بســم اللّـه الرّحمـن الرّحيــم

السّـلام عليـكم


މިއަދަކީ، 25 ޑިސެމްބަރު 2009 ވީ ހުކުރު ދުވަސް. އަޅުގަނޑު މިއަދު ތިޔަބޭފުޅުންނާ ބައްދަލުވާއިރު، ފުރަތަމައަށް ފާހަގަކުރަން އަޅުގަނޑު އެދޭ މުހިންމު ނުކުތާއެއް އެބަވޭ. އެނގިވަޑައިގަންނަވާނެ، ރޭޑިއޯ މެދުވެރިކޮށް ރައްޔިތުންނާ އެކުގައި އަޅުގަނޑު މިހޭދަކުރާ ވަގުތުކޮޅު މިގޮތަށް ހޭދަކުރަމުން ގެންދާތާ ދުވަސްތަކެއް މިހާރު ވެއްޖެ. އެހެން ނަމަވެސް، މިދިޔަ ހުކުރުދުވަސް ވެގެންދިޔައީ، މިމަސައްކަތަށް ނުވަތަ ރައްޔިތުންނާ އަޅުގަނޑު މިބައްދަލުވާ ބައްދަލުވުމަށް މެދުކެނޑުމެއް އައި ދުވަހަކަށް. އެއީ ވަރަށް ހިތާމައާއެކު އަޅުގަނޑު ފާހަގަކުރަން ބޭނުންވާ ނުކުތާއެއް. އެދުވަހުގެ ކަންތައްތައް ދިޔަގޮތުން އަޅުގަނޑަށް ހަމަ އެއްގޮތަކަށްވެސް ވަގުތުކޮޅެއް ނުލިބުނީ، މި ރޭޑިއޯ ރެކޯޑިންގ ހެދުމަށްފަހު، އެ ރެކޯޑިންގ ރާއްޖެ ފޮނުވައި އަދި އެ ގަޑިއަށް އެކަން ހިންގުމުގެ ފުރްޞަތު އަޅުގަނޑުމެންނަށް ގެއްލިގެންދިޔައީ. އެއީ، އެވަގުތު އަޅުގަނޑު ހުރީ އެނގިވަޑައިގަންނަވާނެ، ޑެންމާކުގެ ވެރިރަށް ކޯޕަންހޭގަންގައި. އެއީ މޫސުމަށް އަންނަ ބަދަލުތަކާ ގުޅޭގޮތުން އ.ދ.ގެ ޖަލްސާގައި ބައިވެރިވުމަށް.

އެޖަލްސާގައި ކަންތައްދިޔަގޮތާއި، އެ ޖަލްސާއާ ގުޅޭގޮތުން އަޅުގަނޑު މިހާރުވާނީ ރައްޔިތުންނަށް އަޅުގަނޑަށްވީ އެންމެ ރަނގަޅަކަށް މަޢްލޫމާތު އަރުވާފައި. އަޅުގަނޑުގެ ނަޒަރުގައި، އެ އެއްބަސްވުމަކީ އަޅުގަނޑުމެންނަށް އެ އެއްބަސްވުން ނުލިބުނުނަމަ، އޭގެ ސަބަބުން ލިބޭނެ ގެއްލުންތައް ވަރަށްބޮޑު ކަމެއްގެ ގޮތުގައި ފާހަގަވެގެންދާނެ ކަމެއް. އެހެންވީމާ، އެ އެއްބަސްވުން ލިބުނުކަމީ، އަޅުގަނޑުމެންނަށް މިވަގުތަށް ލިބުނު ވަރަށް ރަނގަޅު ކާމިޔާބެއް.

އަދި މީގެއިތުރުން، އެ އެއްބަސްވުމާ ހަމައަށް އަޅުގަނޑުމެންނަށް ދެވުނުއިރުގައި، ދިވެހިރާއްޖެއަށް ބައިނަލްއަޤްވާމީ ދުނިޔޭގެ އެކިއެކި ޤައުމުތަކުން ބަރޯސާ ކުރަން ޖެހުނު މިންވަރު އެއީ އަޅުގަނޑުގެ ނަޒަރުގައި ރާއްޖެއަށް ލިބުނު ވަރަށްބޮޑު ކާމިޔާބީއެއް. އެހެންވީމާ، އަޅުގަނޑު އެކަމަށްޓަކައި އެކަން އެގޮތަށް ހިނގުމަށް ފަހިވި އަދި ފަހިކޮށްދެއްވި ހުރިހާ ފަރާތްތަކަކަށް ނިހާޔަތަށް ޝުކުރު ދަންނަވަން. ޚާއްޞަ ގޮތެއްގައި ރާއްޖޭގެ ހުރިހާ ރައްޔިތުންނަށް މިކަމުގައި އަޅުގަނޑު ޝުކުރުވެރިވާން ބޭނުން. ކޯޕަންހޭގަންގައި ކަންތައްތައް ހިނގަމުންދިޔައިރުގައިވެސް އަދި އޭގެފަހުން އެތަނުގައި ކަންކަން ހިނގާދިޔަގޮތާ ގުޅޭގޮތުން ނޫސްވެރިން މަޢްލޫމާތުދެމުން ގެންދާ ގޮތުގައިވެސް ދިވެހިރާއްޖޭގެ ދައުރު ވަރަށްފުޅާ. އަދި ދިވެހިރާއްޖެ، އެ ކޯޕަންހޭގަންގެ އެ ކޯޑް ނުވަތަ އެއްބަސްވުން ސަލާމަތް ކުރުމަށް އަދާކުރި ދައުރުވެސް ނުހަނު ފުޅާ. އެއީ އަޅުގަނޑުމެންނަށް ލިބުނު ވަރަށްބޮޑު ފަޚްރެއް. ދިވެހިރާއްޖެއަށް ލިބޭ ވަރަށްބޮޑު ޝަރަފެއް.

އެނގިވަޑައިގަންނަވާނެ، އިއްޔެ ވަނީ ދައުލަތުގެ ބަޖެޓް ފާސްކޮށްފައި، އެ ބަޖެޓް ފާސްކުރެވުނުއިރުގައި، ވަރަށްގިނަ މެންބަރުން ވަރަށްގިނަ ނުކުތާތަކެއް ފާހަގަކުރެއްވި. އަޅުގަނޑު އެހެން ނަމަވެސް، އެންމެ ފުރަތަމައިނުންވެސް ބަޖެޓާ ގުޅޭގޮތުން މަޖިލީހުގެ މެންބަރުންނަށް ޝުކުރު ދަންނަވަން ބޭނުން. ޚާއްޞަކޮށް، ބަޖެޓް ދިރާސާކުރާ ކޮމިޓީގެ ފުރިހަމަ މަސައްކަތަށް އަޅުގަނޑު ޝުކުރު ދަންނަވަން ބޭނުން. އަދި ޢާންމުކޮށް މަޖިލީހުގެ ހުރިހާ މެންބަރުންވެސް ބަޖެޓާ ގުޅޭގޮތުން ދެއްކެވި ވާހަކަ އަޅުގަނޑު ކަނުލާ އަޑުއެހީމު. އަދި އެވާހަކަތަކުގެ މައްޗަށް ބިނާވެ މެނުވީ، މިބަޖެޓް ތަންފީޒު ކުރަމުން ނުދާނެ ކަމުގެ ޔަޤީންކަން މަޖިލީހުގެ މެންބަރުންނަށާއި، ރާއްޖޭގެ ރައްޔިތުންނަށް އަޅުގަނޑު އަރުވަން. ބަޖެޓް ހުށަހެޅި، ބަޖެޓަށް ބަޙުޘް ކުރެވި، އަދި ބަޖެޓް ފާސްވަމުންދިޔަ މަރްޙަލާތަކުގައި ބަޖެޓަށް މިވަނީ ބައެއް ބައެއް އިޞްލާޙު ހުށަހެޅިފައި. މީގެތެރޭގައި، އިޞްލާޙު އެބަވޭ، ބަޖެޓް ދިރާސާކުރި ރިޕޯޓުގެ ލަފާ ނުވަތަ ރެކޮމެންޑޭޝަންގެ ތެރެއަށް ބައެއް ބޭފުޅުން އެބަހުރި އިތުރު ލަފާ ހިމަނުއްވާފައި. އަޅުގަނޑު އެ ލަފާތަކަށް ބަލައިލިއިރުގައި، އޭގެތެރެއިން ގިނަ ލަފައަކީ އަޅުގަނޑުގެ ނަޒަރުގައިވެސް ހަމަ އަޅުގަނޑުމެން ކަންކަން ކުރުމަށް ރަނގަޅު ގޮތްތަކެއް ހުށަހަޅާފައިވާ ހުށަހެޅުންތަކެއް. އަދި އެހެން ނަމަވެސް، އޭގެތެރޭގައި ބައެއް ލަފައަށް އަޅުގަނޑަށް ޢަމަލުކުރަން ދަތިވާ ލަފާ އެބަހުރި. އެއީ، އެފަދަ ގޮތަކަށް ޢަމަލުކޮށްފިނަމަ، ދެން އެކުލަވާލެވިފައި ހުރި ބައެއް ޤާނޫނުތަކާ ޚިލާފުވެދާނެ ކަމުގެ އުނދަގޫ ނުވަތަ ޚިލާފުވާނެ ކަމުގެ މައްސަލަ ނުކުންނާނެކަމުން، އަޅުގަނޑަށް، ސަރުކާރަށް ޢަމަލު ކުރެވެން ނެތް މައްސަލަތައް. އެނޫން އެހެން ހުރިހާ ކަންކަމަށް އަޅުގަނޑުމެން ފުރިހަމައަށް މިދިޔަ އަހަރުވެސް ޢަމަލު ކުރަމުން ގެންދިޔައީމު. އަދި ކުރިއަށް މިއޮތް އަހަރުގައިވެސް އަޅުގަނޑުމެން ޢަމަލު ކުރަމުން ގެންދާނެ ކަމުގެ ފުރިހަމަ ޔަޤީންކަން އަރުވަން. ހަމައެހެންމެ، ބައެއް އިޞްލާޙު އެބަހުރި. ކަނޑައެޅިގެން ވަކިކަމެއް ކުރުމަށް މެންބަރުން ހުށަހަޅުއްވައި އަދި ބައެއްފަހަރަށް އޭގެތެރެއިން މަދު ނަމަވެސް ބައެއް އިޞްލާޙު ފާސްވެފައި އެބަހުރި. ހަނދުމަފުޅުކޮށް ބަހައްޓަވަންޖެހޭނެ، ބަޖެޓަކީ ޢަދަދު ހިމެނޭ އެއްޗެއް. ހިސާބުގެ މަޢްލޫމާތު. ހިސާބުގެ މަޢްލޫމާތެއްގައި ސިޔާސީ ވަކި ބާވަތެއްގެ ވިސްނުމަކަށްޓަކައި ކަންތައްތައް ކޮށްގެން އޭގެ ހިސާބުގެ ދެކޮޅު ނުޖެހުން ނުކުންނާނެ. އެހެންވީމާ، ހިސާބުގެ ދެކޮޅުޖެހުމެއް ނުކުތުމަކީ، ބަޖެޓް އޭގެ ތަރާދުން ނައްޓައިގެން ހިނގައިދާނެ ކަމެއް. އެހެންވީމާ، ބަޖެޓް، ތަރާދުގައި ބެހެއްޓުމަކީ، މެކްރޯ އިކޮނޮމިކް ޕްރޮގްރާމް ފުރިހަމައަށް އޮތުމަކީ، މި ސަރުކާރުގެ ވަރަށްބޮޑު އަމާޒެއް. އަޅުގަނޑުމެން އެގޮތަށް އެކަން ބެހެއްޓުމަށް ކުރެވެންހުރި ހުރިހާ މަސައްކަތެއް އިރާދަކުރެއްވިއްޔާ ކުރަމުން ގެންދާނަން. މެންބަރުން ފާހަގަކުރައްވާ، ބަޖެޓުގައި ހިމެނިފައި ނެތް ކަމަށް، އެބޭފުޅުންގެ ދާއިރާތަކަށް ބޭނުންވާ ރަށްވެހި ތަރައްޤީގެ މަޝްރޫޢުތައް ހިމެނިފައި.

އެނގިވަޑައިގަންނަވާނެ، މީގެކުރީގައިވެސް އަދި ޚާއްޞަކޮށް، އަޅުގަނޑުމެންގެ ސަރުކާރުގެ ކަމާބެހޭ ވަޒީރު އެއީ ޢުމްރާނީ ތަރައްޤީއާއި ނުވަތަ ރަށްވެހި ތަރައްޤީގެ މަޝްރޫޢުތައް އެންމެ ގިނައިން ހިންގާ އެއް ވުޒާރާ. އެއީ މިނިސްޓްރީ އޮފް ހައުސިންގ، އެންވަޔަރަންމަންޓް އެންޑް ޓްރާންސްޕޯޓް. އެމިނިސްޓްރީގެ ފަރާތުން އެމިނިސްޓްރީގެ ވަޒީރުވަނީ ރަށްވެހި ތަރައްޤީއާގުޅޭ ވަރަށް ފުރިހަމަ ބަޔާނެއް ހުށަހަޅުއްވާފައި. އަޅުގަނޑުގެ ނަޒަރުގައި އެބަޔާން ހަމަ ފުދޭ އަދިވެސް. އަދި އެ ބަޔާން ކިޔުއްވީމާ، އެ ބަޔާން އަޑު އެއްސެވީމާ، ރާއްޖޭގެ އެކިއެކި ކަންކޮޅުތަކުގައި ތިއްބެވި އެކިއެކި ރައްޔިތުންނަށް ފުރިހަމައަށް އިތުބާރު ލިބިލައްވަންޖެހޭނެ، ރަށްވެހި ތަރައްޤީގެ މަޝްރޫޢު މިފަހަރު ހިންގަން ރޭވިފައި މިވަނީ ހަމައެކަނި ސީދާ ސަރުކާރުގެ ބަޖެޓުން ނޫންކަން. މީގެތެރޭގައި ސަރުކާރު ޙިއްޞާވާ އަމިއްލަ ވިޔަފާރިތަކާ ގުޅިގެން ހިންގާ މަސައްކަތާއި އަދި ދިގު މުއްދަތުގައި ފައިސާ ދައްކާ އުޞޫލުން ސަޕްލަޔަރ ކްރެޑިޓްގެ ހަމަތަކުގައި ހިންގާ މަސައްކަތްތައްވެސް ހިމެނޭ. އެހެންވީމާ، ބަޖެޓުގައި އެހުރިހާ ކަމެއް ހިމެނިފައި ނެތް ނަމަވެސް، ސަރުކާރުން ރަށްވެހި ތަރައްޤީގެ މަޝްރޫޢުތަކަށް ކުޑަވެސް ހުއްޓުމެއް ނުގެނެސް ކުރިއަށް ގެންދާނެ ކަމުގެ ޔަޤީންކަން އަޅުގަނޑު ތިޔަ އެންމެ ބޭފުޅުންނަށް ފުރިހަމައަށް އަރުވަން.

އެނގިވަޑައިގަންނަވާނެ، ދައުލަތުގެ ނުވަތަ ރާއްޖޭގެ މާލީ އަދި އިޤްތިޞާދީ ސިޔާސަތާ ގުޅޭ ހަމައެކަނި ވަސީލަތަކީ ދައުލަތުގެ ބަޖެޓެއް ނޫން. ދައުލަތުގެ ބަޖެޓަކީ ވަރަށްބޮޑު ޙިއްޞާއެއް އޭގައި އަދާކުރާ އެއް ވަސީލަތް. އެހެން ނަމަވެސް، ހަމަ އެއާއެކީގައި ސަރުކާރު ޙިއްޞާވާ ކުންފުނިތަކާއި އަދި އަމިއްލަ ކުންފުނިތަކުގެ އިންވެސްޓްމަންޓްސްއާއި އަދި އަމިއްލަ ކުންފުނިތަކުގެ ކޮންސަމްޕްޝަނާއި، އަމިއްލަ ކުންފުނިތަކުގެ ޕްރޮޑަކްޓިވިޓީއާއި ނުވަތަ އުފެއްދުންތެރިކަމާ، މިހުރިހާ ކަމަކާވެސް ގުޅިގެން ސީދާ ސަރުކާރުގެ މާލީ، ދައުލަތުގެ މާލީ ސިޔާސަތު އަދި އިޤްތިޞާދީ ސިޔާސަތު ބިނާވެގެން މިއަންނަނީ. މިބަޖެޓުގައި މަސައްކަތް ކޮށްފައިވާނީ، މިދެންނެވި ހުރިހާ ދާއިރާތަކެއްވެސް ވިސްނައި ބަލައި، ހުރިހާ ކަމެއް ހަމައިގައި ބަހައްޓައިގެން އަޅުގަނޑުމެންނަށް ތަރައްޤީގެ މަގުގައި ކުރިއަށް ދެވޭނޭ މަގުތަކެއް ފަހިކުރާ ބަޖެޓަކަށް. މިއީ އެއްވެސް ހާލެއްގައި ސިޔާސީ ފުރްޞަތަށްޓަކައި ހަމައެކަނި ބަސްތަކެއް ބުނެލުމަށް ސަރުކާރުން ހުށަހަޅާފައި އޮތް ބަޖެޓެއް ނޫން. މިއީ ހަމަ ކަނޑައެޅިގެން ވަކި ކަންތައްތަކެއް ކުރުމަށްޓަކައި، ވަކި ނަތީޖާތަކެއް ނެރުމަށްޓަކައި ސަރުކާރުން އެކުލަވާލައި ހުށަހަޅާފައިވާ ބަޖެޓެއް. އިރާދަކުރެއްވިއްޔާ، މި ބަޖެޓުގައިމިވާ ގޮތަށް ސަރުކާރަށް ކަންކަން ހިންގޭނެ. އަދި އޭގެ ސަބަބުން މިއަހަރުގެ ތެރޭގައި ފާގަތިކަން އިތުރުވެގެންދާނެކަމީ، އަޅުގަނޑުމެން އެއްވެސް ހާލެއްގައި ޝައްކުކުރާ ކަމެއް ނޫން.

އެނގިވަޑައިގަންނަވާނެ، މާދަމައަކީ ސުނާމީ ރާއްޖެއަށް އެރިތާ 5 އަހަރު ފުރޭނެ ދުވަސް. އެ ކާރިސާ އަޅުގަނޑުމެންނާ ދިމާވި ދަނޑިވަޅުގެ ބިރުވެރިކަމާއި، އެދުވަހު އަޅުގަނޑުމެން ތަޙައްމަލް ކުރަމުން ގެންދިޔަ ކަންކަން އެއީ ކޮންމެހެން އިތުރަށް އަޅުގަނޑު އެވާހަކަތައް ތިޔަބޭފުޅުންނަށް ހަނދާންކޮށްދީ ދައްކައިދިނުން ކޮންމެހެން މުހިންމު ވާހަކައެއް ނޫން. އަޅުގަނޑުމެން އެންމެންގެ ހިތްތަކުގައިވެސް ވަނީ އެދުވަހާ ގުޅޭ މަންޒަރުތައް ބިންވަޅު ނެގިފައި. އަޅުގަނޑުމެންގެ ހަނދާނުން އެ މަންޒަރުތަކެއް ކެހިގެނެއް ނުދާނެ. އަދި އެދުވަހު ގެއްލުން ލިބުނު، ގެދޮރު ގެއްލުނު މީހުންގެ ޢަދަދާއި، އޭގެ ތެރެއިން އަޅުގަނޑުމެންނަށް މިއަދާ ހަމައަށް ބޯހިޔާވަހިކަން ފޯރުކޮށްދެވިފައި ތިބި ޢަދަދާ، މި މަޢްލޫމާތުތަކަކީވެސް ސަރުކާރު ވަރަށް ފަރިތަ މަޢްލޫމާތުތަކެއް. އަޅުގަނޑުމެންނަށް ސާފުކޮށް އެނގޭ ކަންތައްތަކެއް.

އެނގިވަޑައިގަންނަވާނެ، ސުނާމީ ކާރިސާއާ ގުޅިގެން ގެދޮރު ގެއްލިދިޔަ ހަތްހާހެއްހާ މީހުންގެ ބޯހިޔާވަހިކަން އަނބުރާ ހޯދައިދިނުމަށް ކުރީ ސަރުކާރުންވެސް، އަދި މި ސަރުކާރުންވެސް ގިނަގުނަ މަސައްކަތްތަކެއް މިދަނީ ކުރަމުން. މިއަދާ ހަމައަށް އައިއިރުގައި، އަދިވެސް ބޯހިޔާވަހިކަން ފޯރުކޮށްނުދެވި ސޯޅަސަތޭކަ މީހުން އެބަތިބި. ސަރުކާރުން މިގެންދަނީ އެމީހުންގެ ކަންތައްތައް ވީހާވެސް އަވަހަކަށް ފުރިހަމަކުރެވޭތޯ ބަލަމުން. މިހެން މިމަސައްކަތް ކުރިއަށް ގެންދާއިރުގައި، ސަރުކާރަށް މިކަން ކުރުމަށް ހުރިހާ ފައިސާއެއްވެސް މިހާރު މިވަނީ ހޯދިފައި. އަދި މަޝްރޫޢުތައްވެސް މިވަނީ ފެށޭ ހިސާބަށް ދެވިފައި. ފެށޭއިރުގައި ބައެއް ރަށްރަށުގެ ރައްޔިތުން ނުވަތަ ރައްޔިތުންގެ ތެރެއިން ބައެއް ބޭފުޅުން، މިކަންކަން ސަރުކާރުން ރާވާފައިމިވާ ގޮތަށް ކުރިއަށް ގެންދިއުމަށް އެބަ އިންކާރު ކުރައްވާ. އެހެން ނަމަވެސް، އަޅުގަނޑު ދަންނަވަން އޮތް ވާހަކައަކީ، ސުނާމީގައި ގެދޮރު ގެއްލުނު ފަރާތްތަކަށް ގެދޮރު ހިލޭ ހޯދައިދިނުމޭ ސަރުކާރުގެ އަމާޒަކީ. އަދި މިދަންނަވާ ވާހަކައަކީ، އެދުވަހު އެމީހެއްގެ ގެ ހަލާކުނުވާ މީހެއްގެ ގެ މިއަދު ބިނާކޮށްދިނުމަކީ އެއީ ސަރުކާރަށް ކޮށްދެވޭނެ ކަމެއް ނޫން. އަދި އިންޞާފުވެރި ގޮތެއް ކަމަކަށްވެސް ސަރުކާރަކުން ނުދެކޭ. ސުނާމީ ރާއްޖެއަށް އެރި ދުވަހު ގެދޮރު ގެއްލުނު ހުރިހާ ފަރާތްތަކަކަށް އިރާދަކުރެއްވިއްޔާ، އަލުން އަނބުރާ ބޯހިޔާވަހިކަމެއް ހޯދައިދިނުމަކީ ސަރުކާރުގެ އަމާޒެއް. އިރާދަކުރެއްވިއްޔާ އަޅުގަނޑުމެން އެކަން އެގޮތަށް ކޮށްދޭނަން.

ވަރަށްގިނައިން އެބަ ފާހަގަވޭ ކޮޅުފުށްޓާއި މަޑިފުށީގައި މި މައްސަލަ މިހާރު ދިމާވެގެން އުޅޭ ކަމަށް. އެހެން ނަމަވެސް، އަޅުގަނޑަށް މިހާރު މަޢްލޫމާތު ލިބިފައިވާ ގޮތުގައި، ކޮޅުފުށީގެ އެންމެހާ ކަންކަން މިހާރުވަނީ ޙައްލު ކުރެވިފައި. ހަމަޖެހިފައި. އެހެންވީމާ، އެރަށުގައި ޢިމާރާތް ކުރުމުގެ މަސައްކަތް ދާދި އަވަހަށް ފަށައިގަނެވޭނެ. މަޑިފުށީގައިވެސް މިހާރުވެސް މިވަނީ އިތުރަށް އަދި ވާހަކަތަކެއް ދައްކައި މަޝްވަރާތަކެއްކޮށް، ރައްޔިތުންނާ އެކީގައި އެއްބަސްވުމަކަށް އަންނަން ޖެހިފައި. އަޅުގަނޑުމެންނަށް މިޑިސެމްބަރު މަސް ނިމުމުގެ ކުރީގައި މިމަސައްކަތް ފަށައިގަތުމުގެ އެންމެހާ ކަންކަން ނުނިންމިއްޖެނަމަ، މިހާރު ހޯދިފައި މިހުރި ފައިސާ ގެއްލުމަކީ ވަރަށް އެކަށީގެންވާ ކަމެއް. އެހެންވީމާ، ޑިސެމްބަރު މަހުގެ ނިޔަލަށް ނުވަތަ ޑިސެމްބަރު މަސް ނިމުމުގެ ކުރީގައި ޢިމާރާތް ކުރުމުގެ އެންމެހާ މަސައްކަތް ފެށުމަށްޓަކައި ބޭނުންވާ ހުރިހާ ކަމެއް ސަރުކާރުން ފުރިހަމަކޮށް، އެގޮތަށް މަސައްކަތް ފެށުމަށް ފިޔަވަޅުތައް އެޅޭނެ. އެ ފިޔަވަޅުތަކާ އެކީގައި މި މަޝްރޫޢުތައް އިރާދަކުރެއްވިއްޔާ ކުރިއަށް ގެންދެވޭނެ. ސަރުކާރުން ބައެއް ބޭފުޅުންގެ ޚިޔާލު ތަފާތުވުމުގެ ސަބަބުން އެތައް ބަޔަކަށް ގެއްލުންވެދާކަހަލަ ކަންތައްތަކުގައި، ހަމައެކަނި އެ މަދު ބައެއްގެ އަޑު އަހައިގެނެއް ކަންކަން ކުރިއަށް ނުގެންގޮސް ތިބުން އެއީ ބުއްދިވެރި ގޮތަކަށް ނުދެކެން. އެހެންވީމާ، ކުރަން އޮތް ކަމެއް، ސަރުކާރުން އެ ކުރަން އޮތް އުޞޫލަކުން އިރާދަކުރެއްވިއްޔާ ކޮށް ގެންގޮސް ނިންމާނެ.

ސުނާމީ ކާރިސާއަށްފަހުގައި ރާއްޖެއަށް ދިމާވި ޙާލަތުން ރާއްޖެއަށް ފުރިހަމައަށް އަރައިގަތުމަށް އަދިވެސް އެބަ ނަގާ އަހަރެއް، ދެއަހަރެއްހާ ދުވަސް. އެހެން ނަމަވެސް، އުފަލަކީ އަދި ލިބޭ ހިތްހަމަޖެހުމަކީ، އެ ޙާދިސާވެސް ފަހަނައަޅައި މިހާރު އަޅުގަނޑުމެންގެ ތެރެއިން އެތައް ބަޔަކަށް ދެވިއްޖެއޭ. މާދަމައާ އަޅުގަނޑުމެން ކުރިމަތިލާއިރުގައި، އަޅުގަނޑުމެންގެ މާދަމާގެ ދިރިއުޅުމަކީ، އެދުވަހުގެ ދިރިއުޅުމާ ވަރަށް ތަފާތު ދިރިއުޅުމެކޭ. އަޅުގަނޑުމެންގެ ކަންކަން ދުވަހުން ދުވަހަށް ފަސޭހަވަމުން، ފުރިހަމަވަމުން، ތަރައްޤީވަމުން ދިއުމަކީ އަޅުގަނޑުމެން އެންމެންވެސް މަސައްކަތް ކުރަމުން މިއަންނަ މަގު.

އަޅުގަނޑުގެ އުންމީދަކީ މިއަދަށްވުރެ އަދި މާ ފާގަތި މާދަމައެއް އަޅުގަނޑުމެން އެންމެންނަށް ލިބުން. އަޅުގަނޑުގެ ދުޢާއަކީ އަޅުގަނޑުމެންނަށް ދެ ދުނިޔޭގެ ބާއްޖަވެރިކަން ލިބުން.

والحمد للّـه. والسّـلام عليـكم.

______________________