ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު، މިމަހުގެ 17 އިން 23 އަށް ޔޫ.އޭ.އީ.ގެ އަބޫދާބީއަށާއި، ބަޙުރައިނަށާއި، އިންޑިޔާގެ ޗެންނާއީއަށް ކުރެއްވި ދަތުރުފުޅަކީ، އެ ޤައުމުތަކާއި ދިވެހިރާއްޖެއާ ދެމެދު ތަފާތު ދާއިރާތަކުގައި އިތުރަށް ގުޅުން ބަދަހި ކުރެއްވުމުގެ ފުރުޞަތު ތަނަވަސްވެގެންދިޔަ ދަތުރުފުޅެކެވެ. މިގޮތުން ރާއްޖެއަށް ކުރިމަތިވެފައިވާ އިޤްތިޞާދީ ދަތިތަކާއި، ތިމާވެށީގެ މައްސަލައާއި، އަދި ރާއްޖޭގެ ތަރައްޤީއަށް މިވަގުތު ބޭނުންވެފައިވާ ކަންކަމުގައި އެ ޤައުމުތަކުގެ އެއްބާރުލުން ހޯއްދެވުމާބެހޭގޮތުން ރައީސުލްޖުމްހޫރިއްޔާ ވާހަކަފުޅު ދެއްކެވިއެވެ. އަދި އެ ޤައުމުތަކުގެ އެކި އިންވެސްޓަރުންނާ ބައްދަލުކުރައްވައި ރާއްޖޭގައި ހުރި އިންވެސްޓްމަންޓް ފުރުޞަތުތަކާބެހޭ މަޢްލޫމާތު ރައީސުލްޖުމްހޫރިއްޔާ ދެއްވިއެވެ.

އަބޫދާބީއަށް ކުރެއްވި ދަތުރުފުޅު

ރައީސުލްޖުމްހޫރިއްޔާ އަބޫދާބީއަށް ކުރެއްވި ދަތުރުފުޅަކީ، "ވަރލްޑް ފިއުޗަރ އެނަރޖީ ސަމިޓް"ގައި ބައިވެރިވެވަޑައިގެންނެވުމަށް ކުރެއްވި ދަތުރުފުޅެކެވެ. ރައީސުލްޖުމްހޫރިއްޔާ، މި ސަމިޓް ހުޅުވުމުގެ ރަސްމިއްޔާތުގައި ތަޤްރީރު ކުރެއްވިއެވެ.

މިސަމިޓުގައި ތަޤްރީރު ކުރެއްވުމުގެ އިތުރުން، ޔުނައިޓެޑް އެރެބް އެމިރޭޓްސްގެ އިސްވެރިންނާ ރައީސުލްޖުމްހޫރިއްޔާ ބައްދަލުކުރެއްވިއެވެ. މިގޮތުން ދުބާއީގެ ރޫލަރ އަދި ޔޫ.އޭ.އީ.ގެ ނައިބު ރައީސް ޝައިޚް މުޙަންމަދު ބިން ރާޝިދު އަލް މަޚްޠޫމާއި، އަބޫދާބީގެ ވަލީޢަހްދު އަދި ޔޫ.އޭ.އީ.ގެ އާރމްޑް ފޯސަސްގެ ޑެޕިއުޓީ ސުޕްރީމް ކޮމާންޑަރ ޖެނެރަލް ޝައިޚް މުޙަންމަދު ބިން ޒައިދު ބިން ސުލްޠާން އާލް ނަޙްޔާނާއި، ޔޫ.އޭ.އީ.ގެ ބޮޑުވަޒީރުގެ ނައިބު ޝައިޚް ޙަމްދާން ބިން ޒައިދު އަލް ނަޙްޔާނާ ރައީސުލްޖުމްހޫރިއްޔާ ބައްދަލުކުރެއްވިއެވެ.

މި ސަމިޓްގައި ބައިވެރިވެ ވަޑައިގަތުމަށް އަބޫދާބީއަށް ވަޑައިގެން ތިއްބެވި ބައެއް ޤައުމުތަކުގެ އެންމެ އިސްވެރިންނާވެސް ރައީސުލްޖުމްހޫރިއްޔާ ބައްދަލުކުރެއްވިއެވެ. އެ ބޭފުޅުންގެ ތެރޭގައި ގްރީސްގެ ރައީސާއި، ތުރުކީގެ ބޮޑުވަޒީރާއި، މެލޭޝިޔާގެ ބޮޑުވަޒީރު އަދި އައިސްލެންޑްގެ ރައީސް ހިމެނިވަޑައިގަންނަވައެވެ. މީގެއިތުރުން، ވިޔަފާރި ކުންފުނިތަކުގެ އިސްވެރިންނާއި ބައްދަލުކުރައްވައި ރާއްޖޭގައި ހުރި ވިޔަފާރީގެ ފުރުޞަތުތަކާއި ރާއްޖޭގައި އިންވެސްޓް ކުރެވެން ހުރި ދާއިރާތަކުގެ މަޢްލޫމާތު ދެއްވިއެވެ.

ޙާޞިލު ކުރެއްވި މުހިންމު ކަންތައްތައް:

• ޚަލީފާ ފައުންޑޭޝަނާއެކު ރާއްޖޭގެ ޞިއްޙީ ދާއިރާގެ ޚިދުމަތް ފޯރުކޮށްދިނުމަށްޓަކައި ޓެލެމެޑިސިން ޕްރޮޖެކްޓެއް ހިންގުމަށް އެއްބަސްވެވުނު. މިޕްރޮޖެކްޓު ކުރިއަށް ގެންދެވޭނީ ޔޫ.އޭ.އީގެ ރެޑް ކްރެސެންޓާ ގުޅިގެން.

• ޔޫ.އޭ.އީ.ގެ "މަސްދަރު"އާއެކު ވައިން ހަކަތަ އުފައްދާ ޕްރޮޖެކްޓެއް ހިންގުމަށް މަސްދަރުގެ ސީނިއަރ އޮފިޝަލުންނާއެކު މަޝްވަރާ ކުރެވުނު. އަދި އިތުރަށް ބޭނުންވާ ފުރިހަމަ (ވިންޑް ރިސޯސް މެޕް) ޑޭޓާ ލިބުމުން ޕްރޮޖެކްޓް ކުރިއަށް ގެންދިޔުމަށް އެއްބަސްވެވުނު.

• ޔޫ.އޭ.އީގެ "މަސްދަރު" އިންސްޓިޓިއުޓާއެކު ދެކެވުނު ވާހަކައިގައި، މަސްދަރު އިންސްޓިޓިއުޓްގެ މާސްޓަރޒް ޕްރޮގްރާމްތަކަށް ޝަރުޠު ހަމަވާ ހުރިހާ ދިވެހި ކުދިންނަށް ސްކޮލަރޝިޕް ލިބޭނެ މަގުވަނީ ފަހި ކުރެވިފައި. މި ޕްރޮގްރާމްތަކުގެ ތެރޭގައި ހިމެނެނީ އިލެކްޓްރިކަލް ޕަވަރ އިންޖިނިއަރިން، އިންޖިނިއަރިން ސިސްޓަމްސް އެންޑް މެނެޖްމަންޓް، އިންފޮމޭޝަން ޓެކްނޮލޮޖީ، ވޯޓަރ އެންޑް އެންވަޔަރަންމެންޓަލް އިންޖިނިއަރިން، މެކެނިކަލް އިންޖިނިއަރިން.

• އައިސްލެންޑްގެ ރައީސް އޮލާފޫރ ގްރިމްސަނާއެކު ބޭއްވެވި ބައްދަލުކުރެއްވުމުގައި، އައިސްލެންޑުގެ ދިރާސާ ޓީމަކުން ދިވެހިރާއްޖޭގެ މަސްވެރިކަމުގެ ދާއިރާ ދިރާސާކޮށް، އައިސްލެންޑްގައި ހުންނަ އ.ދ. ޔުނިވަރސިޓީގެ މަސްވެރިކަމާބެހޭ އިންސްޓިޓިއުޓްގައި ދިވެހިންނަށް ތަމްރީނު ޕްރޮގްރާމްތައް ހިންގުމަށް އެއްބަސްވެވުނު.

• ޔޫ.އޭ.އީ.ގެ ބޮޑުވަޒީރުގެ ނައިބު ޝައިޚް ޙަމްދާން ބިން ޒައިދު އާލް ނަޙްޔާނާއެކު ބޭއްވެވި ބައްދަލުކުރެއްވުމުގައި ރާއްޖޭގައި ހުރި އިޢާދަކުރަނިވި ހަކަތައިގެ މަޝްރޫޢުތަކުގައި އިންވެސްޓް ކުރުމާމެދު މަޝްވަރާ ކުރެވުނު. އަދި މެރިކަލްޗަރ މަޝްރޫޢެއްގައި އިންވެސްޓް ކުރެއްވުމުގެ ޝައުޤުވެރިކަން ޝައިޚް ޙަމްދާން ފާޅުކުރެއްވި. މީގެއިތުރުން، ރާއްޖޭގައި މައިކްރޯ ފައިނޭންސް ޕްރޮޖެކްޓެއް ކުރިއަށް ގެންދިޔުމަށް ޝައުޤުވެރިވެވަޑައިގަންނަވާކަންވެސް ޙަމްދާން ހާމަކުރެއްވި.

ބަޙްރައިނަށް ކުރެއްވި ދަތުރުފުޅު

ރައީސުލްޖުމްހޫރިއްޔާ ބަޙްރައިނަށް ވަޑައިގަތީ ޖެނުއަރީ 20 ވަނަ ދުވަހުއެވެ. އެމަނިކުފާނު ބަޙްރައިނަށް ކުރެއްވި ދަތުރުފުޅުގައި ބަޙްރައިންގެ ރަސްގެފާނު ޙަމަދު ބިން ޢީސާ އަލް ޚަލީފާއާއި، ވަލީޢަހްދު ސަލްމާން ބިން ޙަމަދު ބިން ޢީސާ އަލް ޚަލީފާއާ ބައްދަލުކުރެއްވިއެވެ. އަދި ބަޙްރައިންގެ ބޮޑުވަޒީރުގެ ނައިބު އަދި ބަޙުރައިނުގެ ސިވިލްއޭވިއޭޝަންގެ ވެރިޔާ ޝައިޚް ޢަލީ ބިން ޚަލީފާ އަލް ޚަލީފާއާއި، ފޮރިން މިނިސްޓަރ ޝައިޚް ޚާލިދު ބިން އަޙްމަދު އަލް ޚަލީފާއާއި، މިނިސްޓަރ އޮފް ފިނޭންސް ޝައިޚް އަޙްމަދު ބިން މުޙަންމަދު އަލް ޚަލީފާއާ ބައްދަލުކުރެއްވިއެވެ.

މީގެ އިތުރުން، އުރުދުންގެ ރަސްގެފާނު ޢަބްދުﷲއާއި، ކުވައިތުގެ ބޮޑުވަޒީރުގެ ނައިބު މުޙަންމަދު އަލް ޞަބާޙްއާއި، ރަޝިޔާގެ ބޮޑުވަޒީރުގެ ނައިބު އެލެގްޒެންޑަރ ޒޫކޯވްއާ ބައްދަލުކުރެއްވުމުގެ ފުރުޞަތު ލިބިވަޑައިގެންނެވިއެވެ.

ޙާޞިލް ކުރެއްވުނު މުހިންމު ކަންތައްތައް:

• މިދަތުރުފުޅުގައި ބަޙްރައިންގެ އިސްވެރިންނާއެކު ބޭއްވެވި ބައްދަލުކުރެއްވުންތަކުގަޔާއި، ބަޙްރައިންގެ ވިޔަފާރި ކުންފުނިތަކާއެކު ބޭއްވެވި ބައްދަލުކުރެއްވުންތަކުގައި ދެޤައުމުގެ ދެމެދުގައި އޮތް ގާތް ގުޅުން އިތުރަށް ބަދަހިކުރައްވައި، ޚާއްޞަކޮށް ދެޤައުމުގެ ދެމެދުގައި ވިޔަފާރީގެ ގުޅުން ބަދަހިކުރެއްވުމަށް ބަޙްރައިންގެ ވެރިން އެދިވަޑައިގަންނަވާކަން ހާމަކުރެއްވި. އަދި ބަޙްރައިންގެ ކުންފުނިތަކުން ރާއްޖޭގައި އިންވެސްޓްކޮށް ރާއްޖޭގެ ތަރައްޤީގެ މަޝްރޫޢުތައް ހިންގުމަށް ބޭނުންވާ ފައިސާގެ އެހީ ދެއްވާނެ ކަމުގައި ވިދާޅުވި.

• ބަޙްރައިންގެ ސޮވްރީން ވެލްތް ފަންޑް، މުމްޠަލަޤާތުގެ ޗީފް އެގްޒެކެޓިވް އޮފިސަރ ޠަލާލް އަލް ޒައިނާއެކު ބޭއްވެވި ބައްދަލުކުރެއްވުމުގައި، ރާއްޖޭގެ ސަރަޙައްދީ ތަރައްޤީގެ މަޝްރޫޢުތައް ހިންގެވުމާއި، އައްޑުއަތޮޅު ގަމުގެ އެއަރޕޯޓް ތަރައްޤީ ކުރެއްވުމާބެހޭގޮތުން މަޝްވަރާ ކުރެއްވި.

• ގަލްފް އެއަރ އާއި ބަޙްރައިން އެއަރއާ ދެމެދު އިތުރަށް ގުޅުން ބަދަހި ކުރުމާބެހޭގޮތުން މަޝްވަރާކުރެއްވި.

އިންޑިޔާގެ ޓެމިލްނާޑޫއަށް ކުރެއްވި ދަތުރުފުޅު

ރައީސުލްޖުމްހޫރިއްޔާ އިންޑިޔާގެ ޓެމިލްނާޑޫއަށް ކުރެއްވި ދަތުރުފުޅަކީ، ޗެންނާއީގައި ކޮންފެޑަރޭޝަން އޮފް އިންޑިއަން އިންޑަސްޓްރީޒުން އިންތިޒާމްކޮށްގެން ބޭއްވި "ޕާޓްނަރޝިޕް ފޯރަމް"ގައި ތަޤްރީރު ކުރެއްވުމަށް ކުރެއްވި ދަތުރުފުޅެކެވެ. ރައީސުލްޖުމްހޫރިއްޔާ މި ފޯރަމްގެ އިފްތިތާޙީ ޖަލްސާގައި ދެއްކެވި ވާހަކަފުޅުގައި، ސަރުކާރުގެ އިޤްތިޞާދީ ސިޔާސަތާއި ރާއްޖޭގައި ހުރި އިންވެސްޓްމަންޓް ފުރުޞަތުތަކާބެހޭ މަޢުލޫމާތު، އިންޑިޔާގެ އިންވެސްޓަރުންނަށް ދެއްވިއެވެ.

ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި، އެމަނިކުފާނުގެ ސަރުކާރު ރާއްޖޭގެ ވެރިކަމާ ހަވާލުވެވަޑައިގެންނެވިފަހުން، ރާއްޖެއަށް ބޮޑެތި އިޤްތިޞާދީ އިޞްލާޙީ ބަދަލުތަކެއް ގެންނަވާފައިވާނެ ކަމަށާއި، ރާއްޖޭގައި ހުޅުވާލެވިފައިވާ ވިޔަފާރިއެއް އުފެއްދެވުމަށް ސަރުކާރުން މަސައްކަތް ކުރައްވަމުން ގެންދަވާ ކަމުގައި ވިދާޅުވިއެވެ. އަދި ސަރުކާރުން ގެންނަވަން ބޭނުންފުޅުވާ އިޞްލާޙީ ބަދަލުތަކުގެ ތެރޭގައި ފާހަގަކުރެވޭ ވަރަށް މުހިންމު ތިން ކަމެއް އެކުލެވިގެންވާ ކަމުގައި ވިދާޅުވަމުން، އެ 3 ކަންތައް ރައީސުލްޖުމްހޫރިއްޔާ ހާމަކުރެއްވިއެވެ. އެއީ، ވިޔަފާރީގައި ސަރުކާރުގެ ބައިވެރިވުން ކުޑަކުރައްވައި، ޕްރައިވެޓައިޒޭޝަން ސިޔާސަތުގެ ދަށުން އަމިއްލަ ފަރާތްތަކުގެ ބައިވެރިވުން އިތުރުކުރެއްވުމާއި، ކުޑަ ސަރުކާރެއް ބިނާކުރެއްވުމާއި، ދިގުމުއްދަތުގެ މާލީ ރައްކާތެރިކަމާއި ހަމަޖެހުން ގެންނެވުން ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ މިދަތުރުފުޅުގައި، ޓެމިލްނާޑޫ ސްޓޭޓްގެ ޗީފް މިނިސްޓަރ ކަލައިގްނަރ ކަރުނަނިދީއާއި، ޑެޕިއުޓީ ޗީފް މިނިސްޓަރ އެމް.ކޭ. ސްޓާލިންއާ ބައްދަލުކުރެއްވިއެވެ. އަދި ދެކުނު އިންޑިޔާގެ ވިޔަފާރިވެރިންނާ ބައްދަލުކުރައްވައި ރާއްޖޭގައި ހުރި އިންވެސްޓްމަންޓް ފުރުޞަތުތަކާބެހޭ މަޢުލޫމާތު ދެއްވިއެވެ. މީގެއިތުރުން، އޭޝިޔާގައި ހުންނަ ވިންޑް ޓަރބައިން އުފައްދާ އެންމެ ބޮޑު ކާރުޚާނާ، ވިންވިންޑަށް ރައީސުލްޖުމްހޫރިއްޔާ ޒިޔާރަތް ކުރެއްވިއެވެ.

ޙާޞިލް ކުރެއްވުނު މުހިންމު ކަންތައްތައް

• އިންދިރާގާނދީ މެމޯރިއަލް ހޮސްޕިޓަލް ހިންގުން، އިންޑިޔާގެ އެޕޯލޯ ހޮސްޕިޓަލާ ހަވާލުކުރެއްވުމުގެ އެއްބަސްވުމުގައި ސޮއި ކުރެއްވި.

• ފިންލެންޑްގެ އެހީގައި ވިންވިންޑުން ރާއްޖޭގައި 25 މެގަ ވޮޓްގެ ކަރަންޓް އުފައްދާ ވިންޑްފާމެއް ޤާއިމް ކުރުމަށް އެއްބަސްވެވުނު.
____________________