ކޮސޯވޯގެ މިނިވަންކަން ގަބޫލުކުރުމުގައި ދިވެހި ސަރުކާރުގެ ބައެއް އިސްވެރިން ދެ މިލިއަން ޑޮލަރުގެ ރިޝްވަތެއް ނަންގަވާފައިވާ ކަމަށް ބުނާ މައްސަލަ ބެއްލެވުމުގައި ރައީސް މުޙަންމަދު ނަޝީދުގެ ފަރާތްޕުޅުން އެއްބާރުލެއްވުން ލިބިވަޑައިނުގަންނަވާތީ އެ މައްސަލަ އިތުރަށް ބެއްލެވެން ނެތްކަމަށް ރައްޔިތުންގެ މަޖިލީހުގެ ޤައުމީ ސަލާމަތާބެހޭ ކޮމިޓީން 2009 އޭޕްރިލް 7 ގައި ނިންމަވައިފިކަމަށް ބަޔާންކުރައްވައި، 2009 އޭޕްރީލް 8 ވަނަ ދުވަހުގެ "ހަވީރު" ނޫހުގައި ލިޔުއްވާފައިވާ ލިޔުއްވުމާ ގުޅޭގޮތުން ދަންނަވަމެވެ.

މިމައްސަލައާ ގުޅިގެން މަޢްލޫމާތު ސާފުކުރެއްވުމަށްޓަކައި ރައްޔިތުންގެ މަޖިލީހުގެ ކޮމިޓީއަކަށް ހާޒިރުވެވަޑައިގަތުމަށް ރައީސް މުޙަންމަދު ނަޝީދަށް ދަންނަވާފައެއް ނުވެއެވެ. އަދި ކޮސޯވޯ މައްސަލައާ ގުޅިގެން އެއްވެސް މަޢްލޫމާތެއް ސާފުކުރެއްވުމަށް އެދިވަޑައިގެން ރައްޔިތުންގެ މަޖިލީހުގެ ޤައުމީ ސަލާމަތާބެހޭ ކޮމިޓީން ނުވަތަ ރައްޔިތުންގެ މަޖިލީހުން ރައީސުލްޖުމްހޫރިއްޔާގެ އޮފީހަށް ނުވަތަ ރައީސުލްޖުމްހޫރިއްޔާގެ ރަސްމީ ގެކޮޅަށްވެސް ހުށަހަޅުއްވާފައެއް ނުވެއެވެ.

މިމައްސަލަ ބެއްލެވެން ނެތްކަމަށް ރައްޔިތުންގެ މަޖިލީހުގެ ޤައުމީ ސަލާމަތާބެހޭ ކޮމިޓީން ނިންމަވާފައިވާތީ، އެކަމާ ރައީސުލްޖުމްހޫރިއްޔާ ކަންބޮޑުވެވަޑައިގަންނަވައެވެ. އަދި މައްސަލަ ކުރިއަށް ނުގެންދަވާ މިގޮތަށް ނިންމަވާލައްވާފައިވާކަން ދުވަހުނޫހެއް މެދުވެރިކުރައްވައި އެނގިވަޑައިގަތީތީ، އެކަމާ ރައީސުލްޖުމްހޫރިއްޔާ ހިތާމަ ކުރައްވައެވެ.

ކޮސޯވޯގެ މިނިވަންކަން ގަބޫލުކުރުމުގައި ދިވެހި ސަރުކާރުގެ ބައެއް އިސްވެރިން ރިޝްވަތު ނަންގަވާފައިވާ ކަމަށް ބުނާ މައްސަލައިގައި ފުރިހަމަ އެއްބާރުލެއްވުން ދެއްވުމަށް ރައީސް ނަޝީދު މިހާރުވެސް ހުންނެވީ ތައްޔާރަށެވެ.

އެނގިވަޑައިގަންނަވާނެ ފަދައިން، ކޮރަޕްޝަންގެ މިފަދަ މައްސަލަތަކަކީ، ސަރުކާރުގެ ކިތަންމެމަތީ މަގާމެއްގައި ހުންނެވި ބޭފުޅަކާ ގުޅޭ މައްސަލައެއްކަމުގައި ވިޔަސް، އަދި އެއީ ސީދާ ރައީސުލްޖުމްހޫރިއްޔާއާ ގުޅޭ މައްސަލައެއް ކަމުގައިވިޔަސް، އެ މައްސަލަތަކަކީ ތަޙުޤީޤު ކުރައްވަން ޖެހިވަޑައިގަންނަވާނެ މައްސަލަތަކެއް ކަމުގައި އެކި މުނާސަބަތުތަކުގައި ރައީސް ނަޝީދު ގެންދަވަނީ ތަކުރާރުކޮށް ވިދާޅުވަމުންނެވެ.