بســم اللّـه الرّحمـن الرّحيــم

السّـلام عليـكم

މިއަދަކީ، 5 ފެބްރުއަރީ 2010 ވީ ހުކުރު ދުވަސް. އަޅުގަނޑު މިއަދުގެ މިޕްރޮގްރާމްގައި، އަޅުގަނޑަށް ފެންނަ ފެނުމުގައި، އަޅުގަނޑަށް ލިބިހުރި މަޢްލޫމާތުގެ އަލީގައި، ރާއްޖޭގެ އިޤްތިޞާދީ އަދި މާލީ ކަންކަމާ ގުޅޭގޮތުން ބައެއް ނުކުތާ ފާހަގަކޮށްލުމަކީ، މިވަގުތަށް މުހިންމު ކަމެއްގެ ގޮތުގައި އަޅުގަނޑު ދެކެން.

އެނގިވަޑައިގަންނަވާނެ، މީގެ ތިން ހަތަރު ފަސް އަހަރެއް ކުރީގައި އަޅުގަނޑުމެންގެ ރާއްޖޭގައި ދައުލަތުގެ ބަޖެޓް ފާސްވަމުން އައިއިރުގައި، އެ ބަޖެޓުގެ ޢަދަދަކީ ގާތްގަނޑަކަށް ހަތް ބިލިއަން، އަށް ބިލިއަން ރުފިޔާ. މިހެން މިކަން ވަނިކޮށް، އަޅުގަނޑުމެންނަށް ފެނިގެންދިޔައީ، ކުއްލިއަކަށް އެ ބަޖެޓް ބާރަ ބިލިއަން ރުފިޔާއަށް ބޮޑުވެގެންދިޔަތަން. އެ ބޮޑުކުރި ކުރުމަށް، އެ ހަތް ބިލިއަން ރުފިޔާއިން ބާރަ ބިލިއަން ރުފިޔާއާ ދެމެދުގައި އެވާހާ ރުފިޔާއާ ގުޅޭ ބޭރު ފައިސާ ހޯދުމަށްޓަކައި ނުވަތަ ލިބޭނެ މަގެއްގެ ގޮތުގައި އަޅުގަނޑު ހިތުން އޭރުގައި ވިސްނިފައި އޮންނާނީ، ބިޑަށް ނެރެވުނު އިތުރު ފަސްދޮޅަސް ރިޒޯޓް ތަރައްޤީކޮށްގެން، އެ ރިޒޯޓުތަކުން ލިބޭނެ އާމްދަނީ. ޚަރަދު ބާރަ ބިލިއަން ރުފިޔާއަށް ބޮޑުކުރެވުނު. އެހެން ނަމަވެސް، މިއަދު އަޅުގަނޑުމެން އެންމެންނަށްވެސް އެނގޭ، އެ ފަސްދޮޅަސް ރިޒޯޓްގެ އާމްދަނީއެއް ދައުލަތަކަށް ހަމަ އެއްގޮތަކަށްވެސް ނުލިބޭ. އޭގެތެރެއިން، ދެތިން ހަތަރު ތަނެއް މެނުވީ ނިމިގެން ހުޅުވިފައެއް ނެތް. އަދި ކުރިއަށް އޮތް ތަނުގައި އިތުރު ގިނަ ތަންތަން ހުޅުވިދާނެ ކަމަކަށްވެސް ލަފައެއް ނުކުރެވޭ.

އެހެންވީމާ، އަޅުގަނޑުމެންނަށް މި ޚަރަދު ބޮޑުވި މިންވަރު ކިތަންމެ އަހަރެއް ވަންދެން، މިދިޔަ ތިން ހަތަރު ފަސް އަހަރުވެސް އެ މިންވަރާ އެއްވަރަށް އާމްދަނީ އިތުރު ނުކުރެވުނީމާ، އެ ދެމެދު ބެއްދުމަށް ދައުލަތުން އައީ ފައިސާ ޗާޕް ޖަހަމުން. އަޅުގަނޑުމެންގެ އިޤްތިޞާދުގެ ތެރޭގައި، ފައިސާ ގިނަވެގެންގޮސް ތަކެތީގެ އަގު ނުހަނު އުފުލިގެން ހިނގައްޖެ. މަދު ބޭރު ފައިސާކޮޅެއް އެއާ ނުބައްދަލު ޢަދަދަކަށް ދިވެހި ފައިސާ ހުރީމާ، ދިވެހި ރުފިޔާގެ އަގު ދަށްވެގެން ދަނީ. ހަމަ އެއާ ގުޅިގެން ތަކެތީގެ އަގު އުފުލިގެންދަނީ.

ސަރުކާރުގެ އިޤްތިޞާދީ އަދި މާލީ ސިޔާސަތަކަށްވެފައި މިއޮތީ އެހެންވީމާ، ސަރުކާރުން ވިސްނީ މިކަމަށް އޮތް ޙައްލަކީ ރުފިޔާގެ ޢަދަދު ދަށްކުރުމޭ. ހަމައެއާއެކީގައި އާމްދަނީ އިތުރުކުރުމަށް މަސައްކަތް ކުރުމޭ. ޚަރަދު ކުޑަކުރުމާ ގުޅޭގޮތުން އަޅުގަނޑު ހިތުން މިހާރު އަޅުގަނޑުމެން އެންމެންނަށްވެސް ކިތަންމެ ވާހަކައެއް މިވަނީ ދެކެވިފައި. ހަމައެއާއެކު، އާމްދަނީ އިތުރުކުރުމާ ގުޅޭގޮތުންވެސް އަޅުގަނޑުގެ ނަޒަރުގައި އަޅުގަނޑުމެން ގިނަގުނަ ބަޙުޘްތަކެއް ފަށަންވެއްޖެ. ފަސްދޮޅަސް ރަށުން ތަރައްޤީ ކުރުމަށް ނިންމާފައި އޮތީ ބާރަހާސް އެނދު. އެ ބާރަހާސް އެނދު ތަރައްޤީއެއްނުވި. އެހެންވީމާ، އެ ފޫބެއްދޭނެ އަވަސް ގޮތެއް އޮތްތޯ ވިސްނުމަކީ އަޅުގަނޑުގެ ނަޒަރުގައި ސަރުކާރުގެ ވާޖިބެއް.

ރިޒޯޓްފަހަރު އިތުރަށް ތަރައްޤީ ކުރަމުންދާއިރުގައި ސަރުކާރުން ގެންގުޅެންވީ ސިޔާސަތަކާއި، އެކަން ކުރުމަށް ކަނޑައަޅަންވީ ގޮތްތަކެއް އަޅުގަނޑުމެން އެބަޖެހޭ ވިސްނަން. މިހާރު ކަންވެފައި ހުރި ގޮތް ކަމަށް އަޅުގަނޑަށް މަޢްލޫމާތު ލިބިފައި ހުރީ ރާއްޖޭގެ ރިޒޯޓްތަކުގެ ވަރަށްގިނަ ތަންތަނަކީ އަޕް މާކެޓްގެ ނުވަތަ ވަރަށް އަގުބޮޑުކޮށް ވިއްކިފައި ހުންނަ ކޮޓަރި ނުވަތަ ޗުއްޓީ. މި އަގުބޮޑު މާކެޓަށް ނުވަތަ އަގުބޮޑުކޮށް ވިއްކައިގެން ރާއްޖޭގައި މިހާރު މިހުރި އެނދުތަކުގެ އެކަށީގެންވާ މިންވަރެއް މިދަނީ ބޭނުންކުރެވެމުން. އަޅުގަނޑުމެން ރާއްޖޭގައި ހަތްދިހަފަސް ޕަސެންޓާ ހަމައަށް ބެޑް އޮކިއުޕެންސީ ރޭޓް އެއަށްވުރެ ދަށްކޮށް ވަރަށްމަދު ފަހަރެއްގައި ނޫނީ ނުހުރޭ. އިތުރުކުރާނަމަ، ކުރާނީ ދެން ކުރަންވީ ހަމަ އަގުބޮޑުކޮށް ވިއްކާ މާކެޓްގެ ބައިންތޯ ނުވަތަ އެހެން ބާވަތެއްގެ ޗުއްޓީއެއް ރާއްޖޭގައި ދެވިދާނެތޯ! މިސުވާލާ ގުޅޭގޮތުން ޓޫރިޒަމް އިންޑަސްޓްރީގެ ބޭފުޅުންނާއެކު ކިތަންމެ ފަހަރަކު އަޅުގަނޑުމެންނަށް ވަނީ މަޝްވަރާ ކުރެވިފައި. އަދި ކުރިއަށް މިއޮތް ދުވަސްތަކުގައިވެސް ސަރުކާރުން ދާނީ އެކިއެކި ފަރާތްތަކާ މިކަމާ ގުޅޭގޮތުން މަޝްވަރާ ކުރެވެމުން.

މިޑް މާކެޓެއް ނުވަތަ މިހާރު މިދޭ ޗުއްޓީއަށްވުރެ ތަންކޮޅެއް އަގުހެޔޮކޮށް ވިއްކޭ ޗުއްޓީއެއް ރާއްޖޭގައި ތަޢާރުފު ކުރެވިއްޖެނަމަ، އަދި އިތުރު އެތައް ފަތުރުވެރިންނެއް ރާއްޖެއަށް ގެނައުމަކީ ވަރަށް އެކަށީގެންވާ ކަމެއް ކަމަށް ވަރަށްގިނަ އިޤްތިޞާދީ މާހިރުން އެބަދެކޭ. އެދިމާއަށް ދިޔުމަށްޓަކައި އެ އެނދުތައް އުފައްދާނެ ގޮތަކީ ކޮބައިތޯ ވިސްނާއިރުގައި، މީގެކުރީގައި ޓެންޑަރުގެ އުޞޫލުން އެކަން ކުރަމުން ގެންދިޔަގޮތަށް ކަން ކުރަމުން ގެންދިޔައީމާ، ހެޔޮ ނަތީޖާއެއް ނުކުމެފައި ހުރި ކަމަކަށް ބުނެވޭކަށެއް ނެތް. ޓެންޑަރ ކުރެވޭ ރަށްތައް، ބީލަމަށްލެވޭ ރަށްތައް ތަރައްޤީވެފައި މިހުންނަނީ ވަރަށް މަދުން. ގިނަފަހަރަށް ހަމަ ފަޅު ރަށެއްގެ ގޮތުގައި އެރަށްރަށް އޮންނަނީ. އެހެންވީމާ، ދެން މިކަން ކުރާއިރުގައި އަޅުގަނޑުމެން ގެންގުޅޭނެ ވިސްނުމަކީ ގޮތަކީ ކޮބައިތޯ އެބަ ބަލަންޖެހޭ. ޓޫރިޒަމާ ގުޅޭ ޤާނޫނު ބުނާގޮތަށް ނޫން ގޮތަކަށް ހަމަކަށަވަރުންވެސް މިކަމެއް ނުހިންގޭނެ. އަދި ހަމައެހެންމެ، ކޮރަޕްޝަނަށް މަގުފަހިވާ ގޮތަކަށް ހަމަކަށަވަރުންވެސް މިއިން ކަމެއް ނުހިންގޭނެ.

މިދެންނެވި އިންތަކުގެ ތެރެއިން ދެން ހަމައެއާއެކީގައި މަސައްކަތްތައް ހިނގާނެ ގޮތަކަށް ބީލަން ހިންގެންޖެހޭނެ. އެ ހިންގޭ އުޞޫލަކުން ބީލަން ހިންގާފައި ރާއްޖޭގައި އިތުރު އެނދު ތަރައްޤީ ކުރެވޭނެ ފުރްޞަތުތަކެއް އަޅުގަނޑުމެން އެބަ ހޯދަންޖެހޭ. އަޅުގަނޑުމެންގެ އާމްދަނީ އިތުރުކުރާއިރު، އާމްދަނީ އިތުރުކުރަން ފިކުރު ކުރަންވީ ހަމައެކަނި ޓޫރިޒަމުން ލިބޭ އާމްދަނީއެއް ނޫން. އަޅުގަނޑުމެންނަށް ތަރައްޤީ ކުރެވެންހުރި ކިތަންމެ އެހެން ބާވަތެއްގެ މަސައްކަތެއް އެބަހުރި. ޚާއްޞަކޮށް، ފަރުމަހާއި، ކަނޑުމަހާއި އަދި އެނޫންވެސް ކަނޑުން ލިބޭ އެކިއެކި ބާވަތްތަކުގެ ވިޔަފާރި ތަރައްޤީ ކުރެވެން އެބަހުރި. ހުއިފިލަނޑާ ބޭރުކުރުން، ފަރުމަސް ބޭރުކުރުން، ބޮޑުކަންނެލި ބޭރުކުރުން، އިހި ނެގުން އަދި މިނޫންވެސް މިބާވަތުގެ ކިތަންމެ މަސައްކަތެއް ރާއްޖޭގެ އެކިކަންކޮޅުތަކުގައި އެކިމިންވަރަށް ހިނގަމުންދޭ. އެމަސައްކަތްތައް ތަރައްޤީ ކުރެވޭނޭ ގޮތްތަކެއް ހޯދުމަކީ، ސަރުކާރުން ގަދައަޅައި މަސައްކަތް ކުރަން ޖެހިފައިވާ ކަމެއް. އެ މަސައްކަތްތަކުން އެކަށީގެންވާ އާމްދަނީއެއް، އެ މަސައްކަތްތައް ކުރާ ފަރާތްތަކަށް ލިބިދާނެކަމީ ކަށަވަރު ކަމެއް. އަޅުގަނޑުމެންނަށް އެދިމާއަށް މަސައްކަތް ކުރެވިއްޖެނަމަ، މިދެންނެވި އެހެން ޞިނާޢަތަކުން ހޯދޭނެ އިތުރު އާމްދަނީވެސް އެއީ ދިވެހި ދައުލަތުގެ މާލިއްޔަތުގެ ތެރެއަށް، އިޤްތިޞާދުގެ ތެރެއަށް ގެނެވެންހުރި އާމްދަނީ ކަމަށް ސަރުކާރުން ދެކޭ. އެހެންވީމާ، މިދެންނެވި ބާވަތުގެ މަސައްކަތްތައް މިހާރަށްވުރެ ހަލުވިކޮށް ކުރިއަށް އެރުވުމަށްޓަކައި ސަރުކާރުގެ މަޝްރޫޢުތައް ރޭވިގެންދާނެ. އިރާދަކުރެއްވިއްޔާ، ލަސްތަކެއްނުވެ މި މަސައްކަތްތަކުން ލިބޭ ފައިދާ ނުވަތަ ލިބޭ ނަފާ އިތުރުވެގެންދާތަން އަޅުގަނޑުމެންނަށް ފެންނާނެ.

އެނގިވަޑައިގަންނަވާނެ، މިދިޔަ އަހަރުގެ މަސްވެރިންގެ ދުވަހު އަޅުގަނޑު ފާހަގަކޮށްފައިވާނެ، މިއަންނަ އަހަރުގެ މަސްވެރިންގެ ދުވަސް އެއީ، މިއަހަރުގެ މަސްވެރިންގެ ދުވަސް. އެދުވަސް ޚާއްޞަކުރުން ބުއްދިވެރިވެގެންވެއޭ، އެދުވަސް އެއީ ފަރުމަހާއި އަދި އެކުއަކަލްޗަރއާ، މިބާވަތުގެ އެހެނިހެން މަސްވެރިކަމާ ގުޅޭގޮތުން ބޭއްވޭ އެގްޒިބިޝަނެއްގެ ގޮތުގައި މަސްވެރިންގެ ދުވަސް ފާހަގަކުރުމަށް. އެކަމަށް މިނިސްޓްރީ އޮފް ފިޝަރީޒުން މިހާރުވެސް މަސައްކަތްތަކެއް ކުރަމުން އެބަދޭ. އަދި ނޭޝަނަލް ޕްލޭނިންގ ކައުންސިލުންނާއި، ޕްރައިވަޓައިޒޭޝަން ކޮމިޓީއިންވެސް މިމަގަށް އެބަ މަސައްކަތްތަކެއް ކުރެވޭ. އަޅުގަނޑު މިވާހަކަ، މިނުކުތާ މިގޮތަށް ފާހަގަކޮށްލަން ބޭނުންވީ، އަޅުގަނޑުގެ ނަޒަރުގައި މި މައުޟޫޢުގައި އަޅުގަނޑުމެން ބަޙުޘް ހިންގުމަކީ، ބުއްދި ހިންގުމަކީ، އަޅުގަނޑުމެންގެ ރާއްޖެއަށް ފައިދާވާނެ ކަމެއް. އަޅުގަނޑުމެންނަށް އިތުރު އާމްދަނީ ހޯދޭނެ. އެ އާމްދަނީ ހޯދުމަށް ރަނގަޅު ރޭވުންތަކެއް ރާވައި، ރަނގަޅު އޮނިގަނޑުތަކެއް ޤާއިމު ކުރެވިއްޖެނަމަ، އަޅުގަނޑުމެންގެ ދިރިއުޅުން މިހާރަށްވުރެ ތަނަވަސް ކުރެވޭނެ. އަޅުގަނޑުމެން އަބަދުވެސް ދެކެނީ، އަޅުގަނޑުމެންގެ ރާއްޖެއަކީ ޤުދްރަތީ ވަސީލަތްތައް ގިނަ ތަނަވަސް ޤައުމެއް ކަމަށް. އަޅުގަނޑުމެންނަށް މިއަދު މިއޮތީ އެ ވަސީލަތްތަކުގެ ބޭނުން ހިފަން ޖެހިފައި. އެ ވަސީލަތްތައް ތަރައްޤީ ކުރަން ޖެހިފައި.

އަޅުގަނޑުގެ އުންމީދަކީ، އަޅުގަނޑުގެ ދުޢާއަކީ، އަޅުގަނޑުމެންގެ ރާއްޖެއަކީ މިއަދަށްވުރެ އަދި މާ ފާގަތި މާދަމައެއް ދެކޭނެ ރާއްޖެއަކަށްވުން. އަޅުގަނޑުގެ ދުޢާއަކީ، އަޅުގަނޑުމެންނަށް ދެ ދުނިޔޭގެ ބާއްޖަވެރިކަން ލިބުން.

والسّـلام عليـكم. والحمد للّـه.