ސަރުކާރުގެ މީޑިއާއިން ސިޔާސީ ޕާޓީތަކަށް ހަމަހަމަ އުޞޫލަކުން ފުރުޞަތާއި ވަގުތު ދިނުމަށްޓަކައި ދައުލަތުގެ މީޑިއާ ހުޅުވާލައްވާފައިވަނީ، ކޮމިޝަނަރ އޮފް އިލެކްޝަންސްގެ އިރުޝާދުގެ މަތިން، އެކަން ހިންގާ އުޞޫލެއްގެ ދަށުންނެވެ. މިކަން އޭރު އެގޮތަށް ހަމަޖެއްސެވީ އަމިއްލަ ފަރާތްތަކުގެ ޓީވީއާއި ރޭޑިޔޯ ރަނގަޅަށް ހިނގައިނުގަނެވާތީ ކަމަށާއި ނަމަވެސް މިހާރު އަމިއްލަ ފަރާތްތަކުގެ ޓީވީއާއި ރޭޑިޔޯއިންވެސް ވާދަވެރި ސިޔާސީ ޕާޓީތަކަށް ގިނަފުރުސަތުތަކެއް ހުޅުވާލައްވާފައިވާކަން ފާހަގަކުރެވެއެވެ.

ސިޔާސީޕާޓީތަކުން ކުރިއަށް އޮތް ޢާންމު އިންތިޚާބަށް ވާދަކުރެއްވުމަށް ވިޔަފާރީގެ އުޞޫލުން ނޫން ގޮތަކަށް ދައުލަތުގެ މީޑިއާއިން ވަގުތު ދޫކުރެއްވުމަށް ކޮމިޝަނަރ އޮފް އިލެކްޝަންސް އިރުޝާދު ދެއްވުމުން އެކަން ހިނގަމުންދާނެއެވެ.

ސިޔާސީޕާޓީތަކުން އިޝްތިހާރާއި، އިޢުލާން ފޮނުއްވުމުގައި ބްރޯޑްކާސްޓް ކުރައްވަން ހަމަޖެހިފައިވާ ގަވާއިދުތަކުގެ ދަށުން، އަދާކުރައްވަން ޖެހިވަޑައިގަންނަވާ ފައިސާގެ މުޢާމަލާތްތައް ނިންމެވުމުން މެނުވީ، އެފަދަ ޕާޓީތަކަށް ވަގުތު ދެއްވުން ދައުލަތުގެ މީޑިއާ ހިންގަވާ ފަރާތްޕުޅުތަކަށް ދަތިފުޅުވާނެ ކަމަށް ފާހަގަކުރެވެއެވެ.

ދައުލަތުގެ މީޑިއާއިން ޚަބަރުތައް ގެނެސްދެއްވުމުގައި، ސަރުކާރުގެ އެއްވުޒާރާއެއް، އޮފީހެއް ނުވަތަ ދާއިރާއަކުން ލިބިވަޑައިގަންނަވާ ތަފާތު ޚަބަރު އެކުލަވާލައްވައި ޚަބަރުގެ އެއްބައެއްގެ ގޮތުގައި އެހުރިހާ ޚަބަރުތައް ގެނެސް ދެއްވުމަށްވަނީ ދައުލަތުގެ މީޑިއާގެ ކަމާބެހޭ ފަރާތްތަކުގައި ދަންނަވާފައެވެ.