بســم اللّـه الرّحمـن الرّحيــم

ރާއްޖޭގެ ލޮބުވެތި ރައްޔިތުން
السّـلام عليـكم

ހަމަޖެހޭ ވަކި އާދައެއްގެ މަތިން ދިވެހި އެންމެހާ ލޮބުވެތި ރައްޔިތުންނާ މުޚާޠަބު ކޮށްލުމުގެ ފުރްޞަތު އިރާދަފުޅާއެކު ކުރިއަށް ގެންދިއުމަކީ، ވަރަށް އެދެވިގެންވާ ކަމެއް ކަމުގައި ހުރިހާ ބޭފުޅުންވެސް އަޅުގަނޑު ގާތުގައި އަންނަނީ ބުނަމުން. އެހެންކަމުން، އަޅުގަނޑު މިއަދު މި ހުކުރު ދުވަހު ތިޔަ އެންމެ ބޭފުޅުންނާ މި ބައްދަލުކޮށްލަނީ، އަޅުގަނޑަށް އެނގޭ، މިޑްޓަރމް އިމްތިޙާން ނިމި، އެ އިމްތިޙާނުގެ ފޯމް ދަރިވަރުންނަށް ލިބޭ ދުވަހާ ވިދިގެން އަންނަ ދުވަސް، މި ހުކުރު ދުވަހު. ހުރިހާ މައިންބަފައިންނަށްވެސް ފޯމުގައިވާ އެއްޗެއް މިހާރުވާނީ އޮޅުންފިލާފައި. ދަރިވަރުންނަށްވެސް އެ އިމްތިޙާނުގައި، ނިމި މިދިޔަ އިމްތިޙާނާއި އަދި މިދިޔަ ޓަރމްގައި މަސައްކަތް ކުރެވުނު މިންވަރު މިހާރު ސާފުވާނެ. އަޅުގަނޑަށް ޔަޤީން، ފޯމްތައް ބައްލަވާލައްވާއިރުގައި، ބައެއް ދަރިވަރުންނަށް މައިންބަފައިން އުންމީދުކުރި ނަތީޖާ ނުލިބިވެދާނެ. އަދި ބައެއް ދަރިވަރުން އުންމީދުކުރި ނަތީޖާ ދަރިވަރުންނަށްވެސް ނުލިބިވެދާނެ. އަދި ބައެއް ދަރިވަރުންނަށް ވަރަށް ރަނގަޅު ނަތީޖާ ލިބިފައި ހުންނާނެކަން ހަމަ ޔަޤީން. އުންމީދު ކުރެވުނު ނަތީޖާ ނުލިބުނު ދަރިވަރުންވެސް އަދި އެދަރިވަރުންގެ މައިންބަފައިންވެސް އުންމީދު ނަންގަވައި ނުލައްވާށޭ. ދަރިވަރުންނާއެކުގައި މި ޗުއްޓީގެ ދުވަސްކޮޅު ހޭދަކުރުމަށްފަހު، ދެން ކުރިއަށް މިއޮތް ޓަރމްގެ މަސައްކަތް ބާރަށް ފަށްޓަވާށޭ.

އެނގިވަޑައިގަންނަވާނެ، މި ސަރުކާރުގެ އެއް އަމާޒަކީ، މަދަރުސާއިން ނިމޭ ހުރިހާ ދަރިވަރުންގެ ނަތީޖާއަކީ، އެދަރިވަރުން ބައިވެރިވާ އިމްތިޙާންތަކުގެ މާއްދާތަކުން މަދުވެގެން %60 އެއީ، "ސީ" ފާހުން މަތީގެ ނަތީޖާއަކަށް ހެދުން. އެކަން އެހެން ކުރުމަށްޓަކައި ސަރުކާރުން ކުރާ ކަންތައްތަކުގެ ތެރޭގައި، ބައެއް މަދަރުސާތައް އެއީ، ހަމައެކަނި ސަރުކާރުން ހިންގާ މަދަރުސާތަކުގެ ބަދަލުގައި ބޭއްވުމުގެ އިތުރުން، މިމަދަރުސާތަކަކީ އަމިއްލަ މަދަރުސާ ހިންގާ ފަރާތްތަކާ ގުޅިގެން ހިންގާ މަދަރުސާތަކަކަށް ހެދުން އެއީ، ސަރުކާރުގެ ސިޔާސަތެއް. އެގޮތުން ސަރުކާރުން މިހާރު މި ޤަޞްދުކުރަނީ ބައެއް މަދަރުސާތައް، ޚާއްޞަކޮށް މާލޭގައި ޣިޔާޘުއްދީން ސްކޫލާއި އަދި ހެންވޭރު ސްކޫލް، ކުޅުދުއްފުށިން ސްކޫލަކާއި އަދި އައްޑުއަތޮޅު ހިތަދޫން ސްކޫލެއް މިދެންނެވި އުޞޫލުން ހިންގަން ފެށުމަށް މަސައްކަތްތައް ފަށައިގަންނަން ސަރުކާރުން މިދަނީ ތައްޔާރުވަމުން. މިމަސައްކަތް ގެންދެވުނީމާ، ކަން ބަދަލުވެގެންދާނެ ގޮތަކީ، މިދެންނެވި ސްކޫލްތައް އެއީ ސަރުކާރުން ހިންގާ ސްކޫލްތަކަކަށް ނުވާނެ. އެއީ، ބައިނަލްއަޤްވާމީ ތަޢްލީމުދޭ ޖަމާޢަތްތައް، ކުންފުނިތައް، މަދަރުސާތައް މެދުވެރިވެގެން ހިންގޭ މަދަރުސާތަކަކަށްވާނީ. އެފަދަ މަދަރުސާތަކަށް އެފަރާތްތަކުން ފީއެއް ނަންގަވާނެ. އަޅުގަނޑު ރައްޔިތުންނަށް ޔަޤީންކަން އަރުވަން ބޭނުންވަނީ، އެމަދަރުސާތަކުގައި މިހާރު ތަޢްލީމު ޙާޞިލު ކުރަމުން ގެންދާ ކުދިންގެ ތެރެއިން، މިދެންނެވި ފީ ދެއްކުމަށް ދަތިވާ މައިންބަފައިންނަށް ސަރުކާރުން އެ ފީ ދައްކައިދިނުމުގައި އެހީތެރިވެދޭނެއޭ. އެހެންވީމާ، މިހާރު މިއިން މަދަރުސާއެއްގައި ކިޔަވަމުންދާ އެއްވެސް ކުއްޖެއްގެ މައިންބަފައިން ކަންބޮޑުވުމަކާ ކުރިމަތިލާކަށް އިރާދަކުރެއްވިއްޔާ ނުޖެހޭނެ. ހުރިހާ ކުދިންނަށްވެސް އެމަދަރުސާތަކުގައި ކިޔެވޭނެ އުޞޫލެއް ސަރުކާރުން ހަމަޖައްސައިދޭނެ. އަޅުގަނޑުމެން މިގެންގުޅޭ ވިސްނުމަކީ، ގެންގުޅޭ ފިކުރަކީ، މިހާރު ހަތްދިހަހާސް ކުދިންނަށް ސަރުކާރުން ތަޢްލީމެއް އެބަ ފޯރުކޮށްދޭ. އެކަން ކުރުމަށް ސަރުކާރުން ޚަރަދު މިކުރަނީ، ސަރުކާރުގެ ބަޖެޓުން ޚަރަދު ކުރެވެން އޮތް އެންމެބޮޑު މިންވަރު. ގާތްގަނޑަކަށް 1.4 ބިލިއަން ރުފިޔާ ތަޢްލީމަށް ޚަރަދުވޭ. އަދި މިދެންނެވި ހަތްދިހަހާސް ކުދިންނަށް، ކޮންމެ މަހަކު ކޮންމެ ކުއްޖަކަށް އެއްހާސް ދުއިސައްތަ ފަންސާސް ރުފިޔާ، އެވްރެޖް ގޮތެއްގައި ޚަރަދުވޭ. ސަރުކާރުގެ ބޭނުމަކީ އާމްދަނީ ލިބޭ މައިންބަފައިންނަށް، ފީ ދައްކައިގެން ރަނގަޅު ތަޢްލީމެއް، އެމީހުންގެ ދަރިންނަށް ހޯދޭނެ ފުރްޞަތު ފަހިކޮށްދިނުން. އެކަން އެހެން ކުރެވުނީމާ، ސަރުކާރުން ދެކެނީ، ސީދާ ސަރުކާރުން ކިޔަވައިދޭ ކުދިންގެ ޢަދަދު ހަތްދިހަހާހުން އެއަށްވުރެ ދަށް ޢަދަދަކަށް އަންނާނެއޭ. އެހެންވީމާ، މިހާރު ހަމަ މިހުރި ފައިސާ ބޭނުންކޮށްގެން، ދަރިވަރުންނަށް މިހާރު މިދޭ ތަޢްލީމަށްވުރެ، މާ ރަނގަޅު ތަޢްލީމެއް ދެވޭނެއޭ. އެކަން އެގޮތަށް ހަމަޖެހިގެން ދިޔައީމާ، ސަރުކާރުގެ މަދަރުސާތައްވެސް އެއީ، ރަނގަޅު ތަޢްލީމެއްދޭ ތަންތަނަށް އިރާދަކުރެއްވިއްޔާ ވެގެންދާނެ.

ވޭތުވެމިދިޔަ ދުވަސްތަކުގައި އަޅުގަނޑުމެންގެ ތެރޭގައި އެންމެ ފާހަގަވާ ގޮތަށް ހިނގަމުން އަންނަ އެއް ބަޙުޘަކީ، ރިޔާސީ ކޮމިޝަނާ ގުޅޭގޮތުން އުފެދިފައިވާ ބަޙުޘް. ކޮމިޝަން އުފެދިފައި މިވަނީ ޚިޔާނާތްތައް ބަލައި ތަޙުޤީޤު ކުރުމަށް. އުފެދިފައިވާ ބަޙުޘަކީ، އެ ކޮމިޝަނަކީ ޤާނޫނީ ގޮތުން އުފެއްދޭނެ ކޮމިޝަނެއްތޯ؟ އެއީ، އެއް ސުވާލު. އަނެއް ސުވާލަކީ، މި ކޮމިޝަނަކީ ޤާނޫނީގޮތުން އުފެއްދުނު ކަމުގައިވިޔަސްވެސް، ބޭނުންތެރި ކޮމިޝަނެއްތޯ؟ މީގެ މަޤްޞަދަކީ ކޮބައިތޯ؟ މިކަންކަމާ ގުޅޭގޮތުން އުފައްދާ އަދި އުފެދޭ ސުވާލު.

އަޅުގަނޑުވެސް މިދަނީ މިވާހަކަތައް ވަރަށް ގާތުން އަޑުއަހަމުން. އަޅުގަނޑު ދަންނަވާލާނަން. އަޅުގަނޑުގެ ނަޒަރުގައި އަޅުގަނޑު މިކަން ދެކޭގޮތް. އަޅުގަނޑުމެން މިވަގުތު ޢަމަލު ކުރަމުން މިގެންދާ ޤާނޫނުއަސާސީގެ އެންމެ މައިގަނޑު އެއް ސިފައަކީ، ދިވެހި ދައުލަތުގެ ބާރުތައް ހުންނަން ޖެހޭނީ ވަކިކުރެވިފައޭ. ވެރިކަން ކުރުމުގެ ބާރާއި، ޝަރީޢަތް ހިންގުމުގެ ބާރާއި، އަދި ޤާނޫނު ހެދުމުގެ ބާރު، މި ތިން ބާރަކީ، އެކުވެ މަސްހުނިވެފައިވާ ބާރަކަށް ވެގެން ނުވާނެއޭ. އެއީ ވަކިވެފައިވާ ބާރުތަކަކަށް ވާންޖެހޭނީ.

ޤާނޫނުއަސާސީގައި މި ސިފަ އެކުލަވާލުމަށްފަހުގައި، ހަމަ އެއާ ވިދިގެން ދެން އެކުލަވާލާފައިވާ އަނެއް ފަށަލައަކީ، މުސްތަޤިއްލު މުއައްސަސާތަކެއް އުފެއްދުން. އެގޮތުން، މި އަސާސްގައި ހަތަރު މުއައްސަސާއެއް އުފައްދާފައި އެބަވޭ. އޮޑިޓަރ ޖެނެރަލްގެ އޮފީހާއި، ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހާއި، ހިއުމަން ރައިޓްސް ކޮމިޝަނާއި އަދި އެންޓި-ކޮރަޕްޝަން ބޯޑު. މި މުއައްސަސާތަކުގެ ބޭނުމަކީ، އަޅުގަނޑަށް ފެންނަ ގޮތުގައި، ކުރީގައި ދެންނެވި ބާރުތައް ވަކިވަކިން އެބާރުތަކުގެ އެތެރޭގައި ހިނގާ ކަންކަން ހަމަ މަގުގައި ބެހެއްޓުމަށް ބާރުއެޅުން. އެންޓި-ކޮރަޕްޝަން ބޯޑުން ބައްލަވާނެ، ތިންބާރުގެ ތެރޭގައި ހިނގާ ކޮރަޕްޝަންގެ މައްސަލަތައްވެސް. އޮޑިޓަރ ޖެނެރަލް އޮޑިޓް ކުރައްވާނެ، ތިންބާރުގެ ތެރޭގައި ހިނގާ ކަންކަންވެސް. އަދި ހިއުމަން ރައިޓްސް ކޮމިޝަންވެސް އަދި ޕްރޮސެކިއުޓަރ ޖެނެރަލް ޕްރޮސެކިއުޓް ކުރުން ނުވަތަ ދަޢުވާ އުފުލުމުގައި، ތިންބާރާ ގުޅޭ ކަންކަމުގައިވެސް ދަޢުވާ އުފުއްލަވަމުން ގެންދަވާނެ.

މިފަށަލަ ވަރުގަދަކޮށް ބެލެހެއްޓުމަކީ މުހިންމު ކަމެއް. ޚާއްޞަ ގޮތެއްގައި ޤާނޫނުއަސާސީ ވަރަށް ސާފު ބަހުން މިދެންނެވި ސިފަ އުފައްދާފައި، މިދެންނެވި ބާރުތައް ވަކިވަކިކުރުމުގެ ސިފައާއި، އަދި އޭގެދަށުން މުސްތަޤިއްލު މުއައްސަސާތައް އުފެއްދުމުގެ ފަށަލަ ޤާއިމު ކުރުމަށްފަހު، މި ސިފަ ދަމަހައްޓައި، އެސިފައަށް ޤާނޫނުއަސާސީ ތަންފީޒު ކުރުމާއި، އެއަށް މަގުފަހިކުރުމާއި ކުރިއެރުމަށް މިކަންކަމުގެ ވަރަށްބޮޑު މަސްއޫލިއްޔަތެއް ޙަވާލުވެފައި މިވަނީ، ރައީސުލްޖުމްހޫރިއްޔާ ކަމުގައި ހުންނަވާ ބޭފުޅަކަށް. މިވަގުތު އެމަގާމުގައި މިހުރީ އަޅުގަނޑު. އަޅުގަނޑުގެ ވާޖިބެއް އެއީ، ޤާނޫނުއަސާސީގެ މިދެންނެވި ސިފަ ރައްކާތެރިކުރުން. އެހެންވީމާ، އޮޑިޓަރ ޖެނެރަލް ނެރުއްވާ ބަޔާނެއް އެއީ އަގެއް ނެތް އެއްޗަކަށް ނުވަތަ އެމައްޗަށް ޢަމަލު ނުކުރެވޭ ނިންމުމަކަށްވެދިޔުމަކީ، އަޅުގަނޑު ނުދެކެން ޤާނޫނުއަސާސީ ތަންފީޒު ކުރުމުގައި އަޅުގަނޑުގެ ވާޖިބު އަދާކުރެވުނީ ކަމަކަށް. އޮޑިޓަރ ޖެނެރަލްގެވެސް އަދި މުސްތަޤިއްލު ހުރިހާ މުއައްސަސާއަކުންވެސް ނެރުއްވާ ބަޔާންތަކާއި، ވިދާޅުވާ ވިދާޅުވުންތައް އެއީ ފެން ހިފެހެއްޓޭ، އަޅުގަނޑުމެން އެއަށް އިޙްތިރާމް ކުރަންޖެހޭ ބަޔާންތަކަކަށްވާންޖެހޭ. އެނގިވަޑައިގަންނަވާނެ، މިއަދާ ހަމައަށް އޮޑިޓަރ ޖެނެރަލް މިވަނީ ފަންސަވީހަކަށް އޮޑިޓް ރިޕޯޓް ނެރުއްވާފައި. އެއިން އެއްވެސް ރިޕޯޓަކާ ގުޅޭގޮތުން ފިޔަވަޅެއް އެޅިފައެއްނުވޭ. ސަރުކާރުންވަނީ މި ރިޕޯޓުތައް ފުލުސް އޮފީހަށް ފޮނުވާފައި. ފުލުސް އޮފީހުން ގެންދަވަނީ، އެ ރިޕޯޓުތަކުގައިވާ ކަންކަން ބައްލަވަމުން. އަޅުގަނޑު މިއުފެއްދި ކޮމިޝަނަކީ، މި ރިޕޯޓުތަކަށް ފުލުސް އޮފީހުން ހިންގަވަންޖެހޭ އަދި ވެރިކަން ހިންގާ ބާރުގެ އެކިއެކި މުއައްސަސާތަކުން މި ރިޕޯޓުތަކަށް ބާރުދިނުމަށްޓަކައި ހިންގަންޖެހޭ ކަންކަމުގައި އެހީތެރިވެދިނުމަށް އުފެއްދި ކޮމިޝަނެއް.

ހަމަ މިހެން މިކަންވާއިރުގައި، ޤާނޫނުއަސާސީގެ އަނެއް މުހިންމު ސިފައަކީ، ސިޔާސީ ޕާޓީތައް ތަރައްޤީ ކުރުމާއި ކުރިއެރުވުން. ސިޔާސީ ޕާޓީތައް ބިނާކުރުން. އަދި އެޕާޓީތައް އެއީ ރަނގަޅު ވާދަވެރި ޕާޓީތަކަކަށް ހެދުމަށް މަސައްކަތް ކުރުން. ރަނގަޅު، ވަރުގަދަ، ވާދަވެރި ސިޔާސީ ޕާޓީއެއް ބޭއްވުން އޮތުން އެއީ، ޤާނޫނުއަސާސީ ލާޒިމްކުރާ ނުވަތަ ބާރުއަޅާ ވަރަށް މުހިންމު ސިފައެއް. ސާފުބަހުން ދަންނަވާނަމަ، މިދަންނަވާ ވާހަކައަކީ އޮޑިޓަރ ޖެނެރަލްގެ ރިޕޯޓުގައި، ވާދަވެރި ސިޔާސީ ޕާޓީއެއްގެ ލީޑަރެއް ނުވަތަ ވާދަވެރި ސިޔާސީ ޕާޓީއެއްގެ އިސް ޙަރަކާތްތެރިއެއް ޝާމިލުވާ ގޮތަށް، ތުހުމަތު ކުރެވޭގޮތަށް ވާހަކައެއް ލިޔެފައި އޮތީމާ، އެކަން ބަލައި ތަޙުޤީޤު ކުރުމުގެ ތެރޭގައި، ވާދަވެރި ސިޔާސީ ޕާޓީއަކަށް ހުރަސްއެޅިދާނެބާވައޭ؟ އެ ޕާޓީ ބިނާވުމުގައި އަޅުގަނޑުމެންނަށް އެފަދަ ޕާޓީތައް ބިނާވުމަށް ދަތިކުރަނީ ކަމަށް ބެލެވޭ ކަމެއް ކުރަނީ ކަމަށް ވެދާނެބާއޭ؟ އެއްއަތުން މިއޮތީ ބާރުތައް ވަކިވަކިކުރުން. މުސްތަޤިއްލު މުއައްސަސާތައް ދެމެހެއްޓުން. އަނެއް އަތުން މިއޮތީ ސިޔާސީ ޕާޓީ ބިނާކުރުން. ސިޔާސީ ޕާޓީއެއްގެ ލީޑަރެއް މިއުފެދެނީ ވަރަށްގިނަ ދުވަހުން. އަޅުގަނޑު ހަމަ ފުރިހަމައަށް ގަބޫލުކުރަން. އެފަދަ ލީޑަރުންނެއް ފަސޭހައަކުން ނުވެސް އުފެއްދޭނެ. އަދި އެއީކީއެއް އެއްދުވަހަކުން ދެދުވަހަކުން، އެއްއަހަރަކުން ދެއަހަރަކުންވާކަމެއްވެސް ނޫން. އެހެންނަމަވެސް، މިހާރު ވާދަވެރި ޕާޓީތަކުގައި އުފެދިފައި އެވާ ލީޑަރުންނަކީ، މުސްތަޤިއްލު މުއައްސަސާތައް ދެކޭގޮތުގައި، އެންމެ ފުރިހަމަ ބޭފުޅުން ނުވަތަ ތުހުމަތު ކުރެވޭ ބާވަތުގެ ބޭފުޅުން ކަމަށްވަނީވިއްޔާ، ވާދަވެރި ސިޔާސީ ޕާޓީތައް އެބަ ރަނގަޅަށް ބިނާކުރެވޭތޯއޭ؟ އެ ޕާޓީތައް އުފެދުމަށް ބިނާވުމަށް އޭރުން އެދެވެނީ ރަނގަޅު ޖާގައެއްބާވައޭ؟ ދަންނަވަން އޮތް ވާހަކައަކީ، ވާދަވެރި ޕާޓީއެއްގެ ބޭފުޅެއްގެ މައްޗަށް ކޮރަޕްޝަންގެ ދަޢުވާއެއް، ނާޖާއިޒު ފައިދާ ނެންގެވި ކަމުގެ ދަޢުވާއެއް ކުރީމާ، ކޮރަޕްޝަން ނައްތާލުމަށް، ހެޔޮގޮތުގައި ވެރިކަން ކުރުމަށް އެބަ ބާރުއެޅޭ. އެހެންނަމަވެސް، އަނެއްކޮޅުން ވާދަވެރި ސިޔާސީ ޕާޓީ އުފެދުމަށް ހުރަސްއެޅޭ ކަމަށް ބައެއް ބޭފުޅުންނަށް ދެކެވޭ. ހަމަ އަނެއްބައި ބޭފުޅުން މި މައުޟޫޢުގައި ދެކޭގޮތަކީ، ވާދަވެރި ސިޔާސީ ޕާޓީތައް ތަރައްޤީ ކުރުމަށްވެސް އެ ޕާޓީތަކުގައި ސާފު ސާދާ ވެރިން ތިބެން ޖެހޭނެއޭ. މިހާރު ރާއްޖޭގައި އުފެދިފައިމިވާ ވާދަވެރި ޕާޓީތަކުގައި ޒުވާން ކިތަންމެ ބޭފުޅުންނެއް މިވަނީ އިންތިޚާބުވެފައި. އެ ޒުވާން ބޭފުޅުންނަށް، އެބޭފުޅުންގެ ޒުވާންކަމުގެ ޖޯޝާ އެކީގައި، އެޕާޓީތަކުގައި އިސްވެ ޙަރަކާތްތެރިވެވޭނޭ މަގެއް އުފައްދައިދިނުމަކީވެސް، ހޯދައިދިނުމަކީވެސް ބައެއް ބޭފުޅުންގެ ނަޒަރުގައި ސިޔާސީ ޕާޓީ ތަރައްޤީ ކުރުމަށް މިވަގުތު ކުރަން ޖެހިފައިވާ ކަމެއް.

އެއްވެސް ޙާލެއްގައި ސަރުކާރަކުން ކުޑަކޮށްވެސް ބޭނުމެއް ނޫން، ޒާތީ ގޮތަކަށް އެއްވެސް ކަމެއް ދެކިގެން، އެކަންކަމުގެ މައްސަލަތައް ބަލައި ނުވަތަ ތަޙުޤީޤުތަކެއްކޮށް، ބައެއްގެ މައްޗަށް ތުހުމަތުކޮށް ހެދުމަކީ، މި ސަރުކާރުގެ ކުޑަވެސް ބޭނުމެއް ނޫން. އަޅުގަނޑުމެންގެ ބޭނުމަކީ، ޤާނޫނީ ދައުލަތެއް ހިންގުން. އަޅުގަނޑުމެންގެ ބޭނުމަކީ، ޑިމޮކްރަސީއަށް މަގުފަހިވާ އުޞޫލުން ރާއްޖޭގެ ކަންކަން ކުރިއަރުވަމުން ގެންދިއުން. މިދެންނެވި މައްސަލަތައް އެއީ، އެއްއަތުން ބާރުތައް ވަކިކުރުމުގެ ފަލްސަފާ. ނުވަތަ ޕްލޭޓޯގެ ރިޕަބްލިކްގެ ފަލްސަފާ ނެރި، އެ ރިޕަބްލިކް ޤާއިމުކޮށް، އެ ޖުމްހޫރިއްޔަތު ޤާއިމުކޮށް، އެޖުމްހޫރިއްޔަތު ބިނާކުރަމުންދާއިރުގައި، އަނެއް އަތުން މި ޤާނޫނުއަސާސީ ހަމަ ބަޔާންކުރާ ބަރުލަމާނީ ސިފަ. ޕާލަމެންޓްރީ އުޞޫލު އެއީ ސިޔާސީ ޕާޓީ ބިނާކުރުން. އެކަމަށް ހުރަސްއެޅޭ ކަމަށްވަނީވިއްޔާ، އަޅުގަނޑުމެންނަށް މީގެ ރަނގަޅު ފުރިހަމަ ތަރާދު، ބެލެންސް ނުހޯދިދާނެ. އަޅުގަނޑުމެން ބަލަން މިޖެހެނީ، ސިޔާސީ ޕާޓީވެސް ވާދަވެރި ސިޔާސީ ޕާޓީއަށްވެސް ގެއްލުންނުވާ އަދި ޖުމްހޫރިއްޔަތު ބިނާކުރުމުގައިވެސް ގެއްލުންނުވާ، ހުރަސްނޭޅޭ މަގެއް ހޯދައި، އެ މެދުމަގުން ހިނގަން. އަޅުގަނޑުމެން ގަބޫލު މިކުރަނީ، ވާދަވެރި ސިޔާސީ ޕާޓީތައް ބިނާކުރުމުގައި، އެ ޕާޓީތަކުގެ ވެރިންނަކީ ސާފު ސާދާ ބަޔަކަށްވާންޖެހެއޭ. އެހެން ނޫނިއްޔާ، އެ ޕާޓީތަކަށް ސަރުކާރު ޖަވާބުދާރީ ކުރުވުން އެއީ ވަރަށް އުނދަގޫ ކަމަކަށްވާނީ. ކޮމިޝަންގެ އެއްބޭނުމަކީ މިދެންނެވީ. މިމައްސަލަ ޙައްލު ކުރުމަށް މަސައްކަތް ކުރުން.

ހަމައެއާއެކީގައި ކޮމިޝަންގެ އެހެން ބޭނުމެއް އެބައޮތް. މިއަދުގެ ސަރުކާރުގެ ވެރިން، ކޮރަޕްޝަންގެ ނޭދެވޭ ޢަމަލުގެ ތެރެއަށް ވެއްޓިގެން ދިޔުމަށް ހުރަސްއެޅުމަށް ނުވަތަ ވެއްޓުނަ ނުދިނުމަށް ބާރުއެޅުމަށް ކުރެވެން އޮތް ކަމަކީ، އެބާވަތުގެ ޢަމަލެއްގެ ތެރޭގައި އުޅޭ ބަޔަކާ ގުޅޭގޮތުން، މި ސަރުކާރުން ކުޑަވެސް ލުޔެއް ނުދޭނެ ކަމުގެ ފުރިހަމަ ޔަޤީންކަން އެންމެ ބޭފުޅުންނަށް ލިބިފައި އޮތުން. އަޅުގަނޑު ކުޑަކޮށްވެސް ނޭދެން. މި ސަރުކާރުގެ ވަޒީރުންނަކަށް އަދި އިސްވެރިންނަށް ކޮރަޕްޝަންގެ އެއްވެސް ތުހުމަތެއްވާކަށް. އެކަން ހުއްޓުވެން އަންނަނީ، ކޮރަޕްޝަންގެ ޢަމަލުތައް ހިނގާފައިވާ މިންވަރުން ބަލައި ހޯދައިގެން، އެކަންކަން ހިނގާގޮތްވެސް އަޅުގަނޑުމެންނަށް އެނގިގެން، އެކަންކަން ކޮށްފައި ތިއްބެވި ބޭފުޅުންނަށް ޙައްޤު އަދަބު ލިބިގެން. މިކަން، އަޅުގަނޑު މިދެންނެވި ކަންކަން ހިނގަމުންދާނީ ޤާނޫނުގެ ފުރިހަމަ އިމުގެ ތެރޭގައި. އަޅުގަނޑު މިދެންނެވި ކަންކަން ހިނގަމުންދާނީ ޤާނޫނުއަސާސީ ބަޔާންކުރާ އަކުރުން އަކުރަށް. ޢާންމު ޤާނޫނުތަކުގެ އުޞޫލާ އެއްގޮތަށް. އަޅުގަނޑު ހިތުން ކޮމިޝަނާ ގުޅޭގޮތުން ތަންކޮޅެއް ގިނަ ވާހަކަވެސް ދެކެވިއްޖެ. އެހެންނަމަވެސް، އެއީ މިވަގުތު ދެކެވެމުން އަންނަ ބޮޑު ވާހަކައަކަށްވާތީވެ، އެވާހަކައިގެ މައްޗަށް ނުވަތަ އެ މައުޟޫޢުގައި އެއްޗެއް ބުނެލުން އެއީ ނެތް ކަމެއްގެ ގޮތުގައި އަޅުގަނޑު މިދުށީ.

ހަމައެހެންމެ މިހާރު މިވަނީ، މި ޤާނޫނުއަސާސީގެ ދަށުން މިހާރު ޢަމަލު ކުރަމުންމިދާ އަޅުގަނޑުމެންނަށް ފާހަގަވެފައި އޮތް ޤާނޫނުއަސާސީގެ ދަށުން، އިޞްލާޙު ކުރެވުނު ޤާނޫނުއަސާސީގެ ދަށުން އިންތިޚާބުވެފައިވާ ފުރަތަމަ ރައްޔިތުންގެ މަޖިލިސް މިހާރު މިވަނީ ހުވާކޮށްފައި. އެމަޖިލީހުގެ ޖަލްސާތައް މިހާރު މިވަނީ ފެށިފައި. އެމަޖިލީހަށް މިހާތަނަށް ހުށަހެޅިފައިވާ މައްސަލަތަކާއި ބިލްތަކަށް ބަލާއިރު، ހުށަހެޅިފައިވާ ދެބިލަކީވެސް ސަރުކާރު ހިންގުމާ ގުޅޭގޮތުން މަޖިލީހުން ބާރު ފޯރުއްވުމަށް މަސައްކަތް ކުރެއްވުމަށް ނުވަތަ މަޖިލީހުގެ ދައުރެއް، އެ ސަރުކާރު ހިންގުމަށް ގެނައުމަށް މަގު ފަހިކުރާނެ ދެބިލެއް. އަޅުގަނޑު ދަންނަވާ ވާހަކައަކީ، މި ޤާނޫނުއަސާސީއަކީ ބާރުތައް ވަކިވަކިކުރެވިފައިވާ ޤާނޫނުއަސާސީއެކޭ. މިއީ، ބަރްލަމާނީ އުޞޫލެއް ނޫނޭ. މިއީ ޖުމްހޫރިއްޔަތެކޭ. މިއީ، ޕްލޭޓޯގެ ނަމޫނާގައި ހިންގޭ ޖުމްހޫރިއްޔަތެކޭ. އެހެންވީމާ، ޤާނޫނު ހަދާ ފަރާތުން ވެރިކަން ހިންގާ ފަރާތުގެ ބާރުތަކުގެ ތެރެއަށް ވަދެގަންނަން އުޅުއްވުމަކީ ބުއްދިވެރި ކަމަކަށް އަދި ނުވެދާނެ.

އަޅުގަނޑުވެސް ގަބޫލުކުރަން. މިއަދާ ހަމައަށް އައިއިރުގައި ވެރިކަން ހިނގާ ފަރާތް، މި ރާއްޖޭގައި މިވަނީ ވަރަށް ބާރުގަދަކޮށް. އަދި ޤާނޫނުހަދާ ފަރާތްވަނީ ވަރަށް ބާރު ކުޑަކޮށް. އެހެންވީމާ، މިވަގުތު ބޮޑު ބާރެއް ޤާނޫނުހަދާ ފަރާތަށް އޮތުމަކީވެސް ބުއްދިވެރި ކަމެއް ކަމަށްވެދާނެ. އެގޮތުން، ޤާނޫނު ހަދާ ފަރާތަށް ބޭނުންވެދާނެ، ބައެއް ބައެއް މަގާމުތަކަށް ޢައްޔަންކުރާ ބޭފުޅުންނަކީ، އެބޭފުޅުންގެ ރުހުން ލިބިގެން ޢައްޔަންކުރާ ބޭފުޅުންނަށްވާން. އެހެންނަމަވެސް، ޤާނޫނުއަސާސީގައި މިކަން ހިންގަން ލަފާ ނުވަތަ ކަނޑައަޅާފައިވާ މިންވަރެއް އެބަވޭ. އެއީ، ވަޒީރުން ޢައްޔަން ކުރުމުގައި، މަޖިލީހުގެ ރުހުން ހޯދުން. އޭގެ ދުރަށް އޭގެ ފުޅާކޮށް އެކަން ކުރުމަކީ، އަޅުގަނޑަށް ފެންނަ ފެނުމުގައި އަދި މާ ބުއްދިވެރި ކަމަކަށް ނުވެދާނެ. އަޅުގަނޑު ހަމަ، ހާމަ މިކޮށްލީ، އަޅުގަނޑު މިވާހަކަ މިދަންނަވާލީ، ފުރަތަމަ ކަމަކަށް އަޅުގަނޑު ދެކޭގޮތުގައި، އަޅުގަނޑަކަށް މި ސަރުކާރު ހިންގާކަށް އުނދަގުލެއް ނުވާނެ، އަޅުގަނޑަށް އެއްވެސް ބޭފުޅެއް ޢައްޔަން ކުރުމުގައި މާބޮޑު ޖާގަތަކެއް ނެތް ނަމަވެސް. ބޭފުޅުންނެއް ނޫން މީގައި މުހިންމީކީ. މީގައި މުހިންމީ އަޅުގަނޑުމެން ކަންކަންކުރާ އުޞޫލާއި ހަމަތައް. ކޮންމެ ބޭފުޅަކު ކޮންމެ މަގާމެއްގައި ހުންނެވި ކަމުގައިވިޔަސްވެސް، ހުރިހާ ކަމެއްވެސް ހިނގަމުން އަންނަ ޖެހެނީ ވަކި ތަރުތީބަކުން ވަކި އުޞޫލަކުން. އިރާދަކުރެއްވިއްޔާ، އެ އުޞޫލުން ކަންކަން ކުރުމަށް އަޅުގަނޑުމެންނަށް ވާގިލިބޭނެ. އިރާދަކުރެއްވިއްޔާ، އަޅުގަނޑުމެންނަށް މިމަގަށް ކަންކަން ހިމުން ކުރަމުން ގެންދެވޭނެ.

މިވާހަކަކޮޅުތަކަކީ، ހަމައެކަނި ވަކި ބާވަތެއްގެ ވާހަކަތަކަކަށްވުމަކަށް ނުޖެހޭ. އަޅުގަނޑު ހުކުރު ދުވަހު ރާއްޖޭގެ ލޮބުވެތި ރައްޔިތުންނާ ބައްދަލުކޮށް، އެއިރެއްގައި އަޅުގަނޑު މިއަދު މިއިންނަ އިރުގައި، އަޅުގަނޑުގެ ހިތުގެ ތެރޭގައިވާ ޝުޢޫރުތައް، ސުވާލުތައް ތިޔަބޭފުޅުންނާ އެކީގައި ޙިއްޞާކޮށްލުން ޙަޤީޤަތުގައި މި ހުކުރު ދުވަހުގެ ހެނދުނުގެ ވަގުތުކޮޅުގެ ބޭނުމަކީ.

އަޅުގަނޑު ރައީސް އޮފީހަށް މަސައްކަތް ކުރަން ނުކުތް ދުވަހާ ވިދިގެން އައި ދެތިން ދުވަހުގެ ތެރޭގައި، އެއޮފީހުގެ ބައެއް ލިޔުންތަކުގެ ތެރެއިން އަޅުގަނޑަށް ފެނުނު ވަރަށް ބައިވަރު ލިޔުންތަކެއް. ވަރަށް ޒަމާންވެފައިވާ ލިޔުންތަކެއް. އެލިޔުންތައް ހުރީ ވަރަށް ބޮޑަށް ހަލާކުވެފައި. ގާތްގަނޑަކަށް ނެތިދާ ހިސާބަށް ގޮސްފައި. އެހެންވީމާ، ލިޔުން، ކަރުދާސް ރެސްޓޯ ކުރާ މަރާމާތުކުރާ ބައެއްގެ އެހީތެރިކަމާއެކީގައި، މިދެންނެވި ލިޔުންތަކުގެ ބައެއް ލިޔުން އަޅުގަނޑުމެން މިދަނީ މަރާމާތު ކުރަމުން. އެލިޔުންތަކުގައިވަނީ ރާއްޖޭގެ އެކިއެކި ކަންކޮޅުތަކުން މާލެ ގެނެވިފައިވާ ރާއްޖޭގެ އެކިއެކި ރަށްރަށުގެ ފަތްކޮޅުތައް. އަޅުގަނޑަށް ފާހަގަވަނީ، ފުރަތަމަ 1959 ގައި އެމަސައްކަތް ފެށިފައި އެބައޮތް. ދެން 1962 ގައި އެމަސައްކަތް އަދި ވަކިން ބާރަށް ގެންދެވިފައި އެބައޮތް. މިފަތްކޮޅުތައް ގެނެވުނީ މާލެއަށް. މިފަތްކޮޅުތަކުގައި ލިޔެވިފައި ހުންނަނީ އެކިއެކި ރަށްރަށުގެ މުއްސަނދިކަން. މިސްކިތްތަކުގައި ގިނަފަހަރަށް ފަތްކޮޅުތައް ބެހެއްޓިފައި ހުންނާނީ. އޭގައި ލިޔެވިފައި އޮންނާނީ، އެ މިސްކިތަކަށް ބޯގައަކަށް ނުވަތަ ވަޤްފަކަށް މިލްކުވެފައިވާ މުދަލާއި ތަކެތީގެ ވާހަކަ ނުވަތަ އެވެނި މީހަކަށް، މިވެނި މީހަކަށް މިލްކުވެފައިވާ މުދަލާއި ތަކެތީގެ ވާހަކަ. ކުރުގޮތަކަށް ދަންނަވަނީނަމަ، މިފަތްކޮޅުތަކުގައިވަނީ ދިވެހިރާއްޖޭގެ ބިން. ދިވެހިރާއްޖޭގެ ކަނޑު. ދިވެހިރާއްޖޭގެ ފަޅު. ދިވެހިރާއްޖޭގެ ފަރު. ދިވެހިރާއްޖޭގެ ގަސްކަރަ. ދިވެހިރާއްޖެ ބޭނުންކުރާނެގޮތް. އެ ބޭނުންކުރާ ގޮތުގެ ތަފްޞީލުތައް މާލެ ގެނެވިފައިވަނީ 1962 ގައި. އަޅުގަނޑު މިއުންމީދު ކުރަނީ، މި ފަތްކޮޅުތައް އަލުން އަނބުރާ ދިވެހިރާއްޖޭގެ ރައްޔިތުންނަށް ރައްދު ކުރުމަށް. ރަށްތަކަށް، މިސްކިތްތަކަށް އެފަތްކޮޅުތައް އަލުން އަނބުރާ ފޮނުވުމަށް. އުންމީދަކީ އެއީ. އެހެން ނަމަވެސް، މި ފަތްކޮޅުތަކަކީ ރާއްޖޭގެ ތަރިކަ. ދިވެހިރާއްޖޭގެ ޚަޒާނާ. އެ އެއްޗެތި މިހާރުވެސް ހުރީ ވަރަށް ބޮޑަށް ބާވެފައި. މަރާމާތު ކުރެވެމުން މިދަނީ. އެ އެއްޗެހި ގިނަ ދުވަހަށް ރައްކާކުރުން އެއީ އަޅުގަނޑުމެންނަށް މަޖުބޫރު ކަމެއް. އެ ރައްކާކުރާއިރު ވަކިގޮތަކަށް ރައްކާ ކުރެވެން ޖެހެނީ. އެހެންވީމާ، އަޅުގަނޑުމެން އަދި އެބަ ވިސްނަންޖެހޭ، ސީދާ ވަކި ރަށެއްގައި ބަހައްޓާނީ، އެ ފަތްކޮޅުގެ ސީދާ އަޞްލުތޯ؟ ނުވަތަ އަޞްލާ އެއްގޮތް ނަކަލެއްތޯ؟ ކޮންމެ ގޮތެއްވިޔަސްވެސް މި ފަތްކޮޅުތައް ދެން ފެންނާނެ އިރާދަކުރެއްވިއްޔާ. އަޅުގަނޑުމެން ރާއްޖޭގެ ވަރަށްބޮޑު ތާރީޚެއް، ތަރިކައެއް އަޅުގަނޑުމެންނަށް އިރާދަކުރެއްވިއްޔާ އޮޅުންފިލައިގެންދާނެ.

އަޅުގަނޑުމެން ދިރިއުޅެމުން އަޅުގަނޑުމެންގެ ދުވަސްތައް މިހެން ހޭދަކުރަމުން ގެންދާއިރުގައި، އަޅުގަނޑުމެން މިތިބެނީ، އަޅުގަނޑު ދަންނަވާނީ ވަގުތުގެ އަޖަލުގައި ޖެހިފައޭ. މިއަދު އެކަންޏޭ އަޅުގަނޑުމެންނަށް މިފެންނަނީ. އަޅުގަނޑުމެން އެބަ ޖެހެއޭ ބަލައިލަން ތަންކޮޅެއް ބޮޑު މަންޒަރެއް. މިއަދު ނޫން އިރެއް. މިއަދު މިވާ ކަންތައް، މީގެ އަހަރުތަކެއް ކުރިއަށް ގޮސްފައި، ދެން މިއަދާ ދިމާއަށް ބަލާލީމާ ދެން މިއަދު އޮންނާނީ ކިހިނެއްބާވައޭ؟ އެއީ، އަޅުގަނޑުމެން އަބަދުވެސް އަހަން ޖެހޭނެ ސުވާލެއް. މިއަދު ނިންމާ ކަންކަން އަޅުގަނޑުމެން ނިންމައިގެން ނުވާނެ، ހަމައެކަނި މިހިނދުގެ އަޖަލުގައި މިވަގުތުގެ އަޖަލުގައި ޖެހިގެނެއް.

އަދި އެނގިވަޑައިގަންނަވާނެ، މިއަދަކީ ދުނިޔޭގެ ތިމާވެށީގެ ދުވަސް. އަދި ހަމަ މިހަފްތާގެ ތެރޭގައި އަޅުގަނޑުމެންނާ ބައްދަލުކުރާނެ، ދުނިޔޭގެ ކަނޑުތަކުގެ ދުވަސް. މިދެދުވަހަކީވެސް އަޅުގަނޑުމެން ރާއްޖެއަށް ވަރަށް މުހިންމު ދެދުވަސް. ސަރުކާރުން އެބަ ނިންމަވާ، ދެދުވަހާ ގުޅޭ ބައެއް ޕްރޮގްރާމްތައް. ކަނޑުތަކުގެ ދުވަސް ނިންމާއިރުގައި، އަޅުގަނޑުމެންނަށް ހަމަ އަޅުގަނޑު ދެންމެ މިދެންނެވި ފަތްކޮޅުތަކުގެ ވާހަކައާ ވަރަށް ބޮޑަށް ގުޅޭތަން ފެނޭ. މިއިން ކޮންމެ ފަތްކޮޅެއްގައި، ވަޤްފްކޮށްފައި ނުވަތަ ބޯގައަކަށްދީފައި މިހުންނަނީ ރަށްރަށާއި ފަޅުފަޅާއި، ބައެއްފަހަރަށް ކަނޑުވެސް. މިސާލަކަށް، މިވެނި ރަށަކަށޭ އޮންނާނީ، މިވެނި ފަރަކުއްސުރެ ފެށިގެން ގޮސް އެވެނި ފަރަކާ ހަމައަށް. މިވެނި ފަޅަކާ. އަދި މިވެނި މިވެނި އެވެނި ތަނެއް. ރާއްޖޭގެ ކަނޑުތައް، ވަރަށް ޒަމާނުއްސުރެ ފަށައިގެން މިވަނީ ބޭނުންކުރާނެ ގޮތް ކަނޑައެޅިފައި. ނިމިފައި. އެއޮތްގޮތަށް ކަނޑުތައް ބޭނުންކުރަމުން ޒަމާނުއްސުރެ ފަށައިގެން، ފަޅުތައް ބޭނުންކުރަމުން ޒަމާނުއްސުރެ ފަށައިގެން އަދި ރަށްތައްވެސް ޒަމާނުއްސުރެ ފަށައިގެން ބޭނުންކުރެވެމުން މިއަންނަނީ. އަޅުގަނޑުމެން ޒަމާނާ ގުޅޭގޮތުން އެއިރަކަށް ބޭނުންވާ ބަދަލު މިބޭނުންކުރުމުގައި އެބަ ކަނޑައަޅަން. ކަނޑުތައް ބެލެހެއްޓުމާއި، ފަރުތައް ބެލެހެއްޓުމާއި، ތިމާވެށި ޙިމާޔަތް ކުރުމަކީ، އަޅުގަނޑުމެންގެ ވާޖިބެއް. މިއީ އަޅުގަނޑުމެންގެ ތަރިކައެއް. އަޅުގަނޑުމެންގެ ދަރިންނަށް، ދަރިންގެ ދަރިންނަށް، މި މުއްސަނދިކަން، މި ކަނޑުތަކުގެ މުއްސަނދިކަން މި ތިމާވެށީގެ މުއްސަނދިކަން ރައްދުކޮށްދިނުމަކީ، މިއަދުގެ ދިވެހިންނަށް ހަމަ ކޮންމެހެން ކުރަންޖެހޭ ކަމެއް. އިރާދަކުރެއްވިއްޔާ، އަޅުގަނޑު ޔަޤީންކަން އަރުވަން އެންމެ ރައްޔިތުންނަށް، މި ސަރުކާރު މިއިން ކަމެއްގައި ކުޑަކޮށްވެސް ފަހަތަކަށް ނުޖެހޭނަން. އަޅުގަނޑުމެން އިރާދަކުރެއްވިއްޔާ، މި ރާއްޖޭގެ މުއްސަނދިކަން އަންނަން އޮތް ޖީލުތަކަށް ރައްދުކޮށްދޭނަން.

އަޅުގަނޑުގެ ދުޢާއަކީ، އަޅުގަނޑުމެން އެންމެންނަށް ދެދުނިޔޭގެ ބާއްޖަވެރިކަން ލިބުން. އަޅުގަނޑުގެ އުންމީދަކީ، މާދަމައަކީ އަދި މިއަށްވުރެ މާ ފާގަތި ދުވަހަކަށްވުން.

السّـلام عليـكم. ވަރަށްބޮޑަށް ޝުކުރިއްޔާ!
______________________