بســم اللّـه الرّحمـن الرّحيــم

السّـلام عليـكم

މިއަދަކީ، 15 ޖަނަވަރީ 2010 ވީ ހުކުރު ދުވަސް. އަޅުގަނޑު މިއަދު ތިޔަބޭފުޅުންނާ ބައްދަލުވާއިރު، ފުރަތަމަ ދަންނަވާލަން، އާދީއްތަ ދުވަހު އަޅުގަނޑުމެންނަށް އެބަ ލިބޭ ފުރްޞަތެއް އަބޫދާބީގައި އޮންނަ ބައިނަލްއަޤްވާމީ ޖަމާޢަތެއްގެ ބައްދަލުވުމުގެ ޝަރަފްވެރި މެހްމާނުންގެ ގޮތުގައި، އެ ޝަރަފް އަދާކުރުމުގެ ފުރްޞަތު. އެއީ، އިޢާދަކުރަނިވި ހަކަތައާ ގުޅޭ ބައިނަލްއަޤްވާމީ އިދާރާ. އެތަން މިހުންނަނީ އަބޫދާބީގައި. އެތަން ހުޅުވުމުގެ ރަސްމިއްޔާތެއް އަޅުގަނޑުމެންނަށް އެބަ ލިބޭ. ހަމައެއާއެކުގައި އަބޫދާބީގައި އަޅުގަނޑުވާއިރުގައި، އިރާދަކުރެއްވިއްޔާ، އަޅުގަނޑުމެންނަށް އެބަ އިތުރު ފުރްޞަތުތަކެއް ހުޅުވިގެންދޭ. ޚާއްޞަ ގޮތެއްގައި، އެހީ އަޅުގަނޑުމެންނަށް ލިބުމަށް. ރާއްޖޭގެ ޞިއްޙަތަށްވެސް، ޞިއްޙީ ކަންކަން ފުރިހަމަ ކުރުމަށް އަދި ތަޢްލީމީ ކަންކަމުގައިވެސް އެހީތެރިވެދިނުމަށް. މެދުއިރުމަތީގެ ޤައުމުތައް އަޅުގަނޑުމެންނަށް އެހީތެރިވެދީފައިވާ މިންވަރު، މީގެ ކުރީގައިވެސް ވަރަށްބޮޑު. އަދި ކުރިއަށް އޮތް ތަނުގައި އެކަން ފުޅާކުރެވޭނެ ގޮތްތަކެއް އަޅުގަނޑުމެންނަށް ހޯދޭނެ. އެހެންވީމާ، މިދަތުރުގައި އަޅުގަނޑު މިދެކެނީ، އެކަމުގައި އަޅުގަނޑުމެންނަށް ކާމިޔާބުތަކެއް ލިބިގެންދާނެ ކަމަށް. އަޅުގަނޑު ވަރަށް ބޮޑަށް އުންމީދު ކުރަން، މިދަތުރުން އަޅުގަނޑުމެންނަށް އާދެވޭއިރުގައި، ކަނޑައެޅިގެން ވަކި ކަންތައްތަކެއް ކުރެވުމަށް ދެފަރާތް ދެމެދުގައި އެއްބަސްވުންތަކެއްވެވި، ދިވެހިރާއްޖެއަށް އެއިން ފައިދާތަކެއް ކުރާނެ ގޮތްތަކެއް ހޯދޭނެ ކަމަށް. އަބޫދާބީން އަންނަ މަގުމަތީގައި އަޅުގަނޑު މިއަންނަނީ އިންޑިއާގެ ބޮމްބޭއަށާއި އަދި މެޑްރާހަށްވެސް ގޮސްފައި. މިދެތަނުގައިވެސް އަޅުގަނޑު މަސައްކަތް މިކުރަނީ، ރާއްޖޭގެ ތަރައްޤީއަށާއި، ރާއްޖޭގައި މިހާރު ހިންގާން މިހުރި މަސައްކަތްތަކަށް ވީ މިންވަރަކުން ބޭނުންވާ ފައިސާ ހޯދޭނެ ގޮތްތައް މެދުވެރިވޭތޯ ބެލުން. އަޅުގަނޑު މިދެކެނީ، މިދަތުރުގައި އަޅުގަނޑުމެންނަށް މިކަމުގައިވެސް ބޮޑު ކާމިޔާބީތަކެއް ލިބޭނެ ކަމަށް.

އެނގިވަޑައިގަންނަވާނެ، މިވޭތުވެދިޔަ ހަފްތާގައި، އަދި ޚާއްޞަކޮށް، ފެށޭ ހަފްތާގައި، އަޅުގަނޑުގެ ނަޒަރުގައި އަޅުގަނޑުމެންނަށް ވަރަށް މުހިންމު ކަމެއް، އަޅުގަނޑުމެން ރާއްޖޭގެ ހުރިހާ ރައްޔިތުންވެސް މުހިންމުކަމެއް ދޭންޖެހޭނެ އެއްވެސް ސިޔާސީ ޕާޓީއަކުން އެޕާޓީގެ އެތެރޭގެ ޑިމޮކްރަސީ ހަރުދަނާ ކުރުމުގެ މަސައްކަތެއް ހިނގާ ކަމުގައިވަނީނަމަ. އަޅުގަނޑުމެންނަށް މިދިޔަ ހަފްތާގައި އަޑުއިވިގެންދިޔަ، ޑީ.އާރު.ޕީ.ގެ، ދިވެހި ރައްޔިތުންގެ ޕާޓީގެ އެތެރޭގެ އިންތިޚާބު، އެބޭފުޅުން ބާއްވަވަން ނިންމަވާފައިވާ ވާހަކަ. އަދި އެކަމަށް ކުރިމަތިލުމުގެ ފުރްޞަތާއި، އެ އިންތިޚާބު އޮންނާނެ ދުވަހާއި، މިކަންކަން ހުޅުވާލެވިގެންދިޔަކަން. އެއީ، އަޅުގަނޑަށް ލިބޭ ވަރަށްބޮޑު އުފަލެއް. ސިޔާސީ ޕާޓީއެއް ހަރުދަނާ ގޮތުގައި ބިނާކުރުމަށް ބަޔަކު މަސައްކަތް ކުރަމުން އަންނަކަން. އަޅުގަނޑު އެދެނީ، އެ ޕާޓީއަށް މިކަމުގައި ކާމިޔާބު ލިބޭނެ ކަމަށް. އަޅުގަނޑުގެ އުންމީދަކީ، ތިޔަބޭފުޅުންގެ ޕާޓީ، ދިވެހި ރައްޔިތުންގެ ޕާޓީ، އެ ޕާޓީ ހަރުދަނާވުމަށްޓަކައި މި އިންތިޚާބު ހުރިހާ ގޮތަކުން އެޕާޓީގެ މެންބަރުން ބޭނުންކުރައްވާނެ ކަމަށް.

ހަމައެއާއެކު، އަޅުގަނޑު އިތުރަށް ދަންނަވާލަން ބޭނުން މިއަދު، އަޅުގަނޑުމެންނަށް އެބަ އޮޅުންތަކެއް އަރާ، ސަރުކާރުގެ ސަބްސިޑީގެ ސިޔާސަތާ ގުޅޭގޮތުން. މީގެކުރީގައި މިސާލަކަށް ކަރަންޓަށް ސަރުކާރުން ފައިސާދެމުންދިޔައީ ސީދާ އިންޖީނުގެއަށް ނުވަތަ އެހެންވެސް އިންޖީނުގެތަކަށް. އަތޮޅުތަކުގައި ހުރި އިންޖީނުގެތަކަށްވެސް ސަރުކާރުން ފައިސާ ދެމުން ދިޔައީ ސީދާ އެ ވިޔަފާރިތަކަށް. އެހެންވީމާ، އެ ވިޔަފާރިތައް އެއީ، ހަރުދަނާ ވިޔަފާރިތަކަކަށް ހެދުމަށް އޮތީ އުނދަގޫވެފައި. އަބަދުވެސް ކުންފުނިތައް ބަރޯސާ ކުރަމުން ގެންދިޔައީ، ދެކެމުންދިޔައީ މާލިއްޔާއިން، ފިނޭންސުން އެބޭފުޅުންނަށް އަބަދުވެސް ލާރި ލިބިގެން، އެ ލާރީގެ ބޭނުންކުރެވިގެން ކުންފުނިތައް ދެކޮޅުޖެއްސުމަށް. މި ސަރުކާރުގެ ސިޔާސަތަކީ، ސަބްސިޑައިޒް ކުރަނީނަމަ، އެއްޗެއް ދެނީނަމަ، އަޅުގަނޑުމެން އެއްޗެއް ދޭން ބޭނުންވަނީ، ސީދާ ރައްޔިތު މީހާއަށޭ. ކުންފުނި އެއީ، ވަކިން ހިންގާ އެއްޗެކޭ. ކުންފުނީގެ ކަންތައް ކުންފުނިން ހަރުދަނާ ގޮތެއްގައި ގެންދިޔައީމާ ރަނގަޅުވާނެއޭ. ކުންފުންޏަށް ވިޔަފާރީގެ އުޞޫލުން ދެކޮޅުޖެހޭގޮތަކަށް، ލިބޭ މިންވަރުން ޚަރަދު ކުރަމުން ގެންދެވޭނެ ގޮތަކަށް ކުންފުނި ބިނާކުރަމުން ގެންދިޔައީމާ ރަނގަޅުވާނެއޭ. ސަރުކާރުން މަސައްކަތް ކުރަންވީ އާމްދަނީ މަދު، ދަތިވާ ފަރާތްތަކަށް އެހީތެރިކަމެއް ފޯރުކޮށްދެވޭނެ ގޮތްތައް ހޯދުމަށް. އެހެންވީމާ، އެގޮތުން ސަރުކާރުން ނިންމާފައި މިވަނީ، ކަރަންޓް ބިލް ދެއްކުމުގައި ދަތިވާ، އާމްދަނީ މަދު ޢާއިލާތަކަށް ސަރުކާރުގެ ސީދާ ހިލޭ އެހީއެއް ދިނުމަށް. އަޅުގަނޑުގެ ނަޒަރުގައި މި ދިމާވެގެން މިއުޅޭ އެއްކަމަކީ، ކަރަންޓް ބިލް ދެއްކުމުގައި ދަތިވާ ފަރާތްތަކުން އެ ފުރާންޖެހޭ ފޯމްތައް ފުރުމުގައި ލަސްތަކެއްވުމާއި، އެކަމުގައި އޮޅުންފިލުވަންޖެހޭ ކަންކަން އޮޅުންނުފިލާ ހުރުން. ސަރުކާރަށްވެސް އެއީ، އަދި އަމިއްލައަށް އެ ބިލް ދައްކާ ފަރާތަށްވެސް. އެހެންވީމާ، އަޅުގަނޑު މި އުންމީދު ކުރަނީ، ކުރިއަށް މިއޮތް ދެތިން ހަފްތާއެއްގެ ތެރޭގައި، މިކަންކަން ބޮޑަށް ސާފުވެގެންގޮސް، މިހާރަށްވުރެ މާގިނަ ބަޔަކަށް ސަރުކާރުން ސީދާ އެހީ ދެވޭނެ ގޮތްތައް މަގުފަހިވެގެންދާނެއޭ. އިރާދަކުރެއްވިއްޔާ، އެކަންކަން އެހެން ކުރާނެ. އަޅުގަނޑުގެ ނަޒަރުގައި އަޅުގަނޑުމެންނަށް ހަރުދަނާ ކަރަންޓް ކުންފުނިތަކެއް ހިންގުމަކީ ވަރަށް ބޭނުންތެރި ކަމެއް.

އަޅުގަނޑު ހަމަ އެގޮތުން ފާހަގަކޮށްލަން ބޭނުން. މިދިޔަ އަހަރުގެ ތެރޭގައި، ޔުޓިލިޓީ ކުންފުނިތަކުން ވަރަށްބޮޑު ކާމިޔާބެއް ހޯދައިފި. ކާމިޔާބެއް ހޯދީ ހަމައެކަނި ނުހުއްޓި ކަރަންޓް ދިނުމުގައި އެ ކުންފުނިތަކުން ޙަރަކާތްތެރިވީތީކީއެއް ނޫން. އަދި ހަރުދަނާ ގޮތުގައި އެކުންފުނީގެ ހިންގުންތައްވެސް މިހާރު ރޭވިގެން އަންނާތީވެ. މިދިޔަ 2008 ވަނަ އަހަރާ އަޅާ ބައްލަވައިފިނަމަ، 2009 ވަނަ އަހަރު ރާއްޖޭގެ ރަށްތަކުން ކަރަންޓް ކެނޑިފައި ހުރި މިންވަރު މާބޮޑުތަނުން، އެތައް ތަނަކުން މަދުވެގެން ގޮސްފައިވާނެ. އަޅުގަނޑުމެންގެ ބޭނުމަކީ، މި ކުންފުނިތައް ހަރުދަނާ ގޮތެއްގައި މަސައްކަތް ކުރަމުން ގެންދިއުން. އަދި ހަމައެހެންމެ، އެކުންފުނިތައް ވިޔަފާރީގެ އުޞޫލުން ކަނޑައަޅާ އަގެއްގެ ސަބަބުން، ރައްޔިތުންނަށް ގެއްލުންވާނަމަ، ދަތިވާނަމަ، އެ ދައްޗެއް ފޫބައްދައިދިނުމަށްޓަކައި ސަރުކާރުންދޭ ސީދާ އެހީ ރައްޔިތު މީހާއަށް ދިނުން. އެހެންވީމާ، އަޅުގަނޑު މިދެކެނީ، އަޅުގަނޑުމެންނަށް އެ އެހީތެރިކަން މިފަހަރު ފޯރުކޮށްދެވޭނެ ކަމަށް.

ނިންމާލުމުގެ ކުރިން އަޅުގަނޑު ދަންނަވާލަން ބޭނުން، ވަރަށް އުފާވެރި ދުވަހެއް މިއަދަކީ. އެއީ، ރާއްޖޭގެ ޅެންވެރިންގެ ދުވަސް. މިދުވަސް އަޅުގަނޑުމެން މިފާހަގަކުރަނީ، އޮނަރަބްލް އިބްރާހީމް ޝިހާބް އަވަހާރަވި ދުވަހާ ގުޅިގެން. އެނގިވަޑައިގަންނަވާނެ، އޮނަރަބްލް ޝިހާބަކީ، ރާއްޖެ ދުށް އެންމެ ކުޅަދާނަ އެއް ޝާޢިރު. އެއް ވާހަކަ ދެއްކުންތެރިޔާ. އަދި އެންމެ ކުޅަދާނަ އެއް ސިޔާސީ މުފައްކިރުވެސްމެ. މިހާރުގެ އަޅުގަނޑުމެންގެ ޖީލުތަކަށް އިބްރާހީމް ޝިހާބުގެ ޚިދްމަތް، އިބްރާހީމް ޝިހާބްގެ މަސައްކަތް ކުޑަކުޑަކޮށް ނަމަވެސް ފަނޑުވެފައި އޮންނަތަން ފެނިދާނެ. އެހެން ނަމަވެސް، އަޅުގަނޑު ވަރަށް ބޮޑަށް އެދެން. ޝިހާބުގެ ގަލަމުން ލިޔެވިފައި ހުރި މަޒުމޫނާއި، ޝިހާބް ލިޔުއްވާފައިވާ ޅެންތަކާއި، އަދި ދެއްވާފައިވާ ތަޤްރީރުތައް، މިޒަމާނުގެ ހުރިހާ ބޭފުޅުންވެސް އަޑު އައްސަވަމުން ގެންދެވުމަށް. ޚާއްޞަ ގޮތެއްގައި، ޚިޔާލުފާޅުކުރުމުގެ މިނިވަންކަން، މިއަދު މިއޮތް މިންވަރަށް އޮންނައިރު، މައިކު ކުރިމަތީ އަޅުގަނޑުމެން ހުއްޓި ވާހަކަތައް ދައްކަމުން ގެންދާއިރުގައި، އެބޭބޭފުޅުން މައިކު ކުރިމަތީގައި ހުއްޓި ހުންނަވައިގެން، އެ ދެއްކެވި ވާހަކަތައް ދައްކަވާފައި ހުރި ބަސްމަގާއި އަދި ބޭނުންކުރައްވާފައިވާ ފަލްސަފާތައް އަޅުގަނޑުމެންނަށް ފުންކޮށް އެނގުމަކީ، އަޅުގަނޑުގެ ނަޒަރުގައި ރާއްޖޭގެ ތަރައްޤީއަށް ވަރަށްބޮޑު ފަހިކަމެއް ލިބިދޭނެ ކަމެއް.

އޮނަރަބްލް އިބްރާހީމް ޝިހާބް އަވަހާރަވި ދުވަހާ އެކުގައި، އަޅުގަނޑުމެން މިފާހަގަކުރަނީ، ރާއްޖޭގެ ޅެންވެރިންގެ ދުވަސް. ރާއްޖޭގެ ޅެންވެރިންގެ ތެރޭގައި، އެތައް އެތައް ޝާޢިރުންނެއް ވަރަށް އަލިގަދަކޮށް ރާއްޖޭގައި ފެވިގެން ގޮސްފައިވޭ. އިބްރާހީމް ޝިހާބް އެކަންޏެއް ނޫން. އަޅުގަނޑުމެންނަށް ޒަމާނުއްސުރެ ފަށައިގެން ރާއްޖޭގައި ދެމެމުން އައި ކިތަންމެ ކިތަންމެ ޅެންވެރިންގެ ނަމެއް ވަރަށް ކުލަގަދަ ގޮތުގައި ފާހަގަކުރެވިދާނެ. އަޅުގަނޑު މިތަނުގައި އިތުރު ބޭފުޅެއްގެ ނަމެއް ދަންނަވާފައި ދެން ދޫކޮށްލާނެ ނަމެއް ނެތުނީމާ، އަދި އަޅުގަނޑުގެ އަތުން ނަމެއް ކައްސާލައިގެން ގޮސްފާނެ ކަމަށްޓަކައި އިތުރު ބޭފުޅެއްގެ ނަން ގަސްދުގައި ނުދެންނެވީ. އެހެން ނަމަވެސް، އިހުގެވެސް މިހާރުގެވެސް ޅެންވެރިން ރާއްޖޭގައި ބައިވަރު. އަޅުގަނޑުގެ އުންމީދަކީ، އަޅުގަނޑުމެންނަށް އިތުރު ހިތްވަރާއެކުގައި އަދި އިތުރު ޖޯޝާ އެކުގައި ޅެންވެރިކަމުގައި މިއަދަށްވުރެ އަދި މާބޮޑު ކުރިއެރުމެއް މާދަމާ ލިބުން.

އަޅުގަނޑުގެ އުންމީދަކީ، އަޅުގަނޑުމެންނަށް މިއަދަށްވުރެ ފާގަތި މާދަމައެއް ލިބުން. އަޅުގަނޑުގެ ދުޢާއަކީ، އަޅުގަނޑުމެންނަށް ދެ ދުނިޔޭގެ ބާއްޖަވެރިކަން ލިބުން.

والحمد للّـه. والسّـلام عليـكم.

______________________