بســم اللّـه الرّحمـن الرّحيــم

السّـلام عليـكم

މިއަދަކީ، 20 ނޮވެމްބަރ 2009 ވީ ހުކުރު ދުވަސް. އަޅުގަނޑު މިއަދު ރޭޑިއޯ މެދުވެރިކޮށް، ތިޔަބޭފުޅުންނާ ބައްދަލުވާއިރު، އަޅުގަނޑު މިވަގުތު މިހުރީ ޗުއްޓީއެއްގައި. އެނގިވަޑައިގަންނަވާނެ، ރައީސުލްޖުމްހޫރިއްޔާގެ އިމްތިޔާޒުތަކާއި ޢިނާޔަތްތަކާ ގުޅޭގޮތުން ރައްޔިތުންގެ މަޖިލީހުން ފާސްކޮށް، ދާދި އިހަކަށް ދުވަހު އަޅުގަނޑު ތަޞްދީޤު ކޮށްފައިވާ ބިލުގައި، ރައީސުލްޖުމްހޫރިއްޔާއަކަށް ކޮންމެ އަހަރަކު 30 ދުވަހުގެ ޗުއްޓީ ލިބޭގޮތަށް، އެ ބިލުގައިވަނީ ކަނޑައަޅާފައި. އަޅުގަނޑު ޗުއްޓީއެއް ނުނަގާތާ ވަރަށްގިނަ ދުވަސްވެއްޖެ. ހަމައެކަނި މިދިޔަ އެއްއަހަރު ދުވަހެއް ނޫން. އަޅުގަނޑު ޗުއްޓީއެއް ނެތި މަސައްކަތް ކުރަމުން އަންނަތާ ގާތްގަނޑަކަށް ތިން ހަތަރު އަހަރުވެއްޖެ. އެހެންވީމާ، މިވަގުތު އަޅުގަނޑު ހުރީ އަޅުގަނޑުގެ ކުދިންނާއެކުގައި ޗުއްޓީއެއްގައި. އެހެންނަމަވެސް، އަޅުގަނޑު ހިތަށްއެރީ، ރޭޑިއޯ މެދުވެރިކޮށް އަޅުގަނޑަށް ރައްޔިތުންނާ ބައްދަލުވުމަށް މިލިބޭ ފުރްޞަތު، ޗުއްޓީއެއްގައި އަޅުގަނޑު ހުރި ކަމުގައިވިޔަސްވެސް، އެއީކީއެއް ދޫކޮށްލާން ރަނގަޅު ފުރްޞަތެއް ނޫނޭ. ޚާއްޞަކޮށް، ކޮންމެ ހަފްތާއަކު، ކޮންމެ ހުކުރު ދުވަހަކު މިފޮނުވައިދެވޭ ޕްރޮގްރާމް މިގޮތަށް މެދުނުކެނޑި ފޮނުވުމަކީ، އަޅުގަނޑުގެ ވަރަށްބޮޑު އަމާޒަކަށްވެފައިވާތީ. އެހެންވީމާ، އަޅުގަނޑު އަނެއްކާވެސް ތިޔަބޭފުޅުންނާ މިއަދު މިބައްދަލުކުރަނީ އުފަލާ އެކުގައި.

ދެތިން ނުކުތާއެއް ފާހަގަކޮށްލުމަށް އަޅުގަނޑުގެ ހިތަށް އެބަ އަރާ. ފުރަތަމަ ނުކުތާއަކީ، އަޅުގަނޑު ރޭޑިޔޯއިން އަޑުވެސް އެހީމު، އަދި އަޅުގަނޑުމެން ޓީ.ވީ އިންވެސް ދެކެމުން މިއަންނަނީ، ރައްޔިތުންގެ މަޖިލީހުގައި މިހާރު ބަޙުޘް ކުރަމުން އެބަދޭ ރާއްޖޭގައި އެހެން ދީންތަކަށް އަޅުކަން ކުރުމާ ގުޅޭގޮތުން ޤާނޫނެއް ފާސްކުރުމުގެ ބިލެއް. އެނގިވަޑައިގަންނަވާނެ، ރާއްޖޭގެ ޤާނޫނުއަސާސީ ވަރަށް ސާފު. އޭގައި މިވަނީ އިސްލާމީ ޝަރީޢަތާ ޚިލާފު އެއްވެސް ޤާނޫނެއް، ގަވާއިދެއްވެސް މި ރާއްޖެއަކު ނުހެދޭނެއޭ. ރާއްޖޭގައި އެހެން ދީންތަކަށް އަޅުކަން ކުރަން ބޭނުންވާ އެހެން ދީންތަކުގެ ބިދޭސީން އެކަމުން މަޙްރޫމް ކުރުމާ ގުޅޭގޮތުން އިސްލާމީ ޝަރީޢަތް ދެކޭގޮތް އޮޅުންފިލުވުން އެއީ، މިވަގުތު އަޅުގަނޑަށް ވަރަށް ބޭނުންބޮޑު ކަމަކަށްވެފައި މިވަނީ. ރައްޔިތުންގެ މަޖިލީހުން މިދެންނެވި ބިލު، ރައީސުލްޖުމްހޫރިއްޔާ ތަޞްދީޤު ކުރުމަށް އެ ބިލު އަންނަހިނދު، އަޅުގަނޑުގެ ކުރިމަތީގައި އޮންނާނެ ސުވާލަކީ، އިސްލާމީ ޝަރީޢަތުގައި، އެހެން ދީންތަކުގެ މީހުންނަށް، އިސްލާމީ މުޖްތަމަޢެއްގައި އެހެން ދީންތަކުގެ މީހުންނަށް އަޅުކަން ކުރުމާ ގުޅޭގޮތުން އިސްލާމީ ޝަރީޢަތުގައި އޮންނަނީ ކޮން ޙުކުމެއްހޭ؟ ކޮންގޮތެއްހޭ؟ މި ސުވާލަށް ޖަވާބެއް އަޅުގަނޑަށް އެހިނދު ލިބެންޖެހޭނެ. އޭގެ ޖަވާބަކަށް އަޅުގަނޑު އެދެން. އަދި އެކަމާ ގުޅޭގޮތުން ރާއްޖޭގެ ދީނީ ދަންނަ ބޭކަލުންނާ ވާހަކަ ދެއްކުމަށްވެސް އަޅުގަނޑު އެދެން. އަޅުގަނޑުގެ ސުވާލަކީ ހަމަ ވަރަށް ސާފު. އިސްލާމީ ޝަރީޢަތުގައި އެހެން ދީންތަކަށް އަޅުކަން ކުރުމާ ގުޅޭގޮތުން އޮންނަ ޙުކުމަކީ ކޮބައިތޯ؟ އެއީ އިސްލާމުން ނޫން އެހެން މީސްމީހުން، އެމީހުންގެ ދީންތަކަށް އެމީހުން އަޅުކަން ކުރުމާ ގުޅޭގޮތުން، އެމީހުން އިސްލާމީ މުޖްތަމަޢެއްގައި ދިރިއުޅެމުން އަންނައިރުގައި، އަޅުކަން ކުރުމާ ގުޅޭގޮތުން އޮތް ޙުކުމަކީ، އޮތް ގޮތަކީ ކޮބައިހޭ؟ އެސުވާލުގެ ޖަވާބު އަޅުގަނޑު ހިތުން އަޅުގަނޑަށް ސާފުކޮށް އެބަ އެނގެންޖެހޭ. އެނގުނީމާ އެ ބިލު، ޤާނޫނަކަށްވެގެން އަންނައިރުގައި، ތަޞްދީޤު ކުރުމާ ގުޅޭގޮތުން ގޮތެއް ނިންމަން އަޅުގަނޑަށް ފަސޭހަވެގެންދާނެ.

އަޅުގަނޑު މިއަދު ފާހަގަކޮށްލަން ބޭނުން. މި ނޮވެމްބަރު މަހުގެ 22 ވަނަ ދުވަހަކީ، އާދެ! މާދަމާ ނޫން އަނެއް ދުވަހަކީ، ރާއްޖޭގެ ކުރީގެ ރައީސް ސުމުއްވުލްއަމީރު އިބްރާހީމް ނާޞިރު ރަންނަބަނޑޭރި ކިލެގެފާނު އަވަހާރަވިތާ 1 އަހަރުފުރޭ ދުވަސް. ސުމުއްވުލްއަމީރު އިބްރާހީމް ނާޞިރު ރަންނަބަނޑޭރި ކިލެގެފާނު އެއީ، ނިޝާން ޣާޒީގެ ޢިއްޒަތްތެރި ވެރިޔާ. އަދި ނައިޓް ކޭ.ސީ.އެމް.ޖީ.ގެ ލަޤަބު ލިބިވަޑައިގެން ހުންނެވި ރާއްޖޭގެ ވެރިކަމުގެ ތާރީޚުގައި ވަރަށްގިނަ ދުވަހު އުޅުއްވާފައިވާ ބޭފުޅެއް.

އަޅުގަނޑަށް މަޢްލޫމާތު ލިބިފައި އޮތް ގޮތުގައި، އިބްރާހީމް ނާޞިރު، އެންމެ ފުރަތަމަ ކިޔަވާ ވިދާޅުވާން ސިލޯނުގައި ހުންނަވާފައި މާލެ ވަޑައިގެން ވެދެވަޑައިގެންނެވީ، އަޅުގަނޑަށް އެނގިފައި އޮތް ގޮތުގައި، އޭރުގައި މާލޭގައި އެންމެ ބާރަށް، ރާއްޖޭގައި އެންމެ ބާރަށް އަދި އެންމެ އާކޮށް ހިނގަމުން އައި ތަނަކީ އަލަށް އުފެދިގެން އައި އިންޖީނުގެ ނުވަތަ ޖައްރާފު ހިންގަން ގެނައި އިންޖީނުގެ މަސައްކަތް. އަދި ފަހުން އައިސް މުޅި މާލޭގެ އިލެކްޓްރިފިކޭޝަން ޕްރޮގްރާމަކާ އެކީގައި ކަރަންޓްގެ މަސައްކަތް. އިބްރާހީމް ނާޞިރު، އެމަސައްކަތުގައި އުޅުއްވިކަން ރާއްޖޭގެ އެކިއެކި ރެކޯޑުތަކުން ވަރަށް ސާފުކޮށް ފެންނާން އެބަހުރި. އޭރުއްސުރެ ފެށިގެން އެބޭފުޅާގެ ބައިވެރިވުން ދިވެހި ސިޔާސީ އެކި ކަންކަމުގައި، ވެރިކަމާ ގުޅޭ އެކި ކަންކަމުގައި، ދިވެހި ޤައުމިއްޔަތު ބިނާކުރުމާ ގުޅޭ އެކިއެކި ކަންކަމުގައި މިގެންދެވީ ދުވަހެއް ދުވަހަކަށް، އެއްދުވަހަށްވުރެ އަނެއް ދުވަސް އަޅުގަނޑު ދަންނަވާނީ ފުރިހަމަ ކުރައްވަމުންނޭ. އިބްރާހީމް ނާޞިރާ ގުޅޭގޮތުން އަޅުގަނޑުމެންނަށް މިދިޔަ 30 އަހަރު މިވަނީ ވަރަށްގިނަ ގޮތްގޮތަށް ވާހަކަ ދެކެވިފައި. ވަރަށް ބޮޑަށް އެބޭފުޅާގެ ތާރީޚުވެސް އަދި އެބޭފުޅާ ކުރައްވާފައި ހުރި ކަންތައްތައްވެސް، ރަނގަޅު ކަންކަމާއި އަދި ނުރަނގަޅު ކަންކަންވެސް އޮޅޭ މިންވަރަށް، އެކި ބާވަތްބާވަތުގެ ގޮތްގޮތަށް އަޅުގަނޑުމެންނަށް މިވަނީ ވާހަކަ ދެކެވިފައި. އަޅުގަނޑުމެންނަށް މިވަނީ އެބޭފުޅާގެ މުދަލަށް ވަރަށް ބޮޑަށް އަރައިގަނެވިފައި. އަދި އަޅުގަނޑުމެންނަށް މިވަނީ އެބޭފުޅާގެ ޤަދަރާއި އެބޭފުޅާގެ ޢިއްޒަތަށްވެސް ވަރަށް ބޮޑަށް އަރައިގަނެވިފައި. އެބޭފުޅާގެ މުދަލަށް އަޅުގަނޑުމެން އަރައިގަތް ކަމަށް އަޅުގަނޑު މިދަންނަވަނީ، އިބްރާހީމް ނާޞިރުގެ [ވެލާނާގެ] އެ ގެ އެންމެފަހުން ދައުލަތަށް ނެގި، އަދި އެގޭގައި މިހާރު އެވަނީ ވަރަށްބޮޑު ސަރުކާރުގެ ޢިމާރާތެއް ބިނާކުރެވިފައި. މިދެންނެވި ވެލާނާގެއަކީ ޤަދީމީ ގޮތުންވެސް ވެލާނާގޭ ބޭފުޅުންގެ ގެ. މި ރާއްޖޭގައި މިހާރު އޮތް އެންމެ ޤަދީމީ، އެންމެ ދުވަސްވީ، އެންމެ އާޘާރީ ޢާއިލާއަކީ ވެލާނާގޭ ޢާއިލާ. ހޮޅީ ޢާއިލާއެއް ފެށުނީއްސުރެ ފަށައިގެން ރާއްޖޭގައި ހުއްޓުމެއްނެތި ދެމެމުން އަންނަތާ މަދުވެގެން ހަސަތޭކަ އަހަރު، ހަތްސަތޭކަ އަހަރު ވެފައިވާ ދަރިކޮޅެއް. އެބޭފުޅުންގެ ބިން އެއީ. ދެން ސަރުކާރަށް މިހާރު މިވަނީ މިތަންވެސް ނެގިފައި. އަޅުގަނޑަށް ލިބޭ ހިތްހަމަޖެހުމަކަށްވާނެ، އެ ޢިމާރާތް ހުޅުވާ ދުވަހަކުން އިބްރާހީމް ނާޞިރުގެ ނަމުގައި އަޅުގަނޑުމެން އެ ޢިމާރާތް ފާހަގަކުރެވޭތޯ ބެލުން. އަދި ހަމަ އޭގެއިތުރުންވެސް އިބްރާހީމް ނާޞިރާ ގުޅޭ ކަރުދާސްތައް ނުވަތަ އިބްރާހީމް ނާޞިރުގެ ވެރިކަމާ ގުޅޭ ލިޔެކިޔުންތައް ވީހާވެސް އަވަހަކަށް ޢާންމުކޮށް ރައްޔިތުންނަށް ބެލޭނޭ ގޮތެއް ހަމަޖެއްސޭތޯ ސަރުކާރުން މިގެންދަނީ ބަލަމުން. އޭރުން ރައްޔިތުންނަށް އެނގޭނެ، އެ ވެރިކަމުގައިވެސް ކަން ހިނގާފައިވާ ގޮތާއި، އެބޭފުޅާ ވެރިކަން ކުރައްވާފައިވާ ގޮތާއި އަދި ބައެއް ކަންކަމުގައި އެބޭފުޅާ ނިންމަވާފައިވާ ނިންމުންތައް ނިންމަވާފައިވާ ގޮތް.

އިބްރާހީމް ނާޞިރާ ގުޅޭގޮތުން އަޅުގަނޑުމެން ޚާއްޞަ ގޮތެއްގައި ފާހަގަކުރާ އެއްކަމެއް އެއީ، ހުވަދޫ ބަޣާވާތާއި އަދި ފަހުން ތިނަދޫ ފަޅުކުރުމާއި ތިނަދޫ މީހުންނަށް އަދި ހުވަދުއަތޮޅު މީހުންނަށް އެ ލިބުނުހާ އަނިޔާ. އެކަންކަން ހިނގާދިޔަގޮތް އަޅުގަނޑުމެންނަށް މިއަދު މިހާރު މިވަނީ ސާފުކޮށް އެނގިފައި. އެކަމާ ގުޅޭގޮތުން އެތައް އެތައް ތަޙުޤީގެއް ކުރެވި، ކިތަންމެ ކިތަންމެ ހޯދުމެއް ހޯދިފައިވާތީ. އަދި ހަމަ އޭގެފަހުންވެސް އެ ވެރިކަމާ ގުޅޭގޮތުން ފަހުން މި ނިމިދިޔަ ވެރިކަމުގައި އެންމެ ބޮޑަށް ފާހަގަވެފައި އޮތް އެއްކަމަކީ، ވިލިނގިލީ ޖަލުގެ އަނިޔާގެ ވާހަކަވެސް، ނުވަތަ ހައްޔަރުގައި، ބަންދުގައި، ކުށުގެ ތުހުމަތުގައާއި އަދި ޙުކުމް ތަންފީޒު ކުރުމުގައި ތިބޭ މީހުންނަށް ކުރެވޭ އަނިޔާ. ބައެއްފަހަރަށް މީހުން މަރާފައި އެބަހުރި. އަދި މީހުން އެ އަނިޔާގައި މަރުވެފައި އެބަހުރި. އެއީ، އިބްރާހީމް ނާޞިރާއި، އިބްރާހީމް ނާޞިރުގެ ވެރިކަމާ ގުޅޭގޮތުން އަޅުގަނޑުމެންނަށް ފާހަގަވެފައި ހުރި ކަންކަން. އެ ވެރިކަމާ ގުޅޭގޮތުން ފާހަގަވާންޖެހޭ އެހެން ކިތަންމެ ކަމެއް، މިދެންނެވިހެން އެ ވެރިކަމުގައި ރަނގަޅަށް ކުރެވިފައި ހުރި ކިތަންމެ ކިތަންމެ ކަމެއް އަޅުގަނޑަށް އެބަފެނޭ. އަޅުގަނޑަށް މިއަދު ކުރިއަށްވުރެ މާބޮޑަށް ސާފު. އެހެންވީމާ، އެކަންކަންވެސް ސާފުވެގެންދާނީ، އިބްރާހީމް ނާޞިރުގެ ކަރުދާސްތައް ނުވަތަ އިބްރާހީމް ނާޞިރުގެ ވެރިކަން ހިންގުމުގައި، އެއްތަނުން އަނެއް ތަނަށް ފޮނުވާފައި ހުރި ސިޓީއާއި އެބާވަތުގެ ތަކެތި ރައްޔިތުންނަށް ސާފުކޮށް ފެންނާން ހުރީމާ. އެތަކެތީގެ މައްޗަށް ދިރާސާ ކުރެވުނީމާ.

ކުރިއަށް މިއޮތް ދުވަސްތަކުގައި، އަޅުގަނޑުމެންނާ ކުރިމަތިވާނީ ޙައްޖު ދުވަސް. އަދި އެއަށްފަހު ޢީދު ދުވަސް. ޢީދު ދުވަހަށްފަހު އަޅުގަނޑުމެންނަށް ވަރަށްދިގު ޗުއްޓީއެއް ލިބޭނެ. އަދި މިހާރު އަޅުގަނޑުމެން މިގެންދަނީ ޕްރޮމޯޝަން ޓެސްޓް ނިންމައި، އެ ޓެސްޓްގެ ޗުއްޓީގެ ދުވަސްތައް.

އަޅުގަނޑުގެ އުންމީދަކީ، އަޅުގަނޑުގެ ދުޢާއަކީ، އަޅުގަނޑުމެންނަށް މިއަދަށްވުރެ އަދި މާ ފާގަތި މާދަމައެއް ލިބުން. އަޅުގަނޑުގެ ދުޢާއަކީ އަޅުގަނޑުމެންނަށް ދެދުނިޔޭގެ ބާއްޖަވެރިކަން ލިބުން.

والحمد للّـه. والسّـلام عليـكم.

______________________