بســم اللّـه الرّحمـن الرّحيــم

السّـلام عليـكم

މިއަދަކީ، 12 ފެބްރުއަރީ 2010 ވީ ހުކުރު ދުވަސް. އަޅުގަނޑު މިއަދު މި ޕްރޮގްރާމް މެދުވެރިކޮށް، ތިޔަބޭފުޅުންނާ، ރާއްޖޭގެ ރައްޔިތުންނާއެކުގައި ޙިއްޞާ ކޮށްލަން ބޭނުންވާ މައިގަނޑު ނުކުތާއަކީ، ރާއްޖޭގެ މަސްވެރިކަމަށް ވަމުންދާގޮތާ ގުޅޭގޮތުން. މިދިޔަ ދެތިން މަސްދުވަހުގެ ތެރޭގައި، ދިވެހި ސަރުކާރުން މިވަނީ އެކަންކަން ހިނގަމުންދާގޮތާއި އަދި މަސްވެރިކަމަށް އަންނަމުންދާ ބަދަލުތަކާ، މިކަންކަމާ ގުޅޭގޮތުން އަނެއްކާވެސް އަލުން އަނބުރާ ޚާއްޞަ ނަޒަރަކުން ބަލައިލެވިފައި. ދިރާސާތަކެއް ކުރެވިފައި. މަޝްވަރާތަކެއްވެސް ހިންގިފައި. އަދި އެހެންވީމާ އެކަމާ ގުޅޭގޮތުން އާ ވިސްނުންތަކެއްވެސް ނެރެވިފައި.

ވަރަށްގިނަ ބޭފުޅުންނަށް އެނގިވަޑައިގަންނަވާނެ، މިދިޔަ ތިން ހަތަރު އަހަރު ދުވަހަށް ބެލިނަމަވެސް، ރާއްޖޭގެ މަސްވެރިކަން މިއަންނަނީ ދަށްވަމުން. މަސްވެރިން ބާނާ މަހުގެ ޢަދަދު މިއަންނަނީ ދަށްވަމުން. ހަމަ އެއާއެކީގައި، މަސްވެރިން ފާހަގަކުރަމުން އަންނަނީ، އެންވެރިކަންވެސް ދަށްވަމުން އަންނަ ކަމަށް. މިކަން މިހެން އޮތް ކަމުގައިވިޔަސް، އަޅުގަނޑުމެންނަށް، ސަރުކާރަށް ވަރަށް ފާހަގަވާ ގޮތެއްގައި އެނގޭ އެއް މަޢްލޫމާތަކީ، ލިބިފައިވާ އެއް މަޢްލޫމާތަކީ، އިންޑިޔާ ކަނޑުގައި މަސްއުޅޭ މިންވަރު ވަކި މީގެކުރީގެ ހައެއްކަ އަހަރާ އަޅާބެލިނަމަވެސް، އިންޑިޔާ ކަނޑުގައި މަސްއުޅޭ މިންވަރު މަދުނުވާކަން. އިންޑިއަން އޯޝަން ފިޝް ސްޓޮކް ހުރީ މީގެ ހަމަސް ދުވަހަށް ބެލިނަމަވެސް، އެއަށް މާބޮޑު ބަދަލެއް ނައިސްކަން. މިއީ، މިކަމާ ގުޅޭ މާހިރުން ފާހަގަކުރާ ނުކުތާއެއް. ކަން އޮތް ގޮތް ކަމަށް ވަރަށް ސާބިތުކަމާއެކީގައި މާހިރުން ބުނަމުން އަންނަ ވާހަކައެއް. މަސްއުޅޭ މިންވަރު ދަށްނުވާކަން.

ދިވެހި މަސްވެރިންގެ ތެރެއިން ވަރަށްގިނަ ބަޔަކު ޚާއްޞަކޮށް ދެކުނުގެ މަސްވެރިން ފާހަގަކުރޭ، އެންވެރިކަން ދަށްވާ ކަމަށްވެސް. މިކަމާ ގުޅޭގޮތުން ސަރުކާރުގެ ކަމާބެހޭ އިދާރާތަކުގެ ދިރާސާތަކަށް ފެންނަނީ، ރާއްޖޭގައި އެއްކިލޯ މަސް ބޭނުމަށް އެވްރެޖް ގޮތެއްގައި 35 ކިލޯ އެން ހޭދަކުރާ ކަމަށް. ބައެއް އެހެން ތަންތަނުގައި އެއީ، ހަމަ މިބާވަތުގެ ކަޅުބިލަމަހުގެ މަސްވެރިކަމުގައި، އެއްކިލޯ މަސް ބޭނިފައި އެބަހުރި، 9 ކިލޯ އެމުން. މި ރާއްޖޭގައި އެން ބޭނުންކުރާ މިންވަރު އާދަޔާ ޚިލާފަށް ގިނަކަން.

އިންޑިޔާ ކަނޑުގައި މަސްއުޅޭ މިންވަރު ދަށްނުވެ، އެހެން ނަމަވެސް ރާއްޖޭގައި މަސްބާނާ މިންވަރު މި ދަށްވަނީ ކޮންކޮން ސަބަބުތަކެއް މެދުވެރިވެގެންތޯ! މިކަމާ ގުޅޭގޮތުން ސަރުކާރުގެ ކަމާބެހޭ އިދާރާތަކުން މިދެންނެވިހެން ބަލަމުން އަންނަތާ މިހާރު ތިން ހަތަރު މަހެއްވެއްޖެ. ފާހަގަވާ ކަންތައްތަކެއް އެބަހުރި. ކޮންމެއަކަސް އެންމެ ބޮޑަށް އަޅުގަނޑަށް ފާހަގަވާ ކަމަކީ، މީގެ ހެޔޮ ޚަބަރު އެއީ ރާއްޖޭގައި މަސްވެރިކަން ދަށްވެފައިވީ ކަމުގައިވިޔަސް، އިންޑިޔާ ކަނޑުގައި މަސްހުރި މިންގަނޑު ދަށްނުވާ ކަމަށްވަނީވިއްޔާ، އޭގެ މާނައަކީ، އަޅުގަނޑުމެންގެ ތެރޭގެ ކަމަކާހުރެ އަޅުގަނޑުމެންނަށް މަސް ނުބޭނެނީއޭ. އެހެންވީމާ، އެކަމެއް އަޅުގަނޑުމެންނަށް ހޯދިއްޖެނަމަ، އަޅުގަނޑުމެންނަށް ގިނައިން މަސް، އަދި އިހުނަށް އެހެންޏާވެސް މިބާނާ އުޞޫލުން މަސްވެރިކަން ރަނގަޅުކޮށް، މިކަމަށް ބަދަލުގެނެވިދާނެ. އަޅުގަނޑުގެ ނަޒަރުގައި މީގައި ހެޔޮ ޚަބަރު ވަރަށްބޮޑު. ވަރަށް މުހިންމު.

އެނގިވަޑައިގަންނަވާނެ މިކަމުގެ ތެރޭގައި އުޅުއްވާ ބޭފުޅުންނަށް އަދި އެހެން ނޫނިއްޔާ މިކަމާ ގުޅޭގޮތުން ބައްލަވައި ވިސްނަވައި ހައްދަވާ ބޭފުޅުންނަށް، މިދިޔަ ދިހަވަރަކަށް އަހަރު ދުވަހުގެ ތެރޭގައި، ރާއްޖޭގައި މަހަށްދާ އޮޑި ވަރަށްބޮޑުތަނުން ބަދަލުވެއްޖެ. ޚާއްޞަކޮށް ވަރަށް ބޮޑަށް ބޮޑުވެއްޖެ. ސަތޭކަ ފޫޓަށްވުރެ ދިގުވެއްޖެ. މިއިން އޮޑިއެއް މަހަށް ފުރުވެނީ ވަރަށްގިނަ ޚަރަދުތަކެއް ކޮށްގެން. ޚާއްޞަކޮށް، ތެލުގެ ޚަރަދުވެސް އެހާމެ ބޮޑު. އެހެންވީމާ، މި ފެންނަ އެއް ޙަޤީޤަތަކީ ބޮޑު އޮޑިއެއް މަހަށް ފުރައިގެން ދެކޮޅު މިޖެހެނީ، އެ ފުރާ ކޮންމެ ދުވަހަކު ހަތަރު ޓަނު ފަސްޓަނު މަސް ބޭނީމާކަން. އެ ޢަދަދަށް މަސް ނުބޭނޭ ކަމަށްވަނީވިއްޔާ، ބޮޑު އޮޑިއެއް މަހަށް ފުރުން އެއީ، ދެކޮޅުޖެހޭ ކަމަކަށްނުވޭ. އެހެންވީމާ، މިދިޔަ ދެތިން އަހަރަށް ބަލައިލާއިރުގައި، މަހަށްފުރާ ޢަދަދު މިއޮތީ ވަރަށްބޮޑުތަނުން ދަށްވެފައި. މަހަށްފުރާ ޢަދަދު ދަށްވީމާ، މަސްބާނާ ޢަދަދުވެސް ދަށްވޭ. އެހެންވީމާ، އެކަމާ ގުޅޭ އާމްދަނީވެސް އަޅުގަނޑުމެންނަށް ދަށްވެގެންދަނީ.

ކުދި ދޯނިފަހަރު އެއީ އަށްޑިހަ ފޫޓަށްވުރެ ކުޑަ. މި ސައިޒުގެ ދޯނިފަހަރު މަހަށްފުރާ ޢަދަދު، ބޮޑެތި ދޯނިފަހަރާ އަޅާބަލާއިރު މާގިނަ. މި ދޯނިފަހަރަށް މަސްބޭނޭ ޢަދަދުވެސް. އެހެންވީމާ، އެއްދުވަހު ބޭނޭ ޢަދަދެއް ނޫން، ޖުމްލަކޮށް ބަލާއިރުގައި ބޭނޭ ޢަދަދުވެސް އެހެންވީމާ ރަނގަޅު. މިދެންނެވި ކަންކަމުން އަޅުގަނޑުމެންނަށް އަރައިގަނެވި ނުވަތަ އެކަންކަމަށް ޙައްލެއް ހޯދި އަދި އިތުރަށް މިކަންކަމާ މަޝްވަރާ ކުރެވި، ދޯނިފަހަރަށް ގެންނަންޖެހޭ ބަދަލެއް އޮތް ކަމަށްވާނަމަ، އެބަދަލު ގެނައުމާއި އަދި ރާއްޖޭގައި މަސްވެރިކަން ކުރަން އެންމެ ރަނގަޅު ދޯނީގެ ސައިޒަކީ ކޮބައިތޯއާއި، މިކަންކަމާ ގުޅޭގޮތުން އަދި އަޅުގަނޑުމެން އެބަ އިތުރަށް މަޝްވަރާކޮށް ގޮތްތަކެއް ނިންމާންޖެހޭ. އެހެން ނަމަވެސް، ދެންމެ އަޅުގަނޑު މިދެންނެވި ޙަޤީޤަތްތައް އެއީ މިހާތަނަށް އަޅުގަނޑުމެންނަށް ފާހަގަވެފައި ހުރި ބައެއް ކަންކަން.

އަޅުގަނޑުމެންނަށް ވިސްނޭ ވިސްނުމުގައި، މިކަމުގައި މި މަސްވެރިކަމަށް އައިސްމިވާ ހީނަރުކަމަށް ޙައްލެއް ހޯދާއިރު، ކުރު މުއްދަތުގައި ހިންގޭނެ ކަންތައްތަކަކާއި އަދި މެދު ރާސްތާގައި ހިންގަންޖެހޭ ކަންތައްތަކެއް އަޅުގަނޑުމެން އެބަ ފާހަގަކުރަންޖެހޭ. ކުރު މުއްދަތަށް ބަލާއިރު، ހަމަ މި ބޮޑެތި ދޯނިފަހަރުގެ ބޭނުން، ކަޅުބިލަމަސް ބޭނުމުގައި ނޫން ކަމުގައިވިޔަސްވެސް، އެ މަސްވެރިކަމުގައި ބޮޑެތި ދޯނިފަހަރު ބޭނުންކުރެވޭނެ ގޮތެއް އެބަ ހޯދަންޖެހޭ. މިކަމުގެ ބައެއް ތަޖްރިބާކާރުން އަޅުގަނޑަށް އެބަ ވިސްނުމެއް، ލަފައެއް އެބަދޭ. ދެކެވޭ މިވާހަކައަކީ ފަސް ހަދޯނީގެ ގްރޫޕް ހަދާފައި، މަސް ބާނަން ލޭނުއަޅަން ބޭރަށްގޮސް، އެ ގްރޫޕްގެ ތެރެއިން ހަމަ އެދުވަހެއްގައި ބޭނޭވަރަކަށް އެއްބަޔަކު އެނބުރި ރަށަށް އައިސް، އަނެއްބައި މީހުން ތިބެގެން މަސްވެރިކަންކުރާ އުޞޫލުން މަސްވެރިކަންކުރާ ފިކުރެއް. މީގައި ލޭނުއެޅުމަށް މަސްދޯނިފަހަރު ބަދަލުވުން، މި ބޮޑެތި ދޯނިފަހަރު ލޭނުއެޅުމަށް ބަދަލުވުން މިއީ، މީގެ މައިގަނޑު އެއް ވިސްނުމަކީ، ފިކުރަކީ.

އަޅުގަނޑަށް މަޢްލޫމާތު ލިބިފައި އޮތް ގޮތުގައި، މިބަދަލު ގެންނަން މިދޯނިފަހަރަށް ޚަރަދުތަކެއް ކުރަން ޖެހޭނެ. އެއީ، މެދު ރާސްތާގައި. މިހާރުން މިހާރަށްވެސް އަތުން އެމަސައްކަތް ކުރެވޭނެ. އަތުލޭން އެޅޭނެ. އަޅައިގެން މިމަސައްކަތުން ރަނގަޅު ފައިދާއެއް، އަދި ހަމަ ރަނގަޅު އާމްދަނީއެއް ހޯދޭނެ ކަމަށް އަޅުގަނޑަށް ބޭފުޅުން އެބަ ލަފާއަރުވާ. އަޅުގަނޑަށް ހީވަނީ އަޅުގަނޑަށް ފެންނަ ފެނުމުގައި އަދި އަޅުގަނޑަށް މަޝްވަރާ ކުރެވުނު މީހުންނާ، މިކަމުގައި ވާހަކަ ދެކެވުނު ފަރާތްތަކާ، ހޯދުނު ހޯދުންތަކާ، މިކަންކަމަށް ބަލާއިރުގައި، ބޮޑެތި ދޯނިފަހަރު ވީހާވެސް އަވަހަކަށް ލޭނަށް ބަދަލުވުން އެއީ ބުއްދިވެރި ކަމެއް. މަހަށްނުފުރާ ތިބުމުގެ ބަދަލުގައި އެހެން ގޮތަކަށްވެސް މިކަން ކުރެވެން އޮތްނަމަ، އެގޮތެއް ހޯދައި، އެގޮތަކަށް މަސްވެރިކަން ކޮށްގެން ކަނޑުމަހުގެ މަސްވެރިކަން ކޮށްގެން އާމްދަނީ އިތުރުކުރުމަކީ، އަޅުގަނޑަށް ހަމަ ޔަޤީން، ހުރިހާ މަސްވެރިންވެސް އަދި ރާއްޖޭގެ ހުރިހާ ރައްޔިތުންވެސް އެއްބަސްވާނެ ކަމެއް.

އެހެންވީމާ، އަޅުގަނޑަށް މިފެންނަނީ މަސްވެރިކަން ދަށްވެފައި މިވަގުތު އޮތްކަމުގައިވިޔަސްވެސް، އެއީ އަޅުގަނޑުމެން މާބޮޑަށް މާޔޫސްވާންވީ ކަމެއް ނޫނޭ. މިކަމުގައި ބުއްދިވެރިކަމާއި، ޙިކްމަތްތެރިކަމާއި، ވިސްނުންތެރިކަމާ އެކީގައި މަސައްކަތް ކޮށްފިއްޔާ، ދާދި އަވަހަށް އަޅުގަނޑުމެންނަށް އިތުރު ގޮތްތަކެއް ހޯދެން ފެށިދާނެ. އެހެންވީމާ، އަޅުގަނޑު މިކަން މިފާހަގަކުރަނީ މިދިޔަ ދެތިން މަހެއްގެ ތެރޭގައި ހަމައެކަނި އަޅުގަނޑަށް ކިޔުމަށް އަދި އަޅުގަނޑާ އެކުގައި މިކަމުގެ މާހިރުން ކޮށްފައިވާ މަޝްވަރާތަކުގެ މައްޗަށް އެކަނި ބުރަވެގެނެއް ނޫން. އަޅުގަނޑުވެސް ރާއްޖޭގެ މަސްވެރިކަމުގެ ބޮޑެތި ރަށްރަށަށް މިދިޔަ ދެތިން މަހެއްގެ ތެރޭގައި ގޮސްފީމު. އަދި އޭގެއިތުރުން، މަސްވެރިންނާވެސް އަދި މިކަމުގެ މާހިރުންނާވެސް އަޅުގަނޑަށް މިވަނީ މިދިޔަ ދެތިން މަހެއްހާ ދުވަހުގެ ތެރޭގައި މަޝްވަރާތަކެއް ކުރެވިފައި.

އަޅުގަނޑުގެ އުންމީދަކީ އަޅުގަނޑުމެންނަށް މިއަދަށްވުރެ އަދި މާ ފާގަތި މާދަމައެއް ލިބުން. އަޅުގަނޑުގެ ދުޢާއަކީ އަޅުގަނޑުމެންނަށް ދެދުނިޔޭގެ ބާއްޖަވެރިކަން ލިބުން.

والحمد للّـه. والسّـلام عليـكم