بســم اللّـه الرّحمـن الرّحيــم

السّـلام عليـكم


މިއަދަކީ، 1 ޖަނަވަރީ 2010 ވީ ހުކުރު ދުވަސް. މީލާދީން އާ އަހަރު ފެށުނު ދުވަސް. އަޅުގަނޑު އެންމެ ފުރަތަމައިނުންވެސް އެންމެ ބޭފުޅުންނަށް މި މީލާދީ އާ އަހަރުގެ ހެޔޮދުޢާ ތަހުނިޔާ ރައްދުކުރަން.

2009 ވަނަ އަހަރު ނިމުނުއިރު އަޅުގަނޑުމެންނަށް ކަންކަން ކުރެވިފައި ހުރި މިންވަރާ ގުޅޭގޮތުން ވިސްނާލުމަކީ، އަޅުގަނޑުގެ ނަޒަރުގައި މިއަދު ކުރުން ބުއްދިވެރި ކަމެއް. 2010 އަޅުގަނޑުމެން ފަށާއިރު، މިއަހަރުގެ ކަންކަން ހިންގުމަށް ވިސްނާއިރު، 2009 ގައި ވެދިޔަ ގޮސްފައި އޮތް ކަންކަމާ ގުޅޭގޮތުން ބަލާލުމަކީ ކޮންމެހެން ބޭނުންތެރި ކަމެއް.

އެނގިވަޑައިގަންނަވާނެ، މި ސަރުކާރުގެ އެންމެބޮޑު އެއްބޭނުމަކީ، ނުވަތަ މި ސަރުކާރުގެ އަމާޒަކީ ސަރުކާރުން ރައްޔިތުންނަށް ވެފައިވާ ވަޢުދުތައް ފުއްދުމުގައި ގަދައަޅައި މަސައްކަތް ކުރުން. އެގޮތުން، މި ސަރުކާރުން ރައްޔިތުންނަށް ކިތަންމެ ކިތަންމެ ކަމެއް ކުރުމުގެ ނިޔަތާއި އަދި ފޮނި އުންމީދާއެކު މަސައްކަތް ކުރަމުންދާއިރުގައި، އެނގިވަޑައިގަންނަވާނެ، ޚާއްޞަ 5 ކަމެއް. އެއީ ސަރުކާރުން ރައްޔިތުންނަށް ވަޢުދުވެފައިވާ 5 ކަމެއް. އޭގެތެރޭގައި، ހިމެނެނީ ބޯހިޔާވަހިކަން ރައްޔިތުންނަށް ހޯދައިދިނުން. ދަތުރުފަތުރު ކުރުމުގެ ނިޒާމަކުން ރާއްޖޭގެ ރަށްތައް ގުޅާލުން. ޑްރަގްސްގެ ޝިކާރައަކަށް ވެފައިވާ އަޅުގަނޑުމެންގެ ޒުވާނުން އެކަމުން ސަލާމަތްކޮށްދިނުމަށް ކުރެވެން ހުރި ކަންތައްތައް ކުރުން ނުވަތަ ސަލާމަތްކޮށްދިނުން. އަދި ދިވެހި ރައްޔިތުންނަކީ ބޭސްފަރުވާއަށް ސަލާންނުޖަހައި، އެމީހުންގެ ޞިއްޙީ އެންމެހާ ކަންކަން ފުރިހަމަވާ ބައެއް ކަމުގައިވުމަށް ނުވަތަ ބައެއް ކަމުގައި ހެދުމަށް ކުރެވެންހުރި ކަންކަން ކުރުން. އަދި ތަކެތީގެ އަގު އަތްފޯރާފަށަށް ތިރިކުރުން. އަޅުގަނޑުމެންގެ މި 5 ވަޢުދު ސަރުކާރުން ވެފައި މިވަނީ، މިދައުރުގެ ތެރޭގައި، ކުރިއަށް މިއޮތް 5 އަހަރުގެ ތެރޭގައި، އެކަން ކުރުމަށް ވެފައިވާ ވަޢުދުތަކެއް މި ވަޢުދުތަކަކީ. އެހެންވީމާ، 1 އަހަރު ނިމުނުއިރު ކަންހުރި ހިސާބު އަޅުގަނޑުމެން އޮޅުންފިލުވައިލުމަކީ، އަޅުގަނޑުގެ ނަޒަރުގައި ކުރިއަށްދާން އަޅުގަނޑުމެންނަށް ފަސޭހަވާނެ ކަމެއް.

އެނގިވަޑައިގަންނަވާނެ، ދަތުރުފަތުރުގެ މަސައްކަތް މިހާރު މިވަނީ ބައެއް ސަރަޙައްދުތަކުގައި ފެށިފައި. އެމަސައްކަތް ކުރިއަށްދާގޮތާއި، ޚިދްމަތް ރައްޔިތުންނަށް ފޯރުކޮށްދެވޭ މިންވަރާއި، މިކަންކަމާ ގުޅިގެން އަޅުގަނޑު ދަންނަވާނީ ސަރުކާރުން ހިތްހަމަޖެހެއޭ. އަދި ކުރިއަށް ކުރާންހުރި ކަންތައްތަކުގެ ތެރޭގައި، ވީހާވެސް އަވަސް ގޮތަކަށް ދެންހުރި ސަރަޙައްދުތަކުގައިވެސް ދަތުރުފަތުރު ކުރުމުގެ ނިޒާމު ޤާއިމުކޮށް، އެ ނިޒާމުން މަސައްކަތްތައް ކުރިއަށް ގެންދިއުމަކީ ސަރުކާރުން ގަދައަޅައި މަސައްކަތް ކުރަން ޖެހޭނެ ކަމެކޭ. ތ. އަތޮޅުގަޔާއި ލ. އަތޮޅުގައި މި ޚިދްމަތް ދެމުން އަންނަތާ މިހާރު 4 މަހަށްވުރެ ގިނަދުވަސް ވެއްޖެ. އަދި އަރިއަތޮޅު އުތުރުބުރީގަޔާއި މާލެއާ ދެމެދު ހިމެނޭގޮތަށް މި ޚިދްމަތް ދެމުން އަންނަތާ މިހާރު ދެހަފްތާއެއްހާ ދުވަސް ވެއްޖެ. އަޅުގަނޑުމެން މި އުންމީދު މިކުރަނީ މި ޖަނަވަރީ މަހުގެ ތެރޭގައި، އިތުރު އެހެން ސަރަޙައްދުތަކުގައިވެސް މިމަސައްކަތް ފަށައިގަނެވޭނެ ކަމަށް. އަދި މިޚިދްމަތް ރައްޔިތުންނަށް ފޯރުކޮށްދެވޭނެ ކަމަށް. އަދި އޭގެއިތުރުން މިހާރު ވަކިފަރާތަކާ ޙަވާލުނުވެވާ ސަރަޙައްދުތައް އެއީ، ނ. ރ. ބ. ޅ. އަދި ވ. މ. ފ. ދ. މި ދެސަރަޙައްދުގައިވެސް، މި ދެ ޕްރޮވިންސްގައިވެސް މި ޚިދްމަތް ރައްޔިތުންނަށް ފޯރުކޮށްދިނުމުގެ މަސައްކަތް ކޮންޓްރެކްޓްގެ އުޞޫލުން ޓެންޑަރކޮށްގެން، އެމަސައްކަތް ޙަވާލުކުރާނެ ބައެއް ހޯދުމުގެ ކަންކަން މިހާރުދަނީ ކުރިއަށް. އިރާދަކުރެއްވިއްޔާ، ދާދިއަވަހަށް އެމަސައްކަތް އެކިއެކި ކުންފުނިތަކާ ޙަވާލުކުރެވޭނެ. އެހެންވީމާ، ދަތުރުފަތުރު ކުރުމުގެ ނިޒާމު، ރާއްޖޭގެ ރަށްތައް ދަތުރުފަތުރުގެ ނިޒާމަކުން ގުޅުވާލުމުގެ މަސައްކަތް، ޖުމްލަކޮށް އަޅުގަނޑު ދެކޭއިރުގައި، އަޅުގަނޑު ދަންނަވާނީ އަޅުގަނޑުމެންނަށް އަޅުގަނޑުމެންގެ އަމާޒެއް ނުގެއްލެއޭ. އެމަސައްކަތް ކުރިއަށް އެބަގެންދެވެއޭ. އިރާދަކުރެއްވިއްޔާ އަޅުގަނޑުމެންގެ 5 އަހަރު ދުވަހުގެ ތެރޭގައި، އެކަން ފުރިހަމައަށް ޤާއިމުކޮށް، އޭގެ ޚިދްމަތް، އޭގެ ހެޔޮ ޚިދްމަތް ހެޔޮގޮތުގައި ރައްޔިތުންނަށް ލިބެމުންދާނެ ކަމުގެ ފުރިހަމަ ޔަޤީންކަން އަޅުގަނޑަށް އެބައޮތް.

ގެދޮރުގެ ދަތިކަމުން ރައްޔިތުން މިންޖުކޮށްދިނުމަށްޓަކައި ހިންގޭ މަސައްކަތް އަދި ވަނީ އޭގެ ސީދާ ޢަމަލީ މަސައްކަތް ފަށައިނުގަނެވި. އެހެން ނަމަވެސް، މިހާރު އަޅުގަނޑުމެންނަށް މިވަނީ ސަރަޙައްދުތަކަކާ އެކީގައި ކޮންޓްރެކްޓް ކުރުމުގެ އެންމެފަހު މަރްޙަލާއާ ހަމައަށް އެޅިފައި. އެ ކޮންޓްރެކްޓްތަކުގައި ސޮއިކުރުމަށް ކުރާންޖެހޭ ކަންކަން ފުރިހަމަކުރުން، މީގައި އަޅުގަނޑުމެންނަށް ދުވަސްނަގާ ކަމެއްގެ ގޮތުގައި މިފެންނަނީ، ދެފަރާތް އެއްބަސްވާ ގޮތަކަށް. އެއީ މަސައްކަތް ހިންގުމަށް އަންނަ ފަރާތާއި އަދި ދިވެހި ސަރުކާރުން އެފަރާތަށްދޭ އެއްޗަކާ. ސަރުކާރުން ރާވާފައި މިއޮތް ގޮތަކީ، ކޮންމެ 10 ގެއަކަށް، އެއީ ރަށްރަށުގައި އަޅާ ކޮންމެ 10 ގެއަކަށް، އެފަރާތަށް ލަގްޒަރީވިލާ ނުވަތަ މަތީފެންވަރުގެ ގެ އެޅުމަށް ރާއްޖޭގެ ގޮނޑުދޮށް ރީތި ސަރަޙައްދުތަކުން ބިން ދޫކުރުން. އެ އުޞޫލަށް މިމަސައްކަތުގައި ބައިވެރިވުމަށް 4 ކުންފުންޏަކުން މިހާރު މިއޮތީ ސަރުކާރާއެކު އެއްބަސްވާ ހިސާބަށް، އެގްރީމެންޓް ކުރެވޭ ހިސާބަށް ކަންކަން ގެންދެވިފައި. އެހެންވީމާ، އަޅުގަނޑު މިއުންމީދު ކުރަނީ، މި ޖަނަވަރީ މަހުގެ ތެރޭގައި 4 ކުންފުންޏާ އެކީގައި އެގްރީމަންޓް ވެގެންދާނެއޭ. އެހެންވީމާ މިއަހަރުގެ ތެރޭގައި، 2010 ވަނަ އަހަރުގެ ތެރޭގައި މަދުވެގެން ހާހެއްހާ ގެ، ރާއްޖޭގެ އެކި ތަންތަނުގައި އެޅޭނެ ކަމުގެ ފުރިހަމަ އިތުބާރު ސަރުކާރަށް އެބައޮތް. އިރާދަކުރެއްވިއްޔާ، ސަރުކާރަށް އެކަންކަން ގެންދެވޭނެ.

ޑްރަގްސްގެ ވަޢުދާ ގުޅިގެން ސަރުކާރުން އެންމެ ބޮޑަށް މަސައްކަތް ކުރަމުން މިއައީ، ރާއްޖެއަށް ޑްރަގްސް އެތެރެވާ މިންވަރު މަދުކުރުން. އެހެންވީމާ، ބޮޑަށް ފުލުހުންގެ މަސައްކަތް ރަނގަޅުކުރުން، އިތުރުކުރުން. އަޅުގަނޑު ދަންނަވާނީ މިދިޔަ އަހަރުގެ ތެރޭގައި ފުލުހުންގެ މަސައްކަތް ވަރަށް ރަނގަޅަށް ފުލުހުން ހިންގައިފިއޭ. ހިންގަމުން މިހާރުވެސް އެބަ ގެންދެއޭ. ރާއްޖެއަށް ބާރުގަދަ ޑްރަގްސް އެތެރެވާ މިންވަރު، ކުރިއާ އަޅާބަލާއިރު މިހާރު މިވަނީ އެތައް ތަނަކުން މަދުވެފައޭ. ހަމައެއާއެކީގައި ސަރުކާރަށް މިވަނީ ޑީޓޮކްސިފިކޭޝަން ސެންޓަރެއް ވިލިނގިލީގައި ޤާއިމު ކުރެވިފައި. އޭގެ އަނެއް ސެންޓަރު އައްޑުއަތޮޅުގައި ވަނީ ޤާއިމު ކުރެވިފައި. އަޅުގަނޑުމެންގެ އަމާޒަކީ ވީހާވެސް ގިނަ ކުދިންނަކަށް ފަރުވާދެވި، އެކުދިން އެއީ މުޖްތަމަޢަށް ބޭނުން ހިފޭ، ޢާއިލާއާ އެކީގައި އުޅެވޭ ބަޔަކަށްވެ، އެމަސައްކަތް ކުރިއަށް ގެންދެވޭނޭ އިންތިޒާމުތަކެއް، ނިޒާމުތަކެއް ހަމަޖެހުން. އެންމެ އެދެވޭ ގޮތަށް މިކަން ނުދިޔަކަމުގައިވިޔަސް، މީގެ މަސައްކަތްވެސް ހިނގަމުންދާކަން އަޅުގަނޑަށް ފާހަގަވޭ. އަދި އަޅުގަނޑުގެ ނަޒަރުގައި މިކަންކަން މިހާރަށްވުރެ ފުރިހަމަކުރާން އެބަޖެހޭ. އިރާދަކުރެއްވިއްޔާ، މިއަހަރު އަޅުގަނޑުމެން ޢަޒުމް ކަނޑައަޅާނީ، ޑްރަގްގެ ވަބާއިން ނުވަތަ ޑްރަގްގެ ޝިކާރައަކަށް ވެފައިވާ ޒުވާނުންނަށް އިތުރަށް އެހީތެރިކަން ފޯރުކޮށްދިނުމާއި، އެ ޒުވާނުންގެ ފަރުވާއަށް ކުރެވެންހުރި ކަންތައްތައް ފުރިހަމަގޮތުގައި ކުރެވޭތޯ މަސައްކަތް ކުރުން.

ބޭސްފަރުވާއަށް ސަލާންޖެހުން، އެ ވަޢުދާ ގުޅޭގޮތުން އެކަން ފުރިހަމަކުރުމަށްޓަކައި ސަރުކާރުން އެކުލަވާލީ [މަދަނަ“، އިންޝުއަރެންސްގެ އުޞޫލުން އެކަން ކުރެވޭނޭ ޕްރޮގްރާމެއް. [މަދަނަ“ ޕްރޮގްރާމް މިހާރު މިވަނީ ފަށައިގަނެވިފައި. ދެން އެ ޕްރޮގްރާމް ފުޅާވަމުންދިޔަ މިންވަރަކުން ބޭސްފަރުވާގެ ކަންތައް ފުރިހަމަވަމުންދާނެ. އަދި ބޭސް ސިޓީއަށް ސަލާންޖަހަން ނުޖެހޭގޮތް، އަޅުގަނޑު ހިތުން އޭގެ އިންތިޒާމު މިހާރު މިވަނީ، އޭގެ ތަރަޙަ މިހާރު މިވަނީ އެޅިފައި. އެހެންވީމާ، އެމައްޗަށް މިއަހަރުގެ ތެރޭގައި އަޅުގަނޑުމެންނަށް ބިނާކުރަމުން ގެންދެވޭނެ.

ހޮސްޕިޓަލްތަކާއި ހެލްތް ސެންޓަރުތަކާއި، ހެލްތް ޕޯސްޓްތަކުގެ ޚިދްމަތުގެ މައްސަލަ ވަރަށް ގިނައިން އެބަދިމާވޭ. ޚިދްމަތް ދެވޭ ފެންވަރާ ގުޅިގެން ނުކުންނަ މައްސަލަތައް. އެމައްސަލަތައް ޙައްލު ކުރުމަށް މިނިސްޓްރީ އޮފް ހެލްތުން ގެންދަވަނީ މަސައްކަތް ކުރައްވަމުން. ޚާއްޞަކޮށް، ލާމަރްކަޒީ އުޞޫލުން އެސަރަޙައްދަކަށް، އެ ސަރަޙައްދެއްގެ އެ ހެލްތް ސެންޓަރުތައް ހިންގުމުގެ ނުވަތަ ހޮސްޕިޓަލްތައް ހިންގުމުގެ ބާރު ދޫކުރެވި، ބަޖެޓް ދޫކުރެވި، ސަރަޙައްދީ ގޮތުގައި ޕްރޮވިންސްގެ ތެރޭގައި މިކަން ހިނގީމާ، ފުރިހަމައަށް އެކަންވާނެ ކަމަށް ސަރުކާރުން ދެކެން. އެހެންނަމަވެސް، މިއަދާ ހަމައަށްވެސް މިވަނީ މި ޕްރޮވިންސްގެ މަގުން މިކަން ކުރެވޭގޮތް ނުވެފައި. ނަމަވެސް، މިއަހަރުގެ ތެރޭގައި ކޮންމެ ޕްރޮވިންސެއްގައިވެސް ހެލްތް ބޯޑެއް އުފެދި، އަދި އެ ހެލްތް ބޯޑުގެ ބެލުމުގެ ދަށުން އެ ޕްރޮވިންސެއްގެ ހޮސްޕިޓަލްތަކާއި، ހެލްތް ސެންޓަރުތަކާއި، ހެލްތް ޕޯސްޓްތަކުގެ ހިންގުން ހަރުދަނާ ކުރެވިގެންދާނެ.

ތަކެތީގެ އަގު ހެޔޮކުރުމަށްޓަކައި ބަޖެޓް ޑެފިސިޓް ކުޑަކުރާންޖެހޭ. ބަޖެޓް ޑެފިސިޓް ކުޑަނުކުރަނީހެއް އިންފްލޭޝަނަށް އަސަރެއް ނުކުރާނެ. އިންފްލޭޝަނަށް މިހާރު ކޮށްފައި ހުރި ހެޔޮ އަސަރު ރަނގަޅު. 2008 ވަނަ އަހަރާ އަޅާބަލާއިރު، 2009 ވަނަ އަހަރު ނިމުނުއިރު އިންފްލޭޝަން ހުރީ މާބޮޑުތަނުން ދަށްވެފައި. އަޅުގަނޑު މިދަންނަވަނީ، ތަކެތީގެ އަގު ހެޔޮވާ ވާހަކައެއް ނޫން. އެހެން ނަމަވެސް، ތަކެތީގެ އަގު ބޮޑުވަމުން އައި މިންވަރު ކުޑަވެއްޖެ ކަމަށް. މިހާރު ބޮޑުވާ މިންވަރު ހުރީ ކުރިއާ އަޅާބަލާއިރުގައި ވަރަށްބޮޑުތަނުން ހިފެހެއްޓިފައި. އަޅުގަނޑުމެންގެ އަމާޒަކީ ތަކެތީގެ އަގު ކުޑަވުން. ދަށަށް ދިޔުން. އެކަން އެހެންވުމަށްޓަކައި އަދި ބަޖެޓްގެ ޑެފިސިޓް އެތައް ތަނަކުން ކުޑަވާންޖެހޭ.

ސަރުކާރު މުވައްޒަފުންގެ މުސާރައާވެސް އަދި ސަރުކާރުން ކުރާ އެހެން ޚަރަދުތައްވެސް ގުޅިފައި ވަނީ މިދެންނެވި އަޞްލާ. ބަޖެޓް ޑެފިސިޓް ބޮޑުކުރި މިންވަރަކުން އިންފްލޭޝަން، ތަކެތީގެ އަގު ބޮޑުވެގެންދާނެ. އެހެން ނަމަވެސް، އެ އިންފްލޭޝަން ހިފެހެއްޓުމަށްޓަކައި ސަރުކާރުގެ ބަޖެޓްގެ ޚަރަދު މިޖެހެނީ ކުޑަކުރާން. އެހެންވީމާ، ޚަރަދު ކުޑަކުރުމުގެ މަސައްކަތް ސަރުކާރުން މިދަނީ ހިންގަމުން.

ހަމަ މިދެންނެވި ކަންތައްތަކުގެ އިތުރުން، އަޅުގަނޑު ދަންނަވާލަން ބޭނުން. މިދިޔަ 2009 ވަނަ އަހަރުގެ ތެރޭގައި ތިރީހަކަށް ރަށުގެ ފެނާއި ނަރުދަމައާއި، ބަނދަރާއި ގިރާ ސަރަޙައްދު ރަނގަޅު ކުރުމާ، މިކަންކަން ކޮށްދޭނެ ކަމަށް ސަރުކާރުން ވާނީ ފާހަގަކޮށްފައި. އެމަސައްކަތް ސަރުކާރުން އުންމީދުކޮށް ތިބީ، 2009 ވަނަ އަހަރު ނިމުމުގެ ކުރީގައި ޢަމަލީގޮތުން ފެށޭނެ ކަމަށް. އެހެން ނަމަވެސް، އެކިއެކި ސަބަބުތަކާހުރެ އެމަސައްކަތްތައް ފެށެން މިއަންނަނީ، މި ޖަނަވަރީ މަސް ނުވަތަ ފެބްރުއަރީ މަހުގެ ތެރޭގައި. އެމަސައްކަތްތައް އިރާދަކުރެއްވިއްޔާ ފެށޭނެ. މިދަންނަވާހެން ފެނާއި ނަރުދަމައާއި އަދި ބަނދަރާއި އެއްގަމުތޮށީގެ މަސައްކަތްތައް، ސަރުކާރުން ބޭނުންވަނީ ވީހާވެސް ގިނަ ރަށެއްގެ ނަރުދަމާގެ މަސައްކަތް ކުރިއަށް ގެންދެވޭނެ ގޮތެއް ހޯދުން. މިހާރު މިވަނީ އެމަޝްރޫޢުތަކަށް ފައިސާ ހޯދިފައި. ނުވަތަ ސަޕްލަޔަރ ކްރެޑިޓުން އެކަން ކުރުމަށް ބޭނުންވާ ކަންކަން ހަމަޖެހިފައި. އަދި ޕަބްލިކް ޕްރައިވެޓް ޕާޓްނަރޝިޕްގެ ދަށުން އެކަންކަން ކުރުމަށް ބޭނުންވާ ކަންކަން ހަމަޖެހިފައި. ނުވަތަ ލޯނު މެދުވެރިކޮށްގެން އެކަންކަން ކުރުމަށް ބޭނުންވާ ކަންކަން ހަމަޖެހިފައި.

ނަރުދަމާތަކާއި ބަނދަރުތަކާއި އަދި އެއްގަމުތޮށިތައް ޑިޒައިން ކުރުމުގެ މަސައްކަތް ހިނގަމުން އަންނަތާ މިހާރު ދެމަހެއްހާ ދުވަސް ވެއްޖެ. އަޅުގަނޑަށް މަޢްލޫމާތު ލިބިފައި އޮތްގޮތުގައި އަދި އިތުރަށް ދެމަސް ދުވަސް، ޑިޒައިނަށާއި ޓެންޑަރުގެ މަސައްކަތަށްދާނެ. އެހެންވީމާ، ޢަމަލީގޮތުން މަސައްކަތް ފެށޭއިރުގައި، 2010 ވަނަ އަހަރުގެ ފެބްރުއަރީވެސް ނިމިފައި އޮތުމަކީ އެކަށީގެންވާ ކަމެއް. އެހެން ނަމަވެސް، މިމަސައްކަތްތައް ހިނގާނެ ކަމުގެ ފުރިހަމަ އުންމީދު، ފުރިހަމަ ޔަޤީންކަން އަޅުގަނޑަށް އެބައޮތް. އިރާދަކުރެއްވިއްޔާ، ރާއްޖެއަށް އެހީތެރިކަމާއި، ރާއްޖޭގެ ކަންކަން ކުރުމަށް ބައިނަލްއަޤްވާމީ ދުނިޔޭގެ އެތައް އެތައް ޖަމާޢަތަކުން އަދި ދޭދޭ ޤައުމުތަކަށް ބެއްލެވިނަމަވެސް، އެތައް ޤައުމަކުން އެދޭ. އަދި ރާއްޖެއަށް އެހީތެރިވުމަށް ޤައުމުތަކުންވެސް ކުރިއަށްވުރެ މާބޮޑަށް މިއަދު ތައްޔާރަށް ތިބިކަން އަޅުގަނޑަށް ޔަޤީން. އަޅުގަނޑުމެންނަށް ރާއްޖޭގެ އިޤްތިޞާދު ހަލުވިކުރުމަށް ކުރާންޖެހޭ މަސައްކަތްތައް ކުރާން އެބަޖެހޭ. އޭގެތެރޭގައި، ޚާއްޞަ ގޮތެއްގައި ހަމަ އަޅުގަނޑު ދަންނަވާނީ ރަނގަޅަށް ބަޖެޓް ހިންގުން އެއީ އިޤްތިޞާދު ހަރުދަނާ ކުރުމަށް ކުރާން އޮތް އެންމެބޮޑު އެއްކަންތަކޭ.

އެހެން ނަމަވެސް، އިތުރު ކަމެއް މިދިޔަ އަހަރުގެ ތެރޭގައި ސަރުކާރަށް ފާހަގަވެފައިވާ އިތުރުކަމަކީ އެނގިވަޑައިގަންނަވާނެ، ކުރީ ސަރުކާރުން ވަނީ 60 އެތައް ރަށެއް ރިޒޯޓްގެ ގޮތުގައި ތަރައްޤީ ކުރުމަށް އެކިއެކި ފަރާތްތަކާ ޙަވާލުކުރެވިފައި. އެރަށްތަކުގެ މަސައްކަތް އަދިވެސް މިވަނީ ރަނގަޅު ނަތީޖާއަކާ ހަމައަށް ނުގެނެވިފައި. ސަރުކާރުން މިދިޔަ އަހަރު، އެއްއަހަރުގެ މުއްދަތު އިތުރުކޮށްދެވުނު، އެރަށްތައް ނިންމުމަށް. އެހެން ނަމަވެސް، އެ އެއް އަހަރު ދުވަހުގެ މުއްދަތު ނިމިދާއިރުވެސް އެމަސައްކަތްތައް މިވަނީ އެފަރާތްތަކަށް ނުކުރެވިފައި. މިނިސްޓްރީ އޮފް ޓޫރިޒަމުން ވަނީ އޭގެތެރެއިން ބައެއް ރަށްރަށް ފާހަގަކޮށް، އެކަމުގައި ދެން ކުރިއަށް ދެވޭނެ ގޮތްތަކެއް ހޯދުމުގެ މަސައްކަތް ފަށާފައި. އަޅުގަނޑު މި އުންމީދު ކުރަނީ ކުރިއަށް މިއޮތް ދެތިން ހަފްތާއެއްގެ ތެރޭގައި، މިދެންނެވި 60 ރަށުގެ ތެރެއިން ބައެއް ތަންތަނުގެ ކޮންޓްރެކްޓް ބާޠިލުކޮށް، އެހެން ފަރާތްތަކާ އެކީގައި އާ ކޮންޓްރެކްޓްތައް ޤާއިމުކޮށް، ވީހާވެސް އަވަހަކަށް އެތަންތަން ހެދޭނޭ ގޮތެއް ރޭވުމުގެ ކަންކަން ދަނީ ކުރިއަށް. އިރާދަކުރެއްވިއްޔާ، 2010 ވަނަ އަހަރުގެ ވަރަށް ކުރީކޮޅު މި ރަށްތައް އަނެއްކާވެސް ހެދޭނޭ މަގަކަށް ސަރުކާރުން އެގްރީމަންޓްތައް އެޅޭނެ.

އަހަރެއް ނިމިދާއިރު، އެ ވޭތުވެދިޔަ އަހަރުގައި އަޅުގަނޑުމެންނަށް ކުރެވިފައި ހުރި ކަންކަމާއި، ނުކޮށް ދޫކޮށްލެވިފައި ނުވަތަ ދޫވެފައި ހުރި ކަންކަން އަބަދުވެސް ފާހަގަކުރެވޭ. އަޅުގަނޑަށް ޔަޤީން، ސަރުކާރަށްވެސް އަދި އަޅުގަނޑަށްވެސް ހުރިހާ ކަމެއް ކުރެވިފައިނުވާ ކަމަށް. އެހެން ނަމަވެސް، އަޅުގަނޑު ދަންނަވާނީ އަޅުގަނޑުމެންގެ މައިގަނޑު މިޞްރާބު، އަމާޒު، މީޒާން ނުގެއްލޭނެ. އަޅުގަނޑުމެން ބޭނުންވެގެން މިއުޅޭ ޑިމޮކްރަސީގެ އުޞޫލުން ގެންދެވޭ ހެޔޮވެރިކަން ކުރުމުގެ ކަންކަން، ހެޔޮވެރިކަމުގެ ނިޒާމެއް ރާއްޖޭގައި ޤާއިމު ކުރުމުގެ މަސައްކަތް މިދަނީ ކުރިއަށޭ. ބައެއް ބޭފުޅުންގެ ނަޒަރުގައި ހެޔޮވެރިކަމަކީ ކޮބައިތޯ މިނާލާއިރުގައި، އެބަ ހިތަށްއަރާ ބައެއް ބޭފުޅުންނަށް، މިސާލަކަށް، އެއީ ހުރިހާ ސިވިލް ސަރވިސް މުވައްޒަފުންނަށް ވަރަށް ބައިވަރު ރުފިޔާ މުސާރައިގެ ގޮތުގައި ދީދީ އަބަދު ތިބުން އެއީ ހެޔޮވެރިކަމޭ. ނުވަތަ އެހެންވެސް އެހެންވެސް މިބާވަތުގެ ކަމެއް ކުރުން އެއީ ހެޔޮވެރިކަމޭ.

އެނގިވަޑައިގަންނަވާނެ، ހެޔޮވެރިކަމޭ އަޅުގަނޑުމެން މި އިޝާރާތްކުރާ ކަމަކީ، ޑިމޮކްރަސީގެ އުޞޫލުން ކުރެވޭ ރަނގަޅު ހަރުދަނާ ވެރިކަމޭ. އެކަން ކުރުމަށްޓަކައި ކުރަންޖެހޭ މަސައްކަތްތައް މިދިޔަ އަހަރު ސަރުކާރުން ވަނީ ކޮށްފައި. އެންމެބޮޑު މަސައްކަތަކަށް ވެފައި އޮތީ، ބައެއް ބައެއް ކަންކަމާ ގުޅޭގޮތުން ފިޔަވަޅު ނާޅައި ލަސްކޮށްލުން. ދޫކޮށްލުން. ނުވަތަ މަޑުކުރުން. ކެތްތެރިވުން. މިކަމުގެ ސަބަބުން އަޅުގަނޑަށް ޔަޤީން، އަޅުގަނޑަށް މި ވާހަކަ ދެކެވިފައި ހުރީކީއެއް އެންމެ ޕްރޮގްރާމެއް، ދެ ޕްރޮގްރާމެއްގައެއް ނޫން. އެހެން ނަމަވެސް، އަބަދުވެސް އަބަދުވެސް އަޅުގަނޑުމެންނާ ދިމާއަށް ނުވަތަ އަޅުގަނޑުމެންނަށް އެނބުރި އަންނަ އެއްކަމަކީ އިންޞާފުގެ މައްސަލަ. އިންޞާފު ޤާއިމު ކުރުމާއި، ޝަރީޢަތުގެ ނިޒާމު ހިންގުމާ، މިކަންކަމާ ގުޅޭ މައްސަލަ.

އެނގިވަޑައިގަންނަވާނެ، މީގެކުރީގެ ދުވަހެއްގައި ޖިނާއީ އިޖުރާތުގެ ކަންކަމާ ގުޅޭގޮތުން އަޅުގަނޑު ކުޑަކޮށް ވާހަކަ ދެއްކިން. ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހުން ޝަރީޢަތަށް ފޮނުވޭ މައްސަލަތަކުގައި، ޝަރީޢަތުގެ މަޖިލިސް ބޭއްވޭނެ ދުވަސްތަކެއް ނޭނގި، މައްސަލަތައް ދިގުލަމުން ދެމެމުންދާ ކަމުގެ ވާހަކަ. އަޅުގަނޑު އަނެއްކާވެސް ހަމަ ތަކުރާރުކޮށް ދަންނަވަން ބޭނުންވަނީ ދަށު ކޯޓުތަކުންވެސް އަދި ހައިކޯޓުންވެސް، ސްޕްރީމް ކޯޓުންވެސް މިކަންކަމަށް ބޮޑަށް ނަޒަރު ހިންގަވައި، އެކަންކަން ކުރިއަށް ގެންދެވޭނޭ ގޮތެއް އިންތިޒާމު ކުރުމަކީ އަޅުގަނޑުމެން މިއެދޭ ހެޔޮވެރިކަން ކުރުމަށް، ހެޔޮވެރިކަމަށް މަގުފަހިކުރުމަށް ކޮންމެހެން ބޭނުންތެރި ކަމެކޭ.

އަޅުގަނޑުގެ ދުޢާއަކީ، އަޅުގަނޑުމެންނަށް މިއަދަށްވުރެ އަދި މާ ފާގަތި މާދަމައެއް ލިބުން. އަޅުގަނޑުގެ ދުޢާއަކީ އަޅުގަނޑުމެންނަށް ދެ ދުނިޔޭގެ ބާއްޖަވެރިކަން ލިބުން.

والحمد للّـه. والسّـلام عليـكم.

______________________