بســم اللّـه الرّحمـن الرّحيــم

السّـلام عليـكم

މިއަދަކީ، 19 ފެބްރުއަރީ 2010 ވީ ހުކުރު ދުވަސް. އެނގިވަޑައިގަންނަވާނެ، މިދިޔަ ހަފްތާގައި ޓިމޯރ ލެސްތޭގެ ރައީސް ރާއްޖެ ވަޑައިގެން އުޅުއްވުމަށްފަހު، ތިންދުވަހުގެ ދަތުރުފުޅެއް ނިންމަވައި ފުރާވަޑައިގެންނެވީ. އެ ތިންދުވަހުގެ ތެރޭގައި އަޅުގަނޑަށް ވަރަށް ގާތުން، ވަރަށް ގިނައިރު އެބޭފުޅާއާ އެކުގައި ވަގުތު ހޭދަކުރުމުގެ ފުރްޞަތު ލިބިގެންދިޔަ. އެ ފުރްޞަތުތަކުގެ ތެރޭގައި، އަޅުގަނޑަށް އެބޭފުޅާގެ ޙަޔާތުގައި، އެބޭފުޅާއަށް ބައެއް ކަންކަން ދިމާވެފައި ހުރި ގޮތާއި އަދި އެބޭފުޅާ އެކަންކަމުގެ އަލީގަޔާވެސްއެކު އަދި ހަމަ މުޅި ޖުމްލަކޮށް، އެބޭފުޅާގެ ޤައުމުގެ ކަންތައްތައް ކުރިއަށް ގެންދެވި ގޮތާ ގުޅޭގޮތުން ނުހަނު ގިނަ ވާހަކަ ދެކެވުނު.

އެނގިވަޑައިގަންނަވާނެ، އެރަށުގައި އެރަށް މިނިވަންވުމުގެ ކުރީގައި ހިނގާދިޔަ ކަންތައްތަކުގެ ތެރޭގައި، އެއްލައްކަ މީހުންނަށްވުރެ ގިނަ މީހުން މަރުވި. އަދި ޚާއްޞަކޮށް، އެންމެފަހު ވަގުތު އެންމެފަހު ހިނދުކޮޅުގެ ތެރޭގައި ދިއްލީގައި ޤަތުލު ޢާންމެއް ހިނގިގެންދިޔަ. ވަރަށްގިނަ މީހުން އެދުވަހުވެސް މަރާލެވުނު. މިހުރިހާ ކަމަކަށްފަހުގައިވެސް އަދި އެފަދަ ބޮޑު ހަނގުރާމައަކަށްފަހު އެރަށް މިނިވަންވެދިޔައީ. އަދި އެރަށު ރައްޔިތުންނަށް، އެމީހުންގެ އަމިއްލަ ސަރުކާރެއް އެކުލަވާލެވުނީ. އެހެން ނަމަވެސް، އެރަށުގެ ރައްޔިތުންނާއެކުގައި، އެރަށުގެ ރައީސް މަސައްކަތް ކުރައްވަމުން ގެންދަވާއިރު، އަޅުގަނޑަށް އެބޭފުޅާވެސް ހަމަ ދެއްކެވި ވާހަކައިންނާއި ވިދާޅުވި ބަސްތަކުން ސާފުވެގެންދިޔައީ، މި ބަދަލު ހިފުމުގެ ރޫޙުގައި އަޅުގަނޑުމެން ނުކުމެއްޖެނަމަ، އެއިން ލިބެނީ ކާމިޔާބު ނޫން ކަމަށް. އެއިން އަޅުގަނޑުމެންނަށް ގިނަފަހަރަށް ކުރިމަތިލާންޖެހެނީ ނާކާމިޔާބާ ކަމަށް.

އީސްޓިމޯރގައި ބަދަލު ހިފުމުގެ އެއްވެސް ރޫޙެއް ހުރި ކަމަކަށް އަޅުގަނޑެއް ނުދަންނަވާނަން. އަދި އަޅުގަނޑަށް ބޭރު ދުނިޔެއަކުން އެހެން ތަނަކުންވެސް އެފަދަ ރޫޙެއް އެބޭފުޅާގެ ކިބައިގައި ނުވަތަ އެޤައުމުގެ ވެރިންގެ ކިބައިގައި ހުރި ކަމަކަށް އަޅުގަނޑަކަށް ނުފެނުނު. އެހެންވީމާ، އަޅުގަނޑުމެންނަށް ކަންކަމުގައި ޢަމަލުކުރަންވީގޮތާ ގުޅޭގޮތުން ވިސްނާއިރު، މިކަންކަން އަބަދުވެސް ހިތުގައި ބެހެއްޓުމަކީ ވަރަށް މުހިންމު ކަމެއް.

އެނގިވަޑައިގަންނަވާނެ، ޑީ.އާރު.ޕީ.ގެ ކޮންގްރެސް މިދިޔަ ހަފްތާގެ ތެރޭގައި ނިމިގެން އެދިޔައީ. އަޅުގަނޑު އެ ޕާޓީގެ ހުރިހާ ބޭފުޅުންނަށް މަރްޙަބާ ދަންނަވަން. ޚާއްޞަކޮށް، މަގާމުތަކަށް އިންތިޚާބުވެވަޑައިގެންނެވި ބޭފުޅުންނަށް އަދި ހަމަ އެއާއެކުގައި މަގާމުތަކަށް އިންތިޚާބުވެވަޑައިނުގެންނެވި ބޭފުޅުންނަށްވެސް، އެ ސިޔާސީ ޕާޓީއެއްގެ ޑިމޮކްރެޓިކް ޙަރަކާތުގައި ބައިވެރިވެވަޑައިގެންނެވީތީވެ، އެބޭފުޅުންނަށް އަޅުގަނޑު ޝުކުރު ދަންނަވަން ބޭނުން.

އަޅުގަނޑު ހަމަ އެއާއެކުގައި ދަންނަވާލަން ބޭނުން. ސަރުކާރުން އެދެނީ، ހުރިހާ ސިޔާސީ ޕާޓީއަކާ އެކުގައި ވާހަކަ ދައްކައިގެން، މަޝްވަރާ ކޮށްގެން ކަންކަން ޙައްލު ކުރުމުގެ އުޞޫލު އިސްކުރުމޭ. މިވަގުތު އަޅުގަނޑުމެންނަށް އަޅުގަނޑުމެންގެ ރާއްޖޭގައި ވަރަށްގިނަ ކަންތައްތަކެއް މިއޮތީ ހަމަ ފުރިހަމަ ކުރެވޭ ގޮތަކަށް. އަޅުގަނޑުމެންނަށް ކުރިއަށް މިއޮތް ދެތިން ހަތަރު މަހެއްގެ ތެރޭގައި ނުހަނު ގިނަ މަޝްރޫޢުތައް މިއޮތީ ފެށްޓޭ ގޮތަށް. އަދި މި މަޝްރޫޢުތަކުގެ އިތުރުން ކިތަންމެ އެހެން ކަމެއް ވެގެންދާނެ. އަޅުގަނޑުމެންގެ ކަންކަން އަޅުގަނޑުމެންނަށް އެކުގައި ކުރެވޭނެ ކޮންމެވެސް އޮނިގަނޑެއް އެކުލަވައިލެވިއްޖެނަމަ. އެހެންވީމާ، އަޅުގަނޑު ޤަޞްދު ކުރަން އަދި އަޅުގަނޑު އެދެން ޑީ.އާރު.ޕީ.ގެ ޒަޢީމުގެ ކިބައިން، އަޙްމަދު ތަސްމީން ޢަލީގެ ފަރާތުން އަޅުގަނޑު އެދެން، ސަރުކާރާ ވާހަކަ ދައްކައިގެން، ރައްޔިތުންގެ މަޖިލީހުގައި ސަރުކާރުން ހުށަހަޅާފައި ހުރި ބިލްތައް، އެ މަޖިލީހުގައި އެބޭފުޅުންނަށްވެސް އޭގައި ފެނިވަޑައިގަންނަވާ ކަންތައްތައް ހިމަނައިގެން، އެ ބިލްތައް ގެންގޮސް އަޅުގަނޑުމެންނަށް ނިންމޭތޯ މަސައްކަތް ކުރުމަކީ އަޅުގަނޑު ވަރަށް އެދޭ ކަމެކޭ.

ޚާއްޞަ ގޮތެއްގައި، މިވަގުތަށް އަޅުގަނޑުމެން ކޮންމެހެން އެބަ ބޭނުންވޭ ޓެކްސް ނެގުމުގެ ބިލްތައް ވީހާވެސް އަވަހަކަށް އަޅުގަނޑުމެންނަށް ނިންމޭތޯ ބަލަން. އެނގިވަޑައިގަންނަވާނެ، އާމްދަނީ އިތުރުނުވަނީސް، އަޅުގަނޑުމެންނަށް ކުރެވެން ނެތް ކިތަންމެ ކަމެއް އެބަހުރި. އޭގެތެރޭގައި، ސިވިލް ސަރވިސް މުވައްޒަފުންގެ މުސާރަ އިޢާދަކޮށްދިނުމާއި، އަދި އެނޫންވެސް މިބާވަތުގެ ކިތަންމެ ކިތަންމެ ހިންގުމުގެ ކަމެއް، އާމްދަނީ އިތުރުކޮށްގެން ނޫނިއްޔާ މިވަގުތު ކުރެވޭކަށެއް ނެތް. ޓެކްސް ބިލްތައް އަޅުގަނޑުމެންނަށް ފާސްކުރެވުނީމާ އާމްދަނީ އިތުރުވެގެންދާނީ. އެނޫން ގޮތަކަށް އަޅުގަނޑުމެންނަށް ކަންކަން ކުރިއަށް ގެންދަން ވަރަށް ދަތިވާނެ.

ސަރުކާރު ހިންގުމުގައި މިހާރުން މިހާރަށް ފޫބައްދާން ބޭނުންވާ ފައިސާ އެއީ، މިހާރު އަޅުގަނޑުމެން އައި.އެމް.އެފް.އާ އެކުގައި މިގެންދާ ޕްރޮގްރާމްގެ ދަށުން، އެއްބަސްވުމުގެ ދަށުން އައި.އެމް.އެފް.އިން އެއްބަސްވެފައި ހުރި ފައިސާއާއި، އަދި ވާރލްޑް ބޭންކާއި، އޭޝިއަން ޑިވެލޮޕްމަންޓް ބޭންކާ، މި ތިން މުއައްސަސާ އެކުވެގެންނާއެކީގައި އަޅުގަނޑުމެންނަށް، ދިވެހި ސަރުކާރަށް އެހީތެރިކަން ފޯރުކޮށްދޭން މިވަނީ ނިންމަވާފައި. މިދިޔަ ހަފްތާގެ ތެރޭގައި، އޭގެ ތެރެއިން ބައެއް ލޯނު އެގްރީމެންޓްގައި ސޮއި ކުރުމުގެ ހުއްދަ އަޅުގަނޑު ވާނީ ޢަލީ ހާޝިމަށް އަރުވާފައި. ބައެއް ބޭފުޅުން މިކަމާ ގުޅޭގޮތުން އެއީ، ކޮންފަދަ އިންޓްރެސްޓެއްގައި އަދި ކޮން މުއްދަތެއްގެ ތެރޭގައި ދައްކަންޖެހޭ ލޯނުތޯ ސުވާލު އެބަ އުފެދޭ. ފިނޭންސް މިނިސްޓްރީއިން އެކަމުގެ ތަފްޞީލު ދެއްވާނެ. އެއީ ވަރަށް ކުޑަކުޑަ އިންޓްރެސްޓްގައި އަދި ވަރަށް ދިގު މުއްދަތުގައި އަނބުރާ ދައްކަންޖެހޭ ލޯނު. އެނގިވަޑައިގަންނަވާނެ، އެއީ ބައިނަލްއަޤްވާމީ މާލީ އިދާރާތަކުން އަޅުގަނޑުމެން ހޯދާ ލޯނު. އެހެންވީމާ، އެއީ ވަރަށް ކުޑަކުޑަ އިންޓްރެސްޓެއްގެ ދަށުން ނޫނިއްޔާ ނުނަގާ ބާވަތުގެ ލޯނު.

މީގެކުރިއާ ޚިލާފަށް މިފަހަރު މި މާލީ އިދާރާތަކުން ދިވެހި ސަރުކާރަށް މި ލޯނުތައް މިފޯރުކޮށްދެނީ ބަޖެޓް ސަޕޯޓްގެ ގޮތުގައި. މިދަންނަވާ ވާހަކައަކީ، ވަކި މަޝްރޫޢެއް ހެދުމަށް، ވަކިގޮތްތަކެއް ކަނޑައަޅައިގެން ހަމަ ސީދާ އެބޭފުޅުން އެފައިސާ ޚަރަދުކުރާ ގޮތަކަށެއް ނޫން. މިފައިސާ ހަމަ ލިބިގެން މިއަންނަނީ ސަރުކާރުގެ ބަޖެޓަށް. އެހެންވީމާ، ބަޖެޓް ފޫބެއްދުމަށްޓަކައި އަޅުގަނޑުމެން ހޯދާ ލޯނު.

އަޅުގަނޑުމެން މިލޯނުތައް ހޯދައިގެންވެސް، އަޅުގަނޑުމެންގެ ހިސާބުގައި އެބަޖެހޭ ސަރުކާރަށް ލިބޭ އެއްޗަކުން ފުއްދަން، ކުރިއަށް މިއޮތް މަދު އަހަރުކޮޅެއްގެ ތެރޭގައި އެކަންވާގޮތަކަށް ތަރުތީބު ކޮށްގެން އެކަން ކުރުން. އެހެންވީމާ، އަޅުގަނޑު މިދެކެނީ، މިހާރު އަޅުގަނޑުމެން އައި.އެމް.އެފް.އަށް ހުށަހަޅާފައިވާ ޕްރޮގްރާމްގައި އެވާ ގޮތަށް އަދި 2009 ވަނަ އަހަރު، 2010 ވަނަ އަހަރަށް ސަރުކާރުން ހުށަހެޅި ބަޖެޓުގައި އެވާ ގޮތަށް އަޅުގަނޑުމެންނަށް މަސައްކަތް ކުރެވުނީމާ، އަޅުގަނޑުމެން މިދެކެނީ، 2012 ވަނަ އަހަރު އަޅުގަނޑުމެންނަށް ޑެފިސިޓުން އަރައިގަނެވި ނުވަތަ ދަރަނިން އަރައިގަނެވި، ލިބޭ އެއްޗަކުން ފުއްދި އިރާދަކުރެއްވިއްޔާ އަރަނީގައިވެސް ތިބެވޭނެއޭ.

މިދިޔަ އަހަރުގެ ތެރޭގައި ހިނގާފައި ހުރި ބައެއް ކަންކަމުގެ ތެރެއިން އަޅުގަނޑަށް މިއަދު އަޅައިގެން އެއްކަމެއް. އެއީ، ސަރުކާރުގެ ގެޒެޓް ޗާޕްކުރަން ފެށިތާ މިދިޔަ ހަފްތާގައި އެއްއަހަރުވެގެން ހިނގައްޖެ. އެ ގެޒެޓް ޗާޕްކުރަން ފެށުމުން އަދި ގެޒެޓްގައި ސަރުކާރުގެ ހުރިހާ އިޢްލާނަކާއި، ސަރުކާރާ ގުޅޭ އެންމެހާ ދެންނެވުންތައް ޗާޕްކުރަން ފެށުމުން، ސަރުކާރުގެ މާލިއްޔަތަށް ތިރީސް މިލިއަން ރުފިޔާ ސަލާމަތް ކުރެވިއްޖެ. އެއީ، މީގެކުރީގައި އެކަން ހިނގަމުން އަންނަ ގޮތަކީ، ސަރުކާރުން ބޭނުންވާ އިޢްލާނުތަކާއި، އެބާވަތުގެ ޢާންމު މަޢްލޫމާތު ނޫސްތަކަށް މިދެނީ އިޢްލާނުގެ ގޮތުގައި ޝާއިޢު ކުރުމަށް. އެހެންވީމާ، އޭގެ ޚަރަދު އެތައް ތަނަކުން ބޮޑުވެގެންދޭ. އަދި އޭގެއިތުރުން ނޫސްތަކަށް، ވަކި ނޫހަކަށް ސަރުކާރުންދީފައި ދެން ނުދޭނީ ކޮން ނޫހަކަށްތޯ، މިބާވަތުގެ އެތައް އެތައް މައްސަލައެއް ދިމާވޭ. އެހެންވީމާ، ސަރުކާރުން ދުށީ އިންޞާފުވެރި ގޮތަކީ، ގެޒެޓްގައި މިކަންކަން ޝާއިޢު ކުރަމުން ގެންދިއުން ކަމަށް. އެހެންވީމާ، އަޅުގަނޑު މިދެކެނީ، އެމަސައްކަތް ވަރަށް ރަނގަޅަށް މިހާރު ކުރިއަށް ހިނގަމުންދާ ކަމަށް.

ހަމަ މިދިޔަ ހަފްތާގެ ތެރޭގައި، ޖަރނަލިސްޓް އެސޯސިއޭޝަނާވެސް އަޅުގަނޑުމެންނާ ބައްދަލުވި. އެއީ، ނޭޝަނަލް ޕްލޭނިންގ ކޮމިޝަންގެ ބައްދަލުވުމެއްގެ ތެރެއިން. އެބޭފުޅުންގެ ކަންބޮޑުވުންތަކެއް ހުރި މީޑިއާއާ ގުޅޭގޮތުން. ޚާއްޞަކޮށް، ތަމްރީނު ލިބި، ހުނަރުވެރި، ޤާބިލް، ކަމަށް އެކަށީގެންވާ މީހުން އެދާއިރާއަށް ތައްޔާރުވެފައި ނުވާތީވެ، އެމީހުން ތައްޔާރު ކުރުމުގައި ސަރުކާރުގެ ޕްލޭނެއް ނުވަތަ މަޝްރޫޢެއް، އެހީތެރިކަމެއް ރޭވިގެން އަންނާނީ ކިހިނެއްތޯ ދެނެގަތުމަށް. އަޅުގަނޑު ވަރަށް އުފާވޭ، ނޭޝަނަލް ޕްލޭނިންގ ކޮމިޝަނުން ނިންމީ، އެބޭފުޅުންގެ އެމައްސަލަތަކަށް ޙައްލެއް ގެނައުމަށް ސަރުކާރުން ކުރެވެންހުރި މަސައްކަތްތަކެއް ކުރުމަށް.

ހަމަ އެއާއެކީގައި އަދި އެތައް އެތައް ކަމެއް އެބަ މީޑިއާއާ ގުޅޭގޮތުން މިދިޔަ ހަފްތާގެ ތެރޭގައާއި އޭގެކުރީގެ ހަފްތާގެ ތެރޭގައި ހިނގަމުންއެބަދޭ. އެނގިވަޑައިގަންނަވާނެ، މީޑިއާގެ އެކިއެކި ޒަރީޢާތަކުން ނުވަތަ އެކިއެކި ވަސީލަތްތަކުން ޚަބަރުފަތުރަމުން ގެންދާއިރުގައި، ހުރިހާ ފަރާތަކަށް ގަބޫލެއް ނުކުރެވޭ، އެ އެންމެހާ މަޢްލޫމާތަކީ ޒިންމާދާރު ގޮތުގައި ފަތުރަމުންގެންދާ މަޢްލޫމާތު ކަމަކަށް. އަޅުގަނޑަށް މިދިޔަ ހަފްތާގެ ތެރޭގައި، ކަންބޮޑުވާ އެއްމައްސަލައަކަށް ދިމާވީ، ރައްޔިތުންގެ މަޖިލީހުގެ ޢިއްޒަތްތެރި މެންބަރަކު ޝަކުވާ ނުވަތަ އެބޭފުޅާ ކަންބޮޑުވުން މި ހާމަ މިކުރައްވަނީ، އެބޭފުޅާގެ ޢާއިލާއާ ގުޅޭގޮތުންނާއި، އެބޭފުޅާގެ މައިންބަފައިންނާ ގުޅޭގޮތުން ވަރަށް ބޭއަދަބީ ވާހަކަ، އެއްގޮތަކަށްވެސް ދައްކަންނުވާ ބާވަތުގެ ވާހަކަ، ބައެއް ޓީ.ވީ، ރޭޑިއޯ ސްޓޭޝަން މެދުވެރިކޮށް ދައްކާފައިވާ ކަމަށް. ދެން އެކަންކަމާ ސަރުކާރުން ކަންބޮޑުނުވަނީ ނުވަތަ ފިޔަވަޅެއް ނާޅަނީ ކީއްވެގެންތޯ އެބޭފުޅުން އެބަ ސުވާލު ކުރައްވާ. ދެން އަޅުގަނޑު ހަމަ ދަންނަވަން އޮތް ވާހަކައަކީ، ހުރިހާ ބޭފުޅުންވެސް ޒިންމާދާރުކަމާ އެކީގައި މިކަންކަން ބެލެހެއްޓީމާ ނޫނިއްޔަކާއެއް، އަޅުގަނޑުމެން މިއެދޭ ތަރައްޤީއާއި، އަޅުގަނޑުމެން މިއެދޭ ބާވަތުގެ މިނިވަން މީޑިއާއެއް ހޯދަން އަޅުގަނޑުމެންނަށް ދަތިވާނެއޭ. އަޅުގަނޑު އެ މެންބަރު އަރިހުގައި ދެންނެވިން، އަޅުގަނޑަށް ފެންނަނީ އެކަމުގައި އެ މެންބަރު އަޅަންހުރި ފިޔަވަޅެއް އަޅުއްވާށޭ. އަޅުގަނޑަކަށް އެ މެންބަރު އެހެން ކުރެއްވުމުގައި ހުއްޓާކަށެއް ދެންނެވޭކަށެއް ނެތް. އަޅުގަނޑުގެ ނަޒަރުގައިވެސް އެއީކީއެއް އެއްގޮތަކަށްވެސް، ޢާންމު މަޢްލޫމާތުގެ ގޮތުގައި މީޑިއާއަކުން ފަތުރަންވާނެ ވާހަކައެއް ނޫން.

މިދިޔަ ހަފްތާގެ ތެރޭގައި އަޅުގަނޑަށް އިތުރު އެހެން މަޢްލޫމާތެއް ހަމަ ލިބުނު. އުފާވެރި މަޢްލޫމާތެއް. އެއީ، 2010 ވަނަ އަހަރުގެ ޖަނަވަރީ މަހު ރާއްޖެއަށް ފަސްދޮޅަސް ހަތްހާސް ހަތަރުސަތޭކަ ހަތްދިހަ އަށް ޓޫރިސްޓުން ޒިޔާރަތްކުރި. އެއީ، މިދިޔަ ފަސް ހައަހަރަށް ބެއްލެވި ނަމަވެސް، ޖަނަވަރީ މަހެއްގައި ދުވަހަކުވެސް ރާއްޖެއަށް ޓޫރިސްޓުން އައިސްފައިނުވާ މިންވަރަކަށް، މިދިޔަ ޖަނަވަރީ މަހުގައި ރާއްޖެއަށް މިއޮތީ ޓޫރިސްޓުން އައިސްފައި. އެހެންވީމާ، އަޅުގަނޑު މި އުންމީދު ކުރަނީ، އަޅުގަނޑުމެންނަށް ޓޫރިސްޓުން އައުން މަދުވެފައިވާ މަދުވުމުން މިހާރު އަރައިގަނެވި، އަނެއްކާވެސް އަލުން އަނބުރާ އަޅުގަނޑުމެންނަށް އެވިޔަފާރި ރަނގަޅު ގޮތުގައި ކުރެވޭގޮތަށް މިއޮތީ މަގުފަހިވެފައޭ.

އިރާދަކުރެއްވިއްޔާ، އަޅުގަނޑު ދެކޭނީ، ފެބްރުއަރީ މަސްވެސް، މާޗްމަސްވެސް އަދި މިއަހަރުގެ ހުރިހާ މަހެއްވެސް އަޅުގަނޑުމެންނަށް މިކަމުގައި ރަނގަޅު ގޮތްތަކެއް ވަމުންދާނެ ކަމަށް. ކުރީ އަހަރަށްވުރެ މާބޮޑުތަކުން ކުރިއަރައިދާނެ ކަމަށް.

އަޅުގަނޑު ހަމަ ނިންމާލުމުގެ ކުރިން ދަންނަވާލަން ބޭނުން. އެނގިވަޑައިގަންނަވާނެ، އިންޑިޔާގެ ކުރީގެ ރައީސް ޢަބްދުލްކަލާމް ރާއްޖެ ވަޑައިގެން އެބަ އުޅުއްވާ. އަޅުގަނޑަށް ރޭގައިވަނީ އިންޑިޔާގެ ކުރީގެ ރައީސް ޢަބްދުލްކަލާމާ އެކުގައި ވަގުތުކޮޅެއް ހޭދަކުރުމުގެ ފުރްޞަތު ލިބިފައި. އެބޭފުޅާއާ އެކުގައި އަޅުގަނޑަށް މަޝްވަރާ ކޮށްލުމުގެ މިލިބުނު ވަގުތުކޮޅުގައި ވަރަށްގިނަގުނަ ކަންތައްތަކެއް އަޅުގަނޑަށްވެސް އޮޅުންފިލައިގެން އެނގިގެން ހިނގައްޖެ. ޢަބްދުލްކަލާމަކީ ދުނިޔޭގައިވެސް މަޝްހޫރު ސައިންޓިސްޓެއް. އެބޭފުޅާއަކީ ނިއުކްލިއަރ ސައިންޓިސްޓެއް. ރާއްޖެ ވަޑައިގެން އަޅުގަނޑުމެންނާ ބައްދަލުކޮށްލައްވައި، ރާއްޖޭގެ އެކިއެކި ކަންކަން ބައްލަވާލައްވާކަމީ، އަޅުގަނޑު ދަންނަވާނީ އަޅުގަނޑުމެންނަށް ލިބޭ ވަރަށްބޮޑު އުފަލެކޭ.

އަޅުގަނޑު މިއަދު ނިންމާލުމުގެ ކުރިން ހަމަ އެކުއެކަށް ދަންނަވަން އޮތް ވާހަކައަކީ، މިދިޔަ ހަފްތާއަކީ ވަރަށް އުފާވެރި ހަފްތާއެކޭ. އަޅުގަނޑުމެންނަށް ހިތްހަމަޖެހުން ލިބިގެންދިޔަ ހަފްތާއެކޭ. އިރާދަކުރެއްވިއްޔާ، ކުރިއަށް މިއޮތް ތަނުގައިވެސް އަޅުގަނޑުމެންނަށް ކަންކަން މިއަދަށްވުރެ އަދި މާ ރަނގަޅަށް ފަހިވެގެން އަދި ހިމުންވެގެންދާނެއޭ.

އަޅުގަނޑުގެ ދުޢާއަކީ، އަޅުގަނޑުމެންނަށް މިއަދަށްވުރެ ބާއްޖަވެރި މާދަމައެއް ލިބުން. އަޅުގަނޑުގެ ދުޢާއަކީ އަޅުގަނޑުމެންނަށް ދެދުނިޔޭގެ ބާއްޖަވެރިކަން ލިބުން.

والحمد للّـه. والسّـلام عليـكم

______________________