بســم اللّـه الرّحمـن الرّحيــم

السّـلام عليـكم

މިއަދަކީ، 5 މާޗް 2010 ވީ ހުކުރު ދުވަސް. އަޅުގަނޑު މިއަދު ތިޔަބޭފުޅުންނާ ރޭޑިޔޯގެ ޒަރީޢާއިން ބައްދަލުވާއިރު، ހަމަ ކުރިއަށް މިއޮތް އާދީއްތަ ދުވަހު އަޅުގަނޑު އެބަ 10 ދުވަހުގެ ދަތުރެއްގައި ރާއްޖެއިން ބޭރަށް ފުރަން. އެއީ، ޖަރުމަނުވިލާތަށް ކުރާ ރަސްމީ ދަތުރަކާއި، އައިސްލެންޑަށް ކުރާ ރަސްމީ ދަތުރަކާ އަދި ފިންލަންޑަށް ކުރާ ރަސްމީ ދަތުރެއްގައި. މިދަތުރަކީ މިދިޔަ އަހަރުއްސުރެ މިދެންނެވި ޤައުމުތަކުން މި ރާއްޖެއަށް ދެއްވާފައި އޮތް ދަޢުވަތެއް. އަޅުގަނޑު ޖަރމަނީއަށް، ޖަރުމަނުވިލާތަށްދާއިރު އެތަނުގައި މާޗް މަހުގެ 10 ވަނަ ދުވަހު އެނގިވަޑައިގަންނަވާނެ، މުޅި ދުނިޔޭގައި ބޭއްވޭ އެންމެބޮޑު ޓުއަރިޒަމް ފެއަރ ބޭއްވޭނެ. އެއީ، ރާއްޖެއަށް ވަރަށް މުހިންމު ފެއަރއެއް ނުވަތަ ވަރަށް މުހިންމު މަޢުރަޒެއް. އެތަނުގައި ރާއްޖެއަށް އަންނަ ޓޫރިސްޓުން ނުވަތަ ރާއްޖެއަށް ޓޫރިސްޓުން ގެންނަ ގިނަ ޓުއަރ އޭޖެންސީތަކާއި އަދި މި ވިޔަފާރީގައި އުޅޭ ބައިވެރިވާ އެތައް ބައެއް ބައްދަލުވެ، ވިޔަފާރީގެ ބައިވަރު މުޢާމަލާތްތައް ހިނގާނެ.

އަޅުގަނޑުމެންނަށް މިފަހަރު ނަޞީބު ދިމާކޮށްފައި މިވަނީ ވަރަށް ރަނގަޅަށް. ސަރުކާރުން މަސައްކަތް ކުރީ އަޅުގަނޑު ޖަރުމަނުވިލާތަށްދާ ދަތުރު ރަސްމީ ދަތުރެއް ކަމަށްވާތީވެ، އެދަތުރު އައި.ޓީ.ބީ.ގެ ފެއަރއާ އެކުގައި އެދުވަސްވަރު ބޭއްވޭގޮތް ދަތުރުން ހަމަޖެހިއްޖެނަމަ، އޭރަށް ދިވެހިރާއްޖެއަށް މިފެއަރގައި ލިބޭ، ހުއްޓޭ ނަޒަރު ނުވަތަ ދިވެހިރާއްޖެ އިޝްތިހާރުވާ މިންވަރު ޖަރުމަނުވިލާތުގައި އެތައް ތަނަކުން ބޮޑުވެގެންދާނެ. އެއީ ޚާއްޞަ ގޮތެއްގައި އަޅުގަނޑު ޖަރުމަނަށް މިކުރާ ދަތުރަކީ، ރަސްމީ ދަތުރަކަށްވާތީވެ، އެދަތުރާ ގުޅޭ ހުރިހާ މަޢްލޫމާތެއް، އެތަނުގެ ނޫސްތަކާއި ޓީ.ވީ. އިން ފެނިގެންދާނެ. ހަމައެއާއެކުގައި، އައި.ޓީ.ބީ ފެއަރ އެދުވަސްވަރު އޮތުމާއި، އަދި އަޅުގަނޑުވެސް އެ ފެއަރ ހުޅުވުމުގެ ރަސްމިއްޔާތަށް ދިއުމުގެ ދަޢުވަތު ލިބިފައިވާތީވެ، އަޅުގަނޑުމެންނަށް މިކަމުން ލިބޭނެ ފައިދާ އަޅުގަނޑުގެ ނަޒަރުގައި ބޮޑުވާނެ.

އަޅުގަނޑު މިދިޔަ ޖަނަވަރީ މަހުއްސުރެ މި މާޗް މަހާ ހަމައަށް މިދިޔަ ދުވަސްތަކުގައި އަޅުގަނޑަށް ރާއްޖޭގެ ގާތްގަނޑަކަށް ސަތާރަ، ވިއްސަކަށް ރަށަށް ދަތުރުކުރެވިއްޖެ. ރާއްޖޭގެ މިދެންނެވި ރަށްތަކުގެ ތެރެއިން އެއީ ހަމަ އުތުރާއި، ދެކުނާއި އަދި މެދުރާއްޖެތެރެއާވެސްއެކު. މިދެންނެވި ސަތާރަވަރަކަށް ރަށަށް މިއަހަރުގެ ތެރޭގައި އަޅުގަނޑަށް ދެވިއްޖެ. މިރަށްތަކުގެ ތެރެއިން އަޅުގަނޑަށް ފެނުނު އެތައް ކަމެއްގެ އިތުރުން، ފާހަގަކުރެވޭ އެއްކަމަކީ ޔުޓިލިޓީ ކުންފުނިތައް ނުވަތަ ކަރަންޓް ދިނުމަށް ސަރުކާރުން އުފައްދާފައިވާ ކުންފުނިތައް ޙަރަކާތްތެރިވަމުންދާ ރަށްރަށުގައި ކަރަންޓް ދިނުމުގެ ކަންތައްތައް ހިނގަމުންދާލެއް ކުރިއާ އަޅާބަލާއިރު ކިތަންމެ ތަނަކުން ރަނގަޅުކަމޭ. އަޅުގަނޑު އިލްތިމާސް ކުރާނީ، ރާއްޖޭގެ ހުރިހާ ރަށެއްގެ އިންޖީނުގެތައް ހިންގަވަމުން ގެންދަވާ ފަރާތްތަކަށް، މިއީ ރައްޔިތުންނަށް ފައިދާ ހުރި ކަމަށް ސަރުކާރަށް ވަރަށް ބޮޑަށް ބެލެވިގެން، ވަރަށް ބޮޑަށް ވިސްނާފައި، ވަރަށް ބޮޑަށް ދިރާސާކޮށް އެކުލަވައިލާފައިވާ ނިޒާމެކޭ. ޔުޓިލިޓީ ކުންފުނިތައް މެދުވެރިކޮށްގެން، އެކިއެކި ޕްރޮވިންސްތަކުގައި، އެ ޕްރޮވިންސްތަކަށް ކަރަންޓްގެ ޚިދްމަތް ފޯރުކޮށްދިނުން.

ކަރަންޓްގެ އިތުރުން، ޔުޓިލިޓީގެ ޚިދްމަތްތަކަށް ޔުޓިލިޓީ ކުންފުނިތަކަށް އަދި ފެނާއި ނަރުދަމާގެ ޚިދްމަތް ފޯރުކޮށްދިނުމާއި، މަގު ހެދުމުގެ ކަންތައް ކުރުމާއި، ބަނދަރުތައް ބެލެހެއްޓުމުގެ މަސައްކަތްވެސް ޙަވާލުކުރާގޮތަށް ސަރުކާރުގެ މިކަމާ ގުޅޭ ސިޔާސަތު އެކުލަވައިލެވިފައި އޮތީ. ބައެއް ބޭފުޅުން ބައެއް ރަށްރަށުގައި ޔުޓިލިޓީ ކުންފުންޏާ އިންޖީނުގެ ޙަވާލުނުކުރުމަށް ގަދައަޅައި މަސައްކަތްކުރާއިރުގައި، ހަމަ އެރަށްރަށުގެ އިންޖީނުގެތައް ހިންގުމުގެ ޙާލަތު އަދި އިންޖީނުގެތައް ހުރި ޙާލު އަޅުގަނޑަށް ފެނޭ. އަޅުގަނޑަށް އެނގޭ. މާދަމާ އިންޖީނެއް ހަލާކުވިޔަސް، އިންޖީނެއް ގެނެވޭނެ އިތުރު ގޮތެއް ނެތް. އަދި އިންޖީނު މަރާމާތު ކުރުމަށްވެސް ރަށުގައި އެ ލިބެން ހުރި މިންވަރަށްވުރެ އިތުރު ގޮތެއް، އިތުރު ކަމެއް ގެނެވޭނެ ގޮތެއްވެސް ނެތް. ޕްރޮވިންސްގެ ޔުޓިލިޓީ ކުންފުނިތަކުން މިކަން ހިންގާއިރުގައި، ބޮޑު ކުންފުންޏެއްގެ ބެލެނިވެރިކަމުގެ ދަށުގައި ހުރި އިންޖީނުގެތައް ހިނގަމުން އަންނައިރު، އެކުންފުނީގެ ފަރާތުން މާ ބޮޑަށް، މާ ރަނގަޅަށް އިންޖީނުގެތައް ބެލެހެއްޓޭނެ. ރައްޔިތުންނަށް ވަރަށް ސާފުކޮށް އެނގިވަޑައިގަންނަވާނެ، އިންޖީނުގެތައް ހިންގަމުން އަންނަ ކުންފުނިތައް، ނުވަތަ ހިންގަމުން އަންނަ ރަށްތަކުގައި އެ ކަރަންޓް ދިނުމުގެ ޚިދްމަތް ކުރިއާ އަޅާބަލާއިރު މިހާރު އެތައް ތަނަކުން ރަނގަޅުވެފައިވާނެ. އަޅުގަނޑު މިދަންނަވަނީ، ހުރިހާ ކަމެއް ރަނގަޅުވެފައި ހުރި ވާހަކައެއް ނޫން. އެހެން ނަމަވެސް، މިހާރު ކުރިއަށްވުރެ އެތައް ތަނަކުން ރަނގަޅުވާނެ. އަޅުގަނޑު ހަމަ ހުރިހާ ރައްޔިތުންނަށްވެސް އެދޭނީ، މި އިންޖީނުގެތައް ހިންގުމުގައި، ޔުޓިލިޓީ ކުންފުނިތަކާ ޙަވާލުކޮށްގެން އިންޖީނުގެތައް ހިންގީމައޭ، މިޒަމާނުގެ ތަރައްޤީއާ ދިމާއަށް އަޅުގަނޑުމެންނަށް ދެވެން އޮތީ. ރަށެއްގެ ގޮނޑުދޮށާ ހިސާބުން އެރަށެއް ހުއްޓޭގޮތަށް، ނިމޭގޮތަށް އަޅުގަނޑުމެން ވިސްނައިގެން ކަންކަން ކުރަމުން ގެންގޮސްފިނަމަ، އަޅުގަނޑުމެން މިއެދޭ ތަރައްޤީ، ކުރިއެރުން އަޅުގަނޑުމެންނަށް ހޯދުން ހަމަ އަޅުގަނޑު ދަންނަވާނީ ވަރަށް ބޮޑަށް ދަތިވާނެއޭ.

އިންޖީނުގެތަކުގެ އިތުރުން އަޅުގަނޑަށް ފެނުނު ފެނުމުގައި، ރަށްރަށުގެ ރައްޔިތުން ވަރަށްބޮޑު އަހަންމިއްޔަތުކަމެއްދޭ އަދި ވަރަށް ބޮޑަށް ބޭނުންވެފައިވަނީ ޞިއްޙަތުގެ ކަންކަން، ޚާއްޞަކޮށް ކުދިކުދި ރަށްރަށުގައި ޞިއްޙީ ޚިދްމަތް އެރަށުގެ ރައްޔިތުންނަށް ނުލިބޭކަމުން އެކަމާ އެ ރައްޔިތުން ވަރަށް ބޮޑަށް ކަންބޮޑުވޭ. އެކަން އެރައްޔިތުންނަށް ފޯރުކޮށްދިނުމަށްޓަކައި ސަރުކާރުން އިންތިޒާމު ކުރަމުން މިގެންދަނީ ސަރުކާރުގެ ދަތުރުފަތުރު ކުރުމުގެ ނިޒާމު. އަތޮޅުތަކަށް މި ނިޒާމުގެ ޚިދްމަތް ފޯރުކޮށްދެވުނީމާ، ސަރުކާރުން މިދެކެނީ ކުދިކުދި ރަށްރަށަށްވެސް، ކައިރީގައި ހުރި ބޮޑު ހޮސްޕިޓަލަށް ނުވަތަ ފުރިހަމައަށް ޚިދްމަތްދެވޭ ހެލްތް ސެންޓަރަކަށް ފަސޭހަކަމާއެކީގައި އައިސް ގޮސް އުޅެވޭނެއޭ. އަދި ހަމަ އޭގެއިތުރުން، ކުދި ރަށްރަށުގެ ހެލްތް ސެންޓަރުތައްވެސް މިހާރަށްވުރެ ބޮޑަށް ތަރައްޤީ ކުރުމަށް ސަރުކާރުން ނުހަނު މަސައްކަތް ކުރާނެ. އެއީ، ސަރުކާރުގެ ވަރަށްބޮޑު އަމާޒެއް. ފުރިހަމަ ޞިއްޙަތެއްގައި ތިބެގެން ނޫނިއްޔާ އަނެއްކާވެސް އަޅުގަނޑަށް ދެންނެވޭނީ، އަޅުގަނޑުމެން މިއެދޭ ތަރައްޤީ އަޅުގަނޑުމެން ހޯދަން ދަތިވާނެއޭ.

އަޅުގަނޑުގެ އުންމީދަކީ، އަޅުގަނޑުގެ ދުޢާއަކީ، އަޅުގަނޑުމެންނަށް މިއަދަށްވުރެ ފާގަތި މާދަމައެއް ލިބުން. އަޅުގަނޑުގެ ދުޢާއަކީ އަޅުގަނޑުމެންނަށް ދެ ދުނިޔޭގެ ބާއްޖަވެރިކަން ލިބުން.

والحمد للّـه. والسّـلام عليـكم

______________________