بســم اللّـه الرّحمـن الرّحيــم

السّـلام عليـكم


މިއަދަކީ، 11 ޑިސެމްބަރު 2009 ވީ ހުކުރު ދުވަސް. އަޅުގަނޑު މިއަދު މި ރޭޑިޔޯގެ ޒަރީޢާއިން ތިޔަބޭފުޅުންނާ ބައްދަލުވާއިރުގައި އަޅުގަނޑު މިހުރީ ދިއްދޫގައި. އަޅުގަނޑު މި ރޭޑިޔޯ ޕްރޮގްރާމް މި ރެކޯޑުކުރަމުން މިގެންދަނީ ދިއްދޫގައި ހުންނަ ދިވެހިރާއްޖޭގެ އަޑުގެ ރޭޑިޔޯ ސެންޓަރުން. އަޅުގަނޑުމެންނަށް މި މަސައްކަތް މިގޮތަށް ކުރިއަށް ގެންދެވޭއިރުގައި ރާއްޖޭގެ ވީހާވެސް ގިނަ ރަށްރަށެއްގައި މިބާވަތުގެ ހަރަކާތްތައް ހިންގޭކަމީ މި ސަރުކާރަށް ލިބޭ ވަރަށްބޮޑު އުފަލެއް.

އެނގިވަޑައިގަންނަވާނެ އިއްޔެއަކީ، މަސްވެރިންގެ ދުވަސް. އަދި އެހެންމެ، އިއްޔެއަކީ، އިންސާނީ ޙައްޤުތަކާ ގުޅޭގޮތުން ބައިނަލްއަޤްވާމީގޮތުން ފާހަގަކުރާ ދުވަސްވެސްމެ. ހަމައެއާއެކު، އޭގެކުރީ ދުވަހަކީ ކޮރަޕްޝަނާ އިދިކޮޅަށް ދުނިޔޭގައި ކުރެވޭ މަސައްކަތްތައް ރަމްޒުކުރުމުގެ ގޮތުން އ.ދ. އިން ފާހަގަކުރަން ނިންމާފައި އޮންނަ ދުވަހެއް.

އިންސާނީ ޙައްޤުތަކާގުޅޭ ދުވަސް އެއީ، މި ސަރުކާރަށްވެސް އަދި އެނގިވަޑައިގަންނަވާނެ އަޅުގަނޑުމެންނަށް ވަރަށް މުހިންމު ކަމެއް ދެވޭ ދުވަހެއް. އަޅުގަނޑުމެން އެންމެންނަށްވެސް ވަރަށް ޒަމާންވަންދެން އެނގި ސާފުވެފައި އޮތްކަމެއް އެއީ، ރާއްޖޭގެ ތަރައްޤީއަށް ޙަޤީޤަތުގައި އެޅިފައި އޮންނަ އެންމެބޮޑު ހުރަހަކީ، އިންސާނީ ޙައްޤުތައް ރައްޔިތުންނަށް ލިބި ނުދެވޭތީވެ، ޚިޔާލުފާޅުކުރުމުގެ މިނިވަންކަމުން އެ ރައްޔިތުން މަޙްރޫމުވެފައިވާތީވެ، ސަރުކާރާ ގުޅޭގޮތުން ސަރުކާރުން ހިންގަމުން ގެންދާ ކަންތައްތަކާ ގުޅޭގޮތުން ފާޑެއް ކިޔޭނެ އެއްވެސް މަގެއް ނެތުނީމާ ވެރިކަން ޚަރާބުވެދަނީ. ވެރިކަން ހަމަމަގުގައި ހިފެހެއްޓުމަށް ވަރަށް މުހިންމު ކަމެއް އެއީ، ރައްޔިތުންނަށް ރައްޔިތުންގެ ޙައްޤުތައް ލިބިދީފައިވުން. ކޮންމެ ރައްޔިތަކަށްވެސް އެނގުން، ތިމަންނާއަކީ ޙައްޤުތަކެއް ލިބިގެންވާ މީހެކޭ. ތިމަންނާ ދިރިއުޅޭނީ ތިމަންނާގެ އާއިލާއާ އެކީގައި، ތިމަންނާގެ ކަންތައްތައް ރާވަމުން ގެންދާނީ ސީދާ ތިމަންނާއަށް ލިބިފައިވާ ޙައްޤުތަކާއެކުގައި އެ ބާރު ތިމަންނާއަށް ލިބިގެންނޭ.

އަޅުގަނޑުމެންނަށް އިންސާނީ ޙައްޤުތައް މުހިންމުވަނީ ހަމަ ފުރަތަމަ ގޮތުގައި މިދެންނެވި ސަބަބަށްޓަކައި. އޭގެ ސަބަބުން، ތަރައްޤީއަށް މަގުފަހިވާ މިންވަރަށް ބަލާ. ހަމަ އެހެންމެ، ކޮންމެ އިންސާނަކީވެސް މިނިވަން އިންސާނެއް. އަދި ކޮންމެ އިންސާނަކީވެސް އޭނާއާއި އަނެއް މީހާ ހަމަހަމަވެގެންވާ މީހެއް. އެއްވެސް އިންސާނެއްގެ ގަޔަށް ބޮލަށް އަރައިގަނެ، އެއްވެސް ބާވަތެއްގެ ލާ އިންސާނީ އަނިޔާވެރި އަނިޔާ އެއްވެސް މީހަކަށް ލިބިގެނެއް ނުވާނެ. އަޅުގަނޑު ރާއްޖޭގެ އެންމެ ރައްޔިތުންނަށް ޔަޤީންކޮށް އަރުވަން ބޭނުން، މި ސަރުކާރުގެ މިދިޔަ އެއްއަހަރުދުވަހުގެ ތެރޭގައި އެއްވެސް ރައްޔިތަކަށް، އެއްވެސް ބާވަތެއްގެ އަނިޔާއެއް ނުވަތަ އެއްވެސް ރައްޔިތެއްގެ އިންސާނީ ޙައްޤަކަށް އަރައިގަނެވިފައިވާނަމަ، އެ ޙައްޤެއް ހޯދުމަށްޓަކައި ހުރިހާ ރައްޔިތުންނަށްވެސް ފުރުޞަތު ލިބިގެން ވާކަން.

އަދި ހަމައެއާއެކުގައި އަޅުގަނޑު މިއަދު ފާހަގަކޮށްލަން ވަރަށް ބޮޑަށް ބޭނުންވާ ދެ ނުކުތާއެއް އެބަވޭ. ފުރަތަމަ ނުކުތާއަކީ، ރާއްޖޭގެ ރައްޔިތުންގެ ތެރެއިން ވަރަށްގިނަބަޔަކަށް، މިދިޔަ 30 އަހަރު ދުވަހު ވަރަށް ބޮޑެތި އަނިޔާ ލިބިއްޖެ. އަޅުގަނޑު މިވާހަކަ މިދަންނަވަނީ ވަރަށް ގާތުން މިކަން ދެކިފައިހުރި މީހެއްގެވެސް ގޮތުން. ކިތަންމެ ބައެއް މަރުވެއްޖެ. އެތައް ބައެއް މަރާލެވިއްޖެ. އެތައް ބައެއްގެ މުޅި ދިރިއުޅުން ބަރުބާދު ކޮށްލެވިއްޖެ. އެތައް ބައެއްގެ މުދަލަށް އަރައިގަނެވިއްޖެ. އެތައް ބަޔަކަށް މުސްތަޤުބަލެއް ނެތޭ މިންވަރަށް އެމީހުންގެ ޙަޔާތަށް ހުރަސް އެޅިއްޖެ. މި ކަންކަމަށް ޙަޤީޤަތުގައި އިންސާފެއް ގެނެވޭނެގޮތެއް ދެނެއް ނެތް. ގެއްލި ދިޔަ ދުވަހެއް، ވެފައިވާ އަނިޔާއެއް އަނބުރައެއް ހެވެއް ނުކުރެވޭނެ. އެހެންނަމަވެސް، އެކަންކަން ހިނގާ ދިޔަގޮތާ، އެކަންކަން ދެން އިތުރަށް ތަކުރާރުވިޔަ ނުދިނުމަށްޓަކައި އަޅުގަނޑުމެން އެބަޖެހޭ މިކަންކަމާގުޅޭ ފުރިހަމަ ތަޙްޤީޤު، ފުރިހަމަ ތަޙުލީލު ކުރަން. ކަންކަން ހިނގާދިޔަގޮތް ވަރަށް ސާފުކޮށް އެނގެން.
އަޅުގަނޑަށް އެނގިފައި އޮތް ގޮތުގައި، ހިއުުމަން ރައިޓްސް ކޮމިޝަންގެ ގަވާއިދުގެ ތެރޭގައި، ޤާނޫނުގެ ތެރޭގައި އެބަވޭ، އެ ކޮމިޝަން އުފެއްދުމުގެ 2 އަހަރު ކުރީގެ މައްސަލަތަކަށްވުރެ ކުރިއަށް އެ ކޮމިޝަނުން މަސައްކަތް ނުބެލޭނެކަމަށް ޤާނޫނުގައި ބަޔާންވެގެންވާ ކަމަށް އެބަވޭ. އެހެންނަމަވެސް ހަމަ އެ ޤާނޫނުގައި ބަޔާންވެގެންވޭ، އެ ބެލޭނެކަމަށް ކޮމިޝަނަށް ފެނިވަޑައިގަންނަވާ ހާލަތުގައި. އަޅުގަނޑު ކޮމިޝަނުގެ ކިބައިން އެދެން ބޭނުން، ކުރީގެ މައްސަލަތައް ނުބައްލަވާހާ ހިނދަކު، ޙަޤީޤަތުގައި ހިއުމަން ރައިޓްސް ކޮމިޝަނަކީ، އިންސާނީ ޙައްޤުތަކަށް މަސައްކަތްކުރާ ކޮމިޝަނަކީ، ރާއްޖޭގައި އެ މަސައްކަތް ހެޔޮގޮތުގައި ކުރާ ކޮމިޝަނެއްގެ ގޮތުގައި ވެގެނެއް ނުދާނެއޭ.

އަޅުގަނޑުމެންގެ އޮފީހަށް، ރައީސުލްޖުމްހޫރިއްޔާގެ އޮފީހަށް ކިތަންމެ ބަޔަކު އެބަ ޝަކުވާ އުފުލާ. މިވެނި މިވެނި ގޮތްގޮތް، މިވެނި މިވެނި އިރެއްގައި ވެފައިހުރިއްޔޭ، ކޮށްފައި ހުރިއްޔޭ. އަޅުގަނޑުމެންގެ މިހާރުގެ ވެރިކަމުގެ ތެރޭގައި ހިމެނޭ ވަރަށް ގިނަ މީހުންނަކީ، ރައްޔިތުންގެ މަޖިލީހުގެ ވަރަށްގިނަ ޢިއްޒަތްތެރި މެންބަރުންނަކީވެސް، ވަރަށްބޮޑެތި ލާ އިންސާނީ އަނިޔާ ތަޙައްމަލު ކުރަންޖެހިފައިވާ، ތަޖުރިބާ ކުރަންޖެހިފައިވާ މީހުން. އެމީހުންނާ ގުޅޭގޮތުންވެސް ކަންކަން ކޮށްފައިހުރިގޮތް އަޅުގަނޑުމެންނަށް ބޮޑަށް ހަމަ ސާފުވާންޖެހޭނެ. އަޅުގަނޑު މިތަނުގައި ފާހަގަކޮށްލަން ބޭނުން، އެމް.ޑީ.ޕީ.ގެ ޕާލަމެންޓްރީ ގްރޫޕުގެ ރައީސް ރީކޯ މޫސާމަނިކަށް ލިބިފައިވާ އަނިޔާ. އޭނާގެ ވަރަށް ޒުވާން ޢުމުރުގައި، އޭނާގެ ޙަޔާތް ވަރަށް ބޮޑަށް އޮތީ ކުރީ ސަރުކާރުން ގެއްލުވާލާފައި.

އަޅުގަނޑު އެއްވެސް ހާލެއްގައި މިކަންކަން ބެލުމަށް، ހޯދުމަށް، އެނގުމަށް، މިއެދެނީކީއެއް މޫސާމަނިކު އޭގެ ބަދަލެއް ހިފަން ނުވަތަ އެހެން ބޭފުޅަކުވެސް ނުވަތަ އަޅުގަނޑުވެސް އޭގެ ބަދަލެއް ހިފަން އެދޭތީކީއެއް ނޫން. އެކަމަކު އަޅުގަނޑުމެންނެއް ނޭދެން، އަޅުގަނޑުމެންގެ ދަރިންނަށް އަނެއްކާ މިގޮތްވާކަށް. އެހެންވީމާ، ކުރީގައި ކަންހިނގާދިޔަގޮތް ބޮޑަށް ސާފުވުމަކީ މިކަންކަމުން އަޅުގަނޑުމެންނަށް ސަލާމަތްވުމަށް ލިބޭނޭ ފުރުޞަތެއްކަމަށް އަޅުގަނޑުމެން ދެކެން.

އަޅުގަނޑު ހަމަ މިއަދު މި މައުޟޫޢުގައި ފާހަގަކޮށްލަން ބޭނުންވާ ދެވަނަ ނުކުތާއަކީ، އެނގިވަޑައިގަންނަވާނެ މީގެ ދުވަސްކޮޅެއް ކުރީގައި، އަފްޣާނިސްތާނަށް އެމެރިކާ މީހުން ބޮންއެޅިއިރު އެރަށުންވަނީ އިސްލާމުންގެ ވަރަށްގިނަ ބައެއް ގެންގޮސް ގުއަންޓަނާމޯބޭ ޖަލުގައި ހައްޔަރުކޮށްފައި. މިހާރުގެ އެމެރިކާ ސަރުކާރުގެ ރިޔާސީ ވަޢުދެއް އެއީ، ފުރަތަމަ އަހަރު ދުވަހުގެ ތެރޭގައި އެ ޖަލު ބަންދު ކޮށްދޭނެކަމަށް. އެ ވަޢުދު ފުއްދެވުމަށް، އެމެރިކާގެ ރައީސް ވަރަށް މަސައްކަތް ކުރައްވާކަން އަޅުގަނޑުމެންނަށް ފާހަގަވޭ. އެހެން ނަމަވެސް، އަދިވެސް އެ ޖަލު ބަންދެއް ނުކުރެވޭ.
އަޅުގަނޑު ދަންނަވަން ބޭނުންވާ ވާހަކައަކީ، އަޅުގަނޑު ފާހަގަކުރަން ބޭނުންވާ ވާހަކައަކީ، އެ ޖަލުގައި ތިބި އިސްލާމުންގެ ތެރެއިން ތަޙްޤީޤުކޮށް ނިމި، އަދި ގިނަ މީހުންނަކީ ޓެރަރިޒަމްގެ އެއްވެސް ހަރަކާތެއްގައި ބައިވެރިވެފައިވާ މީހުންކަމަށް ތަހުލީލުތަކަކުންވެސް ފާހަގައެއް ނުކުރެވުނު. މިގޮތަށް ޓެރަރިޒަމުގެ ހަރަކާތެއްގައި ބައިވެރިވާކަމަށް ތަޙްޤީޤަށް ފާހަގަކުރެވުނު މީހުންނަށް އެބަ ދަޢުވާ ކުރެވޭ. އެހެންނަމަވެސް، ގިނަ ބައިވަރު މީހުންނަކީ، ހަމަ އަފްޣާނިސްތާނުގައިވެސް އަދި ޕާކިސްތާނުގައި އޭރުގައި އުޅުނު މީހުންތަކުގެ ތެރެއިން އެ ކާރުބާރުގައި ގެންގޮސް ހައްޔަރުވި މީހުން.

އަޅުގަނޑު ހުރިހާ ބޭފުޅުންނަށްވެސް ދަންނަވަން ބޭނުން ވާހަކައަކީ، ޖަލަކުން ސަލާމަތްވެ، މިނިވަންގޮތުގައި އުޅުމަށް އިސްލާމަކަށް ހުންނާނެ ތަނެއް ނެތިއްޖެނަމަ އަޅުގަނޑުމެންނަށް މި ވީ މިންވަރަކުން އަޅުގަނޑުމެން އެހީތެރިވެދޭނަމޭ. އަޅުގަނޑުމެންނެއް ބޭނުމެއްނޫން، އެއްވެސް މީހަކަށް އަނިޔާވާކަށް. އަޅުގަނޑަށްވެސް އެނގޭ ގުއަންޓަނާމޯބޭއިން ހަމައެކަނި ތިންމީހަކަށް، ރާއްޖެއިން އެހީތެރިވެދިނީމާ، ރާއްޖެއަށްވެސް އަދި ދުނިޔެއަށްވެސް އިންސާނީ ލާ އިންސާނީކަންކަމުން އެއްކިބާވެވުނީކީއެއްނޫން. އެހެންނަމަވެސް، އެއީ ރަމްޒެއް. ރަމްޒީ ގޮތުން ވަރަށްބޮޑަށް ފާހަގަވެފައިއޮތީ މި ޖަލު، ގުއަންޓަނާމޯބޭޖަލު ވަރަށްބޮޑަށް ފާހަގަވެފައިއޮތީ. އަބޫގުރައިބު ޖަލު ވަރަށްބޮޑަށް ފާހަގަވެފައި އޮތީ. ހަމަ އެހެންމެ، އޭރުގައި ދޫނިދޫ ޖަލުވެސް ފާހަގަވެފައި އޮތް މިންވަރަށް، ގާމާދޫ ޖަލުވެސް ފާހަގަވެފައި އޮތް މިންވަރަށް. އެހެންވީމާ، އަޅުގަނޑުމެންނަށް މި ޖަލުތަކާ ގުޅޭގޮތުން އެއްފިކުރެއް ގެންގުޅުން އަޅުގަނޑުގެ ނަޒަރުގައި އެއީ، މުހިންމުކަމެއް. އަޅުގަނޑުމެންނަށް ވީ މިންވަރަކުން އަޅުގަނޑުމެން އެހެން މީހުންނަށް އެހީތެރިވެދިނުމަކީވެސް، އަޅުގަނޑު ދެކޭގޮތުގައި އަޅުގަނޑުމެންގެ ޤައުމީ ވާޖިބެއް.

މަސްވެރިންގެ ދުވަސް އަޅުގަނޑަށް ފާހަގަކުރަން ލިބުނީ ހއ އިހަވަންދޫގައި. އިހަވަންދުއަކީ އެނގިވަޑައިގަންނަވާނެ ވަރަށް މަސްވެރި ރަށެއް. އަދި މުޅި ތިލަދުންމަތީ އުތުރުބުރިވެސް އެއީ ވަރަށް މަސްވެރި އަތޮޅެއް. އިރާދަކުރައްވައިގެން މި ދެތިން ދުވަހު މަސްވެރިކަންވެސް ތަންކޮޅެއް ރަނގަޅު. އަޅުގަނޑުގެ މި ދަތުރުގައި ދިއްދޫ މަސްވެރިންނާވެސް ވާހަކަދައްކާލުމުގެ ފުރުޞަތު ލިބިއްޖެ. އިހަވަންދޫ މަސްވެރިންނާވެސް ބައްދަލުވުމުގެ ފުރުޞަތު މިވަނީ ލިބިފައި. އަދި މާރަންދޫ ބޮޑުކަންނެއްޔަށްދާ މަސްވެރިންނާވެސް ބައްދަލުވުމުގެ ފުރުޞަތު އަޅުގަނޑަށްވަނީ ލިބިފައި. އެހެންވީމާ، އަޅުގަނޑަށް އެބަފެނޭ މަސްވެރިކަން ކުޑަތަންކޮޅެއް ރަނގަޅުވަމުން އަންނަތަން. އަޅުގަނޑުމެން އުންމީދުކުރަން މި ރަނގަޅުވުން އެއީ، ހިފަހައްޓާނެ ރަނގަޅުވުމެއްކަމަށް.

އަޅުގަނޑުމެންގެ މި ދަތުރުގައި މަސްވެރިކަމާ ގުޅޭގޮތުން ވަރަށް ތަޖުރިބާހުރި ދިވެއްސެއް ބުނުއްވި ވާހަކައެއް އަޅުގަނޑަށް ވަރަށްބޮޑަށް ފާހަގަވޭ. އިންޑިޔާގެ ދެކުނަށް މަސްވެރިކަން މިހާރު ވަރަށް ރަނގަޅޭ. އިންޑިޔާގެ ދެކުނަށް މަސްވެރިކަން ރަނގަޅުވަނީ، އެ ސަރަހައްދުގެ ކަނޑު މިހާރު ބެލެހެއްޓޭލެއް ރަނގަޅުކަމުންނޭ. ވީމާ، އެ ސަރަހައްދު ބެލެހެއްޓުން އަޅުގަނޑަށްހީވަނީ މަސްވެރިކަން ރަނގަޅުވުމާ ވަރަށްބޮޑު ގުޅުމެއް އެބަވޭހެން. އަޅުގަނޑުމެން ބޮޑަށް އަދިވެސް ބަލަންވީ، މަސްކަނޑުތައް ބެލެހެއްޓޭތޯ. އަޅުގަނޑުމެންގެ ސިފައިން އެމަސައްކަތްކުރާކަން އަޅުގަނޑަށް ޔަޤީން. ދާދިފަހުން އެނގިވަޑައިގަންނަވާނެ، ނައިފަރުގައި އަޅުގަނޑުމެންނަށް މިވަނީ އުތުރުގެ ސެންޓަރެއް ޤާއިމުކުރެވިފައި. އެހެންވީމާ، އިރާދަކުރެއްވިއްޔާ އެ މަރުކަޒުތައް މެދުވެރިކޮށްގެން އަޅުގަނޑުމެންނަށް މަސްކަނޑުތައް ބެލެހެއްޓުމުގެ މަސައްކަތް މިހާރަށްވުރެ އަދި މާބޮޑަށް ފުރިހަމަ ކުރެވޭނެ.

އެނގިވަޑައިގަންނަވާނެ، ރައްޔިތުންގެ މަޖިލީހުގެ ތަޅުމުގައި އެބައޮތް، މިހާރު ޖަލުގޭގައި ތިބި ކުދިންނަށް ލުޔެއް ދިނުމާ ގުޅޭގޮތުން ސަރުކާރަށް ޢަމަލު ކުރެވޭނެ ގޮތްތައް ބަޔާންކުރާ ޤާނޫނެއް. މި ޤާނޫނު ވަރަށް ބޮޑަށް ލަސްވެ އެބަދޭ. އެހެންނަމަވެސް، ޤާނޫނުގެ ރޫޙު، އަޅުގަނޑުމެން އެންމެންނަށްވެސް ސާފު. ޤާނޫނު ލަސްވެދަނީކީ، އަޅުގަނޑު ނުދަންނަވާނަން، ކޮންމެހެން ރައްޔިތުންގެ މަޖިލީހުގެ މެންބަރުން އެކަމާ އަޅާނުލައްވާތީއޭ. އަޅުގަނޑު ކުރީގައިވެސް ދެންނެވި ފަދައިން، ހަމަގައިމުވެސް އަޅުގަނޑުމެންގެ ޕާލަމެންޓްރީ ގްރޫޕުގެ ލީޑަރ، ޖަލުގެއާ ގުޅޭގޮތުން އެއްވެސް އިރެއްގައި އޭނާގެ ޝައުޤުވެރިކަން ގެއްލިއެއް ނުދާނެ. އަދި އަޅުގަނޑުމެން ހަމަ ހުރިހާ އެންމެންވެސް އެބަ ބޭނުންވޭ، އެ ޤާނޫނު ވީހާވެސް އަވަހަކަށް ޤާނޫނަކަށްވެގެން އައިސް، ތަންފީޒުވެ އެއަށް ޢަމަލު ކުރެވެން. އެހެންނަމަވެސް، ހަމަ ދުވަހެއް ދުވަހެއް ލަސްވަމުން މިދަނީ. އަޅުގަނޑުމެންނަށް އެ ޤާނޫނުގެ ރޫޙު މިހާރު ސާފު.

އަޅުގަނޑު އެބަ ވިސްނަން، އެ ޤާނޫނުގެ ރޫޙާ އެއްގޮތަށް މިހާރު އަޅުގަނޑު ޢަމަލު ކުރަން ފެށުމަށް. މީގައި އަޅުގަނޑަށް މި ނުކުންނަ ނުކުތާއަކީ، ޤާނޫނުއަސާސީ ވަރަށް ސާފުކޮށް އެބަ ބަޔާންކުރޭ، ވަކި ޤާނޫނެއް ނެތުމުގެ ސަބަބުން މި ޤާނޫނުއަސާސީ ރައްޔިތުންނަށް ލިބިދޭ ޙައްޤެއް، ރައްޔިތުންނަށް ލިބިދޭ އިމްތިޔާޒެއް ނިގުޅައެއް ނުގަނެވޭނެއޭ. ޤާނޫނެއް ނެތުމުގެ ސަބަބުންނޭ ބުނެއޭ. އެހެންވީމާ، އަޅުގަނޑުގެ ނަޒަރުގައި އަޅުގަނޑުގެ ޒިންމާއަކަށް މިކަން އެބަވޭ. އެ ޤާނޫނުގެ ރޫޙުގައި އަޅުގަނޑުމެން ވީހާވެސް އަވަހަކަށް ޢަމަލުކުރަން ފެށުން. އަޅުގަނޑު ހަމަ މިއަދު އެ ނުކުތާ ފާހަގަކޮށްލަން އެދެން.

އަޅުގަނޑުމެންނަށް ފެނުނު އަފްޣާނިސްތާނުކޮޅަށް ފަހަތުން އަރައި ތިން ލަނޑުޖަހައި، ދިވެހި ޓީމު މޮޅުވިތަން. ހަމައެއަށްފަހު، އަޅުގަނޑުމެންނަށް އަނެއްކާ ލިބުނު އަނެއް އުފަލަކީ، އިންޑިޔާ ކޮޅަށް ދެ ގޯލް ޖެހުން. ނޭޕާލާއެކު އެއްވަރުވިކަން އެއީ، އެދުވަހު ވަރަށްބޮޑު އުދާސްތަކެއް ހިތުގައި ހިނގާދިޔަ ސަބަބެއް، ކަމެއް. އެހެންނަމަވެސް، އަޅުގަނޑުމެން މި އުންމީދު ކުރަނީ ޤައުމީ ޓީމު އެދާ ޖޯޝުގައި، އެދާ ރޫޙުގައި މޮޅުވާނެކަމަށް.

ޤައުމީ ޓީމާ ގުޅޭގޮތުން އަޅުގަނޑު ހަމަ އިތުރަށް ދަންނަވާލަން ބޭނުން ވާހަކައަކީ، އަޅުގަނޑެއް އެއްވެސް ހާލެއްގައި ޤައުމީ ޓީމު ބޭނުންކޮށްގެން ނުވަތަ އެޓީމަށް ރައްޔިތުންގެ މަޤްބޫލުކަން ލިބިފައިވާ މިންވަރު ބޭނުންކޮށްގެން ސިޔާސީ ފައިދާ ހޯދާކަށް ބޭނުމެއްނޫން. އަޅުގަނޑު ގާތުގައި ވަރަށްގިނަ މީހުން ބުނޭ، ރައީސް އަވަހަށް ގުޅުއްވަހަރޭ ޓީމާ. އެއީ، އިދިކޮޅު ޕާޓީގެ ޒަޢީމުވެސް ގުޅުއްވައިފިއޭ. އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސްވެސް ގުޅުއްވައިފިއޭ. އަޅުގަނޑެއް ނޭދެން، އަޅުގަނޑަށް ޔަޤީން، ބޯޅަ ޓީމަށް އަޅުގަނޑު ބޯޅަޔަށް ޝައުޤުވެރިވާކަން، ވާ މިންވަރު ކުޑަކޮށްވެސް ނޯޅޭނެ. ކުޑަކޮށްވެސް ނޯޅޭނެ. މެނޭޖަރަކަށްވެސް ނޯޅޭނެ. ކޯޗަކަށްވެސް ނޯޅޭނެ. އަދި ރާއްޖޭގައި ބޯޅަ ދަންނަ އެއްވެސް ބަޔަކަށް ނޯޅޭނެ. އަޅުގަނޑު އުޅެ ބޮޑުވީ ބޯޅަގެއެއްގެ ތެރޭގައި. އަޅުގަނޑު ބޯޅަޔާ ގުޅޭގޮތުން އެ މޮޅުވާން އެދޭ މިންވަރާ، އެކަމަށް އަޅުގަނޑު ޝައުޤު ހުންނަ މިންވަރު، އެއީކީއެއް އަޅުގަނޑުގެ ސިޔާސީ ހަރަކާތުގައި ގުޅިފައި ހުރިކަމެއްނޫން. އަޅުގަނޑު ބޯޅަޓީމަށް އަރުވަން ބޭނުންވާ ޔަޤީންކަމަކީ، އަޅުގަނޑަށް ހުވަފެނުންވެސް ފެނެޔޭ، ކޮންމެހެން އެ ހުވަފެން އަޅުގަނޑު ތިޔަބޭފުޅުންނަށް ފޯނުން ގުޅާފައި ކިޔައިނުދިނެއްކަމަކު. އެހެންވީމާ، ޔަޤީންކަން ބާއްވާ. އަޅުގަނޑަށް ޔަޤީން، ތިޔަބޭފުޅުން މޮޅުވާނެކަން.

އަޅުގަނޑުގެ ދުޢާއަކީ މިއަދަށްވުރެ އަދި މާފާގަތި މާދަމައެއް އަޅުގަނޑުމެންނަށް ލިބުން. އަޅުގަނޑުގެ ދުޢާއަކީ އަޅުގަނޑުމެންނަށް ދެ ދުނިޔޭގެ ބާއްޖަވެރިކަން ލިބުން.

والحمد للّـه. والسّـلام عليـكم.

______________________