بســم اللّـه الرّحمـن الرّحيــم

السّـلام عليـكم

މިއަދަކީ، 29 ޖަނަވަރީ 2010 ވީ ހުކުރު ދުވަސް. އަޅުގަނޑު މިއަދު ފުރަތަމަ ފާހަގަކޮށްލަން އެދެނީ، އެނގިވަޑައިގަންނަވާނެ، މާލޭގެ ކަރަންޓްގެ ފީ، އެކުންފުނީގެ ފަރާތުން މައްޗަށް ގެންދިއުމާ ގުޅިގެން، ރައްޔިތުންގެ ތެރެއިން ވަރަށްގިނަ ބަޔަކަށް މިކަމުގައި ދަތިތަކަކާ ދިމާވި. އެންމެ ފުރަތަމައިނުންވެސް ސަރުކާރުން ވިސްނާފައި އޮތްގޮތަކީ، ކަރަންޓްގެ ފީ މައްޗަށްދިޔަ ކަމުގައިވިޔަސްވެސް އާމްދަނީ މަދު ޢާއިލާތައް ނުވަތަ ދަތިވާނެ ޢާއިލާތައް ފާހަގަކޮށް، އެ ޢާއިލާތަކަށް ސީދާ ހިލޭ އެހީއެއް ދިނުން. ސަރުކާރަށް ދިމާވި އުނދަގުލަކީ މިދެންނެވި ޢާއިލާތައް ފާހަގަކުރުމަށް ދަތިތަކަކާ ދިމާވީ. އަޅުގަނޑު މިދަންނަވާ ވާހަކައަކީ، ސަރުކާރުން އެފޯމްތައް ފޮނުވީމާ، އެފޯމްތައް ސަރުކާރަށް އަނބުރާ ދިނުމުގައި ދަތިތަކަކާ ދިމާވީ. ފޯމްތައް މުޅިން ނުނިމި ވަނިކޮށް އަޅުގަނޑުމެންނަށް ކަރަންޓް މައްޗަށް ގެންދާން ޖެހުނީ. ޖެހުނުއިރުގައި ދަތިވާނީ ކޮން ބަޔަކަށްތޯ ކުރިއަށް އަންދާޒާ ކުރެވިފައި އޮތް އޮތުމަށް ސީދާ ބަރާބަރު ޙައްލެއް، ރަނގަޅު ޙައްލެއް ނުކުމެގެންނައީ. އެހެންވީމާ، މިކަމުގައި އެއްމަސްވެގެންދިޔައީ މިކަން ސާފުކުރުމުގައި. އިރާދަކުރައްވައިގެން މިހާރު ސަރުކާރަށް މިވަނީ ސީދާ ހިލޭ އެހީ، ސަބްސިޑީ ދޭނެ ފަރާތްތަކެއް ފާހަގަކުރެވިފައި. މިހާރު ފާހަގަކުރެވިފައިވާ ފަރާތްތަކުގެ ތެރެއިންވެސް އަދި ބަދަލުއައުމަކީ ނެތް ކަމެއް ކަމަކަށް އަޅުގަނޑު ނުދެކޭނަން. ފާހަގަވެފައިވާ ސަބްސިޑީއެއް، ހިލޭ އެހީއެއް ޙައްޤުވާ ކަމަށް މިހާރު ފާހަގަވެފައިވާ ފަރާތެއް އެއީ، ޙައްޤުނުވާ ފަރާތެއްގެ ގޮތުގައިވެސް ފަހުން ކަނޑައެޅިގެން ހިނގައިދާނެ މަޢްލޫމާތު ލިބި ސާފުކުރުމުގެ މަސައްކަތްތައް ކުރިއަށްދާ ގޮތަކުން. އަދި މިހާރު ސަބްސިޑީ ނެތް ފަރާތަކީ، ޙަޤީޤަތުގައި ސަބްސިޑީ ޙައްޤުވާ ފަރާތެއްގެ ގޮތުގައިވެސް ފާހަގަވެގެން ހިނގައިދާނެ.

އަޅުގަނޑުމެން މިކަމުގައި ހަމަ ފާހަގަކޮށްލަންޖެހޭ އެއްނުކުތާއަކީ، ކަރަންޓްގެ ޚިދްމަތް ބޭނުންކުރަމުން އެދަނީ ކޮންމެހެން ކަރަންޓް މީޓަރު ރަޖިސްޓްރީވެފައިވާ ފަރާތެއް ނޫނޭ. މިސާލަކަށް، އެނގިވަޑައިގަންނަވާނެ، ވަރަށްގިނަ ބޭފުޅުންގެ ގެދޮރު މިވަނީ ރަނގަޅު ފެންވަރަކަށް ހެދިފައި. އަދި ބައެއްފަހަރަށް ކުއްޔަށްދެވިފައި. ދެވިފައިވާއިރު އެއްމެދު ޢިމާރާތެއްގެ ގޮތުގައި ބޭނުންކުރަމުން ގެންދާއިރުގައި، އެކިއެކި ފްލޯރ ފްލޯރގައި، އެކިއެކި ބުރިބުރީގައި ދިރިއުޅެމުން ގެންދަނީ ކުއްޔަށް އެކި ރަށްރަށުން މާލޭގައި އައިސް، ވަޒަންވެރިވެ މަސައްކަތް ކުރަމުންގެންދާ ޢާއިލާތައް. އެހެންވީމާ، ކަރަންޓް ބިލް ދެއްކުމުގައި ދަތިތަކެއް ދިމާވާނީކީއެއް އަބަދުމެ، މީޓަރު ރަޖިސްޓްރީ ކުރެވިފައިވާ ފަރާތަކަށެއް ނޫން. އެ މީޓަރުން ކަރަންޓް ބޭނުންކުރަމުން އަންނަ ފަރާތްތަކަށް. ސަރުކާރުގެ ވިސްނުމަކީ މިފަދަ ފަރާތްތަކަށް އެހީތެރިވެދިނުން. އެހެންވީމާ، އަޅުގަނޑު ދަންނަވަން މިއުޅޭ ވާހަކައަކީ، މީޓަރު ރަޖިސްޓްރީވެފައިވަނީ ކިތަންމެ ބޮޑު ފައިސާވެރިއަކަށް ކަމުގައިވިޔަސްވެސް އެ މީޓަރު ބޭނުންކުރާ ފަރާތަށް ސަބްސިޑީއެއް ޙައްޤުވާ ކަމަށް އެންސްޕާއަށް ފެނުނީމާ އަދި އެވާ އުޞޫލުތަކުގެ ތެރެއިން އެ ސަބްސިޑީއެއް އެފަރާތަކަށް ލިބޭނެއޭ. އިރާދަކުރައްވައިގެން މިހާރު މިވަނީ މާލޭގައި ބޭނުންކުރާ ޖުމްލަ އަށާރަހާސް ނުވަސަތޭކަ ފަސް މީޓަރުގެ ތެރެއިން ސާދަހާސް ދުއިސައްތަ ފަންސާސް މީޓަރުގެ ބިލުން ތަފާތުވާ ޢަދަދު އެކުގައި ހިލޭ އެހީގެ ގޮތުގައި ނޭޝަނަލް ސޯޝަލް ޕްރޮޓެކްޝަން އޭޖެންސީ (އެންސްޕާ) އިން އަދާކުރާގޮތަށް. އަދި މީގެއިތުރުން، ތިންހާސް ނުވަސަތޭކަ އަށްމީޓަރުގެ ބިލުން ތަފާތުވާ ޢަދަދުގެ ފަސްދޮޅަސް އިންސައްތަ ހިލޭއެހީގެ ގޮތުގައި ސަރުކާރުން މިއޮތީ ދޭން ނިންމާފައި. އެހެންވީމާ، މިބަދަލުތަކާ ގުޅިގެން، އަޅުގަނޑު މިދެކެނީ ކަރަންޓްގެ ފީ އަގުބޮޑުވުމާ ގުޅިގެން ދަތިތަކާ ދިމާވި ފަރާތްތަކަށް މިއިން ލުޔެއް ލިބިގެންދާނެއޭ.

ހަމައެހެންމެ، ރާއްޖޭގެ ސަރުކާރުގައި މަސައްކަތްކުރާ ހީވާގި ކިތަންމެ މުވައްޒަފުންނެއް، ކިތަންމެ ފަރާތްތަކެއް، އެފަރާތްތަކުގެ މުސާރައިން ތަންފުކެއް މިވަނީ އުނިކުރެވިފައި މިދިޔަ އަހަރުގެ އޮކްޓޯބަރު މަހުއްސުރެ. މިކަން ކުރެވިފައިވާއިރު އެނގިވަޑައިގަންނަވާނެ، މިދިޔަ އަހަރުގެ ފެބްރުއަރީ މަހު ސަރުކާރު މުވައްޒަފުންގެ މުސާރަ މިވަނީ ވަރަށްބޮޑުތަނުން ބޮޑުކުރެވިފައި. އަދި 2005 ވަނަ އަހަރުވެސް، 2006 ވަނަ އަހަރުވެސް ވަނީ ވަރަށްބޮޑުތަނުން ބޮޑުކުރެވިފައި. މިހެން ވަނިކޮށް ފެބްރުއަރީ މަހުގައި ބޮޑުކުރެވުނު، މުސާރަ ބޮޑުކުރެވުނު ކުރުމަކީ ޙަޤީޤަތުގައި މުސާރަ ބޮޑުކުރުމަށް ސަރުކާރުން ހިންގި މަސައްކަތެއް ނޫން އެއީކީއެއް. އެއީ، އެއްހަމައަކަށް ސަރުކާރުގެ ހުރިހާ މުވައްޒަފުން ގެނައުމަށް ކުރެވުނު މަސައްކަތެއް. އެމަސައްކަތް ކުރުމުގެ ތެރޭގައި، ޖުމްލަކޮށް އަޅުގަނޑު މިދެންނެވީ އެއްބިލިއަން ރުފިޔާ، މުސާރައިގެ ގޮތުގައި ޕޭ ރޯލަށް އިތުރުވެގެންދިޔަ. އަދި މިހާރު އަޅުގަނޑުމެން މި ހިންގާ މަސައްކަތަކީ، އެކަން އެހެން ކުރުމަށްފަހުވެސް އެއީ، އަޅުގަނޑު ހަމަ މިދަންނަވާހެން މުސާރަ ބޮޑުކުރުމުގެ ބޭނުމަކު ނޫން އެމަސައްކަތް ހިންގުނީކީ. އެމަސައްކަތް ހިންގުނީ އެއްހަމައަކަށް ހާމަނައިޒް ކުރުމުގެ ބޭނުމުގައި. އެއްހަމައަކަށް ހުރިހާ މުސާރައެއް ގެނައުމުގެ މަޤްޞަދުގައި. ދެން އެއަށްފަހު މިހާރު މިވަނީ އަޅުގަނޑުމެންގެ ބައެއް އިޤްތިޞާދީ މާލީ ސިޔާސަތުތައް ތަންފީޒު ކުރަމުން ގެންދާއިރުގައި ގެންނަންޖެހޭ މައިގަނޑު ބަދަލުތައް ނުވަތަ ސްޓްރަކްޗަރަލް ބަދަލުތައް ގެންނާން ޖެހިފައި. އަޅުގަނޑުމެންގެ ރާއްޖެއަކީ، ދުނިޔޭގެ ހުރިހާ ޤައުމަކާ އަޅާބަލާއިރުގައިވެސް އަޅުގަނޑުމެންގެ ލިބޭ އާމްދަނީއާއި ކުރާ ޚަރަދުގެ ތެރެއިން މުސާރައަށް ކުރާ ޚަރަދުގެ ނިސްބަތް މުޅި ދުނިޔެއިން އެންމެބޮޑު ޤައުމު. އެންމެބޮޑު ޤައުމު. އަޅުގަނޑުމެންނަކަށް މިގޮތަކަށް ކުރިއަށް ދެވޭކަށް ނޯންނާނެ. އަޅުގަނޑުމެން ޖެހޭނީ މިދެންނެވި މިންގަނޑުތައް އެއްހަމައެއްގައި ގެންގުޅެން.

އެހެންވީމާ، އަޅުގަނޑު ހަމަ ސިވިލް ސަރވިސްގެ، ސަރުކާރުގެ މުވައްޒަފުންގެ ކިބައިން މިއެދެނީ، އަޅުގަނޑުވެސް ހަމަ ވަރަށް ބޮޑަށް އެދެނީ ތިޔަބޭފުޅުންގެ މުސާރަ ބޮޑުކޮށްދިނުމަށް. އެއީ، އަދި އަނެއްކާވެސް ފަނަރަ ޕަސެންޓުން ބޮޑުކޮށްދިނުމަށް. އެކަން އަޅުގަނޑުމެން ކޮށްދިނުމަށް މަސައްކަތް ކުރަމުން އެބަދަން. އެޔަޤީންކަން އަރުވަން އަޅުގަނޑު ބޭނުން. އަޅުގަނޑު ނުދަންނަވާނަން މިމަހަކު އެކަން ކޮށްދެވިދާނެ ކަމަކަށް. އަޅުގަނޑަށް ފެންނަ ފެނުމުގައި، މިހާރު އަޅުގަނޑުމެން މަސައްކަތް ކުރަންވީ އޭޕްރިލް މަހުގެ އިކޮނޮމިކް ފޯކާސްޓް ނުވަތަ އިޤްތިޞާދީ ޙާލަތު އޭޕްރިލް މަހުގައި ހުންނާނެގޮތް ދެނެގަންނަން. އެމަހަށް އަމާޒުކޮށްގެން އަޅުގަނޑުމެންނަށް މަސައްކަތް ކުރެވުނީމާ، އިރާދަކުރެއްވިއްޔާ އަޅުގަނޑުމެންނަށް މުސާރަ ބޮޑުކޮށްދެވޭނެ.

އަޅުގަނޑު ސިވިލް ސަރވިސްގެ ސަރުކާރުގެ މުވައްޒަފުންނަށް ވަރަށް ބޮޑަށް ޝުކުރު ދަންނަވަން ބޭނުން. އެއީ، މިދެންނެވި ކަންތައްތައް އެކިގޮތްގޮތަށް މިދެންނެވިހެން މުސާރައިގެ މިންވަރު ކުޑަކުރެވިއްޖެ ކަމަށް އެތައް ބަޔަކު ވަކާލާތުކޮށް އަޑުއުފުލަމުންދާއިރުގައިވެސް އަދި އެތައް ބަޔަކު، އެބޭފުޅުންގެ ކިބައިން މަގުމައްޗަށް ނުކުމެ އިޙްތިޖާޖު ކުރުމަށް ގޮވަމުން ގެންދާއިރުގައިވެސް އެބޭފުޅުންނަށް ސަރުކާރުން މި ހިންގާ ސިޔާސަތުގެ ބޭނުންތެރިކަމާއި މުހިންމުކަން ވިސްނިވަޑައިގަންނަވާ. އެދެންނެވި އިޙްތިޖާޖުތަކުގައި ބައިވެރިވެވަޑައިނުގަންނަވާކަމީ، އަޅުގަނޑަށް ލިބޭ، ތިޔަބޭފުޅުން ދެއްވާ އިތުބާރެއް. އަޅުގަނޑު އެކަމަށްޓަކައި ސަރުކާރުގެ ހުރިހާ މުވައްޒަފުންނަށް ވަރަށް ޝުކުރު ދަންނަވަން. ސަރުކާރު މުވައްޒަފުންނަކީ ނުހަނު މަސައްކަތްކުރާ މުވައްޒަފުން. ހީވާގިކަންމަތީގައި ދިވެހިރާއްޖޭގެ ތަރައްޤީއަށް ކުރެވެންހުރި ހުރިހާ ކަމެއް އަބަދުމެ ކުރަމުން އަންނަ ބައެއް. އަޅުގަނޑުމެން އެކަން އެންމެ ހިނދުކޮޅަކަށްވެސް ހަނދާން ނައްތާލައިގެން ނުވާނެ.

ސަރުކާރު މުވައްޒަފުންނަށް މިދެންނެވި މަގަށް ކަންކަން ހުރިއިރެއްގައި، ފަހުން މިފަހުން އައިސް ރައްޔިތުންގެ މަޖިލީހުން އެނގިވަޑައިގަންނަވާނެ ފާސްކޮށްފައިއެބަވޭ ޕެންޝަނާބެހޭ ޤާނޫނެއް. މިޤާނޫނުގެ ދަށުން ސަރުކާރު ކޮންމެ މުވައްޒަފަކު، އެ މުވައްޒަފެއްގެ މުސާރައިގެ 7 ޕަސެންޓް ފަހަށް އެބަ ރައްކާކުރަންޖެހޭ. އަދި އެ 7 ޕަސެންޓް ޕެންޝަނާ ބެހޭގޮތުން އުފައްދާފައިވާ ޚާއްޞަ ކޮމިޓީގެ ބެލުމުގެ ދަށުގައިވާ މުއައްސަސާތަކަށް އެބަ ލާންޖެހޭ ނުވަތަ ދޫކުރަންޖެހޭ. އެހެން ބަސްތަކަކުން ދަންނަވަނީނަމަ، ހަމަ މުސާރައިގެ 7 ޕަސެންޓް، ކޮންމެ ސަތޭކައަކުން -/7 ރުފިޔާ ލިބިވަޑައިގަންނަވާ މިންވަރު މަދުވެގެން މި މަހުދާނެ، މިދެންނެވި ޕެންޝަނާބެހޭ ޤާނޫނުގައިވާ ގޮތުގެ މަތިން މުވައްޒަފުންނަށް މިފައިސާ ދައްކަން ޖެހިއްޖިއްޔާ. މިފައިސާގެ މުޅި ޖުމްލަ ޢަދަދަކީ މިއަހަރަށް ބަލައިލާއިރުގައި ގާތްގަނޑަކަށް 140 މިލިއަން ރުފިޔާ. އެހެންވީމާ، އަޅުގަނޑުގެ ނަޒަރުގައި މިއީ ވަރަށްބޮޑު ޢަދަދެއް. އަދި މިދުވަސްވަރަށް ވަރަށް ދަތިވެސް ކަމެއް. އެހެންވީމާ، ސަރުކާރުން މިހާރު ނިންމާފައި މިވަނީ މި މުވައްޒަފުންގެ ޕެންޝަނަށްވާ ފައިސާގެ ކަންތައް ސަރުކާރުގެ ފަރާތުން ހަމަޖެއްސުމަށް. މިފަހަރު މިފައިސާ، މިއަހަރު ޚާއްޞަކޮށް، މިފައިސާ މުވައްޒަފުން ޕެންޝަންގެ ގޮތުގައި އެފައިސާދޭން ނުޖެހުމަށް. ސަރުކާރުން މިކަން ހަމަޖައްސައިދިނުމަށް. އެކަން ހަމަޖައްސާއިރު ސަރުކާރުން 140 މިލިއަން ރުފިޔާ ސަރުކާރު މުވައްޒަފުންނަށް ޚަރަދު ކުރަންޖެހޭނެ. އެއީ، އަޅުގަނޑުމެންނަށް މިވަގުތުވާން އޮތް ކަމެއް. އެހެންވީމާ، އަޅުގަނޑު އެކަން ކޮށްދިނުމުގައި ހަމަ އުފާ ލިބޭ ކަމެއް.

އަޅުގަނޑު ނިންމާލުމުގެ ކުރީގައި ހަމަ ދަންނަވާލަން ބޭނުން. އެނގިވަޑައިގަންނަވާނެ، ރާއްޖޭގެ ރައީސްކަން ވަރަށްދިގު ދުވަސްތަކެއް ވަންދެން، 30 އަހަރު ދުވަހު ކުރެއްވުމަށްފަހު މައްޗަންގޮޅީ ކިނބިގަސްދޮށުގޭ މައުމޫން ޢަބްދުލްޤައްޔޫމް، އެބޭފުޅާގެ ސިޔާސީ ޙަޔާތް ނިންމަވާލެއްވިކަން މިދިޔަ ހަފްތާގެ ތެރޭގައި ވަނީ އިޢްލާނު ކުރައްވާފައި. އަޅުގަނޑު މިކަމުގައިވެސް އެންމެ ފުރަތަމައިނުންވެސް އެބޭފުޅާއަށް މަރްޙަބާއާއި މުބާރަކްބާދީ ދަންނަވަން. އެބޭފުޅާއަށް އެބޭފުޅާގެ ޙަޔާތުގެ ކުރިއަށް އޮތް ދުވަސްތަކުގައި ބާއްޖަވެރިކަމަށް އަޅުގަނޑު އެދެން.

ރައީސް މައުމޫނާ އެއްމިންވަރުގެ މުއްދަތެއްގައި ރާއްޖޭގެ ވެރިކަން ކޮށްފައިވަނީ ވަރަށްމަދު ވެރިންނެއް. މިދިޔަ ސަތޭކަ ފަންސާހަކަށް އަހަރަށް އަޅުގަނޑުމެން ބަލައިލައިފިނަމަ، ޚާއްޞަކޮށް ދެބޭފުޅުން ފާހަގަވޭ. އެއީ، ޝަމްސުއްދީން ރަދުން. ޝަމްސުއްދީން ރަދުންގެ 32 އަހަރުގެ ދިގު ރަސްކަން. އަދި މުސްކުޅި ބަންޑާރައިންގެ 40 އަހަރުގެ ރަސްކަން. އެއީ، އަށާރަސަތޭކައިގައި ނިމިގެންދިޔައީ.
ރާއްޖޭގައި ރަސްކަމެއް ނިމި ނުވަތަ ވެރިކަމެއް ނިމި ދެން އަނެއް ވެރިކަން ފެށޭއިރު އެހިނގާ ފައްތަރުގައި އަޅުގަނޑުމެން މިހާރު އެއަށް މިދެކެނީ އިންތިޤާލީ މަރްޙަލާއޭ. އެ ހިނގާ ފައްތަރުގައި ކަންކަން ހިނގާފައިވަނީ ވަރަށްވެސް ހާސްކަމާއި ލޮޅުމާއި ނުތަނަވަސްކަންމަތީގައި. ވަރަށްމަދު ބޭފުޅަކަށް ނޫނިއްޔާ ރަސްކަމުން ދުރުވެވަޑައިގަތުމަށްފަހު ސަލާމަތްކަންމަތީގައި ރާއްޖޭގައި ދިރިދެމި ހުންނެވިފައެއް ނެތް. އަޅުގަނޑު ދަންނަވާކަށް ނުޖެހޭނެ، ޝަމްސުއްދީން ރަދުން ދެވަނަފަހަރަށް ރަސްކަމަށް އިސްވެވަޑައިގެންނެވީ، ޙާޖީ ޢިމާދުއްދީން ރާއްޖޭގައި ނޫޅުއްވަނިކޮށް ރަސްކަމާ ޙަވާލުވެވަޑައިގަތީ. އެއަށްފަހު ޙާޖީ ޢިމާދުއްދީނަކަށް ރާއްޖެ ވަޑައެއްނުގެންނެވޭ. ޝަމްސުއްދީންގެ ދިގު ރަސްކަމަށްފަހު އަޅުގަނޑުމެންނަށް ދެން ފެނިގެންދިޔައީ އެނގިވަޑައިގަންނަވާނެ، ފުރަތަމަ ޤާނޫނުއަސާސީ އަޅުގަނޑުމެންގެ ތެރެއަށް ތަޢާރުފުވެގެން އައިތަން. އެއާއެކުގައި އަޅުގަނޑުމެންނަށް އޭރުގެ ބާރުގަދަ ރަންނަބަނޑޭރި ކިލެގެފާނު ބޮޑުވަޒީރު ރާއްޖެ ދޫކޮށް ފުރާވަޑައިގެންނެވި. ފުރަތަމަ ޤާނޫނުއަސާސީ އުވާލެވި، ޤާނޫނީ ދައުލަތެއް ރާއްޖޭގައި ހިންގުމަށް ދަތިވެފައި ވަނިކޮށް، އަލުން އަނބުރާ ޤާނޫނުއަސާސީއެއް އިޢާދަކޮށްދެއްވުމަށް މަސައްކަތް ކޮށްދެއްވުމަށްޓަކައި ކުޑަދުވަސްކޮޅަކަށް ރަންނަބަނޑޭރި ކިލެގެފާނު އެނބުރި މާލެ ވަޑައިގެން ކަމުގައިވިޔަސްވެސް، ދެން އެވަޑައިގެންނެވި ގޮތަށް ވަޑައިގެން ރާއްޖެއަށް ވަޑައެއްނުގަންނަވާ. ޙަސަން ފަރީދުގެ ބޮޑުވަޒީރުކަމާ އަޅުގަނޑުމެން ރާއްޖެ ކުރިމަތިލީ އެއަށްފަހު. އެނގިވަޑައިގަންނަވާނެ، ޙަސަން ފަރީދުގެ ޙަޔާތް، ބޮޑުވަޒީރުކަމުގެ ޙަޔާތް ދެމިއޮތީ ވަރަށްކުޑަ ދުވަސްކޮޅަކު. އެބޭފުޅާ އެވަޑައިގެންނެވި ގޮތަކަށް ވަޑައިގެން އަޅުގަނޑުމެންނަށް ގެއްލި ނެތިދިޔައީ. އަޅުގަނޑުމެންނަށް އެއަށްފަހު، މުޙަންމަދު އަމީންގެ ވެރިކަން. މުޙަންމަދު އަމީންދީދީއަކީވެސް، ރާއްޖެއަށް ވަރަށް ގިނަގުނަ ޚިދްމަތްތަކެއް ކުރައްވާފައިވާ ބޭފުޅެއް. އެބޭފުޅާގެ ވެރިކަމުގެ ޙަޔާތް ނިމިދިޔައީ އަޅުގަނޑުމެން ރާއްޖޭގެ ހުރިހާ ރައްޔިތުންވެސް ފަހުން އެކަމާ ނުހަނު ހިތާމަކުރާނެ ގޮތަކަށް. މުޙަންމަދު އަމީނަށްފަހު އަޅުގަނޑުމެންނަށް ފެނުނީ، މުޙަންމަދު އަމީންގެ ސިފައިންގެ ވެރިޔާގެ ނައިބު، ވެލާނާގޭ އިބްރާހީމްދީދީ. އެބޭފުޅާ މުޙަންމަދު އަމީނަށްފަހު ހުންނެވީ ކޮޅުނބުގައި. އަވަހާރަވީ ކޮޅުނބުގައި. އެއަށްފަހު ފާމުލަދޭރި ކިލެގެފާނު. ފާމުލަދޭރި ކިލެގެފާނުގެ ބޮޑުވަޒީރުކަން ނިމި، ފާމުލަދޭރި ކިލެގެފާނަށް ރިވެތިގޮތުގައި ރާއްޖޭގައި އުޅުއްވޭގޮތް މެދުވެރިވީ. އެނގިވަޑައިގަންނަވާނެ، ފާމުލަދޭރި ކިލެގެފާނު ބޮޑުވަޒީރުކަން ކުރެއްވީ ހަމައެކަނި ފަސްއަހަރު. އަދި ފާމުލަދޭރި ކިލެގެފާނު ބޮޑުވަޒީރުކަން ނިމުމަކަށް ގެނެވުނީ ކިލެގެފާނު އަމިއްލަފުޅަށް އިސްތިޢުފާ ދެއްވީތީ. ކިލެގެފާނަށްފަހު އިބްރާހީމް ނާޞިރު. އިބްރާހީމް ނާޞިރުގެ ބޮޑުވަޒީރު ކަމާއި އަދި ރައީސުލްޖުމްހޫރިއްޔާ ކަމުގައި މުޅި ޖުމްލަ 21 އަހަރު ނާޞިރު ހުންނެވި. އެއަށްފަހު ނާޞިރު ފުރާވަޑައިގަތީ. އަދި ނާޞިރަށް ފުރާވަޑައިގަންނަވަން މަޖުބޫރުވީ. 1978 ވަނަ އަހަރުއްސުރެ ފެށިގެން ދެން ހިނގާދިޔަ ދެއަހަރު ތިންއަހަރު ވަންދެންވެސް މުޅި މާލެ އޮތީހެން އަޅުގަނޑުމެންނަށް އޭރުއްސުރެ ފަށައިގެން އެނގެމުން އަންނަ ގޮތުގައި ވަރަށްބޮޑު ހަމަނުޖެހުމެއްގައި. އިބްރާހީމް ނާޞިރު ރާއްޖެއިން ބޭރުގައި އުޅުއްވީ ވެރިކަމަށްފަހު. އަޅުގަނޑުމެންނަށް އެންމެފަހު ވަގުތުކޮޅުގެ ތެރޭގައި އިބްރާހީމް ނާޞިރުގެ ޙަޔާތުގެ ނިމުން ފާހަގަކުރެވުނީ، ހުކުރު މިސްކިތު ހަރިންމައިގައި އެކިލެގެ ފަސްދާނުވެޑުވިގެން. އިބްރާހީމް ނާޞިރަށްފަހު މިދިޔައީ ރައީސް މައުމޫންގެ ދިގު ތިރީސް އަހަރު. އެއަށްފަހު، ރައީސް މައުމޫންގެ ޙަޔާތް ކުރިއަށްދާނެ ގޮތަކާ ގުޅޭގޮތުން ކަންކަން ނިންމަން މިއަދު މިތިބީ އަޅުގަނޑުމެން.

އަޅުގަނޑުމެން އެކަމުގައި ޢަމަލުކުރާ ގޮތާ ޙަޤީޤަތުގައި ގުޅިފައި ހުންނާނީ އަޅުގަނޑުގެ ނަޒަރުގައި ރާއްޖެއަށް ދެން ވެގެންދާނެ ގޮތް. އަޅުގަނޑު މިދަންނަވަނީ ރައީސް މައުމޫން ގުޅިގެން އަޅުގަނޑުމެން ވަކިގޮތަކަށް، އެވެނި ގޮތަކަށް މިވެނި ގޮތަކަށް ޢަމަލުކުރާ ވާހަކައެއް ނޫން. އަޅުގަނޑުމެން އެންމެންނާ ގުޅޭގޮތުންވެސް ޢަމަލުކުރަން ޖެހޭނީ ރަނގަޅަށް. އަދި ޤާނޫނުގައިވާ ގޮތުގެ މަތިން. އެހެން ނަމަވެސް އަޅުގަނޑު ހަމަ ފާހަގަކޮށްލަން ބޭނުން. ރާއްޖޭގައި ދެމެހެއްޓެނިވި ތަރައްޤީއެއް ހޯދުމަށްޓަކައި ބޭނުންވާ ޑިމޮކްރަސީގެ މުއައްސަސާތައް ބިނާކުރުމާއި އުޞޫލުތައް ކަނޑައެޅުމުގައި ކުރީގެ ރައީސުންނާ ދޭތެރޭގައި އަޅުގަނޑުމެން ކަންތައްކުރާ ގޮތް އެއީ މުހިންމު ކަމެއް. މުހިންމުކަން ބޮޑުވަނީ ކުރީގައި ހިނގާދިޔަ ކަންތައްތައް އަޅުގަނޑުމެންނަށް އެނގެންވެސް ބޭނުންވާތީ. އަދި އެކަންކަމާ ގުޅޭގޮތުން އިންޞާފު ބޭނުންވާ ފަރާތްތަކަށް އިންޞާފުވެސް ބޭނުންވާތީ. ހަމަ މުހިންމުވެގެން ދަނީ ކުރިއަށް ހުރި ކަންކަން އަދިވެސް ކުރިއަށް ހުރީތީވެ. އެކަންކަމުގެ ތެރެއިން ކަމެއްވީމާ އެއީ ވެފައި އޮތް ކަމަކަށް އެކަންވަނީ. އެހެންވީމާ، ދެން ހުރި ހުރިހާ ކަމެއްވެސް ހުންނަނީ ކުރިއަށް. ކުރިއަށް ހުރި ކަންތައްތައް ވެގެންދާނެގޮތް އަޅުގަނޑުމެންނަށް ސާފު މިވަނީ ނުވަތަ އަޅުގަނޑުމެން އެދޭ ގޮތަކަށް، އަޅުގަނޑުމެން އުންމީދުކުރާ ގޮތަކަށް ކަމެއް ހިނގާ މިދަނީ އިއްޔެގައި އަޅުގަނޑުމެން ކަންކަންކުރި ގޮތާއި އަދި މިއަދުމެ އަޅުގަނޑުމެން ކަންކަންކުރާގޮތާ ގުޅިގެން.

އަޅުގަނޑުގެ އުންމީދަކީ، އަޅުގަނޑުގެ ދުޢާއަކީ، އަޅުގަނޑުމެންނަށް ހެޔޮ ނަޞީބާއި ތަނަވަސް ބުއްދި ލިބުން. އަޅުގަނޑުމެންގެ ޤައުމީ ހަޔާތުގައި މިއަދު މިދިމާވާ ކަންކަމަށް ވިސްނުންތެރިކަމާއި ޙިކްމަތްތެރިކަމާއި ކެތްތެރިކަމާއެކީގައި ކުރިމަތިލައި، އެކަންކަން ހެޔޮމަގަށް ގެނެސް، މިރާއްޖެ ތަރައްޤީގެ މަގުގައި، ރާއްޖޭގެ ރައްޔިތުންނަށް ފައިދާހުރި ރާއްޖެއަކަށް މި ރާއްޖެ ހަދައި، އަޅުގަނޑުމެން އެންމެންގެ ލާބައަށް މި ރާއްޖެ ކުރިއެރުވުން.

އަޅުގަނޑުގެ ދުޢާއަކީ، އަޅުގަނޑުމެންނަށް މިއަދަށްވުރެ އަދި މާ ފާގަތި މާދަމައެއް ލިބުން. އަޅުގަނޑުގެ ދުޢާއަކީ، އަޅުގަނޑުމެންނަށް ދެ ދުނިޔޭގެ ބާއްޖަވެރިކަން ލިބުން.

والحمد للّـه. والسّـلام عليـكم.

______________________