ރައީސުލްޖުމްހޫރިއްޔާކަން ކުރައްވާފައިވާ ބޭފުޅަކަށް އަރުވަންޖެހޭ ރައްކާތެރިކަމާއި ޢިނާޔަތްތަކާ ބެހޭގޮތުން ރައްޔިތުންގެ މަޖިލީހަށް މިހާރު ހުށަހެޅިފައިވާ ބިލްގެ މައިގަނޑުތަކަށް އުޞޫލެއްގެ ގޮތުން ދިވެހި ސަރުކާރުން ތާއީދު ކުރައްވައެވެ. ރައީސުލްޖުމްހޫރިއްޔާކަން ކުރައްވާފައިވާ ބޭފުޅަކާއި، އެބޭފުޅެއްގެ އަނބިކަނބަލުން ނުވަތަ ފިރިކަލުންނަށް އެކަށީގެންވާ ރަނގަޅު ފެންވަރަކަށް ޙިމާޔަތާއި ރައްކާތެރިކަމާއި ޢިނާޔަތްތައް ލިބިވަޑައިގަންނަވަން ޖެހޭނެ ކަމުގައި ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު ދެކެވަޑައިގަންނަވައެވެ.

ރައީސުލްޖުމްހޫރިއްޔާކަން ކުރައްވާފައިވާ ބޭފުޅަކާމެދު ކުރެވޭ ކުށުގެ ތުހުމަތުތަކުން ބަރީޢަވެވަޑައިގަތުމަކީ، ޤާނޫނުއަސާސީން ލިބިދޭ އިންސާނީ ޙައްޤެއް ކަމުގައިވާއިރު، އެފަދަ ތުހުމަތުތަކުން ޝައްކެއް ނުއުފެދޭނެ މިންވަރަށް ޖަވާބުދާރީވެވަޑައިގަތުމުގެ ފުރްޞަތު، އެބޭފުޅަކަށް އޮންނަންވާނެ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ދެކެވަޑައިގަންނަވައެވެ.

މި ރާއްޖޭގައި 30 އަހަރު ރައީސުލްޖުމްހޫރިއްޔާކަން ކުރައްވާފައިވާ ރައީސް އަލްއުސްތާޛު މައުމޫން ޢަބްދުލްޤައްޔޫމާމެދު އެކިބާވަތުގެ ތުހުމަތު ކުރެވި، ތަފާތު އެތަކެއް ބައެއްގެ ނަފްރަތު އަމާޒު ކުރެވެމުންދާތީ، އެކަންކަމުން ބަރީޢަވެވަޑައިގެންނެވުމުގެ ފުރްޞަތު، ޝަރްޢީ މަގުން ލިބިވަޑައިގަތަނުދެއްވުމަށް ރައްޔިތުންގެ މަޖިލީހުގެ މެންބަރުން މަސައްކަތްޕުޅު ކުރެއްވުމަކީ، އެމަނިކުފާނަށް ކުރެއްވޭ ބޭއިންޞާފެއް ކަމުގައިވެސް ރައީސުލްޖުމްހޫރިއްޔާ ދެކެވަޑައިގަންނަވައެވެ.

ޝަރްޢީ އެފަދަ ފުރްޞަތަށް މަޖިލީހުގެ މެންބަރުން ހުރަސް އަޅުއްވާނަމަ، މިހާރުގެ ރައީސުލްޖުމްހޫރިއްޔާއަށްވެސް ލާއިންސާނީ އަދި ޤާނޫނާ ޚިލާފު ކަންކަމާމެދު ތުހުމަތު ކުރެވޭފަދަ ޢަމަލުތައް ހިންގެވުމުގެ މަގުފަހިވެގެން ހިނގައިދާނެ ކަމުގައި ދެކެވަޑައިގަންނަވާތީ، މިރާއްޖޭގައި ރައީސުލްޖުމްހޫރިއްޔާގެ މަގާމު އަދާކުރައްވާފައިވާ ބޭފުޅަކާމެދު ޒުވާންކަމުގެ ޖޯޝާއި ޕާޓީ ސިޔާސަތުގެ ވާދަވެރިކަމުގެތެރޭ ކުރިއަށް ނެރުއްވާފައިވާ ނަފްރަތުގެ އަނދަވަޅަކަށް އެއްވެސް ދިވެއްސަކު ވެއްޓޭގޮތްވުން އެއީ ބުއްދިވެރި ކަމެއް ނޫން ކަމުގައި ރައީސުލްޖުމްހޫރިއްޔާ ދެކެވަޑައިގަންނަވައެވެ.