بســم اللّـه الرّحمـن الرّحيــم

السّـلام عليـكم

މިއަދަކީ، 8 ޖަނަވަރީ 2010 ވީ ހުކުރު ދުވަސް. އަޅުގަނޑު މިއަދު ތިޔަބޭފުޅުންނާ އަނެއްކާވެސް ރޭޑިއޯގެ ޒަރީޢާއިން ބައްދަލުވާއިރުގައި އަޅުގަނޑަށްވެސް އަދި އަޅުގަނޑަށް ޔަޤީން، އެންމެ ބޭފުޅުންނަށްވެސް އެނގިވަޑައިގަންނަވާނެ، ފެށޭ އާދީއްތަ ދުވަހަކީ އަލުން އަނބުރާ ހުރިހާ ދަރިވަރުން ސްކޫލަށްދާ ދުވަސް. މިފަހަރު ދަރިވަރުން ސްކޫލަށްދާއިރުގައި، އަޅުގަނޑު ވަރަށް އުފާވޭ، 101 މަދަރުސާއެއް މިހާރު މިވަނީ އެއް ސެޝަނަށް ބަދަލުކުރެވިފައި. އޭގެތެރޭގައި، މާލޭގެ ތިން މަދަރުސާއެއްވެސް ހިމެނޭ. އެއް ސެޝަނަށް ބަދަލުކުރުމުގެ ކިތަންމެ ބޭނުންތަކެއް އަޅުގަނޑުމެންނަށް ފާހަގަވޭ. އަޅުގަނޑުމެންގެ ނަޒަރުގައި އަދި ތަޢްލީމާ ގުޅޭ އެކިއެކި މާހިރުންގެ ނަޒަރުގައި، ރަނގަޅު ތަޢްލީމެއް ދިނުމަށްޓަކައި، ވަށާޖެހޭ ތަޢްލީމެއް ދަރިވަރަށް އެބަ ލިބެންޖެހޭ. އެ ތަޢްލީމު ފޯރުކޮށްދިނުމުގައި ބޭނުންވާ ކިތަންމެ ކަމެއް އެބަހުރޭ. ޚާއްޞަ ގޮތެއްގައި، ކޮންމެ ކްލާހަކީވެސް ނުވަތަ ކޮންމެ މޭޒަކީވެސް ސީދާ އެ ދަރިވަރުގެ މޭޒަކަށް އެބަވާންޖެހޭ. އެ މޭޒުގައ އެހެން ކުއްޖަކު އިނުން، އެހެން އިރެއްގައި އިނުން އެއީ މާ ރަނގަޅު ގޮތެއް ކަމަކަށް ފުރަތަމަ ކަމަކަށް ނުފެނޭ. ހަމައެހެންމެ، ކުދިންނަށް އިތުރު ގަޑީގައި ކިޔެވުމުގެ އިތުރުން ތަފާތު އެކިއެކި ކަންކަމުގައި ބައިވެރިވެ، ޙަރަކާތްތައް، ތަރުބިއްޔަތުތައް ލިބުމަކީ ރަނގަޅު ތަޢްލީމަކަށް ކޮންމެހެން ބޭނުންތެރި ކަމެއް.

އެހެންވީމާ، މިހާރު މި އެއް ސެޝަނަށް ކިޔަވައިދޭ ސްކޫލްތަކުގައި، ހެނދުނުގެ ވަގުތުތަކުގައި ކިޔަވައިދިނުމަށްފަހުގައި، މެންދުރުފަހުގެ ވަގުތުތަކުގައި އެބަ 3 ޖަހަންދެން ދަރިވަރުންނަށް އެކިއެކި ބާވަތް ބާވަތުގެ ޙަރަކާތްތަކުގައި ބައިވެރިވުމުގެ ފުރްޞަތު އެބަލިބޭ. އަޅުގަނޑުމެންނަށް އަދި ހަމަ މީގެއިތުރުން މިމަސައްކަތް މިހެން ހިންގުމަށްޓަކައި، އެއް ސެޝަނަށް ބަދަލުކުރުމަށްޓަކައި، މިދިޔަ އަހަރު މުޅި ޖުމްލަ 171 ކްލާސްރޫމް އިތުރުކުރެވުނު. އަޅުގަނޑު މިދެންނެވީ، 2009 ވަނަ އަހަރު ބިނާކޮށް ނިންމިއްޖެއޭ 171 ކްލާސްރޫމް. މި ޢަދަދަކީ މީގެ ކުރީގެ އަހަރުތަކުގެ ޢަދަދާ ބަލާއިރު ވަރަށްބޮޑު ޢަދަދެއް. ޢާންމު ގޮތެއްގައި، ގިނަފަހަރަށް އިތުރުކުރެވިފައި ހުންނާނީ، 50 ކްލާސްރޫމް ނުވަތަ 60 ކްލާސްރޫމް ނުވަތަ ގިނަވެގެން 70 ކްލާސްރޫމް، އެޢަދަދަށް. އެހެން ނަމަވެސް، މިފަހަރު މިވަނީ ވަރަށްގިނަ ޢަދަދެއް އިތުރުކުރެވިފައި. އެއީ، އަޅުގަނޑުމެންނަށް ލިބޭ ވަރަށްބޮޑު އުފަލެއް. ހަމައެއާއެކުގައި އަޅުގަނޑު ފާހަގަކޮށްލަން ބޭނުން. މިދެންނެވި 171 ކްލާސްރޫމަށް ބޭނުންވާ ހުރިހާ ފަރުނީޗަރު ހަމަކުރުން އަދި އޮތީ ސަރުކާރަށް ހަމަ ބުރައަކަށްވެފައި. އެންމެހާ ފަރުނީޗަރު އަދި މުޅިން ހަމަކޮށް ނިމުނު ކަމަކަށް އަޅުގަނޑަށް ދެންނެވޭކަށެއް ނެތް. އެހެންވީމާ، އަޅުގަނޑު ޓީޗަރުންނާއި ދަރިވަރުންގެ ކިބައިން ވަރަށް އިޚްލާޞްތެރިކަމާއެކު އެދެން. ވީ މިންވަރަކުން، ހުރި އެއްޗަކުން ފުއްދައިގެން ކުރިއަށް ގެންދިއުމަށް. ދާދި އަވަހަށް އަޅުގަނޑުމެންނަށް މި ހަމަނުވާ ކްލާސްރޫމްތަކަށް ފަރުނީޗަރު ހޯދައިދެވޭނެ.

އެހެންވީމާ، އެނގިވަޑައިގަންނަވާނެ، އަޅުގަނޑުމެންގެ ވަޢުދެއް އެއީ، އިމްތިޙާނުގައި ބައިވެރިވާ ކުދިންގެ ތެރެއިން 60 ޕަސެންޓް ކުދިންނަށް C ފާހުން މަތިން ފާސްވުމަކީ، އަޅުގަނޑުމެންގެ އަމާޒު. އެ އަމާޒަށް ދިއުމަށްޓަކައި ސަރުކާރުން މަސައްކަތް ކުރަމުން ގެންދަނީ. މީގެކުރީގައި މިހާރުގެ ނަތީޖާތަކަށް ބަލާއިރު، މިސާލަކަށް 2008ގެ ނަތީޖާއަށް ބަލާއިރުގައި، މި ގާތްގަނޑަކަށް 20 ޕަސެންޓް، 25 ޕަސެންޓް މިވަނީ C ފާހުން މަތިން ފާސްވާކަމަށް. އަޅުގަނޑުމެންނަށް މި ލަފާ މިކުރެވެނީ، 2009 ވަނަ އަހަރުގައިވެސް ނަތީޖާ، 2008 ވަނަ އަހަރަށްވުރެ އެތައް ތަނަކުން ރަނގަޅުވާނެ. އެ ޢަދަދު އެއީ 20 ޕަސެންޓަށްވުރެ ބޮޑު ޢަދަދެއް ކަމަށް އަޅުގަނޑުމެންނަށް މިހާރު ލަފާކުރެވޭ. އެހެން ނަމަވެސް، މުޅި ނަތީޖާ ލިބޭނީ އޯ ލެވެލް އިމްތިޙާން ނިމި، އެ އިމްތިޙާނުގެ ނަތީޖާ ލިބުނީމާ. އަޅުގަނޑު ހުރިހާ ދަރިވަރުންނަށްވެސް އެދެނީ، ރަނގަޅު މަދަރުސީ ދައުރެއް ނުވަތަ މަދަރުސާގައި މިއަހަރު ރަނގަޅު ގޮތުގައި ހޭދަކުރުމަށް. ކިޔެވުމުގައި ވަގުތުތައް ހޭދަކުރުމަށް. އަދި ހަމަ އެއާއެކީގައި، ކުޅިވަރު ކުޅުމާއި، އެހެނިހެންވެސް އިތުރު ޙަރަކާތްތަކުގައި ބައިވެރިވެ، ކަންކަން ކުރިއަށް ގެންދެވޭނެ ގޮތަކަށް ޢަމަލު ކުރައްވަމުން ގެންދަވާނެ ކަމަށް.

މިދިޔަ އަހަރުގެ ބައެއް ކަންކަމަށް އަޅުގަނޑުމެން ބަލާއިރުގައި، އަޅުގަނޑު ކުޑަކޮށް ފާހަގަކޮށްލާނަން، މި ބޭސްފަރުވާއާ ގުޅޭގޮތުން އަޅުގަނޑުމެންނަށް ކޮށްދެވިފައި ހުރި ކަންކަން. އަޅުގަނޑު ބަލައިލިއިރުގައި، މިދިޔަ އަހަރު 65 އަހަރުން މަތީގެ މީހުންނަށް ދެވޭ ޕެންޝަންގެ ގޮތުގައި 310 މިލިއަން ރުފިޔާ ޚަރަދު ކުރެވިފައި އެބަވޭ. އެއީ އެވްރެޖްކޮށް، މަހެއްގެ މައްޗަށް ތޭރަހާހަށްވުރެ ގިނަ މީހުންގެ ޕެންޝަންގެ ގޮތުގައި. އަދި ޟަރޫރީ އެހީއަށް ޚަރަދު ކުރުމުގައި 687 މީހަކަށް އެބަ އެހީތެރިކަން ފޯރުކޮށްދެވޭ. އެއީ، ގާތްގަނޑަކަށް 8 މިލިއަން ރުފިޔާ. [މަދަނަ]އިގެ ދަށުން އަޅުގަނޑުމެންނަށް މިދިޔަ އަހަރު މިވަނީ ތޭވީސްހާސް މީހުންނަށް އެހީތެރިވެދެވިފައި. އެއީ ބޭސްފަރުވާއަށް، ތޭވީސްހާސް މީހުންގެ ބޭސްފަރުވާއަށް ޚަރަދު ކުރެވިފައި މިވަނީ، ގާތްގަނޑަކަށް 78 މިލިއަން ރުފިޔާ. މި ތޭވީސްހާސް މީހުންނަށް ހިލޭ ބޭސްފަރުވާ ކޮށްދެވުމަކީ، ސަރުކާރަށް ލިބޭ ވަރަށްބޮޑު އުފަލެއް. [މަދަނަ] ޕްރޮގްރާމްގައި ބައިވެރިވުމަށް، އެބަ އާމްދަނީ ހުރި މިންވަރަކުން ޚަރަދު ކުރާންވެސް އެބަޖެހޭ. އެއީ، އިންޝުއަރެންސްގެ އުޞޫލުން މިކަން ހިނގަމުން މިއަންނަނީ. އަޅުގަނޑުމެން މި އުންމީދު ކުރަނީ، ވީހާވެސް ގިނަ ބޭފުޅުންނެއް [މަދަނަ]އިގައި ބައިވެރިވެލެއްވުމަށް. ދެހާސް ރުފިޔާ، އެންމެ ބޮޑުވެގެން މިނެގެނީ ދެހާސް ރުފިޔާ. ދެހާސް ރުފިޔާ ނެގުނީމާ، ސަރުކާރުން އެއްލައްކަ ރުފިޔާގެ ބޭސްފަރުވާ، އެމީހަކު ބަލިވާއިރެއްގައި، އެމީހަކަށް ފޯރުކޮށްދެވޭނެ.

ބޭސްފަރުވާގެ އިތުރުން މިދެންނެވި މި [މަދަނަ] ޕްރޮގްރާމްގެ އިތުރުން، އަދި ހަމަ ކުރީގައިވެސް ދެމުން އައި ވެލްފެއަރގެ ގޮތުގައި ވަރަށްބޮޑު ޢަދަދެއް މިވަނީ ޚަރަދު ކުރެވިފައި. އެއީ ހަތްހާސް މީހުންނަށް 2009 ވަނަ އަހަރު ތިރީސް ހަތަރު މިލިއަން ރުފިޔާ އެބަވޭ ޚަރަދު ކުރެވިފައި. އެހެން ނަމަވެސް، 2008 ވަނަ އަހަރު ޚަރަދު ކުރެވިފައި އޮތީ، އަޅުގަނޑުމެންނަށް އެނގިފައި އޮތްގޮތުގައި، ތޭވީސް މިލިއަން ނުވަތަ ސައްވީސް މިލިއަން ރުފިޔާ، 2008 ވަނަ އަހަރުގެ ނޮވެމްބަރާ ހަމައަށް. 2009 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ މެދަކާ ހަމައަށް އައިއިރުގައި، ހަމަ ވެލްފެއަރގެ ގޮތުން، ވެލްފެއަރ ބަޖެޓުގެ ތެރެއިން ތިރީސް ހަތަރު މިލިއަން ރުފިޔާ ސަރުކާރުން ޚަރަދު ކުރެވިފައި މިވަނީ ހަތްހާސް މީހުންނަށް. އެހެންވީމާ، މުޅި ޖުމްލަ ސަރުކާރަށް ބޭސްފަރުވާ، މިދިޔަ އަހަރު ދުވަހުގެ ތެރޭގައި މަދުވެގެން ބައްތިރީސް ހާހެއްހާ މީހުންނަށް މިވަނީ ކޮށްދެވިފައި. އެއީ، އަޅުގަނޑަށް، ސަރުކާރަށް ލިބޭ ވަރަށްބޮޑު އުފަލެއް.

އެނގިވަޑައިގަންނަވާނެ، މިދިޔަ ހަފްތާގެ ތެރޭގައި، ރަށްރަށުން ބޭފުޅުން ވަޑައިގެން، އަންހެނުން ކުރިއަރުވާ ކޮމިޓީތަކުގެ، އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކުން މާލޭގައި ފޯރަމެއް، ބައްދަލުވުމެއް ބޭއްވުނު. އެ ބައްދަލުވުމުގައި އަންހެނުން ކުރިއަރުވާ ކޮމިޓީތަކުގެ އުންމީދުތަކެއް ނުވަތަ ގޮވާލުންތަކެއް ގޮވާލެވުނު. މިދިޔަ ބުދަ ދުވަހު އަޅުގަނޑަށް ނަޞީބު ލިބުނު، ހުރިހާ އަންހެނުން ކުރިއަރުވާ ކޮމިޓީތަކާއެކު ބައްދަލުވެލުމަށް. އަޅުގަނޑު އެބޭފުޅުންގެ އެންމެހާ ވާހަކަތައް އަޑުއެހިން. އަޅުގަނޑުމެން ހަމަ އެބޭފުޅުން އެ އެދޭ ގޮތަށް ކަންކަން ކޮށްދިނުމުގައި ވަރަށް ބޮޑަށް މަސައްކަތް ކުރާނަން. އަޅުގަނޑު ފާހަގަކުރިން. އެހެން ނަމަވެސް، އެންމެފަހުން މިކަންކަން ނިންމަން މިޖެހެނީ ރައްޔިތުންގެ މަޖިލީހުން ފާސްކުރެވޭ ޤާނޫނެއްގެ ތެރެއިންނޭ. އެހެންވީމާ، އެޤާނޫނު ފާސްވުމަކީ، ވަރަށް މުހިންމު ކަމެއް. މި ޤާނޫނުގައި، މި ޤާނޫނަކީ ލާމަރްކަޒީ އުޞޫލުން ރާއްޖޭގެ ރަށްތައް ހިންގުމާ ގުޅޭ ޤާނޫނު. އެހެން ގޮތަކަށް ދަންނަވަނީނަމަ، ޕްރޮވިންސްތަކާ ގުޅޭ ޤާނޫނު. އަޅުގަނޑު އަނެއްކާވެސް ހަމަ ފާހަގަކޮށްލަން ބޭނުން. ޕްރޮވިންސާ ގުޅިގެން އިންކާރު ކުރާ ފަރާތްތަކުން، އެކަމަށް އެ އިންކާރު ކުރާ ސީދާ ސަބަބެއް އަދިވެސް އަޅުގަނޑުމެންނަކަށް ފާހަގައެއްނުވޭ. އަދިވެސް އަޅުގަނޑުމެންނަކަށެއް ނޭނގެ. އިންކާރު އެބަ ކުރޭ. އެކަމަކާ ގުޅޭގޮތުން ޝައްކެއްނެތް. އެހެން ނަމަވެސް، އެ އިންކާރު ސީދާ ކުރަނީ ކޮންކަމަކާތޯއޭ؟

އަޅުގަނޑުމެން މި ސަރުކާރުން މިގޮތަށް މިކަން ރާވަން މިއުޅޭ ސަބަބަކީ، އަޅުގަނޑުމެންގެ ނަޒަރުގައި ރަނގަޅު ތަރައްޤީއަކަށް އަތޮޅެއްގެ މިންވަރަކީ މާ ކުޑަކުޑަ މިންވަރެއް. އަޅުގަނޑުމެން ބޭނުންވެގެން މިއުޅެނީ، މާލޭގެ އިތުރުން އަދި 7 ތަނެއްގައި މާލެފަދަ 7 ރަށެއް އުފެއްދޭތޯ ބެލުން. އެ ސަބަބަށްޓަކައި އަޅުގަނޑުމެން މި ޕްރޮވިންސްގެ އުޞޫލުން މިކަން ހިންގާން މިމަސައްކަތް މިކުރަނީ. އަޅުގަނޑުމެންނަށް މި ޤާނޫނު ފާސްވެއްޖެނަމަ، މިކަން ފަސޭހަކަމާ އެކީގައި ކުރިއަށް ގެންދެވޭނެ. އަޅުގަނޑު ހަމަ ހުރިހާ ސިޔާސީ ޕާޓީތަކެއްގެ ކިބައިންވެސް އެދެނީ، އަޅުގަނޑުމެން މަޑުމައިތިރިކަމާ އެކީގައި މިކަމަށް ފުން ވިސްނުމަކުން ވިސްނާލުމަކީ ބުއްދިވެރި ކަމެކޭ. އަޅުގަނޑުމެންގެ ޚިލާފުތައް އެބަހުރި އެކިއެކި ކަންކަމުގައި. އެކަމަކާ އެއްވެސް ޝައްކެއްވެސް ނެތް. އަދި ބަޙުޘްތައްވެސް ކުރެވެންވެސްޖެހޭނެ. އެހެން ނަމަވެސް، ބައެއް ކަންކަމަކީ މުޅި ޤައުމަށްޓަކައި، ޤައުމީ މަޞްލަޙަތަށްޓަކައި، ޤައުމީ ތަރައްޤީއަށްޓަކައި ކުރަން ބޭނުންވާ ކަންކަން. އެކަންކަން އެހެން ކުރުމަށް މަގުފަހިވާން ޖެހޭނެ އަޅުގަނޑުގެ ނަޒަރުގައި. އަދި ހުރިހާ ބޭފުޅުންވެސް މިކަމާ އެކުގައި މަސައްކަތް ކުރައްވަން ޖެހޭނެ.

އަޅުގަނޑު، އަޅުގަނޑުމެންގެ ވާދަވެރި ޑީ.އާރު.ޕީ.ގެ ކިބައިންވެސް އެދެނީ، ވަރަށް އިޚްލާޞްތެރިކަމާއެކު އެދެނީ، އަޅުގަނޑުމެންނާ އެކުގައި މި ޕްރޮވިންސްގެ ބިލްގެ ކަންތަކުގައި ވާހަކަ ދައްކައި، ހުރިހާ ފަރާތްތަކަކުން އެއްބަސްވެވޭ ގޮތަކަށް، ކުރިއަށް ގެންދެވޭނޭ ހަމަތަކެއް ހޯދެން ޖެހޭނޭ. އަޅުގަނޑަށް އެނގޭ، އެމް.ޑީ.ޕީ.ވެސް، އެމް.ޑީ.ޕީ.ގެ ބައެއް ސިޔާސަތުތައް ދޫކޮށްލަން ޖެހިދާނެ. އަދި އަޅުގަނޑު އުންމީދު ކުރަން، ޑީ.އާރު.ޕީ.ވެސް މި ބައެއް ކަންކަމުގައި މެދުމިނުގެ ޙައްލަކަށް އައިސް، ދެފަރާތް އެއްބަސްވެވޭ ގޮތަކަށް މި ބިލް އެކުލަވާލެވި، ބިލް މަޖިލީހަށް ހުށަހެޅި އަދި އަވަސް ގޮތަކަށް ބިލް ފާސްވެގެން ދެވޭނޭ ގޮތެއް، ގެންދެވޭނޭ ގޮތެއް ހޯދުމަކީ، އަޅުގަނޑުގެ ނަޒަރުގައި ވަރަށް މުހިންމު ކަމެއް. ރާއްޖޭގެ ރަށްތައް ލާމަރްކަޒީ އުޞޫލުން ހިންގުމަކީ ކޮންމެހެން ބޭނުންތެރި ކަމެއް. ޙަޤީޤީ ޑިމޮކްރަސީއަކީ ރައްޔިތު މީހާއާ ގާތުން، އެމީހާގެ ކަންތައްތައް އެމީހާއަށް ނިންމޭނެ ގޮތްގޮތް ހޯދުން. އަޅުގަނޑު މިކަމާ ހުރިހާ ފަރާތަކާވެސް ވާހަކަ ދައްކަން ބޭނުންވޭ. އަދި އަޅުގަނޑު ހަމަ ފާހަގަކޮށްލަން ބޭނުން، ސަރުކާރު މިއޮތީ ތައްޔާރަށޭ ހުރިހާ ފަރާތަކާވެސް ވާހަކަ ދައްކައިގެން، މިކަންކަމަށް މެދުމިނުގެ ޙައްލެއް ހޯދަން.

އަޅުގަނޑުގެ ދުޢާއަކީ، އަޅުގަނޑުގެ އުންމީދަކީ، އަޅުގަނޑުމެންނަށް މިއަދަށްވުރެ އަދި މާ ފާގަތި މާދަމައެއް ލިބުން. އަޅުގަނޑުގެ ދުޢާއަކީ އަޅުގަނޑުމެންނަށް ދެދުނިޔޭގެ ބާއްޖަވެރިކަން ލިބުން.

والحمد للّـه. والسّـلام عليـكم.

______________________