ދިވެހިރާއްޖޭގެ ފަޚްރުވެރި މިނިވަންދުވަހުގެ މުނާސަބަތުގައި، ރާއްޖެއަށް މިނިވަންކަމުގެ މި މަތިވެރި ނިޢުމަތް މިންވަރުކޮށްދެއްވި ކަމަށްޓަކައި މާތްރަސްކަލާނގެ ޙަޟްރަތަށް ޙަމްދާއި ޝުކުރު ދަންނަވަމެވެ. އެއަށްފަހު، އިނގިރޭސިންގެ ޙިމާޔަތުގެ ދަށުން ރާއްޖެއަށް ފުރިހަމަ މިނިވަންކަން ހޯއްދަވައިދެއްވި ބަޠަލް ސުމުއްވުލްއަމީރު އަލްމަރްޙޫމް އިބްރާހީމް ނާޞިރު ރަންނަބަނޑޭރި ކިލެގެފާނަށް ޙައްޤުވެގެންވާ ޝުކުރު ދަންނަވަމެވެ. އަދި އެމަނިކުފާނުގެ ފުރާނަފުޅަށް ސުވަރުގޭގެ މަތިވެރި ނިޢުމަތް ދެއްވުން އެދި މާތްރަސްކަލާނގެ ޙަޟުރަތުގައި އަޅުގަނޑު ދުޢާ ދަންނަވަމެވެ.

ހަމައެއާއެކު، މިނިވަންދުވަހުގެ އިޚްލާޞްތެރި ތަހުނިޔާ، ރާއްޖެއިން ބޭރުގައި ހުރި ދިވެހި ހުރިހާ މިޝަންތަކުގެ ސަފީރުންނަށާއި، އެމިޝަންތަކުގެ އިސްވެރިންނަށާއި މުވައްޒަފުންނަށާއި، ރާއްޖެއިން ބޭރުގައި ދިރިއުޅުއްވަމުން ގެންދަވާ ހުރިހާ ދިވެހި ޢާއިލާތަކަށާއި، އަދި ރާއްޖެއިން ބޭރުގައި މަތީ ތަޢްލީމު ޙާޞިލު ކުރަމުންގެންދާ ހުރިހާ ދިވެހި ދަރިވަރުންނަށް ފޮނުވުމަކީވެސް، އަޅުގަނޑަށް ލިބޭ ވަރަށް ޚާއްޞަ އުފަލެކެވެ.

މިއަދު ރާއްޖޭގެ މިނިވަންދުވަސް ފާހަގަކުރަމުންދާއިރު، އަޅުގަނޑުމެންގެ އުފާވެރިކަމާ ގުޅިފައިވާ މަސްއޫލިއްޔަތުތައް ވަރަށް ސާފެވެ. މިއަދު ދިވެހި ރައްޔިތުން މިތިބީ ތަންފީޒު ކުރަމުން މިއަންނަ ޤާނޫނުއަސާސީއަށް ޢަމަލު ކުރަމުން ގެންދިޔުމުގައި ކުރިމަތިވާނެ އެންމެ ބޮޑެތި ހުރަސްތަކާ ކުރިމަތިލާން ޖެހިފައެވެ. މި ރާއްޖެ މިޙާލަތަށް ގެނުވީ، މިރާއްޖޭގައި ޤާނޫނުތައް ހަދާ މަޖިލީހުގައި ތިއްބެވި ބައެއް މެންބަރުންގެ މިނިވަންކަން ރިޝްވަތާއި ކޮރަޕްޝަނަށް ދީލާލައްވާ ކަމުގެ ތުހުމަތުތައް ތަކުރާރުވާން ފެށުމުންނެވެ. ހަމައެޔާއެކު، ޤާނޫނީ ޙުކުމުގެ މަތިވެރިކަން ރާއްޖޭގައި ދެމެހެއްޓުމަށް ބޭނުންވާ ތަޙުޤީޤުތަކަށް ޝަރްޢީ ދާއިރާގެ ނާޖާއިޒު ހުރަސްތަކެއް އެބަހުރި ކަމަށް ކުރެވޭ ތުހުމަތުތަކުގެ އަޑުވެސް ގަދަވާން ފެށުމުންނެވެ. ސަރުކާރުން މިގެންދަނީ މިކަންކަން ބަލައި، މިކަންކަން ހުއްޓުވުމަށް އެޅެންހުރި ފިޔަވަޅުތައް އަޅަމުންނެވެ. މިކަމުގައި ދިވެހި ހުރިހާ ރައްޔިތުންގެ ފުރިހަމަ އެއްބާރުލެއްވުން ސަރުކާރަށް ބޭނުންވެއެވެ.

މި ސަރުކާރުން ވެފައިވާ ވަޢުދުތައް ފުއްދުމަށް ކުރަމުންދާ މަސައްކަތްތައްވެސް ސަރުކާރުން މިގެންދަނީ ކެނޑިނޭޅި ކުރަމުންނެވެ. މިވަޢުދުތައް ފުއްދުމަށް ސަރުކާރުން ފަށާ ވަރަށްގިނަ މަޝްރޫޢުތައް މިއަދު ފެށޭކަން އެއީ، އަޅުގަނޑުމެން އެންމެންނަށްވެސް ލިބޭ ވަރަށްބޮޑު އުފަލެކެވެ.

މި ސަރުކާރުގެ ވަޢުދުތަކަކީ ދިވެހި ކޮންމެ ރައްޔިތެއްގެ ޙިއްޞާއާއި ޚިޔާލު، އޭގައި އެކުލެވިފައިވާ ވަޢުދުތަކެކެވެ. ދިވެހި ހުރިހާ ރައްޔިތުންގެ ބައިވެރިވުން ލިބިގެން ކުރަހާފައިވާ، މިޤައުމުގެ ތަރައްޤީގެ މަންޒަރު ޙަޤީޤަތަކަށްވެ، މިތަރައްޤީގެ ފޮނި މޭވާ ލިބެން ފެށުމުގެ ކޮޅުމަތި، އިރާދަކުރެއްވިއްޔާ އަޅުގަނޑުމެންނަށް ފެނި، އަޅުގަނޑުމެންނަށް ސިފަކުރެވޭ ޗާލުވީ ކުލަތަކުން ދިވެހި އުދަރެސްތައް އިރާދަކުރެއްވިއްޔާ އާރޯވެގެންދާނެއެވެ.

ރާއްޖެއިން ބޭރުގައި ތިއްބެވި ދިވެހި ހުރިހާ އަޚުންނާއި އުޚުތުންގެ ކިބައިން އަޅުގަނޑު މިއަދު މިއެދެނީ، ރާއްޖޭގެ ރައްޔިތުންނަށް ހުރިހާ ގޮތަކުން ތަނަވަސްކަން ހޯދައިދިނުމަށް މި ސަރުކާރުން ކުރަމުންގެންދާ މަސައްކަތްތަކުގައި ތިޔަބޭފުޅުންގެ ފުރިހަމަ އެހީތެރިކަމާއި އެއްބާރުލެއްވުން ދެއްވުމަށެވެ. ރައްޔިތުންގެ ތަޞައްވުރު އިރާދަކުރެއްވިއްޔާ، މި ސަރުކާރުން ޙަޤީޤަތަކަށް ހަދައިދޭނެއެވެ. ރާއްޖޭގައި ޑިމޮކްރަސީ އަށަގަންނުވައި، ހެޔޮވެރިކަމުގެ ބިންގާ ނެގެހެއްޓުމަށް ދިވެހި ރައްޔިތުން މި ސަރުކާރާ ޙަވާލުކޮށްފައިވާ މަސްއޫލިއްޔަތު، މި ސަރުކާރުން އަދާކުރާނެއެވެ. މި ރާއްޖޭގެ މުސްތަޤްބަލަށްޓަކައި އަޅުގަނޑުމެންގެ ދަރިންނާއި، ދަރިންގެ ދަރިންނަށްޓަކައި މިޤައުމާއި މިދައުލަތް ކޮރަޕްޝަނާއި ފަސާދައިގެ ހުތުރު އަޅުވެތިކަމުން ސަލާމަތް ކުރުމުގައި، މުރާލިކަމާއެކު ދެމިތިބޭނެ ކަމުގެ ޔަޤީންކަން، ތިޔަ ހުރިހާ ބޭފުޅުންނަށް އަޅުގަނޑު އަރުވަމެވެ.

މާތްރަސްކަލާނގެ މިލޮބުވެތި ދިވެހި ވަޠަން، އިސްލާމްދީނުގެ މަތިވެރި ހިދާޔަތުގައި ލަހައްޓަވާށިއެވެ. ރާއްޖޭގެ މިނިވަންކަން ރައްކާތެރިކޮށްދެއްވައި، މިއަދަށްވުރެ ފާގަތި މާދަމައެއް އަޅުގަނޑުމެންނަށް ދެއްވާށިއެވެ. އަދި ރާއްޖެއަށާއި ތިޔަ ލޮބުވެތި ރައްޔިތުންނަށް އިތުރު ކާމިޔާބީ މިންވަރު ކުރައްވާށިއެވެ.