بســم اللّـه الرّحمـن الرّحيــم

السّـلام عليـكم


މިއަދަކީ 26 ޖޫން 2009 ވީ ހުކުރު ދުވަސް. އެނގިވަޑައިގަންނަވާނެ، މިދިޔަ ހުކުރު ދުވަހު އަޅުގަނޑަށްވަނީ މި ޕްރޮގްރާމްގައި ބައިވެރިނުވެވިފައި. އެއީ، އަޅުގަނޑަށް ލިބިފައި އޮތް އިނާމެއް ބަލާ ސްވިޑްންއަށް ދާން ޖެހުމުން. އަނަލިންދު ފައުންޑޭޝަނުން ދެއްވި އިނާމާ ގުޅޭގޮތުން ރާއްޖޭގެ ވަރަށްގިނަ ރައްޔިތުން، އެކިކަންކޮޅުތަކުން އަޅުގަނޑަށް މަރްޙަބާ ފޮނުއްވާފައި އެބަވޭ. އެކަމަށްޓަކައި އަޅުގަނޑު ހުރިހާ ރައްޔިތުންނަށްވެސް އަޅުގަނޑުގެ ހިތުގެ އެންމެ ފުންމިނުން ޝުކުރު ދަންނަވަން.

މިއަދަކީ، 26 ޖޫނަކީ، މަސްތުވާތަކެއްޗާ ދެކޮޅަށް ކުރާ މަސައްކަތުގައި، ދުނިޔެ، ބައިނަލްއަޤްވާމީ ގޮތުގައި ފާހަގަކުރާ ދުވަހެއް. އަޅުގަނޑު ބޭނުން، މިދުވަހާ ގުޅޭގޮތުން ބައެއް ވާހަކަތައް، އަދި އަޅުގަނޑުމެން، މަސްތުވާތަކެތި، ބާރުގަދަ މަސްތުވާތަކެތި، ރާއްޖެއިން ނައްތާލުމަށް ކުރާ މަސައްކަތާ، ސަރުކާރުން ކުރާ މަސައްކަތާ ގުޅޭގޮތުން ބައެއް ވާހަކަ ތިޔަބޭފުޅުންނާއެކުގައި ޙިއްޞާ ކޮށްލަން.

އެންމެ ފުރަތަމައިނުންވެސް އަޅުގަނޑު ދަންނަވާނީ، އަޅުގަނޑު އެދޭ މިންވަރަކަށް، މިވޭތުވެދިޔަ ހަމަސްދުވަހު މިކަމުގައި މަސައްކަތް ކުރެވިފައެއް ނެތޭ. އަޅުގަނޑުމެން ބޭނުންވީ ވަރަށްގިނަ ކަންތައްތަކެއް، އަޅުގަނޑުމެން ސަރުކާރު ހިންގުމާ ޙަވާލުވުމުގެ ކުރީގައިވެސް އަދި ޙަވާލުވެގެންވެސް، ވީހާވެސް އަވަހަކަށް ކުރަން ބޭނުންވީ ކަންތައްތަކެއްހުރި. އޭގެތެރޭގައި، ރާއްޖެއިން ބޭރުގައި ރީހެބިލިޓޭޝަންގެ ފުރްޞަތު، އަޅުގަނޑުމެންނަށް ބައެއް ޖާގަ ލިބިފައި ހުރުމާއެކުގައި، އެ ޖާގަ ބޭނުންކޮށްގެން، ކުދިންނަށް ފަރުވާ ދިނުމަށް ސަރުކާރުން، ހަމަކަށަވަރުންވެސް އަޅުގަނޑު ބޭނުންވި. އަދި ރާއްޖޭގައި ހުރި މިކަމުގެ ފަރުވާ ސެންޓަރުތައް އިތުރުކޮށް، ޖާގަ އިތުރުކޮށް، ގިނަ ކުދިންނަށް ފަރުވާ ލިބޭނެ ގޮތެއް ހޯދުމަށް އަޅުގަނޑު ވަރަށް ބޭނުންވި.

މަސްތުވާތަކެއްޗާ ގުޅޭގޮތުން އަޅުގަނޑުމެން ވާހަކަ ދައްކާއިރުގައި، އަދި އެކަމަށް ޙައްލެއް ހޯދުމަށް އަޅުގަނޑުމެން ވިސްނާއިރުގައި، އަޅުގަނޑު ހަމަ ފާހަގަކޮށްލަން ބޭނުންވޭ، މިއަދަކީ ލާއިންސާނީ އަނިޔާ ކުރުމާ އިދިކޮޅަށް އަޑު އުފުއްލުމުގައި ފާހަގަކުރާ ބައިނަލްއަޤްވާމީ ދުވަސް. މި ރާއްޖޭގައި މި ބާރުގަދަ ޑްރަގް ބޭނުންކުރުމާއި އަދި ލާއިންސާނީ އަނިޔާ، ސަރުކާރުގެ ފަރާތުން، ދައުލަތުގެ ފަރާތުން ރައްޔިތުންނަށް ދިނުމާ، މިދެކަންވެސް އަޅުގަނޑުގެ ނަޒަރުގައި ހުރީ ވަރަށް ބޮޑަށް ގުޅިފައި. މީގެކުރީގައި ވަރަށްގިނަ ޒުވާނުންނަށް އެބަހުރި ވަރަށް ބޮޑެތި އަނިޔާ ދެވިފައި، މަސްތުވާތަކެތި ބޭނުންކޮށްގެން، އެކަމުގެ އަދަބުގެ ގޮތުގައި ނުވަތަ އެކަމާ ގުޅިގެން ޖަލަށް ލެވިފައި. ދެން ނުކިޔަމަންތެރިކަން ދައްކައިގެން ނުވަތަ މިބާވަތުގެ ކަންތައްތައް ހިނގައިގެން. އެ އަނިޔާތައް އަޅުގަނޑުމެންގެ ޒުވާނުންގެ އެތައް ބަޔަކަށް ކުރުމަށްފަހު، އަދި ކުރެވިފައި ވަނިކޮށްވެސް، މިކަމަށް ހުއްޓުމެއް ނައި.

އަޅުގަނޑުމެން މި ސަރުކާރު ހިންގުމާ ޙަވާލުވުމަށްފަހު، އަޅުގަނޑަށް ފެނުނު ގޮތުގައި، މިކަމުގައި ރާއްޖެއަށް މަސްތުވާތަކެތި އެތެރެވާ ދޮރުތައް ބަންދުކުރުމަށް މަސައްކަތް ކުރުން އެއީ، މުހިންމު ކަމެއް. ހަމައެއާއެކީގައި، މިތަކެއްޗަށް ޒުވާނުން ދެވިހިފާ މިންވަރު ކުޑަކުރުންވެސް އެއީ މުހިންމު ކަމެއް. އަޅުގަނޑުމެންނަކަށެއް ނުވިސްނޭ، ހަރުކަށި އަދަބުދީގެން ދެވިހިފާ މިންވަރު ނުވަތަ ބޭނުންކުރާ މިންވަރު ކުޑަވާ ކަމަކަށް. މީގެ ހިސާބު ވަރަށް ސާފު. 1990އިގެ އަހަރުތަކުގައި ވަރަށް ބޮޑެތި އަނިޔާ، މަސްތުވާތަކެތި ބޭނުންކުރި ކުދިންނަށް ދެވިފައި އެބަހުރި. އޭގެ ސަބަބުން، އެކުދިން ނުވަތަ ދެން އެހެން ކުދިންވެސް މަސްތުވާތަކެތި ބޭނުންކުރުން ހުއްޓާލީއަކީއެއް ނޫން. އޭގެ ސަބަބުން، އެކުދިންގެ ޙަޔާތް އަޅުގަނޑު ދަންނަވާނީ ކުޑަވެ، އަދި އެކުދިންނަށް މިތަކެތިން ބޭނުންކުރަން އިތުރު ފުރްޞަތުތައް ހޯދައި، އެކަމުގައި އެކުދިންވެސް އެކި ބާވަތްބާވަތުގެ ބާރުވެރިކަން ބޭނުންކުރާ ހިސާބަށް ގޮސް، ރާއްޖޭގެ އަމަން މިކަމާ ގުޅިގެން ގެއްލޭ ކިތަންމެ ދަނޑިވަޅެއް އަޅުގަނޑުމެންނަށް މީގެކުރީގައި ފެނިގެން ހިނގައްޖެ.އެހެންވީމާ، އަޅުގަނޑުމެން މިކަން ހިންގާއިރުގައި، އަޅުގަނޑުމެން މިކަން ހިންގާނީ، ވިސްނައިގެން، މިދެންނެވި ކަންކަމަށް ވަރަށް ބޮޑަށް ބަލައިގެން.

އަޅުގަނޑުމެން ބޭނުން، ވީހާވެސް އަވަހަކަށް އަދި މިހާރު އެކަން ހިންގަމުން މިދަނީ. އެއީ، މަސްތުވާތަކެތީގެ ވަބާގައި ނުވަތަ އެއަށް ދެވިހިފާފައި ތިބި ކުދިން، އެ ދެވިން ސަލާމަތްވުމަށްޓަކައި އެންމެ ފުރަތަމައިނުން ހަށިގަނޑުން އެބަ އެ ވިހަ ކަނޑާލަންޖެހެނީ. އެ ވިހަ ކަނޑާލުމަށް، ވަކި ޚާއްޞަ ފަރުވާތަކެއް އެބަ ބޭނުންވޭ. ޒަމާނީ ގޮތަށް ދަންނަވަނީނަމަ، އެއީ، ޑީޓޮކްސިފިކޭޝަން ސެންޓަރެއް. އެބާވަތުގެ ތަނެއްގައި، އެ ވިހަ، ކުދިންގެ ގައިން ކަނޑާލުމުގެ މަސައްކަތް، އަޅުގަނޑުމެން އެބަ ކުރަންޖެހޭ. ޑީޓޮކްސިފިކޭޝަން ސެންޓަރެއް ހެދުމަށް އަޅުގަނޑު މަސައްކަތް ކުރަމުން މިދަނީ. އެ މަސައްކަތް، އިރާދަކުރެއްވިއްޔާ، ޖުލައިމަހުގެ ތެރޭގައި އަޅުގަނޑު މިހާރު މިދެކެނީ ޙަޤީޤަތަކަށްވެގެންދާނެ ކަމަށް.

ދެން ހަމައެއާއެކީގައި އިހުވެސް ދެންނެވި ފަދައިން، މަސްތުވާތަކެތި އެތެރެކުރާ ފަރާތްތައް ހޯދުމުގެ މަސައްކަތަކީވެސް، ހަމަ ސަރުކާރުން ވަރަށްބޮޑު އިސްކަމެއްދީގެން ހިންގަމުން ގެންދާ ކަމެއް. އަދި އެކަމުގައި ފުލުސް އޮފީސް ވަރަށްގިނަ ކާމިޔާބުތަކެއް ހޯއްދަވައިފިކަން. މިވޭތުވެދިޔަ ހަމަސްދުވަހު، ފުލުސް އޮފީހުން މަސްތުވާތަކެތި ހިފަހައްޓާފައި ހުރި މިންވަރު، ޢަދަދު އިތުރުވާނެ، މިދިޔަ 2008 ވަނަ އަހަރުގެ މުޅި ޖުމްލަ ޢަދަދަށްވުރެ. އަދި އަޅުގަނޑު ހިތަށްއަރާ، 2008 އާއި 2007އާ އެއްކުރީމާ، މަސްތުވާތަކެތި ހިފެހެއްޓުނު ޢަދަދަށްވުރެ، 2009 ވަނަ އަހަރުގެ ފުރަތަމަ ހަމަސްދުވަހު މަސްތުވާތަކެތި ހިފެހެއްޓުނު ޢަދަދު ގިނައޭ. އެހެންވީމާ، އިރާދަކުރެއްވިއްޔާ، އެމަގުން އަޅުގަނޑު ދެކޭއިރުގައި، އަޅުގަނޑު އުފާވޭ، މިކަމަށް އަޅުގަނޑުމެންނަށް ޙައްލެއް އެބަ ގެނެވޭ. އަޅުގަނޑުމެން ބޮޑަށް މީގައި މަސައްކަތް ކުރަންވީ، މިދަންނަވާ ޑިމާންޑް ސައިޑް ނުވަތަ އެއަށް ދެވިހިފުން، އެއަށް ބޭނުންވުން، އެކަން ޒުވާނުންގެ ކިބައިން ކަނޑުވާލެވޭތޯ. އިރާދަކުރެއްވިއްޔާ، އަޅުގަނޑު ދަންނަވާނީ، އަދި އަޅުގަނޑު އުންމީދު އެއްގޮތަކަށްވެސް އަޅުގަނޑުމެން ނަގާލާކަށް ނުވެއޭ. އަޅުގަނޑު ފަށައިގަތުމުގައި ދަންނަވައިފިން، އަޅުގަނޑުމެން ބޭނުންވާ މިންވަރަކަށް މިކަމެއް ނުހިންގެއޭ. އެހެންނަމަވެސް، މީގެކުރީގައި މިކަން ހިންގަމުން އައި މިންވަރަށްވުރެ އެތައް ގުނައެއް ރަނގަޅަށް އެބަ ހިންގޭ. އެހެންނަމަވެސް، އަޅުގަނޑުމެން މި އަޅާފައި ހުރި މިންގަނޑުތަކަކަށް އަދި މިކަމެއް ނުހިންގެއޭ. އެހެންވީމާ، އިރާދަކުރެއްވިއްޔާ، އަޅުގަނޑުގެ އަމާޒަކީ، އަނެއްކާވެސް އިތުރު ބާރުލައި، އިތުރަށް މަސައްކަތްކޮށް، މިކަން ހިންގަމުން ކުރިއަށް ގެންދިއުން.

އައި.ޖީ.އެމް.އެޗް.ގެ މައްސަލަތައް ނުވަތަ ޞިއްޙީ ޚިދްމަތް ފޯރުކޮށްދިނުމުގައި މާލޭގައި އެންމެބޮޑު ހޮސްޕިޓާ މިހުރީ. މާލޭގައި ދިމާވާ މައްސަލަތަކާއި އަދި ހަމައެހެންމެ، ރީޖަނަލް ހޮސްޕިޓާތަކާއި، އަތޮޅު ހޮސްޕިޓާތަކާއި، ރަށްރަށުގައި މިހުރި ހެލްތް ސެންޓަރުތަކާއި ހެލްތް ޕޯސްޓްތަކަށް ބޭނުންވާ ޚިދްމަތްތައް ފުރިހަމަ ގޮތުގައި ފޯރުކޮށްދިނުމަށް އަޅުގަނޑުމެން ސަރުކާރު ހިންގުމާ ޙަވާލުވީއިރުގައި، ކިތަންމެ ދަތިތަކަކާ އޮތީ ކުރިމަތިވެފައި. އެ ދަތިތަކުން އަރައިގަނެވި، ހަމަޖެހޭ އުޞޫލެއްގެ މަތިން އެކަންކަން ހިންގަން ފެށޭނޭ ގޮތްތަކެއް އިރާދަކުރެއްވިއްޔާ މިހާރު އަޅުގަނޑުމެންނަށް މިވަނީ ހޯދިފައި. އަޅުގަނޑު ދެކޭގޮތުގައި، ކުރިއަށް މިއޮތް ދެތިން މަހެއްގެ ތެރޭގައި، ހެލްތްގެ ނުވަތަ ޞިއްޙީ ޚިދްމަތް ފޯރުކޮށްދިނުމުގެ ކަންތައް ކިތަންމެ ތަނަކުން ރަނގަޅުވެގެންދާނެ.

އަޅުގަނޑު ހަމަ މިކަމުގައި ފާހަގަކޮށްލަން ބޭނުން އިނގޭތޯ، މިހާރު ރާއްޖޭގައި ތިއްބަވާނެ ހަމަ ގަވާއިދުން، މީގައި އަޅުގަނޑު ބޭފުޅުން ލައްވާ، މުވައްޒަފުން ލައްވާ ފޯނުކޮށްގެންވެސް، ޢުމުރުން 65 އަހަރުން މަތީގެ ބޭފުޅުންނާ އެބަ ވާހަކަ ދައްކައި އޮޅުންފިލުވަން. ސަރުކާރުން މިދޭން ބޭނުންވާ ޕެންޝަން ލިބިލައްވާތޯ؟ އަޅުގަނޑަށް އެބަ ފެނޭ، ވަރަށް އުފާވެރި މަންޒަރެއް. އަޅުގަނޑުމެން ހަމަ އެއްވެސް ހުރަހަކާއި ހުއްޓުމަކާ ނުލައި، 65 އަހަރުން މަތީގެ ސާދަހާސް ރައްޔިތުންނަށް ކޮންމެ މަހަކު ދެހާސް ރުފިޔާގެ ޕެންޝަނެއް އެބަދެވޭ. އަދި އެ ޕެންޝަން ދެވުނީމާ، އޭގެ ސަބަބުން ވަރަށް ރަނގަޅު ނަތީޖާތައްވެސް އެބަ ނުކުމޭ. އެންމެ އުފާވަނީ، މާމައިންނާއި ކާފައިންނަށް، ކުދިންނަށް ކުދިކުދި ހަދިޔާ ގަނެލެވި އަދި ފައިސާ ފަހަށް ރައްކާ ކޮށްގެން، ބޭސް ކުރަން ބޭނުންވާ ވަގުތު، މާލެ އައިސް، ނުވަތަ ރީޖަނަލް ހޮސްޕިޓަލަށް ދުރުވެ، ބޭސް ކުރައްވަމުން ގެންދަވާކަން. އެއީ، އަޅުގަނޑު ވަރަށް އުފާވާ ކަމެއް. އަދި އެ ބޭސްފަރުވާވެސް މިހާރު މިލިބެނީ، ”މަދަނަ“އިގެ ހެލްތް އިންޝުއަރެންސްގެ ދަށުން ހިލޭ. އިރާދަކުރެއްވިއްޔާ، މި 65 އަހަރުން މަތީގެ ރައްޔިތުންނަށް މިދޭ ޕެންޝަން ނުވަތަ އަދި ޕެންޝަންގެ އިތުރުން ހެލްތް އިންޝުއަރެންސް، އަޅުގަނޑުމެން މިބަލަނީ، ވީހާވެސް ގިނަ ރައްޔިތުންނަކަށް، އެ ޚިދްމަތް ފޯރުކޮށްދިނުމަށް. އިރާދަކުރެއްވިއްޔާ، އަޅުގަނޑުމެންނަށް އެކަން އެމަގަށް ގެންދެވޭނެ.

ބޭސްފަރުވާގެ ޚިދްމަތް، ސަރުކާރުން ކޮށްދޭ. ވެލްފެއަރއިން ކޮށްދޭ. އެކަން ކުރުމުގައި މި ސަރުކާރުން އެބަ ގެންގުޅޭ އުޞޫލެއް. ރައީސުލްޖުމްހޫރިއްޔާއަށް ސިޓީ ލިޔެގެން، އެކަންކުރާ އުޞޫލަކުން ނޫން އަޅުގަނޑުމެން އެ އުޞޫލު މިގެންގުޅެނީ. އަޅުގަނޑުމެންގެ ވެލްފެއަރ ޑިޕާޓްމަންޓެއް، މިނިސްޓްރީ އޮފް ހެލްތްގައި ހުރޭ. އޭގެ އެންމެ މުހިންމު އެއްކަމަކީ، ހުރިހާ ރައްޔިތުންނަށްވެސް އެނގިލައްވަންވީ، ސަރުކާރުގެ ޚަރަދުގައި ރާއްޖެއިން ބޭރަށް ފުރުމުގެ ކުރީގައި، އެ ޚަރަދު ހިނގާނެ މިންވަރެއް ސަރުކާރަށް އެނގެންޖެހެއޭ. ރާއްޖެއިން ބޭރަށް ދުރުވެފައި، ދެން އެތަނެއްގައި ހުންނަވާފައި އަދި މި ޕްރޮގްރާމްގެ ތެރެއަށް، ސަރުކާރުގެ އެހީ ހޯއްދަވަން އުޅުއްވިޔަސްވެސް، އެއީ އަޅުގަނޑުމެންނަށް ވަރަށް ދަތިކަމެކޭ. އޭރުން ސަރުކާރަކަށް، ސަރުކާރުގެ ޚަރަދުތަކެއް ނުބެލެހެއްޓެއޭ، ވާނުވާއެއް އަޅުގަނޑުމެންނަކަށެއް ނޭނގެއޭ. އެހެންވީމާ، އަޅުގަނޑުމެން ބޭނުންވަނީ، މިއީ ރައްޔިތުންގެ ފައިސާވީމާ، އެފައިސާ ޚަރަދުވަމުންދަނީ ކޮން ގޮތަކަށްތޯ؟ ވަކި ހަމަޖެހިފައި އޮތް އުޞޫލުތަކަކުންތޯ؟ ކަނޑައެޅިގެން އެނގިގެން، އެފައިސާ ޚަރަދުވަމުން ދިޔުން. އެހެންވީމާ، އެއްވެސް ޙާލެއްގައި ސަރުކާރުން ބޭސްފަރުވާ ރާއްޖެއިން ބޭރަށް ރައްޔިތުން ފޮނުވައިގެން ނުކޮށްދެނީއަކީއެއް ނޫން. އެހެންނަމަވެސް، އެކަން ކޮށްދޭ އުޞޫލަކީ، ފުރުއްވުމުގެ ކުރީގައި، ކުރަން ބޭނުންވާ ބޭހުގެ ހުރިހާ މަޢްލޫމާތަކާއެކީގައި، މިނިސްޓްރީއަށް ހުށަހަޅައި، އެކަން ހަމަޖެހިގެން ފުރުއްވުން. އެކޮޅަށް، ސިލޯނަށް ނުވަތަ އިންޑިއާއަށް ދުރުވެފައި، ދެން އިތުރު ފައިސާއަށް އެދިލެއްވީމާ، ސަރުކާރަށް ވަރަށް ބޮޑަށް ދަތިވާނެ.

މިދުވަސްކޮޅު ރައްޔިތުންނަށް ދިމާވެފައިވާ ވަރަށްބޮޑު މައްސަލައެއް އެއީ، ބޭރު ފައިސާގެ ދަތިކަން ދިމާވެފައި އޮތުން. މިކަން މިހެން ހިނގާ އަބަދުވެސް ޖޫން މަހާއި، ޖުލައިމަހާ، ރާއްޖެއަށް ޓޫރިސްޓުން އައުން މަދު މަސްތަކުގައި. މިއަހަރު މިކަން އަދި އިތުރަށް ހިތާމަވެރި ގޮތަކަށް ދިމާވެފައި މިއޮތީ. ރާއްޖެއާއި މުޅި ދުނިޔެއަށް އިޤްތިޞާދީ ހީނަރުކަމެއް އައިސް، ޓޫރިސްޓުން ރާއްޖެއަށް އަންނަ މިންވަރު މިހުރީ ކުރިއާ އަޅާބަލާއިރު ކޮންމެވެސް މިންވަރަކަށް ދަށަށް ގޮސްފައި. އެހެންވީމާ، ބޭރު ފައިސާ ރާއްޖޭގައި ހުރި މިންވަރުވެސް ކުޑަކޮށް މަދު. މި މަދު މިންވަރު ޙައްލު ކުރުމަށްޓަކައި، އެކަން ބެއްދުމަށްޓަކައި ސަރުކާރުން މިހާރު މިވަނީ، އެލް.ސީ.ގެ ޚިދްމަތް ނުވަތަ އެލް.ސީ. ފެސިލިޓީތަކެއް، ޢާންމު ވިޔަފާރިވެރިންނަށް ދޫކުރުމުގެ ޕްރޮގްރާމެއް ފަށާފައި. އެހެންވީމާ، އިރާދަކުރެއްވިއްޔާ، އެ ޕްރޮގްރާމްގެ ތެރެއިން މިހާރުން މިހާރަށް ރައްޔިތުންނަށް ބޭނުންވާ، ކޮންމެހެން ބޭނުންވާ ތަކެތި ގަތުމުގެ އެލް.ސީ.، ނުވަތަ ގަތުމުގެ ފައިސާ، ބޭރު ފައިސާ ލިބޭނެ މަގު އިރާދަކުރައްވައިގެން އެއޮތީ ތަނަވަސްވެފައި. ދެން ހަމައެއާއެކީގައި އަޅުގަނޑުމެންނަށް، މީގެއިތުރު މަގުތައްވެސް ފަހިކޮށްދެވޭނެ. އަޅުގަނޑު މިދަނީ، ބޭރުގެ ބޭންކްތަކާއި ރާއްޖޭގައި މަސައްކަތް ކުރަމުން އަންނަ ވިޔަފާރި ބޭންކްތަކާ ވާހަކަ ދައްކަމުން. އަޅުގަނޑަށް ފެންނަ ފެނުމުގައި، އަޅުގަނޑުމެންނަށް މިދަތިން އިރާދަކުރެއްވިއްޔާ އަރައިގަނެވޭނެ.

އަޅުގަނޑު ދާދިފަހުން ވަޒީރުންނަށްވާނެ ސިޓީއަކުން ދަންނަވާފައި، އެބޭފުޅުންގެ ވުޒާރާތަކުގެ ޚަރަދު ވީހާވެސް ކުޑަކޮށްދެއްވުމަށް. ބޭރު ފައިސާ މަދުވާ އެންމެބޮޑު އެއް ސަބަބަކީ، ޙަޤީޤަތުގައި ދިވެހި ރުފިޔާ އިތުރުވާތީ. ދިވެހި ރުފިޔާ އިތުރުވީމާ، ބޭރު ފައިސާ ގަތުމަށް ހުރި ދިވެހި ރުފިޔާ އިތުރުވެގެންދާކަމުން، ހައްތަހާވެސް މިދަނީ ބޭރު ފައިސާގެ އަގު ބޮޑުވަމުން. ދިވެހި ރުފިޔާ އިތުރުވެގެންދާ އެންމެބޮޑު އެއް ސަބަބަކީ، ސަރުކާރުގެ ޚަރަދު، ސަރުކާރަށް ލިބޭ އެއްޗަކަށްވުރެ ބޮޑުވާތީ. އެނގިވަޑައިގަންނަވާނެ، 2006 ވަނަ އަހަރުވެސް ސަރުކާރަށް ލިބުނު އެއްޗަކަށްވުރެ އެތައް ގުނައަކުން ކުރެވުނު ޚަރަދު ބޮޑު. 2007 ވަނަ އަހަރުވެސް އެކަން ދިޔައީ އެހެން. 2008 ވަނަ އަހަރުވެސް އެކަންދިޔައީ އެހެން. 2009 ވަނަ އަހަރު އަޅުގަނޑުމެން މި ޙައްލެއް ގެނައުމަށް މަސައްކަތް މިކުރަނީ. މިއަހަރު ނިމޭއިރުގައިވެސް، އަޅުގަނޑުމެންނަކަށް ލިބޭ އެއްޗަކުން ނުފުއްދޭނެ. އެހެންނަމަވެސް، 2006 އާއި، 2007 އާއި، 2008 އާ އަޅުވާ ބަލާއިރު، މިއަހަރު ނިމޭއިރުގައި އަޅުގަނޑު މިދެކެނީ، ކިތަންމެ ތަނަކުން އަޅުގަނޑުމެންނަށް މީގައި ޙައްލެއް ހޯދިފައި އޮންނާނެކަމަށް.

ސަރުކާރުގެ އަމާޒުތައް ނުވަތަ ސަރުކާރުގެ ޚިދްމަތްތައް، ސަރުކާރުން ރައްޔިތުންނަށް ފޯރުކޮށްދޭ ޚިދްމަތްތައް ފޯރުކޮށްދިނުމަށް ސަރުކާރުން މިބޭނުންކުރާ އުޞޫލުތައް، ހަމަ ތަކުރާރުކޮށް ދަންނަވަން ބޭނުން. އެއީ، ސީދާ ސަރުކާރުގެ ބަޖެޓުންނެއް ނޫނޭ، ސަރުކާރުން ހުރިހާ ކަމެއް ޚަރަދު ކުރަމުންދާނީ، ރައްޔިތުންނަށް ފޯރުކޮށްދެމުންދާނީ. ވަރަށްގިނަ ކަންކަން ސަރުކާރުން ރައްޔިތުންނަށް ފޯރުކޮށްދޭނެއޭ ވިޔަފާރީގެ އުޞޫލުން. އެ އުޞޫލުން ހިންގާއިރުގައި، އާމްދަނީ މަދުކަމުން، އެ ވިޔަފާރީގެ އުޞޫލުން އެ ޚިދްމަތްތައް ބަލައިނުގަނެވޭ ނުވަތަ ލިބިނުގަނެވޭ ފަރާތްތަކަށް ސީދާ އެހީ ސަރުކާރުން ފޯރުކޮށްދޭނެ. އެހެންވީމާ، އަޅުގަނޑު މިދެކެނީ، އަޅުގަނޑުމެން މި ހިންގަން މިއުޅޭ ސިޔާސަތުގައި، އަޅުގަނޑުމެންނަށް މިކަންކަން ހިންގަމުން ގެންދެވުނީމާ، އެތައް ތަނަކުން މި ޚިދްމަތްތައްވެސް އިތުރުވެގެންދާނެއޭ. އަދި އަޅުގަނޑުމެންނަށް ލުއިވެސް ލިބިގެންދާނެއޭ.

މިއަދު އެންމެފަހު ކަމެއްގެ ގޮތުގައި ތަންކޮޅެއް އުނދަގޫ ކަމެއްގެ ވާހަކަ އަޅުގަނޑު ތިޔަބޭފުޅުންނާ ދައްކާލަން ބޭނުން. އެއީ، ޝަރީޢަތުގެ ނިޒާމާ ގުޅުންހުރި ވާހަކައެއް. އަޅުގަނޑުމެން މިރާއްޖެއަށް ޒަމާނީ ޑިމޮކްރަސީއަކާއި، ރިވެތިގޮތުގައި ވެރިކަން ހިންގުމުގެ އުޞޫލުތަކެއް ތަޢާރުފު ކުރުމަށް ނުހަނު މަސައްކަތް ކުރަމުން މިއައީ. އެނގިވަޑައިގަންނަވާނެ، މިދިޔަ ވިއްސަކަށް އަހަރުގެ ތެރޭގައި، ދިވެހިންގެ ތެރެއިން ވަރަށް ގިނަ ބަޔަކު، ވަރަށް ބޮޑެތި މަސައްކަތްތަކެއް ކޮށްފި، ރާއްޖޭގައި ހެޔޮގޮތުގައި ވެރިކަން ހިންގުމަށްޓަކައި.

މިކަން އަޅުގަނޑުމެން ކުރަމުންދާއިރުގައި، އަޅުގަނޑުމެންނަށް މިހާރު މިފެންނަނީ، އުފެދިފައިމިވާ ތިންބާރުގެ ތެރެއިން ރައްޔިތުންގެ މަޖިލީހުގެ މަސައްކަތްވެސް އެބަދޭ ހަމަ އެކަށީގެންވާ ރަނގަޅު މިނެއްގައި. އަދި ވެރިކަން ހިންގުމުގެ ފަރާތުންވެސް އެކަށީގެންވާ ގޮތެއްގައި ކަންކަން ކުރަމުން އެބަގެންދޭ. އެކަން ކުރަމުންދާއިރުގައި، ސަރުކާރުން މިސާލަކަށް، ސަރުކާރު ޙިއްޞާވާ ކުންފުނިތަކުން ދިމާވާ މައްސަލަތައް ޚާއްޞަކޮށް، ފައިސާގެ މައްސަލަތައް އެބަ ޝަރީޢަތަށް ފޮނުވާ. ފޮނުވީމާ، އެމައްސަލަތައް ސަރުކާރެއް ނުދެކެން، އޭގެ އެންމެ އެކަށީގެންވާ ގޮތަކަށް ޝަރީޢަތުން އެކަންކަން ބައްލަވައި، އަދި އެކަންކަމަށް އަވަސް ޙައްލުތަކާއި ހަލުވި ގޮތްތައް ހޯއްދަވައެއް ނުދެއްވެވޭ.

އަޅުގަނޑުމެންނަށް މިފެންނަނީ، ޝަރީޢަތުގެ ކަންކަމަށް ވަރަށް ބޮޑަށް ހުއްޓުމެއް އައިސްފައި އޮންނަތަން. އަދި ފުރިހަމަ އޮމާންކަމާއެކީގައި އެކަންކަން ކުރިއަށް ނުދާތަން. ދެން މިބާވަތުގެ އެއްވެސް އެއްޗެއް، އެއްވެސް ބަހެއް ބުނީމާ، އަޅުގަނޑާ ގުޅޭގޮތުން ޝަރީޢަތުން ފިޔަވަޅު އަޅުއްވައި، ޢަމަލު ކުރައްވައި ހައްދަވައިފިއްޔާ، އެއީ ވަރަށް ދެރަ ކަމަކަށްވާނީ. އަޅުގަނޑު މިވާހަކަ މިދައްކަނީކީއެއް، އެއްވެސް ޙާލެއްގައި ވަކި ބޭފުޅަކާ ނުވަތަ ވަކި މުއައްސަސާއަކާ ގުޅޭގޮތުން ނުހަމަ ވާހަކައެއް ދެއްކުމުގެ ނިޔަތަކު ނޫން. އަޅުގަނޑުމެން އެންމެންގެވެސް ބޭނުމަކީ އިޞްލާޙު. ރަނގަޅަށް ކަންތައްތައް ދިޔުން. އެހެންވީމާ، އަޅުގަނޑު އުންމީދު ކުރަން، ޝަރްޢީ ނިޒާމުވެސް ރަނގަޅަށް ހަރުދަނާވެގެން، ފުރިހަމަ މުއައްސަސާއަކަށް ބަދަލުވެގެން، ރައްޔިތުން މި އުންމީދުކުރާ ހެޔޮވެރިކަމުގެ ނިޒާމަށް ފަހިވާ އަދި ބާރުދޭ އުޞޫލުތަކުގެ މަތިން، ޤާނޫނީ ހަމަތަކުގެ ތެރެއިން އެކަންކަން ހިނގަމުންދާނެ ކަމަށް.

އަޅުގަނޑު ފުންކޮށް މިވާހަކައިގެ ތެރެއަށް ޙަޤީޤަތުގައި ވަންނާކަށް ނެތިން. އުނދަގޫވެސް ވާހަކައެއް. އެހެންވީމާ، ވަންނާންވެސް އުނދަގޫ. އެހެންނަމަވެސް، އަޅުގަނޑު އުންމީދު ކުރަން، ހުރިހާ ރައްޔިތުންވެސް ވިސްނަވާނެ ކަމަށް. ޝަރީޢަތް ފުރިހަމަ ނުވަނީހެއް ހެޔޮގޮތުގައި އަޅުގަނޑުމެންނަކަށެއް ވެރިކަމެއް ނުކުރެވޭނެ. ވެރިކަމުގެ ފަރާތުން އަދި ރައްޔިތުންގެ މަޖިލީހުން ޚިޔާލު ފާޅުކުރުމާއި، ބަޙުޘް އިތުރުވެގެންދިޔަސްވެސް، ހުރިހާ ކަމެއް އަޅުގަނޑުމެންނަށް މި އުންމީދުކުރާ ގޮތަށް ރަނގަޅުވެގެންދާނީ، ހުރިހާ މުއައްސަސާއެއްވެސް، އެއްބާރުމިނެއްގައި، އެއްހަމައެއްގައި، އެއްމަޤްޞަދެއްގައި މަސައްކަތް ކުރަމުން ދިޔައިމާ.

އަޅުގަނޑު ދަންނަވާނީ، މިވާހަކަ މިހެން ދެންނެވުމަށްފަހުވެސް، ކަންކަން އަޅުގަނޑުމެން މީގެ ދިހަވަރަކަށް މަސް ކުރީގައި ހީކުރި މިންވަރަށްވުރެ މާ އޮމާނޭ، މާ ފަސޭހައޭ. އަޅުގަނޑުމެން ވެރިކަން ހިންގަމުން މިގެންދަނީ ފުރިހަމަ އިތުބާރާއެކީގައި. އިރާދަކުރެއްވިއްޔާ، މި ވެރިކަމުން ދިވެހި ރައްޔިތުންނަށް، އެ ރައްޔިތުން ދުވަހަކުވެސް ނުދެކޭފަދަ ފަސޭހަކަމާއި، ތަރައްޤީއާއި، ކުރިއެރުމާ، ހަމަ އުފާވެރިކަން ލިބިގެންދާނެކަމާމެދު އަޅުގަނޑު ކުޑަކޮށްވެސް ޝައްކެއްނުކުރަން.

މިއަދުވެސް ނިންމާލުމުގެ ކުރީގައި، އަޅުގަނޑު ހަމަ އަނެއްކާވެސް ހަނދުމަކޮށް އަރުވާނަން. ޖުލައި 26ވެސް އެބައާދޭ. އެންޓާރީސްގެ މިޔުޒިކުވެސް އެދުވަހާ ގުޅިގެން ހަމަ އަންނާނެ.

ވަރަށް ބޮޑަށް ޝުކުރިއްޔާ! އިރާދަކުރެއްވިއްޔާ، އަނެއްކާވެސް އަޅުގަނޑު ދެން އަންނަ ހުކުރެއްގައި ތިޔަބޭފުޅުންނާ ބައްދަލުވެލާނަން.

والحمد للّـه.

______________________