بســم اللّـه الرّحمـن الرّحيــم

السّـلام عليـكم


މިއަދަކީ 12 ޖޫން 2009 ވީ ހުކުރު ދުވަސް. އަޅުގަނޑު އަނެއްކާވެސް ތިޔަބޭފުޅުންނާ، ރާއްޖޭގެ ލޮބުވެތި ރައްޔިތުންނާ މި ބައްދަލުކޮށްލީ، މިހުކުރު ދުވަހު އަޅުގަނޑުގެ ހިތުގެ ތެރޭގައި ހުރި ބައެއް ވާހަކަ ތިޔަބޭފުޅުންނާއެކު ޙިއްޞާ ކޮށްލުމަށްޓަކައި.

އެންމެ ފުރަތަމަވެސް ދަންނަވަން އޮތް ވާހަކައަކީ، އަންޓާރީސް ބޭންޑް. އެއީ، އެނގިވަޑައިގަންނަވާނެ، 1980އިގެ ތެރޭގައި ވަރަށް މަޝްހޫރުވެގެން އައި ދިވެހި މިޔުޒިކީ ފަންނާނުންގެ ބޭންޑެއް. އެ ބޭންޑް މިހާރު އަންނަނީ އަލުން އަނބުރާ ސްޓޭޖަށް ނުކުތުމަށް ތައްޔާރުވަމުން. އަޅުގަނޑު މި އުންމީދު ކުރަނީ، ހުރިހާ ބޭފުޅުންނަށްވެސް ޖުލައި 26ގެ އުފާތަކާ އެކީގައި އަދި ޙަފްލާތަކުގެ ތެރޭގައި، މިބޭންޑްގެ މިޔުޒިކް އަނެއްކާވެސް އަލުން އަނބުރާ އަޅުގަނޑުމެންނަށް އަޑުއިވިގެންދާނެ ކަމަށް. އެއީ، ޒަމާންވީ އަޅުގަނޑުމެންގެ ތަރިން. އެއީ، މި ރާއްޖެއަށް މިޒަމާނުގެ މިޔުޒިކާއިގެން އެންމެ ފުރަތަމަ ހަމަ ނުކުންނެވި ބޭފުޅުންގެ އަޑު. އެބޭފުޅުންގެ މިޔުޒިކް. އަޅުގަނޑަށް ޔަޤީން ހުރިހާ ބޭފުޅުންވެސް މި މިޔުޒިކް އަޑު އައްސަވާހިތްވާނެ.

މިމަހުގެ 13 ވަނަ ދުވަހު، އެއީ، މާދަމާ އަޅުގަނޑު އެބަ ފުރަން ސްވިޑްންއަށް. ސްވިޑްންއަށް އަޅުގަނޑު މިދާ ދަތުރަކީ، ސްވިޑްންގެ ކުރީގެ ޚާރިޖީ ވަޒީރު އަނާ ލިންދް، އެބޭފުޅާވަނީ ސްވިޑްންގައި މީގެ ދެތިން ހަތަރު އަހަރެއް ކުރީގައި އަވަހާރަކޮށްލެވިފައި. ސްވިޑްންގެ ރަސްގެފާނު، އެބޭފުޅާގެ ހަނދާނުގައި ކޮންމެ އަހަރަކުވެސް އަރުވާ އެބަ އެވޯޑެއް. މި އެވޯޑަކީ، އިންސާނީ ޙައްޤުތަކަށާއި އަދި މޫސުމަށް އަންނަ ބަދަލު، ދުނިޔެއަށް ފާހަގަކޮށްދޭ ފަރާތްތައް، އެ ރަސްގެފާނަށް ފެނިވަޑައިގަންނަވާ ގޮތުގައި ފާހަގަކޮށްދޭ ފަރާތަކަށް އަރުވާ އެވޯޑެއް. މި އެވޯޑާ ގުޅިގެން ފައިސާގެ އިނާމެއްވެސް ލިބޭ. އިރާދަކުރައްވައިގެން، މިފަހަރު އެވޯޑު މިލިބެނީ ދިވެހިރާއްޖެއަށް، އަޅުގަނޑަށް. އަޅުގަނޑު ސްވިޑްންގެ ރަސްގެފާނުގެ ދަޢުވަތަކަށް މިދަނީ މިދެންނެވި އިނާމު ބަލާ. މިއީ އަޅުގަނޑަށް ވަރަށްބޮޑު އުފަލެއް ލިބޭ ކަމެއް. އަޅުގަނޑުގެ ނަޒަރުގައި، މި އެވޯޑު މިލިބެނީ ދިވެހިރާއްޖެއަށް. ރާއްޖޭގެ ރައްޔިތުން، ޚާއްޞަކޮށް، މިދިޔަ ހަތަރު ފަސް އަހަރެއްގެ ތެރޭގައި ދައްކައިދީފި، ދިވެހިންނަށް ޞުލްޙަވެރިކަމާއެކީގައި ޑިމޮކްރަސީގެ މަގަށް އެނބުރެވިދާނެކަން. އެހެންވީމާ، އަޅުގަނޑު ދެކޭގޮތުގައި، އަޅުގަނޑަށް ލިބޭ އިނާމަކީ، އަޅުގަނޑުމެން ރާއްޖޭގެ އަޅުގަނޑުމެން ހުރިހާ ރައްޔިތުންނަށް ލިބޭ އިނާމެއް. އަޅުގަނޑު އުންމީދު ކުރަނީ، ހުރިހާ ރައްޔިތުންވެސް މި އުފަލުގައި ބައިވެރިވެވަޑައިގަންނަވާނެ ކަމަށް.

މިނިވަން މުސްތަޤިއްލު ބައެއް ކޮމިޝަންތަކަށް ކުރިމަތިލުމުގެ ފުރްޞަތު، މިދިޔަ ބުދަ ދުވަހުވަނީ ހަމަވެފައި. ހަމަވިއިރު ވަރަށްގިނަ ފަރާތްތަކުން މިވަނީ މިކަމަށް ކުރިމަތިލާފައި. އެނގިވަޑައިގަންނަވާނެ، މިހާރުގެ އިޞްލާޙު ކުރެވިފައިވާ ޤާނޫނުއަސާސީގެ ދަށުން އެކުލަވާލަންއެބަޖެހޭ އިލެކްޝަންސް ކޮމިޝަނަކާއި، އެންޓި-ކޮރަޕްޝަން ކޮމިޝަނަކާއި، އަދި ޕްރޮސެކިއުޓަރ ޖެނެރަލެއް. މިއިން ކޮންމެ ކޮމިޝަނަކަށްވެސް ބޭފުޅުންގެ ނަންތައް، ރައްޔިތުންގެ މަޖިލީހަށް ހުށަހަޅަން މިޖެހެނީ ރައީސުލްޖުމްހޫރިއްޔާއަށް، އަޅުގަނޑަށް. އެހެންވީމާ، އަޅުގަނޑުމެން ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ވާނީ އިޢްލާނެއް ކޮށްފައި. މި ކޮމިޝަންތަކުގައި ބައިވެރިވެވަޑައިގަންނަވަން ބޭނުންވެލައްވާ ބޭފުޅުންގެ ޝައުޤުވެރިކަން މިއޮފީހަށް ހާމަކޮށްދިނުމަށް، އެކަމުގެ އިޢްލާނެއް ވާނީ ކުރެވިފައި. މި އިޢްލާނަށް އިޖާބަ ދެއްވައި، 130 ފަރާތަކުން ނަން މިއޮފީހަށް ފޮނުއްވާފައި އެބަވޭ. އިލެކްޝަންސް ކޮމިޝަނަށް 56 ފަރާތަކުން އެދިފައި އެބަވޭ. އޭގެތެރޭގައި، އަންހެން ބޭފުޅަކަށް ހިމެނިވަޑައިގަންނަވަނީ، ހަމަ އެންމެ ބޭފުޅެއް. އެންޓި-ކޮރަޕްޝަން ކޮމިޝަނަށް 72 ފަރާތް. އޭގެތެރޭގައި 4 އަންހެން ބޭފުޅުން. ޕްރޮސެކިއުޓަރ ޖެނެރަލްގެ މަގާމަށް ކުރިމަތިލައްވާފައިވަނީ ދެފަރާތް. އިރާދަކުރެއްވިއްޔާ، މިފެށޭ ހަފްތާގެ ތެރޭގައި، އެބޭފުޅުންގެ ނަންތައް އަޅުގަނޑު ރައްޔިތުންގެ މަޖިލީހަށް ފޮނުވާނަން.

މިހަފްތާގެ ތެރޭގައި، ޚާއްޞަކޮށް، މިދިޔަ ހަފްތާގެ ތެރޭގައި، އަދި ކުރިއަށް މިއޮތް ހަފްތާގައި، ސަރުކާރުން ހިންގާ ބައެއް ކަންތައްތަކުގެ ތެރޭގައި، ޚާއްޞަ އަހަންމިއްޔަތުކަމެއްދޭނެ ކަމަކީ، ސަރުކާރަށް ލިބެންޖެހޭ ފައިސާ އެއީ، މިދިޔަ އަހަރު ދުވަހު، ޚާއްޞަ ގޮތެއްގައި އަޅުގަނޑު ދަންނަވާނީ، މިސަރުކާރު، ސަރުކާރު ހިންގުމާ ޙަވާލުވީ ދުވަހު މި ދައުލަތަށް، މި ސަރުކާރަށް ލިބެން އޮތް ކަމަށް ހިސާބުތަކުން ފެންނާން ހުރި ފައިސާ. އެފައިސާގެ ޢަދަދު އެބަ އެއްބިލިއަން ރުފިޔާއަށްވުރެ ގިނަވޭ. އޭގެތެރޭގައި އެކިގޮތްގޮތުން، ޓޫރިޒަމްގެ ދާއިރާއިން ލިބެންޖެހޭ ޓެކްސާއި، ރިޒޯޓްތަކުގެ ކުލީގެ ގޮތުގައި ދައުލަތަށް ލިބެންޖެހޭ އެއްބިލިއަނަށްވުރެ ގިނަ ރުފިޔާ އެބަވޭ. އެކިއެކި ރޯޔަލްޓީގެ ގޮތުގައި ދައުލަތަށް ލިބެންޖެހޭ 12.9 މިލިއަން ރުފިޔާ އެބަވޭ. އަދި އެހެންވެސް ކުލީގެ ގޮތުގައި ލިބެން އެބަޖެހޭ 16 މިލިއަން ރުފިޔާއެއް. ކަސްޓަމްސްއަށް ލިބެން އެބަޖެހޭ 116 މިލިއަން ރުފިޔާއެއް. އެހެންވީމާ، މިފައިސާ އަނބުރާ ހޯދުމަކީ، އަޅުގަނޑު ހިތުން ސަރުކާރުގެ ވާޖިބެއް. ސަރުކާރުން އިރާދަކުރެއްވިއްޔާ، ކުރިއަށް މިއޮތް ހަފްތާތަކުގެ ތެރޭގައި، މި މަސައްކަތް ފަށައިގެން ކުރިއަށް ގެންދާނަން.

އެނގިވަޑައިގަންނަވާނެ، މި ސަރުކާރުގެ މާލީ ސިޔާސަތު އަދި އޭގެ އިތުރުން އިޤްތިޞާދީ ސިޔާސަތާއި، ރައްޔިތުންނަށް ޚިދްމަތް ފޯރުކޮށްދިނުމުގައި، ސަރުކާރުން ގެންގުޅޭ ސިޔާސަތަކީ އަދި ޢަމަލުކުރާ ތަންފީޒު ކުރުމަށް މަސައްކަތް ކުރެވެމުންމިދާ ސިޔާސަތަކީ، ސަރުކާރާއި އަމިއްލަ ފަރާތްތަކާ ގުޅިގެން، ރައްޔިތުންނަށް ޚިދްމަތްތަކެއްދޭން މިވަނީ ނިމިފައި. އެއީ، މި ސަރުކާރުގެ ކޯޕަރަޓައިޒޭޝަން. މީގެތެރޭގައި، ތިންގޮތަކަށް މިކަން ކުރަން ސަރުކާރަށް މިވަނީ ވިސްނިފައި. ފުރަތަމަ މިދަންނަވަނީ، މިހާރު ސަރުކާރުގެ ސަތޭކަ ޕަސެންޓް ޙިއްޞާވާ ކުންފުނިތަކުގެ ޙިއްޞާ، އަމިއްލަ ފަރާތްތަކަށް ދޫކުރުން. އެއީ މިސާލަކަށް، ސްޓެލްކޯ އަދި އެމް.ޑަބްލިޔޫ.އެސް.ސީ ފަދަ ކުންފުނިތައް. އެ ކުންފުނިތަކުގެ ޙިއްޞާ، އަމިއްލަ ފަރާތްތަކަށް ދޫކޮށްލުން.

އޭގެއިތުރުން އަލަށް ޚިދްމަތްތަކެއް ދޭންވެގެން ސަރުކާރުން އުފެއްދި ކުންފުނިތައް. އެއީ، މިސާލަކަށް ޔޫޓިލިޓީ ކުންފުނިތައް. މި ކުންފުނިތަކުގެވެސް ޙިއްޞާ، އަމިއްލަ ފަރާތްތަކަށް ގަނެވޭގޮތަށް، އަމިއްލަ ފަރާތްތަކަށް މިލްކު ކުރެވޭގޮތަށް ސަރުކާރުން މަސައްކަތް ކުރަމުން މިދަނީ. އަދި ސަރުކާރުގެ ކުންފުނިތަކުގެ އިތުރުން، ސީދާ ސަރުކާރުން ހިންގާ ބައެއް ބާވަތުގެ މަސައްކަތްތައް، އެއީ، ހޮސްޕިޓަލާއި، މަދަރުސާ އާ، މިކަންކަން ހިންގުމުގައިވެސް އަމިއްލަ ފަރާތްތަކުގެ ދައުރު އޮންނަ ގޮތަށް ކަންކުރުން އެއީ، ސަރުކާރުގެ މާލީ ސިޔާސަތަކީ، ވިސްނުމަކީ. މިމަސައްކަތް ކުރަން ރޭވިފައިވާ ގޮތް، ދެން އަޅުގަނޑު ކުޑަކޮށް ހަމަ ދަންނަވާލާނަން.

އަޅުގަނޑުމެން އެންމެ ފުރަތަމަ، މިބާވަތުގެ މަސައްކަތްތަކުގައި ބައިވެރިވުމަށް ޝައުޤުވެރިކަން ހުރި ފަރާތްތައް ހޯދުމަށް ސަރުކާރުންވާނީ އިޢްލާނު ކޮށްފައި. އެއަށްފަހު، އެފަރާތްތައް ބަލައި، އޭގެތެރެއިން ރަނގަޅު ފަރާތްތަކަށް ޕްރޮޕޯޒަލް ހުށަހަޅަންވާނީ ދަޢުވަތު އެރުވިފައި. އަދި ފަރާތްތަކުން ޕްރޮޕޯޒަލް ހުށަހެޅުއްވީމާ، އެ ޕްރޮޕޯޒަލްތައް ބަލައި، އެ އޮންނަ މިންގަނޑުތަކަކަށް ބަލައި، އެކަމަށް އެންމެ ރަނގަޅު އެކަށީގެންވާ ޤާބިލް ފަރާތަކާ ސަރުކާރުން އެމަސައްކަތްތައް ޙަވާލު ކުރާނަން.

އެގޮތުން، މިސާލަކަށް، ކަރަންޓް، ފެން، ނަރުދަމާފަދަ އަސާސީ ޚިދްމަތްތައްދޭން އުފެއްދި ޔުޓިލިޓީ ކުންފުނިތަކަށް އިންވެސްޓަރުން ހޯދުމަށްޓަކައި ކުރާ މަސައްކަތްތަކަށް މިއަދު އަޅުގަނޑު ހަމަ ކުޑަ އެއްޗެއް ދަންނަވާލާނަން. ޝައުޤުވެރިކަން ހޯދުމަށް ހުރި ފަރާތްތައް ހޯދުމަށް ސަރުކާރުން އިޢްލާނު ކުރެވުނީ 2 ފެބްރުއަރީ. 12 ފަރާތަކުން ޝައުޤުވެރިކަން ހާމަކޮށްފައިވޭ. އަދި މީގެތެރޭގައި، ދިވެހިންގެ ތިން ފަރާތަކުންވެސް އެދިފައިވޭ. 2 ޖޫންގައި ޕްރޮޕޯޒަލް ހުށަހަޅަން އެދި ސަރުކާރުން މިހާރުވަނީ ރިކްއެސްޓް ފޮރ ޕްރޮޕޯޒަލް ނުވަތަ އާރު.އެފް.ޕީ، އެފަރާތްތަކަށް ފޮނުވިފައި. އެއަށްފަހު، އެފަރާތްތަކުން ބިޑް ހުށަހަޅާނީ. އެ ބިޑް ހުށަހަޅަން މިޖެހެނީ 31 ޖުލައި 2009 ވަނަ ދުވަހުގެ ކުރިން. ބިޑް ހުށަހެޅުމަށްފަހު، އެ ބިޑް ބަލައި، މިކަން ކާމިޔާބުކުރާ ފަރާތުން އިޢާދަކުރަނިވި ހަކަތަ، އަދި އެހެން އާ ޓެކްނޯލޮޖީތައް އަޅުގަނޑުމެން މިދެކެނީ، ރާއްޖެއަށް ގެންނާނެ ކަމަށް، ތަޢާރުފު ކުރާނެ ކަމަށް. އަދި ޚިދްމަތްތައް އަގުހެޔޮގޮތަކަށް، ތިމާވެށްޓާ ރަޙްމަތްތެރި ގޮތަކަށް ފޯރުކޮށްދޭނެ ކަމަށް. އޭގެއިތުރުން، ސަރުކާރުން ކަނޑައަޅާފައި ހުންނަ ގަވާއިދުތަކަށް ޙުރްމަތްތެރިކޮށް މިފަރާތްތަކުން ހިތަންޖެހޭނެ. އެއީ، އެންވަޔަރަންމަންޓްގެ ގަވާއިދުތައް. އަދި އެހެންވެސް އެނަރޖީ އޮތޯރިޓީގެ ގަވާއިދުތަކާއި އަދި މިނޫންވެސް ފީ ކަނޑައެޅުމާ މިބާވަތުގެ ހުރިހާ ގަވާއިދަކަށް މި ކުންފުނިތަކުން އިޙްތިރާމް ކުރަން ޖެހޭނެ.

ސަރުކާރުގެ އަނެއް ވަރަށްބޮޑު އަމާޒަކީ، 7 ޕްރޮވިންސްގައި 7000 ގެ ޢިމާރާތް ކުރުން. އެކަމުގެ ތަފްޞީލުވެސް އަޅުގަނޑު ކުޑަކޮށް ދަންނަވާލާނަން. ޝައުޤު ހުރި ފަރާތްތައް ހޯދުމަށް ސަރުކާރުން އިޢްލާނު ކުރީ 14 ޖަނަވަރީ 2009 ގައި. އެއަށްފަހު މިހާރު 22 ފަރާތަކުން މިވަނީ ޝައުޤުވެރިކަން ހާމަކޮށް، ސަރުކާރަށް ހުށަހަޅާފައި. މީގެތެރޭގައި، ދިވެހިންގެ 7 ފަރާތް އެދިފައިވޭ. 8 ޖޫންގައި މިހާރު މިވަނީ ބިޑްތައް ހުށަހެޅުމަށް ދަޢުވަތު ދެވިފައި. އެއާ ގުޅޭ ބިޑް ޑޮކިއުމަންޓްތައް އެފަރާތްތަކަށް މިހާރު ފޮނުވިފައިވަނީ. އެފަރާތްތަކުން ބިޑް ހުށަހެޅުމުގެ މުއްދަތު ހަމަވަނީ 10 އޯގަސްޓްގައި. އެއާއެކީގައި މިގޮތުން ބިޑް ކާމިޔާބު ކުރާ ފަރާތްތަކަށް އެރަށްތަކުގެ ލޭންޑް ޔޫސްޑް ޕްލޭނާ އެއްގޮތަށް، ރައްޔިތުންނަށް ފައިދާހުރި ގޮތަކަށް ސަރުކާރުން ކަނޑައަޅާ މިންގަނޑުތަކަކަށް ގެދޮރު ބިނާކުރުމުގެ ޕްރޮގްރާމް ފެށިގެންދާނީ.

ފެނާއި ނަރުދަމާއާއި މަގާއި ބަނދަރު ހެދުންފަދަ ރައްޔިތުންނަށް ކޮންމެހެން ބޭނުންވާ ޚިދްމަތްތަކުގެ މަސައްކަތް، ސަރުކާރުގެ ދާއިރާތަކުން ގެންދަވާނީ ކުރައްވަމުން. އަޅުގަޑުމެން ހަމަ އަނެއްކާވެސް ތަކުރާރުކޮށް ދަންނަވާލަން ބޭނުމީ، މި ސަރުކާރު ދެމި މިއޮންނަނީ އެންމެ ބޭނުމަކަށޭ. އެއީ، ވަޢުދު ފުއްދުމަށޭ. ސަރުކާރުންވާނީ ރައްޔިތުންނަށް ވަޢުދުތަކެއްވެފައި. އިރާދަކުރެއްވިއްޔާ، އަޅުގަނޑުމެން ރައްޔިތުންނަށް އެ ވަޢުދުތައް ފުއްދައިދޭނަން.
އެންމެ ބޭފުޅުންނަށްވެސް އާދީއްތަ ދުވަހާ ދިމާވާއިރުގައި، އަލުން އަނބުރާ ދަރިވަރުން މަދަރުސާއަށް އެބަ ދާންޖެހޭ. އަޅުގަނޑަށް ޔަޤީން، އާ ޓާރމެއް ފެށޭއިރުގައި، އެ ޓާރމާ ކުރިމަތިލުމަށް، ހުރިހާ ދަރިވަރުންވެސް، ހުރިހާ މައިންބަފައިންވެސް ވަރަށް ބޮޑަށް ތައްޔާރުވަމުންދާނީ.

ހަމައެއާއެކީގައި، ދެން ފާހަގަކޮށްލަން އޮތް ވާހަކައަކީ، ހުޅަނގުގެ ވިއްސާރައާއި ގަދަ އަޅުގަނޑުމެންނާ މި ކުރިމަތިލަނީ. މި މޫސުމުގައި އޮޑިފަހަރު، ފަރަށް އެރުމާއި، ބެހިގެން ދިޔުމާއި، ގަދައިގައި ޖެހުމާ މިބާވަތުގެ ޚަބަރުތައް އަޅުގަނޑުމެންނަށް އިވޭނެ. އުދަވެސް އަރާ ޚަބަރުތައް އަޅުގަނޑުމެންނަށް އެނގޭނެ. ސަރުކާރުން އަދި އަމިއްލަ ފަރާތްތަކުންވެސް މިކަންކަމަށް ޚާއްޞަ ސަމާލުކަމެއް ދެއްވުމަކީ ކޮންމެހެން ބޭނުންތެރި ކަމެއް.

އަޅުގަނޑުގެ އުންމީދަކީ، އަޅުގަނޑުގެ ދުޢާއަކީ، އަޅުގަނޑުމެންނަށް މިއަދަށްވުރެ އަދި މާ ފާގަތި މާދަމައެއް ލިބުން. އަޅުގަނޑުގެ ދުޢާއަކީ، އަޅުގަނޑުމެން އެންމެންނަށްވެސް ދެދުނިޔޭގެ ބާއްޖަވެރިކަން ލިބުން.

والحمد للّـه. ވަރަށްބޮޑަށް ޝުކުރިއްޔާ! السّـلام عليـكم
______________________