"ޖިނާއީ ކޯޓުގެ އިސް ޤާޟީ ޢަބްދުﷲ މުޙަންމަދު، ފުލުހުންގެ ތަޙުޤީޤަށް ހުރަސް އަޅުއްވާ ސަބަބު ބައްލަވައި އެމައްސަލަ ތަޙުޤީޤު ކުރެއްވުމަށް އިއްޔެ ބޭއްވެވި ވަޒީރުންގެ މަޖިލީހުގެ ޚާއްޞަ ބައްދަލުވުމަކުން ނިންމެވީ، ބޭންކް އޮފް މޯލްޑިވްސްގެ 2008ވަނަ އަހަރުގެ އޮޑިޓް ރިޕޯޓާ ގުޅިގެން، މޯލްޑިވްސް ޕޮލީސް ސަރވިސްއިން ކުރައްވަމުން ގެންދަވާ ތަޙުޤީޤަށް ހުރަސް އެޅުއްވުމުގެ އިތުރަށް، އޭނާއާ ބެހޭގޮތުން މީގެކުރިންވެސް ތަފާތު މައްސަލަތައް ހުށަހެޅިފައިވާތީއެވެ.
މިގޮތުން 3 ޖުލައި 2005 ގައި އެޓަރނީ ޖެނެރަލްގެ އޮފީހުން އޭރުގެ ބަންޑާރަނައިބު ޑޮކްޓަރ ޙަސަން ސަޢީދު، ރައީސުލްޖުމްހޫރިއްޔާގެ އޮފީހަށް ހުށަހަޅުއްވާފައިވާ ފާހަގަކުރެވޭ މައްސަލަތަކުގެ ތެރޭގައި، ޢަބްދުﷲ މުޙަންމަދު، 19 ޖޫން 2005 ދުވަހު ބޭއްވެވި ޝަރީޢަތެއްގައި ހެކިންގެ ގޮތުގައި ހާޒިރު ކުރެވުނު ކުޑަ ދެކުދިންނާމެދު ބަދުއަޚްލާގީ އަމަލު ހިންގި ކަމަށް ބުނާ މީހާގެ ކުރިމަތީގައި، އެ ދެ ކުދިންނާމެދު އެމީހާ ބަދުއަޚްލާޤީޢަމަލު ހިންގި ކަމަށް ޤާޟީ އަރިހުގައި ދެންނެވި ނަމަވެސް، އަދި އެކުދިންނަކީ ކުޑަކުދިން ކަމަށްވާއިރުވެސް، ދަޢުވާ ލިބޭ ފަރާތް، އެތާ ބަހައްޓަވައިގެން އެކުދިން ލައްވާ ކަންހިންގި ގޮތުގެ މަންޒަރު ތަކުރާރު ކުރެއްވި ކުރެއްވުން ހިމެނެއެވެ.
ހަމައެހެންމެ، 6 ޖޫން 2005 ވަނަ ދުވަހު ބޭއްވުނު ޝަރީޢަތެއްގައި ޙުކުމް ކުރެއްވުމަށްފަހު، ދަޢުވާ ލިބޭ ފަރާތަށް ނަސޭހަތް ދެއްވުމުގެ ގޮތުން އަންހެނުންނަކީ، ވަރަށް މަކަރުވެރި ބައެއްކަމަށް ޤުރުއާނުގައިވެސް ބަޔާންވެގެންވާ ކަމަށް ވިދާޅުވެ، އެ މޭރުމުން ވާހަކަ ދައްކަވާފައިވާކަން ފާހަގަކުރެވެއެވެ.
ހަމައެހެންމެ، ފުލުސް އޮފީހުން ކުރައްވަމުން ގެންދަވާ ބޭންކް އޮފް މޯލްޑިވްސްގެ ތަޙްޤީޤަށް ބޭނުންވާ މަޢްލޫމާތު ހޯދުމަށް ފުލުހުން ކޯޓް އަމުރެއް ހޯދުމަށް އެކޯޓަށް ޙާޟިރުވުމުން، އެ ފުލުހުންނާމެދު ޢަބްދުﷲ މުޙަންމަދު ޢަމަލު ކުރައްވާފައިވަނީ އެފަދަ މަގާމެއްގައި ހުންނަވާ ބޭފުޅަކު ޢަމަލުކުރެއްވުން އެކަށީގެންނުވާ ގޮތަކަށް ކަމަށްވެސް ފާހަގަކުރެވިފައިވެއެވެ.
މީގެއިތުރުން، ޖިނާއީ މައްސަލައެއްގައި އަމުރަށް ނުކިޔަމަންތެރިވުމުގެ ކުށް، 2000 ވަނަ އަހަރު، ޢަބްދުﷲ މުޙަންމަދުގެ މައްޗަށްވަނީ ސާބިތުވެފައެވެ. އަދި ޢަބްދުﷲ މުޙަންމަދުގެ ރެކޯޑުތަކަށް ބަލާއިރު، ޝަރީޢަތުގެ މަޖިލީހުގައި މުޢާމަލާތު ކުރެއްވުމުގައި ޤާޟީންގެ ސުލޫކީ މިންގަނޑުން ބޭރުގައި ޢަމަލުތައް ބަހައްޓަވާފައިވާކަން ފާހަގަކުރެވެއެވެ.
ވީމާ، މިކަންކަމުގެ މައްޗަށް ބައްލަވައި، ވަޒީރުންގެ މަޖިލީހުން ނިންމަވާފައިވާ ގޮތުގެ މަތިން، ޢަބްދުﷲ މުޙަންމަދުގެ މައްސަލަ ތަޙްޤީޤު ކޮށްދެއްވުމަށް ޖުޑީޝަލް ސަރވިސް ކޮމިޝަންގައި ދެންނެވުމަށް ރައީސުލްޖުމްހޫރިއްޔާ ނިންމަވައިފިއެވެ."