލުފާޅުކުރުމުގެ މިނިވަންކަން ހަމަ އެއޮތް އޭގެ އެންމެ ރަނގަޅު އުޞޫލުގައި ހިފެހެއްޓޭނެ ކަމުގެ ފުރިހަމަ ޔަޤީންކަން އަޅުގަނޑަށް އަދިވެސް އެބައޮތް. އަޅުގަނޑުމެންނަށް އިރާދަކުރެއްވިއްޔާ މިކަން ކުރިއަށް އޮތް ތަނުގައި ކުރިއަށް ގެންދެވޭނެ.

އަޅުގަނޑު އިއްޔެގައި މިއައީ ޔޫރަޕްގެ 4 ޤައުމަކަށް ކުރި ދަތުރެއް ނިންމާފައި. އަޅުގަނޑުމެން އެންމެ ފުރަތަމަ ދިޔައީ ޖަރުމަނަށް. އެއީ، ޖަރުމަނުގެ ޗާންސެލަރ އެންޖެލާ މާރކެލްގެ ދަޢުވަތަކަށް އަޅުގަނޑު ކުރި ދަތުރެއް. އެއީ ރަސްމީ ދަތުރެއް. އަޅުގަނޑުމެންނަށް ޖަރުމަނު ސަރުކާރުގެ އެކިއެކި ކަންކަމާ ގުޅޭގޮތުން ވަރަށް ފުންކޮށް ވާހަކަ ދެއްކުމުގެ ފުރްޞަތު ލިބުނު. އޭގެތެރޭގައި، ދިވެހިރާއްޖޭގައި އެކިއެކި ތަޢްލީމީ ކަންކަމަށް، އަދި މަތީ ތަޢްލީމު، ޚާއްޞަކޮށް، އަޅުގަނޑުމެންނަށް ޝަރީޢާ އެންޑް ލޯ އިންސްޓިޓިއުޓް ވަރުގަދަ ކުރުމަށް ޖަރުމަނު ސަރުކާރުގެ އެހީތެރިކަން ލިބޭނެ ކަމުގެ ފުރިހަމަ ޔަޤީންކަން މިހާރުވަނީ ލިބިފައި. އަދި ހަމައެހެންމެ، ދިވެހިރާއްޖޭގައި ހަކަތައިގެ އުފެއްދުން، ކަރަންޓް ދިނުމުގެ ކަންކަމަށް، ޔުޓިލިޓީ ކުންފުނިތަކަށް އެހީތެރިވެދެއްވާނެ ކަމަށްވެސް ޖަރުމަނު ސަރުކާރުން އަޅުގަނޑުމެންނަށް ވަރަށް ސާބިތުކަމާއެކީގައި ފާހަގަކޮށްދެއްވި. ޖަރުމަނުގައި، ޖަރުމަނުގެ ޑިވެލޮޕްމަންޓް ބޭންކެއް، ކޭ.އެފް.ޑަބްލިޔޫ ބޭންކާ އަޅުގަނޑުމެން ބައްދަލުކުރިން. އަދި އަޅުގަނޑުމެންނަށް ފެނުނީ އެބޭންކާ ބައްދަލުކޮށް، އަމިއްލަ ފަރާތްތަކަށް އެ ބޭންކް މެދުވެރިކޮށް ލޯނު ލިބޭނެ އުޞޫލުތައްވެސް އަޅުގަނޑުމެންނަށް ކަނޑައެޅިދާނެ ކަމަށް. އަދި ހަމަޖެއްސިދާނެ ކަމަށް. އެހެންވީމާ، އެބޭންކާ އެކީގައި އަޅުގަނޑުމެން ކުރިއަށް އޮތް ތަނުގައި މަސައްކަތް ކުރިއަށް ގެންދާނީ.

ޖަރުމަނުވިލާތަށްފަހު އަޅުގަނޑުމެން ދިޔައީ އައިސްލެންޑަށް. އައިސްލެންޑަކީ ދިވެހިރާއްޖެއާ ވަރަށް ގާތް އަދި ދިވެހިރާއްޖެއާ ވަރަށް އެއްގޮތްތަކެއް ގިނަ ޤައުމެއް. އެޤައުމުގެ ރައްޔިތުންގެ އާބާދީގެ ބޮޑުމިނަކީ ތިންލައްކަ މީހުން. އަދި އެމީހުން މައިގަނޑު މަސައްކަތެއްގެ ގޮތުގައި ކުރާ މަސައްކަތަކީ މަސްވެރިކަން. މަސްވެރިކަމުގެ ތެރެއިން އަދި އޭގެއިތުރުން އެމީހުންގެ ހުރިހާ ހަކަތައެއް އުފައްދަނީ، ތެޔޮ ބޭނުންކޮށްގެނެއް ނޫން. އިޢާދަކުރަނިވި ހަކަތައިގެ ގޮތުގައި، ޖިއޮތަރމަލް ހަކަތަ. ކަރަންޓް ބޭނުންކުރުމަށްޓަކައި އެމީހުން ތެލެއް ނާންދާ. އަދި ބޭރުން ތެޔޮ އިމްޕޯޓް ކޮށްގެނެއް އެ ބުރަ އެމީހުންގެ އިޤްތިޞާދަށް، އެޤައުމުގެ އިޤްތިޞާދަށް ފޯރާފައެއް ނޯވޭ. މީގެ ސަބަބުން އެޤައުމު މިހާރުވަނީ ޔޫރަޕްގެ އެންމެ މުއްސަނދި އެއްޤައުމަށްވެފައި. އަޅުގަނޑުމެންނަށް ފެނުނީ، އައިސްލެންޑްގައި ކަންކަން ކުރަމުން އަންނަގޮތް، ދިވެހި ސަރުކާރުން އަދި ދިވެހިރާއްޖެއިން ދެނެގަތުމަކީ، ރާއްޖޭގެ ތަރައްޤީއަށް އެކިއެކި ގޮތްގޮތުން ފައިދާކުރާނެ، ފަހިކުރާނެ ކަމެއްގެ ގޮތުގައި. އައިސްލެންޑްގައި މަސްވެރިކަންކުރާ ގޮތް އަޅުގަނޑުމެން ވަރަށް ގާތުން ވަރަށް ރަނގަޅަށް ބެލިން. އަދި އައިސްލެންޑްގައި ކަރަންޓް އުފައްދާ ގޮތްވެސް ވަރަށް ގާތުން ވަރަށް ރަނގަޅަށް އަޅުގަނޑުމެން ބެލިން. ދިވެހި ސަރުކާރުން މިހާރު މިގެންދަނީ، އައިސްލެންޑާއި ދިވެހި ސަރުކާރާ ދެމެދު އެއްބަސްވުމެއްގައި ސޮއިކުރުމުގެ ވާހަކަތައް ދެކެވެމުން. އެއީ، ދެސަރުކާރު ގުޅިގެން ރާއްޖޭގެ ތަރައްޤީއަށާއި އަދި އެހެނިހެން ކަންކަމަށް އެހީތެރިވެވޭނެ ގޮތްތައް ހޯދަމުން. އައިސްލެންޑްގެ ޔުނިވަރސިޓީތަކުން ރާއްޖޭގެ ދަރިވަރުންނަށް ސްކޮލަރޝިޕް ލިބޭނެ މަގުވެސް، މިދެންނެވި އެއްބަސްވުމަށް އަޅުގަނޑުމެންނަށް އާދެވުމުން، ހަމަޖެހިގެންދާނެ ކަމުގެ ވަރަށްބޮޑު ޔަޤީންކަމެއް އަޅުގަނޑަށް އެބައޮތް.

އައިސްލެންޑަށްފަހުގައި އަޅުގަނޑުމެން ދިޔައީ ސްވިޓްޒަރލަންޑަށް. ސްވިޓްޒަރލަންޑް ސަރުކާރުގެ އެކިއެކި ބޭފުޅުންނާ އަޅުގަނޑުމެން ވާހަކަ ދައްކައި ހެދިން. އަދި ހަމަ އޭގެ އިތުރުން، ސްވިޓްޒަރލޭންޑްގައި އެބޭފުޅުންގެ މައި މަރްކަޒު ހުންނަ ރޮތްސްޗައިލްޑް، ބެންޖަމިން ރޮތްސްޗައިލްޑްގެ ގްރޫޕާ އަޅުގަނޑު ވާހަކަ ދައްކައި ބައްދަލުކޮށް ހެދިން. އެބޭފުޅުންނާ އަޅުގަނޑުމެން ދެއްކި ވާހަކަތަކުގެ ތެރޭގައި، އަދި ވެވުނު އެއްބަސްވުންތަކުގެ ތެރޭގައި، ރާއްޖޭގެ ރަށްތަކަށް ރަނގަޅު އިތުބާރު ހުރި ގޮތުގައި އަދި މާޙައުލަށާއި ތިމާވެށްޓަށް ރައްކާތެރި ގޮތުގައި ހަކަތަ އުފައްދައި، ހަކަތަ ފޯރުކޮށްދިނުމަށް، ކަރަންޓް ފޯރުކޮށްދިނުމަށް، ކަރަންޓް ދިނުމަށް އެއްބަސްވުންތަކެއްގައި އަޅުގަނޑުމެން އެއްބަސްވިން. އޭގެދަށުން އެކަން ކުރެވޭނޭ އެންމެ ރަނގަޅު ގޮތަކީ ކޮބައިތޯ އެބޭފުޅުން ބެލުމަށް ހައެއްކަ މަސް ނަގާނެ. އަދި އެއަށްފަހު، އެގޮތަށް އެކަން ކުރުމަށް ފައިސާއާއި އަދި އެހެންވެސް އެހީތެރިކަން ހޯދޭނެ ގޮތްތައް އެގްރޫޕްގެ ފަރާތުން ދިވެހި ސަރުކާރަށް ފަހިކޮށްދޭނެ.

ސްވިޓްޒަރލަންޑަށްފަހު އަޅުގަނޑުމެން ދިޔައީ ފިންލެންޑަށް. ފިންލެންޑްގެ ސަރުކާރުގެ ވެރިންނާ އެކުގައިވެސް އަޅުގަނޑުމެން ވާހަކަ ދައްކައި ހެދީމު. އަދި އޭގެއިތުރުން ފިންލެންޑްގެ ކުންފުންޏެއް ކަމަށްވާ ވިންވިންޑް ކިޔާ ކުންފުންޏަކާއެކު އެއްބަސްވުމެއްގައި އަޅުގަނޑުމެން ސޮއިކުރީމު. އެއީ، ރާއްޖެއަށް 25 މެގަވޮޓްގެ ވައިގެ ހަކަތަ ދިނުމުގެ މަޝްރޫޢެއްގައި، އެބޭފުޅުންނާއެކީގައި ކުރިއަށް ދިޔުމަށްޓަކައި. އެ މަޝްރޫޢަށް އެހީތެރިވެދިނުމަށް މަސައްކަތްކުރާ އަނެއް ޖަމާޢަތަކީ، ފިންފަންޑް. އެއީ ފިންލެންޑް ސަރުކާރުގެ ފަންޑެއް. އަޅުގަނޑުމެން އެފަންޑްގެ ބޭފުޅުންނާވެސް ވާހަކަ ދައްކައި ހެދީމު.

އަޅުގަނޑަށް އަންހެނުންގެ ދުވަސް ފާހަގަކުރުމުގެ ނަޞީބު ލިބުނީ އަޅުގަނޑު ދެކޭގޮތުގައި އަދި ކިތަންމެ ގޮތަކުން ބެލިނަމަވެސް، މިވަގުތު ދުނިޔޭގައި ހުރި އެންމެ ބާރުގަދަ އަންހެން މީހާއާ އެކީގައި. އެއީ، ޖަރުމަނުގެ ޗާންސެލަރ އެންޖެލާ މާރކެލްއާ އެކީގައި. އަދި ހަމަ އަޅުގަނޑުމެން ފިންލެންޑްގެ ރައީސާއާއެކުވެސް، އަންހެން ބޭފުޅެއް، ތާޖާ ހެލޮނެން، ވަރަށް ގާތުން ވަރަށް ގިނަ ވާހަކަ ދެއްކުމުގެ ފުރްޞަތު ލިބުނު. އެނގިވަޑައިގަންނަވާނެ، ފިންލެންޑްގެ ރައީސާއަކީވެސް ދުނިޔޭގައި އަންހެނުންގެ ތަރައްޤީއަށް ވަރަށްގިނަ މަސައްކަތްތަކެއް ކުރައްވާފައިވާ ބޭފުޅެއް. ފިންލެންޑަކީ މުޅި ދުނިޔޭގައި އެންމެ ފުރަތަމަ އަންހެނުންނަށް ވޯޓް ދިނުމުގެ ޙައްޤު ލިބިދިން ޤައުމު. އެހެންވީމާ، އަޅުގަނޑަށް މިބޭފުޅުންނާއެކުގައި އެދުވަސްތައް ފާހަގަކުރުމުގެ ފުރްޞަތު ލިބުނީތީވެ، އެބޭފުޅުންގެ މަޝްވަރާތައް އަދި އެބޭފުޅުންގެ ލަފައާއި އަދި އެބޭފުޅުންގެ އެހީތެރިކަން ރާއްޖޭގެ އަންހެނުންގެ ތަރައްޤީއަށްޓަކައި ލިބިދެއްވާނެ ކަމުގެ ޔަޤީންކަންވަނީ ލިބިފައި.

އަޅުގަނޑަށް ފެނުނު ގޮތުގައި، އަޅުގަނޑުމެންނަށް މިކުރެވުނީ ވަރަށް ރަނގަޅު، ވަރަށް ކާމިޔާބު ދަތުރެއް. އިރާދަކުރެއްވިއްޔާ، މިދަތުރުގެ ސަބަބުން، އަޅުގަނޑުމެންގެ ރާއްޖޭގެ އެކިއެކި ރަށްރަށަށް، އެކިއެކި އެހީތެރިކަން ވަރަށް ކައިރި މުސްތަޤްބަލެއްގައި ފޯރުކޮށްދެވޭނެ.

އަޅުގަނޑުގެ އުންމީދަކީ އަޅުގަނޑުމެންނަށް މިއަދަށްވުރެ އަދި މާ ފާގަތި މާދަމައެއް ލިބުން. އަޅުގަނޑުގެ ދުޢާއަކީ، އަޅުގަނޑުމެންނަށް ދެދުނިޔޭގެ ބާއްޖަވެރިކަން ލިބުން.

والحمد للّـه. والسّـلام عليـكم